އަދުގެ ޚާއްސަ

Print

ތުރުކީ އިސްލާމީ ދުނިޔެއާ ދިމާޔަށް ކުރާ ދަތުރު(2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


އަންގާރަ (26 މެއި) ދުވަހުގެ ބަޔާ ގުޅޭ....

އަރަބުކާނުގެ ތަޢާރުފާއި އޭނާގެ މަސައްކަތްޕުޅު


ޢަބްދުﷲ ފާރޫޤު ޙަސަން


ޕްރޮފެސަރ ނަޖުމުއްދީން އަރަބުކާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ގައެވެ. ތުރުކީވިލާތުގެ އުތުރު ސަރަހައްދުގައި ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ރަށެއްކަމުގައިވާ ސިނޫޕުގެ ކޫޒާން އަވަށުގައެވެ. އަރަބުކާން ނިސްބަތްވެވަޑައި ގަންނަވަނީ އެރަށުގެ ގަދަރުހުރި ޢާއިލާއަކަށެވެ. އަރަބުކާނުގެ ބައްޕާފުޅަކީ ތުރުކީގެ ނިޔާކަނޑައެޅުމުގެ ބާރުގެ މުހިންމު މެމްބަރެކެވެ. ދީންވެރި މުސްލިމެކެވެ. އެހެންކަމުން އޭނާގެ ދަރިކަލުންގެ ދީނީ އަދި އަޚްލާޤީ ތަރުބިޔަތަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.


އަރަބްކާން އިބްތިދާއީ ތަޢުލީމް ހޯއްދެވީ ސެކަންޑްރީ ސްކޫލަކުންނެވެ. ނަމަވެސް މަތީ ތަޢުލީމް ޙާޞިލްކުރެއްވީ އިސްތަންބޯލުގެ ޓެކްނިކަލް ޔުނިވަރސިޓީންނެވެ. ތުރުކީވިލާތުގެ ރައީސްކަން ކުރެއްވި ބޭފުޅެއްކަމުގައިވާ ސުލައިމާން ޑެމިރެލަކީ ޔުނިވަރސިޓީގައި އޭނާގެ ކްލާސްފެލޯއެކެވެ. އަރަބުކާން މެކޭނިކަލް އިންޖިނޭރިންގގެ ރޮނގުން ބީ.އެސް.ސީ ފާސް ހޯއްދެވިއެވެ. 1950ގައި ޕީ.އެޗް.ޑީ ހޯއްދެވިއެވެ. އަރަބުކާން މެކޭނިކަލް އިންޖިނޭރިންގގެ ރޮނގުން އިތުރަށް ކިޔަވައިވިދާޅުވާން ހުޅަނގުޖަރުމަނަށް ވަޑައިގެންނެވިއެވެ. 1953ގައި ޔުނިވަރސިޓީ އޮފް އިޗިންގެ މެކޭނިކަލް އިންޖިނޭރިންގގެ ދާއިރާއެއްކަމުގައިވާ ތަރމޯޑްޓޮނޮމިކްސްއިން ދެވަނަ ޕީ.އެޗް.ޑީ ހޯއްދެވިއެވެ.
   
1954ން 1957އަށް އަރަބުކާން އުޅުއްވީ ޖަރުމަންވިލާތުގައެވެ. ޖަރުމަންވިލާތުގެ ކާރުހަދާ ފެކްޓްރީއެއްގައި ޗީފްރިސާޗް އިންޖިނޭރެއްގެ ޙައިޘިއްޔަތުން ވަޒީފާ އަދާކުރެއްވިއެވެ. އަރަބުކާނަކީ ޖަރުމަންވިލާތުގެ މަޝްހޫރު ޓޭންކެއްކަމުގައިވާ "ލެޕަޑް" ޑިޒައިންކުރި އިންޖިނޭރުންގެ ޚާއްޞަ ޓީމުގެ މެމްބަރެކެވެ.
   
