އަދުގެ ޚާއްސަ

Print

ދިރިއުޅެނީ....

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


ދިރިއުޅެނީ މަސައްކަތްކުރަންބާވައެވެ؟ ނޫނީ މަސައްކަތްކުރަނީ ދިރިއުޅެންބާވައެވެ؟


ލިޔުނީ: ޢާޠިފާ ޙަސަން

ދިރިއުޅުމުގެ ވަކި ހިސާބަކުން ކޮންމެ މީހަކުވެސް ވަޒީފާގެ މައިދާނަށް ކުރިމަތިލަނީ ތިމާގެ ދިރިއުޅުން ހަރުދަނާކޮށް ހަޔާތް ބާއްޖަވެރިކުރުމުގެ މަޤުޞަދުގައެވެ. އާއިލާއަށް އުފާވެރިކަން ހޯދައިދިނުމަށާއި ޤައުމަށް ޚިދުމަތްކޮށްދިނުމުގެ މަތިވެރި އަޒުމުގައެވެ.  އެއަށްފަހު ދެން ފެށެނީ އެހެން މަރުހަލާއެކެވެ. އަދާކުރާ ވަޒީފާއަކުން ކުރިއަށް ގޮސް މަސައްކަތުގެ މާހައުލުގައި ކާމިޔާބު މީހަކަށް ވުމަށް މަސައްކަތްކުރަން ފެށޭ މަރުހަލާއެވެ. މިއީ ބައެއް މީހުންނަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރިމަތިލާންޖެހޭ މަރުހަލާއަކަށް ވެދެއެވެ. ވަޒީފާގެ ކުރިއެރުން ހޯދުމަށް ނުވަތަ ވިޔަފާރީގެ މަންފާ ހޯދުމަށްޓަކައި ތިމާގެ ހުރިހާ ވަގުތެއް މަސައްކަތުގައި ހޭދަކޮށްލާ މީހުން ވަރަށް ގިނައެވެ. ނަމަވެސް ވިސްނާލަންޖެހޭ ނުކުތާއަކީ ދިރިއުޅެނީ މަސައްކަތްކުރަންބާވައެވެ؟ ނުވަތަ މަސައްކަތްކުރަނީ ދިރިއުޅެންބާވައެވެ؟

މިސުވާލުގެ ޖަވާބު ބައެއް ފަރާތްތަކަށް ވަރަށް ފަސޭހަވި ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މަޤާމުގެ ކުރިއެރުމާއި މާލީ ތަނަވަސްކަން ހޯދުމަށް މަސައްކަތްކުރުމުގައި ތިމާގެ ހުރިހާ ވަގުތެއް ހުސްކޮށްލައި ޢާއިލާއާއި އަނބިދަރިންނާއި އެކުވެރި ރަޙްމަތްތެރިން އެކެހެރިކޮށްލާ މީހުން ވަރަށް  ގިނަކަމެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް މިއާދަކާދަ އެބައޮތެވެ. ވަޒީފާގައި 10 އަހަރަށްވުރެ ގިނަ ދުވަސްކޮށްފަ ތިބޭ ފަރާތްތަކުންވެސް ސަލާމެއް ނުވަތަ ޗުއްޓީއެއްވެސް ރެކޯރޑްގައި ނޯންނާނެކަމަށް ބުނަނީ ވަރަށް ފަޚްރުވެރިކަމާއެކުގައެވެ. މިއީ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވަޒީފާއަށް އިޚްލާސްތެރިވުމެވެ. މިފަދަ ޤަބޫލުކުރުންތައް އަޅުގަނޑުމެންގެ ތެރޭގައި މިގޮތަށް ހުރި ވަޒީފާއާބެހޭ ހަރުދަނާ ނިޒާމެއް ނެތުމާއި، މީހުންގެ ހޭލުންތެރިކަން މިފަދަ ކަންކަމަށް ނެތުމުންކަމަށް ޤަބޫލުކުރެވެއެވެ. ކޮންމެއަކަސް މިގޮތަށް މަސައްކަތްކުރާ މީހުންނަކީ މަސައްކަތްކުރަން ދިރިއުޅޭ މީހުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ވަޒީފާއަށް އިޚްލާސްތެރިވާންޖެހޭނެއެވެ. އަދި ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވާންވެސް ޖެހޭނެއެވެ. އެހެންނަމަވެސް މިކަންކުރަންވާނީ ތިމާގެ އަމިއްލަ ދިރިއުޅުމަށް އެކަމުން އަސަރުނުކުރާ ގޮތަށެވެ. [ޕްރޮފެޝަނަލް ލައިފް] ގައި ޒިންމާތަކެއް ވާފަދައިން [ޕާރސަނަލް ލައިފް] ގައިވެސް އަދާކުރަންޖެހޭ ޒިންމާތަކެއް ވެއެވެ. މިދެބައި ހަމަހަމަކުރުމަކީ ބައެއް ފަރާތްތަކަށް ވަރަށް އުނދަގޫ އަދި އެހާމެ [ޗެލެންޖިންގ] ކަމަކަށް ވެއެވެ. ޚާއްސަކޮށް ޒިންމާ ބޮޑު މަސްޢޫލުވެރި ވަޒީފާތައް އަދާކުރާ މީހުންނަށް މިކަމުގައި ދިމާވާ ގޮންޖެހުންތައް ގިނަވާނެއެވެ.

