އަދުގެ ޚާއްސަ

Print

ރަށްފުށުގެ ދިރިއުޅުން (6ވަނަ ބައި)

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ


އެއް ޙުއްޖަތްކަމަށް ދެ ޙުއްޖަތް

22 އޭޕްރީލް (ބުދަ ދުވަސް) އާގުޅޭ...

އަލްމަރުޙޫމު ޢަލީ ޙުސައިން/ނައިފަރު

އިރުއޮއްސޭއިރު ނަމާދުން އައިސް މެދުބުރީ އުނދޯލީގައި ހަސީނާ އިންދާ ދޮނާ ބަދިގޭގައި އޮވެފައި " ހަސީނާ ނިކުމެބަލާށޭ، މިއޮއް އުޅެނީ ހުއްސަރިބައިވެގެން ނޯލައޭ" ގޮވަމުން އަންނަ އަޑުއިވިއްޖެއެވެ. ދެން ހަސީނާ ބޭރުގެއަށް ނިކުންނައިރަށް ރުގިއްޔާފުޅު ކޮނޑުދޮށުލައިގެން ދުވަމުން އައިސް ދޮނާ ގޭތެރެއަށް ވަދެއްޖެއެވެ. ހަސީނާ ވަރަށް އުފާކޮށް ރުގިއްޔާފުޅު ގޮވައިގެން އެތެރެއަށްވަދެ ބޮޑު އުނދޯލީގައި އިށީނދެއްޖެއެވެ. ތިންމީހުން އިށީނދެ ހަމަޖެހުމަށްފަހު:-

ހަސީނާ: ތެދެއް އިބްރާހިމްފުޅު ކައިރިން ވަރިވެގެންތަ ތިޔައުޅެނީ؟

ރުގިއްޔާފުޅު: އަހަރެން ވަރިނުވާން ހުއްޓަސް ތިޔަހެންވެއްޖެ. ނާއިބުގެއަށް ގެންދިޔައީ އެކަމާއޭ.

ހަސީނާ: އެވާހަކަ ކިޔައިދީބަލަ.

ރުގިއްޔާފުޅު: އަހަރެން އޭނާއާ އިނީ ވަރަށްބޮޑަށް ހިތާވެގެން. އަދި އޭނާވެސް އެވަރަށް ހިތާވެގެން. އަހަރެންގެ މަންމަޔާއި ބައްޕަ ކިހައިވަރަކަށް ނުގަބޫލުވެ ނުދެވާންވެސް އުޅުނު. އެވަރުންވެސް އިނދެގެން މިއުޅުނީ، އޭނާގެ ބަސްއަހައިގެން ކިހައި ރަނގަޅަކަށް! އޭނާ އަހަރެންގެ ކިބައިން ފޫހިވީކަން މާކުރިން އަހަރެންނަށް އެނގުނު. މުދިމުކަލޭގެ އަޙުމަދުފުޅާ އެކުގައި އުޅޭންފެށީއްސުރެ އޭނާ އަހަރެންނާ ދުރުހެލިވާން ފަށައިފި. ވަރިކުރާން ނުކެރިފައި އެހުރީ. އަހަރެން ބަލިވެއިނީމާ، އަހަރެން އަމިއްލައަށް ވަރިވާން އުޅޭތޯ. ވަރަށް ގިނައިން އެކިގޮތްގޮތުން އަހަރެން ރުޅިއަރުވާންވެސްއުޅުނު. އަހަރެން މިހުރީ ކޮންމެގޮތެއްވީނަމަވެސް މައިންބަފައިންގެ ނުރުހުމުގައި އިނދެވުނަތީވެ ވަރިނުވާން، އެއޮއްވަރަށް ހިލޭ އަންހެނުންނާ ގުޅުންބަހައްޓައިގެން އުޅޭއިރުވެސް ކެތްކޮށްލައިގެން ރޮއިލަރޮއިލާ މިހުރީ! އިވޭ އަޑުތަކުން ހިތްފަޅައިގެންދޭ. އިހަށްކޮޅުގައި ކިހައި ރަނގަޅަކަށް އަހުރެންގެ ގެއިގެ ކަންތައްވެސް ކޮށްދީގެންއުޅުނު. ފަހުން ފަހުން އެއްވެސްކަމެއް ކޮށްލައެއްނުދޭ. އަދި އަހުރެން މިހުރީވެސް އެގެއިން އެއްފަހަރު ކެއިއްޔާ އަމިއްލަގެއިން ދެފަހަރު ކައިގެން. ލިބާހަކުން ކަނޑިއްކަކުންވެސް އަހަންނަކަށް ދުވަހަކު ދެގަނޑެއްޗެއް އެކެއްނުވޭ. އެކަމަކު އޭނަގެ ފަޤީރު ޙާލަށްވެސް މިހުރީ ކެތްކޮށްލައިގެން. އެއިން ކަމަކާ ޝަކުވާއެއް އެހެންމީހަކާ ކީއްކުރަން އޭނާއާވެސް ކޮށްފައެއްނޯންނާނެ. އޭނަގެ އަބުރުވެސް މިހުރީ އޮަބަހައްޓައިދީގެން. ކަލޭމެންގާތުވެސް މިބުނީ ތިޔައީ ހަމަ އަހަރެންކަމަށް ހީކޮށްފައި.

ދޮނާ: އާނ! އަހަރެމެން މީހެއްގެ އަބުރެއް ބޭޒާރެއް ނުކުރާނޫ

ހަސީނާ: ދެން ވަރިވާންޖެހުނީ ކީއްވެގެން؟

ރުޤިއްޔާފުޅު: މިއުޅެނީ އެވާހަކަބުނާށޭ. މިދާކަށް ރެއަކު އަހަރެން ގެއަށް ދިޔައިރު އަހުމަދުފުޅާ ދެމީހުން ތަވީދެއް ލިޔާންތިއްބާ އަހަރެންނަށްވެސް ތަވީދެއް ލިޔެދޭން ވެއްޖެނޫންހެ ކިޔާފައި ގާތްވެލީމާ" އަހަރެންގެ އަނތްބަކު، މިތަނަށް ގާތެއްނުވާނޭކިޔާފައި ރުޅިއަރައިގެން އައިސް އަހަރެންގެ އަތާ އަރިކައްޓާއެކު އެތިފަހަރެއް އަޅާފައި މޭގައި އަތްއަޅާފައި ގަޅުވައިލީ. ދެން އަހަރެން އެބަހަށް ވަރަށް ބިރުގެން އެކަމަކު ކޮންމެގޮތެއްވިޔަކަސް އަނތްކަބު ވާނީ ވަރިނުކުރާހާ ހިނދަކު އަނތްބަކަށޭ ހީކޮށްފައި ތަންކޮޅެއް ދުރުގައި ހުއްޓައި ތަވީދުލިޔެ ބަޑިއަކަށް ލައިގެން ދެމީހުން ނިކުމެގެން ދިޔައީ (މިހިސާބަށް ރުޤިއްޔާފުޅުގެ ވާހަކަދިޔައިރު ހަސީނާގެ އަތްއޮތީ ލިބާހުގެ ދަށުން ލައިގެންގޮސް އުނަގަނޑުގައި އަޅައިފައިއޮތް ބަޑިއެއްގައި ހިފަހައްޓައިފައެވެ.)  ދެން އިރުކޮޅަކުން ބަލާއައީމާ އަހަރެން ދިޔައިރު ނާއިބުކަލޭގެ އިންނެވީ ފޮތެއް ބައްލަވާން އެތާހުންނަ ދިގުގޮނޑީގައި، އިބްރާހިމްފުޅުވެސް އިން، އިރުކޮޅަކުން ނާއިބުކަލޭގެ އަަހަންނާ ދިމާލަށް ބައްލަވައިލައްވާފައި އިބްރާހިމްފުޅު ބުނަނީ ކީކޭތޯ އެއްސެވީމާ ކަންތައް ވީތޮތަށް ނަންގަތިން، ދެން ކަލޭމެން ތިޔަތިބީ ދެގެއަށް ލައިފަޔޭ މިތަނުން އަންނާން އެންގީމާ އަންނާން ދާށެވެ، ކިޔުއްވާފައި ފޮނުވައިލީ، ދެން ރޭގައި މީހަކުއައިސް މާދަން 8 ޖަހާއިރަށް ނައިބުގެއަށްދާށޭ އެންގީމާ އަދު އެދިޔައީ. އަހުރެން ދިޔައިރު ނާއިބުކަލޭގެ އިންނެވީ އިބްރާހީމްފުޅާ ސުވާލުތަކެއް ކުރައްވަން. އެއިގެކުރީގަ ދެކެވުނު ވާހަކައެއް އަހަރެން ނުދެނަހުރިން. ދެން ނާއިބުކަލޭގެ ރުޤިއްޔާފުޅު ތިޔަހުރީ ވަރިވެފައޭ ބުނުއްވާފައި، އިބްރާހީމްފުޅަށް އަހަރެން ވިހައިގަދަވަންދެން ޚަރަދުދީ ބަލަން އަންގަވައިފައި ފޮނުވައިލީ.
ހަސީނާ: އަދު ހެނދުނު ތިމަންނަޔަކީ ހަސީނާނަމައޭ ކިޔާފައި އެބުނީ ކޮންވާހަކައެއް؟

ރުޤިއްޔާފުޅު: އެއީ އެއްވެސް ކަމަކާނުލައި ދޮގުހަދައިގެން އެންމެންގެ ތެރެއަށް ބޭޒާރުކޮށް ހަސީނާ ތެޅުވިމީހަކާ އިންނާން އުޅޭތީބުނިވާހައެއް.

ހަސީނާ: އަހަރެން ތެޅުވީ އަހުމަދުފުޅު ދޮގެއް!

ރުޤިއްޔާފުޅު: އާނ! އެއީ މީހަކު ގަންނަވައި އަހުމަދުފުު ކުރެއްވިކަމެކޭ. ސިއްރު ސިއްރުން އިބްރާހިމްފުޅާ ދެމީހުން އެވާހަކަ ދައްކާއަޑު އަހަރެންއެހިން.

