އަދުގެ ޚާއްސަ

Print

ތޫނު ހަމަލައިގެ ސިއްރު

ޝާޢިއުކުރީ ޝާޒް (ތަޖޫބެ) . ހިމެނޭބަޔަކީ އާދަކާދަ

މުޙަންމަދު ވަރަށް ބުރަކޮށް ޑިއުޓީގައި އުޅުމަށްފަހު އައިސް އޮށޯވެ ނިދީ ދާދި ދެންމެއަކުއެވެ. މުޙަންމަދު ވެފައިހުރި ވަރުބަލި ކަމެއްގެ ސަބަބުން އޭނާގެ ދެލޮލާއި ސިކުނޑި ނިދިއެއްކަމަކު އޭނާގެ އެއްގުނަވަން ނުނިދާކަން ރަނގަޅަށް ވިސްނާލުމުން އެނގޭހައިވެއެވެ. އާއެކެވެ. އޭނާގެ ބާލާ އޮމާންކޮށްފައިވާ ތުނބުޅި މަތިމަސްވަނީ ފިކުރެއްގެ ފުން ކަނޑަކަށް ގެނބިގެން ގޮސްފައެވެ. [އަހަންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟ އަހަންނަށްއޮތީ ކޮންއުފަލެއް ހެއްޔެވެ؟ އަހަންނަކަށް މިނިވަންކަމެއް ނެތެވެ. މި މުޙަންމަދަކީ ކޮންފަދަ ބޮޑު އަނިޔާވެރިއެއްހެއްޔެވެ؟ އަހަންނަށް މުޙަންމަދުގެ އަނގަމަތީގައިއޮވެ ނިދާލުމުގެ ފުރުޞަތު ނުލިބޭތާ އަނގަމަތިން ބޭރަށް ބޯދިއްކޮށްލުމުގެ ހައްޤެއްވެސް ނެތެވެ. ކޮންމެ ދުވަހެއްގެވެސް މޯނިންގ އެކަނޑާލަނީ އަހަންނަށް ތޫނު ޖިލެޓަކުން ދެވޭ ހަމަލާއަކުންނެވެ. މަ ފަކީރު މިއޮންނަނީ ތިލައަޅުވާ ދަމަދަމާ ހަންކުރަކި ވެފައެވެ.] މުޙަންމަދުގެ ތުނބުޅި މަތިމަހުގެ ޚިޔާލުގެ އަސް މިހާހިސާބަށް ދުވިއިރު އެހިތާމަތައް ކަރުނައަށްވެ، އެކަނިވެރި ތުނބުޅިއަށް ރަނގަޅަށް ރޮވިއްޖެއެވެ. އެރުއިމުގެ އަޑުގަދަވެގެން މުޅިފެންޑާތެރޭ އެރުއިމުގެ އަޑު ގުގުމަންފެށިއެވެ. މި ގަދަވަމުން ދިޔައަޑާއެކު ޖެހިގެން އޮތް އެނދުގައި ނިދާފައިއޮތް ޝަރީފުގެ ތުނބުޅިއަށްވެސް ހޭލެވިއްޖެއެވެ. މުޙަންމަދުގެ ތުނބުޅި ރޮއެ ހިތާމަކުރާ މަންޒަރު ބަލަހައްޓައިގެން އޮންނާކަށް ޝަރީފުގެ ތުނބުޅިއަކަށް ކެތެއް ނުކުރެވުނެވެ. ހިތް ފަޅައިގެން ގޮސްފައިވާ އެތުނބުޅިއަށް ވިސްނައިދެވޭތޯ ޝަރީފުގެ ތުނބުޅި މަސައްކަތް ފެށިއެވެ. އެކުވެރިޔާ! ކެތްތެރިވޭ، ހިތްވަރުކުރޭ، ނިކަން ވިސްނާލަބަލަ. ކަލެއަށް ލިބޭ އަނިޔާ ކުޑަކޮށް ކަލެޔަށް ރަހުމް ކުރުމުގެ ނިޔަތުގައި މުޙަންމަދު އެކުރަނީ ކިހާބޮޑު ހޭދައެއް؟ ކޮންމެ މަހަކު ދެ ފުޅި އާފްޓަރ ޝޭވް އަނެއްކާ އެއީ 50 ރުފިޔާއަށް އެވިއްކާ އާދައިގެ “ޑެނިމެއް” ނޫން. އެއީ [އޯލްޑް ސްޕައިސް] ފުޅިއެއް. 90 ރުފިޔާ! އަނެއްކާ ޖިލެޓުވެސް އެބޭނުންކުރަނީ [ފިއުޝަން ޕަވަރ]. އަގުފަލަޔަކަސް އެއީ އަހަރެމެންނަށް އެންމެ އަނިޔާކުޑަ އެންމެ ތޫނު ވައްތަރު، އެއީވެސް 215 ރުފިޔާ. އަދި ކޮބާ ތިލަ، ޖިލެޓް ފޯމް، އެއީކީވެސް މަތިންފައިބާ އެއްޗެއްނޫނެއްނު. އެވެސް ހަމަ މަހުމުސާރައިގެ ތެރެއިންދާ ފައިސާ] ޝަރީފުގެ ތުނބުޅި މުޙަންމަދުގެ ތުނބުޅިއަށް ވިސްނައިދެވޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވިކަހަލައެވެ. މުޙަންމަދުގެ ތުނބުޅީގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އެތެރެއަށް ހިންދާލުމަށްފަހު