ދަރީން ގެންދެވުމަށް ކެތްތެރިވުން (ފޮތުގެ އެންމެ ފަހުބައި)
މަރުގެ ޙަޤީޤަތް (5)
މަރަކީ ﷲގެ އިމްތިޙާނެއް
އިބްރާހީމް ރަޝީދު މޫސާ
މާތްﷲ ވަޙީކުރައްވަނީ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ -الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلا وَهُوَ الْعَزِيزُ الْغَفُورُ الملك: ١ – ٢ – އެކަލާނގެ ޔަދުޤުދްރަތްފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އެކަލާނގެއީ ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަގަޅީ ކާކުތޯ އިމްތިޙާނުކުރެއްވުމަށްޓަކައި، މަރުވުމާއި ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ޢަޒީޒުވަންތަ ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. "
މަރާއި ޙަޔާތް ހެއްދެވީ ﷲއެވެ. މަރު އިމްތިޙާނަކަށްވަނީ އޭގެ ސަބަބުން، ލޯބިވެރީންނާއި އެކުވެރީން ގެއްލިގެންދާތީއެވެ. މައިންބަފައިންނާއި އަޚުންނާއި އުޚްތުންނާއި ދަރީން މަޙްރޫމުވެގެންދާތީއެވެ. އެންމެ ބޮޑުއިމްތިޙާނަކީ ދަރީން މަރުވުމެވެ. އެކުދީންނަކީ ހިތުގެ މޭވާއެވެ. ހަށިގަނޑުގެ އެއްފަޅިއެވެ. އެންމެވަސްމީރު މަލެވެ. ޅެންވެރިއަކު ސިފަކުރާގޮތުގައި އެއީ ބިންމަތީގައި ހިނގާބިނގާވާ އަހަރެމެންގެ ފުރާނަތަކެވެ. އެކުދީންގެ މައްޗަށް ވައިރޯޅިއެއް ޖެހުނަސް ލޮލަށް ނިދިފިޔަ ޖެހުމެއް ނެތެވެ. ދަރީން ދެކެ ލޯބިވުމަކީ މާތްﷲ އިންސާނާގެ ފިޠުރަަތުގައި ލައްވާފައިވާ ޣަރީޒާއެކެވެ.
މާތްﷲ އިންސާނާ ތަފާތު ގޮތްގޮތަށް އިމްތިޙާނު ކުރައްވައެވެ. އެއީ ރައްބާނީ ކަމެކެވެ. މާތްﷲ ވަޙީކުރައްވަނީ وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوْفْ وَالْجُوعِ وَنَقْصٍ مِّنَ الأَمْوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ - الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُواْ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ البقرة: ١٥٥ – ١٥٧ – ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރައްވައެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރައްވައެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ. އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ ، ހަމަކަށަވަރުން ތިމަންމެންނީ ،ﷲ އަށް މިލްކުވެ ވޮޑިގެންވާ ބަޔެކޭ ، އަދި ހަމަކަށަވަރުން ތިމަންމެންނީ ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާމީހުންނެވެ. އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަޙްމަތް އެއުރެންގެ މައްޗަށް ހުރިމީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނަކީ ހަމަ އެއުރެންނެވެ. "
އަދިވެސް ވަޙީކުރައްވަނީ وَلَنَبْلُوَنَّكُمْ حَتَّى نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ محمد: ٣١- އަދި ތިޔަބައިމީހުންގެ ތެރެއިން ޖިހާދުކުރާ މީހުންނާއި ކެތްތެރިވާމީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާންދެން އަދި ތިޔަބައިމީހުންގެ ޚަބަރުތައް އަންގަވައި ފާޅުކުރައްވައިފުމަށްދާންދެން ތިޔަބައިމީހުން އިމްތިޙާނުކުރައްވާ ހުށީމެވެ.
