އަދުގެ ޚާއްސަ

Print

ކަރަންޓް އިސްރާފްވެގެންދާ ދެތިންކަމެއް

ޝާޢިއުކުރީ މިރާޒް މުޙައްމަދު . ހިމެނޭބަޔަކީ އެނގޭތަ

ކަރަންޓަކީ ކޮންމެ މީހަކަށްވެސް ލިބިދެންޖެހޭ އަސާސީ ޚިދުމަތެކެވެ. މިތަރައްޤީ ވެފައިވާ ޒަމާނުގައި ކޮންމެ ކަމެއް ކުރުމަށްވެސް އަޅުގަނޑުމެންނަށް ކަރަންޓް ބޭނުންވެއެވެ. އެހެންކަމުން ކަރަންޓްގެ ބޭނުން ނުކޮށް އަޅުގަނޑުމެންނަށް އުޅެވެންނެތްއިރު، ކަރަންޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނެއެވެ. ނަމަވެސް އަޅުގަނޑުމެން މިކަމަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން، ނުވަތަ ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަރަންޓް ދަނީ ވަރަށް ބޮޑަށް އިސްރާފްވަމުންނެވެ.

ދިވެހިރާއްޖެއަކީ ޤުދުރަތީގޮތުން ތެލުގެ، ނެޗުރަލް ގޭހުގެ ނުވަތަ ކޯލްގެ ރިޒާވްއެއް އޮތްތަނެއްނޫނެވެ. މިގޮތުން މިބާވަތުގެ ހުރިހާ އެއްޗެއްވެސް ޖެހެނީ ރާއްޖެއިން ބޭރުން އެތެރެކުރާށެވެ. ޑީސަލްއަކީ ރާއްޖެއަށް އެންމެ ގިނައަދަދަކަށް އެތެރެކުރެވޭ ބާވަތެވެ. 2000 ވަނަ އަހަރު ރާއްޖެއަށް 139،000 މެޓްރިކް ޓަނުގެ ޑީސަލް ވަނީ އެތެރެކުރެވިފައެވެ. އަދި މިހާރު މިއަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެހެންކަމުން ރާއްޖޭގައި ކަރަންޓް އުފެއްދުމަށްޓަކައި އެކަނިވެސް ވަރަށް ބޮޑު ޚަރަދެއްދަނީ ކުރެވެމުންނެވެ. މިހެންމިކަން އޮތްއިރު ކަރަންޓް އިސްރާފްކުރުން އެއީ ވަރަށް ހިތާމަކުރަންޖެހޭކަމެކެވެ.

ކަރަންޓް އިސްރާފްވާ ސަބަބުތަކަށް ބަލާއިރު މައިގަޑު ދެސަބަބެއް އެބަތޮތެވެ. އެއީ ފަރުވާކުޑަކުރުން އަދި ބައެއްކަންތައްތައް ރަގަޅަށް ސާފުވެފައިނެތުމެވެ. އެހެން ކަމުން އަޅުގަނޑުވެސް މިކަމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބަލާލާނަމެވެ.

ވަރަށްގިނަފަހަރަށް އަޅުގަނޑުމެންނަށް ނޭގި ކަރަންޓް އިސްރާފުކުރadaptorާ އެއްޗެހި އަޅުގަނޑުމެން އެބަ ބޭނުންކުރަމެވެ. މިސާލަކަށް އެޑަޕްޓަރު. އެޑަޕްޓަރަކީ އޭގައި ޓްރާންސްފޯމަރެއް އެކުލެވޭ އެއްޗެކެވެ. އަޅުގަނޑުމެން ވަރަށް ގިނަ ކަންކަމުގައި އެޑަޕްޓަރު އެބަ ބޭނުންކުރަމެވެ. މިސާލަކަށް: ޕްރިންޓަރ، ކޮމްޕިއުޓަރ، ކޯޑްލެސް ފޯން، ފަދަ ތަކެތި ހިމެނެއެވެ. މިނޫނަސް އަޅުގަނޑުމެން އާއްމުކޮށް މިބޭނުންކުރާ ފޯން ޗާރޖަރުވެސް ހިމެނެއެވެ.

