ތިކި ނުޖަހާ އިނގިރޭސި
އާދަމް ނަޞީރު އިބްރާހީމް (2009)
ތާނައިގެ ބައެއް އަކުރު ތަކުގައި ތިކި ޖެހުމަކީ، ދިވެހި ބަހަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އޭގެ ސަބަބުން، ދިވެހި ބަސް ދިވެހި ވުމަށް އޮންނަ ފުރުޞަތު ގެއްލެއެވެ. ބޭރު އެހެން ބަހެއްގެ ނުފޫޒުގެ ތެރޭގައި ދިވެހި ބަސް ހަފުސްވަނީ އެވެ. އަމިއްލަ ދިވެހި އަޑުތައް މުޅިން ނެތިދަނީ އެވެ. އެހެންވީމާ އަޅުގަނޑުމެން މި ނުކުތާއާ މެދު ވިސްނަންވެއްޖެ އެވެ. ދިވެހި ބަހަށް ލިބޭ ކޮންމެ ގެއްލުމަކުން މި ބަސް ސަލާމަތް ކުރަންވާނެ އެވެ.
މާފުކުރައްވާށެވެ! ތިޔަ ވިދާޅުވި ޕެރެގްރާފުގައި އަވަސް އަވަހަށް ކޮމާކޯޅިއެއް ޖައްސަވައިލައިދެއްވައިފި ނަމަ ވަރަށް ބޮޑަށް ޝުކުރުވެރިވާނަމެވެ. އެއީ މިހާރަކަށް އައިސް މަޑު މަޑުން ނަމަވެސް ވައިގައި ހިފަމުން އަންނަ ޚިޔާލެކެވެ. އެ ލަވަޔަށް ބެރު ޖަހާ ބެރުވެރީން ގިނަވަމުން އަންނަ ލަވައެކެވެ. މި ޚިޔާލަށް ތާއީދު ކުރާބަޔަކު އުޅޭފަދައިން، މި ޚިޔާލަށް ތާއީދު ނުކުރާ ބަޔަކުވެސް އުޅެއެވެ. މި ދެފަރާތުގެ ވެސް މަޤުޞަދަކީ އެއް މަޤުޞަދެއްކަމަށް ވެދާނެ އެވެ. ދިވެހި ބަހަށް ހެޔޮ އެދުމެވެ. ދިވެހި ބަސް ޙިމާޔަތް ކުރުމެވެ.
ފަންވަތު އާއިލާގެ އިސްމެންބަރެއްކަމުގައިވާ އަލްއަޚު ޢަބްދުﷲ ނަޢީމު އިބްރާހީމުގެ ޚިޔާލުފުޅުވެސް އަޅުގަނޑު ކިޔައިލީމެވެ. އޭނާ ފާޅު ކުރައްވައިފައިވާ ހަމަތަކާމެދު ފަންވަތުގެ ކިޔުންތެރިއެއްކަމަށްވާ އަލްއަޚު ނަޒީރު ފާޅު ކުރައްވާފައިވާ ޚިޔާލުފުޅުވެސް ކިޔައިލީމެވެ. އަޅުގަނޑަށް ނިކުތް މައިގައިނޑު ނަތީޖާއަކީ، މި ދެ ބޭފުޅުންވެސް ދިވެހި ބަހަށް ހެޔޮ އެދިވަޑައިގަންނަވާކަމެވެ. ބަހަށް ރަނގަޅު ގޮތް ނޫނީ ބޭނުންފުޅުނުވާ ކަމެވެ.
