އަދުގެ ޚާއްސަ

Print

ދައުލަތް ހިންގުމާއި އިސްލާމް ދީން

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ ފިޤުހު

 
 
އިޔާޒު ނަސީމް  
 
ނަބީބޭކަލުން ކާއިނާތާއި އިންސާނާއާ މެދު ގެނެސް ދެއްވި ނަޒަރިއްޔާގައި ބުނާ ގޮތުން ދައުލަތް ނުވަތަ ސްޓޭޓު ބިނާވެގެންވަނީ އިންސާނުންގެ ޙާކިމިއްޔަތުގެ މައްޗަކަށް ނޫނެވެ. އަދި ކިޔެއްތަ އިންސާނުން އުފެއްދެވި ޚާލިޤުވަންތަ އިލާހުގެ ޙާކިމިއްޔަތުގެ މައްޗަށެވެ. ޙުކޫމަތު ނުވަތަ ސަރުކާރަކީ ﷲގެ އެއްޗެކެވެ. ޤާނޫނަކީ ﷲ ގެ އެއްޗެކެވެ. އިންސާނާ މިވެރިކަމުގެ ކަންތައް ހިންގުމުގައި ބައިވެރިވަނީ ﷲ ތަޢާލާގެ އޭޖެންޓެއްގެ ހައިސިއްޔަތުންނެވެ. އެހެން ކަމުން މި ނަޒަރިއްޔާގެ ސަބަބުން އުފެދޭ ނިޒާމުން އިންސާނުންގެ މައްޗަށް އިންސާނުންގެ ވެރިކަމާއި ޤާނޫނު ހިންގުމުން އުފަންވާ ހުރިހާ ޚަރާބުކަމެއް ދުރުކޮށްދެއެވެ.  
 
އަނެއްކޮޅުން މި ނަޒަރިއްޔާގެ މަތީގައި ދައުލަތް ބިނާވުމުން ވަރަށް ބޮޑު ފަރަޤެއް ވާޤިޢުވެގެންދެއެވެ. އެއީ މުޅި ދައުލަތުގެ ހުރިހާ ނިޒާމެއްގައި އަޅުކަމާއި ތަޤްވާގެ ރޫޙު ފެތުރިގެންދެއެވެ. ރާޢީއަށް ވެސް އަދި ރަޢިއްޔަތުންނަށް ވެސް ތިމާމެން މިތިބީ ﷲ ގެ ޙުކޫމަތުގެ ދަށުގައިކަން އެނގޭނެއެވެ. އަދި ތިމާމެންގެ މުޢާމަލާތުގެ މަގު އައިސްފައިވަނީ އެ އިލާހުގެ ޙަޅްރަތުން ކަމާއި އެއިލާހަކީ ޣައިބުގައިވާ ކަންތައްތައް ދެނެވޮޑިގެންވާ އަދި ހުރިހާކަމަކަށްމެ ހެކިވެ ވޮޑިގަންނަވާ އިލާހުކަން ޤަބޫލުކުރާނެއެވެ.  
 
ޓެކްސްދޭ މީހާ ޓެކްސްދޭނީ ތިމަންނަދޭ ޓެކްސް މިދެނީ ﷲ އަށް ކަމުގައި ޔަޤީން ކުރާ ޙާލުގައެވެ. އަދި ޓެކްސް ނަގާ މީހުންނާއި ޓެކްސްގެ ފައިސާއިން ހަރަދު ކުރާ މީހާ ޤަބޫލުކޮށްގެން ހުންނާނީ އެ މުދަލަކީ ނުވަތަ ފައިސާއަކީ ﷲ ގެ އެއްޗެއް ކަމަށެވެ. އަދި ތިމަންމެން ﷲގެ މުދަލާއި ފައިސާ ހަރަދު ކުރަންޖެހޭނީ އަމާނާތްތެރިކަމާއެކުގައި ކަން އެމީހުން ޤަބޫލުކުރާނެއެވެ. ސިފައިންގެ މީހާއިން ފެށިގެން ފަނޑިޔާރުންނާއި ގަވަރުނަރާ ހަމަޔަށް ވެސް ސަރުކާރުގެ ވަޒީފާ އަދާ ކުރާނީ އެމީހާ ނަމާދު ކުރާއިރު ވެސް ވިސްނުން ބަހައްޓާ ފަދައިން ވިސްނުން ބަހައްޓައިގެންނެވެ. ތިމާ މިކުރަނީ އަޅުކަމެއް ކަމުގައި ދެކިގެންނެވެ. ސަރުކާރުގެ ވަޒީފާ އާއި ނަމާދު ކުރުމަކީ އޭނާގެ ގާތުގައި އަޅުކަމެކެވެ. ދެ ކަމުގައި ވެސް އޭނާގެ ތަޤްވާވެރިކަމާއި މަޑުމޮޅިކަމުގެ ރޫޙު ހިނގަހިނގާ ހުންނާނެއެވެ.  
 
