އަދުގެ ޚާއްސަ

Print

ހުކުރުއެޅިއާއި ފޯކްލޯރ

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ތާރީޚް

ފޯކްލޯރާއި ތާރީޚު

ޝަކީލާ ޙާމިދު / ބިޖިލީގެ ހއ. ކެލާ

ރަށުތެރެއިން އިވެނީ އުފާފާޅު ކުރުމުގެއަޑެވެ. ހުނުމާ މަޖާކުރުމުގެއަޑެވެ. އުފާނުކުރާންވީ ސަބަބެއްނެތެވެ. މަސްވެރިކަން ނުލާހިކު ރަނގަޅެވެ. ރަށުތެރެ އިންތިހާއަށް ތަނަވަހެވެ. ދުވަހަކީ ހުކުރުދުވަހެވެ. ޢާއްމުކޮށް ހުކުރުދުވަހަކީ މަހަށްދާ ދުވަހެއްނޫނެވެ. ހުކުރުދުވަހުގެ މެންދުރުކުރީގައި ރަށުތެރެއޮންނަނީ ވަރަށްހަމަހިމޭންކޮށެވެ. ހުކުރުކުރިން ކުޅިވަރުކުޅެ މަޖާކޮށް ހެދުމަކީ ކުޑަކުދިންވެސް ކޮށްއުޅޭ ކަމެއްނޫނެވެ. މަސްވެރިން ހެނދުނުހެދުނާ ހުކުރު ނަމާދަށް ދިއުމަށްޓަކައި ފެންވަރާ ސާފުތާހިރުވެ، ނަލަހެދި އަތުގައިއޮންނަ އެންމެ ސާފު ރީތި ފޭރާމެއްލައެވެ. ހުކުރުން ފައިބައިގެން ގެއަށްއަންނަންވާއިރަށް އަންހެންވެރިން ތަފާތު ވައްތަރު ވައްތަރުގެ މީރުކަނާތައް ތައްޔާރުކުރުމަކީ ޢާއްމުކަމެވެކެވެ.

އެކަމަކު މިއަދު އެހެން ހުކުރުދުވަސްތަކާ ޚިލާފެވެ. ތަފާތެވެ. މޫސުންރީތި އަވިދޭ ދުވަހެކެވެ. ރީތި ވައިރޯޅިވެސް ޖެހެއެވެ. ކަނޑުގައި މަސްތައްއޮތީ ތިލަވެފައެވެ. މަސްއައިންމަތިން ދޫނިތައް ގޮވާއަޑުއިވެއެވެ. ކަނޑުން މަސްތައް ފުމޭތަންފެނެއެވެ. މަސްވެރިނަށް މަސްތައް ގޮވާކަހަލައެވެ. ރަށުތެރެއާއި ކަނޑުވެސް ވަނީ ހަލަބޮލިވެފައެވެ. މިރަށުގައިއުޅޭ މަސްވެރިންނަށް މިމަންޒަރުބަލާކަށް ނުތިބެވުނެވެ. ކެތެއްނުކުރެވުނެވެ. ދުވަހަކީ ހުކުރުދުވަސް ކަމުގައިވިޔަސް މަސްވެރިން ނިންމީ މަހަށްދާށެވެ. ހެނދުނު ނާސްތާކުރުމަށްފަހު ހުރިހާ ފިރިހެނުންތައް ނުކުތީ މަހަށްދާށެވެ. ކުދިވެރިން ރަށުތެރޭގައި ކުޅެންއުޅެއެވެ. ރަށުތެރެއިން އިވެނީ ކުޑަކުދިންގެ ހުނުމުގެއަޑެވެ.