މައިގަނޑު ގޮތެއްގައި މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލަން ގަސްތު ކުރަނީ އެހެންވާހަކަ އެކެވެ. އެއީ ވެސް ބަހަށް ލިބޭ ގެއްލުމެއްގެ ވާހަކަ އެވެ. އެ ގެއްލުމަށް އަޅުގަނޑު މި ކިޔާ ނަމަކީ، ''ތިކި ނުޖަހާ އިނގިރޭސި'' އެވެ. އެ ގޮތަށް ނަންދޭން ޖެހުނު އެއްސަބަބަކީ، އިނގިރޭސި ބަހަކީ، އަމިއްލަ ވަކި އަކުރަކުން ލިޔާ ބަހަށް ނުވާތީ، ތާނަ އަކުރުން ލިޔެފައިވެސް، އިނގިރޭސި އަޑުތަކުގެ ސިފަތައް އެ އަކުރު ތަކަށް ދޭ ނަމަ، އޭގެ ބައިކުޅަ ބައިނަމަވެސް އިނގިރޭސި ވެއްޖެ ކަމަށް ވިސްނޭތީ އެވެ. ހަމަ އެހެންމެ މި މައުޟޫޢުން އަޅުގަނޑު ގަސްތުކުރާ މާނައިގެ އެންމެ ސާބިތު އަނެއް ޙަޤީޤަތަކަކީ ދިވެހި ބަހަށް ގެއްލުމެއް ވާނަމަ އެ ގެއްލުމެއްވަނީ ހަމަ އެކަނި އަކުރެއްގައި ތިކި ޖެހީމާ ނޫންކަން އަޅުގަނޑަށް ގަބޫލު ކުރެވިފައި އޮންނަ އޮތުމެވެ. ތިކި ޖަހައިގެން ބޭރު ބަހެއްގެ އަކުރެއްގެ އަޑު ލިބިގަތުމަކީ އަޅުގަނޑުމެންނަށް ލިބޭ ގެއްލުމެއް ކަމަށް ވަންޏާ، ތިކި ނުޖަހައި އެ ފަދަ އަޑެއް ލިބިގަންނަ ހާލަތުގައި އެކަންވެސް ގެއްލުމަކަށް ނުވާންވީ ސަބަބައެއް ނެތެވެ. ބައެއް މިސާލު ހުށަހަޅައިލާނަމެވެ.
ދިވެހި ބަހުގެ ކޮންމެ އަކުރަކަށް ވަކި އަޑެއް ލިބިގެންވެ އެވެ. އަޅުގަނޑުމެން ކިޔާ ޢަރަބި ބަހުގެ ކުޑަސީނާއި، ދިވެހި ސީނުގެ އަޑު އެއްގޮތެއް ނުވާނެ އެވެ. ހަމަ އެގޮތަށް އިނގިރޭސި ބަހުގެ SH ހިމަނައިގެން އުފައްދާ FISH ގެ އަޑާއި، ދިވެހި ބަހުގެ ށ . ގެ އަޑުވެސް ތަފާތު ވާނެ އެވެ. އިނގިރޭސި ބަހުގެ R އަކުރާއި، L އަކުރުގެ އަޑާއި، ދިވެހި ބަހުގައި އޮންނަ ރ. އާއި. ލ. ގެ އަޑު މުޅިން ތަފާތު ވާނެ އެވެ.
މީން އެއްވެސް އަކުރަކީ ތިކި ޖަހައިފައި އޮންނަ އަކުރެއް ނޫނެވެ. އެކަމަކު، މި އަކުރުތަކުގެ އަޑު ދިވެހި އަކުރުތައް ތޮރުފަމުން އޭގެ ތެރެއަށް އެބަހަރެގެން ވަދެގެން އާދެ އެވެ. ނަތީޖާއެއްގެ ގޮތުން، ''ކަށި ކުނބުރު'' ''ކަޝިކުނބުރް'' އަށް ވެއްޖެ އެވެ. ''ރިހާކުރު'' ''ރުއިހާކުރް'' އަށް ވެއްޖެ އެވެ. ''ރީތި'' ''ރުއިއްޗަށް'' ވެސް ވެއްޖެ އެވެ. ''ބުނެ ބަލާ'' ''ބުނެ ބަ LAA'' އަށް ވެ ނިމިއްޖެ އެވެ. އާދެ ލާމުގެ ސާފު ލުއިލުއި ދިވެހި އަޑު ގެއްލި Lގެ ބަރު އިނގިރޭސި އަޑު ދިވެހި ލާމުންވެސް ކިޔަން ފަށައިފި އެވެ. މިއީ އަރައިގެން އަންނަ ދިވެހި ޖީލުގެ ބަސްމަގުގެ އަޑުތައް، ތިކި ނުޖަހާ އިނގިރޭސި އަށް ބަދަލުވުމެވެ.