ﷲ ގެ ނާއިބުންގެ ގޮތުގައި އެއިލާހުގެ ރައިއްޔަތުންގެ މައްޗަށް އިސްވެ ތިބޭ މީހުންގެ ކިބައިގައި އެންމެ ފުރަތަމަ ވެސް ހުންނަން ޖެހޭ ސިފައަކީ ﷲ އަށް ބިރުވެތިވުމުގެ ސިފައާއި އަމާނާތްތެރި ކަމުގެ ސިފައާއި ތެދުވެރިކަމުގެ ސިފައެވެ. މި ފަދަ ސަޠަޙައެއްގެ މަތީގައި އެމީހުން އައިސް އެމީހުންނަށް އިޚްތިޔާރު ދެވުމުން އެމީހުންގެ ޢަމަލުތައް ހުންނާނީ ސޮސައިޓީގެ ތެރޭގައި އަޚްލާޤީ ގޮތުން އެންމެ މަތީ ދަރަޖަ ޙާޞިލްކޮށްގެން ތިބޭ ޙާލުގައެވެ.  
 
ތަމައްދުނާއި މަޢާޝިރަތުގައި ވެސް ތަޤްވާވެރިކަމާއި ޠަހާރަތުގެ ރޫޙު ފަތުރައިދޭ އެއްޗަކީ ހަމަ މި ނަޒަރިއްޔާއެވެ. މީގައި އަމިއްލަ ނަފްސަށް އަޅުވެތިވުމުގެ ބަދަލުގައި އަޅުވެތިވާނީ ﷲ އަށެވެ. އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު ކަންތައް ހިނގަމުންދާނީ ﷲ އަށް ޓަކައެވެ. އަދި ﷲ ގެ ޤާނޫނު ވެގެންދާނީ ދެފަރާތަށްމެ ފައިދާ ހުރި އެއްޗެއް ކަމުގައެވެ. އެހެނީ މި ޤާނޫނު އެކަށައެޅުއްވީ ނަފްސާނީ ހުރިހައި ބޭނުންތަކާއި ޒާތީ އެދުންތަކުން ދުރުވެވޮޑިގެންވާ ޢިލްމުވެރި ޙިކްމަތްވަންތަ އިލާހެވެ. އެހެން ކަމުން މި ޤާނޫނުން ވަނީ ފިތުނައިގެ ހުރިހާ ދޮރަކާއި އަނިޔާވެރިކަމުގެ ހުރިހައި މަގެއް ބަންދު ކުރައްވާފައެވެ. އަދި ހަމަ އެހެންމެ އިންސާނީ ފިޠުރަތުގެ ކޮންމެ ކަމަކާއި ބޭނުމަކަށް މި ޤާނޫނުގައި ރިޢާޔަތްކުރެވިފައިވެއެވެ.  
 
