އަދުގެ ޚާއްސަ

Print

އެއީ ލޯބިބާ؟

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


އިބްރާހީމް ވަޙީދު/ ބިންމާ

ލޯތްބަކީ އަހަންނަށް އާ އެއްޗެކެވެ. އަހަރެން ރައްޓެހިވީ އެންމެ ކުއްޖަކާ އެވެ. އެއީ އުމުރުން 32 އަހަރުގެ ޝާހިދެވެ. އަހަރެންގެ އުމުރުން 22 އަހަރެވެ. ދެ މީހުންގެ ދެމެދުގައި 10 އަހަރުގެ ފަރަގެއް ހުއްޓެވެ. ބުނާތީ އަހަމެވެ. ލޯތްބަކީ، އުމުރުގެ ފަރަގަށް ބަލާ އެއްޗެއް ނޫނެވެ. ބުނާތީ އަހަމެވެ. ލޯބި ލިބުމުން ހުރިހާ އުފަލެއް ލިބުނީ އެވެ. އެހެންކަމަށް ވާނަމަ، އަހަރެން އަބަދު ރުޅިއައިސްފައި ހުންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ދެރަވެފައި ހުންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އަހަރުމެން ލޯބިވެގެން އުޅޭތާ އެއް އަހަރު ފުރުނެވެ. އެކަމަކު، ސުވާލަކީ، އެ ލޯބިން އަހަންނަށް ލިބުނީ ކޯޗެއް ހެއްޔެވެ؟ ހިތާމަ އެވެ. ފޫހިކަމެވެ. އެކަނިވެރިކަމެވެ. އޭނަދެކެ ލޯބިވެޔޭ ބުނަންޖެހޭ ކަމަށްޓަކައި ވެސް އަހަރެން ހިތާމަކުރަމެވެ.

އެއްފަހަރަށް ވުރެ ގިނަ ފަހަރު، އެހެން "ރައްޓެއްސެއް" ގޮވައިގެން ސައިކަލުގައި ޝާހިދު ދަނިކޮށް އަހަންނަށް ފެނިފައިވެއެވެ. ޝާހިދަކީ ފުޓްބޯޅަ ކުޅޭ މީހެކެވެ. އެހާ މަޝްހޫރު މީހެއް ނޫން ނަމަވެސް، އޭނަ ދަންނަ މީހުން މާލޭގައި ވަރަށް ގިނަވާނެ އެވެ. ޚާއްޞަކޮށް އަންހެންކުދިންނެވެ. އެވެނި އަންހެންކުއްޖަކާ އެކުގައި ޝާހިދު މިވެނި ތަނެއްގައި އުޅޭ ވާހަކަ ބުނާއިރަށް ޝާހިދު ދެކޮޅުހަދައެވެ.

    "އެއީ ކަނޑައެޅިގެން ދޮގެއް!" ޝާހިދު ދެރަވެފައި ބުނާނެ އެވެ. "އަހަރެން އެހެން އަންހެންކުއްޖަކާ ދިމާޔަށް ބަލައިވެސް ނުލަން!"

    ދެ ދުވަހަކު، ސީދާ އަހަރެންގެ ލޮލުން ފެނިގެން ޝަކުވާކުރީމެވެ. އަހަރެންގެ ފޯނުން ފޮޓޯ ދެއްކީމެވެ.

    "އެއީ ރައްޓެއްސެއް!" ޝާހިދު ބުނެއެވެ. "ތި ވަރަށް އަހަންނަށް ފާރަލާކަށް ނުވާނެއްނު!"

އެއްގޮތަކުން ނޫނީ އަނެއްގޮތަކުން ނަމަވެސް، އޭނަ ސަލާމަތްވި އެވެ. ގޯސްވީ އަހަންނެވެ. އަހަންނަށް އެނގުނު އެއްޗަކީ، ކިތަންމެ ފަހަރަކު ޝާހިދު ދޮގުހަދައިފި ކަމެވެ. އެހެންކުދިންނާ ރައްޓެހިވި ކަމެވެ. އެކަން އެނގޭއިރު ވެސް، ލޮލަށް ފެންނައިރު ވެސް، ޝާހިދުދެކެ އަހަރެން ލޯބިވީ ކީއްވެގެން ހެއްޔެވެ؟ ކުރެވޭނެ އެއްވެސް ކަމެއް އަހަންނަށް ނޯންނަނީ ކީއްވެގެން ހެއްޔެވެ؟

