Print

ޖުމުލައިގެ މާނަ

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


ޑރ. ޙަސަން ޙަމީދު

"ބަސް" މި ލަފުޒަކީ ދިހަ ވަރަކަށް މާނަ އޮންނަ ލަފުޒެކެވެ.  ޢާއްމުކޮށް ބޭނުން ކުރާ މާނަތަކުގެ ތެރެއިން އެއް މާނައަކީ ބަހުރުވައެވެ. ނުވަތަ "ލޭންގްވިޖް"އެވެ. ބައެއްގެ ތެރޭގައި އެކަކު އަނެކަކާ ވާހަކަ ދެއްކުމަށް ނުވަތަ މުއާޞަލާތު ކުރުމަށް ބޭނުން ކުރާ އަޑުތަކާއި އެ އަޑުތައް އެކުލަވާލާ އުޞޫލުތަކާއި ގޮތްތަކެވެ. އަނެއް މާނައަކީ ލަފުޒެވެ. އާދެ! އިނގރޭސި ބަހުންނަމަ "ޥާރޑް" އެވެ. މާނައެއް ދޭހަވާ އެންމެ ކުރު އަޑެވެ. މި ދެ މާނައިގައި "ބަސް" ބޭނުން ކުރުމުން ބައެއް ފަހަރު އޮޅޭ ގޮތް ވެއެވެ. ލަފުޒުން މާނަ ކުރަނީ ބަހުރުވައަށް ކަމެއް ނުވަތަ ލަފުޒަށް  ކަމެއް ނޭނގޭ ގޮތް ވެއެވެ. މި ސަބަބާ ހެދި، މަތީ ތަޢުލީމުދޭ ތަންތަނުގައި ވަކި މާނައެއް ދޭހަވާ އެންމެ ކުރު އަޑަށް މިހާރަކަށް އައިސް "ލަފުޒު" ބޭނުން ކުރަން ފަށައިފިއެވެ.

އެތައް ލަފުޒެއްނަމަ ކިޔަނީ "ކަލިމަ" އެވެ. މިއީ އިނގިރޭސި ބަހުން "ފްރޭސް" ގެ މާނައިގައި ބޭނުން ކުރާ ލަފުޒެކެވެ.  މި މަޒުމޫނުގެ ބޭނުމަކީ ޖުމުލައިގެ މާނަތަކާ މެދު ކުރުކޮށް ވާހަކަ ދެއްކުމެވެ. ނަމަވެސް، އޭގެ ކުރިން ތިޔަ ބޭފުޅުންނަށް އެއް ވާހަކައެއް ދަންނަވާލިޔަ ދެއްވާށެވެ. އާދެ! އިނގިރޭސި ބައެއް ލަފުޒު ކިޔާ ގޮތާ މެދުއެވެ.