މިހައި ޚުލާޞާކޮށް އެކުލަވައިލެވޭ ޢިބާރާތްތަކެއްގެ ތެރެއިން މި ނަޒަރިއްޔާގެ މައްޗަށް ބިނާވެގެންވާ އިޖްތިމާޢީ ޢިމާރަތުގެ ހުރިހައި ކަމެއް ބަޔާން ކުރުމުގެ ފުރުޞަތެއް ނުވެސް ނެތްމެއެވެ. އެހެން ނަމަވެސް މިހާތަނަށް ބަޔާންކުރެވުނު ވާހަކަ ތަކުން ވެސް ތިބާއަށް ނަބީބޭކަލުން ކާއިނާތާއި އިންސާނާއާ މެދު ގެނެސް ދެއްވި ނަޒަރިއްޔާއިން އުފަން ކުރުވަނީ ކޮން ގިސްމެއްގެ ވިސްނުމެއް ކަމާއި އޭގެ ނަތީޖާއަކަށް ވެގެންދާނީ ކޮންކޮން ކަންތައްތަކެއް ކަމާއި އޭގެ ސަބަބުން ވެގެންދާނީ ކޮންކޮން ކަންތައްތަކެއް ކަން އަންދާޒާ ކުރެވޭ ވަރުވާނެއެވެ. އަދި ހަމަ އެފަދައިން މިއީ ހަމަ އެކަނި ކަރުދާސް ތަކެއްގައި ހުށަހަޅާލެވޭ ޚިޔާލީ ޔުޓޯޕިއާ އެއް ވެސް ނޫންމެއެވެ. އެހެނީ ތާރީޚުގެ ޞަފްޙާ ތަކުން އަހަރެމެންނަށް މި ނަޒަރިއްޔާގެ މަތީގައި އިޖްތިމާޢީ ނިޒާމަކާއި ދައުލަތެއް ޤާއިމްކޮށް ދައްކާފައިވެއެވެ. މި ނަޒަރިއްޔާއިން ތައްޔާރުކުރި ފަރުދުންނަށް ވުރެ ރަނގަޅު އެހެން ބަޔަކު މި ބިންމަތީގައި އުޅެފައި ނުވާކަމަށް ތާރީޚު ހެކިދެއެވެ. އަދި ހަމަ އެފަދައިން މި ނަޒަރިއްޔާގެ މަތީގައި ޤާއިމްވި ދައުލަތަށް ވުރެ ފުރިހަމަ އެއަށް ވުރެ މަތިވެރި އެހެން ދައުލަތެއް އިންސާނުންނަށް ޓަކައި މިހާތަނަށް ފެނިފައެއް ނުވެއެވެ.  
 
