އަދުގެ ޚާއްސަ

Print

މިކައުނުގެ ހުރިހާ ދިރުމެއްގެ އަޞްލަކީ ފެނެވެ.

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

[أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاء كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ] (سورة الانبياء 30) މާނައީ: [އުޑުތަކާއި ބިންތައް އެއްވެފައިވަނިކޮށް ތިމަން ރަސްކަލނާގެ އެތަކެތި ވަކިވަކި ކުރައްވައި (ނިޒާމު ދެއްވަވައި) ހެއްދެވިކަން ކާފިރުވެގަތް މީހުނަށް ނޭނގެނީ ހެއްޔެވެ؟ އަދިތިމަން ރަސްކަލާނގެ ހުރިހާ ދިރޭ ތަކެތީގެ ޙަޔާތް، ފެނުން ދެއްވަވައި އުފެއްދެވީމެވެ. ފަހެ، މިފަދަ ނިޢުމަތްތައް ދެއްވުމާއެކުވެސް އެބައިމީހުން އީމާން ނުވަނީ ހެއްޔެވެ؟]

މިއާޔަތުގައިވާ މުޢުޖިޒާތްތަކަށް ބަލާލަމާ ހިގާށެވެ. މިއީ ކީރިތި ޤުރްއާނުގައިވާ ވަރަށް ޢަޖާއިބު ކުރުވަނިވި މުޢުޖިޒާތެކެވެ. ޢިލްމުވެރިން މިހާރު ސާބިތު ކޮށްދީފައިވާ ގޮތުގައި ދިރުންހުރި ހުރިހާ ތަކެއްޗެއްގެ ހަށިގަނޑުގެ ބޮޑުބަޔަކީ ފެނެވެ. މިސާލަކަށް ގާތްގަޑަކަށް އިންސާނެއްގެ ހަށިގަނޑުގެ %71 އަކީ ފެނެވެ. މިކަމާ ގުޅިގެން ފިލޯސަފަރަކު ވިދާޅުވަނީ އިންސާނާގެ ހަށިގަނޑުގައި ހިމެނެނީ 2 ގުޅިއެއްގެ ފެނާއި، ފާރެއްގައި ލުމަށް ނުފުދޭވަރުގެ ކުޑަ މަށިކޮޅަކާއި، އަލިފާން ދަނޑިއެއް ހެދޭ ވަރަށްވުރެ ކުޑަ ބަޑިބޭސް ކޮޅަކާ އަދި މޮހޮރެއްގެ ބޮލެއް ފިޔަވާ އިތުރު އެއްޗެއް ނެހެދޭވަރުގެ ކުޑަ ދަގަނޑުކޮޅެއް ކަމަށް ވީހިނދު އިންސާނާ ބޮޑާވަނީ ކޮންކަމަކާ ހެއްޔެވެ؟

