އަދުގެ ޚާއްސަ

Print

ރަށްފުށުގެ ދިރިއުޅުން (5ވަނަ ބައި)

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ


 

ކަލާކޯ! އަޙްމަދުފުޅާ ނުއިނދެވޭނެގޮތެއް ދިމާވީޔާ


އަލްމަރުޙޫމު ޢަލީ ޙުސައިން/ނައިފަރު

ކައިވެނީގެ ހުރިހައި ކަމެއްހަމަޖެހި މާދަމާ ރެއަށް ތައްޔާރުވެފާ އޮތްރޭ ހަސީނާ ނިދާފައިއޮއްވައި ހުވަފެނުން ފެންނަނީ ހުސައިންމަނިކާ އިނދެގެން މާރީއްޗަކަށް އުޅެއުޅެ ހުއްޓަައި އެދެމެދަށް އަހުމަދުފުޅު ވަދެގެން އޭނާގެ މުއްސަނދިކަމަށް ހަސީނާ ހެއްލި ހުސައިންމަނިކުގެ ކައިރިން ގަދަކަމުން ވަރިވެގެން އަހުމަދުފުޅާ އިނުމަށްފަހު ، އޭނާގެ ހުރި ބޭވަފާކަމާ ނުބައިކަމާ ހުސައިންމަނިކުގެ ހުރިހެޔޮކަމާ އަދި މޮޅުކަން ހަނދާންވެގެން ހޭޖެހިގެން އެހެދުނީ މޮޔައެއްކަން ވިސްނި އެކަމުގެ ހިތާމައިގައި ކާއެއްޗެއް ނުދިރި ހިކި އަނަރޫފަވަމުންގޮސް މަރުވާތީއެވެ. ދެން ސިހިގެންގޮސް ހޭލެވިއްޖެއެވެ.


އަދި އެފެނުނު ހުވަފެނާމެދު ފިކުރުކުރެވޭން ފަށައިފިއެވެ. އާނއެކެވެ! އަހަރެންގެ އެދުމަކީ ހުސައިންމަނިކާ އިނދެވޭގޮތް ދިމާވުމެވެ. އެކަމަކު އަހުމަދުފުޅުގެ ސަބަބުން އަހަންނަށް އެކަންލިބޭނެގޮތް ނެތިއްޖެއެވެ. މަންމަ ރުހޭ ގޮތަށް އަހުމަދުފުޅާ އިންނަންކަމަށް މިހާރު ބައްޕަގާތުގައިވެސް ބުނެވިއްޖެއެވެ. މާދަންރޭ މިއޮތީ އިންނާނޭ ރެއެވެ. ހާދަހައި ދެރައެވެ. ހުސައިންމަނިކާ އިނދެގެން ނޫނީ އަހަންނަށް އެއްވެސް އަރާމެއްނުލިބޭނެއެވެ. އަހަރެންގެ ހިތުން މިއޮއް އެކަން އެނގެނީއެވެ. އެހިތަށް ދުވަހަކުވެސް އެހެންމީހެއް އެރި ހަނދާނެއް އަހަރެން ނުވެއެވެ. އަދި މިހާރަކުވެސް ނާރައެވެ. އެހެންވީމާ ފަހަކުންވެސް ނާރާނެއެވެ. މިހެންކަންހުރިއިރު އެހެންމީހަކާ އިނދެވޭނެހެއްޔެވެ. ބައްޕަގާތު ނުއިންނާނަމޭ ބުނެވުނުނަމަ ހާދަހައި ރަނގަޅުވީހެވެ. ގައިމު މަންމަހެނެއް އަޑުލައިނުގަތީހެވެ. މޮޔައިންނަށް ފިކުރުވާނީ ފަހުންނޭ! އެ ބުނަނީ ތެދެއްކަން މިހާރު އަހަރެންނަށްވެސް މި އެނގުނީއެވެ. އެކަމަކު ބައްޕަގާތު އިންނާނަމޭ ބުނެފައި އެމީހުންގެ ގަބޫލުމަތިން އިންނަން ފޮނުވީމާ ނުއިނުމަކީ ބައްޕަވެސް ރުޅިއައިސްފާނޭ ކަމެކެވެ. ކުރާނީ ކީއްބާވައެވެ.

