އަދުގެ ޚާއްސަ

Print

ތަސްވީރު

ޝާޢިއުކުރީ މުސްލިމް މުޚްލިޞް . ހިމެނޭބަޔަކީ ވާހަކަ


ލިޔުނީ: މުޞްލިޙު މުޙައްމަދު އިސްމާޢީލް / ތ. ދިޔަމިގިލި

އަހުރެންނަކީ ޒަމާނުގެ ތެރެއިން އައި ރިވެތިކަމާއި ހިތްގައިމުކަން އެކުލެވިގެން އިންސާނުންގެ ހިތްތައް އެއަށް އަބަދުމެ ލެނބި ލެނބި ތިބޭނޭ ވަގުތު ކޮޅެކެވެ. އަހުރެންނަކީ ޒަމާނުގެ ތެރެއިން މިދިވެހި ދީބަށް އައި ދުވަހެއްގެ ވަގުތުގެ ތެރެއިން ވަގުތު ކޮޅެކެވެ. ދުވަހުގެ އެންމެ ހިތްގައިމު ކުރުވަނިވި ވަގުތުކަން ދޭހަވަނީ އެވަގުތުގެ ހިތްގައިމު ކަމުން ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހެމުގެ މީރުކަން ގެނެސްދޭ ވަގުތު ކޮޅަކަށް ވާތީ އެކަންޏެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ޒިޔާރަތް ކުރާ ތަފާތު ކުލަކުލައިގެ ތަފާތު ޢުމުރުފުރާތަކުގެ ދެޖިންސުގެ މީހުންގެ ޢަދަދެވެ. މިވަގުތުގައި ޒިޔާރަތްކުރާ ހުރިހާ އެކުވެރިންވެސް ބަލަނީ އެމީހުންގެ ހަނދާނަކަށް މިފުރިހަމަ ޤުދުރަތީ ވަގުތުކޮޅު ރައްކާކުރުމަށެވެ. ޒާމާނުގެ ކުރިއެރުމުގެ ތެރެއިން އައި ތަފާތު އެކި ފެންވަރުގެ ޑިޖިޓަލް ކެމެރާތަކުގެ އެހީގައްޔާއި، މޫވީ ތަކުގެ އެހީގައްޔާއި، ކުރެހުމުގެ ފަންނުގައި ފުންނާބު އުސްވެގެންވާ ފަންނުވެރީންގެ ފަންސުރުކޮޅުތަކުގެ އެހީގައެވެ..

އަދިވެސް މިވަގުތަކީ ކޮންވަގުތެއްކަން ނުބުނެވޭ ދެއްތޯއެވެ؟. އޭއީ އެދުވަސް ނިމުނުކަން އަންގައި ދިނުމުގެ ވަގުތުކޮޅެވެ. ދުވަހުގެ ބުރަމަސްއޫލިއްޔަތަށް ފަހު އާރަމު ކުރުމަށްޓަކައި "އިރު" އަލްވަދާޢު ކިޔާވަގުތެވެ. އުޑުމަތީގައި ސާފު ހުދުކުލައިން ވިލާތަކުގެ ކުލަ، ހިތްގައިމު މަޑު ރަތް ދޮންކުލައަކަށް ބަދަލުވަމުންދާ ވަގުތުކޮޅެވެ. ހަވީރު ފިންޏަށް ޒިޔާރަތްކުރި އެންމެން، ގެއަށް އަނބުރާ ދިޔުމަށްޓަކައި، އައުމަށް އިންތިޒާރު ކުރަމުން ދިޔަ ވަގުތުކޮޅެވެ.  އާދެ، އިރުއޮއްސެމުންދާ ހިތްގައިމު ވަގުތުކޮޅެވެ. ކިހާ ހިތްގައިމު، ކިހާ އުފައުވެރި ވަގުތުކޮޅެއް ދެއްތޯއެވެ. ޤުދުރަތްތެރިކަމުގެ ޢަޖާއިބުކުރަނިވި ވަޤުތުކޮޅެއް، ދޮގެއްތޯއެވެ؟.