ކުޑަވެސް ޝައްކެއްނެތް ގޮތުގައި އިންސާނާއަކީ އެހެނިހެން މަޚްލޫޤުންގެ މައްޗަށް މާތްކުރައްވާފައިވާ މަޚްލޫޤެކެވެ. ފަހެ އިންސާނާގެ ހަށިގަނޑުގައި ކިބުރުވެރިވެވޭ ފަދަ އެއްވެސް ފެންވަރެއްނެތް ކަމުގައި ވީނަމަވެސް އިންސާނާ ކިބުރުވެރި ވަނީ ކީއްވެ ބާވައޭ ހިތަށް އަރައެވެ. އިސްވެދިޔަ އާޔަތުން އެނގިގެންދަނީ މި ބިންމަތީގައި މާތްﷲ ލައްވާފައިވާ ދިރުންހުރި އެންމެހާ ތަކެއްޗެއްގެ ހަށިގަނޑުގެ ބޮޑުބަޔަކީ ފެންކަމެވެ. އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ އީރާނުގެ މުސްލިމަކު ލިޔެފައިވާ ފޮތެއް ކަމުގައިވާ [ތިބާގެ ހަށިގަނޑު ފެނަށް ގޮވުން] މިފޮތުގައިވެއެވެ. [އިންސާނާގެ ހަށިގަނޑުން ފެންނަ، އަދި ހަށިގަނޑަށްޖެހޭ ގިނަ ބަލިތަކެއްގެ ސަބަބަކީ ހަށިގަނޑުން ފެން މަދުވުމެވެ. ހަށިގަނޑުގެ ބައެއް ބައިތަކުން ފެން މަދުވާން ފެށުމުން ބަލިމީހާގެ ކިބައިން ފެންނަ ބަލިތަކަކީ ޑޮކްޓަރުންނަށް ގިނަ ފަހަރަށް އެބައްޔަކީ ކޮން ބައްޔެއްކަން ހޯދައި ނުގަނެވޭ ބަލިތަކެވެ. މިބަލިތަކުގެ ޙަޤީޤީ ފަރުވާއަކީ ފެން ބުއިމެވެ. ބަލިމީހާ ރަގަޅުވޭތޯ ޑޮކްޓަރު ފަހަރެއްގައި ޑަކްޓަރީ ބޭހެއް ދެއްވަފާނެއެވެ. ނަމަވެސް މިފަދަ ބޭހުން އިތުރުވާނީ އޭގެ ސައިޑް އިފެކްޓް ނުވަތަ އިތުރު އުދަނގޫތަކެވެ. ބައްޔަށް އެއިން ފަރުވާއެއް ނުލިބޭނެއެވެ. އެހެންކަމުން ކޮންމެ އިންސާނަކުވެސް ރެޔާދުވާލު މަދުވެގެން 2 ލީޓަރު ފެން ބޯންވާނެއެވެ. ބަލި މީހަކަސް ނުވަތަ ސަލާމަތުންހުރި މީހަކަސް މަދުވެގެން ދުވާލަކު 2 ލީޓަރު ފެން ބޯންވާނެއެވެ.

ދިރުންހުރި ހުރިހާ އެއްޗެއްގެ ހަށިގަނޑުގެ ހުރިހާ ބައެއްގައި ހިނގަމުންދާ ދިރުންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ފެން ބޭނުންވެއެވެ. މިއިން ކޮންމެ ކަމަކަށް ކޮންމެހެން ފެން ބޭނުންވެއެވެ. މާތް ﷲ އެންމެ ފުރަތަމަ ދިރުންހުރި ތަކެތި ލައްވާފައިވަނީވެސް ފެނުގައެވެ. ޢިލްމީގޮތުން ސާބިތު ވެފައިވާ ގޮތުގައި ބިންމަތީގައި ދިރޭ ތަކެތި ދިރިއުޅެން ފެށުމުގެ އެތައް މިލިޔަން އަހަރެއް ކުރިން ކަނޑުތަކާއި ކޯރުތަކުގައި ދިރޭ ތަކެތި އުޅުނެވެ. އަދި ކަނޑުތަކުގައި ދިރޭ އެއްޗެހި އުޅުނު އެޒަމާނުގައި ހިކިފަސްތަން އޮތީ އެއްވެސް ދިރޭ އެއްޗެއްނެތް ހުސްބިމެއްގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގެ އިސްވެދިޔަ އާޔަތުގައި ވާފަދައިން، ދިރޭ އެއްޗެހީގެ ހަށިގަނޑު އުފައްދަވާފައިވަނީ ފެނުންނެވެ. އަދި ފެނާ ނުލައި ދިރޭ ތަކެތީގެ ހަށިގަނޑުގެ އެއްވެސް މަސައްކަތެއް ނުހިނގައެވެ. އަދި ދިރޭ ތަކެތި އެންމެ ފުރަތަމަ ލެއްވީ ފެނުގައެވެ. މި ޙަޤީޤަތްތަކީ ވަރަށް ފަހަކާ ޖެހެންދެން އިންސާނުންނަށް ނޭގޭ ކަމެކެވެ.

ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި  މާތްﷲ ދެދުވަހުގެ ތެރޭގައި ބިން އުފައްދަވާ، އެބިމުގައި ކާބޯތަކެތި ލައްވާފައިވާ ކަމަށް އަންގަވާފައިވާ އެންގެވުމާ ފެނާ ގުޅުމެއް ވޭތޯ ބަލާލާނަމެވެ. މާތްﷲ ވަޙީކުރައްވަނީ: (سورة فصلت 9-10)  [قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَندَادًا ذَلِكَ رَبُّ الْعَالَمِينَ] މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ. ދުނިޔެ ދެދުވަހުން އުފެއްދެވި (މީގެ މުރާދަކީ، ވުޖޫދުވުން ތަޤްރީރު ކުރެއްވެވި) ކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ކުފުރުވެރިވެ އަދި ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ޝަރީކުން މެދުވެރިކުރަނީ ހެއްޔެވެ. އެކަލާނގެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެއެވެ.] [وَجَعَلَ فِيهَا رَوَاسِيَ مِن فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاء لِّلسَّائِلِينَ] މާނައީ: [އެތަނުގައި (ބިމުގައި) ފަރުބަދަތައް ލައްވައި، އަދި އެތަނަށް ބަރަކާތް ދެއްވައި އެތަނުގެ އަހުލުވެރިން ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެތި ލައްވަވައި އެދޭމީހުންނަށް ފުރިހަމަ ކުރެއްވެވީ ހަތަރު ދުވަހުގެ ތެރޭގައެވެ. އަދި އެހެން އާޔަތްތަކެއްގައި ވަނީ (سورة النازعات 30-31) : [وَالْأَرْضَ بَعْدَ ذَلِكَ دَحَاهَا] މާނައީ: [އެއަށްފަހު، ބިން ފެތުރުއްވިއެވެ.] [أَخْرَجَ مِنْهَا مَاءهَا وَمَرْعَاهَا] މާނައީ: [އެބިމުގެ ފެނާއި، އެފެނުގެ ސަބަބުން ބިމުން ފަޅައިގެން ހެދޭ ވިނަތައް އެކަލާނގެ އުފައްދަވައި ނެރުއްވިއެވެ.]

ބިމަކީ ފެން އެންމެގިނަ ޕްލެނެޓެވެ. އެހެންކަމުން ޢިލްމުވެރިން ބިމަށް ކިޔަނީ ނޫ ޕްލެނެޓް ނުވަތަ ފެނުގެ ޕްލެނެޓެވެ. ކުރީޒަމާނުގައި ޢިލްމުވެރިން ޢަޖައިބުކުރުވި އެއްކަމަކީ މި ބިންމަތީގައިވާ ހުރިހާ ފެނެއް އައީ ކޮންތާކުން ބާއެވެ. މިސުވާލު އުފެދުމުންނެވެ. ނަމަވެސް ފަހުން ޢިލްމުވެރިންނަށް ހޯދުނު ގޮތުގައި މިހުރިހާ ފެނެއްވެސް ނުކުންނަނީ ބިމުގެ އަޑިންނެވެ. [أَخْرَجَ مِنْهَا مَاءهَا وَمَرْعَاهَا]. އަލިފާން ފަރުބަދަތަކުން ނުކުންނަ ދުމާ ގޭސް ތަޙްލީލު ކުރުމަށްފަހު ޢިލްމުވެރިން ވިދާޅުވަނީ އެބައިމީހުނަށް އެނގުނު ގޮތުގައި އޭގެ ބޮޑުބަޔަކީ ފެނުގެ އާވިކަމުގައެވެ. އޭގައި ހިމެނޭ ފެނުގެ މިންވަރު %70 އަށްވުރެ ގިނައެވެ. ބިމުން ނުކުންނަ ފެނުގެ އާވީގެ މިންވަރާ، އަހަރަކު އެވްރެޖްކޮށް ނުކުންނަ ޢަދަދާއި، މިންވަރާއި ބިމުގެ ޢުމުރަށް ބަލާ ހިސާބު ހެދުމުން ފެނިގެންދަނީ އެއީ ގާތްގަނޑަކަށް މިބިމުގައި ފެން ލައްވާފައިވާ ނިސްބަތާއި ގާތް އަދަދެއް ކަމެވެ. މިބިމުގައި ފެން ލައްވާފައިވާ ނިސްބަތަކީ %71 އެވެ. ބާކީ ބަޔަކީ ހިކިފަސް ތަނެވެ. އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ފެނުގެ މިންވަރަކީވެސް %71 އެވެ. އަދި ހަމަމިގޮތަށް އަލިފާން ފަރުބަދަތަކުން ނުކުންނަ ގޭހުގައި ހިމެނޭ ފެނުގެ މިންވަރަކީވެސް %71 އެވެ. ސުބްޙާނަﷲ! މާތްﷲގެ ޙިކްމަތްފުޅާ އިރާދައިގެ މޮޅުކަމެވެ.

މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގައި ވެއެވެ. [وَاللَّهُ خَلَقَ كُلَّ دَابَّةٍ مِن مَّاء فَمِنْهُم مَّن يَمْشِي عَلَى بَطْنِهِ وَمِنْهُم مَّن يَمْشِي عَلَى رِجْلَيْنِ وَمِنْهُم مَّن يَمْشِي عَلَى أَرْبَعٍ يَخْلُقُ اللَّهُ مَا يَشَاء إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ] (سورة النور 45) މާނައީ: [ދިރުން ދެއްވާފައިވާ ކޮންމެ އެއްޗެއްމެ ފެނުން، މާތްﷲ ހައްދަވާފައިވެއެވެ. ފަހެ ބަނޑުލައި ލޫދެމުން ހިނގާތަކެތި އޭގެ ތެރޭގައި ވެއެވެ. އަދި، ދެފައިމައްޗަށް ތެދުވެ ހިނގާތަކެތިވެސް އޭގެ ތެރެއިން ވެއެވެ. އަދި، ހަތަރެސްފައި ޖަހައިގެން ހިނގާ ތަކެތިވެސް އޭގެ ތެރޭގައި ވެއެވެ. މާތްﷲ އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވައެވެ. ހަމަކަށަވަރުން މާތްﷲއީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.]

އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. [ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الأَنْهَارُ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاء وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللّهِ وَمَا اللّهُ بِغَافِلٍ عَمَّا تَعْمَلُونَ] (سورة البقرة 74) މާނައީ: [އެއަށްފަހުގައި އަނެއްކާވެސް ތިޔަބައިމީހުންގެ ހިތްތައް ގާވެ، ހަރުކަށި ވެއްޖެއެވެ. އެހިތްތަކެކޭ ހިލަތަކެކޭ އެއްފަދައެވެ.  ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. ހިލައިގެ ތެރެއިންވެސް ފެންއާރުތައް ހިނގާ ހިލައާއި ފަޅިފަޅި ވެގެންގޮސް އެއިން ފެން ނުކުންނަ ހިލައާއި މާތް ރަސްކަލާނގެ ކިބައަށް ބިރުން ތިރިއަށް ފައިބާ ހިލަވާކަން ޔަޤީނެވެ. އަދި ތިޔަބައިމީހުން ކުރާ ޢަމަލުތަކުން މާތްﷲ ޣާފިލުވެ ވޮޑިގެން ނުވެތެވެ."

ބިންގަނޑު ގޮވާ، ފެންނުކުންނަނީ އަލިފާން ފަރުބަދަ ގޮވުމުންނެވެ. ބިންގަނޑު ފަޅައިގެން ދަނީ ބިންގަނޑުގައި ރެނދުލާ ކަނޑައިގެން ދިޔުމުންނެވެ. މިގޮތަށް ބިންގަނޑު ކަނޑައިގެންގޮސް އެއިން ބައެއް އަޑިއަށްގޮސް ފެންހުންނަ ބައެއް މައްޗަށް އެރުމުން ފެން އާރުތައް އުފެދެއެވެ. އެހެންކަމުން ބިމުގެ ހިލަތަކުގެ ތެރެއިން ބައެއް ހިލަތަކަކީ ގޮވާ ފެންއަރާ ހިލަތަކެވެ. އަނެއްބައި ހިލަތަކަކީ ފަޅަފަޅައިގެންގޮސް ފެންއަރާ ހިލަތަކެވެ.

އިދާރާ

ވާހަކަ