އަހަރެންނަކީ ސުންޕާމީހެކެވެ.އެއްވެސް ނަސީބެއްނެތީއެވެ. އެކަމަކުވެސް އަހުމަދުފުޅަކާ ނުއިނދެވޭނެއެވެ. އޭ ބައްޕާއެވެ. އަޅުގަނޑު މިހުންނަނީ އިންނާނޭ މީހަކު ކަނޑައަޅައިގެންނެވެ. މިހައި ދުވަސްވަންދެން ނުބުނެއުޅެފައި މިހާރު މިބުނަނީއެވެ. އަހަރެން އިންނާނީ އެދުރުގޭ ހުސައިންމަނިކާއެވެ. އަހުމަދުފުޅާ އިނދެފާނަމޭ ބުނެވުނީ ކުށުންނެވެ. އަހަރެން ބައްޕަގާތު ދެން އަހުމަދުފުޅާއި އިނދެފާނާމޭ ބުނިއިރު އަހުމަދުފުޅުގެ ބަދަލުގައި އޮޅިގެންވެސް ހުސައިންމަނިކޭ ބުނެވުނުނަމަ ހާދަހައި ރަގަނޅުވީހެވެ. ކުށެއްވެސް ރަގަނޅުވާ ތަނެއްގައި ނުބުނެވެންޏާއެވެ! މިކަހަލަ ފިކުރުތަކެއްގައި އަހުމަދުފުޅާ ނުއިނދެވިއްޔާ ކަލާކޯއޭ، ހިތުން ދުޢާކޮށްކޮށް ނިދިނައިސްގެން ފުރޮޅި ފުރޮޅި އޮއްވައޭ އަނެއްދުވަހުގެ އިރު، އިރުމަތިފަރާތު އުދަރެހުގައި ފަތުރައިފައިވާ ރީނދޫކުލައިގެ ވިލާތައް ކަހަމުން ނިކުމެ ދުނިޔެމައްޗަށް އެއިގެ މޫނުދައްކައިލީ.


ހަސީނާ ތެދުވެގެންގޮސްވައިޖެހޭ މަގަށް ފައިބައި އެމަގު ބޮޑުކާނިގަހުގެ ކައިރީގައި އިށީނީ ދަތްއުނގުޅާށެވެ. އިރުކޮޅަކުން ގޮނޑުދޮށުން އަރައިގެން އައިމީހަކު ހަސީނާ ގާތަށް ހުއްޓިފައި" ތެދެއް ހަސީނާ މީހަކާ އިންނާން އުޅެމުހޭ އަހައިފިއެވެ" ރުޤިއްޔާފުޅާ މަލާމާތްނުކުރާށޭ ހަސީނާ ބުނެފިއެވެ. އިންނާނޭ މީހަކު ނުވެއްޖިއްޔާ މިހެންތިބޭނީއެވެ.ބަލަ ތިޔަހައި ފޮނިވާކަށް އެކަން ނުދަންނަ ކުޑަކުއްޖަކުވެސް މިރަށަކުނެތޭ އެމީހަކު ބުނެފިއެވެ. ހަސީނާ ބުނެފިއެވެ.. އަހަރެން ތިޔަވަރުން ކުރާންއުޅޭކަމަކަށް މިވަރުވެސް ފޮނިމަޑެވެ. އަނެއްކާ އެމީހަކު ބުނެފިއެވެ. ކުޑަކޮށްނަމަވެސް ހަސީނާއަށް ފޮނީތާއެވެ. މަށަކީ ހަސީނާނަމަ ހާދަހައި ހިތިވީހެވެ.


