އަދުގެ ޚާއްސަ

Print

ބޮކިތެޅުމުން....ދެން ހަދާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



އެނަރޖީ ސޭވިންގ ބޮތްކެއް ތަޅައިގެން ދިއުމުން ދެންހަދާނީ ކިހިނެއް؟

ޢަބްދުﷲ ފިރާޤް

އަޅުގަނޑުމެންގެ ގޭގޭގައާއި، އޮފީސްތަކުގައި އާންމުކޮށް މިހާރު ބޭނުން ކުރަމުން މިދަނީ "އެނަރޖީ ސޭވިންގ" ބޮކި ނުވަތަ ސީ.އެފް.އެލް (ކޮމްޕެކްޓް ފްލޮރިސެންޓް ލޭމްޕް) އެވެ. ކަރަންޓް ޚަރަދު ކުޑަ، ގިނަދުވަހަށް ދެމިހުންނަ މިލައިޓަކީ އާންމު ބޭނުންތަކަށް ބޭނުންކުރަން އެންމެ ރަނގަޅު ލައިޓޭވެސް ބުނެވިދާނެއެވެ.  

ކޮންމެ ކަމެއްގައިވެސް ރަނގަޅު ނުރަނގަޅު ހުންނަ ފަދައިން މި ލައިޓް ގެންގުޅުމުގައިވެސް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން މިތަނުގައި ފާހަގަކޮށްލާނީ ސީ.އެފް.އެލް ލައިޓެއް ތަޅައިގެން ދިއުމުން ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ.  

      ސީ.އެފް.އެލް ލައިޓުގައި "މާކަރީ" ހިމެނޭނެއެވެ. އާންމުކޮށް ކޮންމެ ސީ.އެފް.އެލް ލައިޓެއްގައިވެސް 4 މިލިގްރާމް "މާކަރީ" ހިމެނެއެވެ. ނަމަވެސް މިހާރު އުފައްދާ މި ލައިޓްތަކުގައި ބޭނުންކުރާ މާކަރީގެ އަދަދު މަދުކުރެވޭތޯ މަސައްކަތްތަކެއް ދަނީ ކުރެވެމިންނެވެ. މާރކަރީ އަކީ އިންސާނުންގެ ސިއްޙަތައް ނުކައްވާ އެއްޗެކެވެ. ނަމަވެސް ސީ.އެފް.އެލް ލައިޓުގައި އަލި އުފެއްދުމަށްޓަކައި މާކަރީ ބޭނުންވެސް ވާނެއެވެ. އެހެންކަމުން ސީ.އެފް.އެލް ލައިޓެއް ތަޅައިގެން ހިނގައްޖެނަމަ ރައްކާތެރިކަމާއިއެކު ނައްތާލުމަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ.
 

    * ސީ.އެފް.އެލް ލައިޓެއް ތަޅައިގެން ދިއުމުން ކަންކުރާނެގޮތް

          o ބޮކި ތަޅައިގެންދިޔަ ހިސާބުގައިވާ އެއްމެން ވީއެންމެ އަވަހަކަށް އެތަނުން ބޭރަށް ނެރޭށެވެ. އަދި އެއްވެސް ދިރޭއެއްޗެއް ވާނަމަވެސް މިގޮތަށް ކަންކުރާސެވެ. ބޭރަށް ނުކުންނަންދާއިރުވެސް ބޮކި ތަޅައިގެންދިޔަ ހިސާބާކައިރިން ނުދިއުމަށް ބުނާށެވެ.

          o އެތަނެއްގައިވާ ދޮރުތަކާއި ކުޑަދޮރުތައް ހުޅުވާލާ ވައި ދައުރުވާގޮތަށް މަދުވެގެން 15 މިނެޓް ބަހައްޓާށެވެ.
          o އެއަރކަންޑިޝަން ނުވަތަ ހީޓަރު ފަދަ ތަކެތި ނިއްވާލާށެވެ.
          o ތަޅައިގެންދިޔަ އެތިކޮޅުތައް ބިއްލޫރި ޖަގަކަށް ނުވަތަ ރައްކާތެރި ޕްލާސްޓިކް ކޮތަޅަކަށް އަޅާށެވެ. މިކަން ކުރަންވާނީ އަތަށް އަންގި ލައްވައިގެން ނުވަތަ އެއްޗަކުން ހިފައިގެނެވެ.
          o ތެތްފޮތިބޭނުންކޮށްގެން ރަނގަޅަށް ސާފުކުރާށެވެ. ސާފުކުރަން ބޭނުންކުރި ފޮތިތައްވެސް އުކާލުމަށްޓަކައި ޕްލާސްޓިކް ކޮތަޅަށް އަޅާށެވެ.
          o ކާރޕެޓް އަޅާފައި އޮތްތަނެއްނަމަ ތަތްލަވާ ޓޭޕް ފަދަ އެއްޗެއް ބޭނުން ކޮށްގެން އެންމެކުދި ކުދި އެތިކޮޅުތައްވެސް ނަގާށެވެ.
          o ކާރޕެޓް އަޅާފައި އޮތްތަނެއްނަމަ ފެންނަންހުރި ހުރިހާ އެތިކޮޅުތައް ނެގުމަށްފަހު ވެކިއުމް ކްލީނަރ ބޭނުންކޮށްގެންވެސް ބޮކި ތަޅައިގެންދިޔަ ހިސާބު ސާފުކުރާށެވެ. ވެކިއުމް ކްލީނަރުގެ ބޭގުވެސް ނައްޓާލާ ޕްލާސްޓިކް ކޮތަޅަކަށްލާށެވެ.
          o ހެދުން ނުވަތަ އެނދު ފަދަ ތަނަކަށް މާކަރީ އެޅިއްޖެނަމަ އެފަދަ ތަކެތި ބޭނުން ނުކޮށް އުކާލާށެވެ.
          o އެއްވެސް ހާލެއްގައި މިފަދަ ތަކެތި ދޮވެ ނުހަދާށެވެ.
          o ނަމަވެސް ސީދާ މާކަރީ ނޭޅޭ ހެދުންފަދަ ތަކެތި ދޮވެގެން ބޭނުންކުރުން އެންމެ ރަނގަޅުވާނެއެވެ.
          o ފައިވާން ނުވަތަ ބޫޓްފަދަ އެއްޗަކަށް މާކަރީ އެޅިއްޖެނަމަ ތެތްފޮތި ބޭނުންކޮށްގެން ސާފުކުރާށެވެ. އެއަށްފަހު އެފޮތިތައް އުކާލުމަށްޓަކައި ޕްލާސްޓިކް ކޮތަޅަކަށް އަޅާށެވެ.
          o ސާފުކުރަން ބޭނުންކުރި ހުރިހާ އެއްޗެއްވެސް އުކާލުމަށްޓަކައި އަވަހަށް ބޭރަށްނެރެ މިފަދަ ތަކެތި އުކާލުމަށް ހަމަޖެހިފައި ތަނަށް ގެންދާށެވެ.
          o އަތްދޮންނަ އެއްޗެއް ބޭނުން ކޮށްގެން ރަނގަޅަށް އަތް ދޮންނާށެވެ.

