އަދުގެ ޚާއްސަ

Print

އަމާނަތް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ޙުސައިން ނިޒާމް، އެވަރބުލޫގެ / ލ.މާވަށް

ރާފިއާ، ޝާފިޢުއާ ކައިވެނިކުރީ މައިންބަފައިންގެ ނުރުހުމުގައެވެ. ފަހުން ކުރިމަތިލާންޖެހިދާނެ ކަމަކާމެދު ކުޑަކޮށްވެސް ވިސްނުމެއްނެތިއެވެ. ދިރިއުޅުމުގައި ބޭނުންވަނީ ހަމަ އެކަނި ލޯބިކަމުގައި ވިސްނާފައެވެ. ކައިވެނީގެ ފުރަތަމަ ދެ އަހަރުވޭތުކުރީ ނުހަނު އުފަލުގައެވެ. އެއްވެސް ހިތާމައެއް ނެތިއެވެ. ނަމަވެސް އެމީހުންގެ ތަޤްދީރުގައި ލިޔެވިފައިވަނީ އެހެން ގޮތެކެވެ. ދިރިއުޅުމުގެ ހަޤީޤަތާއި ކުރިމަތިލާންޖެހުނީއެވެ.

ޝާފިޢަކީ ކެންސަރުބަލި ތަހަންމަލުކުރަމުންދާ ޖިސްމެއްކަން ޝާފިޢުގެ އިތުރުން ރާފިޢާގެ މައިންބަފައިންނަށްވެސް އެނގެއެވެ. އަދި ޝާފިޢާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ވޭތިކުރުމަކީ ވަރަށް ދަތިކަމެއްކަންވެސް އެމީހުންނަށް އެނގެއެވެ.

ޝާފިޢުގެ ހާލު އެއްދުވަހުން އަނެއްދުވަހަށް ދަނީ ބޮޑުވަމުންނެވެ. މީހާވެސް ވަނީ ހިކި އަނަރޫފަވެފައެވެ. ރާފިއާ އަށް ޖެހެނީ ފިރިމީހާގެ ބަލިހާލު ދެކި އަދި ތަހައްމަލުކުރަމުންދާ ވޭން އިހުސާސްކޮށް ރޯށެވެ. ފިރިމީހާ ތަހަންމަލުކުރަމުންދާ ވޭން ޚުދު އޭނާ ވެސް ތަޙަންމަލުކުރެއެވެ.  އޭނާގެ ކަރުނަތައް ޝާފިޢަށް ސިއްރުކުރަން ކިތަންމެހާވެސް މަސައްކަތެއް ރާފިއާ ކުރެއެވެ. 

ޝާފިޢު ރާފިއާއަށް ލޯބިދެއެވެ. ބޭނުންވާ ހުރިހާކަމެއް ފުއްދާދެއެވެ. ނަމަވެސް ރާފިއާގެ ހިތަކަށް ކުޑަނަމަވެސް ހަމަޖެހުމެއް ނުލިބެއެވެ. އޭނާ އެންމެ ލޯބިވާ އޭނާގެ ފިރިމީހާއަކީ ކުޑަދުވަސްކޮޅެއް ގެ މެހުމާނެއްކަން އޭނާއަށް އެނގުނީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ޚަބަރު  އޭނާއަށް ލިބުނު ދުވަހެއެވެ. ރާފިއާ އިނީ ޝާފިޢުގެ ދަރިއަކަށް ބަލިވެކަން އެނގުނމުން ރާފިއާއަށް ލިބުނު އުފާވެރިކަމަކީ ކުޑަ ހިނދުކޮޅެއްގެ އުފާވެރިކަމެއްކަމަކަށް އޭނާ ކުޑަކޮށްވެސް ހީއެއްނުކުރެއެވެ. ގެއަށް އައިސް ވަނުމުން އައި ފޯނުކޯލަކީ އޭނާގެ ހިތް ފުނޑުފުނޑު ކޮށްލި ފޯނުކޯލެކެވެ. ޝާފިޢަކީ ކެންސަރުބަލީގެ ޝިކާރައެއްކަން ރާފިއާ އަށް އެނގުނު ފޯނުކޯލެވެ.

އޭގެ ދެތިން ހަފުތާ ފަހެވެ. ބަދިގޭގައި މެންދުރުގެ ކެއުމަށް ތައްޔާރުކުރުމުގައި ރާފިއާ އަވަދިނެތި އުޅެއެވެ. ކުއްލިއަކަށް ގޭގެ ދޮރުހުޅުވާލާފައި ވަދެގެން އެއައީ ސޮބަތެވެ. ޝާފިއުގެ އެންމެ ގާތް އެކުވެރިޔާއެވެ.

ސޮބަތުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރެވެ. ރާފިއާ އަށް އެކަން ފުރަތަމަވެސް ފާހަގަކުރެވުނެވެ. އަދި ކަންވީގޮތް އޮޅުން ފިލުވުމަށް ސުވާލުކުރިއެވެ. ވަރަށް އުނދަގުލުން ސޮބަތު ޖަވާބުދިނެވެ. "ޝާފިޢު އޮތީ ހޮސްޕިޓަލުގައި... ވަރަށް ހާލު ދެރަ... މާގިނައިރު ދުނިޔޭގައި އޮންނާނެ ކަމުގެ އުއްމީދެއްނެތް.. ދުނިޔެ ދޫކުރުމުގެ ކުރިން ރާފިއާގެ މޫނު އެންމެ ފަހުފަހަރަށް ނަމަވެސް ދެކިލަން ބޭނުންވޭ....

ރާފިއާ އަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެދުވަހު ހެނދުނުވެސް ޝާފިއުގެ ހާލު ރަނގަޅެވެ. ސޮބަތުމެންނާއެކު މަސްބާނަން ދިޔައީވެސް އެހެން ދުވަސްދުވަހާ ޚިލާފަށް ޝާފިއުގެ ހާލު ރަނގަޅުވީމައެވެ. ރާފިއާގެ ހިތަށް އަރާ ފައިބަމުންދާ ސުވާލުތަކަށް ޖަވާބުހޯދުމުމަށް އޭނާއަކަށް ވަގުތެއް ނުލިބުނެވެ.
ރާފިއާ އަށް ހޮސްޕިޓަލަށް ދެވުނު އިރު ދެއާއިލާގެ މެމްބަރުންވެސް އެތާނގައި ތިއްބެވެ. ޝާފިޢުގެ ހާލު ވަރަށް ދެރައެވެ. އޭނާ އޮތީ އައި.ސީ.ޔޫ ގައެވެ. ރާފިއާއަށް އެތަނަށް ދެވުމާއެކު ޑޮކުޓަރު، އޭނާއަށް އެތެރެއަށް ވަނުމުގެ ހުއްދަ ދިނެވެ.

އޭރުވެސް ރާފިއާގެ ލޮލުން ހޯސްލާފައި ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދެއެވެ. އޭނާ ވަރަށް އުނދަގުލުން ކަރުނަތައް ފޮހެލާފައި ޝާފިއު ކައިރީގައި ހުރި ގޮނޑީގައި އިށީންނުމަށް ފަހު ޝާފިޢުގެ ފިނިފިނި އަތުގައި މަޑުމަޑުން ހިފާލިއެވެ. ޝާފިޢު ލޯހުޅުވާލިއެވެ. އަދި ރާފިޢާ އާ ވާހަކަ ދައްކަން ފެށިއެވެ. "ރާފި!.. ކޮންމެ އިންސާނަކީވެސް މަރުވެދާނޭ މީހެއް... އަހަރެން މިދަނީ ރާފި އަށް ވަރަށްބޮޑު އަމާނާތެއް ހަވާލުކޮށްފަ!... އަހަރެން ނެތަސް ރާފި އެކަންޏެއްނުވާނެ!.." ރާފިއާގެ ލޮލަކަށް ކަރުނަތަކެއް ކޮންޓުރޯލެއް ނުކުރެވުނެވެ. ހޯސްލާފައި ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ޝާފިއުގެ ވާހަކަ ހުއްޓައެއްނުލައެވެ. އަޑު ބެދެމުން ދާއިރުވެސް ކުރިއަށް ގެންދިޔައެވެ.   "އަހަރެމެންގެ ދަރިފުޅު ރަނގަޅަށްބަލާތި... އަހަރެން ރާފި ދެކެ ވަރަށް....." ޝާފިއުގެ ދެ ލޯމެރުނެވެ. ރާފިއާ ޝާފިއުގެ ގައިގައި އޮޅުލައިގަތެވެ. އަދި ބާރަށް ރޯންފެށިއެވެ.

ޝާފިއު އޭނާ ދޫކޮށްލާފައި އެދިޔައީ އޭނާއަށް މިދުނިޔޭން އެންމެ އަގުބޮޑު ހަދިޔާ ދީފައެވެ. އޭނާ އަށް ގެއްލިގެން އެދިޔައީ އޭނާ ދެކެ އިންތިހާއަށް ލޯބިވާ އޭނާގެ ވަފާތެރި ފިރިމީހާއެވެ. ނަމަވެސް އޭނާ އެކަނި ވެރިއެއްނުވެއެވެ. ދިރިއުޅުންމަތިން ފޫއްސެއްވެސް ނުވެއެވެ. ރާފިއާ ދިރިއުޅެން ބޭނުންވެއެވެ. އޭނާގެ ބަނޑުގައި ވާ ޝާފިއުގެ އަމާނާތަށް ޓަކައެވެ. އެދެމީހުންގެ ދަރިފުޅަށްޓަކައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