ކަނބަލުން
ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ
ކަނބަލުންގެ މާތް މަތިވެރިކަމާ އަބުރާއި ޢިތްޒަތް ބޮޑުމެޔޭ
ކަނބަލުން މިކަންކަން ދެނެތިބުން ވާޖިބުކަމެއް ކަމުގައިވެޔޭ
ގެއްލިއްޖެ ނަމައީ ތިޔައަބުރު އަނބުރާލިބޭނެ ގޮތެއްނެތޭ
ހެއްލިއްޖެ ނަމައީ ދަޅަތަކަށް ގެއްލެނި ތިމާ ވެވިދާނެޔޭ
އަގު އަންހެނންގެ ބޮޑޭ މުތާއި ޖަވާހިރާ ލާލަށް ވުރެން
ފަނޑުވުންނުވާ ގަދަ އަލިކަމެއް ލިބިފައި އެކަނބަލުންނަށް ވެޔޭ
ލޮބުވެތި މައިންބަފައިންގެ އަބުރާ ޢިއްޒަތޭ ކަނބަލުންނަކީ
ބިރުވެތި ކަމާއެކު ޢިއްފަތަށް ރައްކާވުމަށް ވިސްނަންވެޔޭ
ފަޚުރެއް އެއީ ގިނަ މައިންބަފައިންނާ އާއިލާއަށް ލިބިދެވޭ
މަޚުމަލުގެ ދާނެއްގައި ވިދާ ޝަރަފާ ކަރާމަތަކަށް ވެޔޭ
ރައްކާ ކުރަންވީ އައުރަޔޭ ދައްކަންނުވާ މީހުން ލޮލަށް
ރައްކާތެރިވެ މިކަމަށް ސަމާލުވުމަށް ރަސޫލާ އެންގިޔޭ
މޫނާއި އަތްތިލަނޫން އެހެން ހުރިހާ ތަނެއް އޭ އައުރަޔޭ
ހޫނާ ގިނިން ވޭތޯ ނަޖާ ފަރުދާ ކުރަން ބޭނުންވެޔޭ
ފެނިގެން ބަކަރި މިނިކާވަގަށް ވާގޮތް އެ ބޭކަލުނަށްވެޔޭ
ފެނިދެނިވެ ދާހިނދު އެކަނބަލުން ދަހިވެތިވެ ފާރަލަމުންދެޔޭ
ލަދުވެތިކަމުގެ ގަހަނާޔަކީ އަގުބޮޑު ޖަވާހިރެކޭ އިނގޭ
ތަދުބޭހެކޭ މިޒަމާނުގައި ލިބުމަށް ނުހަނު ދަތިވެސް މެޔޭ
ފާފައިގެ ގިނަގުނަ ދޮރުތަކުން ވަދެ އެކަމުގައި މެކި ބަނދެވުމުން
އާފާތްތަކުން މިންޖެއް އެތާ ހޯދޭކަށެއް ނޯންނާނެޔޭ
އަތް ދޫވެގެންގޮސް ގެއްލުމުން ބިކުރާ ތިމާ ނަފުސުގެ ޤަދަރު
ހަތްކޮޅު އަޅައިގެން އޮތްކަމަކު އެކަމުގެ އަގެއް ހަމަ ނެތްމެޔޭ
ހުޅަނގުގެ ނުފޫޒާ މަކަރުވެރި ފިކުރީ ނުބައި ހަނގުރާމައިން
މުޅަ ދަރިނުކޮށް އެކަމުން ސަލާމަތްވުން ވަކިން ބޭނުންވެޔޭ
ވިސްނާށެ ދިރިއުޅުމާމެދަށް ހަނގުރާމައެއް ކަމުގައި ބަލާ
ޖިސްމާއި ނަފްސު ދިފާޢުގައި ކެރިގެން ޖިހާދު ކުރަންވެޔޭ
ހެއްދެވި ފަރާތަށް ބޯލަނބާ ކުރިޔާއި ފަހަތަށް ވެސް ބަލާ
ގެއްލެނި ނުވާފަދަ ޢަމަލުތައް ކުރުމަށް ހަނދާންކޮށް ދެންމެޔޭ
ކައްޗަށް އެޅުނުނަމަ ބިންގަލެއް ކެއްޗާއި ހަމަޔަށް ނެގިޔަކަސް
ކައްޗެއް ނުފިލުވޭނޭ އެއިން ގިސްލާ ފަހުން ރޯން ޖެހިދެޔޭ