އިނގިރޭސިބަހަކީ ދިވެހި ބަސް ފަދައިން ލިޔެފައި އޮންނަ ގޮތަށް ކިޔާ ބަހެއް ނޫނެވެ. އަދި ކިޔާ ގޮތަށް ލިޔާ ބަހެއް ނޫނެވެ. އިނގިރޭސި ބަސް ރަނގަޅަށް ކިޔަން ބޭނުންވާ މީހާއަށް ޖެހޭނީ ކޮންމެ ލަފުޒެއް ކިޔާގޮތް ވަކިން ދަސްކުރާށެވެ. ކުރީ ޕެރެގްރާފުގައި އަޅުގަނޑު "ލޭންގްވިޖް" މިހެން ލިޔެފައި އޮތުމުން މި މަޒުމޫނު ކިޔުއްވާ ބައެއް ފަރާތްޕުޅުތަކަށް އެއީ ލިޔުމުގެ ކުށެއް ކަމަށް ހީފުޅު ވެދާނެއެވެ. އެއީ އެ ބަސް ކިޔާ ގޮތެވެ. ނަމަވެސް އަޅުގަނޑަށް އިވެނީ ގިނަ މީހުން އެ ލަފުޒު "ލޭންގްއޭޖް" މިގޮތަށް ކިޔަނިކޮށެވެ. ހަމަ އެފަދައިން "ޥާރޑް" މިލަފުޒު ވެސް ގިނައިން އަޑުއިވެނީ "ވޯޑް" މިގޮތަށް ކިޔަނިކޮށެވެ.  ދަންނައެވެ. އިނގިރޭސި ބަހުގައި "ޑަބްލިޔާ" ކިޔަނީ ދެތުންފަތް އޫ ކޮށް ޢަރަބި ބަހުން ޥާވު ކިޔާ ގޮތަށެވެ. އިނގިރޭސިބަހުން "ވީ" ކިޔަނީ ތިރީ ތުންފަތުގައި ދަތްއަޅާފައި ކިޔާ ކަހަލަ ގޮތަކަށެވެ. އަދި މީހުން”word”  ފަދަ ލަފުުޒުތަައް ކިޔާއިރު އޯބޯފިލި ޖަހާފައި ކިޔަނީ ކުށުންނެވެ. ރަނގަޅު ގޮތަކީ އާބާފިލި ޖެހުމެވެ. މިސާލަކަށް އިނގިރޭސި ބަހުން “workshop” ކިޔަނީ "ޥާރކްޝޮޕް" މިހެންނެވެ. "ވޯކްޝޮޕް" މިގޮތަކަށް ނޫނެވެ. މި ކުރު ހޭރިޔާއަށް ފަހު މަޢުޟޫޢުއަށް އިއާދަވަމާތޯއެވެ!

މި މަޒުމޫނުގެ މަޢުޟޫޢު އަކީ ޖުމުލައިގެ މާނައެވެ.  ދިވެހި ބަހުގައި ޖުމުލަައަކީ މާނަ ފުރިހަމަވާ ޢިބާރާތެކެވެ.  އެހެން ބަސްބަހުގައި ވެސް ޖުމުލަ މާނަ ކުރަނީ މިފަދަ ގޮތަކަށެވެ. އާދެ! ޚިޔާލެއް ނުވަތަ ފިކުރެއް ނުވަތަ ޝުޢޫރެއް ފުރިހަމައަށް ބަޔާން ކޮށްދޭ ލަފުޒެއް ނުވަތަ ލަފުޒު ތަކަކަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ޖުމުލައެއް ކަމަށް ބުނަނީ ލިޔުމުގައި ޢާއްމުކޮށް ފުލުސްޓޮޕަކަށް ނިމޭ، ކަމެއް ނުވަތަ ހަރަކާތެއް ނުވަތަ އެދުމެއް ނުވަތަ އަމުރެއް ނުވަތަ ސުވާލެއް ނުވަތަ ފިކުރެއް ނުވަތަ ޙައިރާން ކަމެއް ބަޔާން ކުރާ ލަފުޒަކަށް ނުވަތަ ލަފުޒުތަކަކަށެވެ.

ބަހާ ބެހޭ ޢިލްމުގައި ޖުމުލުގައި މާނަ ތިން ބަޔަކަށް ބަހައެވެ.  އެއީ އިޝާރާތްކުރާ މާނައާއި، ވެށީގެ މާނައާއި ޝުޢޫރުގެ މާނައެވެ. އިޝާރާތް ކުރާ މާނައަކީ ޖުމުލައަކުން ނުވަތަ ލަފުޒަކުން އިޝާރާތްކޮށްދޭ ނުވަތަ ސިފަކޮށްދޭ ޚިޔާލު ނުވަތަ އެތި ނުވަތަ ހާލަތެވެ. މި މާނައަށް އިނގިރޭސި ބަހުން ރެފަރެންޝަލް މާނައޭ ކިޔައެވެ. ވެށީގެ މާނައަކީ ސިފަކޮށްދީފައިވާ މީހާ ނުވަތަ ތަން ނުވަތަ އެތީގެ ވެށި ނުވަތަ އިޖްތިމާޢި ޙާލަތު އަންގައިދޭ މާނައެވެ. ޝުޢޫރުގެ މާނައަކީ ބޭނުންކުރާ ކަލިމަތަކާއި ލަފުޒުތަކުން ކުރަން ބޭނުންވާ އިޙްސާސްތަކެވެ. ޝުޢޫރުތަކެވެ. މިތިން މާނައަށް، މަތީގައި ގެނެވުނު ތަރުތީބުން، ރެފަރެންޝަލް މާނަ ކަމަށް އަދި ސޯޝަލް މާނަ ކަމަށް އަދި އެފެކްޓިވް މާނަކަމަށް ބުނެއެވެ.