ޞަޙަރާތެރޭ އަންހެނަކު ޒިނޭގެ ދަރިއަކަށް ބަލިވެ އިނދެއްޖެ ނަމަ އޭނާއަށް އެކުށުގެ ސަޒާއެއްގެ ގޮތުގައި ދެވޭނީ ކޮން އަދަބެއްކަން އެނގި އެނގި ހުންނަ ޙާލުގައި އެ އަދަބު ލިބިގަތުމަށް ޓަކައި އަމިއްލައަށް ދާ ވަރަށް އެ ދައުލަތުގެ ފަރުދުންގެ ގައިގައި ތިމާމެންގެ އަޚްލާޤީ ޒިންމާދާރުކަމުގެ އިޙްސާސް ވަނީ ބޮޑުވެގެން ގޮސްފައެވެ. އޭނާއަށް ކުށެއް ކުރެވުމުން އޭނާ ބޭނުން ވަނީ ކުށުން ދުރުވެ ތައުބާވާށެވެ. ކުށުގެ މަތީގައި ދެމި ހުންނާކަށް ބޭނުމެއް ނުވެއެވެ. އެހެން ކަމުން އޭނާއަށް ވިހެއުމަށް ފަހުގައި އަދަބު ލިބިގަތުމަށް އައުމަށް އަންގާއިރު އެއްވެސް ކަހަލަ ބަންދެއް ނުވަތަ ޒަމާނަތެއް ނެތި ފުރިހަމަ މިނިވަންކަމާއެކު ދޫކޮށްލުމުން، ވިހެއުމަށް ފަހުގައި އޭނާ އަނެއްކާ ވެސް އެހެން މީހަކު ގަދައެޅުމަކާ ނުލައި އައިސް އެދެނީ ތިމާއަށް ޙައްޤު އަދަބު ދިނުމަށެވެ. ދެން އޭނާއަށް އެންގެނީ ދަރިފުޅަށް ބުއްދިނުމަށެވެ. ބުއްދިނުމުގެ މުއްދަތު ހަމަވުމުން އައުމަށް އެންގުމުން އޭނާ އަނެއްކާ ވެސް ދަނީ ޞަޙަރާގެ ތެރެއަށެވެ. އޭނާ ފިލައިގެން ދޭތޯ ބެލުމަށް ފުލުހުން ކަނޑައެޅިފައި ނުތިބޭ އިރު ވެސް ބުއްދިނުމުގެ މުއްދަތު ހަމަވުމުން އޭނާ އަމިއްލައަށް އައިސް އޭނާއަށް ޙައްޤު ސަޒާ ދިނުމަށް އެދެއެވެ. އެ ސަޒާގެ ވޭން އޭނާއަށް އެނގޭ ޙާލުގައެވެ. އެ ސަޒާ ލިބިގަތުމަށް ފަހު އޭނާގެ ފާފަ ފުހެވިގެން ދެއެވެ. އަދި އޭނާ ސާފުވެގެންދެއެވެ. އަދި އޭނާއާ މެދު މީހަކަށް ބޭ އިޚްތިޔާރުގައި "މިއީ ކިހާ ލަދު ކުޑަ އަންހެނެއްހޭ" ބުނެވުމުން އޭގެ ޖަވާބުގައި ބުނެވޭނީ "ﷲ ގަންދީ ބުނަމޭ އޭނާ އެވީ ތައުބާއަކީ ތައުބާގެ ތެރެއިން އެންމެ މަތިވެރި އެއް ތައުބާ" ކަމަށެވެ.  
 
 މިއީ އެ ސޮސައިޓީގެ އަފްރާދުންގެ ޙާލެވެ. އަދި އެ ދައުލަތުގެ ޚަޒާނާތައް ފުރި ބަންޑުން ވެގެން ދާއިރު ވެސް ދައުލަތުގެ އާމްދަނީ އެތައް ކުރޯޑަކަށް އަރައިގެންދާއިރު ވެސް އެ ދައުލަތް ހިންގުމާ ޙަވާލުވެ ހުންނަ މީހާ މުސާރައިގެ ގޮތުގައި ލިބިގަންނަނީ ނިސްބަތުން ވަރަށް ކުޑަ އެއްޗެކެވެ. އެންމެ ދޮޅު ސަތޭކަ ރުފިޔާގެ މުސާރައެކެވެ. މިއީ އެއިރަށް ބެލިއަސް ހަމަ ކުޑައެއްޗެކެވެ.  
 