ކުރަކި އަޑަކުން ވާހަކަ ދައްކަންފެށިއެވެ. [ރަނގަޅޭ! ތިނޫނެކޭ މަށެއް ނުބުނަމެއްނު. މުޙަންމަދު އޭނާގެ އަނތްބަކަށް ޚަރަދު ކުރާހެން ބަރާބަރަށް މަށަށް ޚަރަދު ކުރެއޭ. މައްސަލައަކީ މިތަނަކަށް އޭނަ ވަނީއްސުރެ އެންމެ ދުވަހެއްވެސް ރެސްޓެއްނުދީ މަށަށް މިއަނިޔާ ކުރާތީ، ހުކުރެއް ހައްޖެއް އީދެއްނެތް. ޑިއުޓީއޮތަސް ނެތަސްހެޔޮ. ޗުއްޓީއެއް، ސަލާމެއް އޮފެއް ނެތް. އަނެއްކާ އެބުނާ ރޯލްކޯލަކަށާ ބޮޑުމަސްޓަރ ޕެރޭޑަކަށް ތައްޔާރުވާން ފަށައިފިއްޔާ އެއޮތީ ކަންތަކާ ލައިގެންފައި. ހީވާނީ ދުނިޔެ ރަންވެގެން އުޅޭހެން. އެކުވެރިޔާ! އެގޮތަށް ދެކޮޅަށް ތިލަ އަޅުވާ ދަމަން ފެށީމާ ކިތައްމެ ފަހަރަކު އަހަރެން ހިތަށްއަރާ މަރިޔަމް ނިޝާމެންކަހަލަ ދޮން ފިލްމްސްޓާރެއްގެ އަނގަމަތީގައި ޤުދުރަތުން އަހަރެން ލެއްވިނަމައޭ. އޭރުން މޭކަޕްކުރާ މޮޅެތި އާޓިސްޓުންގެ ލޫޅާފަތި އަތްތަކުގެ ފިރުމުމާއެކު އަނިޔާވެރިކަމެއް، ވޭނެއްނެތި ހަމަޖެހިގެން އޮވެވޭނެޔޭ. އޭރުން އަވިކޮޅެއްގައިވެސް ނުޖައްސާ ގެންގުޅެވޭނެޔޭ] ވާހަކަ މިހާހިސާބަށް ދިޔަތަނުން މުޙަންމަދު ނިދާފައި އޮތްއެނދުގެ މަތީއެނދުގައި އޮތް ހުސޭނުގެ ތަޖްރިބާކާރު ތުނބުޅިއަށް ސިއްސައިގެންގޮސް ހޭލެވިއްޖެއެވެ. ފެންޑާގައިހުރި ފޯނު ރިންގުވާން ފެށީމައެވެ. ފޯނު ރިންގުވަމުންގޮސް ފޯނު ކެނޑިއްޖެއެވެ. ފެންޑާތެރެ ހަމަހިމޭންވިއެވެ. ނަމަވެސް ހުސޭނުގެ ތުނބުޅީގެ ލޮލުން މުޅިންދިނި ފިލައިފިކަހަލައެވެ. މުޙަންމަދުގެ ތުބުޅިއާއި ޝަރީފުގެ ތުނބުޅި ދައްކަމުންދިޔަ ވާހަކައިގެ ތެރެއަށް ވަންނަން މަޖުބޫރު ވެއްޖެއެވެ. [ކަލޭމެން ޝަކުވާ ތިކުރަނީ ކަލޭމެންނަށް ކޮންޙައްޤެއް ނުލިބިގެން] އަހަރެންވެސް މިއިންނަނީ ހުސޭނުގެ އަނގަމަތީގައި. އޭނާ ހެދިގޮތެއް ހެދިގެން އިންނަތާ 20 އަހަރުމިވީ. ކޮންމެ ދުވަހަކުވެސް ހަމަ ސައިބޯނިކޮޅެއްލާފައި ސެވަން އޯ ކްލޮކްގެ ކޮށި މުސްކުޅި ރޭޒަރަކުން އެ ހޭއަރުވާލަނީ ގައިމު އަސަރުވެސް ކުރާނެތާ! މަށެއް ނުޖައްސަން މައްސަލައެއް. މަށަށް އެނގެޔޭ މަ މިއީ މަގޭ ސާހިބުގެ ހައްޤެއްކަން.] ހުސޭނުގެ ތަޖުރިބާކާރު ތުނބުޅީގެ އަނގަ ބައްދާލެވޭތޯ ޝަރީފުގެ ތުނބުޅި ބަހުގެ ހަމަލައެއް ފޮނުވާލިއެވެ. ކަލެޔަށްވާ އަނިޔާ ކުޑަވާނެ ކޮންމެ ގޮތެއް ވިޔަސް. މަތިމަސް ތިއޮތީ ދޫކޮށްލާފައި. ހަދާނެގޮތެއް އެހަދަނީ ތުނބުޅިއަކަށްނު."
"ބަލަ ސައިބޯއިރު ހޫނު ސައި ޖޯޑުގެ ތެރެއަށް މަގޭ ދެބުރިކޮށް އެއްބުރި ބޭލީމަ މަށަކަށް ހޫނެއް ނުވާނެތަ؟ ހަފްތާއަކު 2 ފަހަރަށް ކޮށާއިރޯ؟ ހުސޭނު ހާސްބޮލަށް އަރާ ކޮންމެ ފަހަރަކު މަތީ ތުންފަތުގަ ދަތްއަޅާއިރު މަގޭގައިގާ ދަތްއެޅި އިސްތަށި ބުޑުން އުފުރޭ އިރޯ! އެއީ އަނިޔާއެއް ނޫންތަ؟" ހުސޭނުގެ ތުނބުޅި ބަރުދާސްތު ކުރަންޖެހޭ ހިތާމައިގެ ލިސްޓެއް އެއްނޭވައިން ކިޔާލިއެވެ.