އަރަބްކާން އެނބުރި ތުރުކީވިލާތަށް ވަޑައިގެންނެވީ 1957ގައެވެ. އޭނާ ތުރުކީވިލާތުގައި ގޯމެޒް މޯޓަރޒްގެ ނަމުގައި ކުންފުންޏެއް ޤާއުމުކުރެއްވިއެވެ. އެކުންފުނީން ޑީޓޫޒް (DETUZ) ގެ ނަމުގައި ކާރުހަދާ ފެކްޓަރީއެއް އުފެއްދިއެވެ. އެފެކްޓަރީން ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ޕެންސަރޒް ކާރު އުފައްދައި ދުނިޔެ ޙައިރާންކުރުވިއެވެ. މަދުއަހަރުތަކެއްގެ ތެރޭގައި އެކުންފުނީން އުފެއްދި ޑީސަލް އިންޖީނުން ދުއްވާ ވެހިކަލްތަކުގެ ގިނަކަމުން ތުރުކީވިލާތަށް އެބާވަތުގެ އުޅަނދުތައް ބޭރުން އެތެރެކުރުން ހުއްޓައިލިއެވެ. އޭގެ ދޮޅުއަހަރެއްހައި ދުވަސް ފަހުން ޑީޓޫޒް އެބައިމީހުންގެ އިންޖީނުތައް ބޭރަށް އެކްސްޕޯޓްކުރާން ފެށިއެވެ.
   
އަރަބުކާނުގެ ކުންފުނީގެ މިތަރައްޤީ އޭނާއަށް ހަސަދަވެރިވާ އެތައްބަޔަކުވެސް އުފެއްދިއެވެ. ޚާއްޞަކޮށް ދުނިޔޭގެ ވިޔަފާރިއާއި، މަސައްކަތްތެރިކަމާއި، އިންޖިނޭރިންގެ ދާއިރާއަށް ވެރިވެގެން ތިބި ޔަހޫދީ ވިޔަފާރިވެރީން އަރަބުކާނުގެ ފަހަތްޕުޅުން އަޅައިގަތެވެ. ތުރުކީވިލާތުގެ ސަރުކާރުވެސް އެޔަހޫދީ އިންވެސްޓަރުންނާ ބައިވެރިވިއެވެ.     
   
ގޯމެޒް މޯޓަރޒްއާ ދެކޮޅަށް އެކިއެކި މަކަރުވެރި ރޭވުންތައް ރާވަން ފެށިއެވެ. މަސައްކަތުމީހުން ލައްވައި ހަޅުތާލު ކުރުވިއެވެ. ސަރުކާރުން، އަރަބުކާނާއި އޭނާގެ އެކުވެރީންގެ އިސްތަށިފުޅުގައި "މަސައްކަތްތެރިންނާ ދުޝްމިނުވުމުގެ" އިލްޒާމު އެޅުވިއެވެ. ފުލުހުންނާއި ސިފައިން އައިސް ފެކްޓަރީ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔައެވެ. ފެކްޓަރީގެ އުފެއްދުންތެރިކަން ހުއްޓުވުމަކަށް އައެވެ. އަރަބުކާނަށް ޔަޤީންވެވަޑައިގަތީ އޭނާ ގޯމެޒްގެ ޑައިރެކްޓަރަކަށް ހުންނަވައިގެން ފެކްޓަރީ ކުރިޔަށް ގެންދެވިޔަކަ ނުދޭނެކަމެވެ. އެހެންކަމުން 1963 ގައި އަރަބުކާން އެކުންފުނީން ވަކިވެވަޑައިގެންނެވިއެވެ.
   