މި ބަދަލާ އެކީގައި ކުރީން ދިވެހި ވެފައި ހުރި ބަސްތައްވެސް އެނބުރި އިނގިރޭސި ވަމުން، ނުވަތަ އިންގްލިޝްވަމުން އެ އަޑުތަކާ ދިމާޔަށް ދުވަމުން އެބަދެ އެވެ. ޑަކުޓަރު، ޑޮކްޓަރ އަށް، ނުވަތަ ޑޮކްޓާއަށް ވެސް ބަދަލުވީ އެވެ. މިހުރިހާ ޒަމާންވަންދެން ދިވެހި ނަރުސްކުދިންގެ ގޮތުގައި ތިބި މީހުން ފަހުޒަމާނުގެ ނާސުންނަށް ވެސް ވެއްޖެ އެވެ. މިއީ ތިކި ޖެހުމަކާ ނުލައި ދިވެހި ބަހަށް ލިބެމުންދާ ހާނީއްކަ އެވެ.
ތިކި ޖެހި ތާނައާ ބެހޭގޮތުން ހަމަ އެންމެ ވާހަކައެއް ދަންނަވައިލާނަމެވެ. ޤާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވާތީ އިވިފައިވާ ގޮތުގައި، ދިވެހި ރާއްޖެއަކީ އިސްލާމީ ދައުލަތެއްކަމަށް ދިވެހި ރާއްޖޭގެ ޤާނޫނޫ އަސާސީގައި އެބަ އޮތެވެ. އެހެންކަމަށް ވާނަމަ، މި ޤައުމުގެ މީހުން އިސްލާމްދީނުގެ ނަބިއްޔާއަށް ލޮބުވަތަންޖެހެއެވެ. އެކަލޭގެފާނުގެ ނަންފުޅަކީ، މުޙަންމަދެވެ. އިންސާނީ ޠަބީޢަތަކީ، ތިމާ ލޯބިވާ މީހާގެ ނަން ރީތިކޮށް ކިޔުމެވެ. ކައު އިތުރު މާތް ނަބިއްޔާގެ ނަންފުޅުގެ މާނަ ގެއްލޭގޮތަށް، ޙ ގެ އަޑު، ހ. އަކަށް ބަދަލު ކުރުމީ ދީނީ ޣީރަތެއް ހުރި މުސްލިމަކު ކުރާނެ ކަމެއް ނޫނެވެ. ހަމަ އެހެންމެ އެކަލޭގެފާނުގެ ނަންފުޅުގަނެވޭ ހިނދު، ޞަލަވާތް ކިޔެވުމަކީ، މުސްލިމުން އެކަލޭގެފާނުދެކެ ލޯބިން އަދާކުރާ ދީނީކަމެކެވެ. މުސްލިމުން ކިޔާކިޔުމާއި، ލިޔާލިޔުމުގައި ހަމަގައިމުވެސް، ކުޑަމިނުން، ''ޞައްލަﷲ'' ނުވަތަ ''ޞަލަވާތް'' މި ކަލިމަތަކުގެ އަކުރުތަކާއި އަޑުތައް ބޭނުން ކުރަންޖެހެ އެވެ.