ރުޤިއްޔާފުޅުގެ ބަހުން ވަރަށްބޮޑު މަޢުނައެއް ދޭހަވެގެން ހަސީނާ އަހައިފިއެވެ. ތިޔަބުނީ ކޮންވާހަކައެއްހޭ. ހިއްޗަކަސް ކަރުއަޑިއަށް ފޭބީމައި ދެން ބޭރަށް ނެރޭން އުޅެގެންވާނީ ހައްތާވެސް ހިތިގަދައޭ. އެއިރުން އެންމެވެސް ރަގަނޅުވާނީ ދިރުވައިލިއްޔާއޭ. ރުޤިއްޔާފުޅަށްވެސް ހަސީނާ މިބުނި އެއްޗަކުން އެވާންއުޅޭ ކައިވެންޏާ ނުރުހޭ ފާޑެއްޖަހައިގެން މިހާރަކު އެވާހައެއް ކިޔައިދޭކަށް ހުރެވޭކަށެއްނެތޭ. އަށެއްޖަހާއިރަށް ނާއިބުގެއަށް ދާންްވެއްޖެއެވެ، ބުނަމުން އެއްގަމަށް ހިގަައިގެންފިއެވެ. އެއީ ކީއްކުރަންހޭ؟ ހަސީނާ ގޮވައިލީމާ، ނިކަން ދިގުވާހަކައެކޭ އެހެން ފަހަރަކުން ކިޔައިދޭނަމޭ ގޮވައިލިއެވެ. ހަސީނާއަށް ރުޤިއްޔާފުޅުގެ ކިބައިގައި ވަރަށްބޮޑު ސިއްރެއްވެއްޖެކަން އެނގި އެވާހަކައަކުން އަހުމަދުފުޅާ ނުއިންނާނޭ ޙުއްޖަތެއްވެސް ފެނިދާނެއޭ ހީކޮށް "ކޮންއިރަކުންހޭ" ގޮވައިލައިފިއެވެ. ރުޤިއްޔާފުޅު " އަދުކޮންމެވެސް ވަގުތަކުން ތިޔަގެއަށް ދާނަމެވެ" ގޮވައިލިއެވެ. އެކަމަކު ދެމީހުންގެ ދޭތެރެ ދުރުވެގެން އަޑުއިވުނީ ވަރަށް މަޑުމަޑުންނެވެ.
 

ރުޤިއްޔާފުޅު


ރުޤިއްޔާފުޅަކީ އެރަށު ދެރަވަރުމީހެއްގެ ދަރިއެކެވެ. މީހަކާއި އިނދެގެންއުޅޭ ޢުމުރުން 19 އަހަރުވެފައިވާ ކުއްޖެކެވެ. އޭނާގެ ފިރިއެއްގެ ނަން ހަމަބުނެލަނިކޮށް އެނގިލައްވައިފާނެއެވެ. އެމީހަކީ މިވާހައިގެ މަޝްހޫރު ރުށްގޭ އިބްރާހީމްފުޅެވެ. ރުގިއްޔާފުޅަކީވެސް ހަސީނާގެ ވަރަށްބޮޑު ރައްޓެއްސެކެވެ. އިބްރާހިމްފުޅާ ނުއިންނައިރު ވަރަށްގިނައިން އެހެނިހެން ހުއްސަރިބައި ކުދިންނާއެކު ހިނގައިއުޅުނެވެ. އެކަމަކު މިހާރު މީހަކާ އިންފަހުން އުޅެނީ ތަންކޮޅެއް ހަރުގޮތެއްގައެވެ. މާގިނައެއްކޮށް ބޭރުތެރެއަށް ނިކުމެއެއްވެސް ނޫޅެއެވެ.


އެދެމީހުން އިންނާންއުޅުނުއިރު ރުގިއްޔާފުޅުގެ މައިންބަފައިންތިބީ ވަރަށް ނުގަބޫލުގައެވެ.  އެހެނީ އިބްރާހިމްފުޅަކީ މާގިނައިން ހިލޭ އަންހެނުންނާއި ގުޅުން ބަހައްޓައިގެން އެކުއުޅޭ ވިޔާނުދާ އުޅުމެއްއުޅޭ  މީހެކެވެ. މިކަމުގެ ސަބަބުން އެކަކާއި އިނދެގެންވެސް އޭނާޔަކަށް ނުއުޅެވެއެވެ. އިންނަހައި މީހަކު އޭނާދެކެ ވަނީ ފޫއްސެވެ. ނަމަވެސް ރުގިއްޔާފުޅު އެކަމާ އެދިގެން އުޅުނުލެއްބޮޑުކަމުން އެދެމީހުންވީ ނުރުހުމުގައިވެސް މަޑުމަޑުންތިބޭށެވެ. އިބްރާހިމްފުޅާ ނުދެވާ ވާހަކަބުނެގެން ދެރޭދެދުވާ ވަންދެން ރުގިއްޔާފުޅު ނުކައި ނުބޮއި އޮތްވާހަކައަކީ އެންމެން ދަންނަވާހަކައެކެވެ. އެކި ފަހަރުފަހަރަށް ފަސް ހަދުވަސްވާންދެންވެސް ގެއަށްނުވަދެ އުޅުނެވެ. އިބްރާހީމްފުޅުވެސް ރުގިއްޔާފުޅާ ހިތާވީލެއްބޮޑުކަމުން އޭނާއަށް ވީހައިގޮތަކުން ވީހައިބާރެއް ހޯދައިގެން އިނުމުގެ މަގުތަނަވަސްކުރިއެވެ. ނަތީޖާއަކަށްވީ އެތަށް ދުވަހަކު އެތައް ސަކަރާތަކަށްފަހު ރުގިއްޔާފުޅުގެ މައިންބަފައިން ވަރަށް ނުގަބޫލުގައިތިބެމެ މަޖުބޫރުން އެދެމީހުން ދެވާންޖެހުމެވެ. އެކަމާދޭތެރޭ ހިނގި އެކިއެކި ކަންތައް ވަކިވަކީން ލިޔާން ދިމާކޮށްފީވިއްޔާ "ރުގިއްޔާފުޅާ އިބްރާހީމްފުޅާ " އޭ ކިޔައިގެން އެހެންވާހަކައެއް ލިޔާންޖެހިދާނެތީވެ، އަޅުގަނޑު އެތަނަކަށް ތަނެއްނުދޭނަމެވެ. އެކަމަކު ތިޔަބޭފުޅުންގެ ހިތްތަނަވަސްކޮށްލައި ދިނުމުގެ ގޮތުން އެވާހަކައަށްވެސް އަލިއަޅުވައިލަނީއެވެ.


