އަދުގެ ޚާއްސަ

Print

ބިގް ބޭންގް ތިއަރީ

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ޢިލްމުވެރިން ވިދާޅުވަނީ މިގޮތަށް މިކައުނުގެ ބޮޑުމިން އިތުރުވަމުން ފުޅާވަމުންދާ ދިޔުމަށް ބަލާއިރު، މިފުޅާވުން ކުރިން އޮންނާނެކަމަށް ލަފާކުރެވެނީ ނުވަތަ މިފުޅާވުން ކުރީގެ ޒަމާނަށްދާނަމަ މިކައުނު އުފެދިފައިވާ މާއްދާވާނީ އެކުވެފައިވާ އެކަތިގަނޑަކަށެވެ. ނުވަތަ އެއް ގެލެކްސީ އަކަށެވެ. މި ގެލެކްސީގައި ހަކަތައާއި ބުރަދަން އާދަޔާ ޚިލާފަށް މަތިވާނެއެވެ. އަދި މި ގެލެކްސީ ގޮވާ އޭގެ ބައިތައް ބުރަ ބުރައިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު ގެލެކްސީތައް އުފެދިގެން ދިޔައެވެ.

މިއީ މިކައުނު އުފެދުނުގޮތާ ބެހޭގޮތުން ޢިލްމުވެރިން މިހާރު އެންމެ ޤަބޫލުކުރާ ތިޔަރީއެވެ. މި ތިޔަރީއަށް ކިޔަނީ [ބިގް ބޭންގް ތިއަރީ] ނުވަތަ ބޮޑު ގޮވުމެވެ. މިކައުނު ފުޅާވުމާއި މިކައުނުން އަހަރެމެންނަށް ފެންނަބައިގެ ކައިރި ފަށުގައި ކައުނީ ދުން ނުވަތަ ފުސް ތަކެއްވާކަން މިތިއަރީން ހާމަކޮށްދެއެވެ.

މި ޙަޤީޤަތް ސިފަކުރައްވާ ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވަނީ

أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاء كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ  (الأنبياء 30)

މާނައަކީ: " އުޑުތަކާއި ބިންތައް އެއްވެފައިވަނިކޮށް ތިމަން ރަސްކަލާނގެ އެތަކެތި ވަކިވަކި ކުރައްވައި (ނިޒާމު ދެއްވަވައި) ހެއްދެވިކަން ކާފިރުވެގަތް މީހުނަށް ނޭނގެނީ ހެއްޔެވެ؟ އަދި ތިމަން ރަސްކަލާނގެ ހުރިހާ ދިރޭ ތަކެތީގެ ޙަޔާތް، ފެނުގެ ސަބަބުން ދެއްވަވައި އުފެއްދެވީމެވެ. ފަހެ، މިފަދަ ނިޢުމަތްތައް ދެއްވުމާއެކުވެސް އެބައިމީހުން އީމާން ނުވަނީ ހެއްޔެވެ؟ "
މިއީ ބިގް ބޭންގްގެ ކުރިން މިކައުނު އޮތްގޮތް ވަރަށް ފުރިހަމައަށް ސިފަކޮށްދޭ ސިފަކުރުމެކެވެ. މި އާޔަތުގެ މަދު ބަސްތަކުން ފަލަކީ ޢިލްމުގައި މިކައުނު އުފެދުނު ގޮތާބެހޭގޮތުން ހޯދިފައިވާ ހުރިހާ ޙަޤީޤަތްތަކެއް އެނގިގެން ހިނގައްޖެއެވެ. މިއާޔަތުގައި އުޑާ، ބިމާއޭ ވަޙީކުރެއްވުމުގެ ބަދަލުގައި ވަޙީކުރައްވާފައިވަނީ އުޑުތަކާއި ބިންތަކެވެ. މި ޢިބާރާތުން ދޭހަކޮށްދެނީ އަހަރެމެންނަށް މިފެންނަ އިރުފަދަ އެތައް އިރެއް ވާކަމެވެ. އަދި މިބިންފަދަ އެތައް ޕްލެނެޓްތަކެއް ވާކަމެވެ. އަދި ޢިލްމީގޮތުން ސާބިތުވެފައިވާ ގޮތަށް މިތަކެތި ވަކިވުމުގެ ކުރިން އެކަތިގަނޑެއްގެ ގޮތުގައިވާ ފުސްގަނޑެއްގެ ގޮތުގައި އޮތްކަމެވެ. މިއާޔަތުގައި ކާފަރުންނަށް ސުވާލު އައިސްފައިވާއިރު މި ޙަޤީޤަތް ހޯދި ޢިލްމުވެރިންނަކީ ޤުރްއާނަށް އީމާންވާ ބައެއް ނޫނެވެ. އަދި އެބައިމީހުންނަކީ ފަހަރުގައި ސަމާވީ އެއްވެސް ދީނެއް ޤަބޫލުކުރާ ބަޔަކަށްވެސް ނުވެދާނެއެވެ.

ވިހިވަނަ ޤަރުނުގައި ޢިލްމުވެރިން ހޯދާފައިވާ މި ހޯދުމަކީ މީގެ 1400 އެތައް އަހަރެއްގެ ކުރިން ކީރިތި ޤުރްއާނުން އަހަރެމެންނަށް އަންގަވާފައިވާ ޢިލްމީ ޙަޤީޤަތެކެވެ. ޢިލްމުވެރިން ޔަޤީންކޮށްދޭ ގޮތުގައި އިރާއި އޭގެ ވަށައިގެންވާ ޕްލެނެޓްތައް ދުމުންވާ ވިލާގަނޑެއް ފަދައިން ވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

ثُمَّ اسْتَوَى إِلَى السَّمَاء وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ اِئْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ  " (فصلت 11)

 މާނައަކީ: " ދެން އުޑު ދުންގަނޑެއްގެ ސިފައިގައި ވަނިކޮށް، އުޑަށް އިސްތިވާއު ކުރުއްވައި، އުޑަށާއި ބިމަށް ވަޙީކުރެއްވިއެވެ. އިޚްތިޔާރުގައި ނުވަތަ މަޖުބޫރުވެގެން ތިމަން ރަސްކަލާނގެ އަމުރަށް ތަބަޢަވާށެވެ. އުޑާއި ބިން ދެންނެވިއެވެ. އިޚްތިޔާރުގައި ތަބަޢަ ވެއްޖައީމެވެ."

