އަދުގެ ޚާއްސަ

Print

ކީއްވެ ތި ރޮނީ؟

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙައްމަދު އިމްރާން/ ސަމާމަންޒިލް / ހއ. އިހަވަންދޫ

ވިސްނާލީމު ހެއްޔެވެ؟ ތިބާގެ ގާތުގައި އެތައްވަރަކަށް މަދަދަށް އެދޭ މީހުން، އެމީހުންނަށް ކަމަކާއި ކުރިމަތި ނުވަނީސް ތިބާގެ ގާތަށް ނާންނަނީ ކީއްވެހެއްޔެވެ؟ ތިބާ ވަނީ ހަމައެކަނި އެމީހުންގެ މަދަދު ގާރެއް ކަމުގައި ހެއްޔެވެ؟ ނޫނީ އެމީހުންގެ ރަޙްމަތްތެރިއެއް ކަމުގައި ހެއްޔެވެ؟ ދެންތިބީ ތިބާގެ އެންމެ ގާތް މީހުންނެވެ. ބައެއްފަހަރަށް މައިންބަފައިންގެ މައްޗަށް އެމީހުން އިސްކުރަމުއެވެ. ތިމާގެ އަނބިމީހާގެ މައްޗަށްވެސް މެއެވެ. އެމީހުން އައިސް ބުނާނެއެވެ. މަދަދު ވެރިވާނޭ ފަރާތެއް އަހަރެމެންނޫނީ ކޮބައި ހެއްޔެވެ؟ ހެޔޮ އެދޭނޭ ބަޔަކު އަހަރެމެންނޫނީ ކޮބައި ހެއްޔެވެ؟ އަހަރެމެން އަބަދުވެސްވާނީ ތިޔަރަޙްމަތްތެރިޔާގެ ''އަރިހުގަ'' އެވެ. ނަމަވެސް....

ހިތުގެ ކެކުޅުންތައް ނުހިފެއްޓި ބަންޑުންލައެވެ. މަޖަލުގައި އެރަޙްމަތްތެރިނާއެކު، ތިބާގެ އަގުހުރި ވަގުތުތައް ބޭކާރު ކުރެވުނީތީ ދެރަވެއެވެ. ހިތާމަކުރެވެއެވެ. ނަމަވެސް މި އިޙްސާސްތައް ހިތަށް ވެރިވާއިރު، އޮންނަނީ ވަގުތު ފާއިތުވެފައެވެ. އެހާރުން ތިބާ ރޯންޖެހެއެވެ. އެކަމަކު ރޯންވީ ކީއްކުރަން ހެއްޔެވެ؟ ރުއިމުން ވާނޭ ފައިދާއެއް އެބައޮތް ހެއްޔެވެ؟ ތިބާގެ އަމިއްލަ ނަފުސާ ސުވާލު ކޮށްލާށެވެ.

ތިބާއެދިމާޔަށް  ދުއްވައިގަތީ އެމީހުންބުނެގެންނެވެ. ވެއްޓިއްޖެނަމަ ނަގައިނަމޭ އެމީހުން ބުނިނޫން ހެއްޔެވެ؟ ނަމަވެސް އެމީހުނާއި އެކު ހޭދަވި ވަގުތުތަކާއި ގުނިގެން ދިޔަ ސުކޫތުތައް މިއަދުވަނީ ބޭކާރު އެއްޗެއްކަމުގައި ވެފައެވެ. އެއީ، މާޒީގެ ބަނަ ޞަފްޙާތަކެއް ކަމުގައި ވަނީ ވެފައެވެ. ނަމަވެސް، އެދުވަހު އެމީހުންގެ ބަހަށް، ތިބާ ދުވިދުވުން ހުއްޓާލީ އެމީހުން އަތުލަންބުނި ރަޙްމަތްތެރިޔާ އަތުލާފައެވެ. އެރަޙްމަތްތެރިން ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރި ސިފަކުރުން .... އާހް!....ތިބާވެސް އެމީހުނާއެކު އެކާމިޔާބީ އުފަލުގައި ފާހަގަ ކުރީމު ނޫން ހެއްޔެވެ؟ އޭރު ތިބާޔަށް އެއީ ގޯހެއްކަން ނޭނގެނީ ހެއްޔެވެ؟ އެއީ، ގޯހެއްކަން އެނގޭ ނޫން ހެއްޔެވެ؟ ދެން ތިބާ އެދިމާޔަށް ދިޔައީ ކީއްކުރަން ހެއްޔެވެ؟ އަޅުވެތި ވެވުނީއެވެ. ރަޙްމަތްތެރިންގެ ސިފައިގާތިބި ހަތުރުން މިތުރުންނަށް ވީއެވެ. ތިބާގެ މައިންބަފައިންނާ ހެޔޮއެދޭ ރަޙްމަތްތެރިން ކެނޑިނޭޅި ދިން ނަސޭހަތް ތިބާއަށް އެކައްޗަކަށްވެސް ނުވީއެވެ.