ކައިވެނިވުމަށްފަހު އެމީހުންވެސް އިބްރާހިމްފުޅާ ގަބޫލުވެއްޖައޫއެވެ. އަދި ލޯބިވެސް ވެއްޖައޫއެވެ. އެގޮތުގެމަތިން ދެއަހަރާއި ގާތަށްވޭތިވެ ހިނގައްޖެއެވެ. ދެފަރާތްވަނީ ވަރަށް ޞުލްހަވެރިކަމާ އަމާނާތްތެރިކަންމަތީގައެވެ. އެއްވެސް ފަރާތަކުން ޝަކުވާއެއްގެ އަޑެއްނީވެއެވެ. މިހެންއޮއްވައި ވީގޮތަކީ ރުގިއްޔާފުޅު ބަލިވެ އިނުމާއެކު ހިލޭ އަންހެނުން ގޮވައިގެން އުޅުމުގެކުޅި އަނެއްކާވެސް އިބްރާހިމްފުޅު ފަށައިގެންފިއެވެ. އަދި ރުގިއްޔާފުޅަށްވުރެ ގަބޫލުއެހެން އަންހެނަކު ފެނިއްޖެއެވެ. ދެން ރުގިއްޔާފުޅު ދޫކޮށްލާފައި އެމީހަކާ އިންނާން ވެއްޖެއެވެ. އެދުވަހަށްފަހު ފެންނާންފެށީ އިބްރާހިމްފުޅު ރުގިއްޔާފުޅުގެ ގެއަށް ދިއުން މަދުވަމުން އަންނަތަނެވެ. އެމީހުންގެ ކަމަކާއި ގާތްނުވަތަނެވެ. އެކަމަކު ރުގިއްޔާފުޅު އައީ ދުވަހެއް ދުވަހަކަށް އޭނާއާ ދޭތެރޭ ލޯތްބެއް ގުނަވަމުން ކުލައެއް އިތުރުވަމުންނެވެ.  އަމިއްލައަށް ވިސްނަ ވިސްނައިގެން އޭނާ ގަބޫލުނޫންހެން ހީވާ ތަންތަނަށް ނުގޮސް ނުރުހޭހެން ހީވާކަމެއްނުކޮށް، ހިތުގެ މައްޗަށް ސިކުނޑީގެ ބާރުފޯރުވައިގެން ކެތްކޮށްގެން ހުރެއެވެ. ރުގިއްޔާފުޅަށް ތިމާގެ ދެރަކަމާއި ލޯބީގެ މާތްކަން ވިސްނެނީ ތޯއްޗެކެވެ. އިބްރާހިމްފުޅަކީ ކުރިން އެނގިފައިވާ ފަދައިން މާ ފުދިގެން އުޅޭމީހަކުނޫނެވެ. އެކަންވެސް ރުގިއްޔާފުޅު ވިސްނައިގެން ގިނައިން ކައިގެން އުޅޭނީވެސް އަމިއްލަ ގެއިންނެވެ. ވަރަށްމަދު ފަހަރަކު ނޫނީ އިބްރާހިމްފުޅުގެ ގެއަކުން ނުކައެވެ. މިގޮތަށްއުޅެނިކޮށް ރުގިއްޔާފުޅަށްވެސް އިބްރާހިމްފުޅުގެ އުޅުން ބަދަލުވާކަން ވިސްނިއްޖެއެވެ. އެކަމަކު އެއާ ވިދިފައިވާ ސިއްރެއް ނުދެނަހުއްޓެވެ.