މިފަދަ ގޮންޖެހުންތަކެއް ހުރިއިރުވެސް ހަމަޖެހޭ [ބެލެންސްޑް] ދިރިއުޅުމެއް އުޅެމުންދާ މީހުންވެސް އަދުގެ ދުނިޔޭގައި ވަރަށް ގިނައެވެ. މިފަދަ މީހުން ވަޒީފާ އަދާކުރަމުން ހުސްވަގުތު ހޯދައި އަނބިދަރިންނަށް އަޅާލާ އެކުވެރިންނާއެކު ވަގުތު ހޭދަކޮށްލާ އަދި ހަމައެހެންމެ އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ އުފާވެރި ދިރިއުޅެމެއް އުޅެމުން އެބަގެންދެއެވެ. މިއީ ދިރިއުޅުމުގެ ހަޤީޤީ މަޤުޞަދަށް ވާޞިލުވުމަށް މަސައްކަތްކުރާ މީހުންނެވެ. މިފަދަ މީހުން އެންމެ ފުރަތަމަ ވަޒީފާއަށް ނުކުތް މަޤުޞަދަކީވެސް ދިރިއުޅުން ބާއްޖަވެރިކުރުން ކަމުގައި ދަނެ ދިރިއުޅުމުގެ އެއްވެސް ހިސާބަކުން އެކަން ހަނދާން ނައްތައެއް ނުލައެވެ.

 ދުނިޔޭގެ ކަންކަމަށް މީހާ ގޮސް ހުސްވުމަކީ އެއްވެސް ނަޒަރަކުން ބަލާއިރު ބުއްދިވެރިކަމެއް ނޫނެވެ. އަދި މިއީ ސިއްޙީ ގޮތުން ނުވަތަ އިޖުތިމާޢީ ނަޒަރަކުން ބެލިނަމަވެސް ދުޅަހެޔޮ ގޮތެއް ނޫންކަން ޔަޤީނެވެ. މަސައްކަތުގައި އަވަދިނެތި އުޅެނީ އަނބިދަރީންގެ ހައްޤުގައޭ ބައެއް މީހުން ބުނެއެވެ. ވިޔަފާރިވެރިން އެއްލާރި ދެލާރިއެއް ހެދޭތޯ ތިމާގެ ހުރިހާ ފިކުރެއް ހުސްކޮށްލަނީވެސް އަނބިދަރީންގެ ހައްޤުގައި ކަމަށް ވެދާނެއެވެ. މިކަމުގެ ނަތީޖާއާމެދު ވިސްނާލަނީ ކިތައް މީހުން ހެއްޔެވެ؟ ތިމާއަށް ލިބޭ ތުއްތު ދަރިފުޅު ބޮޑުވެދަނީ ކުޑަކުއްޖެއްގެ ގޮތުގައި ބޭނުންވި ލޯތްބާއި އަޅާލުން ނުލިބިއެވެ. އެކެހެރިކޮށްލެވުނު އަނބިމީހާގެ ހިތުގެ އުދާސްތަކާމެދު ވިސްނާނުލެވުމުގެ ނަތީޖާއަކަށްވަނީ ޒަވާޖީ ހަޔާތް ރޫޅިދިއުމެވެ. ނުވަތަ އެއުދާސްތައް ނުވެސް އެނގިހުރެ ވަގުތު ފާއިތުވުމެވެ. އެކުގައި އުޅުނު ރައްޓެހިންނަށް އަޅާނުލެވުމުގެ ސަބަބުން އެހީތެރިކަމަށް ބޭނުންވާ ދުވަހު ރައްޓެހިންނެއްވެސް ނުތިބެއެވެ. މިފަދަކަންކަމާމެދު ގިނަ ފަހަރަށް ވިސްނެނީ ހަޔާތުގެ ފަހުކޮޅުގައެވެ. ތިމާގެ ބާރުދެރަވެ އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންވާ ހިނދުއެވެ.

ހަޔާތަކީ ކުރުއެއްޗެކެވެ. އެހަޔާތް އުފާވެރިކަމާއެކު ހޭދަކުރުމަށް އެންމެ ހިނދުކޮޅެއްވެސް ބޭކާރުވިޔަ ނުދޭށެވެ.  ތިމާގެ ފަރާތުން އަޅާލުން ބޭނުންވާ ފަރާތްތަކަށް އަޅާލުމާއި ލޯތްބާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދުގެ ބޭނުން ހިފާށެވެ. މާދަމާ މާލަސްވެދާނެއެވެ. ވަޒީފާގައި އުޅެމުންވެސް މިކަންކަމަށް ވަގުތު ހޯދޭނެއެވެ. ހޯދާށެވެ. މިއީ ވިސްނާ ފިކުރު ހިންގާލަން މުޙިންމުކަމެއް ކަމުގައި ދެކެމެވެ. ތިމާ ދިރިއުޅޭނީ މަސައްކަތްކުރަންބާވައެވެ؟ ނޫނީ މަސައްކަތްކުރާނީ ދިރިއުޅެންބާވައެވެ؟ މިސުވާލުގެ ޖަވާބު އަމިއްލަ އަށް ހޯދާށެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