1964 ވަނަ އަހަރަކީ އަރަބުކާނުގެ ހަޔާތްޕުޅުގެ އެންމެ އަގުބޮޑު އަހަރެވެ. އޭނާ އެއަހަރު ހޭދަކުރެއްވީ އެނާގެ މުސްތަޤްބަލް ރޭއްވެވުމުގައެވެ. އަރަބުކާން 1965 ގައި އޭނާގެ ޔުނިވަރސިޓީ ކަމުގައިވާ އިސްތަންބޯލް ޔުނިވަރސިޓީއާ ގުޅިވަޑައިގެންނެވިއެވެ. އެޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ ޙައިޘިއްޔަތުންނެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި އޭނާ މަސައްކަތްކުރެއްވި ޑިޕާޓްމަންޓްގެ ޗެއަރމަނަކަށް ވެވަޑައިގެންނެވިއެވެ. 1969 އާހަމަޔަށް އޭނާ ޔުނިވަރސިޓީގައި މަސައްކަތް ކުރެއްވިއެވެ. އެހަތަރު އަހަރުގެ ތެރޭގައި އޭނާ މެދުކެނޑުމެއްނެތި ރިސާޗާއި ހޯދުންތެރިކަމުގެ ދާއިރާއިން މަޒުމޫނުތައް ލިޔުއްވަމުން ގެންދެވިއެވެ. އެމަޒުމޫނުތައް މުޅިދުނިޔޭގައި އޭގެ އަޑު ހިއްޕައިލިއެވެ. އަރަބުކާން ޔުނިވަރސިޓީގައި މަސައްކަތުގައި އުޅުއްވަނިކޮށް 1967 ގައި އޭނާ ތުރުކީވިލާތުގެ ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ މެމްބަރަކަށް ހޮވިވަޑައިގެންނެވިއެވެ. 1968ގައި އޭނާ ޗެމްބަރސްގެ ރައީސްކަމުގެ އިންތިހާބުގައި ވާދަކުރެއްވިއެވެ. މަޝްހޫރު ތަރައްޤީއަށް ލޯބިކުރާ ވިޔަފާރިވެރިއެއް ކަމުގައިވާ ސްރީ އަންވަރު ބާތޫރު ވަރަށް ތަނަވަސް އަކްސަރިއްޔަތަކުން ބަލިކޮށްލެއްވިއެވެ. އެއީ އަރަބްކާނަށް ލިބިވަޑައިގެންނެވި ވަރަށް ފަޚުރުވެރި ކާމިޔާބީއެކެވެ. އޭނާގެ ކާމިޔާބީއާމެދު އިރުމައްޗާއި ހުޅަނގުންވެސް ބެލީ ނުރުހުމުގެ ނަޒަރަކުންނެވެ. ކޮމިއުނިސްޓް ރަޝާއާއި، ކެޕިޓަލިސްޓް އެމެރިކާއާއި ޔަހޫދީންގެ ދީނީ ލޮބީ އަރަބްކާނަކީ ނުރައްކަލުގެ ރަނގަބީލެއްކަމުގައި ދެކެންފެށިއެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ބާރުތަކެއް ތުރުކީވިލާތުގެ ރައީސަށް ފިއްތުންތައް ކުރިމަތިކުރާން ފެށިއެވެ. ނަތީޖާއަކަށްވީ ތުރުކީވިލާތުގެ ރައީސްގެ ރިޔާސީ ޤަރާރަކުން އަރަބުކާން ޗެމްބަރސް އޮފް ކޮމާސްގެ ރައީސްކަމުން ވަކިކުރެއްވުމެވެ.

އަރަބުކާނުގެ ޚިޔާލުފުޅު



މިއީ އެޙާދިޘާއަކާ ވިދިގެން "އަހަންނަށް މިދެވޭ އަދަބީ ޝަހާދަތްކިޔުމާއި ނަމާދުކުރުމުގެ އަދަބެވެ." އަރަބުކާން މިއިބާރާތް އެންމެފުރަތަމަ ބޭނުންކުރެއްވި ޙާދިޘާއެވެ. އަރަބުކާން އެހައިތަނުން ވިސްނައިވަޑައިގަތީ ތުރުކީވިލާތުގައި އިސްލާމްދީނާއި، މުސްލިމުންނާއި، ވިސްނުންތެރި ތުރުކީ ރައްޔިތުން ޙިމާޔަތްކުރެވޭފަދަ ބާރުހުރި އިސްލާމީ ސިޔާސީ ޖަމާޢަތެއް އޮންނާން ޖެހޭނެކަމަށެވެ. ތުރުކީގައި އިސްލާމްދީން އަލުންކުރިލައި ހެދޭންފެށި މުޑުވައް އޮށަކަށްވީ އަރަބުކާންގެ މިވިސްނުންފުޅެވެ.