ތިބާ ފަހުން އެކަމާ ހިތާމަ ކުރަން ފެށީމު އެވެ. ނަމަވެސް ގެއްލިއްޖެ ވަގުތެއް އަނބުރާ ނާންނާނެއެވެ. މީހުންގެ ކުރިމަތީގައި ގެއްލިފައިވީ ތިބާގެ އަގު އައުކުރެވިދާނޭ ހެއްޔެވެ؟ ތިބާގެ އަތުން ފުނޑުފުނޑުކޮއްލި ދިރިއުޅުމުގެ ކިއްލާ އަލުން އާރާސްތު ކުރެވިދާނޭ ހެއްޔެވެ؟ އެކިއްލާ ބިނާކުރަން ހޯދަންޖެހޭ ފައިސާ ތިބާއަށް ހޯދިދާނޭ ހެއްޔެވެ؟ ތިބާ ހޯދާ ، އެއްކުރިހާ ފައިސާތައްވެސް ތިބާގެ އެރަޙްމަތްތެރިޔާއަށްޓަކައި ހޭދަކޮށް ހުސްކުރީ ނޫން ހެއްޔެވެ؟ ބައްޕަގެ ވޮލެޓް ތިބާގެ ޖީބަށް ހުސްކޮށް، ގޭގެ ތިޖޫރީވެސް ސާފުކުރީ ހަމަ ތިބާގެ ތިޔަ ދެއަތުން ނޫން ހެއްޔެވެ؟ އެކަމާ ޝަކުވާ ކުރުމުން ތިބާއަށް އެހީވަންހުރި ތިބާދެކެ ލޯބިވާ ތިބާގެ އަނބިމީހާވެސް ތިބާޔާ ވަކިކޮށްލީ ތިބާގެ ދުލުން ބޭރުކޮށްލި ދެއަކުރުގެ ކުޑަކުޑަ، އެހެނަސް ބޮޑު ލަފްޒަކުންނޫން ހެއްޔެވެ؟ އެދުވަހު ތިބާގެ ދަރިން ނިކަމެތި ވާނޭވަރު ތިބާ ވިސްނީމު ހެއްޔެވެ؟ ތިބާގެ ހަލާލު ދަރިއަކަށް ބަލިވެއިން އަނބިމީހާ ހާލުގާ ޖެހޭނެވަރު ތިބާއަށް އިޙްސާސް ނުވީ ކީއްވެ ހެއްޔެވެ؟ އެހުރިހާ ދެރައެއް ތިބާ ހޯދީ އަމިއްލައަށް ނޫން ހެއްޔެވެ؟ ދެން މިއަދު ތިބާ ރޯންވީ ކޮންކަމަކާ ހެއްޔެވެ؟ ގަސްތުގައި، މަސްތުވާތަކެތީގެ އަޅެއްކަމުގައި ތިބާވީ އަމިއްލައަށް ނޫން ހެއްޔެވެ؟ ވީއިރު ތިބާ ތިޔަ ރޮނީ ކީއްވެ ހެއްޔެވެ؟

ހަމަމިގަލަމުން

އިދާރާ

ވާހަކަ