އަދުގެ ޚާއްސަ

Print

ނުރޯށެ ކަލޭ މައި ޑިޔަރު މިތުރާއޭ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް (2009)

ފަންޑިތަވެރިކަމަކީ، ޤަދީމީ ދިވެހިންގެ އާދަކާދައިގެ އެއްބައެވެ. ގަބޫލުކުރުންތަކާއި ފިކުރުތަކުގެ ވެސް އެއްބައެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި، ބަލިޙާލާއި، ތަދުމަޑުކަމުގެ ވަގުތުގައި އެންމެ އަވަހަށް ފިކުރުތައް ފިރާލާ އެއް ދިމާޔަކީ، ފަންޑިތަވެރިކަމުގެ ފަރާތެވެ. ޝިފާއާއި ބާއްޖަވެރިކަން ލިބިގަތުމަށެވެ. ރޯދި ބަރަކާތް އިތުރުކުރުމަށެވެ.  ދިރިއުޅުން ތަނަވަސްކުރުމަށެވެ. އުފަލާއި ހިތްހަމަޖެހުމާއެކު  އާއިލާ ދުޅަހެޔޮކަންމަތީ ލެހެއްޓިގެންވުމަށެވެ. މި ފަދަ ކޮންމެ ކަމަކަށް  އެދި ކުރެވޭ އެންމެ ޚާއްޞަ އެއްކަމަކަށް ވެފައި އޮންނަނީ، ފަންޑިތަވެރީންނޭ ކިޔާމީހުންގެ ކިބައިން ކޮންމެވެސް ކަންތައްތަކެއް ލިބިގަތުމެވެ.

ބައެއް މީހުން މި ފަދަ ކަންކަން ގަބޫލުކޮށްފައި އޮންނަ ވަރުން، ފަންޑިތަވެރީންނޭ ކިޔާ މީހުން އެކަމުގައި ބޮޑެތި ނާޖާއިޒު ފައިދާތައް ނަގައެވެ. ނޫނެކެވެ!  ފަންޑިތަވެރީންނޭ ކިޔާ މީހުން އެކަންޏެއް  ނޫނެވެ. ބައެއް ކަހަލަ ކުށްވެރީން ވެސް މި ފަންޑިތަވެރިކަމުގެ ނަމުގައި ރޯފިލުންކުޑަ އާންމުންގެ  ފިކުރިއްޔާތު އެފުށް މިފުށަށް ފުރޮޅައިފައި އެބަހުއްޓެވެ.

އެއްޒަމާނެއްގައި ރާއްޖޭގެ ރަށަކަށް އަރުވައިލި މީހެކެވެ. ކޮންމެ ވެސް ބާވަތެއްގެ ކުށެއްގައި ބެދިގެން ކުށްވެރިވެފައި ހުރި މީހެކެވެ. ޒަމާނުގެ ތަދުކަމާއި، ރަށުގެ ހާލަތުގެ ނިކަމެތި ކަމާއެކު، ވަރަށް އާދައިގެ ގޮތެއްގައި ރަށުގައި އުޅެމުންދެ އެވެ. ނަމަ ވެސް އޭނާ ދައްކައިލާ ބޮޑެތި ވާހަކަތަކުގެ އޮލަކަމާއި ނަލަކަމުން، ރަށުގެ ގިނަ ބަޔަކު މީނާގެ ދުލުގެ ކިރުއިލޮށީގައި ތަތްވާން ފަށައިފި އެވެ. އޭނާޔަކީ، ގިނަ ކަންތައްތަކެއް ދަންނަ ބޭކަލެއް ކަމުގައި ވެއްޖެ އެވެ.

ކުޑަ ކުއްޖަކު ހުންވަރިއެއް އައިސް، ހުންވިހެ ނުލައިގެން، މަންމަޔަކު މީނާ ގާތަށް އަތުވެއްޖެ އެވެ. މައިމީހާގެ ޝަކުވާޔަކީ، އެ ކޮއި ކާހިތް ނުވާކަމެވެ. ނުނިދާކަމެވެ. އަބަދު ރޮނީ އެވެ.

އަރުވައިލައިފައި ހުރި މީހާ ޖަވާބު ދިނެވެ. ތިޔައީ އެއްވެސް ކަމެއް ނޫނެވެ. އަސުރުން ފައިބައިގެން މަ ދާނަމެވެ. ތަވީދެއް ލިޔެލާނެ ކަރުދާސްކޮޅަކާއި، ބަރަންޏެއް ހޯދައިލައިފައި ބާއްވާށެވެ! 