ޕްރޮފެސަރ އަރަބުކާނުގެ އުޅުއްވުން އެންމެކުރީއްސުރެވެސް ހުރީ ސެކިއުލަރ މިޒާޖުގެ މީހުންގެ ލޯތަކަށް ކަށިހެރޭ ގޮތަށެވެ. އޭނާ ކިޔަވައި ވިދާޅުވާން އުޅުއްވި ދުވަސްވަރުވެސް ބަރާބަރަށް ފަސްވަގުތު ނަމާދު ކުރައްވައެވެ. އޭނާގެ ކޮޓަރިކޮޅުން އިސްލާމީ ފޮތްތައް ފެނެއެވެ. އޭނާގެ ވާހަކަފުޅުގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގެ މައްޗަށް ވަރަށް ގިނައިން އަލިއަޅުއްވައިލައްވައެވެ. އިސްލާމީ އިންޤިލާބެއް ގެންނެވުމުގެ ރޭއްވެވުން ރާއްވަވަމުން ގެންދަވައެވެ. އޭނާގެ އެކުވެރީންނާއި އޭނާއާ ބައްދަލުވެ އުޅޭމީހުން އިސްލާމީ އިންޤިލާބަކަށް ތައްޔާރުކުރައްވަމުން ގެންދަވައެވެ. ނަމަވެސް ތުރުކީވިލާތުގެ އޭރުގެ މުޖުތަމަޢުގައި އަރަބުކާންފަދަ ބޭފުޅަކަށް އޮންނާނީވެސް ކޮން ޖާގައެއްތޯއެވެ؟ އެމުޖުތަމަޢަކީ އެތަނެއްގެ ސަރުކާރު، އެސަރުކާރުގެ ހުރިހާ ކީރިތި ކަމާއެކު އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރަމުން ގެންދިޔަ މުޖްތަމަޢެކެވެ. އެމުޖުތަމަޢުގައި ވާހަކަ ދައްކައިއުޅޭ ބަހުރުވައިގެ ތެރެއިން އަރަބި ލަފުޒުތަކާއި ފާރިސީ ލަފުޒުތައް ބޭރުކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތައް އުފައްދައިފައިވާ މުޖްތަމަޢެކެވެ. އެތަނެއްގައި މޫނުބުރުގާއާއި، ސްކާފާއި، ދޯޕައްޓާއާއި، އާދައިގެ ބުރުގާ އެޅުމަކީ ކުށެއްކަމުގައި ކަނޑައަޅާ މުޖްތަމަޢެކެވެ. އެތަނެއްގައި السّلام عليكم އާއި وعليكم السّلام ވެސް ތުރުކީބަހުން ކިޔުމަށް އަމުރުކުރާ މުޖްތަމަޢެކެވެ. އެހެންކަމުން އަރަބުކާނަކީ ފެށުނީއްސުރެ ތުރުކީގެ ސިއްރު ފުލުހުންގެ އިދާރާގެ "ހޮޓްލިސްޓް" ގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
   
އަރަބްކާންގެ ޚިޔާލުފުޅުގައި ތުރުކީވިލާތުގެ މުސްތަޤްބަލް ގުޅިފައިވަނީ އިސްލާމްދީނާއެވެ. މިރޮނގުން އޭނާ ދައްކަވާ ވާހަކަފުޅުގައި 1950 ވަނައަހަރުގެ އާއްމު އިންތިޚާބަށް ހަވާލާދެއްވައެވެ. އޭނާ ވިދާޅުވެއެވެ. 1950ގެ އާއްމު އިންތިޚާބުގެ ނަތީޖާއާމެދު ވިސްނާށެވެ. އެއިންތިޚާބުގައި އަތާތުރުކުގެ ސެކިއުލަރ ޚިޔާލު ގެންގުޅޭ ރިޕަބްލިކަން ޕާޓީގެ ބަދަލުގައި ކާމިޔާބު ހޯދައިފައިވަނީ އިސްލާމީ ވިސްނުމެއް ގެންގުޅޭ ޕާޓީއެކެވެ. ޢަދުނާން މަންދަރީސާއި، ސަލާލް ބާޓަރާއި، ފުއާދު ކޯޕަރޯލޯގެ ޑިމޮކްރެޓިކް ޕާޓީއެވެ. އެސަރުކާރު ވެރިކަމަށް އައިސް އަރަބިބަހުން ބަންގި ދިނުން ހުއްދަކުރިއެވެ. ޕްރައިމަރީ ސްކޫލްތަކުގައި އިސްލާމްދީން ކިޔަވައި ދިނުމުގެ ހުއްދަ ދިނެވެ. އަރަބުކާނު ވިދާޅުވެއެވެ. މިޙާދިޘާއަކީ ތުރުކީވިލާތުން އިސްލާމްދީން އުވިގެންނުދާކަމުގެ ދަލީލެކެވެ. ތުރުކީގެ އެންމެ ފަހުގެ މަންޒިލަކީ އިސްލާމްދީނެވެ. އަތާތުރުކުގެ ގޮށްމުށު ބާރުގައި ވަޅުޖަހާފައިވާ އިސްލާމީ ފިކުރު، ކޮނެގެންނެރެ ހާމަކޮށްލާއިރަށް އަތާތުރުކާއި އޭނާގެ ސެކިއުލަރިޒަމް މުލުން ލުހިގެން ހިނގައިދާނެއެވެ. އަރަބުކާން ވިދާޅުވަމުން ގެންދެވިއެވެ. އެހެންމީހަކު އެމަސައްކަތްނުކޮށްފިނަމަ ޚުދު އޭނާ އެމަސައްކަތް ކުރައްވާނެއެވެ.
   
