އަދުގެ ޚާއްސަ

Print

ވެން ޑިޑް ދޭ ކަމް ނޯ ނޯ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙައްމަދު ޝާރިފް/ ޅ.ނައިފަރު

26 ޑިސެމްބަރ 2004 ވަނަ ދުވަހު ދެކުނު އޭޝިޔާގެ ޤައުމުތަކަށް ކުރިމަތިވި ބޮޑުރާޅުއެރުމުގެ ޤުދުރަތީ ކާރިޘާއަކީ ފަހުގެ ތާރީޚުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އަދި ނުހަނު ހިތާމަވެރި ކާރިޘާއެކެވެ. މި ހިތާމަވެރި ކާރިޘާގައި އެތަށް ހާސްބައެއްގެ ފުރާނަގެއްލި އެތަށް ޤައުމަކަށް އުމްރާނީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ނާޒުކު ކުދިކުދި ރަށްތައްވެސް  މި ބޮޑު ޤުދުރަތީ މުސީބާތުގައި ވަނީ "ދޮވެލައިފައެވެ". މިކާރިޘާގައި މިދުނިޔެ ދޫކޮށްދިޔަ އެންމެހާ އަޚުންނާއި އުޚުތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އަދި ކާރިޘާގައި ޙާލުގައި ޖެހުނު މީހުންގެތެރެއިން އަދިވެސް ބިކަ ޙާލުގައި އުޅެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮގޮތްތަށް މެދުވެރިކުރައްވައި އެޙާލުން އެއުރެން މިންޖުކުރައްވާށި އެވެ.  އާމީން.

 ކޮންމެއަކަސް، މިކާރިޘާގެ ހިތާމަވެރި ހަނދާންތައް އަޅުގަނޑުމެންނާ މަޑުމަޑުން ފެޔަށްޖެހެމުން މިދާ ދުވަސްވަރުގައި، އަދި އެމުޞީބާތުގައި "ކުޑަކަކޫ ޖެހުނު" އެތަށްބަޔެއްގެ ދިރިއުޅުން "ވެލިފޮޅާލަފައި" ތެދުވެ ނެގެހެއްޓުމަށް މަސައްކަތް ކުރަމުން ގެންދާ މި ދަނޑިވަޅުގައި އެކާރިޘާގެ ތެރޭގައި ހިނގާދިޔަ ހާދިސާއެއް ހިއްސާކޮށްލާނަމެވެ. އެހެންނަމަވެސް ހިތާމަވެރި ހާދިސާއެއް ނޫނެވެ. ހެއްވާ ހާދިސާއެކެވެ. ހެއްވާ ހާދިސާއަކަށްވުރެވެސް ބޮޑަށް އަޅުގަނޑުމެންގެ ދިވެހިންގެ ހުރި "ފެންވަރު" އަންގައިދޭ ހާދިސާއެކެވެ.

ދުވަސްވަރަކީ ބޮޑުރާޅުއެރި ޤައުމުތަކަށް ތަފާތު އެކި ޤައުމުތަކުންނާއި، ޖަމްޢިއްޔާ ތަކުންނާއި، ތަފާތު އިންސާނީ ޚިދުމަތްދޭ ޖަމްޢިއްޔާތަކުންދޭ އެހީ "މެކުހަށް" ޖަހައިފައިވާ ދުވަސްވަރެވެ. މިގޮތުން އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ވެސް އެނިކަމެތި ޙާލުން ސަލާމަތްވެވި "ހިންދަމައިލެވިފައި" މިވަނީ  އެތަށް ޤައުމަކުންނާއި، ޖަމްޢިއްޔާތަކުން ދިން މިފަދަ އެތަށް އެހީތަކެއްގެ ސަބަބުންކަން ނުދަންނާނެ ދިވެއްސެއް ހުންނާނެހެނެއް ހިޔެއްނުވެއެވެ. އެދުވަސްވަރު ރޭޑިޔޯއިންނާއި ޓީވީން "އެއްވާނަކަށް" އިވެމުން ދިޔަ ޚަބަރުތަކަކީ މިވެނި ޤައުމަކުން މިވެނި މިންވަރެއްގެ އެހީއެއް ވެދެއްވި ޚަބަރު ނުވަތަ އެހީ ވެދެއްވާނެކަމަށް ވިދާޅުވި ޚަބަރެވެ. ކޮންމެވެސް ޤައުމެއްގެ ރެޑްކްރޮސް ޖަމްއިއްޔާއަކުން މިވެނި އަދަދަކަށް ގެ އަޅައިދޭނެކަމަށް ބުނާ ޚަބަރުތައްފަދަ އުންމީދުން ފުރިގެންވާ ޚަބަރުތަކެވެ.