އިޝާރާތްކުރާ މާނަ:
ޖުމުލައެއްގެ ނުވަތަ ލަފުޒެއްގެ މާނަ ކަނޑައެޅިދާނެ އެއްގޮތަކީ އޭގެ މާނައަކީ އެއިން އިޝާރާތްކޮށްދޭ. ސިފަކޮށްދޭ އެއްޗޭ ބުނުމެވެ. އެއީ އެއްޗެއް، ޚިޔާލެއް ނުވަތަ ކަމެއް ނުވަތަ ތަނެއް ވީ ކަމުގައިވިޔަސް މެއެވެ. މިސާލަކަށް އިބްރާހީމުގެ މާނައަކީ އެ ނަމުން އިޝާރާތް ކުރެވޭ ފަރާތެވެ. މިސާލަކަށް "ލަޠީފާގެ ގުރާ" އަކީ އިޝާރާތް ކުރެވޭ އެއްޗެވެ. "އިޝާރާތް ކުރެވޭ އެއްޗަށް" އިނގިރޭސި ބަހުން ރެފަރެންޓް އޭ ކިޔައެވެ.

ލަފުޒުގެ އިތުރަށް ޖުމުލަތަކުންވެސް އެކި ކަންކަމަށާއި ޙަރަކާތްތަކަށާއި އެއްޗިއްސަށާއި ޙާލަތްތަކަށާއި ޚިޔާލަށް އިޝާރާތް ކުރެއެވެ. "މަރިޔަމު އުނދޯލީގައި ނިދަނީއެވެ." މި ޖުމުލައިން އިޝާރާތް ކުރަނީ މަރިޔަމު ކިޔާ މީހަކު މިވަގުތު އާންމުކޮށް ހެއްލުމަށް ހަދާފައިވާ ލަކުޑި އެއްޗެއްގެ މަތީގައި ނިދަން އޮތްކަމަށެވެ.

ވެށީގެ މާނަ:

މީހުން ވާހަކަ ދައްކާއިރު ބަސް ބޭނުންކުރަނީ ހަމައެކނި ރެފަރެންޝަލް މާނައެއްގައެއް ނޫނެވެ. މިސާލަކަށް މި ޖުމުލަތަކަށް ވިސްނާށެވެ.

1.    ދިކޮއްޔާ ބައިނެ ފޮޑަރު އެތެރެ.
2.    މި ގެންދޭ ގޮނޑަށް އަވަސް ބޭނުން.
3.    އަޅުގަނޑު މިވަޑައިގަންނަވަނީ މޫދަށް.
4.    އައްދޭ ގަދަ!

