އަދުގެ ޚާއްސަ

Print

ސަޅި

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމް

"ސަޅި" މި ލަފުޒުގެ މާނައަކީ ކޮބައިތޯ އެވެ؟ ކުރިން މި ލަފުޒު ބޭނުންކުރަމުން އައި ކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައި އޮތީ، މީހެއްގެ ބޮޑާކަމުގެ ސިފަ ބަޔާންކުރުމަށް، ނުވަތަ މީހަކު ކަނޑާ ފޮންޏަށް ނިސްބަތްކޮށެވެ. ނަމަވެސް ފަހުން ފަހުން ރީތީގެ މާނައިގައި ވެސް މި ލަފުޒު ބޭނުންކުރާ އަޑު އައީ އިވެމުންނެވެ. އަދި މިހާރަކަށް އައިސް އެ ނޫން މާނަ މާނައިގައި ވެސް އެ ލަފުޒު ބޭނުންކުރާހެން އެބަ ހީވެއެވެ. ހީވެއޭ މި ދެންނެވީ ބައެއް ފަހަރު އެ ލަފުޒު އަޑު އިވުމުން، އެ ލަފުޒު އެ ބޭނުންކުރީ ކޮން މާނައެއްގައި ބާވައޭ އަޅުގަނޑު ހިތަށް އަރާތީއެވެ. ސަޅި ބޭނުންކޮށްފައި ހުރި ބައެއް ތަންތަން މިސާލުގެ ގޮތުގައި ދަންނަވައިލާނަމެވެ.

(ހ) ޓީވީން ފެންނަ އިޝްތިހާރެއްގެ ތެރެއިން:
- އޯ ސަޅި(1)! ތިޔައީ މިހާރު މުޅިން އާ ކުއްޖެއްނު! ...

(ށ) ޓީވީން ފެންނަ އެހެން އިޝްތިހާރެއްގެ ތެރެއިން:
- އާނ އޯކޭ ބޭއްވީ.
- ހާދަ ސަޅި(2) ފޯނެއް ތިއީ!
....
- ނޭނގޭތަ؛ ފޯނުން ނެޓަށް ވަދެވޭ ކަމެއް؟
- ބޭނުން ސައިޓަކަށް ވަންނަންވީ.
- މޭލުވެސް ޗެކުކޮށްލަންވީ.
- ޗެޓުވެސް ކޮށްލެވޭ.
- ދިރާގު މޯބައިލް އިންޓަނެޓް ވަރަށް ސަޅި(3)އޭ!

މަތީގައި އެވާ 3 ސަޅީގެ ތެރެއިން (1) އާއި (2) ގައި ވާ ސަޅިން އަޅުގަނޑަށް ދޭހަވީ ރީތީގެ މާނައެވެ. އެކަމަކު (3) ގައިވާ ސަޅީގެ މާނައަކީ ކޮބައިބާވައެވެ؟ "ފަސޭހަ" ބާވައެވެ؟ "ފުރިހަމަ" ބާވައެވެ؟ ނުވަތަ އެހެން މާނައެއް ބާވައެވެ؟

(ނ) ރެޑިއޯ އިން އަޑުއިވޭ އިޝްތިހާރެއްގެ ތެރެއިން:
- އޭ އަޙްމަދު! ...
- ... އެންމެ ހެޔޮ އަގު. އެސްއެމްއެސް، އިންޓަނެޓް، އަދި އެމްއެމްއެސް ވެސް އެންމެ އަގު ހެވީ ދިރާގު. އަދި ކޮބާ؟ ޕްރިޕެއިޑް ކޯލުތަކަށް ރާއްޖޭގައި އެންމެ އަގުހެޔޮ އެ ކޮށްދެނީ ދިރާގުން. މިނެޓަކަށް އެންމެ ފަންސާސް ފަސް ލާރި!
-    ހޫނ! ދިރާގު ހާދަ ސަޅި(4)އޭ ދޯ! ....

މި ފަހަރު މި ސަޅީގެ މާނައަކީ "އަގުހެޔޮ" ބާވައެވެ؟

(ރ) ރެޑިއޯ އިން އަޑުއިވޭ އެހެން އިޝްތިހާރެއްގެ ތެރެއިން:
- ލަންކާ އެކެއް، ...
- ވަޠަނިއްޔާ އިން މިހާރު މީގެ ކޮންމެ ޤައުމަކާ ގުޅިއަސް ކުރިއަށް އެކެއް ލައިގެން ގުޅީމަ ގުޅާލެވޭ ދެ ރުފިޔާ ފަންސާސް ލާރިއަށް.
- ހަމައެކަނި އެކެއް ޖަހާލާފަ؟ އަގުހެޔޮވީ؟
- އާނ. އެކެއް ޖަހާލާފަ، ދެން ސުމެއް ސުމަކަށް ފިތާލާފަ، ކަންޓްރީކޯޑާ އެއްކޮށް ނަންބަރު ޖަހާލާފަ ގުޅާލަންވީ!
- ކުރީގަ ހަމަ ގުޅާ ގޮތުގެ ކުރިއަށް އެކެއް ދޯ! ސަޅި(5)!
....