މީނާ އަސުރުން ފައިބައިގެން ހިނގައްޖެ އެވެ. ތަވީދު ލިޔެ ނިންމައިފި އެވެ. ތަވީދު އަސްޖަހަން ވެގެން ބަރަނި ނަގައިފައި ''ބައްލަވައިލެއްވި ގޮތުން'' ގޭމީހާ، ސުވާލު ކޮށްލި އެވެ.

ގޭމީހާ: ކިހިނެއްތޯ ވީ؟ ކަމުނުދަނީ ތޯ؟

ކަންވެރިޔާ: މީ ރަތްބަރަންޏެއް ދޯ! ދަނބު ކުލައިގެ ބަރަންޏެއް ނެތްތަ؟ ހުން އައިސް ރަތްވެފައިވާ ކުއްޖަކާ ރަތްރޮއްޖަކާ ނުގުޅޭނެ.

ގޭމީހާ: މިހިސާބުގަނޑު ގޭގެޔަށް ހިނގައިލަން ޖެހޭނީ...

ކޮންމެޔަކަސް ބަރަނީގެ ރޮދީގެ ކުލަ ކަމުނުގޮސްގެން، މި ވަގުތު ތަވީދު އެޅޭގޮތެއް ނުވި އެވެ. ސައިބޮއިލައިގެން ދިޔައީ އެވެ. ދެނަމާދު ދޭތެރޭ އަންނަންވާއިރަށް ދަނބު ކުލައިގެ ބަރަންޏެއް ހޯދުން ޢައިނިއްޔަ ފަރުޟަކަށް ހަދާފަ އެވެ.

މަޣުރިބު ނަމާދުން ފައިބައިގެން އެއްކަލަ ކަލޭގެ އައިމާ ގޭ މީހާ ވަރަށް ދެރަވެލައިފައި ބުންޏެވެ.  މުޅި ރަށުގައި ހިނގިއްޖެ އެވެ. ދަނބު ކުލައާއި ގާތްކުރާ ކުލަ އެއްވެސް ނުލިބުނެވެ. ފެނުނީ މަޑު ރީނދޫ ކުލަ އެވެ. ''އެދުރުކަލޭފާނު'' ބުނުއްވި އެވެ. މަޑު ރީނދޫ ކުލަ އެއްގޮތަކަށް ވެސް ކަމަކު ނުދާނެއެވެ. ރީނދޫ ކުލަޔަކީ، މުޅަދެވީގެ ކުލަ އެވެ. ކުދީން ރީނދޫ ކުރަނީ މުޅަ ދެއްވެވެ.

ކޮންމެޔަކަސް، އެންމެ ފަހުން، ތަވީދު އަސްޖެހި ކަމަށްވަނީ ވެސް ރަތް ރޮދީންނެވެ. އަސްޖަހައި، ތަަވީދަށް ފުމެ، ހެޔޮ އިރުވަރުން، ތަވީދު އަޅައިފި އެވެ. މި ތަވީދު ކަރުގައި އޮއްވައި، މި ކޮޔަށް ބަޑިއެދުރަށްވެސް އެއްސިނުގަނެވޭނެ ކަމަށް ބުންޏެވެ.

ތަވީދުގެ ބަރަކާތް ވަރަށް ބޮޑެވެ.  ލަސްތަކެއް ނުވެ އެ ކޮއި ރަނގަޅުވެއްޖެ އެވެ. މުޅިންހެން ފަސޭހަ ވެއްޖެއެވެ. އެއަށް ފަހު، މިހާރު އެއްކަލަ އަރުވައިލެވިފައިވާ ބީރައްޓެއްސާ އަކީ، މުޅި އަތޮޅުގެ އެންމެން އޭނާގެ ބަސްގަބޫލުކުރާ މޮޅު މީހަކަށް ވެއްޖެ އެވެ. އޮޑި ދޯނި ފަހަރު މަހަށްތޫނު ކޮށްލާން، ދަނޑުފަނގުގެ މަތިވަރު ހެޔޮ ކޮށްލާން މީނާ ވަރެއް ނެތެވެ. ކުށްވެރިޔަކުން، ކަންވެރިޔަކަށް ބަދަލުވެ ނިމިއްޖެ އެވެ.

އޭނާގެ ނަސީބު ގަދައީ ކަމެއް، ނުވަތަ އަތޮޅު މީހުންގެ ނަސީބު ދެރައީ ކަމެއް ނޭނގެއެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މީނާ މާލެ ފޮނުވަން އަންގަވައިފި އެވެ. މި ދިޔަ ފަހުން، އެއްކަލަ ކުރީން ފަންޑިތަ ހަދައިދިން ކުޑަ ކުއްޖާގެ އާއިލާގެ އެހެން ކުއްޖަކު ބަލިވެއްޖެ އެވެ. ކާއެއްޗިއްސާ ދުރުވުމާއި، ނުނިދުންފަދަ އުނދަގޫތަކުގެތެރޭގައި އުޅެން ފަށައިފި އެވެ.