މިދެންނެވި އެހީ ތަކާއެކު ރާއްޖޭގެ އެތަށްރަށެއްގައި ތަފާތު އެކި މަޝްރޫޢުތައް ހިނގަމުންދަނީއެވެ. މިބުނާ އެހީދޭ ޖަމާޢަތްތަކުގެ ފަރަންޖީންވެސް ރަށްތަކަށް ޒިޔާރަތްކޮށް މަސައްކަތް ހިނގާ ނުހިނގާގޮތް ބަލަމުންގެންދެއެވެ. އެއްފަހަރަކު މަސައްކަތް ފެށުމުގެ އިހުތިފާލުގައި ބައިވެރިވުމަށް ޒިޔާރަތްކޮށްފާނެއެވެ. އަނެއްފަހަރަކު މަސައްކަތް ނިމުމުން ރަށުއޮފީހާ ތަން ޙަވާލުކުރުމުގެ ރަސްމިއްޔާތަށް ޒިޔާރަތްކޮށްފާނެއެވެ.

ކޮންމެއަކަސް، މިހާރުވެސް މިއުޅޭހެން، އެއިރުވެސް ހަމަ މިއުޅޭ ލާނެތް ސޮރުން އުޅޭނެތާއެވެ. އެސޮރުމެންގެ ލާނެތްކަންހުރި މިންވަރަކީ، ކަމެއް ކުރާން ހިތަށް އެރުމާއެކު ކުރުމެވެ. އެއީ ކޮންމެފަދަ ކަމެއްވިޔަސް ވަރިހަމައެވެ. އެސޮރުމެންގެ ހިތަށް އަރާ އެއްޗެއްވެސް، ދުލުކުރިޔަށް އައުމުގެ ކުރިން އެލަފުޒެއް ބޭރުވޭ ތޯއްޗެކެވެ.  މާގިފިލި ނުހިފޭ ކާޅެކޭ  މިސޮރުމެންގެ އަނގައެކޭ އެއްގޮތެވެ.

މިބުނާ ސޮރުމެންނަކީ ރިސޯޓެއްގައި މަސައްކަތްކުރާ ސޮރުންތަކެކެވެ. މިސޮރުމެންގެ އާދަކާދައިގެ މަތިން މީހަކަށް ޖެއްސުމެއް ކޮށްލުމުގެ ޚިޔާލު އައުމާއެކު، ފޯނުގެނެސް އެ ގުޅީ "ގޮފަޅު" ރަށެއްގެ ރަށުއޮފީހަކަށެވެ. ދެތިންފަހަރު ރިންގުވެލުމަށްފަހު ރަށުއޮފީހުން ފޯނުނަގައިފިއެވެ. ވަރަށް މާތްބަހުން މުހާތަބުކޮށް މިއީ ރެޑްކްރޮސްގެ ފަރާތުންނޭ ބުންނެފިއެވެ. ރަށު އޮފީހުން ފޯނުނެގި އަންހެންކުއްޖާވެސް އެވަރަކުން އެހާމެ މާތްބަހުން މުޚާތަބުކޮށް އެވާހަކަ ދެއްކީ އެދުވަސްވަރު އެރަށުގައިވެސް ރެޑްކްރޮސްގެ ފަރާތުން މަޝްރޫޢެއް ހިނގަމުންދާތީ މަސައްކަތް ކުރިއަށްދާ މިންވަރު އަންދާޒާކުރުމަށް ދޮން ފަރަންޖީންގެ ބަޔަކު އައިސްއުޅޭތީއެވެ. އަމުދުން މިކަހަލަ ލާނެތް ގޮލައިތަކެއް މިކަހަލަ ކަމެއް ކޮށްފާނެއޭ ހިތަށްވެސް ނާރާ ޙާލުގައެވެ.
          