މި ފަހަރު ސަޅި މި ވީ ގުޅައިލާން ހަދާން ޖެހޭ ގޮތް ހެން ހީވެއެވެ. އެހެން ކަމަށް ވާ ނަމަ، މި ސަޅީގެ މާނައަކީ ކޮބައިބާވައެވެ؟ "ފަސޭހަ" ބާވައެވެ؟

(ބ) ރެޑިއޯ އިން އަޑުއިވޭ އެހެން އިޝްތިހާރެއްގެ ތެރެއިން:
...
- އަބަދުވެސް އެންމެ ހެޔޮ އަގު ދިރާގު މޯބައިލް ކަސްޓަމަރުންނަށް!
- އެނގޭތަ؟ އެސްއެމްއެސް ފޮނުވުމަށް ވެސް އެހެން އޮޕަރޭޓަރުންނަށް ވުރެ މާ ހެޔޮ އަގެއް!
- ދިރާގު ތިރީސް ޕަސެންޓު ހެޔޮ އަގެއް ގައި. މެސެޖަކަށް އެންމެ ވިހި ލާރި!
- އެސްއެމްއެސްގެ ވެސް އެންމެ ހެޔޮ އަގު ދޯ!
- ދިރާގު ހާދަ ސަޅި(6)އޭ ދޯ، މުޅި ޤައުމުގައި ދިރާގު މޯބައިލް!
...

(ޅ) ރެޑިއޯ އިން އަޑުއިވޭ އެހެން އިޝްތިހާރެއްގެ ތެރެއިން:
...
- އަބަދުވެސް އެންމެ ހެޔޮ އަގުގައި ގުޅާލެވެނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް!
- ރާއްޖޭގައި މި އުޅޭ އެހެން އޮޕަރޭޓަރުންނާ ގުޅުމަށް ތިރީސް ޕަސެންޓު ހެޔޮ އަގެއް! އެންމެ ފަންސާސް ފަސް ލާރި! ރޭގަނޑު އެކަކުން ހެނދުނު އަށަކަށް!
- ދިރާގު ހާދަ ސަޅި(7)އޭ ދޯ، މުޅި ޤައުމުގައި ވެސް ދިރާގު މޯބައިލް!
...

(ކ) ރެޑިއޯ އިން އަޑުއިވޭ އެހެން އިޝްތިހާރެއްގެ ތެރެއިން:
- އަބަދުވެސް އެންމެ ހެޔޮ އަގު، ދިރާގު ކަސްޓަމަރުންނަށް!
- ޕީކުގަޑީގައި ގުޅާލުމަށް އެންމެ ހެޔޮ އަގު، ދިރާގު ކަސްޓަމަރުންނަށް!
- މިނެޓަކަށް އެންމެ ފަސްދޮޅަސް އަށް ލާރި!
...
- ހުކުރު އަދި ހޮނިހިރުގައި ގުޅާލުމަށް އެންމެ ފަސްދޮޅަސް އަށް ލާރި!
- ދިރާގު ހާދަ ސަޅި(8)އޭ ދޯ، މުޅި ޤައުމުގައި ވެސް ދިރާގު މޯބައިލް!
...

މި ތިން އިޝްތިހާރުގައި ދިރާގު ހާދަ ސަޅިއޭ ބުނާ މީހާ އެހެން ބުނަނީ އެހެން މީހަކު ދިރާގުގެ މޯބައިލް ފޯނުގެ ޚިދުމަތުގެ އަގު ހެޔޮ ވާހަކަ ދެއްކުމާ ގުޅިގެންނެވެ. އެކަމަކު ސަޅިއޭ ބުނެފައި ނޭވާއެއް ވެސް ނުލައި ދެން ބުނަނީ ޤައުމުގައި ދިރާގު މޯބައިލް ގިނަ ވާހަކައެވެ. އެހެންކަމުން (6) (7) (8) ގައި އެ އޮތް ސަޅީގެ މާނައަކީ ކޮބައިބާވައެވެ؟ "އަގުހެޔޮ" ބާވައެވެ؟ ނުވަތަ "ގިނަ" ބާވައެވެ؟ ނުވަތަ "މަޤްބޫލު" ބާވައެވެ؟ ނުވަތަ އެހެން މާނައެއް ބާވައެވެ؟

