އަދުގެ ޚާއްސަ

Print

ހުވަފެނެއްބާވަ އެވެ؟

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު ދީދީ (1979)

މީހުން ބުނެއުޅޭ ގޮތުގައި ހުވަފެނަކީ، ބިލާހެކެވެ. ބިލާހަކީތޯ އެވެ. ބަސްފޮތް ބުނާގޮތުގައި އެއީ ޙަޤީޤަތެއް ނޫންކަމެކެވެ. އަދި އަސްލެއް ނުވާ ފެނުމެކެވެ.
އެކަން ކޮންމެ ގޮތަކަށް އޮތަސް، އަޅުގަނޑު ދަންނަވާން މި އުޅޭކަމަކީ، ހިނގިކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅައި ދަންނަވާކަށް ނޭނގުނެވެ.
ތަނަކީ ކޮންމެވެސް ތަނެކެވެ. ވަގުތަކީ ދުވާލުގެ އެންމެ ހޫނުކަން ގަދަ މެންދުރުގެ ފަހުގެ ވަގުތެކެވެ. ހަށިތަކާއި ސިކުނޑިތައް ކަންނެތް ކޮށްލާ ވަގުތެވެ. ކޮންމެވެސް ގޮތަކުން ކޮންމެވެސް ތަނެއްގައި އޮށޯވެލައި ހަމަޖެހިލާން ބޭނުންވާ ވަގުތެވެ.

އޮށޯވެވިއްޖެ އެވެ. ހަމަޖެހިލެވިއްޖެ އެވެ. ލޯމަރައިލެވިއްޖެ އެވެ. ބޭރުން އިވެމުން ދިޔަ އަޑުތައް މަޑުވަމުން  ގޮސް، ހުރިހައި އަޑެއްމެ މަޑުވެ ހިމޭން ވެއްޖެ އެވެ.  އަޑެއް ބަޑެއް ނީވެ އެވެ. އިވެނީ އެންމެ އަޑެކެވެ. މަތިންދާ ބޯޓެއްގައި އިންނަ އިރު އިވޭ ކަހަލަ އަޑެކެވެ. ބޫން އަޑެކެވެ. އިންޖީނެއްގެ އަޑެވެ.

ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވައި ބަލައިލި އިރު މި އިނދެވުނީ ބޯޓެއްގެ ތެރޭގަ އެވެ. އުދުހިފައިދާ ބޯޓެކެވެ. މި ބޯޓަށް އެރުނު ގޮތެއް ނޭނގުނެވެ. މި ދެވެނީ ކޮންތާކަށް ކީއްކުރާން ކަމެއްވެސް ނޭނގުނެވެ. ތިބި މީހުންގެ މައްޗަށް ބަލައިލާއިރު، އެންމެން ތިބީ އެއްގޮތަށް އެއް ސިފައެއްގަ އެވެ. އެއްކަހަލަ ހެދުން ލައިގެންނެވެ. އެއްކުލައިގަ އެވެ. އެއް އިސްކޮޅެކެވެ. އެއްރޫފަ އެވެ. އެއްގޮތެވެ. އެއް........ އާދެ! އެއް ޖިންސެވެ.

ކުޑަކޮށް ވިސްނައިލި އިރު މުޅިންވެސް ތިބީ..... އަޅުގަނޑެވެ. އަޅުގަނޑުތަކެކެވެ. ކުރިމަތިންވެސް ފަހަތުންވެސް އަރިއަރިމަތިންވެސް އަޅުގަނޑެވެ. މަތި ބަލައިލި އިރު މަތިންވެސް އަޅުގަނޑެވެ. ތިރި ބަލައިލި އިރު ތިރިންވެސް އަޅުގަނޑެވެ. ހަފަރާތުންވެސް އަޅުގަނޑެވެ.
ގަތްބިރު ވަކީން ބޮޑެވެ. ހާސްވެއްޖެ އެވެ. ހަޅޭލައިގަންނާން އުޅެ އެކަމެއް ވެސް ނުވި އެވެ.