އަހަރުމެން ދެ މީހުންގެ އެއްގޮތް އެންމެ ކަމެއް ވެސް ނެތެވެ. ހީވަނީ، އަހަރުމެންނަކީ، ދެ ޕްލެނެޓުން އައިސްގެން އުޅޭ ދެ މީހުން ހެންނެވެ. އަހަރެންނަށް ރީތީ މަޑުމައިތިރި ހިންދީލަވަ އެވެ. އޭނަ އަށް ކަމުދަނީ ހެވީމެޓަލް އިނގެރޭސިލަވަ އެވެ. އަހަރެން ކާހިތްވަނީ ގަރުދިޔަޔާ ބަނބުކެޔޮބަތެވެ. އޭނަ ކާހިތްވަނީ ސްޕެގެޓީ ބޮލޮނައިސް އެވެ. އަހަރެން ލަނީ ހަރުވާޅު ހެދުމެވެ. އޭނަ އަށް ކަމުދަނީ މިނީ ސްކާޓެވެ. އަހަރެން ބަލާހިތްވަނީ ލޯބީގެ ފިލްމެވެ. އޭނަ ބަލަން ބޭނުންވަނީ، ސީރިޔަލް ކިލާރއެއް އުޅޭ އިނގިރޭސި ފިލްމެކެވެ. އަހަރެން ބޭނުންވީ ކައިވެނި ކުރާށެވެ. އޭނަ ބޭނުންވީ "އަދި ތަންކޮޅެއް ފަހުން" ކައިވެނިކުރާށެވެ. މައްސަލަ އަކީ، އެ ހުރިހާ ކަމަކާ އެކުގައި ވެސް، އޭނަ ދެކެ އަހަރެން އިންތިހާ އަށް ލޯބިވި ކަމެވެ. ލޯބިނުވާން ކުރެވޭނެ ކަމެއް ވެސް އަހަންނަކަށް ނޭނގެ އެވެ.
   
ލޯބީގެ އެންމެ މުހިންމު ބިންގަލަކީ އިތުބާރެވެ. އަހަރެން އެއްގޮތަކަށް ވެސް އޭނައަކަށް އިތުބާރެއްނުކުރަމެވެ.  އަހަރެން ގުޅާއިރު، ޝާހިދު ފޯނު ނުނެގިޔަސް އަހަންނަށް ޝައްކު ކުރެވެނީ އެންމެ ގޯސްކޮށެވެ. ބައެއްފަހަރު އަހަރެން ހިތަށްއަރައެވެ. އެއީ ކީއްކުރަން އަހަރެން ލޯބިވި މީހެއް ހެއްޔެވެ؟ އޭނަ އަކީ ފޮނި ބަސްތަކުން ވާހަކަދެއްކުމަށް ކުޅަދާނަ މީހެކެވެ. އަހަރެން ހައްލާލަން އޭނަ ބޭނުންކުރާ ހަތިޔާރަކީ އެއީ އެވެ. އެކަން އަހަންނަށް އެނގެ އެވެ. އެކަމަކު، ކޮންމެ ވާހަކައެއް ވެސް އޭނަ އޮޅުވާލާލެއް މޮޅުކަމާއި، ދައްކާ ހުވަފެންތައް ރީތިކަމުން އަހަންނަކަށް ރުޅިއެއް ނުވެވުނެވެ. އަހަރެންގެ  އުފަން ދުވަސް އޭނަ ހަނދާންނައްތާލި އެވެ. ވެލަންޓައިންސްޑޭ އެއީ ލޯބިވެރިންގެ ދުވަހޭ މީހުން ބުނާ އަޑު އަހަމެވެ. އަހަރުމެން ރައްޓެހިވެގެން އުޅެނިކޮށް ވެސް އެ ތާރީޚް އައެވެ. ފާހަގައެއް ނުކުރެއެވެ. އަހަރެން މަލެއް ދިނީމެވެ.
  
 "އާނ! ވެލަންޓައިންސްޑޭދޯ؟" ޝާހިދު ބުންޏެވެ. "އަހަރެން ވެސް މިއައީ އެއްޗެއް ގަންނަން މުޅި ބާޒާރު ބަލާފަ. އަހަރެން ބޭނުންވާ ފެންވަރުގެ އެއްޗެއް ނުފެނުނު. ތީ ސްޕެޝަލް ކުއްޖެއް. އަހަރެން ބޭނުމެއް ނޫން އާދައިގެ އެއްޗެއް ދޭކަށް.."
   