     
އިބްރާހިމްފުޅު އެމީހަކާ ހިތާވުމަށްފަހު ރުގިއްޔާފުޅު ވަރިކުރުމުގެ ކޮޅުތައް ހޯދަންފަށައިފިއެވެ. ޒާތްޒާތުގެ އުނދަގޫތަކާ ނުތަނަވަސްކަން ރުގިއްޔާފުޅަށް ދޭންފަށައިފިއެވެ. އޭގައި އޭނާ ގެންގުޅޭ ޙުއްޖަތަކީ ފާއިތުވެގޮސްފައިވާ ކަންތަކެވެ. އޭނާ ރުގިއްޔާފުޅާ އިންނަން އުޅުނުއިރު ރުގިއްޔާފުޅުގެ މައިންބަފައިން ނުރުހިގެން އުޅުނު ކަންތައްގަނޑުގެ ވާހަކައެވެ. އޭނާގެ ބަހަކީ ތިމަންނާ ރުގިއްޔާފުޅާ އިނދެގެން އުޅޭކަށް ރުގިއްޔާފުޅުގެ މައިންބަފައިން ގަބޫލެއްނޫނެވެ. މިވާހަކަ މިގޮތަށް ދެކެވިގަތީމާ ރުގިއްޔާފުޅުގެ މައިންބަފައިން ކުރިކަމަކީ އެއީ ދޮގުވާހަކައެއްކަން އެންމެންނަށް ސާބިތުކޮށް ދިނުމުގެ ގޮތުން އެމީހުންގެ ހުރިހައި ގުޅުމެއް ރުގިއްޔާފުޅުގެ ކިބައިން ކަނޑައި ލައިފައި އިބްރާހިމްފުޅުގެ ގެއަށް ފޮނުވައިލީއެވެ. އެކަންއެހެން ހެދުމަށްފަހު އިހަށްވުރެބޮޑަށް ރުގިއްޔާފުޅުގެ ހިތަށް ދަތިކޮށް ތުރާތައް ދޭންފަށައިފިއެވެ. އެންމެފަހުންގޮސް އެކަން ނިހާޔަތަށް އަރައިގެން ކިތަންމެ ރަގަނޅަކަށް އުޅޭންހުއްޓަސް ކެތްނުވާ ހިސާބަށްދިޔައީމާ ރުގިއްޔާފުޅުވެސް އެކަމާދޭތެރޭ ޝަކުވާތައްކުރަން ފަށައިފިއެވެ. މިކަމާ އިބްރާހިމްފުޅުގާތަށް އައިރުޅީގައި އޭނާއަށް ކިޔަމަންނުވީކަމަށް ހަދާފައި ގެއިން ބޭރުކޮށްލައިފިއެވެ. އެއިގެފަހުން ރުގިއްޔާފުޅުގެ މައިންބަފައިން އެކަން ޞުލްޙަކުރުމުގެ ގޮތުގައި ހިފައިފިއެވެ. އެތައްފަހަރަކު ސަރިއަތަށްދާންވެސް މަޖުބޫރުވިއެވެ. އެދުވަސްތަކުގައިވެސް ރުގިއްޔާފުޅު އޭނާއަށްހުރި ސާފުލޯބީގައި އެއޮތްހައި އަނިޔާތަކަށް ކެތްކުރަމުން އޭނާ ރުހޭތޯ މަސައްކަތްކުރިއެވެ. އަދި ވެވުނުހައި ބުއްދިއެއް ކުރިއެވެ. މިހާރު ރުގިއްޔާފުޅު އެހުރީ ވަރަށްބޮޑު ހިތާމައެއްގައެވެ. އިބްރާހިމްފުޅު ކައިރިން ވަރިވެދާނޭ ކަމުގެ މޮޅީގައެވެ. އެގޮތަކީ ކުރިންބުނި ކަހަލަ ކަމެއްގެތެރޭގައި، އިބްރާހިމްފުޅު ބުނިއެއްޗަކުން މިހާރު އެދެމީހުންތިބީ ދެގެއަށް ލައިފައި އެކަކު އަނެކަކާއި އެއްތަންނުވާން އަންގައިފިއެވެ. އޭގައި ވާނޭގޮތެއް ރުގިއްޔާފުޅަށް ނޭނގޭތީއެވެ. (ނުނިމޭ)
 
 

އިދާރާ

އެނގޭތަ؟

ވާހަކަ