 މިއީ ރެޑްކްރޮސްގެ ފަރާތުންކަމަށާއި، އެޖަމްއިއްޔާގެ ފަރާތުން އެރަށުގައި ހިންގަމުން ގެންދާ މަޝްރޫޢާ ގުޅިގެން ރެޑްކްރޮސްގެ ވަފްދެއް މިހާރު އެރަށަށް ޒިޔާރަތްކުރަމުން ގެންދާނެ ކަމަށާއި، މިކަމާއި ބެހޭގޮތުން ވާހަކަ ދައްކައިލުމަށް ރަށުކަތީބާއި ބައްދަލުވާނޭ ގޮތެއް ހަދައިދިނުމަށް އެދެފިއެވެ. ރަށުއޮފީހުން ވާހަދެއްކި އަންހެންކުއްޖާ މަޑުކޮށްލައްވާށޭ ބުނެފައި އެ ފިތައިގަތް ފިއްތަކަށް ފިއްތުމާއި އެކު ފާޑެއްގެ ބޮލަށް އުނދަގޫވާ ޒާތެއްގެ އަޑެއް އިވިފައި ފޯނު އެނެގީ، އަސްތާ! ރަށުގެ ކަތީބެވެ. ފިސާރި ބަރުއަޑެކެވެ. އަޑުގައިވާ ކުރަކިކަމުން ދެބައި އުމުރު ފަހަނަ އަޅައިފައިވާ މީހެއްކަމަށް ލަފާކުރެވެއެވެ. ނަމަވެސް މި ގުޅައިގެން އުޅޭ ސޮރުމެންނަށް ވަކި ދޫކުރާނޭ މީހެއްނޫންކަން ދެއްވި ޖަވާބު ތަކުން އެނގެއެވެ.
           
މިއީ ރެޑްކްރޮސްގެ ފަރާތުންކަމަށާއި، ރެޑްކްރޮސްގެ އިސްވެރިޔާ ކަތީބާއި ވާހަކަދައްކައިލާން ބޭނުންވާ ވާހަކަ ބުނެފިއެވެ. ކަތީބު އާދެ ލައްބައޭ އެ ވިދާޅުވީ، އެ ޖަމްއިއްޔާއިން ރަށުގައި އެހިންގާ މަޝްރޫޢުގެ ސަބަބުން ކުރިމަގުގައި ރަށަށް ލިބެގެންދާނޭ ފައިދާތަކަށްޓަކައި ބައްދަލުވި ފަހަރު ޝުކުރުވެސް ދަންނަވާލުމުގެ ނިޔަތުގައި ނަމަވެސް ފިސާރި ޖެހިލުންވެ އިންނަވައިގެންނެވެ. އެ ބުނާ ބޭފުޅަކު ވާހަކަ ދައްކަވައިފާނޭ ބަހަކާއި މެދުގައި ޝައްކެއްވާ ޙާލުގައި އިންނަވައިގެންނެވެ. އަމުދުން ރެޑްކްރޮސް ކަހަލަ ބޮޑު ޖަމްއިއްޔާއެއްގެ އެންމެ އިސްވެރިޔަކާއި ވާހަކަދައްކާލުމަކީ ލިބޭނޭ ނުހަނު ބޮޑު ޝަރަފެއްކަމުގައި ދެކިގެންވެސް މެއެވެ.

އެކޮޅުން: ވަރަށް ޔޫރަޕް ރާގަކަށް "ހެލޯވް".
ކަތީބު: ހަލޯ.
އެކޮޅުން: ޑިޑް ދޭ ކަމް؟
ކަތީބު: ޑިޑު ދޭ.... ޑިޑު ދޭ.... ޑިޑު ދޭ ކަމް...، ޑިޑު ދޭ ޔޭސް، ޔޭސް، ޑިޑު ދޭ ޔޭސް.
އެކޮޅުން:  ވެން ޑިޑް ދޭ ކަމް؟
ކަތީބު: ވެން ޑިޑު ދޭ.... ވެން ޑިޑު ދޭ....، ވެންޑިޑު ދޭ ނޯ. ނޯ ވެން ޑިޑު ދޭ ކަމް ނޯ.
          
 މިހައި ހިސާބަށް ދާއިރަށް އެސޮރުމެންގެ ހިނިގަނޑު އޮބިނޯވެގެން ފޯނުކަނޑައި ލައިފިއެވެ.


ނޯޓް: މިއީ އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއަކު އަޅުގަނޑަށް ކިޔައިދިން ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ލިޔެފައިވާ ސަމާސާ އަދަބުގެ ލިޔުމެކެވެ. މިލިޔުމުގައި އެވާ ހާދިޘާގެ ހެއްވާ މަޖާކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ހާދިޘާ ހިނގިގޮތް މީހަކު ކިޔައިދޭ އިރު އަޑު އަހަން އިނީމައެވެ. ފަހަރެއްގައި އަޅުގަނޑު ސަމާސާ އަދަބަށް ކޮށިކަމުގެ ސަބަބުން ލިޔެފައިމިވާ ލިޔުމުން ހެއްވާ މަޖާކަމުގެ އަސަރު ނުހިނގައި ހިނގައިދާނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