ނިކަން ވެފަ އަހަރެން ހުންނައިރު، އެއީ ދޮގެއްކަން އަހަންނަށް އެނގެ އެވެ. އެކަމަކު، "އެޅިހާ ބަތަކަށް ރިހަ" ކިޔައިގެން އަހަރެން ހުންނަނީ
އެވެ. ޝާހިދުގެ އުފަންދުވަހު، ކޭކެއް އަޅައިގެން އަހަރެން ހަތަރުދަމު އިންތިޒާރުކުރީމެވެ. އޭނަ ފޯނެއް ނުނެގި އެވެ. އޭނަގެ ކޮންމެވެސް "ރައްޓެހި" އަންހެންކުއްޖަކާ އެކުގައި އުފަންދުވަސް ފާހަގަކުރަނީކަން އަހަންނަށް އެނގެ އެވެ. އެންމެފަހުން ފަތިހު ތިނެއްޖެހިއިރު ގުޅާފައި ބުނީ، އޭނަ އަށް ނިދުނީކަމަށެވެ. ކާކު ގަބޫލުކުރާނެ ވާހަކައެއް ހެއްޔެވެ؟ އޭރު ވެސް، އަންހެންކުއްޖަކު ވާހަކަދައްކާ އަޑު އަހަންނަށް އިވެއެވެ.
  
ޝާހިދުއާ ރުޅިވުމަށް އަހަރެންގެ ހުރިހާ އެކުވެރިން ނަސޭހަތްދިނެވެ. އަހަންނަކަށް ނުކެރުނެވެ. އަހަރެންގެ ކޮންޓްރޯލު އޮންނަނީ ޝާހިދުގެ އަތުގަ އެވެ. އަހަރެން ހިތަށްއެރިއެވެ. ޝާހިދު ރުޅިވެއްޖެއްޔާ، ރައްޓެހިވާނެ ފިރިހެނެއް އަހަންނަކަށް ނުލިބޭނެ އެވެ. ޝާހިދު އަކީ، އެތައް ދުވަހަކު އިންތިޒާރުކުރި ފަހުން ލިބުނު މީހެކެވެ. ބައެއްފަހަރު ހިތަށްއަރަ އެވެ. އޭނަ އެހެން އެ އުޅެނީ އަހަރެންގެ ގޯސްކަމުންނެވެ. ނުވަތަ އަހަންނަކީ ގަމާރެއް ހެއްޔެވެ؟ ކިތައް ރޭ އޭނަ އަށްޓަކައި އަހަރެން އިންތިޒާރުކުރިން ހެއްޔެވެ؟ ރުޅިއައިސްފައި ހުންނައިރު އަހަރެން ބޭނުންވަނީ އޭނަޔާ ރުޅިވާށެވެ. ޖެހިގެން އަންނަ ދުވަހު، އޭނަމަތިން ހަނދާންވެގެން ފުރަތަމަ ގުޅާނީ ވެސް އަހަންނެވެ. އަހަރެން އެ ކަމުން ސަލާމަތްވާން ބޭނުންވި އެވެ.
   
ޝިފާ ކިޔަވައިގެން އައީ، އަހަރެން ހަދާނެގޮތް ހުސްވެފައިވަނިކޮށެވެ. އެކުގައި ކިޔަވަން އުޅުމަށްފަހު، ސްކޫލް ނިންމާފައި ޝިފާ ދިޔައީ ކައުންސިލިންގް ކިޔަވާށެވެ. އެއީ، އެ ފަދަ މީހަކަށް އަހަރެން ބޭނުންވެފައި ހުއްޓައި ލިބުނު ފުރުސަތެކެވެ.

    "ތިޔަ މީހަކާ ރުޅިވޭ!" ފުރަތަމައިނުން ވެސް ޝިފާ ބުނި އެއްޗަކީ އެއީ އެވެ. "ތީ ވަރަށް ގިނަ އަންހެންކުދިންނަށް ދިމާވާ މައްސަލައެއް."

    "މައްސަލައެކޭ؟ ކޮބައިތަ މައްސަލަ އަކީ؟ ލޯބިވެވުނުކަން؟" އަހަރެން އެހީމެވެ.