އެއްދުވަހެއްގެ ހަވީރެވެ. ޝަރީފުއާއި މުޙަންމަދު ކަޅުތުއްކަލާކޮށިން ނުކުމެގެން މިސްރާބުޖެހީ ހ.ތިންކުލަގެ އަށެވެ. އެގެއަކީ ޝަރީފުއާއި މުޙަންމަދު ލޯބީގެ ގޮތުން ގުޅިގެންއުޅޭ ބ.އަތޮޅު ދެކުއްޖަކު އުޅޭ ގެއެކެވެ. އެގެއަށް ދާންދިޔަ މަގުމަތީ ލެކިއުޓް ކައިރިއަށް މަޑުކޮށްލިއެވެ. ޝަރީފުގެ ލޯބިވެރިޔާ މަރީއަށް ޕްރެޒެންޓެއް ގަނެލުމުގެ މަޤްޞަދުގައެވެ. ޝަރީފުއާއި މުޙަންމަދު ސައިކަލް ޒޯނުގައި ބަހައްޓާފައި ލެކިއުޓާ ދިމާއަށް މިސްރާބު ޖެހިތަނުން މުޙަންމަދުގެ ތުނބުޅީގެ ލޮލުގައި އަޅައިގަތީ ލެކިއުޓް ދޮރުމަތީ މީހަކާ ވާހަކަދައްކަން މަޑުކޮށްލައިގެންހުރި ދެބައި އުމުރު މީހެއްގެ މިނިވަން ތުނބުޅިއެވެ. މުޙަންމަދުގެ ތުނބުޅި ހިތައް އެރިއެވެ. އޭނަގެ ސާހިބުމީހާ އޭނަދެކެ ކިހާ ލޯބިވޭހެއްޔެވެ؟ އުޅޭނެ ގޮތަކަށް އުޅެން، ފެތުރޭނެ ގޮތަކަށް ފެތުރެން އެތުނބުޅި މަތިމަސް އެއޮތީ ދޫކޮށްލާފައެވެ. ވައިގެ ތެރޭގައި އެދިގު ތުނބުޅި ހޫރޭއިރު ހާދަހާވާ އަރާމެއް ލިބޭނެއެވެ. ޝަރީފުގެ ތުނބުޅިވެސް ކުޑަކޮށް ލަދުވެތިވާގޮތް ވިއެވެ. އެހާބޮޑު މިނިވަންކަމެއް އޭނާފަދަ އަނެކާއަށް ލިބިފައިވުމާ، ތިމާގެ ނިކަމެތިކަން ހިތަށް އެރުމުންނެވެ. ޝަރީފުއާއި މުޙަންމަދު ހިނގާފައިގޮސް އެމީހާ ފަސްދީ ލެކިއުޓަށްވަތްއިރު މިދެމީހުންގެ ތުނބުޅިއަށް އެބޮޑު ތުނބުޅިގަނޑުން އެރިވަހުން ހޮޑުނުލެވުނީ ހަމަކިރިޔާއެވެ. ޝަރީފުގެ ތުނބުޅި ހިތައްއެރިއެވެ. “އަހަރެމެންގެ ސާހިބުން އަހަރެމެންނާއިގެން އުޅޭ ވަރާމެދު އަހަރެމެން ޝުކުރުވެރި ވާންޖެހެއެވެ. ދުނިޔެއަށް އައިއްސުރެ އެތުނބުޅި ފަކީރު ފެންކޮޅެއް ވަރުވާލާ ފުއްކޮޅެއް ޖައްސާލާފައެއް ނެތެވެ. އެ އަރަނީވެސް ހުތްކުނި ވަހެވެ. ކަށްވަސް ފާޑުގެ ވަހެކެވެ. އެއީވެސް ދުނިޔެއެއްތާއެވެ.] މުޙަންމަދުގެ ތުނބުޅިއަށްވެސް ހަމަމިކަހަލަ އިހުސާސްތަކެއް ކުރެވި ފެންކަޅި ވާގޮތްވިއެވެ.