ދެން ގަތްބިރު އަދި ވަކީން ބޮޑުވި އެވެ. އެންމެ ގާތަށް އިން އަޅުގަނޑުކުރެން އަހައިފީމެވެ.

- '' މިވަނީ ކީއްތޯ އެވެ؟ މި ދެވެނީ ކޮންތާކަށްތޯ އެވެ؟''
    ޖަވާބު ހަމަ އަޅުގަނޑުގެ އަޑުން ލިބުނެވެ.

-'' މި ވަނީ ހަމަ މިހެންނެވެ. މި ދެވެނީ ހަމަ މި ދާތަނަށެވެ.''

-'' ނޭނގުނެވެ. އަންގަވައިދެއްވާނުތޯ އެވެ؟ ތިޔައީ ފަހެ ކާކުތޯ އެވެ؟''

-'' މީ؟ މީ ތިޔަ ތިޔައީ މި، އެއީ ވެސް ތިޔަ ހައްތާވެސް ތިޔަ''

-'' އެނގިއްޖެ. ހައްތާ ވެސް މަ''

މި ހެން ބުނިތަނާ ބޯޓުގެ ދުވެލި ހުއްޓިއްޖެ އެވެ. އެންމެން އެއްފަހަރާ، ތެދުވެއްޖެ އެވެ. ދޮރުތަކެއް ހުޅުވިއްޖެ އެވެ. ހުޅުވުނު ދޮރުތަކުން ނުކުންނާން ބަލައިލި އިރު ދޮރުތަކާއި ހަމަތާ އޮތީ ފެހިކުލައިގެ ވިނަގަނޑެކެވެ. ޤުދުރަތީ ދޫލަ އެކެވެ.

އެންމެން އެކުގައި ފައިބައިގެން ހިނގައިގެންފީމު އެވެ. އެންމެން އެއްގޮތަށެވެ. ފިޔަވަޅު އަޅަނީ ވެސް އެއްގޮތަށެވެ. އެއްވަރަށެވެ. ރޫޓުމާޗެއް ކަހަލަ އެވެ. އެންމެން އެއްވަރަށް ހިނގަމުން ގޮސް ވަދެވުނީ ގެއަކަށެވެ. ބަލައިލިއިރު ފެންނަ ނުފެންނަ ހިސާބުގައި ވަނީ އެއްކަހަލަ ގެތަކެވެ. ކޮންމެ ގެއެއްގައިވެސް ކުޑަ ވަރެއްގެ ބަގީޗާއެކެވެ. މާމެލާމެއްޔާއި މޭވާ އެވެ. ތަރުކާރީއާއި، ބިންކޭލަ ފަދަ ފަލަމަޑީގެ  ހުރިހައި ބާވަތެވެ.

ގޭތެރެވެސް ވަރަށް ރަނގަޅެވެ. ގިފިލި އަދި ވަކީން ރަނގަޅެވެ. ބަރިބަރިއަށް ވަޅުޖަހައިފައި ހުއްޓެވެ. ހައްތާވެސް ތެޔޮ ވަޅެވެ. ކަރާސީނު ތެޔޮ، ގަރުމަތި ތެޔޮ، މާތެޔޮ، ސަންފާ ތެޔޮ، ތިލިޔޮ، މިހެން ގޮސް ހުރިހައިފާޑެއްގެ ތެލެވެ. ވައިތެޔޮ ވެސް އޭގެ ތެރޭގައި ވެއެވެ. އަދި ވަރަށް މޮޅު ތެޔޮ ވަޅެއް ފެނުނެވެ. އެއަށް ކިޔައި އުޅެނީ ފުށްތެލެވެ. އެއީ ގޮދަންފުށާއި، ގިތެލާއި އެއްވެގެން އުފެދިފައިވާ ތެލެކެވެ. ވަރަށް އުފަލުން ހުރެ ކޮންމެ ވެސް އެއްޗެއް ކައިލާނީއޭ ހިތައި ބާޒާރަށް ނިކުންނާން ބަލައިލި އިރު، މިރަށަކީ ބާޒާރެއް އޮންނަ ރަށެއް ނޫނެވެ. ފައިސާއެއް ލާރިއެއް ނުގެންގުޅެއެވެ. ވިޔަފާރިކޮށް ވިއްކައި، ގަތުމެއް ނޯވެ އެވެ. އެމީހެއްގެ ގެއިން އެމީހެއްގެ ހުރިހައި ބޭނުމެއް ފުދޭން ހުރެ އެވެ.