ތިކިޖެހިތާނައޭ މި ކިޔާ އަކުރުތައް އުފެދުމުގެ ކުރީގެ ދިވެހި ލިޔުންތައް ބަލާއިރު، މި ދެންނެވި އަކުރުތައް ލިޔުއްވުމަށް ދިވެހި ލިޔުންތެރީން ވަރަށް ބުރަ އުފުއްލަވައިފައިވާތީ ފެނެ އެވެ. އެއް ދުވަސްވަރެއްގައި ފެންނަނީ ''سلاما އި صلواتا އި'' މި ފަދަ ގޮތަކަށް ލިޔުއްވާފައިވާ ތަނެވެ. އޭގެ ފަހުން ފެންނަނީ، ''سلام އާއި صلوات އާއި،'' މި ގޮތަށް ލިޔެވޭތަނެވެ. މި ދެގޮތުން ކުރެ ފުރަތަމަ ގޮތުގައި ޢަރަބި ބަހުގެ ކަލިމަ ތަކުގެ އަސްލު ރޫޅިގެން ދެ އެވެ. ދެވަނަ މަރުޙަލާގައި ގެނެވި ފައިވާ ބަދަލަކީ، އެ ސަބަބަށްޓަކައި، ގެނެވިފައިވާ އިޞްލާޙީ ބަދަލެއްކަމަށް ގަބޫލުކުރެވެ އެވެ. ހަމަ އެހެންމެ މި ދެންނެވި ދުވަސް ވަރުގެ ލިޔުންތަކުން، އަދި މި ނޫން މަންޒަރެއް ވެސް ފެނިފައިވެ އެވެ. މަޝްހޫރު ބޮޑު ''ޝ''ގެ އަޑަކީ، ދިވެހިންގެ އަސްލު އަޑެއް ނޫނެވެ. މިހާރުވެސް ''ކޭސްކާޑު'' ހިފައިގެން ގޮސް ސަރީފުމެން ރެސްޓޯރެންޓުން ''ފުރެސް އޮރެންޖު'' ބޯ މީހުން މަދެއް ނޫނެވެ. އެހެންކަމުން ކުރީ ޒަމާނުގެ އަދަބީ ފޮތްފޮތް ބަލަމުން ދާއިރު، '' ގުލްޝަން'' މި ބަސް ލިޔެފައި އޮއްވައި ފެންނަނީ، گلشن މި ގޮތަށެވެ. މި ސާލަކަށް، ''އޭރު މި ދެ ހިތް ދުށް ނަޔާ گلشن ކިހައި ހިތްގައިމުހޭ'' ޅެން ބައިތެއްގައި އޮވެ އެވެ. މި ފަހަރު ތާނަ އަކުރުތަކުގެ މެދުގައި ބަނޑުޖަގައިގެން މި އޮތީ އުރުދޫ ލަފުޒެކެވެ. ކިޔުމުގައި ދިވެހި، ލިޔުމުގައި އުރުދޫ ކަލިމަ އެކެވެ. އެހެނީ ބަހެއް މުއްސަނދިވާނީ ވަކި ހަމައެއްގެ މަތިން އެހެން ބަސްބަހުން ކާނާ ލިބިގަނެގެންނެވެ.
ތާނައިގެ އަކުރުތަކުން ތިކި ފޮހެލުމަށް ހުށަހެޅޭ އަނެއް ޙުއްޖަތަކީ، އެ އަޑުތައް ދިވެހިންނަށް ނުކިޔޭ ކަމުގެ ބަހަނާ އެވެ. މި ވާހަކަ ފެށުމާއެކު އަޅުގަނޑު ކުޑައިރު، ރަށުގައި ހުރި ދިވެހި ބޭސް ވިއްކާ ކުޑަ ފިހާރަގަނޑެއްގައި ހުންނަ ބޭސް ދަޅެއްގެ މަތިން ހަނދާންވެ އެވެ. އޭގައި ލިޔެފައިވާ ލިޔުން ކޮޅެއް ހަނދާނަށް އާދެ އެވެ. އެދަޅުގެ ބޭރުގައި ލިޔެފައި އޮންނަނީ ''އިސްބަغُލު'' މި ގޮތަށެވެ. އާދެ! އެއީ ''އިސްބަޣުލު'' އެވެ. މީން އެނގެނީ ދިވެހިންނަށް އެ އަކުރުގެ އަޑު އެނގޭކަމެވެ. އެމީހުން އެ އަކުރުގެ އަޑު ބޭނުން ކުރާކަމެވެ. ނެތީ ތާނައިން އެއަކުރު ލިޔެވޭނެ ގޮތެކެވެ.
