ނުޖެހޭނެ
އާދަމް ޢަބްދުއްރަޙުމާނު/ ހއ. އުތީމު
ކޮންމެ މަގަކުން ފެންނަހާ ކުރިޔަށް ހިނގައިފައި ދާކަށެއް
ކޮންމެހެން މީހަކު ކޮޕީކޮށް އެ ގޮތަކަށް ބުރަވާކަށެއް
ހުޅަނގުގައި ހިނގަމުން މިދާ ގަދަ ބާރު ހުރި އޮއިވަރުތެރޭ
އުޅަނދު ބެހިގެން ދާނެ ގޮތަކަށް ދާން ރިޔާ ފުރޮޅާކަށެއް
އިސްކަމެއް ފިރިހެންތަކުންނަށް ދީނުގައި އޮތް ނަމަ ދެވޭ،
ވިސްނުމެއްނެތި، ބުނެއުޅޭ ''ލޭޑީޒް ފަރސްޓު'' ކިޔާކަށެއް
ފިޠުރަތުން ލެއްވެވި ތަފާތެއް ޖިންސުގައި އުފެދުނުތިމާ،
އިތުރުކޮށް އުނިކޮށް އެ އަށް ބަދަލެއް ހިލައިގެންނާކަށެއް
ފަނަރަ އަހަރުގެ ޢުމުރަކީ މީހާ މުކައްލަފަކަށް ވެވޭ،
ޢުމުރުކަމުގައި އޮންނައިރު، އިތުރެއް އެއަށް ގެންނާކަށެއް
ކެއުމުގައި އަދަބީގޮތުން ކައިރިން ތަށީގެ މި ކާކެއުން،
އެއުރެނާ އެއްގޮތް ކުރަންތިބެ ދުރު ފަރާތުން ކާކަށެއް
ހުއްދަ ނޫން އިމަކަށް، ދަރިންވަދެ ދާނެހާ މިސްރާބަކުން،
ރުއްގަހާ އެއް ބީދައިން، ބޮޑުވަން ދަރީން ދޫވާކަށެއް
ޢާއިލީ ގުޅުމާ ޙުޤޫޤާ ލާ ފުނޑާ ޗިސްކޮށްލަމުން،
ދާއިމީ އުޅުމެއްކަމަށް އެކުވެރި ގުޅުން ހިމަނާކަށެއް
ވަކި ޒަމާނެއް ވަކި މަކާނެއްގައި އުޅެން ޖެހިފައިވުމުން،
ހަކިބައަށް ވިސްނާނުލައި ހުރެ އަސްލު އޮޅުވައިލާކަށެއް