(އ) ރެޑިއޯ އިން އަޑުއިވޭ އެހެން އިޝްތިހާރެއްގެ ތެރެއިން:
- އަބަދުވެސް އެންމެ ހެޔޮ އަގު އަދި ރަނގަޅު ކަވަރޭޖު ލިބެނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް!
....
- ... މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާ ރިސޯޓުތަކަށް މޯބައިލް ޚިދުމަތް ދޭ ހަމަ އެކަނި ކުންފުންޏަކީ ދިރާގު!
- ދިރާގު ހާދަ ސަޅި(9)އޭ ދޯ!
- ރާއްޖޭގައި ސަތޭކަ ޕަސެންޓް މޯބައިލް ކަވަރޭޖްދޭ ހަމަ އެކަނި އޮޕަރޭޓަރު، ދިރާގު!
...

އަނެއްކާ އެހެން ސަޅިއެކެވެ. މި ފަހަރު ސަޅީގެ މާނައަކީ "ދާއިރާ ފުޅާ" ބާވައެވެ؟ ނުވަތަ "ޚިދުމަތް ފުޅާ" ބާވައެވެ؟ ނުވަތަ އެހެން މާނައެއް ބާވައެވެ؟

(ވ) ފަންވަތުގައި ޝާއިޢުކޮށްފައިވާ "ބިގް ބޭންގް ތިއަރީ" އާ މެދު އަފްޒޯން، 26.3.2009 12:17:11 ގައި ފާޅުކުރައްވައިފައި ވާ ޚިޔާލު:  
މި އާޓިކަލް ވަރަށް ސަޅި(10). ކަމު ނުދަނީ އެންމެ ކަމެއް. ކީރިތި ޤުރުއާނުގެ އާޔަތްތައް ތަންކޮޅެއް ކިޔަން އެނގޭ ފަދަ ސާފު ފޮންޓަކުން ލިޔެވިފަ ހުރި ނަމަ ވަރަށް ފުރިހަމަވީސް. ...

އަފްޒޯން ވިދާޅުވެފައި މި ވާ ސަޅީގެ މާނަ އާ މެދު ވެސް އަޅުގަނޑުގެ ސުވާލު އުފެދެއެވެ.  އެއީ "މޮޅު" ބާވައެވެ؟ "ޢިބާރާތް ރީތި" ބާވައެވެ. "މަޢުލޫމާތު މުއްސަނދި" ބާވައެވެ؟ "ކިޔާހިތްވޭ" ބާވައެވެ؟ ނުވަތަ "ކިޔާން ފަސޭހަ" ބާވައެވެ؟

(މ) ފޯނު މެސެޖެއް:
ޕްރެޒެންޓޭޝަން ވ. ސަޅި.(11)

މި ފަހަރު މިއީ އަޅުގަނޑުގެ ރައްޓެއްސަކު އަޅުގަނޑުގެ ފޯނަށް ފޮނުވި ކުރު މެސެޖެކެވެ. އޭނާ ހުށަހަޅާން ޖެހުނު ޕްރެޒެންޓޭޝަނަކާ މެދު އަޅުގަނޑާ ޚިޔާލުބަދަލު ކޮށްފައި އޮތުމާ އެކު އެކަން ކޮށް ނިމިގެން ފޮނުވި މެސެޖެކެވެ. އަޅުގަނޑު ފޯނުކޮށްލުމުން އޭނާ ދެއްކި ވާހަކައިން އެނގުނީ އެ ޕްރެޒެންޓޭޝަން ހުށަހެޅުނު ގޮތާ މެދު އޭނާ ވަރަށް ހިތްހަމަޖެހުނު ކަމެވެ. އަޑުއެހި މީހުންނަށް ވެސް އޭނާ ހުށަހެޅި ގޮތް ވަރަށް ކަމުދިޔަ ކަމެވެ. އަދި އޭނާ ހުށަހެޅި މަޢުލޫމާތު ވެސް އެ މީހުން ބަލައިގަތް ކަމެވެ. އެ މީހުން އޭނާ އަށް ވަރަށް ތަރުޙީބުދިން ކަމެވެ. އެހެންކަމުން މި ފަހަރު މި ސަޅީގެ މާނައަކީ ކޮބައިތޯ އެވެ؟

އަޅެ ތިޔަ ބޭފުޅުން ވިދާޅުވެބައްލަވާށެވެ! މި އެގާރަ ސަޅިން ތިޔަ ބޭފުޅުންނަށް ދޭހަފުޅުވަނީ ކޮން މާނައެއް، ނުވަތަ މާނަތަކެއްތޯ އެވެ؟

ހަމަމިގަލަމުން

އިދާރާ

ވާހަކަ