ދޮނާ: ( މިހިސާބަށް ބުނާއިރަށް އުފަލުން ފުންމައިގެން ތެދުވެފައި) ކޮބާ އެރޭވެސް އަހަރެން އަހުމަދުފުޅު ކުރެއްވި ކަމެކޭ ބުނީމެއްނުން؟

ހަސީނާ: ތިޔަ ތަވީދުލީ ބަޑިއެއް ފެންނަނިކޮށް ރުޤިއްޔާފުޅަށް އެނގިދާނެތަ؟

ރުޤިއްޔާފުޅު: ބަޑިއެއް އެނގޭނެ ކަމެއްނޭގެ. ތަވީދު އެނގިދާނެ. އޭގައި ޖަހާފައި އޮންނާނީ ( އިނގިލިކުރިން ކަކޫމަތީގައި ކުރަހާލާފައި) މިކަހަލަ ޒާތަކަށް އޮތް އަކައެއް.

ދޮނާ: ފިސާރިތެދެއް! ތިޔައީ ވަރަށްބޮޑު އިސްތިރިއެއް. އަހަރެން ބައްޕަގެ ގޭގައި ހުންނަ ވަށިގަނޑެއްގައިހުރި ބާފޮތްތަކެއްގެ ތެރެއިން ތިޔަކަހަލަ އަކައެއް ޖަހާފައިއޮތް ކަރުދާސްކޮޅެއް ދުށިން. އޭގައިލިޔެފައިއޮތް، މީހާގައި ފުރާނަހުރިއްޔާ ލޯބިނުވެއެއް ނުދާނެއޭ. އެހެންނޫނިއްޔަ އެމީހަކު ދުނިޔެއިން މޮޔަވާނެޔޭ.

ދެން ހަސީނާ ފައްޓަރާ ހިސާބަށް ލިބާސް އުފުލާލަފައި ދޮނާއަތުގައިއޮތް ފޯއްވަޅި އަތުލާފައި އުނަގަނޑުގައި އޮތްބަޑިކަނޑާލައިފިއެވެ. އަދި މިއީ ތިމަންނާ ހުން ނުފިލައިގެން އިހަކަށްދުވަހު މަންމަ އަޅައިދިން ބަޑިއެކޭ. މީގެމަތިނެގޭނެހޭ؟ ކިޔާފައި ރުޤިއްޔާފުޅާ ދިމާލަށް ފޯރުވައިލައިފިއެވެ. ރުޤިއްޔާފުޅު ފޯއްވަޅީ މިޔަލާފައި މަތާކޮށްގަނެގެން ބަޑީގެ އަގުޅި ލުއްސައިލައިފިއެވެ. އަދި އޭގައިއޮތް ތަވީދު ނިއުޅާލާފައި މިއީ ހަމަ އެތަވީދޭ ކިޔާފައި ހަސީނާ އަތަށްދީފިއެވެ. ހަސީނާ މީގައިހިފުމާއެކު ތުރުތުރުލައިގަތެވެ. އަދިބުނެފިއެވެ. ދޮނާ ތިޔަބުނިހެން މިއީ އަހަންނަނަށް ހަދާފައިއޮތް އިސްތިރިއެކެވެ. މީއްޗެއް އެޅިފަހުން މަގޭހިތަކަށް މިނިވަންކަމެއް ނުލިބެއެވެ. އަބަދު ހުރެވެނީ ދެފުށު އެޅިފަަަައެވެ. ތިޔަ ބޯކިބާތައްފިހެ ގުޅަތައް ތެލުލާނެކަމެއްނެތެވެ. އެކަމަކު މިތަވީދުގެ ވާހަކަ އިހަށްނުދައްކާށެވެ. މިއީ އިސްތިރިއެއް ކަމެއްވެސް އަހަރުމެންނަކަށް ގައިމެއްނޫނެވެ.

އަޙުމަދުފުޅު ބޭޒާރުވުން

 
މިހައިދުވަސްވާންދެން ހަސީނާ އެހުންނަނީ ހަސީނާ ތެޅުވި މީހަކީ އަހުމަދުފުޅުކަން ޔަގީންނުވެފައެވެ. ދެންމެ ރުޤިއްޔާފުޅު އެދެއްކި ވާހަކައިން މިހާރު އެކަންތައް ރަނގަޅަށް ފިލަައި، ވެފައިއޮތް ހީވެސް ސީދާވެއްޖެއެވެ.
     
ދެން އެތައްއިރެއްވާންދެން ވާހަކަދައްކާން އިނދެފައި ރުޤިއްޔާފުޅު ހިނގައްޖެއެވެ. އިރުކޮޅަކުން ދޮނާވެސް ނިކުމެއްޖެއެވެ. އެދެމީހުން ދިއުމަށްފަހު، މިޖެހޭންއުޅޭ ބޮޑުކަންތަކާދޭތެރޭ ހަސީނާ ފިކުރު ހިނގައިގެންފިއެވެ. ހިތާވާމީހާ ނޫން އެހެންމީހަކާ އިނދެގެން އުޅެންޖެހޭނެ އުޅުމެއް ވިސްނާން ފަށައިފިއެވެ. އެރެއަކީ އަހުމަދުފުޅު އިންނަން ފޮނުވާ ރޭކަން ހަނދާންވާ ކޮންމެ ފަހަރަކު ހިތްދަނީ ސިހިގެންނެވެ. މޭ ހީވަނީ ކެެކިގަންނަހެންނެވެ. އިރުއިރުކޮޅަށް ތަވީދުގެ ކަންތަކާއި، ދޮގުހަދައިގެން ތެޅުވިކަން ހަނދާންވެފައި ރުޅީންފުރިގެންގޮސް ހިތަށްއަރައެވެ. އާނއެކޭ! އަހުމަދުފުޅާ ނުއިންނަން ދައްކާނޭ ޙުއްޖަތްވެސް މިއޮތީ ތައްޔާރުވެފައެވެ. މިރޭ މިއޮތީ މަންމަގާތުން ބުއިހާ ކިރުވެސް ނެރޭނެއެވެ. އިސްތިރިންކުރާ އަސަރެއްވެސް ފާޅުވާނޭ ރެއެވެ. އެއްވެސްކަމަކާނުލައި އަހަރެން ތަޅުވައި ބޭޒާރުކޮށްފައިހުރީތީ ނުއިނދެފާނެކަމަށް އިސްތިރިހަދައިގެން މިއޮތީ ވަރަށް ރަނގަޅަށް ހިތްޖެހިފައެވެ. މިކަހަލަ ފިކުރުތަކެއްގައި އޮއްވައި ކުޑަކޮށް ލޯމެރިލައިފިއެވެ. އިރުކޮޅަކުން ހޭއެރީ" އޭތް އޭތް ދަރިފުޅާ ހަސީނާ!" އޭ ގޮވައި އަތުގައިހިފައިގެން މަންމަ ދަމަނިކޮށެވެ. ދެން ގަދަ ނިދީގައިކަމަށް ހަދާފައި ކުކުރައިގެންފައި މަންމަގެ އަތުން ފޮޅުވާލައިފައި ބިތްދޮށަށް އެނބުރިއްޖެއެވެ. އިރުކޮޅަކުން މަންމަ ނުކުމެފައި " ނިދައިފިއްޔާ މަރުވުމެކޭ އެއްވަރޭ، ނިކަންގޮސް ގޮވައިލަބަލާށޭ" ދޮނާގާތު ބުނާއަޑުއިވެއެވެ. ދޮނާއައިސް ގޮވައިލީމާ މިއަދޮށަށް އެނބުރި މަޑުމަޑުން "އަޅާނުލާށޭ" ބުނެފައި ނިދީގައި ރުޅިއައިސްގެން ބުނާހެން ނިކަން ބާރަށް ތިޔައުޅެނީ ކީއްވެގެންހޭ ގޮވާލާފައި އަނެއްކާވެސް ބިތްދޮށަށް އެނބުރިއްޖެއެވެ. ދެން މަންމަ ގޮވާލައިފިއެވެ. ހަސީނާ ނިކަން ނިކުމެބަލާށޭ މިތިބީ ހަސީނާ ހޯދަން އައިސްތިބި ބައެކެވެ. ނިދާކަށް އަދި އިރުއޮއްސި ތިނެއްވެސް ޖެހީއަކީ ނޫންވިއްޔާއެވެ. ހަސީނާ ހޭލިކަން މަންމައަށް އެނގިއްޖެހެން ހީވީމާ ތެދުވެގެން ނިކުތުން ނޫންގޮތެއް ނުވިސްނުނެވެ. ލޯ އުނގުޅަމުން މަޑުމަޑުންގޮސް މެދުބުރީ ފޮތިގަނޑު ހިއްލާލިއިރު ރުށްގޭ އިބްރާހިމްފުޅާއި އެހެންމީހަކު ބޭރުގެ އެނދުގައި ތިއްބެވ. ހަސީނާ ފޮތިގަނޑު ހިއްލައިލިތަނާ އިބްރާހިމް "އައިސްބަލާށޭ" ގޮވައިލައިފިއެވެ. ހަސީނާ ނިދިނުފިލައިގެން ކަމަށްހަދާފައި ނުދިޔައެވެ. އެކަމަކު ޙަމަލާއަކުން ދިފާޢުކުރާން ހުރިމީހަކުހެން ތައްޔާރުގައި ހުރެއްޖެއެވެ. މިހާރު ހަސީނާއަށް އެއަންގަނީ އެދެމީހުނީ އަހުމަދުފުޅުގެ ފަރާތުން އައި ހެކިވެރިން ކަމެވެ. ދެން ހިތްވަރުދެނީ ނިދިފިލުވައިލާފައި އަވަހަށް ރަންކިޔުމުގެ މައްޗަށެވެ.
     