ފިރިހެނުންމަހަށް ނުކުތުމުން ކުޑަކުދިންނާ އަންހެންވެރިން އެމީހުން މަސްބާނާތަން ބަލަންނުކުތެވެ. ވަރަށް ޙައިރާންކުރުވަނިވި މަންޒަރެކެވެ. އަދި އެހާއުފަވެރި މަންޒަރެއްވެސްމެއެވެ. ދޯނިތައް ވަށައިގެން މަސްތައްފުމެނީއެވެ. އެހެން ދުވަސްތަކުގައި މަސްބާނާވަރަށްވުރެ މާދަހިކޮށް އެވެރިން ތިބީމަސް ބާނާށެވެ. ބުޅިކަނޑުގައި ޖެހުމާއިއެކު ލަހެއްފަހެއްނެތި މަސްގަނެއެވެ. ކުރުދޮށީގައެވެ. ފުމޭމަސްތައް ބައެއްފަހަރަށް ދޯނި އެތެރެވާފަހަރުވެސް އާދެއެވެ. އެންމެފަހުން މަސްތައްދަހިވެ ހުސްބުޅީގައިވެސް ގަންނަން ފަށައިފިއެވެ. ފެންއުކަން ހުރިމީހާއާ އެންކެޔޮޅާ މާކެޔޮޅުވެސް ދޮށީގައި ހިފިއެވެ. އެވެރިންނަށް ތިބީ ފޯރިއަސްފައެވެ. މަސްވެރިން އެއްގަ އަންބާކިޔާ ފޯރިގަދަކުރަމުން ގެންދިޔައެވެ. އަންހެނުންނާ ކުޑަކުދިންތައް މިމަންޒަރު ބަލަންތިބެ އަޑުގަދަކޮށް ސާބަސްދީ ހިތްވަރުދެމުންދިޔައެވެ. ހަޅޭއްލައި އުފާފާޅުކުރަމުން ދިޔައެވެ. ރަށާމާދުރަށްވެސް މިއަޑުތައް އިވެމުންދިޔައެވެ.
މަސްވެރިން ފޯރީގައި މަސްބާނަންތިއްބާ މެންދުރުވެއްޖެއެވެ. މެންދުރުވުމުން ރަށުގައި ކުޅިބަލަންތިބިމީހުން މަސްވެރިންނަށް ގޮވިއެވެ. ހުކުރުނަމާދަށްދާން އައުމަށްގޮވިއެވެ. އެކަމަކު އެމީހުންނަށް އެއަޑެއްނުއިވެއެވެ. އެހެންކަމަކަށް ހެޔެއްނެތެވެ. އެވެރިންތިބީ މަސްބޭނުމަށްގޮސް ގެއްލިފައެވެ. މަސްވެރިކަމަށް ދެވިހިފާފައެވެ. މިހާރު ހުކުރުވަގުތު ފާއިތުވެއްޖެއެވެ. އެމީހުންތިބީ ޣާފިލުވެފައެވެ. ރަށަށް އައުމުގެ ޚިޔާލެއްވެސްނެތެވެ. ބޭނިމަހުން ދޯނިތައް ފުރި ބަރާވެއްޖެއެވެ. އަދިވެސް މަސްއައިނުން މަހެއްމަދެއްނުވެއެވެ. ދޯނިތައް މަޑުމަޑުން މަސްއައިނާއެކު ރަށާދުރަށްދާން ފަށައިފިއެވެ. އެވެރިންނަށް މިއިންކަމެއްގެ އިޙުސާސެއްނުވެއެވެ. ކުއްލިއަކަށް ބޮޑުރާޅެއްނަގައި ދޯނިތައް އުފުލައިލައިފިއެވެ. ދެންފެނުނީ އޭގެބޭރުން ބޮޑުއެއްޗެއް ތިލަވިތަނެވެ. އެއީ ކަޅުވެން ބޮޑުމަހެކެވެ. އޭތިއޮތީ އޭގެ ބޯކޮޅު ނަގޫކޮޅުގައި ޖެހޭވަރަށް މެދުން ލަނބާލައިގެންނެވެ. އޭގެބުރުތެރެއަށް ދޯނިތައްލާވަށައިލައިގެންނެވެ. އެތަނުން ނުކުމެވޭނެ އެއްވެސް ގޮތެއްނެތެވެ.  މަސްވެރިންނަށް ގޮތްހުސްވީއެވެ. ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނެތެވެ. މަސްވެރިން ބިރުގަންފިއެވެ. ކަންބޮޑުވެ ހާސްވެއްޖެއެވެ. ރޯމީހުންރޮނީއެވެ. އަނެއްބަޔަކު ޤުރުއާން ކިޔަވަނީއެވެ. އަނެއްބަޔަކު ދުޢާކޮށް ނަދުރުބުނެ ހަދަނީއެވެ. ބައެއްމީހުން ބިރުންގޮސް ހޭނެތެން ފަށައިފިއެވެ. ކަޅުވެންބޮޑުމަސް މަޑުމަޑުން ދޯނިތަކާއެކު ބޭރަށްނިކުންނަން ފަށައިފިއެވެ.