އިހު ބުނެވުނު ހަތަރު ޖުމުލައިގެ ތެރެއިން ފުރަތަމަ ޖުމުލައާ ދޭތެރޭ ތިބާ ބުނާނީ ކީކޭހެއްޔެވެ؟ ބައެއް މީހުންނަށް އެ ބުނަނީ "ކޮވެލި ގިފިލީގައި އެބައިނެވެ" މިހެންކަން އެނގޭނެއެވެ. ނަމަވެސް މިބުނާ މީހާއާ ބެހޭ އިތުރު މަޢުލޫމާތެއް ޖުމުލައިން ދޭހަވެއެވެ. އޭނާ ނިސްބަތްވާ މުޖުތަމަޢެވެ. އާދެ! އެ ޖުމުލަ ބުނެފައިވަނީ ގދ. ތިނަދޫ މީހެއް ކަމެވެ. ދެވަނަ ޖުމުލައިން އެބުނާ ފަރާތާއި އަމާޒުކުރެވޭ ފަރާތާބެހޭ އިތުރު މަޢުލޫމާތެއް ލިބެއެވެ. އާދެ! އެއީ ރަނގަޅަށް ދިވެހިބަހުން ވާހަކަ ދައްކަން ނުދަންނަ، ބިދޭސީއެއް ފަދަ މީހެއްކަން އެނގެއެވެ. ތިންވަނަ ޢިބާރާތުން ވާހަކަ ދައްކާ މީހަކީ ދިވެހި ތަޢުލީމު ފުދޭ ވަރަށް ލިބިފައި ނުވާ މީހެއްކަން އެނގެއެވެ. މިކަމުން އޭނާގެ އިޖްތިމާޢީ ދިރިއުޅުމާބެހޭ މަޢުލޫމާތު ލިބެއެވެ. ހަތަރުވަނަ ޢިބާރާތް ބުނެފައިވަނީ ނުރަސްމީ ހާލަތެއްގައި ކަން ނުވަތަ ސަމާސާ ސީރިއަށް ނޫން ވެއްޓެއްގައިކަން ދޭހަވެއެވެ. އެހެންކަމުން، ރެފަރަންޝަލް މާނައިގެ އިތުރަށް، ބަސް ބޭނުން ކުރާގޮތުން، ވާހަކަ ދައްކާ މީހާ ނިސްބަތްވާ ރަށް ނުވަތަ އިޖްތިމާއީ ފެންވަރު، ވާހަކަ ދައްކާމީހާ އާއި މުޚާޠަބު ކުރެވޭ މީހާއާ ދެމެދުވާ ބާރާއި އިޖްތިމާޢީ ފަރަޤު، ތަޢުލީމީ ޙާލަތު ފަދަ ކަންކަން އެނގެއެވެ. ލިޔާ ކޮންމެ ލިޔުމެއްގައި، ބުނާ ކޮންމެ ބުނުމެއްގައި އިޖްތިމާޢީ ވެއްޓާ ބެހޭ މާނައެއް އެކުލެވެއެވެ.

ޝުޢޫރުގެ މާނަ:

އިޝާރާތް ކުރާ މާނަ އާއި ވެށީގެ މާނައިގެ އިތުރަށް ޝުޢޫރުގެ މާނަ ޖުމުލައެއްގައި ހިމެނެއެވެ. ތިރީގައިވާ ދެޖުމުލައާ މެދު ވިސްނާށެވެ.

1.    ދެ ޕީ.އެޗް.ޑީ އާމެދު އަބަދު ފޮނިކަނޑާ ޢަބްދުﷲ މުޅި ރޭ އަހްރާމު ތަކުގެ ފަރުމާއާ ބެހޭގޮތުން އަހުރެންނަށް ތަޤްރީރު ކުރީއެވެ.
2.    ދެ ޕީ.އެޗް.ޑީ އޮންނަ ޢަބްދުﷲ އަހްރާމުތަކުގެ ފަރުމާއާ ބެހޭގޮތުން ވަރަށް ޝައުގުވެރިވާ މައުލޫމާތު އަހުރެންނަށް ރޭ ގައި އޮޅުން ފިލުވާ ދިނެވެ.