ހަސީނާ އެހުންނަނީ މަންމަހުރީތީ އެއްޗެއް ބުނާންނުކެރިފައެވެ. މަރިޔަނބުވެސް ތިމަންނާހުރީތީ ލަދުގަންނަނީއޭ ހީކޮށްފައި ބަދިގެއާ ދިމާއަށް ހިނގައްޖެއެވެ. އަނެއްކާވެސް އިބްރާހިމްފުޅު" ހަސީނާ ނިދިފިލުވައިބަލާށޭ ބުނެފިއެވެ. " އަހަރެން މިހުރީ ހޭލައޭ ހަސީނާ ބުނެފިއެވެ. މީހުން ފޮނުވައިގެން ހެކިކަމުއައިސް އެންމެފުރަތަމަ ކިޔުއްވަނީ ރަންހެއްޔެވެ؟ އަހުރެން ރުހޭތޯ ނުރުހޭތޯވެސް އަހާނުލައި  މާއަވަހަކަށް ރަނުގެ ވާހަކަ ދައްކަނީ އިބްރާހިމްފުޅު ހެކިކަމުއައިސް ތިޔައުޅެނީ އާފަހަރު ވެގެންހެއްޔެވެ؟ ދެން އިބްރާހިމްފުޅު ކުޑަކޮށް ރަކިވެފައި ބުންޏެވެ. އަހުމަދުފުޅުގެ ކިބައިން އަހަރެމެންނަށް އެގިފައިއޮތީ އެކަނި ރަންކިޔުއްވާން ވެފައިއޮތްވާހަކައެވެ. ދެންއެންމެ ރަގަނޅެވެ. ރުހޭތޯވެސް މިއަހަނީއެވެ. ހަސީނާ އަހުމަދުފުޅާ އިނުމަށް ރުހެމުހެއްޔެވެ؟ ހަސީނާ ދޮރުފޮތިގަނޑު ފުރަގަހަށް އެއްލާފައި އޮޅީގެ ބޭރަށްނުކުމެފައި ބުނެފިއެވެ. އަހަރެން ކަހަލަ އަޚްލާޤު ނުބައި މީހަކާ އަހުމަދުފުޅު ކަހަލަ ރަގަނޅުމީހަކު އިންނާނޭވެސް ހީނުކުރަމެވެ. އަހަންނަކީ ފެންނަހައި މީހަކު ގަޔަށް އަރަމުންދާ ކަސްބީ އަންހެނަކުކަން އަހުމަދުފުޅު ނުދަންނަނީ ބާވައެވެ. ތިޔައީ ކުރާމަލާމާތެކެވެ. އިބްރާހިމްފުޅު ކުޑަކޮށް ޙައިރާންވެފައި ބުނެފިއެވެ.ނޫނެކޭ، އަހަރެމެންނަކީ އަހުމަދުފުޅު ފޮނުވައިގެން އައިބަޔެކެވެ. ހަސީނާއަކީ ތިޔަބުނާ ޒާތުމީހެއްނޫންކަން އަހުމަދުފުޅާ މިރަށު އެންމެންވެސް ދަންނާނެއެވެ. އަމުދުން އަހުމަދުފުޅު އިންނަން ފޮނުވާނީ އޭނާޔަށް ހަސީނާގެ ރަގަނޅުކަން އެނގިގެނެއް ނޫންހެއްޔެވެ. ހަސީނާ ބުނެފިއެވެ. އަހުމަދުފުޅުގޭގައި މަސައްކަތްކުރާ ބީރައްޓެހިންނަށް ދާންދެން ހިތުދަސްކަމެއް އަހުމަދުފުޅަށް ނޭގިއެއްނުދާނެއެވެ. އިބްރާހިމްފުޅަށާއި އިބްރާހިމްފުޅު ވަރިކުރި ރުޤިއްޔާފުޅަށްވެސް ރަގަނޅަށް އެނގޭނެއެވެ. އަހަރެން އަހުމަދުފުޅާ އިނދެފީވިއްޔާ، އެއީ މުދިމުކަލޭގެއަށް ލިބޭ ހުތުރުނަމެކެވެ. އެހެންވީމާ އަހަންނަކަށް އަހުމަދުފުޅަކާ ނުއިނދެވޭނެއެވެ. އަދި އަހަރެން ނުދެނަހުރި ކަމަށްހުއްޓަސް ރަގަނޅަށް ދެނަހުރީމެވެ. ނާއިބުގެއަށް ގެންގޮސް ދޮގުހަދައިގެން އަހަރެން ތަޅުވައި ބޭޒާރުކުރިމީހަކީވެސް އަހުމަދުފުޅެވެ. އިބްރާހިމްފުޅުވެސް ނުބުނާން އުޅުނަކަސް ރަގަނޅަށް ދަންނާނޫއެވެ.

ހަސީނާ ނެރެލުން



ހެކިވެރިންދިޔަތާ އިރުކޮޅެއްފަހުން ހަތަޔާކުޅުނީމާ އައި ކުޅަނދުރެއް އައިހެން މަންމަ އަތުވެއްޖެއެވެ. މަންމަގެ މޫނުހީވަނީ ފަންކޮޅެއް ޖައްސައިފިއްޔާ ރޯވެދާނޭހެންނެވެ. ނިތްކުރިވަނީ ރޫޖެހިފައެވެ. ދެބުމަ މައްޗަށްއަރައި ލޯވަނީ ވަށްވެފައެވެ. މަންމަގެ މޫނުފެނުމާއެކު ބިރުވެރިކަން ޖެހުނީކަންއެނގި ހަސީނާއަށް ރޮވި ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. މަންމަ ތަންދޮރުކުޑަ ވެފައިހުރިވަރުން އަވަހަށް ވަންނާން ހަދައިގެން އޮޅީގައިވެސް ފެއްސުނެވެ. ދެން ރުޅިން ތުރުތުރުއަޅައިހުރި އަޑަކުން ހަސީނާއަށް ދޭންފަށައިފިއެވެ. ހަސީނާ ރޮއިގެންފައި ބުނެފިއެވެ. " މަންމާއެވެ. ނިކަންބަލާށެވެ. އެއްކަލަރޭ އަހަރެން ނާއިބުގެއަށް ގެންގޮސް ދޮގުހަދައިގެން ތެޅުވީ އެއީ އަހުމަދުފުޅު ކުރެއްވި ކަމެއްކަން ދެންމެ ރުޤިއްޔާފުޅުގެ ކިބައިން އެނގިއްޖެއެވެ. އެއީ ފިރިހެނުން ތިބިތަނެއްގެ ކައިރިން އަހަރެން ގޮސްގެން ބޭލިބޮނޑިއެކެވެ. އެއިރު އެއީ އަހަރެންގެ މައްޗަށް އޭނަގެ އެއްވެސް ބާރެއްނެތްއިރެވެ. އޭނާގެ ބާރުހިނގާގޮތެއްގައި އަހަރެން ވެއްޖިއްޔާ ފިރިހެނަކު  ފެންނަ ހިސާބަށްދިޔަސްކުރާނީ އެވަރުހެއްޔެވެ. އެވަރުމީހަކާ އިނދެން އުޅެވިދާނޭ ހެއްޔެވެ؟ އަހަރެން އަހުމަދުފުޅަކާ ނުއިންނާނަމެވެ. މަންމަ ހަސީނާ ވާހަކަދައްކަންދެން ނުވެސްހުރެއެވެ. އަހުމަދުފުޅާ ނުއިނދެފައެއް މިގެއަކު އޮވެގެނެއް ނުވަނޭ ކިޔާފައި ހަސީނާގެ ފޮއްޓާއި އަންނައުނުތަކާނެރެ ބޭރަށް އުކާލައިފިއެވެ. ހަސީނާވެސް ގަޅުވަމުންނެރެ ކޮއްޕާލައިފިއެވެ.
         
ހަސީނާ ރޮމުން ރޮމުން ދިޔައީ ބައްޕަމެންގެ މުސްކުޅިގެއަށެވެ. ދިޔައިރު ބައްޕައާއި އެހެން ދެމީހުން މަސްބާނާ ކަންވާރު އަނބުރާން އުޅެތެވެ. ގިސްލަމުންގޮސް ބައްޕަގާތަށް ހުއްޓުނީމާ ކީއްވީތޯ އަހައިފިއެވެ. ހަސީނާ އެއްކަލަ ތަވީދު ދައްކާފައިބުނެފިއެވެ. ބައްޕަ ނިކަން މިއޮތް ތަވީދެއް ދެކިބަލާށެވެ. މިއީ އަހަރެން ހުންއަންނަން ހެދީމާ މަންމަ އަޅައިދިން ބަޑިއެއްގައި އޮތްތަވީދެކެވެ. މިލިޔުނީ އަހުމަދުފުޅޯލައެވެ. މިއީ އިސްތިރިއެކެވެ. މިކަމާ އަހަރެން ގާތަށް އައިއްސާހުރި ރުޅިން އަހުމަދުފުޅު ފޮނުވީމާ ނުއިންނާނަމޭ ބުނެގެން މަންމަ އަހަރެން ކޮއްޕާ ގެއިންނެރެ ފޮއްޓާ އަންނައުނުތައްވެސް މަގުމައްޗަށް އުކާލައިފިއެވެ. މަންމައަށް ރަނގަޅަކަސް އެއީ އަހަންނަކަށް ރަނގަޅުމީހަކީ ނޫނެވެ. އަހުމަދުފުޅު އެހުރީ އެއްވެސް ކަމަކާނުލައި  ދޮގުހަދައިގެން އަހަރެން ތަޅުވައި ބޭޒާރުވެސް ކޮށްފައެވެ. އަހަރެން އަހުމަދުފުޅަކާ ނުއިންނާނަމެވެ. މިހެންބުނުމާއެކު ބައްޕަ ބުނާނޭ އެއްޗެއް ނޭނގުނުކަމުން ބާރަކަށް ގިސްލައިގެންފައި ރޮވިއްޖެއެވެ. އަދި މާގިނައިން ކަރުނަތައްވެސް އޮހިގެންފިއެވެ. ބައްޕަމިކަމާ ޙައިރާނެއްވެސް ނުވެއެވެ. ފިކުރެއްވެސް ބޮޑެއްނުވެއެވެ. ހަމައާދައިގެ ގޮތަކަށް " ތިޔައީ މޮޔަވެގެންއުޅޭ މީހެކެވެ. އެގެއްކަށް ނުދިޔައަކަސް ހެވޭ. މިގެއެއް މަންޖެ އޮންނާކަށް ކުޑައެއްނުވާނެއޭ. އަހަރެން ތިޔަ ފޮއްޓާއެއްޗެހި ގެނެސްދޭނަމޭ" ބުނެ އެގޭގައި އޮންނަން އަންގައިފިއެވެ.
 