ޝަރީފުއާއި މުޙަންމަދުގެ ތުނބުޅިއަށް މިހާރު ހެޔޮ ވިސްނިއްޖެއެވެ. އެސޮރުމެންނަށްޓަކައި މަހުމުސާރައިން ކުރާ ބޮޑު ހޭދައިގެ އަގުވަޒަން ކުރެވިއްޖެއެވެ. މިއަދު އެ 2 ތުނބުޅިވެސް ފަޚުރުވެރިވެއެވެ. އެމީހުންގެ ސާހިބުން ލޯބިވެރިންގެ ގާތަށް ކުރާ ޒިޔާރަތުގައި އެހިމަހޯލި އިނގިލިތަކުން ފިރުމަމުން [ހާދަ އޮމާނޭ، ހާދަ ލޯތްބޭ، އެއްގޮތަކަށްވެސް ކައްޓެއްނާޅައޭ، ހާދަ ސްމާޓޭ، ހާދަ މީރުވަހެކޭ] ބުނާތީއެވެ. އެޒުވާން ޖިންސުލަތީފުން ތަޢުރީފު ކުރާތީއެވެ. އެކިއެކި ސައިޒުގެ ތުނި ތުންފަތުގެ ބޮސްދިނުން ލިބޭތީއެވެ.




އިދާރާ

އެނގޭތަ؟

ވާހަކަ