ހިތަށް އެރި އެވެ. އެބުނާ ހަމަހަމަ ކަމުގެ ބިމަކީ މިއީތާ އެވެ. ފުރިހަމަ ކޮމިޔުނިޒަމް އޮންނާނީ މިހެންތާ އެވެ. އެންމެން އެއްވަރެވެ. އެންމެން އެއްގޮތެވެ. މަތިންދާ ބޯޓުން އައިސް ފައިބާން ވީއިރު ވީ ގޮތް ވެސް ފަހުން އެނގުނެވެ. ސިޑިއެއް ފަދަ އެއްޗަކުން ފައިބައިގެން ވާކަށް ނެތެވެ. އެއްބަޔަކު މަތީގައި ތިބޭ އިރު އަނެއްބަޔަކު ތިރީގައި ތިބުމަކީ ކޮށްގެންވާނެ ކަމެއް ނޫނޯލަ އެވެ. އެހެންކަމުން އެހެން ނުވާނެ ގޮތް ވެސް އީޖާދު ކުރީ އެވެ. ލާރި ގެންގުޅެ، ވިޔަފާރި ކުރަނީ ނަމަ އެއްބަޔަކު ތިބޭނީ ''ސައްލިކާރުން'' ނަށް ވެފަ އެވެ. އަނެއް ބަޔަކު ތިބޭނީ އުދަލި ކާރުންނަށް ވެފައެވެ. އެއީ ފަހެ ކަމުދާ ގޮތަކަށް ވާނެތޯ އެވެ؟ ނުވާނެކަން ކަށަވަރެވެ.

ކޮންމެއަކަސް މިހާރު މި ފެނުނީ ރަންބިމެވެ. ހަމަ ކަމުގެ ބިމެވެ. ކާރުލް މަރުކޮސް ދެކެމުން އައި ހުވަފެނުގެ ބިމެވެ. މި ބިމުން ނިކުމެގެން ދެވޭނީ ކޮންފަދަ ބިމަކަށްބާވަ އެވެ؟ އާޚިރަތުގެ ދަނޑުބިމަށް ބާވަ އެވެ؟

ކޮންމެ ތާކަށް ދެވުނު ކަމުގައި ވިޔަސް، މިހާރު މި އުޅެވެނީ މި ބިމުގަ އެވެ. ހަމަ ހަމަ ކަމުގެ ބިމުގަ އެވެ. ރަން ބިމުގަ އެވެ.

އެންމެ ހައިރާންވާން ޖެހުނު ކަމަކީ، އަނެއް ޖިންސުގެ އެއްވެސް މީހަކު ނުފެންނަ ކަމެވެ. އޮޅުން ފިލުވައިލުމުގެ ގަސްދުގައި ކުރެވުނު ސުވާލަށް ލިބުނީ ވަރަށް ރަނގަޅު ޖަވާބެ ކެވެ. އާދެ! '' ތިޔަ ބުނާ އަނެއް ޖިންސަކީ މުޅިންވެސް ޢައުރަ އެވެ. އެމީހުންގެ އަޑު ވެސް  ޢައުރަ އެވެ. ނިވާ ކުރާންވާނެ އެވެ. ބިންމަތިން ގިރާ އިސްތައްޓެއް ފެނުނަސް އެއީ ޢައުރަ އެވެ. ފޮތިގަނޑަކަށްލައި ނިވާކުރާންވާނެ އެވެ. އެހެންވީމާ އަނެއް ޖިންސުގެ މީހުން ތިބެންވީ ގޮތުގައި ތިބޭނެ އެވެ. ފޮށިފޮށީގަ އެވެ. ވަށިވަށީގަ އެވެ. އަލަމާރިތަކާއި ގުދަންތަކުގަ އެވެ.