އަހުރެން މިއީ އެދުވަހު އަހުރެންގެ ސާހިބާ، ކުރައްސަވާ ފަންނުވެރިއެއްގެ އެހީގައި ސަހިބާގެ ހަނދާނަށްޓަކައި ރައްކައު ކުރެވުނު ވަޤުތުކޮޅެވެ. އަހުރެން މިވަނީ އެއްވެސް ގެއްލުމެއް ނުދެވޭނޭހެން އެކަތައިގެ ޙަވާސާއެއް ލެވިފައެވެ. އަދި ލޯގަނޑެއްގެ ފަހަތުގައި ބަންދު ކުރެވިފައެވެ. ކުށްވެރިން ލުމަށް ހަދާފައިހުންނަ ޒާތުގެ ހުރަގެއެއް ނޫނެވެ. ޙިމާޔަތް ދިނުމުގެ ބަންދުކުރުމެކެވެ. އަހުރެންގެ ސަހިބާގެ ހިތްޕުޅުގައި އަހުރެންނަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން އަހުރެން ހަރު ކޮށްފައިވަނީ ގޭގެ ބޮޑު ފެންޑާގައެވެ. އެފެންޑާ މެދުގައި ހުންނަ ސާފު ހުދުކުލަ ލެވިފައިވާ ފާރުގައެވެ. އަދި އަހުރެން ރީތިކަމާއި ހިތްގައިމު ކަމުގެ އަގު ވަޒަން ކުރުމަށްޓަކައި އަހުރެން ފިޔަވައި އެހެން އެކަކަށްވެސް މިބޮޑު ފާރުން ޖާގައެއް ނުދެއްވައެވެ. ސަހިބާގެ ހިތްޕުޅުގެ މިއެދުންފުޅުގެ ސަބަބުން ދުވަހުގެ ބޮޑުބައިގައި އަހުރެން ހުންނަނީ އެކަނިވެރިވެފަ އެވެ.

ގެއަށް އަންނަ މެހްމާނުން އަހުރެން ފެނިފައި ޙަސަދަވެރިވެވިދާނޭ ފަދަ ދަރަޖައަށް ކޮންމެ ދުވަހަކުވެސް، އަހުރެން ލޮބުވެތި ސާހިބާގެ ދެއަތްޕުޅުން އަހުރެން ސާފުކުރައްވައެވެ. ގޭތެރެ ސާފުކުރުމުގެ މަސައްކަތައް ވަރުވަރުގެ ނޯކަރުން ލައްވާފައިވާ ވާއިރުވެސް އެވެ. ސާހިބާ އަހުރެން ސާފުކުރައްވަނީ ނުލާހިކު ފަރުވާތެރިކަމާއި، ލޯތްބާއި އޯގާތެރިކަމާއި އެކުގައެވެ. މީއީ އަހުރެން އެކަނިވެރިކަން ފިލާހަމަ އެކަނި ވަގުތުކޮޅެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ސާފުކުރައްވަނީ، އަހުރެންގެ ބޭރުން ލެވިފައިވާ ޙިމާޔަތުގެ ފާރުގައި ހިރަފުހުގެ ސަބަބުން އުފެދޭ ފުސްކަމަށް ފުރުޞަތު ނުދެއްވުމަށެވެ. އަދި ގަދަ އަމުރުން އަމުރުފުޅު ހިންގަވައިފައިވާ ލިޔުމެއް އަހުރެންގެ ތިރީގައި ލިޔެފައިވެއޭ ބުނާތީ އަޑުއަހަމެވެ. އެލިޔުގައިވާ އެއްޗެއްވެސް އަހަންނަށް އެނގެނީ، ކަޅިޖަހައި ނުލައި އަހުރެންނަށް ބަލަން ތިބޭ މީހުން ކިޔާތީއެވެ. އެމީހުން ބުނާކަމުގައިވެއެވެ. އެލިޔުމުގައިވަނީ "އެއްވެސް މީހަކު މިތަސްވީރުގައި އަތް ނުލާތި" މިހެންނެވެ.

އަހުރެންގެ ސާހިބާގެ ހިތުގައި އަހުރެންނާއި މެދު އުފެދިފައިވާ ލޯތްބައްޓަކައި އަހުރެން އުފާވަމެވެ. ގެއަށް ޒިޔާރަތް ކުރަން ސާހިބާގެ އެކުވެރިންނަށާއި އެހެނިހެން މެހުމާނުންނަށް އަހުރެން ތަޢާރަފްކޮށް ހައްދަވައި އުޅުއްވައެވެ. އެބޭފުޅުންވެސް އަހުރެން ރީތިކަން ފެނިފައި، ފޮނިކަމާއި މީރުކަން އެކުލެވިފައިވާ ނަލަ ނަލަ ބަސްތަކުން ތަޢުރީފުގެ ފެން އަބަދުވެސް އޮއްސައެވެ. އަހުރެން އެކަމަށްޓަކައި ފަޚުރުވެރިވަމެވެ. އަހުރެންގެ ސަބަބުން ގެއަށް ޒިޔާރަތްކުރާ ސަހިބާގެ ގާތް އެކުވެރިންނަށާއި، ހަމަ އެހާމެ ގާތް މެހުމާނުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމުގެ ވަސީލަތަކަށް އަހުރެން ވީތީއެވެ. އަދި އަހުރެންނާއި މެދު އަހުރެންގެ ސާހިބާގެ ހިތްޕުޅުގައި އުފެދިފައިވާ މަތިވެރި ލޯތްބާއި މެދުގައިވެސް އަހުރެން ފަޚުރުވެރިވަމެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