ސިއްރު ވާހައެއް


އަނެއްދުވަހު މެންދުރެއްހައިއިރު ބައްޕަގޭ ބަދިގެ ފަރާތުގައި ހުރި އުނދޯލީގައި ހަސީނާ އިންދާ ދޮނާ ހިނގައްޖެއެވެ. ދެން ހަސީނާ ދޮނާ ކުރެން އަހައިފިއެވެ. މަންމަ މިހާރުވެސް ހުރީ އެހައިރުޅިއައިސްފާ ހެއްޔެވެ؟ ދޮނާ ބުނެފިއެވެ. އާނއެކެވެ. އަދުވެސް އަނގައެއް ހުއްޓައެއްނުލައެވެ. ޅިޔަންބޭބެއަށްވެސް ނުގޮވާކަށް އެއްޗެއްނެތެވެ.  އަހަންނާދިމާލަށްވެސް ހަސީނާއާއެކު ދަންޏާ ގެއިންބޭރުކޮށްލާނަމޭ ބުންޏެވެ. އަނެއްކާ:-

ދޮނާ: ހަސީނާ އަހުމަދުފުޅާ ނީންނާން ތިޔައުޅެނީ ކީއްވެ. މަންމަ ރުޅިނާރުވައި  އަހުމަދުފުޅާ އިންނާންވީއެއްނުން. އަހުމަދުފުލަކީ ނަސަބުގެ ގޮތުންވެސް ފައިސާގެ ގޮތުންވެސް ކިހައި ރަގަޅުމީހެއް. އިހަށް އިނގިލި ފަސޭހަނުވަނީހެއް މީހަކާ ނުއިންނާނަމޭ ކިޔާފައި މިހާރު ފަސޭހަވެސް ވެއްޖެއެއްނުން

ހަސީނާ: ނޫނެކޭ. އަދި ފަސޭހަވާންގާތްވެސްނުވޭ. މިއީ ތިޔަހެން ފަސޭހަވާނޭ އިނގިއްޔެއްނޫން.

 ދޮނާ: އަޖައިބުހީވޭ. ދެން ކިހިނެއްތަ ފަސޭހަވާނީ . މިހާރު ލަކުނުވެސް އެނގޭކަމެއް......ތިޔަބުނާ ފަސޭހައަކީކޮބާ؟

ހަސީނާ: އިހަށްވެސް ބުނީމެއްނުން. ބޭރުން ފަސޭހަވިޔަކަސް އެތެރެއަކުން ފަސޭހައެއްނުވެޔޭ. ފަސޭހަވާނީ ރަގަޅު ބޭހެއް ކުރެވުނުދުވަހަކުން. އަހަންނަށް ހީވަނީ އެތެރެއޮތީ އުމަގު ހިނގާފައިހެން.

 ދޮނާ:  މާތްކަލާކޯ! ހަސީނާ ބިރެއްވެސް ނުގަނޭ . ތިޔަހެން ބުނަނިކޮށް އުމަގުވާންވެސް ވެދާނެ........... އަހުމަދުފުޅު އެކުރީ ކިހައި ރަނގަޅު ބޭހެއް. އެއަށްވުރެ ރަނގަޅުބޭސްވެރިއެއް މިއަތޮޅުގައިވެސްކޮބާ؟

ހަސީނާ: އަހުމަދުފުޅަކީ ކިތަންމެބޮޑު ބޭސްވެރިއެއް ނަމަވެސް އޭނާގެ ބޭހަކުން މިއިނގިއްޔެއް ފަސޭހައެއްނުވާނެ!

މިހާރު ދޮނާއަށް ހީވަނީ ހަސީނާގެ އެތެރެފުށް ކަޝްފުވާހެންނެވެ. އިނގިލީގެ އުމަގު ފެންނަހެންނެވެ.  އެއުޅެނީ ހިތުގެ ސިއްރުފާޅުވާށެވެ. އެތެރޭގައިހުރި ކަމެއް ބޭރަށް އަސަރުނުކޮށް ހުންނާނީ ދުވަސްކޮޅަކުއެވެ. ދޮނާއަކީ ހަސީނާގެ އެންމެބޮޑު ސިއްރުވެރިޔާކަމަށް ވުމާއެކުވެސް މިސިއްރުވަނީ ދޮނާއަށްވެސް ނުދެވޭހައި އަޑީގައެވެ. ދެންމެ ހަސީނާއަށް ބުނެވުނު ބަހަކުން ދޮނާ ވަރަށް ފުންމަޢުނައެއް ނަގައިފިއެވެ. އަދި އަވަހަށް އެކަމުގެ ދަންނަބޭކަލަކަށް ވުމަށް އެދިގެންފިއެވެ.

ހަސީނާ: ދޮނާމެން ހީކުރަނީ މުދިމުކަލޭގެ އަހުމަދުފުޅު ނޫނީ ބޭހެއް ހަދާން ދަންނަމީހަކުވެސް ނުހުންނާނެކަމަށްތަ؟ އޭނާޔަކީ ވެސް ބޭސް ބާވައިލައްވާ މީހެއްނޫން. ފޮތްފޮތުގައި ލިޔެފައި އެހުންނަ ގޮތަށް އޭނަވެސް ކޮށްއުޅެނީ. ދޮނާއަށް ފަހެ ފޮތެއްގައިއޮތް ބޭހެއް އެގޮތަށްހަދާން ނޭގޭނެތަ. އޭނާއަށްވުރެ މާރަގަޅަށް އެއްޗެހީގެ މާނަ ދަންނަމީހުން މިރަށުގައި އެބަތިއްބޭ. އެއިން މީހަކަށްވެސް ފޮތަކުން ބަލައިގެން ބޭހެއްކުރެވިދާނޭނޫން. ދިމާވެއްޖިއްޔާ އެބޭހަކީ އަހުމަދުފުޅުކުރި ބޭހަށްވުރެ ރަގަޅުބޭހަކަށް ވެގެން މަގޭ އިނގިލި ފަސޭހަވުމަކީ ދުރުކަމެއްނޫނޭ!

ދޮނާ: (ހީނގެންފައި) މިހާރު އެނގިއްޖެ. މިހާރު އެނގިއްޖެ! މިއޮތްހައި ދުވަސްވީއިރު އަހަންނަށްވެސް ނާންގައި އުޅުނީ ތިޔަބުނާ ބޭސްވެރިއަކީ ކޮބައިތަ؟ އަހަންނަކީ ހަސީނާގެ ސިއްރުވެރިއެއްނުން

ހަސީނާ: (ވަށައިގެން ބަލައިލާފައި، ގެއިން ނުކުމެގެން ބަދިގެއަށް ދިޔަމީހަކު ދުރަށްދާންދެން ލަސްކޮށްލައިފައި) މިވަރަށް ދޮނާގާތުބުނީވެސް ތިޔައީ އަހަރެންގެ އަމާނާތްތެރިއެއްކަން އެނގޭތީ. އަހަރެން މިހުރީ ދޮނާގާތު އެއިގެ ވާހަކަދައްކާން ލަދުން. އަނެއްފަރާތް އޮތްގޮތް ނޭނގޭތީ!

ދޮނާ: އަހަރެން ގާތުބުނާން ހަސީނާ ޖެހިލުންވާނެކަމެއްނެތް. އަހަރެންގެ ހިތަކީ ހަސީނާގެ ހިތް. ދުލަކީ ހަސީނާގެ ދޫ. ހަސީނާގެ ދުލުން ނުބުނާ އެއްޗެއް އަހަރެންގެ ދުލުންނުބުނާނެ. އަހަރެންނަށް ތިޔަމީހަކު އެގެނިކޮށް އެފަރާތް އޮތްގޮތެއް ހޯދޭތޯ މަސައްކަތްކުރާނަން. ހުސައިންމަނިކުދޯ؟

ހަސީނާ: ދޮނާގާތު ނުބުނާނެ ކަމެއް ނޯންނާނެ. ދޮނާހިތުން ފޮސްކޮށްލި އިނގިލި ފަސޭހަކުރާން ފިސްކޮށްލިމީހާއަށްވުރެ ރަގަޅު މީހަކު ހުންނާނެހެން ހީވޭތަ؟  ވިހައިގެ ބޭހަށް ރަގަޅުވާނީ ވިހަޔޭ ބުނެތޭއްނުން. ދޮނާޔަށް ތިޔަހައި ފަސޭހައިން އެގުނީ ކިހިނަކުން؟

ދޮނާ: އެއްޗެހީގެ މަޢުނަދަންނަ މީހުންގެ ވާހަކަ ހަސީނާ ބުނިތަނުން ވިސްނުނީ. ހުސައިންމަނިކަށްވުރެ ބޮޑަށް މަޢުން ދަންނަމީހަކު މިރަށަކު ނުހުންނާނޭނުން؟ އާނ! އަހުމަދުފުޅަށް ވުރެ ހުރިހައިގޮތަކުންވެސް ހުސައިންމަނިކު ރަގަޅުވާނެ. އަހުމަދުފުޅަކީ މީހަކާ އިނދެފައިވެސް ހުރިމީހެއް.