އެހެންބަސްފުޅެއް ގައިވަނީ وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ الْخُلْدَ أَفَإِن مِّتَّ فَهُمُ الْخَالِدُونَ - كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ الأنبياء: ٣٤ – ٣٥ - ތިމަންރަސްކަލާނގެ ، ކަލޭގެފާނުގެ ކުރިއަކުން ވެސް މަރުނުވެ ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ ، އެއުރެންނީ ފަހެ، ދެމިތިބޭނެބަޔެއް ހެއްޔެވެ؟ ކޮންމެ ނަފްސަކީ ވެސް މަރުގެރަހަ ލިބިގަންނާނެ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވާ ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނކުރައްވާ ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން ރުޖޫޢަވާހުށީ ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. "
ލޯބިވާމީހުން މަރުވުމުން ކުރިމަތިވާ މިބޮޑުހިތާމަޔާ މުއުމިނުން ކުރިމަތިލާންޖެހޭނީ ކެތްތެރިކަމާއެކުގައެވެ. މިކަމާބެހޭގޮތުން ކީރިތިރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނީ " މާތްﷲ ބަޔަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެބައިމީހުން އިމްތިޙާނުކުރައްވަވައެވެ. އެކަލާނގެ މިންވަރުފުޅަށް ރުހުނުމީހާޔަށް އެކަލާނގެ ރުހިވޮޑިގަތުންލިބިގެންވެއެވެ. އެކަލާނގެ މިންވަރުފުޅަށް ނުރުހުންވިމީހާއަށް އެކަލާނގެ ކޯފާހުއްޓެވެ. "
ތެދުވެރިމުއުމިނަކީ އެކަލާނގެ ޤަޟާޤަދަރަށް ރުހިޤަބޫލުވާމީހެކެވެ. އެހެންކަމުން އޭނާޔާ ކުރިމަތިވާ މުޞީބާތްތަކަށް އޭނާ ކެތްތެރިވާނެއެވެ. އެކަމާމެދު ޝަކްވާއެއް ނުކުރާނެއެވެ. މާތްﷲ ވަޙީކުރައްވަނީ مَا أَصَابَ مِن مُّصِيبَةٍ إِلاَّ بِإِذْنِ اللَّهِ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ التغابن: ١١ - ﷲގެ އިޛްނަފުޅަށް މެނުވީ އެއްވެސް މުޞީބަތެއް ނުޖެހެއެވެ. އަދި ﷲއަށް އީމަންވާމީހާ ދަންނާށެވެ. އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. ﷲއީ ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މުއުމިނަކީ އޭނާއާ ކުރިމަތިވާ ދަތިތަކާއި ފަސޭހަތަކަކީ ، އަދި ނިޢުމަތްތަކާއި ނިޤްމަތްތަކަކީ ، ތަދުކަމާއި ފާގަތިކަމަކީ މާތްﷲ އާ އޭނާޔާ ކުރިމަތިކުރައްވާ އިމްތިޙާނެއްކަމުގައި ދެކޭ މީހެކެވެ. މުއުމިނުންނަކީ ކޮންކަހަލަބަޔެއްކަން ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ " عَجَبًا لِأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأحَدٍ إلا لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ – رواه مسلم – މުއުމިނާގެ ކަންތަކާމެދު ޢަޖައިބުފުޅުވަމެވެ. އޭނާގެ ކޮންމެކަމަކީވެސް ހެޔޮކަމެކެވެ. މުއުމިނާ ފިޔަވާ ދެވަނަމީހެއްގެ ކިބައި ގައި އެކަމެއްނެތެވެ. އޭނާއަށް އުފާވެރިކަމެއް ކުރިމަތިވެއްޖެނަމަ، އެކަމަށް ޝުކްރުކުރެއެވެ. އަދި އޭނާޔަށް ހިތާމަވެރިކަމެއް ކުރިމަތިވެއްޖެނަމަ އެކަމަށް ކެތްތެރިވެއެވެ. ފަހެ ، އެކަމުގައި ވެސް އޭނާއަށް އޮތީ ހެޔޮކަމެވެ.
މިއިން އެގެނީ މުއުމިނުންނަކީ ހުރިހާޙާލަތެއްގައި ހެޔޮކަމުގައި ތިބިބަޔެއް ކަމެވެ. އެމީހުންނަކީ ހުރިހާ ޙާލަތެއްގައިވެސް މާތްބަޔެއްކަމެވެ. ކުރިއެރުމަށް އެދޭބަޔެއްކަމެވެ. ޠާހިރުވުމަށް އެދޭ ބަޔެއްކަމެވެ. ކޮންމެކަމެއްގައި އެމީހުންގެ އަމާޒަކީ ﷲގެ ރުހިވޮޑިގަތުމެވެ. ކެތްތެރިވުމުގައި އޮތް ސަވާބު އެމީހުންނަށް އެގޭތީ އެމީހުން އަބަދުވެސް މިސިފައިން ގަހަނާވެ ތިބުމަށް އިސްކަންދެއެވެ. މާތްﷲ ވަޙީކުރައްވަނީ وَمَا يُلَقَّاهَا إِلاَّ الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلاَّ ذُو حَظٍّ عَظِيمٍ: ٣٥ - އަދި ކެތްތެރިވީމީހުންނަށް މެނުވީ އެ މާތްސިފަ ލިބިއެއް ނުގަނެވޭނެއެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިއަކަށް މެނުވީ އެ މާތްސިފަ ލިބިއެއް ނުގަނެވޭނެއެވެ." އަދިވެސް ވަޙީކުރައްވަނީ قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ لِلَّذِينَ أَحْسَنُوا فِي هَذِهِ الدُّنْيَا حَسَنَةٌ وَأَرْضُ اللَّهِ وَاسِعَةٌ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ الزمر: ١٠ – ކެތްތެރީންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ. " އެހެންއާޔަތެއްގައި ވަޙީކުރައްވަނީ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُم مِّنَ الْجَنَّةِ غُرَفًا تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا نِعْمَ أَجْرُ الْعَامِلِينَ- الَّذِينَ صَبَرُوا وَعَلَى رَبِّهِمْ يَتَوَكَّلُونَ .العنكبوت: ٥٨ – 59 - އަދި އީމާންވެ ޞާލިޙުޢަމަލުތައް ކުޅަމީހުން ދަންނާށެވެ. އެތަންތާގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކުގެ އެންމެމަތީ ދަރަޖަތަކަށް ތިމަންރަސްކަލާނގެ އެއުރެން އުފުއްލަވާ ހުށީމެވެ. އެއުރެން އެތަންތާނގައި އަބަދަށް ދެމިތިބޭގޮތުގައެވެ. ހެޔޮޢަމަލުކުޅަ މީހުންނަށް ހުރި ދަރުމައިގެ މޮޅުކަމާއެވެ. އެއުރެންނީ ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލުކުރާމީހުންނެވެ "
މާތްﷲ ރުއްސުންލެއްވި ސަޢުދު ބިން އަބީވައްޤާޞްގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲގެފާނަށް ދެންނެވުނެވެ. މުޞީބާތްތައް އެންމެބޮޑުބަޔަކީ ކޮންބަޔެއްތޯއެވެ. ޙަދީޘްކުރެއްވިއެވެ. " الْأَنْبِيَاءُ ثُمَّ الصَّالِحُونَ ثُمَّ الْأَمْثَلُ فَالْأَمْثَلُ مِنْ النَّاسِ يُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ فِي دِينِهِ صَلَابَةٌ زِيدَ فِي بَلَائِهِ وَإِنْ كَانَ فِي دِينِهِ رِقَّةٌ خُفِّفَ عَنْهُ وَمَا يَزَالُ الْبَلَاءُ بِالْعَبْدِ حَتَّى يَمْشِيَ عَلَى ظَهْرِ الْأَرْضِ لَيْسَ عَلَيْهِ خَطِيئَةٌ ނަބީބޭކަލުންނެވެ.ދެން ޞާލިޙުންނެވެ. ދެން މީސްތަކުންގެ ތެރެއިން އެންމެރަގަޅުމީހުންނެވެ. ދެން އެންމެރަގަޅުމީހުންނެވެ. ކޮންމެމީހަކުވެސް އެމީހެއްގެ ދީނާ އެއްވަރަށް އިމްތިޙާނުކުރެވޭނެއެވެ. އެމީހާގެ ދީނުގައި ހަރުދަނާކަން ހުރިމިންވަރަކުންް އިމްތިޙާނު ބުރަވެގެންދާނެއެވެ. އެމީހާގެ ދީނުގައި ޅަކަންހުރިވަރަކުން އެމީހަކަށް ލުއިކުރެވިގެންދާނެއެވެ. އަޅާގެ ކިބައިގައި ފާފައެއް ނެތިއްޖައުމަށްދާނަްދެން އޭނާޔާ މެދުނުކެޑި އިމްތިޙާނުތަކާ ކުރިމަތިވަމުންދާނެއެވެ.
މާތްﷲ ރުއްސުންލެއްވި އަބޫސަޢީދިލް ޚިދްރިއްޔިގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلَا وَصَبٍ وَلَا هَمٍّ وَلَا حُزْنٍ وَلَا أَذًى وَلَا غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ - މުސްލިމަކާ ކުރިމަތިވާ މުޞީބާތަކަށް ، ކަންބޮޑުވުމަކަށް، ،ހާސްކަމަކަށް، ހިތާމަޔަކަށްް ،ދުއްތުރާލަކަށް، އަދިފަހެ، އޭނާގެ ގަޔަށް ހެރޭ ކޮންމެ ކަށްޓަކަށް،( އޭނާ ކެތްތެރިވެއްޖެނަމަ ) މާތްﷲ އޭނާގެ ކުށްފާފަތައް ފުއްސަވާދެއްވާނެއެވެ. "
ކެތްތެރިކަމަކީ ވަރަށް މުހިއްމު ސިފައެކެވެ. އެއީ ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވާފައިވާ ފަދައިން އަލިކަމެކެވެ. الصبرُ ضِياءٌ – رواه مسلم – އެއީ އޭގެ ވެރިޔާއަށް ދުނިޔެއާއި އާޚިރަތުގައި ލިބިގެންވާ އަލިކަމެކެވެ. އޭނާގެ ހިތަށާއި އޭނާގެ ސިކުޑިއަށާއި ވިސްނުމަށް ލިބިގެންވާ އަލިކަމެކެވެ. ޙަޔާތުގެ އަޑިގުޑަން މަގުތަކުގައި އޭނާއަށް ލިބިގެންވާ އަލިކަމެކެވެ. ނާއުއްމީދުގެ ވަގުތުގައި އޭނާއަށް ލިބިގެންވާ އުއްމީދެކެވެ. (ފޮތް ނިމުނީ)