އަދުގެ ޚާއްސަ

Print

ބަހުރުވަ ރީތި ކުރުން

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޖަމީލު (1994)

ބަހުރުވަޔަކީ، ކޮބައިތޯ ބަލައިލުމުގެ ބޭނުމުގައި ދާންޖެހެނީ ބަސްފޮތުގެ ފަތްފުށްތަކާ ދިމާޔަށެވެ. ރަދީފުގެ ފަތްފުށްތައް އުކައި ބަލައިލާއިރު، އެއިން ލިބޭ މާނައަކީ މިއެވެ. ވާހަކަ ދައްކައި ބަސްބުނެ އުޅުމުގެ ގޮތާއި ބާވަތެވެ.

އިހުގެ ވާހަކަ ކިޔާ މީހުންގެ ފަރާތުން އިވިފައި ހުންނަ ވާހަކަ ތަކުގައިވެސް އެ ބަސް އެ ގޮތަށް ބޭނުން ކުރެވިފައި ހުރެ އެވެ. މި ވެނި ބޭކަލަކީ، ނުވަތަ މިވެނި މަނިކުފާނަކީ، ދޫނީ ސޫފާސޫފީގެ ނުވަތަ ވަލު ޖަނަވާރުގެ ބަހުރުވަ ދަންނަ މީހެއްކަމަށް ކިޔައި އުޅެއެވެ. އެތަކެތި ވެސް އެކަތި އަނެކައްޗާ ގުޅުމުގައި މެދުވެރި ކުރާ އަޑުތަކަކާއި، ރާގުތަކެއް އޮންނަކަން ކަށަވަރެވެ. އެއީ ބަހުރުވަ އެވެ. އާދަމުގެ ދަރީންވެސް ބަސް ބުނުމުގައި ބޭނުންކުރާ ތަފާތު ބަހުރުވަތަކެއް ވެއެވެ.

އެކި ވަކި ބަސް ބޭނުން ކުރުމުގައި ވެސް ބަހުރުވައެއް އޮވެ އެވެ. ބަސްތައް އެކުލަވަމުން އަމުނަމުން ދާއިރުވެސް ބަހުރުވައެއް އޮވެ އެވެ. ރީތި ބަހުރުވައާއި، ހުތުރު ބަހުރުވަ އޮވެއެވެ. ބަހުގެ މަގުތަކަށް ނިކުމެ ބަސްމަގު ހިނގަމުން ދާއިރުވެސް އެ ކަމާ ބެހޭ ބަހުރުވަ އޮވެ އެވެ. އޭގެ ތެރޭން ކުދިންގެ ބަހުރުވަޔަކީ، ސަމާލުކަމަށް ބޭނުންވެފައިވާ ބަހުރުވަ އެކެވެ. އެހެނީ ކުދިންގެ ބަހުރުވަ ރީތި ކުރެވިއްޖެ ނަމަ އަންނާން އޮތް ޖީލުގެ ބަހުރުވަ އޮންނާނީ ރީތިވެފަ އެވެ.

އަދި އަމުދުން އެންމެ ޅަފަތުން ފެށިގެން މަސްހުނިގަނޑެއްގެ ތެރޭގައި އުޅެން ޖެހިފައިވާ އަޅުގަނޑުމެންގެ ދިވެހީން ކަހަލަ ބަޔަކާމެދު މި ސަމާލުކަމުގެ ބޭނުންތެރިކަން ވަކީން ބޮޑެވެ.

ކުދިންގެ ބަހުރުވަޔަކީ، ވަރަށް ތަފާތު ރީތި ދުލަށް ފަސޭހަ ބަހުރުވައެކެވެ.  ނަމަވެސް ބޮޑެތިމީހުންގެ ވާހަކަ ދެއްކުމުގައި އެ ބަހުރުވަ ބޭނުން ކުރާނަމަ ހިނި އަންނަ ގޮތް މެދުވެރިވާ ގޮތް ދިމާވެދާނެ އެވެ.

ކުދިންގެ ބަހުރުވައިގައި ރީތި ކޮންމެ އެއްޗަކީ، ''ތިއްތި'' އެއްޗެކެވެ. އުޑުމަތީގައި ހަނދު ތިއްތި ހުންނާނެ އެވެ. އަނދުންކޮޅަކުން، ނުވަތަ އެ ފަދަ އެއްޗަކުން، އިނގިލިކުރީން އަތްތިލައިގެ މެދުގައި ނުވަތަ ނިތްކުރީގައި ފާހަގައެއް ލައިފި ނަމަ އެއީ ވެސް ތިއްތި އެކެވެ.  ރީތި ލިބާހަކީ، ތިއްތި ލިބާހެކެވެ. ކުޑަ ކޮންމެ އެއްޗަކީ، ''ތުއްތު'' އެއްޗެކެވެ.

އެހެން ފަރާތަކަށް ބަލާއިރު، ކާނާއެއްގެ ގޮތުގައި ބޭނުންކުރާ ކިރަށް ކިޔަނީ ''ބުއް'' މި ހެންނެވެ.

މި ގޮތުގެ މަތީން ބަލަމުން ދާއިރު، ކުދިންގެ ބަހުރުވައަކީ، ވަރަށް ރީތި ބަހުރުވައެކެވެ. އެ ބަހުރުވައިގެ ތެރޭގައި ވެސް ރީތި ބަހުރުވައާއި، ހުތުރު ބަހުރުވަ އޮންނާނެ ކަން ކަށަވަރެވެ. މި ދެންނެވީ ދަރަޖަ ތަފާތު ކުރުމުގެ ބަހުރުވައިގެ ވާހަކައެއް ނޫނެވެ. ވާހަކަ ދެއްކުމުގެ ބަސްމަގާއި ބަހުރުވައިގެ ވާހަކަ އެވެ.

އަޅުގަނޑު ދެކޭގޮތުގައި މިއީ ކޮންމެ ހެން ވެސް ބަޔަކު، ކުރާން ވެއްޖެ ކަމެކެވެ.  މި ދެންނެވީ ބަހުރުވަ ރީތި ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ވާހަކަ އެވެ. އަޅުގަނޑުމެންގެ މި ފަތްތޫރަ އެ މަސައްކަތާ ކުރިމަތިލާން ގަސްތު ކޮށްފި އެވެ. އެ މަސައްކަތުން ބައެއް މި ފަތްތޫރައިން ފެނިވަޑައިގަންނަވާނެ އެވެ. ގަސްތުކުރެވިފައިވާ ގޮތުގައި ފަތްތޫރައިގެ މި ނަންބަރުން ފެށިގެން، ''ކުޑަ ކުދިންނަށްޓަކައި'' މި ނަމުގައި ހުޅުވައި ލެވޭ ޚާއްޞަ ދޮރެއް ހުޅުވައިލެވިއްޖެއެވެ. ބޭނުމަކީ، ކުދިންގެ ވާހަކަ ދެއްކުމާއި، ލިޔެކިޔުމުގެ ބަހުރުވަ ރީތި ކުރުމުގައި އެހީތެރިވުމެވެ. ނަމޫނާ ދެއްކުމަކުން އެހީވުމެވެ. އަޅުގަނޑުމެންގެ މި މަސައްކަތް ހިންމަވައިދެއްވާށި އެވެ! އާމީން!  (ފަތްތޫރައިގެ 65ވަނަ ޢަދަދުން ނަގައިފައި)


އިދާރާ

ވާހަކަ