ހަސީނާ: ދޮނާ ހުސައިންމަނިކާ ރައްޓެހިތަ؟ ވާހަކަދައްކައި އުޅެމުތަ؟

ދޮނާ: މާބޮޑަށް ވާހަކަދައްކައެއްނޫޅޭ. އަހަރެން ކިޔަވާންގޮސްއުޅޭއިރު ބައެއްފަހަރަށް ދުންފަތްއަޅައިދޭންބުނޭ.

ހަސީނާ: ދޮނާ އެހެންމީހުންނާވެސް ރައްޓެހިވާހެން ހުސައިންމަނިކާވެސް ރައްޓެހިވެބަލަ.

ދޮނާ: ހުސައިންމަނިކަކީ އަހަރެން މާބޮޑަށް ލަދުގަންނަ މީހެއް. އަދި އެއީވެސް މާބޮޑަކަށް މީހުންނާ ވާހަދައްކައިއުޅޭ މީހެއްނޫން. އެކަހަލަ މީހުންނާ ކިހިނެއްތަ ރައްޓެހިވެވޭނީ.

ހަސީނާ: އަހަރެން ކިޔަވާން ފަށައިފައިއޮތް ހުއްޓއިލާންވެގެން ހުސައިންމަނިކު ކައިރިއަށް ދެވޭތޯ ހިތައިއުޅެނީ. ލައްކަ ދުވަސްވެއްޖެ ، އަހަންނަށް މިހުންނަނީ ހުސައިންމަނިކު ކައިރީ އަހައިލަދޭނޭ މީހަކުނުވެފައި. ދޮނާވެސް ތިޔަބުނީ ރައްޓެހި ނޫންވާހަކަ.

ދޮނާ: މުސްކުޅިންބުނޭ ލަދަކާހެދި ތަދެއްނުފިލާނެޔޭ. އެހެންމީހުންވެސް ތިޔަކަހަލަ ތަންވަޅަށް ފޮނުވައި އުލޭނީ ސިޓީ! ހަސީނާވެސް ސިޓީއެއް ލިޔެބަލަ. އަހަރެންކޮންމެވެސް ގޮތަކުން ދެވޭތޯބަލާނަން. އަދި ދިމާވާގޮތަކުން އަނެއްކަންތަކާ ދޭތެރޭވެސް ހުސައިންމަނިކުގެ ހިތްއޮތްގޮތެއް ހޯދޭތޯބަލާނަން!

ހަސީނާ: އެންމެ ރަގަނޅު . ސިޓީއެއް ލިޔާނަން.

       މަގު ހޯދައިލުމެއް

      
އަނެއްދުވަހު ކިޔަވާންދަމުން ދޮނާ ދިޔައީ ހަސީނާ ދިން ސިޓީއެއް ހިފައިގެންނެވެ. އެގޮސް ދޮނާ ވިސްނަ ވިސްނައި އެ ސިޓީ ހުސައިންމަނިކުގެ އަތަށް ފޯރުވައިލާނޭ ގޮތެއް ފިކުރަކަށް ނައެވެ. ކިޔަވައި އަވަދިވީފަހުންވެސް ހުސައިންމަނިކު އަނގައިންބުނޭތޯ ނުވަތަ ދުންފަތް އަޅައިދޭންބުނޭތޯ އެތައްއިރެންވަންދެން ހުރެއްޖެއެވެ. އަދި ހުސައިންމަނިކަށް ފެންނަހިސާބުން އެތައްފަހަރަކު ދެކޮޅަށް ދެކޮޅަށް ކަރުކެހެމުން ހިނގައިވެސް ވެއްޖެއެވެ. ކޮންމެއަކަސް އެދުވަހު ހުސައިންމަނިކު ދުންފަތް އަޅައިދޭން ނުގޮވިއެވެ. މިގޮތަށް ދެވަނަދުވަހާއި ތިންވަނަ ދުވަސްވެސް ހިނގައްޖެއެވެ. ކޮންމެ ދުވަހަކުވެސް ދަނީ އަންބޮނޑިތެރެއަށްލައި ރައްކާކޮށްގެން ސިޓީ ހިފައިގެންނެވެ. ކަން ހިނގަނީ ފުރަތަމަ ދުވަހާ އެއްގޮތަށެވެ. ހަތަރުވަނަދުވަހު ދޮނާ ދިޔައިރު ހުސައިންމަނިކު ގެއަކު ނޫޅެއެވެ. ފިލާވަޅު ދަސްނުވެގެންކަމަށް ދޮޅުގަޑިއިރުވާންދެން އިންއިރުވެސް ހުސައިންމަނިކެއް ނައެވެ. ދެން ވަރަށްދެރަވެފައި އެދުވަސްވެސް ފާއިތުވީކަމަށް ހިތްހަމަޖައްސާލާފައި ޚަތިމު ބަހައްޓާން ތައްޔާރުކޮށްލިތަނާ ހުސައިންމަނިކު އައިސް ގެއަށް ވަދެއްޖެއެވެ. އަދި ދޮނާގާތު ފަތް ސިލުނބެއް އަޅައިދޭން ބުނެފިއެވެ. ދޮނާ ވީއަކީ ކުޑަ ކުޑަ އުފަލެއްނޫނެވެ. އަވަހަށް ޚަތިމު ލައްޕައިލާފައިގޮސް ހުސައިންމަނިކުގެ ކޮޓަރިއަށްވަދެ ބަލައިލިއިރު ދުންފަތް ގުޅީގައިވަނީ ދެފަހަރަކު އަޅާހައި ދުންފަތެވެ. މި ފުރުޞަތު ދޮނާ ބޭނުންކުރީ ޙުސައިންމަނިކާ ވާހަކަދައްކައިލުމުގެ ބީރައްޓެހިކަން ފިލުވައިލުމަށެވެ. ދުންފަތްގުޅި ހުރީ ހުސްވެފައޭ، ދޮގުވެރި ގޮތަކަށް ދޮނާބުނެލިއެވެ. ހުސައިންމަނިކު ބުންޏެވެ. މަންމަގާތު ބުނެގެން ދުންފަތް ނަގައިގެން އަޅާށެވެ.


ދޮނާ ދުންފަތް އަޅައިގެން އައިއިރު ހުސައިންމަނިކުއޮތީ  ކޮޓަރީގައިހުރި ސަރަންފީ ގޮނޑިއެއްގައި އޮށޯވެ ފޮތެއްބަލާށެވެ. ކައިރީގައިހުރި ގޮނޑިއެއް މަތީގައި ގުޑުގުޑާ ހުއްޓެވެ. ދޮނާގޮސް ގުޑުގުޑާގައި ސިލުނބު ޖެހުމުން ހުސައިންމަނިކު ވާގަނޑުނަގާ ދެފަހަރަކު ދަމާލާފައި އަދި ހުމެލާން ބުނެފިއެވެ. ދޮނާ ސިލުނބު ހިފައިގެން ނުކުމެ މަތިމަތީހުރި އަޅިތައް ދުއްވާލައި އަލިފާންގަނޑު އާކޮށްލައިފައި ގެންގޮސް ޖަހައިފިއެވެ.  އަނެއްކާވެސް ހުސައިންމަނިކު ހައެއްކަފަހަރު ދަމާލައިފައި ، ދޮނާ މިއަދު ދުންފަތް ތިޔައެޅީ ކިހިނެއްހޭ، އެއްގޮތަކަށް ދުމެއްނައޭބުނެފިއެވެ. ދޮނާ މިއުޅެނީ ހުސައިންމަނިކާ ވާހަކަދައްކަންވެގެން ތަމްހީދެއް ޖަހާށެވެ. ދެން ތިޔަ އަލިފާން ނުބައީ ކިޔައި ސިލުނބު ނަގައިގެންގޮސް ރަގަޅަށް ފުމެލައި އިލޮށިކޮޅަކުން އަލިފާންގަނޑުގެ މެދުވެސް ކޮނެފައި ގެންގޮސް ޖަހައިދީފިއެވެ.

މިހާރު ރަގަޅަށް ދުން އަތުވެއްޖެއެވެ. އެކަމަކު ދޮނާ އަދިވެސް އަންނާކަށް ނޫޅެއެވެ. ހުސައިންމަނިކުގެ އަތަށް ހަސީނާގެ ސިޓީދޭނެ ފިކުރެއް ކުރަނީއެވެ. އިރުކޮޅެއްވާންދެން ހުސައިންމަނިކު ފޮތްބަލާންއޮވެފައި ދޮނާއާ ދިމާލަށް ބަލައިލާފައި ދެން ދިޔަޔަސް ހެވޭ ބުނެފިއެވެ.  ދޮނާ ނިކަން ލަދުގަންނަ ވައްތަރަކަށް ދޮރުކަންޏާ އަނގަ ނިވާކޮށްފައި ބުނެފިއެވެ. ހުސައިންމަނިކު ކައިރިން އަހައިލަދޭށޭ ކިޔާފައި މީހަކު ބުނި ވާހަކައެއް އެބައޮތެވެ. ހުސައިންމަނިކު އެއީ ކާކު ބުނި ކޮންވާހަކައެއްތޯ އަހައިފިއެވެ. ދޮނާ ބުނެފިއެވެ. އަޅުގަނޑުގެ ބޮޑުދައިތަގެ ހަސީނާ މީހަކުގާތުން އެއްބައި ކިޔަވާފައި އޮތްފޮތެއްގެ އަނެއްބައި ކިޔަވައިދޭތޯ ހުސައިންމަނިކު ކުރެން އަހައިލަދޭށޭ ބުނެގެން އެވާހަކައެވެ. އަޅުގަނޑު ނަންގަންނާން ނުކެރޭނެޔޭ ބުނީމާ ސިޓީއެއްވެސް ދިނެވެ. ދެން ހުސައިންމަނިކާ ދިމާޔަށް ސިޓީދިއްކޮށްލައިފިއެވެ. ހުސައިންމަނިކު ސިޓީ ހިފާފައި ނިއުޅާލައި އެއްކޮޅުން އަނެއްކޮޅަށް ބަލައިލާފައި  އެހެން ފަހަރަކުން މީގެޖަވާބެއް ދީފާނަމޭ ކިޔާފައި ބަލާންއިން ފޮތާ ދިމާޔަށް އެނބުރިއްޖެއެވެ. ދެން ދޮނާވެސް ވަރަށް އުފަލުން އަތުވެއްޖެއެވެ.