ކޮންމެއަކަސް މި ފަދަ ހާލެއްގައި ދިވެހި ލިޔުންތެރިން އުޅެނިކޮށް ދެން ފެނުނީ ތިކިޖެހި ތާނަ އުފެދުނު ތަނެވެ. އޭގެ ފަހަށް ދެން ފެންނަނީ '' ސަލާމާއި، ޞަލަވާތާއި'' މި ފަދައިން ލިޔެވޭ ތަނެވެ. ''ގުލްޝަން'' ވެސް ތާނަ ވެގެން ދިޔަ ތަނެވެ. ޢަރަބި އުރުދޫ އަކުރުތައް ދިވެހި އަކުރުތަކުގެ ތެރެއިން އެއްފަރާތަށް ޖައްސައިލެވި، އެ ޖާގަތަކުގައި ދިވެހި ތާނަ އަކުރުތައް ވަޒަންވެރިވީ ތަނެވެ. ދިވެހި ލިޔުންތަކުގެ އަކުރުތައް މައްތާނަ ވީތަނެވެ. ދިވެހި ރާއްޖޭގެ ޤައުމުވަންތަކަން ފުރިހަމަ ވަނީ އޭގެ އެއް ރުކުން ކަމުގައި ހިމެނޭ އިސްލާމްދީން ޝާމިލުވެގެން ކަމުގައި ވާއިރު، ދީނީ ސަބަބުތަކަށްޓަކައި ދޫކޮށްލެވެން ނެތް ޢަރަބި އަޑުތައް (ނުވަތަ ދީނީ އަޑުތައް) ދިފާޢު ކުރުމާ އެކީގަ އެވެ. އަޅުގަނޑުގެ ނަޒަރުގައި ތިކި ޖެހިތާނަ ދިވެހި ބަހަށް ގެނައި އެންމެ ބޮޑު ބަދަލަކީ މި އެވެ.
އަޅުގަނޑުވެސް ވަރަށް ބާރު އަޑުން އާދޭހޭ ދަންނަވާނަމެވެ. ކޮންމެ ބަހެއްގެ ނުފޫޒުގައި ނަމަވެސް ދިވެހި ބަހަށް ގެއްލުމެއް ލިބޭނަމަ އެ ގެއްލުމަކުން ދިވެހި ބަސް ދަފަރާ ކުރަންޖެހޭނެ އެވެ. އިހަށް ދުވަހު ސީ. އެން. އެން. ގައި މަސައްކަތްކުރި، ހުޅަނގުގެ މުރާސިލުން، އޭރު ''މޮހަމެޑު'' ކިޔަކިޔައިފައި، މިހާރު އަލްޖަޒީރާގައި ހަމަ އެމީހުންގެ ދުލުން ''މުޙަންމަދު'' ކިޔާތީ އެބަފެނެ އެވެ. މިވީ ކީއްބާވަ އެވެ؟ ވީމާ، ކޮންމެ ކަމެއްވެސް ގެއްލުމަކަށްވަނީ ކޮންގޮތަކަށް ކޮންޙާލަތެއްގައި ކޮންބައެއްގެ ނިސްބަތުގައި، ކީއްވެ ކިހިނެއް ކުރީމާތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލުން ބުއްދިވެރިކަމަކަށް ނުވާނެތޯއެވެ؟
(ނިމުނީ)