ހިތަށް އެރި އެވެ. އަނެއް ޖިންސުގެ އެކަކުވެސް ނުފެނުނު ސަބަބަކީ، މިއީ ތާއެވެ.  އަލްއުސްތާޛު ޙުސައިން ފައުޒީ މި ރަށަށް ދުރުވި ބާވަ އެވެ. މި ދެންނެވީ، ދިވެހި ރާއްޖޭގެ އަންހެނުން ފުޅަށް ފުޅަށްމަތީން ފުޅަލިތަކުގެ ތޮނގީ ކޮޅުން ސިއްރުން ބަލާން ތިބޭ ވާހަކަ ލިޔުއްވި ޢިލްމުވެރިޔާގެ ވާހަކަ އެވެ. އަނެއް ޖިންސުގެ މީހެއްގެ ތޫނު ކަޅިރަވަ ވެސް ފެންނާނެ ގޮތެއް ނެތިފައި މި އޮތް ރަށުގެ ވާހަކަ، އޭނާ ލިޔުއްވި ސިންދު ބާދު ޢަޞްކަރީ މިނަން ކިޔުނު ފޮތަކު ނެތެވެ. ޚޫރިޔާ މޫރިޔާގެ ވާހަކަ އޮތް އިރުވެސް މި ބިމުގެ ވާހަކައެއް ނެތެވެ.

ކޮންމެއަކަސް މި ފެންނަނީ ރަންބިމެވެ. ނުވަތަ ބިންރަނެވެ. ހައްތާވެސް މޮޅު ކަންކަމެވެ. ދެރަ އެއްވެސް ކަމެއް ނެތެވެ.

ހަމަ އެހައިމެ އަޖައިބުވާންޖެހުނު އަނެއް ކަމެއްގެ ވާހަކަ ދަންނަވާލުން ކީއްތޯ އެވެ؟ ކުޑަ ކުއްޖަކު ފެންނާކަށް ނެތެވެ. ކުއްޖަކު ރޯ އަޑެއް ނީވެ އެވެ. ހޭ އަޑެއް ވެސް ނީވެ އެވެ.  ކުދީންގެ ބިރެއް އުނދަގުލެއް ނެތެވެ. އުފަލެއް ވެސް ނެތެވެ. ހައިރާންކަން އިންތިހާޔަށް ގޮސް އަހައިނުލައި ނުހުރެވިގެން އަހައިލެވިއްޖެ އެވެ. ލިބުނު ޖަވާބުގެ އަޖައިބުކަން އަދި މާބޮޑެވެ.

އާދޭހެވެ! މިރިނުވެ ގޮބޮޅި ކާށިވާ ގޮތުގެ ވަހަކަ ނާއްސަވަނީތާ އެވެ! މި ބިމުގައި ތިބެނީ ހައްތާ ވެސް އެގޮތަށް ދުނިޔެ އަށް އުފަންވެފައި ތިބި ކުދިންނެވެ. ތައްޔާރީ ބޭސް ހުންނަހެން ފުޅިފުޅީގައި ތައްޔާރުވެގެން އުފަންވެފައި ތިބޭ ކުދީންނެވެ. ރެޑީމޭޑް ކުދިންނެވެ. އުފަންވާއިރު ތިބެނީ ބޮޑެތި ވެފައެވެ. އެހެން ކަމުން ކުދިން ގެންގުޅެ ބޮޑު ކުރުމުގެ އެއްވެސް ބުރައެއް އުނދަގުލެއް ފިކުރެއް ކުރެއް ނެތެވެ. އެހެންވާނެ ނޫންތޯ އެވެ. މިއީ ލުއިފަސޭހަ ދިރިއުޅުން އޮތް  ރަންބިމެވެ.