މިހާރުދޯނިތަކުގައި ތިބިމީހުންނަށް ރަށްފެންނަނީ ކިރިޔަކިރިޔާއެވެ. އެމީހުންތިބީ ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައެވެ.
ރަށުގައި ތިބިމީހުންނަށް ފެނުނީ ވަރަށް ބިރުވެރިމަންޒަރެކެވެ. ކަޅުވެންބޮޑުމަސް ދޯނިތައްވަށާލައި ދޯނިތައް މަޑުމަޑުން ބޭރަށްގެންދާތަނެވެ. އޭތިގެ ކިބައިންސަލަމަތްވޭތޯ މަސްވެރިން ކުރަމުންދިޔަ މަސައްކަތެވެ. މިބިރުވެރި މަންޒަރުފެނުމުން ރަށުގައިތިބިމީހުން މަސްވެރިންނަށް ގޮވިއެވެ. ރޮއިއާދޭސް ކުރަމުންގެންދިޔައެވެ. ރަށަށްއައުމަށްއެދިއެވެ. އެހެނަސް ދޯނިތައްދަނީ ހައްތަހާވެސް ދުރަށެވެ. ބައެއްމީހުން ރުއްރުކަށާއި ގަސްގަހަށްވެސް އެރިއެވެ. އަނެއްބަޔަކު އެއްގަމުން ބޮޑެތި ގައުތައްގެނެސް ބޮޑުގައުފުންޏެއް ޖެހިއެވެ. އަންހެނުންނާ ކުޑަކުދިން އެގައުފުނިމައްޗަށް އެރިއެވެ. ދޯނިތަކަށް ވާނުވާބެލުމަށެވެ. ދޯނިތައް ރަށާމާދުރަށް ހިނގައްޖެއެވެ. މިހާރު ފެންނަނީވެސް ކިރިޔާއެވެ. ބައެއްއަންހެންވެރީން އެދޯނިތަކާދިމާއަށް ފަތަންފެށިއެވެ. އެކަމަކު އެމީހުންނަށް އެދޯނިތަކާ ހަމަޔަށް ދެވޭނެހެއްޔެވެ. މަސްވެރިން އެބިރުވެރިކަމުން ސަލާމަތް ކުރެވޭނެހެއްޔެވެ. މިހާރު ދޯނިތައް ލޮލުކޮޅުން އޮބާލައިފިއެވެ. ދެންއެމީހުން އެނބުރި ރަށަށް ނާއްނާނެކަން އެނގެއެވެ. އެހެންކަމުން އިރުއޮއްސި އަނދިރިވުމުން އަންހެނުންނާއި ކުޑަކުދިންވެސް ގޭގެއާއި ދިމާއަށް މިސްރާބު ޖަހައިފިއެވެ. އެމީހުންގެ ފިރިންނާއި، ދިރިންނާއި، ބެބެމެންނާއި، ކޮށްކޮމެން އެނބުރި ނާންނާނެކަން އެނގޭޙާލުގައެވެ.

މަސްވެރިން އެމަހުގެ ކިބައިން ސަލަމަތްވެވޭތޯ ކުރެވުނުހާ މަސައްކަތެއް ކުރަންފެށިއެވެ. ބައެއްމީހުން ރިއްދަޑިންނާއި، ދޮށިތަކުން، އަނެއްބަޔަކު ފަލިތަންޑުތަކުންނާއި، ފަނާތަކުން މަހުގައި ތަޅަންފެށިއެވެ. އެންމެފަހުން މަހުގެ ބޮލާ ނިގުލާ ދެމެދުގައި އޮތްދޯންޏަކަށް އެތަނުން ސަލާމަތް ވެވިއްޖެއެވެ. އެމީހުން ގައިހުރި ބާރެއްލައި ފަލިތައްޖަހާ ރިޔަލާއެކު މަހާދުރަށް ދިޔައެވެ. އެހެންއެއްވެސް ދޯންޏަކަށް މަހުގެ ކިބައިން ސަލާމަތެއް ނުވެވުނެވެ. ސަލާމަތްވީ މީހުންނަށްވެސް ރަށަށްއާދެވުނީ ވަރަށްޙާލުންނެވެ. ރަށަށް އާދެވުނުއިރު ސަލާމަތުންހުރީ އެންމެމީހެކެވެ. ދެންތިބިމީހުންގެ ތެރެއިން އެއްބަޔަކު ހާލުބޮޑުވެގެން މަރުވެއްޖެއެވެ. އަނެއްބަޔަކު ހޭހުސްވެގެން މަރުވީއެވެ. ހޭހުންނަނީ ކާކުހެއްޔެވެ. ސަލާމަތުން ހުރިމީހާ ރަށުގައި ތިބިމީހުންނަށް ވީގޮތް ކިޔައިދިނެވެ. ކަންހިނގިގޮތް އޮޅުންފިލުވައި ދިނެވެ.
  