މިފަދަ އެޑަޕްޓަރ ބޭނުންކުރަން މިޖެހެނީ، އެފަދަ ތަކެއްޗަކީ ޑީ.ސީ. ކަރަންޓް ބޭނުންކޮށްގެން މަސައްކަތް ކުރާ އެއްޗެއްސަށްވާތީއެވެ. އެޑަޕްޓަރަކީ ޓްރާންސްފޯމަރުގެ އެހީގައި އޭ.ސީ. ކަރަންޓް ޑީ.ސީ. ކަރަންޓަށް "ޓްރާންސްފޯމް" ނުވަތަ ބަދަލު ކޮށްދޭ އެއްޗެކެވެ. މީގެން ކަރަންޓް އިސްރާފްވުމަށް ދިމާވާ މައިގަޑު މައްސަލައަކަށް ވަނީ، އެފަދަ އެއްޗެތި ކަރަންޓަށް ޖަހާފައި އިންނައިރު، ކަރަންޓްދޭން ބޭނުންވާ ތަކެތި (ޕްރިންޓަރ...) އޮންކޮފައި ނެތް ކަމުގައި ވީނަމަވެސް ޓްރާންފޯމަރުން ކޮންމެވެސް ވަރަކަށް ކަރަންޓް އަބަދުވެސް ބޭނުންކުރެއެވެ. އެހެންކަމުން އެޑަޕްޓަރު އޮންކޮށްފައި ހުންނަންޖެހޭ ވަގުތުގައި ނޫނީ ކަރަންޓް އަބަދުވެސް ސޮކެޓުން ކަނޑާލުން ނުވަތަ އެޑަޕްޓަރު ސޮކެޓުން އުފުރާލުން ރަގަޅުވާނެއެވެ.

އަޅުގަނޑުމެންގެ ކިބައިގައި ހިފައިފާ ވާ އަނެއް އާދަޔަކީ، ޓީވީ، ވީ.ސީ.އާރ ނުވަތަ ޑީ.ވީ.ޑީ./ސީ.ޑީ. ޕްލެޔަރ ފަދަ ތަކެތި ނިއްވާލުމުގެ ބަދަލުގައި ސްޓޭންބައި އަށް ލުމެވެ. މިހެންމިހެދެނީ ފަސޭހައަކަށެވެ. އެއީ ރިމޯޓުން އޮން ކުރުމަށް ނުވަތަ އޮފް ކުރުމަށް ފަސޭހަވާތީއެވެ. ނަމަވެސް ސްޓޭންޑްބައި މޯޑުގައި އިންނައިރުވެސް އެތަކެތިން ކަރަންޓް ބޭނުންކުރެއެވެ. މިބޭނުންކުރާ ކަރަންޓަކީ ވަރަށް ކުޑަ އަދަދެއްކަމުގައި ވީނަމަވެސް، ބައިވަރު އެއްޗެހިތަކެއް، 24 ގަޑިއިރު ސްޓޭންޑްބައި މޯޑުގައި އިންނަ ކަމުގައި ވަނީނަމަ، އެއަދަދު ފުދޭވަރުގެ އެއްޗަކަށް އެބަ ބަދަލުވެއެވެ. އެހެންކަމުން އެންމެ ރަގަޅުގޮތަކީ މިތަކެތިވެސް، ކުރަންބޭނުންވާ ކަމެއް ނިމުމުން ޕަވަރ ސްވިޗުން ނިންވާލުމެވެ. މިސާލަކަށް މައިކްރޯވޭވް އަވަނަކަށް ބަލާލަމާހިންގަވާށެވެ. މީގެ އަވަނަށް ބޭނުންކުރަނީ 1000 ވޮޓް އަދި އޭގައި ހަރުކުރެވިފައިވާ ޑިޖިޓަލް ގަޑިއަށް ބޭނުންކުރަނީ 5 ވޮޓެވެ. ނަމަވެސް އެގަޑިއަކީ 24 ގަޑިއިރު އޮންވެފަ އިންނައެއްޗެކެވެ. އެހެންކަމުން 24 ގަޑިއިރަށް އެއަށް 120wh ގެ ހަކަތަ ބޭނުންކުރެއެވެ. އެއީ 0.12 ޔުނިޓެވެ. މައިކްރޯވެވްގެ އަވަންއިން މިއަދަދަށް ހަކަތަ ބޭނުންކުރުމަށް ނަގާނީ 7.2 މިނެޓެވެ. މާނައަކީ، 24 ގަޑިއިރު ތެރޭގައި މައިކްރޯވޭވްގެ އަވަން 7.2 މިނެޓަށްވުރެ މަދުން ބޭނުންކުރާނަމަ، އެމައިކްރޯވޭވްގެ ގަޑިއަށް އެދުވަހު ބޭނުންކުރާ ހަކަތަ އަވަން ބަޔަށްވުރެ ގިނަވާނެއެވެ.