ސިޓީގެ ނަކަލު


ހަސީނާގެ ސިޓީއާދޭތެރޭ ހުސައިންމަނިކު ޖަވާބެއްނުދީ ދެދުވަސްވެއްޖެއެވެ. އަމުދުން ހަނދާންވެސް ނެތީއެވެ. ރޭގައި ނިދާން އޮށޯވެ އޮއްވައި ކުއްލިއަކަށް ސިޓީގެ ކަންތައް ހަނދާންވެގެން ތެދުވެ ބައްތި ބޮޑުކޮށްލައިފައި ހޯދައިލިއިރު އެދުވަހު ކިޔާންއޮތް ފޮތްތެރޭގައި ބޭއްވިގޮތަށް އޮތެވެ. އަދި މިއުޅެނީ ސިޓީގައި ހުރިއެއްޗެހި ވިސްނަިއިވެސް ނުލައެވެ. ދެން ރަގަޅަށް އިށީނދެ ހަމަޖެހިލައިފައި ސިޓީ ނިއުޅައިލައިފިއެވެ. ބަލައިލިއިރު އަންހެނެއްގެ ލިޔުންކަން ސާފުކޮށް އެގެއެވެ. ކިޔައިލިއިރު ބަސްތައްހުރީވެސް ވަރަށް އެހެންފާޑަކަށެވެ. ބައެއްތަންތަން ކުޑަކޮށްވިސްނައިގެންނޫނީ ހަމަވެސްނުޖެހެއެވެ. ޖުމްލަ ޖުމްލަ ހުއްޓޭތާނގައި ތިއްކެއް އެއްޗެއް ޖަހާފައިނެތްކަމުން އެއްޖުމްލަ ހުއްޓިގެން އަނެއްޖުމްލައިން އެތައް ތަނެއްކިޔޭއިރުވެސް ނޭގެއެވެ.އެހެންވީމާ ބުނާއެއްޗެއްގެ މަޢުނަދޭހަވުންވެސް ކުޑަކޮށް އުނދަގުލެވެ. ސުކުންކުރާކަށް ވަކިތަނަކަށް ވަކި އަކުރެއް ނެތެވެ. ށަވިޔަންޏެކޭ އަލިފެކޭ ފަރަގެއްނެތެވެ. މީމެކޭ ތަފާތެއްނެތެވެ. އެެހެންއަކުރެއްގައި ސުކުންކުރާންވާ ކިތަންމެ ތަނެއްގައި ނޫނު ސުކުންކޮށްފައި ހުއްޓެވެ. އަކުރުތަކަށް ވިސްނިއިރު އާދައިގެ ލިޔުމަށްވުރެ ރީތިކުރާން ފަރުވާ ބަހައްޓައިފައިހުރިކަން އެނގެއެވެ. އެކަން އެނގެނީ އެކިއަކުރު އެކިތާ އެކިގޮތަށް އެޅިފައިހުރި ކަމުންނެވެ. މީހަކު އާދައިގެ ގޮތަކަށް ގަލަން ދޫކޮށްލައިގެން އިނދެ އެއްޗެއްލިޔާނަމަ އެއް އަކުރު އެޅޭނީ  ހުރިހައި ތަނެއްގައިވެސް ދާދި އެއްފާޑަކަށެވެ. އަދި ލިޔާން ގެންގުޅުނު ގަލަމަކީ ވަރަށް ތުނޑުބަލި ދެލިހިނގުން އުނދަގޫ ގަލަމެއްކަންވެސް އެގެއެވެ. ދެލި ނައިސްގެން އިރުއިރުކޮޅަށް ފޮޅައިލައިފައި ހުރިކަންވެސް އެގެއެވެ. އެކަން އެގެނީ ބައެއް ތަންތަނުގެ ކުލަ މާފަނޑުވެފައި އަނެއްބައި ތަންތަނުގެ ކުލަ މާގަދަވެފައި ހުރީމައެވެ. ތުނޑުބަލި ގަލަމެއްކަން އެގެނީ އަކުރުތައް ދެކަފިވެފަހުރީމައެވެ. ސިޓީގެ ނަކަލު މިލިޔަނީއެވެ.

 ''  ހުސައިންމަނިކަށް އަޅުގަނޑު ހަސީނާ ސަލާމްބުނަމެވެ.

 ހާސްހާސްފަށުން މިސިޓީ މިލިޔަނީ ވަރަށް ލަދުން އިނދެގެންނޭ، ހުސައިންމަނިކަކީ އަޅުގަނޑުގެ ރައްޓެއްސެއް ނޫންކަމުން ދުވަހަކު އަނގައިން ބުނިމީހެއްވެސް ނޫންކަމުން މީގައި ނިކަން ކުށް ހުންނާނެއެވެ. ހުތުރުވެސްވާނެޔޭ. ހުސައިންމަނިކު މިބޭޒާރުނުކުރާނެހެން ހީވާތީއޭ ލިޔާންކެރުނީވެސް. އަޅުގަނޑުނިކަން ދާހިތްވެއޭ ކިޔަވާން ހުސައިންމަނިކު ގާތަށް އެކަމަކު މީހުންކިޔާނެ އެއްޗެހިންނާ ނަންގަނެދޭނޭ މީހަކުނުވެގެންނޭ މިހުރީ މިހައި ދުވަސްވާންދެން. މިނަންގަތީޔޭ ކޮންމެގޮތެއްވިޔަސް ޢީދުފުރުވައިލިރޭ ހުސައިންމަނިކަށް ދުފާންދިން ކަމަށްޓަކައިވެސް މުދިމުކަލޭގެ އަހުމަދު އަޅުގަނޑު ތަޅުވާފައޭއޮތީ އޭނާ އުޅޭނީ އަޅުގަނޑު ނުއިނދެގެން އޭގެ ބަދަލުދޭންކަމަށް އަބަދު ފާރަލައިގެންނޭ ކުށެއްފެނޭތޯ ބަލަބަލައެވެ. ކޮންމެ އަކަސް ތިޔައީ އަޅުގަނޑުގެ އެދުރުބެއިކަލުންނޭ، ހުސައިންމަނިކުގެ ބައްޕަ ނިޔާނުވާއިރު އަޅުގަނޑަށް ކިޔަވައިދިނީ އޭނައެވެ. އަދުދެން ހުސައިންމަނިކުގެ ހެޔޮކަމުން ކޮންމެސް އެއްޗެއް ކިޔަވައިދެއްވުން އެދެމެވެ. އަޅުގަނޑު މިކުރާ އާދޭސް ގަބޫލުކޮށްދެއްވާށެވެ. މިސިޓީ ލިޔުނީ... އަހަރުގެ ޝައްވާލުމަހު ހަތަރެއްވީ ބުދަދުވަހުއެވެ. މިހިސާބަށް ސިޓީ ނިމުނީއެވެ.


ދެން ހުސައިންމަނިކުވެސް ވިސްނައިލީ ސިޓީގެ އެތެރެފުށަށެވެ. ވިސްނިއިރުގައި އެތެރެފުށް ފެންނަނީ ބޭރުފުށުން ފެންނަ މަޢުނައެއްނޫނެވެ. ކިޔަވައިދޭތޯ އަހައިލުމަށް ފޮނުވި ސިޓީއެއްގައި އެއާނުބެހޭ އެހެން ޒާތެއްގެ ވާހަކައެއް ދައްކައިފައި ހުރުމުން ދޭހަވަނީ ހަސީނާ ހުސައިންމަނިކާއި ހިތާވެގެން އެކަމާ ދޭތެރޭ ހުސައިންމަނިކުގެ ޚިޔާލުއޮތްގޮތެއް ހޯދައިލުމަށް ފޮނުވި ސިޓީއެއްކަމަށެވެ.


މިހިސާބަށްދާއިރަށް ހުސައިންމަނިކުގެ ސިކުނޑިއަށް ހެއްދެވި އެންމެ ގަދަފަދަބާރުއައީ ކޮންގޮތަކުން ކޮންސިފައެއްގައިކަންވެސް ނޭގެއެވެ. އަޖާއިބުވާފަދަ ގޮތަކަށް އައިސް އެއިގެ ވެރިކަމުގެ ވަކިތައް އެއްލައިފިއެވެ. އެއިގެ ގަދަފަދަ އަމުރުތައް ހިތުގެ މައްޗަށް ވެރިވެގެންފިއެވެ. ކުއްލިއަކަށް މޭގައި މާނުތަނަވަސް ކަމަކާއި ހާސްކަން އުފެދިއްޖެއެވެ. ލޯބީގެ ގަދަފަދަވެރިޔާ މީހާގެ މައްޗަށް ވެރިވެގަންނައިރު އެކަކަށްވެސް އަންގައިލުމެއް ނުހުރެއެވެ.  އިވޭ އަޑަކުންވެސް ނުވަތަ ދެކޭ ސިފައަކުންވެސް ނުވަތަ ފެންނަ އަކުރަކުންވެސް އެއޮންނަނީ އައިސްވެރިވެފައެވެ. މިހާރު އެސިޓީގެ އަގު ހުސައިންމަނިކުގެ ކުރިމަތީގައި ބޮޑުވިވަރަކީ މޭޒުމަތީގައި އެހެރަ އަގުބޮޑު ފޮތްތައް ހާމަޔަށް ހުއްޓައި އެކަރުދާސްކޮޅު އެފޮރުވީ އޭނާގެ ޚާއްޞަފޮށީގެ ތެރޭގައި ތަޅެއްގެ ރައްކާތެރިކަމުގެ ދަށުގައެވެ.


