އަދުގެ ޚާއްސަ

Print

ހާރުދަމުގެ ބުއްފުޅި

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ޞާދިޤު

ހާރުދަމު ގޭގެ މީހުން ބަތްކޭތަށިތައް ދޮވެ ނިންމާފައި އައިސަޔަށް އޮށޯވެވުނު އިރު ހަތަރުގަޑި ބައިވަނީއެވެ. ކަރަންޓު ކަނޑާލިތާ އިރުކޮޅެއް ވެއްޖެއެވެ. މިހާރު މުޅި ގޭގައިވެސް ހުރީ ބާވަތް ބާވަތުގެ ބައްތިތަކެވެ. ދާދިކައިރީގައި އަތްބައްތިއަކާ ފުޅިބައްތިއެއްވެސް އެބަހުއްޓެވެ. ބަދިގޭގައި ހުރީ އަތްބައްތިއެކެވެ. ގޭތެރޭގައި ހުރި އަތްބައްތި ނިވާނުލެވި ހުރީތީ އެވެސް މިހާރު ނިވާލައިފިއެވެ. އަތްބައްތިއަކީ އަތުން ހިފައިގެން އުޅެވޭގޮތަށް ހަދާފައިހުންނަ ބާވަތެއްގެ ދިގު ބައްތިއެކެވެ. އެއަށް ސާފު ތެޔޮ އަޅަން ޖެހޭނީ ފީތާ ލައްވާފައި އޮންނަ ތުންގަނޑު ނަގައިގެންނެވެ. ތެޔޮ އަޅާނީ މަތީގައި އެކަމަށް ވަކިން ހުންނަ ބަޔަށެވެ.

އައިސަ އެނދުގައި ރަނގަޅަށް ދެމިލި ތަނާ ކުޑަމަންޖެ ހޭލައިގެން ރޯން ފަށައިފިއެވެ. އެވަގުތު ހަސަނު އައިސައަށް ގޮވާން ފެށިއެވެ. އައިސާ! އައިސާ! އެމަންޖެ އެއޮއް ހޭލީ.ބުއްފުޅިއެއް ހަދާލާފާ އެމަންޖެއަށް ދީފާ އޮވޭ. އޭރުންނެއްނު ނިދަން އޮވެވޭނީ؟

އައިސަ ވައްތަރަކަށް އޫނއެއް އަޅުވާލާފައި ބުންޏެވެ. ހަސަނު ބުއްފުޅި ހަދާލާ! އަހަރެން އެތަށިތައް ދޮވެދޮވެ ވަރުބަލިވެގެން އައިސް ދެންމެއެއް ނޫންތަ މިއޮށޯވެވުނީ؟ ދެން ހަސަނު ގޮސްބަލަ! ހަސަނު ބުންޏެވެ. އައިސާ ތިޔަހެން ނަހަދާ! އަިސާ ބުއްފުޅި ހަދާލާ1

އައިސަ ހިސާބަކަށް ހިތާނުވާގޮތް ދައްކާލާފާއި ބުނެލިއެވެ. ބަލަ އެއީ އަހަރެންގެ އެކަނި ދަރިއެއްތަ؟ އެއީ ހަސަނުގެ ވެސް ދަރި. ހަމަ ފިސާރި ތެދެއް މިބުނީ މަށަކަށް ނުތެދުވެވޭނެ. އަތްފައި ހީވަނީ އައްސިވާހެން. ދެން ބުއްފުޅި ހަދާލާ!

ކުރާނެކަމެއް ނެތިގެން ހަސަނު ތެދުވެއްޖެއެވެ. ތެދުވެގެން ގޮސް ފުރަތަމަ މަތިނެގުނީ ލޮނުއެތީގެއެވެ. ދެން އަޖުނަމޮޓޯއެއްޗެއްގެއެވެ. އަދި ތެޅިމިރުސް އެއްޗެއްގެމަތިވެސް ނެގުނެވެ. ހަސަނު ހިތަށް އެރިއެވެ. މިދަޅުތަކުގައި ނަންޖަހާފައި ހުރިނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ. މިމަސައްކަތްގަނޑުގެތެރޭގައި ބައެއްދަޅުދަޅު ހަސަނު އަތުން ދޫވެގެން ވެއްޓޭ އަޑަށް އައިސަގެ ހަތަރެސްފައި ދަނީ ކޮޅަށްޖެހިގެންނެވެ. އަދި އެމަންޖެވެސް އެހާބާރަށް ރޮއިގަނެއެވެ. މިއީ އެމަންޖެ އާދަވެގެން ބުއްފުޅި ބޯގަޑިވެސްމެއެވެ. ބުއްފުޅި ހަދަން ފެށިފަހުން އައިސައަށް ވެސް ވަރަށް ފަސޭހަވެގެން ހިނގައްޖެއެވެ.