ވަރަށް ގިނައިން ދެކެވޭ އެއްވާހަކައަކީ، ކުޑަވަގުތުކޮޅަކަށް ބޭރަށް ދާއިރު ބޮކި ނިއްވާލުމަށްވުރެ ދިއްލާފައި ދިއުން ރަގަޅުވާނޭކަމުގައެވެ. އެއީ ބޮކި ދިއްލާވަގުތު އެއިން އަންނަ ޕަވަރ ސާރޖަކާހުރެކަމަށެވެ. ނަމަވެސް މިއީ މާބޮޑު ތެދެއްނޫނެވެ. ބޮކި ދިއްލާވަގުތު ޕަވަރ ސާރޖެއް އަންނާނެއެވެ. ނަމަވެސް އެއީ ވަރަށް ކުޑަ ސާރޖްއެކެވެ. އެސާރޖް މެޝާރކުރުމަކީވެސް ވަރަށް އުދަގޫކަމެކެވެ. އެއީ، މިސާރޖް އަންނަނީ ވަރަށް ކުޑަ ހިނދުކޮޅަކަށް ކަމުގައިވާތީއެވެ. އެހެންކަމުން އެސާރޖް އާއިގުޅިގެން އަންނާނެމާބޮޑު ތަފާތެއްނެތެވެ. ވީމާ، ބޭރަށް ދާއިރު ކޮންމެފަހަރަކުވެސް، ބޮކިތައް ނިއްވާލާފައި ދިއުމަކުން ގެއްލުމެއް ނުވާނެއެވެ.

ނަމަވެސް ބޮކިތައް ނިއްވުމާގުޅޭގޮތުން ދެން އުފެދޭ ސުވާލަކީ، އަވަސް އަވަހަށް ބޮކިތައް ސްވިޗް ކުރަނީކަމަށް ވަނީނަމަ، އެބޮކީގެ އުމުރު ކުރުވާ ވާހަކައެވެ. މިކަމާ ބެހޭގޮތުން ޖަވާބެއް ދިނުމުގެ ކުރިން ބޮކީގެ މައިގަޑު 2 ވައްތަރަށް ބަލާލާނަމެވެ. އަޅުގަނޑުމެން ކުރިން އެންމެ ގިނައިން ބޭނުންކުރަމުން އައި ބޮކި ތަކަކީ އިންކެންޑިސެންޓް ބަލްބް އެވެ. މި ވައްތަރުގެ ބޮތްކަކީ އެހާ އަގު ބޮޑު ވައްތަރެއް ނޫނެވެ. އަދި ހަމައެއާއިއެކު އެހާ ރަގަޅު ވައްތަރެއްވެސް ނޫނެވެ. އެއީ އެވައްތަރުގެ ބޮތްކަށް ބޭނުންކުރާ ކަރަންޓުގެ %90 ދަނީ ހޫނުގެ ގޮތުގައި އިސްރާފްވެގެންނެވެ. އަލީގެގޮތުގައި ބަދަލުވެގެން ދަނީ ހަމައެކަނި %10 އެވެ. ދެވަނަ ވައްތަރަކީ މިހާރު އަޅުގަނޑުމެން އެންމެ ގިނައިން މިބޭނުންކުރާ އެނާރޖީ ސޭވިންގ ބޮކިތަކެވެ. އެހެންނޫންނަމަ "ކޮމްޕެކްޓް ފްލޮރެސަންޓް ލައިޓްސް (ސީ.އެފް.އެލް)" ބޮކިތަކެވެ. މިވައްތަރުގެ ބޮކިން ބޭނުންކުރާ ކަރަންޓުން ހޫނުގެ ގޮތުގައި އިސްރާފް ވެގެންދަނީ ހަމައެކަނި %30 އެވެ. ބާކީ %70 ބަދަލުވަނީ އައްޔަށެވެ.