މިހާރު ރަށުތެރެއިން ފެންނަނީ ފަޅުކަމާއި ނަމާންކަމެވެ. ރަށުގައިވަނީ ފަގީރުކަމާބަނޑުހައި ހޫނުކަމެވެ. މުޅިރަށުގައި އޮތީ އެންމެދޯންޏެކެވެ. އެދޯނީގައިވެސް އެހެންރަށަކަށްގޮސް ކާބޯއެއްޗެއް ހޯދާނެހާ ހިތްވަރެއްހުރި އެކަކުވެސްނެތެވެ. ރަށުތެރެވަނީ ފަގީރުވެ ކާބޯތަކެތިހުސްވެ ބަނޑަށްޖެހިފައެވެ. ކުޑަކުދިންނާ އަންހެނުންތައް ބަޑަށްމަރުވަނީއެވެ. މީހުންތައް މަރުވަމުންގޮސް ދެތިންމީހުންނަށް ވެއްޖެއެވެ. އެންމެފަހުން ރަށަށްއައި ބީރައްޓެހި ދޯންޏަކަށް އަރައިގެން ރަށުގައި ތިބި ދެެތިންމީހުންވެސް އެރަށަށް ހިގައްޖެއެވެ. މިހާރުއެއީ ފަޅުރަށެކެވެ.
 
ހުކުރުއެޅިޔަކީ އދ. އަތޮޅުގެ ރަށެކެވެ. ބުނެވޭގޮތުގައި މިރަށަކީ ކުރިން މީހުންއުޅުނު ރަށެކެވެ. އެކަހަލަބައެއް ހެކިތައް މިރަށުން މިހާރުވެސް ފެންނަން އެބަހުރިކަމުގައި ފާތިމަތު ނާހިދު ޝާކިރު (2005) ހާމަކުރައްވައެވެ. އެގޮތުން މިސްކިތެއްގެ ތަރާގަނޑަކާއި، ވީރާނާވެފައިވާ ގަބުރުސްތާނެއްގެ ގައުތަކެއްގެ އިތުރުން ރަށުގެ ދެކުނުފަރާތުގެ އަތިރިމަތީގައި ޖަހާފައިވާ ބޮޑުގައުފުންޏެއް އެބަހުއްޓެވެ. އެހެންކަމުން ދިވެހިރާއްޖެ އިސްލާމް ވީފަހުންވެސް މިރަށުގައި މީހުން އުޅެފައިވާކަމަށް ލަފާކުރެވެއެވެ. އަދި ރަށުގައި ޖަހާފައިވާ ގައުފުންޏާ، މިރަށާ ގުޅިފައިވާ ފޯކުލޯރާ ގުޅުމެއްވާކަމަށް ލަފާކުރެވެއެވެ. މިރަށަކީ އުފެދުމުގައި އެހެން ރަށްތަކާ ތަފާތުކޮށް ކަނޑުއޮޅިއެއްގެ މެދުގައި އޮންނަރަށެއްކަމަށް އިބުރާހީމް ޝިހާބާއި އޭނާގެ ބައިވެރިން (1990) ހާމަކުރައްވައެވެ. މިކަޑުއޮޅިން ނުކުމެވެނީ ބޭރުކަނޑަށެވެ. ކަނޑާމިރަށާ ދެމެދުގައި ވަނީ ގާތްގަޑަކަށް ފަސްމީޓަރުކަމުގައި ފާތިމަތު ނާހިދު ޝާކިރު (2005) ހާމަކުރައްވައެވެ. ދުނިޔޭގެ ޗާޓަށް ބަލާލުމުން ހުކުރުއެޅިން ފުރައިގެން ދެކުނަށް ދަތުރުކޮށްފިނަމަ އެފްރިކާއާ ދިމާއަށް ދެވޭނެކަމަށް ފެނަކަމަށްވެސް އޭނާވިދާޅުވެއެވެ. އެހެންކަމުން މިރަށް ފަޅުވި ގޮތާބެހޭގޮތުން ކިޔާފޯކުލޯރާ ރަށްއޮތް ސަރަޙައްދާ މިސްރާބާ މިހާރުމިރަށަށް ކިޔާނަމާވެސް ގުޅުންހުރެދާނެކަމަށް ލަފާކުރެވެއެވެ. މިކަމަށްހެކިދެނީ ދިވެހިރާއްޖޭގެ ޗާޓުގައި މިރަށްއޮންނަ މިސްރާބެވެ. އެހެންކަމުން މިއީވެސް ދިވެހިނގެ ތާރީޚާ ގުޅުމެއްވާ ފޯކުލޯއެއްކަމަށް ލަފާކުރެވެއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