މިގޮތުން ހިނގަމުންދިޔަ ހަރަކާތްތަކާ ވިދިގެން 1959ގައި އުފެދުނު ޤައުމީ އެސެމްބްލީން އިސްލާމްދީނަކީ ތުރުކީ ސަރުކާރުގެ ދީންކަމަށް ޤަރާރެއް ފާސްކުރިއެވެ. ޤާނޫނީގޮތުން ތުރުކީއަކީ އިސްލާމީ ޤައުމަކަށްވިއެވެ. ތުރުކީވިލާތުގެ ޤާނޫނު އަސާސީތަކަށް ބަލައިލާއިރު 1924ގެ ޤާނޫނޫ އަސާސީގައި އަތާތުރުކު ލިޔުއްވައިފައިވަނީ ތުރުކީ ސަރުކާރުގެ ދީނަކީ އިސްލާމްދީން ކަމުގައެވެ. ނަމަވެސް އޭނާ އިސްލާމްދީނަށް ޢަމަލުކުރުން މަނާކުރެއްވިއެވެ. 1928ގައި ޤާނޫނު އަސާސީއަށް ބަދަލުގެންނަވައި ތުރުކީވިލާތަކީ ރަސްމީ ދީނެއްނެތް ޤައުމެއްކަމުގައި ހަމަޖެއްސެވިއެވެ. އޭގެފަހުން 1937ގައި އަނެއްކާވެސް ޤާނޫނު އަސާސީ ބަދަލުކުރައްވައި ތުރުކީވިލާތަކީ ސެކިއުލަރ ޤައުމެއް ކަމުގައި ކަނޑައެޅުއްވިއެވެ. ނަމަވެސް ކުރީންވެސް ދެންނެވި ފަދައިން 1959ގައި ވަނީ ޤާނޫނު އަސާސީ އިސްލާޙުކޮށް އިސްލާމްދީނަކީ ތުރުކީވިލާތުގެ ރަސްމީ ދީންކަމުގައި ކަނޑައަޅައިފައެވެ. އެޤަރާރު ފާސްވީ ޤައުމީ އެސެމްބްލީގެ އިއްތިފާޤުންނެވެ. މިއިސްލާޙަކީ އަރަބުކާންގެ ފަލްސަފާއަށް ތާއިދުކުރާ އިސްލާޙެކެވެ. މިކަންކަމުން އެނގެނީ އަތާތުރުކު، ތުރުކީވިލާތުން "އަރުވާލެއްވި" އިސްލާމްދީން ތުރުކީ މުޖްތަމަޢުން މުޅިން ބޭކާރުކޮށް ނުލެއްވެވުނުކަމެވެ. ނުވަތަ މަޑުމަޑުން އެނބުރި އަންނަމުންދާކަމެވެ. އަރަބުކާން ވިދާޅުވާ ފަދައިން ކޮންމެވެސް ދުވަހަކުން ތުރުކީއަކީ އައިޑިއަލް އިސްލާމީ ސްޓޭޓަކަށްވާނެ ކަމެވެ.

އަމަލީގޮތުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމާއި ކާމިޔާބީ

   

ކުރިންވެސް ދަންނަވައިފައިވާ ފަދައިން ތުރުކީވިލާތުގައި ބާރުގަދަ އިސްލާމީ ޕާޓީއެއް އޮތުމުގެ ބޭނުންތެރިކަން ވަރަށް ކުރީއްސުރެ އަރަބުކާން ގެންދެވީ އިޙުސާސްކުރައްވަމުންނެވެ. އެހެންކަމުން ޗޭމްބަރސް އޮފް ކޮމާންސުގެ ރައީސްކަމުން ދުރުކުރެވުމާއެކު އޭނާ އަމަލީ ސިޔާސަތުގެ ތެރެއަށް ވެދެވަޑައިގަންނަވާން ކަނޑައެޅުއްވިއެވެ. 1969ގައި ތުރުކީވިލާތުގެ އާއްމު އިންތިޚާބު އިޢުލާނުކުރެވުމާއެކު ޖަސްޓިސް ޕާޓީގެ ޓިކެޓުގައި ޤުވައިނާގެ ގޮނޑިއަށް ވާދަކުރައްވާން ހަމަޖެއްސެވިއެވެ. ނަމަވެސް އަރަބުކާނުގެ "ބާޣީ ޚިޔާލުފުޅުގެ" ސަބަބުން ޖަސްޓިސް ޕާޓީން އޭނާއަށް ޓިކެޓް ދިނުމާމެދު ކުރީ އިންކާރެވެ. އަރަބުކާނުގެ އަޒުމަކަށް ގުޑުމެއް ނޭރިއެވެ. މިނިވަން ކެނޑިޑޭޓެއްގެ ޙައިޘިއްޔަތުން އިންތިޚާބަށް ކުރިމަތި ލެއްވިއެވެ. އިންތިޚާބުގެ ދުވަސްވަރު އޭނާގެ ސްލޯގަނަކީ "އަހަރެން ތުރުކީވިލާތުގެ މުޤައްދަސް ތަރިކަ ޙިމާޔަތް ކުރާނަމެވެ." މިއެވެ.
   
ޤުވައިނާއަކީ އިސްލާމްދީނަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު ދިރިއުޅޭ ރަށެކެވެ. އެހެންކަމުން އަރަބުކާން އެރަށުން ވަރަށް ތާރީޚީ ކާމިޔާބީއެއް ހޯއްދެވިއެވެ. ނަތީޖާއެއްގެ ގޮތުން ފާޅުގައި ނަމާދުކޮށް ރޯދަހިފައި އުޅޭ މުސްލިމަކަށް 1924 ވަނަ އަހަރަށް ފަހު ތުރުކީވިލާތުގެ ޕާލަމެންޓަށް ވަނުމަށް އެންމެ ފުރަތަމަ ފަހަރަށް ފުރުޞަތު ލިބުނެވެ.

އަރަބުކާނުގެ ސިޔާސީ ޖަމާޢަތުގެ ޗާޓަރު

   
އަރަބުކާނަށް ޕާލަމެންޓަށް ވެދެވަޑައިގެންނެވޭ ގޮތް ވުމާއެކު އޭނާއާ އެއްޚިޔާލުފުޅުގެ ސިޔާސީ ބޭފުޅުން އޭނާގެ އަރިހަށް ޖަމާކުރައްވާން ފެއްޓެވިއެވެ. އެކަށީގެންވާ އަދަދެއް އެއްކުރެއްވޭގޮތް ވުމާއެކު 26 ޖެނުއަރީ 1970 ގައި އަރަބުކާނުގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އުފެއްދެވިއެވެ. އެޕާޓީގެ ނަމަކީ "މިއްލީ ނިޒާމު ޕާޓީ" އެވެ.   

އެޕާޓީގެ ނިޝާނަކީ ވަރަށް މާނަފުން ނިޝާނެކެވެ. އެނިޝާނުގައި ވަނީ ވައިގެ ތެރޭގައި ހޫރާ، މުއްކަވައިފައިވާ އަތެކެވެ. އެއަތުގެ ޝަހާދަތް އިނގިލިވަނީ ސީދާ އުޑާ ދިމާޔަށް އިޝާރަތްވާ ގޮތަށެވެ. ސިފައިންގެ ޚިޔާލުގައި އެއިނގިލީން އިޝާރަތްކުރަނީ ޝަހާދަތުގެ ކަލިމައަށެވެ. ނަމަވެސް އަރަބުކާން އެނިޝާން މާނަކޮށްދެއްވަނީ މިދަންނަވާ ގޮތަށެވެ.
   