ދެން އަނެއްކާވެސް ސުވާލަށް ބަލާލަމާ ހިންގަވާށެވެ. އާންމުކޮށް މިބޭނުންކުރާ ސީ.އެފް.އެލް. ދިއްލުންތަކުގައި އަޅުގަނޑުމެން ކުރިން ބޭނުންކުރަމުން އައި ބަލާސްޓް (ފޯމަރު) ތަކުން ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވެއެވެ. ނަމަވެސް އިލެކްޓްރޯނިކް ބަލާސްޓް ބޭނުންކުރުމުން މިގެއްލުން ވަރަށް ބޮޑުތަން ކުޑަވެގެން ދެއެވެ. ކުޑަވެގެންދާކަމުގައި އަޅުގަނޑު މިދެންނެވީ، އެއީ ކޮންމެވައްތަރެއްގެ ލައިޓެއް ބޭނުންކުރެއްވި ކަމުގައި ވީނަމަވެސް، އެ ލައިޓު އުފެއްދި ފަރާތުން ދީފައިވާ ދިއްލުމަށް ނަގާނެ ވަގުތައްވުރެ އަވަހަށް (ދިއްލާފައި) ނިއްވާކަމުގައި ވަނީނަމަ، އެ ލައިޓުގެ އުމުރު ކޮންމެވެސް ވަރަކަށް ކުރުވާނެއެވެ. މިކަމަށް ކުޑަ ހިސާބެއް ހަދާލަމާ ހިންގަވާށެވެ.

• އެނާރޖީ ސޭވިންގ ބޮތްކެއްގެ އަގު : -/125 ރުފިޔާ
• ސީ.އެފް.އެލް އެއްގެ އުމުރަކީ 6000 ގަޑިއިރާ 8000 ގަޑިއިރާ ދެމެދު އަދަދެކެވެ. 7000 ކަމުގައި ނަގަމާ ހިންގަވާ.
• އަދި 100W އާދައިގެ ބޮތްކެއްގެ ބަދަލުގައި 23W ގެ އެނާރޖީ ސޭވިންގ އެއްބޭނުންކުރަމާތޯއެވެ.
• 7000 ގަޑިއިރަށް ބޭނުންކޮށްފިނަމަ އެއިރުން 539kWh (ޔުނިޓު) އަޅުގަނޑުމެންނަށް ފައިދާ ވާނެއެވެ.
• ޔުނިޓަކަށް 2/50 ރުފިޔާ ނަގާކަމުގައި ވަނީނަމަ މިއީ 1347.5 ރުފިޔާ ގެ ފައިދާ އެކެވެ.
• ދެން އަޅުގަނޑުމެން އަވަސް އަވަހަށް ސްވިޗް ކުރުމުން އެނާރޖީ ސޭވިންގ ގެ އުމުރު %20 ކުރުވާކަމުގައި ބެލާނަމަ (އާންމުކޮށް މި އަދަދަކީ %4 - %7) އަޅުގަނޑުމެންނަށް އެއިރުންވެސް 1078 ރުފިޔާ ފައިދާ ވެއެވެ.

ވީމާ، އަވަސް އަވަހަށް ސްވިޗްކުރުމުން އުނިވެގެން މިދަނީ 269.5 ރުފިޔާ އަށް ވެފާ ހަމައެއާއިއެކު 1078 ރުފިޔާގެ ފައިދާއެއް ވާނަމަ، ކޮންމެ ފަހަރަކު ބޭރަށް ދާއިރު ބޮކި ނިވާނުލަންވީ އެއްވެސް ސަބަބެއް ނެތެއްނޫންތޯ!
Electronc Ballast

އަދި މިކަމުގައި ފާހަގަ ކޮށްލަން ބޭނުންވާ އަނެއް ކަމަކީ، ގިނަފަހަރަށް 5 މިނެޓަށް ބޭރަށް ދިޔަކަމުގައި ވީނަމަވެސް، އެނބުރި އާދެވެނީ އެއަށްވުރެ ލަހުންނެވެ. އެވަގުތުވެސް ހަމަ ކަރަންޓް ޚަރަދު ވަމުންއެދަނީ ލަފާކުރިވަރަށްވުރެ އިތުރަށެވެ. ފަރުވާ ކުޑަވެގެންނެވެ.

މަތީގައި އަޅުގަނޑު މަސައްކަތް ކޮށްފާ އެވަނީ ކަރަންޓް އިސްރާފް ވުމާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް ތިޔަ އެންމެހާ ބޭކަލުންނާއި ކަނބަލުންނަށް އެއްޗެއް އަންގާދެވޭތޯއެވެ. މިނޫނަސް ކަރަންޓް ޚަރަދު ކުޑަކުރުމަށް އަޅުގަނޑުމެންނަށް އެޅިދާނެ ވަރަށް ގިނަ ފިޔަވަޅުތައް ހުންނާނެއެވެ. ވީމާ، މިފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުވެ، އެންމެން އެއްބާރުލައިގެން މެނުވީ އަޅުގަނޑުމެން މި ކުރާ އިސްރާފް ހުއްޓައެއް ނުލެވޭނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