އައިސަ އެގޮތަށް ޚިޔާލު ކުރަން އޮއްވާ އަޑުބަޑު މަޑުވެ ހަމަ ހިމޭން ވެއްޖެއެވެ. އައިސައަށް ޔަގީންވީ އެމަންޖެއަށް ބުއްފުޅި ދެވުނީކަމުގައެވެ. އެހެންވެ ހަށިގަނޑުން ބާރު ދޫކޮށްލައިގެން އޮވެ އައިސަ ނިދައިފިއެވެ.

އައިސަ ހެނދުނު ތެދުވެގެން ބަދިގޭގައި ހުރި ރިހައެއްޗެހި ހޫނުކޮށް ހަދާލަން ދާން ހިނގައި ގަނެވުނު ގޮތަކުން ދެފައި އެއްފައިވާނަކަށް ލެވިގެން އެ ފެންފައިވާނުގެ ވަދު ކަނޑައިގެން ހިނގައްޖެއެވެ. އޭރު އެގޮތަށް ވަދު ކަނޑައިގެންދާ ފައިވާނުގެ ވަދަށް ބައްތިން ހޫނުކޮށްލައިގެން ނިކަން ރީތިކޮށް އެދެބައި ތަތްކޮށްލެވެއެވެ. އޭނާވެސް އެގޮތަށް ވަދު ތަތްކޮށްލަންވެގެން އަލަމާރި މަތީގައިހުރި ދިގު އަތްބައްތި ހިފައިގެން އައިސް އެބައްތި ދިއްލޭތޯ އުޅެއުޅެ އެ ދިއްލޭގޮތެއް ނުވިއެވެ. އޭނާ ހިތަށް އެރިއެވެ. ތެޔޮ ހުސްވީކަން ނޭނގެއެވެ.

މިހާހިސާބުން ހަސަނު ތެދުވެއްޖެއެވެ. އެހެންވެ މިކަންތައް އިހަށް ބާއްވާފައި ހަސަނުކުރެން އަހާލިއެވެ. ހަސަނު ރޭގައި އެމަންޖެއަށް ތިޔަހެންޏާ ބުއްފުޅި ދިނިންހެއްޔެވެ؟ އާނ ހަމަގައިމުވެސް ބުއްފުޅި ހަދާފައި ފުޅިޔަށް އެޅީމެވެ. އެކަމަކު ދޭން ތައްޔާރު ކޮށްލި އިރު އެމަންޖެއަށް ނިދިފައި އޮތީމާ އިހަށް ބަހައްޓާލީއެވެ.

އައިސަ ބުންޏެވެ. ތިޔަ ހެދީ ދޮގެކެވެ. އަހަރެން އެމަންޖެއަށް ކުރިން ދިން ބުއްފުޅި އެހެރީއެވެ. އެމަންޖެ ހުސްނުކޮށް ބެހެއްޓި އެތިފޮޑުވެސް އެހެރީއެވެ. ހަސަނު ތިޔަހެދީ އަނެއްކާ ކިހިނެއްބާވައެވެ. ހަސަނާ! މިބައްތި ނިކަން ދިއްލާލަ ދީބަލާށެވެ. މިއުޅެނީ މިވަދު ތަތްކޮށްލެވޭތޯއެވެ. ހަސަނު ދެފަހަރަކު މަސައްކަތްކޮށް ނުދިއްލުނީމާ އަންހެނުން އެއަތުލާފައި ތަޅުވާލިއެވެ. ފުރެންދެން ތެޔޮ އެބަހުއްޓެވެ. ދެން އޭގެ ތުނަގަނޑު ނަގާފައި ބަލާލިއިރު މާތްކަލާކޯއެވެ. މީގައި މިހިރީ ތެލެއް ނޫނެވެ. ދަރިފުޅަށް ދޭން ހަސަނު ރޭގައި ހެދި ބުއްއެއްޗެވެ.

އައިސަ ރޮއިގެންފައި ބުންޏެވެ. އެމަންޖެއަށް ރޭގައި މި ބުއްފުޅި ނުދެވުނުކަން ހަމަ ނަސީބެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