ރަށުގެ ދެކޮޅުވެރިކަން


ހަސިނާޔާ ހުސައިންމަނިކުގެ ވާހަކަ މިހިސާބަށް އޮއްވައި، ރަށުގެ ސިޔާސަތާ ދޭތެރޭ ވާހަކަކޮޅެއް އައްސަވަމާ ހިންގަވާށެވެ. މީގެ ފަހުން ބައެއްކަންތައް އަންނަނީ ރަށުގެ ސިޔާސަތާ މަސްހުނިވަމުންނެވެ. އެހެންކަމުން އެމަގަށް އަލިއެޅިފައިއޮތުމުން ކަންހިނގާގޮތް ބޮޑަށް ވިސްނެމުން ދާނޭކަމަށް ފެންނަނީއެވެ. އެއިގެ ފުރަތަމަ ކަމަކީ ކަތީބު ތަކުރުފާނާއި މުދިމުކަލޭގެއާ ދެމީހުންގެ ރުޅިވެރިކަމެވެ. ވާހަކައިގެ ކުރީކޮޅުން ތަނެއްގައި ކެޔޮޅުހަސަނާއި މަރިޔަނބާއި ދެއްކި ވާހަކައެއްގައި ކަތީބާއި މުދިމުގެ ރުޅިއެއް އޮންނަކަން އިސްވެގޮސްފައިވާނެއެވެ. މިހާރު މިއުޅެނީ އެރުޅި އުފެދުނުގޮތާއި ހިނގަމުން އައިގޮތް ނަންގަންނާށެވެ.
މިހާރު މިހިރަ މުދިމުކަލޭގެ (އަހުމަދުފުޅުގެ ބައްޕަ) އަކީ އިހަށްހުރި މުދިމުތައްޚާނުގެ ދަނބިދަރިއެކެވެ. މީނާއަށް މުދިމުކަން ލިބުނީ އެ ތައްޚާނުގެ ހުރިދަރިފުޅު ޔޫސުފްކޮއި ކުޑަކަމުންނެވެ. އެކަން ހިނގިގޮތަކީ މިބުނި މުދިމުތައްޚާނާއި މިހާރުގެ ކަތީބު ތަކުރުފާނާއި ދެމީހުންނަކީ މާކުޑައިރުއްސުރެ އެކުއުޅެމުން އައިސް އެކަކުގެ އަނެކަކަށް ނުހަނު ފަސޭހަފޯރާފައިތިބި މާބޮޑު ދެރަޙުމަތްތެރިންނެވެ. މީނާއަށް ކަތީބުކަން ލިބުނީވެސް އެމުދިމުތައްޚާނުގެ މެދުވެރި ވުމަކުންނެވެ. އެއީ މާލޭގެ ވެރިންނާއި ވަރަށް ހަވާސާ ބަސްވިކޭ މީހެކެވެ. ފަހުން އެމުދިމު ތައްޚާނު އިނދެގެން އުޅުނީވެސް ކަތީބުތަކުރުފާނުގެ އެއްބަޑު އެއްބަފާ އަންހެނަކާއެވެ. ޔޫސުފުކޮއިގެ މަންމައަކީ މިބުނާ އަންހެންމީހާއެވެ.

އެމުދިމްތައްޚާނު މަރުބަލީގައި އޮވެފައި ކަތީބުތަކުރުފާނަށް ވަސިއްޔަތް ކުރިއެވެ. އަހަރެންގެ ދަރިފުޅުބޮޑުވީމާ އޭނައަށް މުދިމުކަން ލިބޭނެގޮތެއްވޭތޯ ބަލައިލަދޭށެވެ. މި ވަސިއްޔަތާ އެއްގޮތަށް ކަންވޭތޯ ކަތީބަށް ވީހައި މަސައްކަތެއްކުރިއެވެ. މުދިމްތައްޚާނު މަރުވެގެން މުދިމުކަން ދޭނެ މީހަކު ހޯދިއިރު ކަތީބުތަކުރުފާނު ދެއްކި މީހަކީ އެކޮއިގެ ޅިޔަންބެއެވެ. އެއީ މިހާރު މިހިރަ މުދިމްކަލޭގެއެވެ. ކަތީބުކަލޭގެފާނު މިގޮތަށް ކަންތައްކުރީ މުދިމުކަން އެކޮޔާދުރަށް ދިޔަނުދިނުމުގެ ބުއްދީގައެވެ. އަދި އެކަން މުދިމުކަލޭގެއަށްވެސް އެންގިއެވެ.

މުދިމްކަން ލިބުނުތާ ކުރީކޮޅުގައި އޭނާވެސްއުޅުނީ މިގޮތް ވިސްނައިގެންނެވެ. ޅިޔަންކޮއިގެންގޮސް ބަލައިބޮޑުކުރީވެސް މީނާއެވެ. މީނާގެ ދަރި އަހުމަދުފުޅެކޭ ފަރަގެއް ނުބަހައްޓައެވެ. ދެކުދިން ބޮޑުވަމުން އައީ ދާދިއެއްވަރަކަށެވެ. އުމުރުގެ ގޮތުންބަލާއިރު ޔޫސުފްކޮއި ހަތަރު އަހަރުދޮށްޓެވެ. އެހެންކަމުން އަހުމަދުފުޅުގެ ބުއްދިއަށްވުރެ އޭނަގެ ބުއްދިހަރެވެ. އަހުމަދުފުޅު އުޅެނީ އެއީ ބޭބެކަން ދަނެގެން އޭނަގެ ނަޞޭހަތާއި ބަސްއަހައިގެންނެވެ. ޔޫސުފުކޮއިވެސް އެއީ ކޮއްކޮކަން ދަނެގެން ނަޞޭޙަތްތެރިވެ އުޅެއެވެ. މިހެންއައިސް ދެކުދިން ބޮޑުވިއިރު އެކަކު ވަނީ އަނެކަކަށް ލޯބިޖެހިފަަަައެވެ.

ދެން މުދިމްކަލޭގެ ކަންތައްތައް ގެންދިޔަ ހީލަތްތެރިގޮތް ވިސްނައިލަބައްލަވާށެވެ. އޭނާގެ ފައިތިލަ މުދިމުކަމުގައި ހަރުވެ އަތްދަށަށް މީހުންވެ ބާރުބޮޑުވުމާއެކު އޭނާއަށް ތިމާއޮޅިއްޖެއެވެ. ކަތީބުތަކުރުފާނުގެ ހެޔޮކަމާ އޭނަގެ ޢަހުދު ހަނދާންނެތިއްޖެއެވެ. އަވަހަށް އުޅެގަތީ މުދިމްކަން އަމިއްލައެއްޗަކަށް ހަދައިފައި އަހުމަދުފުޅަށް ލިބޭނެގޮތް ތަނަވަސްކުރާށެވެ. މިކަމުގައި އޭނަޔަށް ވިސްނުނު އެންމެ ރަގަޅުގޮތަކީ ޔޫސުފްކޮއިގެ ޤަދަރު އަހުމަދުފުޅަށްވުރެ ކުޑަކޮށް އަހުމަދުފުޅު ހުއްޓާ ޔޫސުފްކޮއި މުދިމްކަން ގަބޫލުކުރާން ލަދުގަންނަގޮތް ހެދުމެވެ. ފުރަތަމަޔަށް ކުރިކަމަކީ އޭނާ މުސްކުޅިވީ ދުވަހުގައި އަހުމަދުފުޅުގެ ބަފައެއްކަމުގައި ޔޫސުފްކޮއި ހަދާކަހަލަ ގޮތެއް ބޭރުފުށުން ދައްކައިފައި ގޭގެ ހުރިހާ ކަމެއް އޭނާޔާ ޙަވާލުކުރީއެވެ. އެކަަމަކު އެތެރެފުށުގައި ރޭވި ޙީލަތަކީ އަހުމަދުފުޅުގެ މުދާ ބަލަހައްޓައިދޭ  ބަނޑޭރިއެއްކަމުގައި އޭނާޔަށް އަރާމުހޯދައިދޭ ޙާދިމަކު ކަމުގައި ޔޫސުފްކޮއި ހަދައި ދުނިޔެވެރިކަމުގައި ނިންދަވައިލެއްވުމެވެ. އެއިރުން އަހުމަދުފުޅު ހުއްޓައި މުދިމުކަން ގަބޫލުކުރާކަށް އޭނަޔަކަށް ނުކެރޭނެއެވެ. އަދި އަހުމަދުފުޅަށްވެސް ޔޫސުފުކޮއިގެ ޤަދަރުކުޑަވާނެއެވެ.
މިރޭވުންތައް މުދިމުކަލޭގެ ރާވާއިރަކު އެއްވެސް މީހަކަށް މިއިން ކަމެއްގެ ޙިކުމަތެއް ނުއަންގައެވެ. ވަކިން ޚާއްޞަކޮށް އޭނާގެން އަންހެނުންނަށް އޮޅުވައިލާން މަސައްކަތްކުރެއެވެ. އެއީ ޔޫސުފްކޮއިގެ ދައްތައެވެ. އަހުމަދުފުޅުގެ މަންމައެވެ. ވަރަށް ރަގަޅު އަންހެނެކެވެ. އޭނާ ޔޫސުފްކޮއިވެސް ބަލަނީ އުފަން ދަރިއަކަށެވެ. ލޯބީގެ ގޮތަކުންވެސް އެހެންގޮތަކުންވެސް ދެކުދިން ތަފާތެއްނުކުރެއެވެ. ތަފާތުކުރާކަށް ނުވެސް ރުހެއެވެ.