މި ތަޖްރިބާއަށް ފަހުގައި ވެސް ނަބީބޭކަލުން ކާއިނާތާއި އިންސާނާއާ މެދު ހުށަހަޅުއްވާ ނަޒަރިއްޔާއަކީ ޙައްޤުކަމުގައި ރުހުމާއެކު ޤަބޫލު ނުކުރެވޭ ނަމަ މިފަދަ މީހަކު ރުހޭނޭ ދެވަނަ ނަޒަރިއްޔާއެއް ނޯންނާނެކަން ކަށަވަރެވެ. އެހެނީ ﷲ އާއި މަލާއިކަތުންނާއި އާޚިރަތްދުވަހުގެ ކަންތައްތައް ލޮލުން ދުށުމުގެ ނަޞީބެއް މި ދުނިޔޭގައި އޭނާއަކަށް ނުލިބޭނެއެވެ. ލޮލުން ނުފެންނަ ޙާލުގައި އެކަންތައް ބަޔާންކޮށްދޭ ނަޒަރިއްޔާގެ ތަޖްރިބާއިން ލިބޭ ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ނޯންނާނެކަން ކަށަވަރެވެ. މިސާލަކަށް އިންސާނާގެ ހަށިގަނޑުގެ ތެރޭގައިވާ ބަލި ނުފެންނަ ޙާލުގައި ބޭސްކުރާ ޑޮކްޓަރު ތަފާތު ބޭސްތައް ދެއެވެ. އެ ބޭސްތަކުން ބަލިމީހާ ރަނގަޅު ނުވުމުން ދެން ދޭ ބޭހަކުން ބަލިމީހާ ރަނގަޅުވެއްޖެ ނަމަ އެ ބޭހަކީ އޭނާގައިގައި ހުރި ބަލި ސާބިތުކޮށްދޭ ހަމަ އެކަނި ދަލީލެވެ. ހަމަ މިގޮތުން އިންސާނާގެ މުޅި ދިރިއުޅުމުގެ ކަންތައް އެހެން ނަޒަރިއްޔާއަކަށް ތަބަޢަވެގެން ހަމަ ނުޖެއްސި ހަމަ އެކަނި ނަބީބޭކަލުން ހުށަހަޅުއްވާ ނަޒަރިއްޔާއިން ފުރިހަމައަށް ޙައްލުކޮށްދޭކަން ތާރީޚުން ސާބިތުކޮށްދީފައިވާއިރު ނަބީ ބޭކަލުންގެ ނަޒަރިއްޔާއަކީ ހަމަ އެކަނި ޙަޤީޤަތާ އެއްގޮތް ނަޒަރިއްޔާކަން ކޮންމެ މީހަކަށް ވެސް ޤަބޫލުކުރެވޭނެއެވެ. މި ކާއިނާތަކީ ﷲ ތަޢާލާގެ ސުލްޠަނަތެވެ. ހަމަ ކަށަވަރުން މި ދިރިއުޅުމަށްފަހު އެހެން ދިރިއުޅުމެއް އެބައޮތެވެ. އެ ދިރިއުޅުން އޭނާއަށް ފެށޭނީ މިދިރިއުޅުމުގައި އޭނާގެ އުޅުން ހުރި ގޮތް ނުވަތަ ޙަޔާތުގެ ކާރުނާމާގެ ފުރިހަމަ ޙިސާބުދީފައެވެ.  
 
އެހެން ކަމުން ކޮންމެ މީހަކު ވެސް ތައްޔާރުވާންވީ މި ކަމަށެވެ. ނޭނގި ހުއްޓާ މަރު އައިސް ބައްދަލުކޮށްފާނެއެވެ. ވަކި ޢުމުރެއް ވަންދެން ދުނިޔޭގައި ހުރެވޭނޭ ކަމުގެ ގެރެންޓީއެއް އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ. އެހެން ވީ އިރު އަވަހަށް ތައުބާވެ ކާއިނާތުގެ ޚާލިޤާ ބައްދަލުވާ ދުވަހު ތިމާ ލަދުވެތިވާންޖެހޭ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމުގެ ބަދަލުގައި، ދުނިޔޭގެ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ތިމާ ފާސްވީ ކަމުގެ ފޮނި އިޙްސާސް ކުރެވޭނޭ ގޮތަށް ޢަމަލުތައް ބަހައްޓަން އަވަސް ވެގަންނަމާ ހިނގާށެވެ. ތިމާއަށް ތިމާ ހެއްދެވި އިލާހުގެ ރުހުން ލިބުމަށް ހުރަސް ނާޅާ އެއްވެސް ކަމަކީ ބޮޑު ކަމެއް ކަމުގައި ހަދައިގެން އެކަމުގައި ވަގުތުތައް ނަގައިނުލާށެވެ. ތިމާ ހޭދަ ކުރާ ކޮންމެ މިނިޓަކީ، ކޮންމެ ސިކުންތަކީ، ޚާލިޤުވަންތަ އިލާހުގެ ރުހުން ހޯދުމަށް ޓަކައި ހޭދަ ކުރެވޭ ވަގުތަކަށް ހަދާށެވެ. ކާމިޔާބު ލިބޭނީ އޭރުންނެވެ.  
 

އިދާރާ

ވާހަކަ