    "ތީ ލޯތްބެއް ނޫނޭ!" ޝިފާ އިތުރަށް ބުންޏެވެ. "ތި އަށް އަހަރުމެން ކިޔަނީ އަމަލުވުން. އެޑިކްޓްވުން. ތީގެ ސަބަބުން މީހާ ވާނީ ހަލާކު. މިހާރު ތި ކުރެވޭ އިހުސާސަކީ ލޯތްބެއް ނޫނޭ ދޫންޏާ. ލޯތްބަކީ ވަރަށް ހިތްގައިމު އިހުސާސެއް. މީހާ އުފާކޮށްދޭ، އެކަނިވެރިކަން ފިލުވައިދޭ، ހިތާމަތަކާ ދުރުކޮށްދޭ އެއްޗެއް. ލޯބިވާ މީހަކު ދޭނީ ވެސް ލޯބި. އޭނަ އެ ކުރަނީ އެބިއުސްއެއްނު؟"

ވިސްނުމުގެ އާ ބާބެއް ޝިފާ ހުޅުވާލަދިނެވެ. ޝިފާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހާލުމުން، އަހަރެން ދެކޭ ގޮތް ބަދަލުކުރަން ފަސޭހަވި އެވެ. ޝާހިދާ ދޭތެރޭގަ އަހަރެންގެ ހިތުގައި އޮތީ ލޯތްބެއް ނޫނެވެ. އަހަރެންދެކެ ޝާހިދު ވެސް ވީ ލޯތްބެއް ނޫނެވެ. ޝާހިދަކީ މަކަރުވެރިއެކެވެ. ދޮގުވެރިއެކެވެ. އަހަރެންގެ ނަސީބުގައި ލިޔެވިފައިވަނީ އެ ކަހަލަ މީހެއް ހެއްޔެވެ؟ ނޫނެކެވެ.

    "އޭނަޔާ އެކީގައި އުމުރުދުވަހު އުޅެން ވިސްނަން ހެޔޮވެސް ނުވާނެ!" ޝިފާ ބުންޏެވެ. "ވިސްނާލަބަލަ އޭނަ ކަންތައްކުރާ ގޮތް. ތީ ތުންފުއްސަކަށްނު ހަދައިގެން އެ އުޅެނީ. ދެން ތި އުޅެނީ އޭނަޔާ އިންނަން. އޭރުން ދެން ކިހިނެއްވާނީ؟ މަކަރުހަދާ މީހަކާ އިނީމަ ދެން އަދި މާބޮޑެތި މަކަރުހަދާނެއްނު؟ އިރުކޮޅަކުން ލިބޭނީ ދަރިފުޅެއް. އެ ހިސާބުން އެ އޮތީ ޒިންމާއެއް ބޮލުގައެޅިފަ."

    "އެކަމަކު އަހަރެންނާ ދެން ރައްޓެހިވާނެ މީހަކު ނުލިބިއްޖެއްޔާޔޯ؟" އަހަރެން ކަންބޮޑުވެފައި އެހީމެވެ.

    "ލޯގަނޑުން ތި މޫނު ބަލައިލަބަލަ!" އޭނާ އެދުނެވެ.

    އަހަރެން ލޯގަނޑާ ދިމާޔަށް އެނބުރިލީމެވެ. އަހަރެންގެ ދެ ލޯ އަހަންނާ ދިމާޔަށް ބަލަހައްޓައިގެން ހުއްޓެވެ.

    "ހީވޭތަ ތިހާ ލޯބި ކުއްޖަކު ރައްޓިވާނެ މީހަކު ނުވާނެހެން؟" ޝިފާ އެހި އެވެ.

    އެ ދުވަހު، ކުރިން އަހަރެންގެ ދެ ލޮލުން ނުފެންނަ ސާބިތުކަމެއް، އަހަރެންގެ މޫނުން ދުށީމެވެ. އަހަންނަކީ، ޒުވާން އަންހެން ކުއްޖެކެވެ. އަހަރެންގެ އެއްވެސް އައިބެއް ނެތެވެ. އަހަރެންގެ ނުކެރުމަކީ، ޝާހިދު އެޅުވި މޫނުމައްޗެކެވެ. ވޭތުވެދިޔަ ހުރިހާ ދުވަހަކު އަހަރެން އުޅުނީ އެ މޫނުމަތި އަޅައިގެންނެވެ. ނިވާވެގެންނެވެ. އެހެން މީހުންނަށް ފިލައިގެންނެވެ. އަހަރެންގެ ހުރިހާ ހިއްސެއް ކޮންޓްރޯލުކުރީ ޝާހިދެވެ.

    "ތި ބޭކާރު މީހާ ދޫކޮށްލާ!" ޝިފާ ވިސްނައިދިނެވެ.