މުދިމްކަލޭގެ ގޭގައި މިހެން ކަންހުންނައިރު ޔޫސުފްކޮއިގެ މަންމައާއި އެބަނޑު ބޮޑުބޭބެ ކަތީބުތަކުރުފާނު ހީކޮށްގެން ހުންނަނީ މުދިމްކަލޭގެ ހުންނަނީ އޭނަގެ ޢަހުދުގައި ތެދުވެރިވެގެން ކަމަށެވެ. އޭނާނޫނަސް ރަށުގެ އެންމެންނަށް މަޝްހޫރުވެފައި އޮންނަނީ މުދިމުކަލޭގެއަށްފަހު މުދިމްކަން ލިބޭނީ ޔޫސުފްކޮއަށް ކަމަށެވެ. މުދިމްކަލޭގެ ހަދާ މަންތަރުތަކަށް އެންމެން ތިބެނީ ނިދައިފައެވެ. ވަރަށްގިނައިން ކަތީބުތަކުރުފާނު ޔޫސުފްކޮއި އެގެއަށް ގެންގޮސްގެން ނަޞޭޙަތްދީ ދެން މުދިމްކަން ލިބޭނީ އޭނާޔަށް އަންގައި ނަމާދުގެ ވާހަކަތަކާއި ކުށުސަޖިދައިގެ މައްސަލަތަކާއި އަދި މީހުން ހިނަވައި ވަޅުލުން ކަހަލަ ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށް ކުރިން ތައްޔާރުވެގެން ހުރުމަށް ވާހަކަދައްކައެވެ. އަދި ދިރިއުޅުމާބެހޭ މުޢާމަލާތުތައްވެސް ދަސްކުރާން އަންގައެވެ.

ޔޫސުފްކޮއި ދަންނާށެވެ. ކަތީބުތަކުރުފާނު މިހިރަ ދައްކަވާ ކުޅިވަރު ތަކުގެ ސަބަބުން މުދިމުކަލޭގެ އެއޮއްވަރަށް އޭނާ ނިންދަވަން ކިޔާ ނާނާ ތަކަކަށް ނިންޖެއްނާދެއެވެ. ތިމަންނައަކީ މުސްތަޤްބަލުގެ މުދިމާކަން ދަނީ އޭނާގެ ހިތުގައި ޔަގީންވަމުން އެކަމަށް ހިތްޖެހެމުންނެވެ. ހަށިގަނޑުދަނީ އެކަމަށް ތައްޔާރުވަމުންނެވެ.

މިގޮތަށް ކަންތައް އޮވެދަނިކޮށް ޖެހުނު ބަންޑާރަދަތުރެއްގައި  މުދިމުކަލޭގެ ގޮއްސައި އައީ ވިއްސާރައިގައި ތެޅިފޮޅެމުންނެވެ. ވެހުނުގިނަ ވާރެއިން ފިނިވިލެއް ބޮޑުކަމުން ފިނިބަލިޖެހިގެން ވިދިގެންނެވެ. ދޯނިން ބައިލައިގެން ގެއަށްދިޔައީވެސް އުފުލައިގެން އަތްދަނޑިމަތީގައެވެ. އަރިދަފުސް އަޅައިގެން ކެއްސަނީވެސް ބިރުގަންނަ ކަހަލަ ގޮތަކަށެވެ. ކަރުތެރެއިން އަންނަ އެއްޗެހިތައް އަންނަނީވެސް ލެޔާއެކުގައެވެ. މޮގޮތަށް ދެމަސްދުވަސް ހިނގައްޖެއެވެ. މީހެއްގެ ބާރާއި ލައިގެންނޫނީ ތެދުވެވެސް  ނޫޅެވެއެވެ. އޭނާ އަނބުރައި އަންނާނެކަމަށް އެކެއްވެސް ހިއެއްނުކުރެއެވެ.

ދެން އެއްދުވަހެއްގައި  ކަތީބުތަކުރުފާނާއި ކުޑަކަތީބާއި ރަށުގެ ބޮޑު ބާރަ މީހުން މުދިމުކަލޭގެ ގެއަށްގޮސް މުދިމުކަމާ ދޭތެރޭ  އޭނާޔާ ވާހަކަދައްކައިފިއެވެ. ޔޫސުފޮކޮއި މުދިމުކަމު ލުމުގެ މައްސަލަ ހުށަހަޅައިފިއެވެ. އެދުވަހު މުދިމުކަލޭގެ ދިން ޖަވާބަކީ ތިމަންނައަށް މިހާރު ލުއިވާހެން އެބަހީވެއެވެ.. މީގެ އިތުރަށް އަނެއްމަސްދުވަސް ވެއްޖެއެވެ. މުދިމުކަލޭގެއަށް ލުއިވާ ވައްތަރެއް ނުޖަހައެވެ. އަނެއްކާވެސް ރަށްހިންގާ ކޮމިޓީގެ މީހުންގޮސް ކުރީދުވަހުފަދައިން މުދިމުކަލޭގެއާ ވާހަކަ ދައްކައިފިއެވެ. އެދުވަހު މުދިމުކަލޭގެ ޔޫސުފުކޮއި ގެންދަވާފައި އެމީހުން އެއުޅޭ ކަނަތައް އެންގިއެވެ. އަދި އެކަމާދޭތެރޭ ޔޫސުފްކޮއި ބުނަނީ ކޮންއެއްޗެއްތޯވެސް އެއްސެވެ. މުދިމުކަލޭގެ ހިތުން ޔޫސުފްކޮއި ހުންނާނީ އޭނާގެ މަކަރުގައި ބެދިފައެވެ. އެހެންކަމުން ހީކުރީ އެއެންމެންގެ ތެރޭގައި އަހުމަދުފުޅުގެ މައްޗަށް އިސްވެގަންނާން ނުކެރޭނެކަށެވެ. އޭނާ އަމިއްލައަށް އެކަމުން ދުރުވެ އަހުމަދުފުޅުގެ ވާހަކަ ބުނާނޭ ކަމަށެވެ. އެކަމަކު ޔޫސުފުކޮޔަށް ހުރީ ކަތީބުތަކުރުފާނު ކިބައިން އެ ޚަބަރު ލިބިލިބި ދެން މުދިމްކަން ލިބޭނީ އޭނާއަށްކަން ޔަގީންވެފައެވެ. ޅިޔަންބޭ އެކަހަލަ ފިކުރެއްގައި އުޅޭކަމެއް އޭނަޔަށް ހީޔަކަށްވެސް އެނގިފައެއްނެތެވެ. އެހެންކަމުން ކުއްލިއަކަށް ދެވުނީ ރަށްހިންގާ ކޮމިޓީގެ އެދުން ގަބޫލުކޮށްފި ކަމުގެ ޖަވާބެވެ.
ޔޫސުފުކޮއި އެބަސްބުނުމާއެކު މުދިމުކަލޭގެއަށް އޮތްތާކު ނުވެސް އޮވެވުނެވެ. ތިންމަސްދުވަސްވާންދެން ތެދުވާހައި ވަރުނެތިގެން މީހުން އުފުލައިގެން ގެންގުޅުނުމީހާ، ގަދަކަމުން ތެދުވެއްޖެއެވެ. އަދި ކެއްސައިގެންފައި އެތާހުރި ލޯގަނޑަކަށް އަރިދަފުސްގަނޑެއް ޖަހައިފައި މިހާރު ލުއިވަމުން އަންނަނީ ތިންހަތަރު ދުވަހެއް ވެއްޖެޔޭ ކިޔާފައި އަނެއްކާ އޮށޯވެއްޖެއެވެ. އެދުވަހުވެސް އެބައިމީހުން ދިޔައީއެވެ.

ދެން މީގެފަހުން މުދިމުކަލޭގެ އައީ ދުވަހަކަށްވުރެ ދުވަހެއް ރަގަޅުވަމުން ގަދަވަމުންނެވެ. ފަނަރަވަރަކަށް ދުވަހުގެ ތެރޭގައި އެންމެ ރަގަޅަށް ތެދުވެ ހިނގައިލައި އުޅޭން ފަށައިފިއެވެ. އެދުވަހުއްސުރެ މުދިމުކަލޭގެ ފެށިކަމަކީ ކުރީގައި ހެދި ޙިކުމަތުން ފައިދާއެއް ނުކުރިކަން އެގިގެން އޭނާގެބަސްއަހާ ކަހަލަ މީހުން ހައްލައިގެން ޔޫސުފްކޮޔަށް މުދިމުކަން ލިބުމަށް ނުރުހުން ކުރެއްވުމެވެ. އޭނާގެ އަންހެނުންދެކެ ބިރުން ޔޫސުފްކޮޔާދޭތެރޭ އެހެން ފަރަޤެއް ބަހައްޓާކަށެއް ނުކެރެއެވެ. ކުރާ ކަމަކީ ދުރުމީހުން ލައްވައި އެއްޗެހި ކިޔުއްވުމެވެ. އިސާހިތަކު އެތަން މިތަނުން އިވޭންފެށީ މުދިމްކަލޭގެއަށްފަހު އަހުމަދުފުޅަށް މުދިމްކަންދޭން ގަބޫލުމީހުންގެ އަޑެވެ.

ފިތުނަ އުފެދުނުތަނަކީ މިއެވެ. އެއިގެފަހުން ފެނުނީ މުދިމުކަލޭގެ ގެއަށް ކަތީބުކަލޭގެފާނު ނުދުރުވާން ފެށިތަނެވެ. މިދެމީހުންނާ އެކުގައި ރަށުގެ ރަތްޔިތުންވެސް ދެބައިވެ އެއްބަޔަކު އަނެއްބަޔަކަށް ފިތުނަވެރިވެ ބޮޑުދެކޮޅުވެރިކަން އުފެދުނުތަނެވެ. އެފިތުނައިގެ އަލިފާން ރަގަޅަށް ރޯވީ މުދިމްކަލޭގެ އަންހެނުން ނިޔާވީ ފަހުންނެވެ. އޭނާ ނިޔާވުމަށްފަހު ޔޫސުފްކޮޔާ ދިމާޔަށް އެތިފަހަރުތައް އަންނާންފެށީ ފާޅުގައެވެ. އޭނާއަށް ޖެހުނީ އެގެއިން ނިކުމެގެން ދާށެވެ.

އިދާރާ

ވާހަކަ