ދުމުންވާ މި ވިލާގަނޑަކީ ނުވަތަ ނެބިއުލާއަކީ ސޯލާ ސިސްޓަމްގައި ހިމެނޭ އިރާއި އެހެނިހެން ޕްލެނެޓްތައް އުފެދިފައިވާ ހުރިހާ މާއްދާއެއް އެކުލެވިގެންވާ ދިޔާ އަލިފާން ގުޅަވަރެއް ފަދަ އެއްޗެކެވެ. އޭގެ މެދު ބޮޑުވެފައި ބޯ، އަދި ކައިރިފަށް ތުނި ލުއި، އޭގެ އަމިއްލަ ނަފްސު ވަށައިގެން ވަރަށްބާރު ސްޕީޑްގައި ދައުރުކުރަމުން ދިޔަ އެއްޗެކެވެ. އަދި އޭގެ ކައިރި ފަށުން ނެއްޓިގެންދާ ބައިތަކުން ސޯލާ ސިސްޓަމްގެ ޕްލެނެޓްތައް އުފެދުނެވެ. މި ވިލާގަނޑުގެ މެދުގައި ހުންނަ ދަމާ ބާރުގެ ސަބަބުންނާއި އޭގެ އަމިއްލަ ނަފްސު ވަށައިގެން ދައުރުކުރުމާއި، މީ ދިޔާ ނުވަތަ މަޑު އެއްޗެއްކަމުން އޭގެ ބައްޓަން ވައް ބައްޓަމަށް ބަދަލުވިއެވެ. މިއީ އިރު އުފެދުނުގޮތް ކަމުގައި ބެލެވެއެވެ. މިވިލާގަނޑުގެ ކައިރިފަށުން ނައްޓައިގެން ދިޔަ ބައިތައްވެސް ވަށްވެ އެބައިތަކުގެ އެތެރެބައި އަނދައަނދާ ހުއްޓާ ބޭރު ފަށަލަ ނިވި، ފިނިވެ ބިމާ އެއްފަދަ އެހެނިހެން ޕްލެނެޓްތައް އުފެދުމެވެ.

މިއާޔަތުގައި މާތްﷲ ވަނީ " دخان ނުވަތަ ދުންގަނޑު" މިކަލިމައިން ނެބިއުލާ ސިފަ ކުރައްވާފައިއެވެ. މި ސިފަކުރުމަކީ ބަހުގެ ގޮތުން ބަލާއިރުވެސް ބަލާޣާތްތެރި އޭގެ މާނަ ފުން ސިފަކުރުމެކެވެ. ޢިލްމީގޮތުން ބަލާއިރު الدخان ނުވަތަ ދުމަކީ ބޮޑުބައި ގޭހުން އުފެދި، އޭގައި ހަރު އެތިކޮޅުތަކެއް އެކުވެ ކޮންމެވެސް ވަރަކަށް ކަޅުކަމާއި އަނދިރިކަން އެކުލެވޭ އަދި ކޮންމެވެސް ވަރަކަށް ހޫނު އެކުލެވޭ އެއްޗެކެވެ. މި އާޔަތުގައި އުޑާ ބިން މާތްﷲގެ އަމުރުފުޅަށް އިޚްތިޔާރުގައި ތަބާވެއްޖައީމުއޭ ބުނުން އެއީ ޙަޤީޤީ އެއްޗެއްތޯ ބަލާލަން ޖެހެއެވެ.

ފަލަކީ ޢިލްމުވެރިން ވިދާޅުވަނީ ފަޒާގެ ތެރޭގައިވާ އެއްޗެއްވެސް ﷲގެ އިރާދައާއެކު ޙަރަކާތްތެރިވަނީ އެ އެއްޗެއްގައި ޖަމާވެފައިވާ ހަކަތައަކާއި އެ އެއްޗެއްގެ ބުރަދަނުގެ ސަބަބުންނެވެ. ބިން ފިނިތަނެއް ކަމުގައިވެ، ބިމުގެ ވަށައިގެން ގޭސް ފަށަލައަކާއި ފެން ފަށަލައެއް ލައްވާ ދިރިއުޅެން ކަމުދާ ތަނެއް ކަމުގައިވީ މިސަބަބަށް ޓަކައެވެ. އަދި ހަނދުކުޑަވެފައި ބިމާ ތަބާވެގެން ދަތުރުކުރާ އެއްޗެއް ކަމުގައި ލައްވާ، އޭގެ ވަށައިގެން ގޭހާއި ފެން ނުލައްވާ، ދިރިއުޅުމަށް ކަމުނުދާ ތަނެއްކަމުގައިވީ މި ސަބަބަށް ޓަކައެވެ.

މިއިން ކޮންމެ އެއްޗަކަށް ލިބޭ ބުރަދަނަކީ މިޕްލެނެޓްތައް އުފެދިގެން އައި ފުސްގަނޑުން ވަކިވެގެން އައިއިރު އެ އެއްޗެއްގައި ޖަމާވި ހަކަތައާއި މާއްދާތަކެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