މަތީގައިވާ ދެ ޖުމުލަ އިޝާރާތް ކުރަނީ އެއްކަމަކަށެވެ. އެ ދެ ޖުމުލައިގެ ރެފަރަންޝަލް މާނަ އެއްގޮތެވެ. ނަމަވެސް، އެހެން ނަޒަރަކުން ބަލާއިރު އެ ޖުމުލައިން ދޭހަކޮށްދޭ މާނަ ތަފާތެވެ. ފުރަތަމަ ޖުމުލައިން ބުނާ ޢަބްދުﷲ އަކީ ފޫހ،ި ފޮނި މީހެއްކަން އެނގެއެވެ. ނަމަވެސް ދެވަނަ ޖުމުލައިން ޢަބްދުﷲ އަކީ ވަރަށް މޮޅު އަދި މީހުން ގަޔާވާ ޒާތުގެ މީހެއްކަމަށް އިޝާރާތް ކުރެއެވެ. ޖުމުލައަކުން މީހެއްގެ ޝުޢޫރުތައް ހާމަކުރުމަށް ބޭނުން ކުރަނީ ހަމައެކަނި ލަފުޒުތަކެއް ނޫނެވެ. އެ ލަފުޒުތަކަށް ބާރުލާ ގޮތުން، މީހާގެ ޝުޢުރުތައް ހާމަކުރެވެއެވެ. މިސާލަށް އަންނަނިވި ޖުމުލައާ މެދު ވިސްނާލާށެވެ.
    "ޢަބްދުއްރަޝީދަކީ ވަރަށް މޮޅު މީހެކެވެ."

އެއްވެސް ލަފުޒަކަށް ބާރުނުލާ ކުރިން ލިޔުނު ޖުމުލަ ކިޔާފިނަމަ، ގިނަ މީހުން ދޭހަ ކުރާނީ އޭގެ ލަފުޒީ މާނައެވެ. ރެފަރަންޝަލް މާނައެވެ. ނަމަވެސް "މޮޅު" މިބަހަށް ބާރުލާފައި ބުނުމުން، ވަށްބަހުން މޮޅު ނޫންކަމަށް އިޝާރާތް ކުރެވިދާނެއެވެ. އާދެ! ޖުމުލައިގެ ލަފުޒީ މާނައާ ދިމާ އިދިކޮޅަށެވެ. އެހެންކަމުން، ވާހަކަ ދައްކަ މީހާގެ މޫނަށް ޖައްސާ ވައްތަރުތަކާ އަޑު ބޭނުން ކުރާ ގޮތުން، ރެފަރެންޝަލް މާނައާ ޚިލާފު މާނައެއް ޖުމުލައިން ނެރެވިދާނެއެވެ.

އަދި އެއް މިސާލާ މެދު ފިކުރުކޮށްލަމާ ހެއްޔެވެ؟ މިސާލަކަށް، މުޙައްމަދު ޝަރީފު ވަރަށް އުފަލުގައި މަރިޔަމު ޙުމައިދާ އާ ކައިވެނިކޮށްގެން އުޅެއެވެ. މުޙައްމަދު ޝަރީފު އަންނަނިވި ގޮތަށް ޙުމައިދާ އާ މުޚާޠަބު ކޮށްފިއެވެ.
    "މަރިޔަމް ޙުމައިދާ! އަހަރެން ކިތައް ފަހަރު ބުނެފިން ތި ރިމޯޓުން ޓީވީގެ ޗެނަލްތައް ބަދަލު ނުކޮށް އިނދެ ބަލާށޭ!"
މަތީގައިވާ ޢިބާރާތުގެ މާނަ ދެނެގަތުމަށް ލަފުޒުތަކުގެ ވަކިވަކި މާނަތަކަށް ވުރެ ބޮޑަށް ވިސްނަން ޖެހެއެވެ. އޭނާގެ އަންހެނުންގެ ނަން އެންމެ ދިގުގޮތަށް ބުނުމުގެ ބޭނުމަކީ އޭނާއަށް އިޙްސާސްވަމުންދާ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަން ހާމަކުރުމެވެ. އާއްމުކޮށް ބޭނުންކުރާ "ޙުމައިދާ ނުވަތަ "ހުމޭ" ގެ ބަދަލުގައި ފުރިހަމަ ނަން ބޭނުން ކުރުމުގެ މަޤްޞަދަކީ އޭނާ ހިތްހަމަ ނުޖެހިފައިވާ ކަން ހާމަ ކުރުމެވެ. މަތީގައިވާ ގޮތަށް ބުނުމުގެ ބަދަލުގައި ތިރީގައިވާ ގޮތަށް އެ ޖުމުލަ ބުނުމުން މާނައަށް އަންނަ ތަފާތު ވިސްނާށެވެ.