    އަހަރެން ކަންތައްކުރީ ޝިފާ ބުނެދިން ގޮތަށެވެ. ދެވިހިފާފައި ހުންނަ ކަންތައްތަކުން ސަލާމަތް ވުމަށްޓަކައި، އެކަން ހުއްޓާލުމުން އެކަންޏެއް ނުފުދޭނެ އެވެ. އޭގެ ބަދަލުގައި އެހެން ކަމެއް ފަށަންޖެހޭނެ އެވެ. އެހެންނޫނީ، ހިތުގައި ހުސް ބާގަނޑެއް ހެދޭނެ އެވެ. އޭގެތެރެއިން ދެން އެތެރެ އަށް ވަންނާނީ އެކަނިވެރިކަމެވެ. ހިތްދަތިކަމެވެ. އަހަރެންގެ ސަލާމަތަށްޓަކައި ޝާހިދު ދޫކޮށްލީމެވެ. އޭނަމަތިން ހަނދާންނައްތާލީމެވެ. އޭގެ ބަދަލުގައި އަހަރެން ކޭކުއަޅަން ދަސްކުރަން ފެށީމެވެ. ކޮންޕިއުޓަރ ކޯހެއް ހަދަންފެށީމެވެ. ޕާރޓްޓައިމް ވަޒީފާއެއް ހޯދީމެވެ. އެ ތިން މަސައްކަތް ކޮށްފައި، ނޭވާލާނެ ވަގުތެއް ވެސް އަހަންނަކަށް ނުލިބެއެވެ. ފޯނުން ޝާހިދުގެ ނަންބަރު "ބްލޮކް" ކޮށްލީމެވެ. ނުދަންނަ ނަންބަރުތަކުން އަންނަ ކޯލެއް ނުނަގަމެވެ.
   
ރޭގަނޑު ގެ އަށް އަންނައިރު އަހަރެން ހުންނަނީ ނިދިއައިސްގެން މަރުވާވަރު ވެފަ އެވެ. ވަގުތު ދިޔަގޮތް ނުވެސް އެނގެ އެވެ. ފުރަތަމަކޮޅު ޝާހިދުމަތިން ހަނދާންވި އެވެ. އެކަމަކު، އިސާހިތަކު އެކަން މާޒީވެގެން ގޮސް ވަޅުޖެހިއްޖެ އެވެ. އަހަންނަށް ހުކުރު އައުމަށްފަހު، ދެން ވެސް އަންނަނީ ހުކުރެކެވެ. އެ ދެމެދުގައި އޮންނަ ދުވަސްތަކަށް ވާގޮތެއް ނޭނގެ އެވެ. ފަހުން އެނގުނެވެ. ބޭކާރު ފިކުރު ކުރެވެނީ، ކުރަން ފުރުސަތު ދެވުނީމަ އެވެ. ކުރިން އަހަރެން އަބަދު ކަހަލަ ގޮތަކަށް އިންނަނީ ގޭގަ އެވެ. ކުރެވޭ ކަމަކީ، ޝާހިދުގެ ކޯލަކަށް އިންތިޒާރުކުރުމެވެ. އެކަމަކު، ބޭރަށް ނުކުންނަން ފެށުމުން، ފިރިހެނުންގެ މެސެޖުތައް ފޯނަށް އަންނަންފެށި އެވެ. އަހަރެންގެ ނަންބަރު އެ މީހުން ހޯދަނީ ކިހިނެއްކަމެއް ވެސް ނޭނގެ އެވެ.
   
ހަމައެކަނި އަހަރެން ތޫފާނަކުން ސަލާމަތްވީކީ ނޫނެވެ. ސަލާމަތުގެ އައްސޭރިއަކަށް ވެސް އަހަންނަށް ދެވުނެވެ. އަހަރެން ރައްޓެހިވީ ހަންނާނު ކިޔާ ކުއްޖަކާ އެވެ. ލޯބި ދަސްވީ އެ ހިސާބުންނެވެ. ހީވި ކަހަލަ އެވެ. ހަންނާނަކީ އަހަރެންގެ އިންތިޒާރުގައި ހުރި މީހެކެވެ. އޭނަ އަށް ކަމުދާނީ މަޑުމައިތިރި ހިންދީލަވަ އެވެ. އޭނަ ކާހިތްވާނީ ގަރުދިޔަޔާ ބަނބުކެޔޮބަތެވެ. އޭނަ އަށް ކަމުދަނީ ހަރުވާޅު ހެދުމެވެ. އޭނަ ބަލާހިތްވަނީ ލޯބީގެ ފިލްމެވެ.  އޭނަ ބޭނުންވީ ކައިވެނި ވެސް އަވަހަށް ކުރާށެވެ.

    މިހާރު އަހަންނާއި ހަންނާނުގެ ދެ ކުދިން ވެސް އެބަތިއްބެވެ. ބާއްޖަވެރި މުސްތަގުބަލެއް އަހަންނަށް ހަނާއަޅާ ކަހަލަ އެވެ.
    
      (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