 

މާކަރީ އެޅުމުން މިވަރަށް ސާފުކުރަންޖެހުމުން ދެން ހިތުގައި އުފެދޭނެ ސުވާލަކީ މާކަރީ އަކީ ކޮބާބާވައެވެ. އެހެންކަމުން މާކަރީ އަކީ ކޮބައި ކަމާއިމެދުވެސް އެއްޗެއް ބުނެލާނަމެވެ.

    

މާކަރީ އަކީ ޤުދުރަތީގޮތުން އުފެދިފައިވާ އެލިމެންޓެކެވެ. ޕީރިއޮޑިކް ޓޭބަލްގައި Hg ގެ ނަމުގައި ފާހަގަކުރެވިފައިވާނެއެވެ. މާކަރީ ވައިގެތެރެއަށް ފެތުރުމަށް ޤުދުރަތީ ގޮތުން ދިމާވާ ކަންކަމާއި އިންސާނުންގެ ފުށުން ދިމާވާ ކަންކަންވެސް ހިމެނެއެވެ. އިންސާނުންގެ ފުށުން ވައިގެތެރެއަށް މާކަރީ ފެތުރެން ދިމާވާ އެންމެބޮޑު އެއްސަބަބަކީ ކޯލް އަންދައިގެން ހިންގާ ޕަވަރ ޕްލާންޓްތަކެވެ. ގުދުރަތީގޮތުން ކޯލް ގައި މާކަރީ ހިމެނޭއިރު، މި ކޯލް އެންދުމުގެ ސަބަބުން ވައިގެތެރެއަށް މާރކަރީ ބޭރުވެގެންދެއެވެ. 2007 ވަނައަހަރު ހަމައެކަނި އެމެރިކާގައިވެސް 290 މިލިއަން ސީ.އެފް.އެލް ބޮކި ވިކިފައިވެއެވެ. އެހެންކަމުން ހަމައެކަނި މި ބޮކިތައް ތަޅައިގެން ދިޔަކަމުގައިވިއަސް ނުވަތަ ރަނގަޅުގޮތުގައި ނައްތާނުލެވިޖެނަމަ 0.16 މެޓްރިކްޓަނުގެ މާރކަރީ ޖައްވުގެ ތެރެއަށް ބޭރުވާނެއެވެ.  

      އިންސާނެއްގެ ހަށިގަނޑުގެ ތެރެއަށް މާކަރީ ހިނގައްޖެނަމަ ތަފާތު އެތައް އެތައް ނުރައްކަލަކާއި ކުރިމަތިވެދާނެއެވެ. މިގޮތުން ކިޑްނީގެ މައްސަލަތައްދިމާވުމާއި، ސެންޓްރަލް ނާވަރ ސިސްޓަމަށް ދިމާވާ މައްސަލަތައް ފާހަގަކޮށްލެވެއެވެ. ގިނައަދަދަކަށް މާކަރީ ހަށިގަނޑު ތެރެއަށް ވަދެއްޖެނަމަ ހަނދާންނެތޭގޮތް ވުމާއި، ނާރުތަކުގެ މައްސަލަދިމާވުމާއި، ބޮލުގަރިހުން އަދި މީހާ ހުއްޓުންއެރުންފަދަ ނުރައްކާތައްވެސް ހިމެނެއެވެ. އަދި ބައެއް ދިރާސާތަކުން ދައްކާގޮތުގައި އަންހެނުން ބައިގެން ދިއުމުގެ ނުރައްކާވެސް އެބައޮތެވެ. އަދި ކެންސަރުފަދަ ނުރައްކަލަކަށް މަގުފަހިވުމަކީވެސް މާކަރީގެ ސަބަބުން ވެދާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.  

      ކަންމިހެން ހުރުމާއިއެކު އަޅުގަނޑުމެންގެ ގެތަކުގައާއި އޮފީސްތަކުގައި ބޭނުން ކުރަމުންދާ ބޮކިތަކުގައި އިންސާނުންނަށް ނުރައްކާތެރި މާއްދާއެއް އެކުލެވިފައި ވުމުން އެކަމުން ރައްކާތެރި ވުމަށް މި މަޢުލޫމާތު ކޮޅުފުދޭނެކަމަށް އުންމީދުކުރަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