މި ކަމާ ވިސްނަ ވިސްނައިފައި، ކުއްޖާގެ މާމަ ބުންޏެވެ. ދެން ކުރާނީ ކީއްހެއްޔެވެ؟ ބޭސްކުރެވިއްޖެ އެވެ. މަގާންފުޅަށް ނަދުރުބުނެވިއްޖެ އެވެ. އަލިބެޔަށް ބޯހުނި ހިލަންވެސް ބުނެވިދާނެ އެވެ. އެކަމަކު ވީކަމެއް ނެތެއް ނޫންހެއްޔެވެ؟  މިއަދަކީ ދެން ފަންޑިތަވެރިކަމެއް ވެސް އޮތް ދުވަހެއް ނޫނެވެ. ''ގާދިރު'' ހުރި ނަމައެވެ.

ކޮންމެޔަކަސް އެގޮތް މިގޮތަށް ފިކުރު ކޮށް ވިސްނައިފައި، އެންްމެ ފަހުން ނިންމީ، ހުންވިހެލައި ފަސޭހަވީ ކުއްޖާގެ ކަރުގައި އޮތް ތަވީދު، ބަލި ކުއްޖާގެ ކަރުގައިި އަޅާށެވެ. މިކަމަށް އިންކާރު ކުރީ ބޮޑުދައިތަ އެވެ. އޭނާގެ ޙުއްޖަތްވެސް ބައްޔެއް ނޫނެވެ. ތިޔަހެން ކަންވެރީން ހެޔޮ އިރުވަރުން ނަކަތް ރާހިބަލައި، ބުރުޖުތައް ދިމާވާ ވަގުތުތަކުގައި ކިޔަވައިފައި އަޅާ ތަވީދެއް ނަގަން ހެޔޮ ނުވާނެ އެވެ. އެ ނަގާ މީހާގެ އަތްފައި ވާވެސް ވެދާނެ އެވެ.

އާދެ! އެންމެ ފަހުން ނިންމުނީ ބަލިކުއްޖާއަށް ތަވީދު ބަދަލު ނުކުރާ ގޮތަށެވެ. އެކަމަކު، ރަނގަޅުވި ކުއްޖާގެ ކަރުގައި އޮތްތަވީދުގެ އަސްކަނޑައި ނިއުޅައިލައިފައި، އޭގައިވާ ރޫތަކާއި އިސްމުފުޅުތަކާއި އަޒީމުތައް ހަމަ އެގޮތަށް ބަލައިގެން ލިޔާނީއެވެ. ލިޔެ އަނެއްތަވީދު ވެސް އަސްޖެހި ވަގުތު ބަލައިފައި މި ތަވީދުވެސް އަސްޖަހާނީ އެވެ. ބަލިކުއްޖާގެ ކަރުގައި އަޅާނީއެވެ.

މިހާރު މަޣުރިބު ނަމާދުން ފައިބައިގެން އައިސް، މި ކުދީންގެ ބޮޑުބޭބެ އެއްކަލަ ތަވީދު ކަނޑާލަނީއެވެ. ވުޟޫ މަތީ ހުރެގެންނެވެ. ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔަމުންނެވެ. ދިމާވާނީ ކޮންފަދަ ކަމެއްކަންވެސް ނޭގޭ އެހެން ނޫންތޯ އެވެ؟

ކަމަކު ދާކަށްނެތެވެ. ތަވީދު އަސްކަނޑައިލައި އެތެރެ ބަލައިލި އިރު، އެންމެ ހަތަރު މަހުގެ މި ތުއްތު ތުއްތު  އަންހެން ކުއްޖާގެ ކަރުގައި އެއްކަލަ ކަލޭގެފާނު އަޅުވައިފައި މި އޮތީ ކޮންއެއްޗެއް ހެއްޔެވެ؟ މުޅީން ރޯ މަރުގޯހެވެ.  އެއްކަލަ ދަންނަ ކަލޭފާނު، މި ކޮއިކަރުގައި އަޅައިދިން މުޖައްރިބު ތަވީދުގައި ލިޔެފައި އޮތިއްޔާ އޮތްހައިވެސް އެއްޗަކީ ހަމަ އެކަނި މި ޖުމުލަ އެވެ. '' ނުރޯށެ ކަލޭ މައިޑިޔަރު މިތުރާ އޭ. މަހައްބަތުގައިވަނީ އާޝިޤާ އޭ.''

ހަމަމިގަލަމުން

އިދާރާ

ވާހަކަ