އިރު ތިރިވަމުން ގޮސް އޮއްސިއްޖެ އެވެ. ރަތްވިލާ ދަޅަވެސް އޮބިއްޖެ އެވެ. މެންދަން ވެއްޖެ އެވެ. ދުނިޔެ ހަމަ ހިމޭން ވެއްޖެ އެވެ. ބޮކިތަކާއި ބައްތިތައް ނިވިއްޖެ އެވެ. މިހާރު އިވެމުންދަނީ ރަށް ނިދާ އަޑެވެ. އަވަށްޓެރީން ނިދާ އަޑެވެ. ތަންގަނޑު ގޭގެއިން އިވޭ ނިދި ނޭވާގެ އަޑެވެ. ގުގުރި ދަމާއަޑެވެ. މި އަޑު މަޑު މަޑުން ގަދަވަމުން ދެ އެވެ.  ގަދަ ވަމުން ގޮސް ކަންފަތަށް ނުކުޅަދާނަ ހިސާބަށް ހިނގައްޖެ އެވެ. ކުއްލިޔަކަށް ޕޮސްލައިފައި އެއްޗެއް ނެއްޓިގެން ދިޔަ ކަހަލަ އަޑަކާއި އެކު، ހޭލެވިއްޖެ އެވެ. ހޭލެވުނު އިރު އޮވެވުނީ އަމިއްލަ ގޭގަ އެވެ. ނިދާ ކޮޓަރީގަ އެވެ. އަމިއްލަ އެނދުގަ އެވެ.

އިވެމުން ދިޔައީ އަމިއްލަ ނިދި ނޭވާގެ އަޑެވެ. ގުގުރި ދަމާއަޑެވެ. ކޮޓަރީގައި ހުންނަ ފަންކާ އެނބުރޭ އަޑެވެ. ތަންގަނޑު ގެއެއްގައި ހުންނަ އިލެކްޓްރިކް ކީހެއް އެނބުރޭ އަޑެވެ. މަގުމަތިން ފުލުފުލުގައި ދިޔަ ދެތިން ލޮރީއެއްގެ އަޑެވެ. މި ހުރިހާ އަޑު އެއްވެގެން އުފެދުނު ގަދަ އަޑެކެވެ. އެއަޑަށް ހޭލެވުނު އިރު އަތުގައި އޮތީ ފޮތެކެވެ. ނިދާން އޮވެގެން ބަލަމުން ގެންދިޔަ ފޮތެކެވެ. ''ހައިރޯޑްސް އޮފް ލިޓްރޭޗަރ'' މި ނަންކިޔާ ފޮތުގެ ތިންވަނަ ބައެވެ. ހުޅުވާލެވިފައި އޮތްތަނަށް ވިސްނާލާ އިރު އެއީ އިނގިރޭސީންގެ މަޝްހޫރު އަދީބު ސަރ ތޯމަސް ހުވަރ ލިއުއްވި ''ޔޫޓޯޕިޔާ'' ގެ ވާހަކަ ލިޔެވިފައިވާ ޞަފުޙާތަކެވެ.

ހިތަށް އެރި އެވެ. އެއީ ވެސް ހުވަފެނެކެވެ. ބިލާހެކެވެ. މިއީ ވެސް ހުވަފެނެކެވެ. ބިލާހެކެވެ.

ހަވާލާ:

މުޙަންމަދު ޖަމީލު (1979). އަމާޒު، ސެޕްޓެމްރ...

އިދާރާ

އެނގޭތަ؟