    "ލޯބި! އަހަރެން ކިތައް ފަހަރު ބުނެފިން ތިރިމޯޓުން ޓީވީގެ ޗެނަލްތައް ބަދަލު ނުކުރާށޭ!"

ބަސް ބޭނުންކުރާ މީހާގެ އިޙްސާސްތަކާއި ޝުޢޫރުތަކާއި ކަންކަމާމެދު ދެކޭގޮތް އަޑުއަހާ މީހާއަށް ނުވަތަ ކިޔުންތެރިޔާއަށް އަންގައިދޭ މަޢުލޫމާތަކީ "އެފެކްޓިވް" މާނައެވެ. ޝުޢޫރުތަކާ ގުޅޭ މާނައެވެ. މިފަދަ މާނަ އެކުލެވެނީ ހަމައެކަނި ޖުމުލައެއްގައެއް ނޫނެވެ. ވަކި ލަފުޒުތަކުގައި ވެސް މި މާނަ ހިމެނެއެވެ. މިސާލަކަށް "އާހ" އެވެ. "ޝުކުރިއްޔާ" އެވެ. "ފައްކާ" އެވެ. "ބަރާބަރު" އެވެ. މިފަދަ އެތައް އެތައް ލަފުޒެއް ދިވެހިބަހުގައި ހިމެނެއެވެ.

ބައެއް ލަފުޒުތަކުގެ "އެފެކްޓިވް" މާނަ ތަފާތުވާނެ އެވެ. ދިވެހިބަހުން "ހެހުން" ކިޔަނީ ރޭޕް ކުރުމަށެވެ. ނަމަވެސް މިބަހުން ކުރާ އަސަރު ބޮޑުކަމުން އާއްމު ދިވެހިބަހުގައި މިލަފުޒު ބޭނުންވެސް ނުކުރެއެވެ. "ދަރި" އާއި "ދަރިފުޅު" ގެ ރެފަރެންޝަލް މާނަ އެއްގޮތް ކަމުގައިވިޔަސް ސޯޝަލް އަދި އެފެކްޓިވް މާނަ ތަފާތެވެ. މިސަބަބާހެދި، ބަސްބަހުގެ ހަމައެކަނި ލަފްޒީ މާނަ އެނގިގެންނެއް އެއްބަހުން އަނެއް ބަހަށް ތަރުޖަމާއެއް ނުކުރެވޭނެ އެވެ.

ޚުލާޞާކޮށް ބުނާނަމަ، ޢިބާރާތެއްގައި ތިން މާނައެއް ފާހަގަ ކުރެވިދާނެއެވެ. އެއީ ރެފަރެންޝަލް ނުވަތަ އިޝާރާތްކުރާ މާނައާއި ބަސްބޭނުންކުރާ މީހާގެ އިޖްތިމާޢީ ޙާލަތާއި އަޑުއަހާ މީހުންނާ އޮންނަ ގުޅުން އަންގައިދޭ ސޯޝަލް މާނައާއި ބަސްބޭނުން ކުރާ މީހާގެ ނުވަތަ ހާލަތުގެ ޝުޢޫރުތައް އަންގައިދޭ އެފެކްޓިވް މާނައެވެ. އިނގިރޭސި ބަހުން ލަފުޒީ މާނައަށް "ޑިނޮޓޭޝަނަލް (denotational) މާނައޭ ކިޔައެވެ. އެއީ "ޑިނޯޓު" ން އައިސްފައިވާ ބަހެކެވެ. މާނައަކީ ޢިޝާރާތް ކުރުމެވެ. މިސާލަކުން އަންގައިދިނުމެވެ. ސޯޝަލް މާނައާއި އެފެކްޓިކް މާނަ އަށް "ކޮނޮޓޭޝަނަލް (connotational)" މާނައޭ ކިޔައެވެ. މިއީ ލަފުޒީ މާނަ ފިޔަވައި ޖުމުލައަކުން ދޭހަވާ އިޙްސާސްތަކާއި، ޝުޢޫރުތަކެވެ.


އިދާރާ

އެނގޭތަ؟

ވާހަކަ