މުއްކަވައިފައިވާ އަތްތިލަ (ގޮށްމުށް) އަކީ ހަރުދަނާކަމާއި އެއްބައިވަންތަކަމުގެ ނިޝާނެކެވެ. އެއަތްތިލައިގެ ޝަހާދަތް އިނގިލި އިޝާރާތްކުރަނީ އުޖާލާ، އަލި މުސްތަޤްބަލަކަށެވެ. މިއްލީ ނިޒާމު ޕާޓީގެ ޗާޓަރަކީވެސް ވަރަށް އާދަޔާ ޚިލާފު ޗާޓަރެކެވެ. ޕާޓީގެ އަމާޒެއް ކަމުގައި ޗާޓަރުގައިވަނީ އިސްލާމީ ފިކުރާއި ނަޒަރިއްޔާތު ދިރުވައި ކުރިއަށް ގެންދިޔުމާއި އިސްލާމީ އުއްމަތުގެ ޝަރަފުވެރި މާޒީ އަލުން އިޢާދަކުރުމާއި، ޤައުމުގައި ޤާނޫނާއި ގަވާއިދު ތަންފީޒުކޮށް، ތިޔާގިކަމާއި، ތަރައްޤީއާއި ހެޔޮކަންތައްތައް އާއްމުކުރުމެވެ. އެޕާޓީގެ މެމްބަރަކަށް ވެވެނީ ބަރާބަރަށް ފަސްނަމާދު ޤާއިމުކުރާ މީހުންނަށެވެ. އެމީހެއްގެ ހެޔޮލަފާކަމާއި ތަޤުވާވެރިކަމާމެދު ޕާޓީން ހިތްހަމަޖެހޭ މީހުންނަށެވެ. ކޮންމެއަކަސް މިއްލީ ނިޒާމު ޕާޓީގެ ނިޝާނާއި، އެޕާޓީއެއްގެ ގަވާއިދު ހިމެނުނީ ތުރުކީގެ ސެކިއުލަރ ޚިޔާލުގެ މީހުންގެ މޭތަކަށް ހޫނުފެން އެއްޗެއް އޮއްސައިލުންފަދަ ކަމަކަށެވެ. އެތަން މިތަނުން ހަޅޭފަޅޭކުގެ އަޑު އުފުލޭން ފެށިއެވެ.

މިއްލީ ނިޒާމު ޕާޓީ މަނާކުރުން


   
ކުރިންވެސް ދެންނެވި ފަދައިން މިއްލީ ނިޒާމު ޕާޓީއަށް ފާޑުކިޔާން ފެށިއްޖެއެވެ. އެޕާޓީއާ ދެކޮޅަށް ދުސްތޫރީ ކޯޓަށް މައްސަލަ ހުށަހެޅިއްޖެއެވެ. ވަރަށް ދިގު ބަހުސްތަކަކާއި ސެކިއުލަރ ގިންތީގެ ފިއްތުންތަކަށްފަހު ކޯޓުން ނިޔާ ކަނޑައެޅީ މިއްލީ ނިޒާމު ޕާޓީއަކީ ޤާނޫނާ ޚިލާފު ޕާޓީއެއް ކަމުގައެވެ. ހަމައެއާއެކު އެޕާޓީން ތުރުކީގެ ޤާނޫނަށް އިހާނެތިކޮށް ހިތައިފައިވާ ކަމަށް ކަނޑައެޅިއެވެ. ޤައުމުގެ އާބާދީގައި ހިމެނޭ ލާދީނީ ފިކުރުގެ މީހުންގެ ހިތުގައި ޖެއްސުމުގެ ކުށްވެސް އެޕާޓީގެ ބޮލުގައި އެޅުވިއެވެ. މިކަންކަމާ ގުޅުވައިގެން 17 މެއި 1971 ގައި މިއްލީ ނިޒާމު ޕާޓީ ޤާނޫނީ ގޮތުން މަނާކޮށްފިއެވެ. މެމްބަރުންތައް ވިއްސިވިހާލި ވެއްޖެއެވެ. އޮފީހުގައި ތަޅުއަޅުވައިފިއެވެ. ހައްޔަރުކުރުމުގެ ހަރަކާތް ކުރިއަށްދާން ފަށައިފިއެވެ.

އިސްލާމީ ރޫޙުގެ މީހުންނަށް ކުރި ލިބުން

   
ނަމަވެސް އަރަބުކާން ހިތްވަރުފުޅު ދެރައެއް ނުކުރެއްވިއެވެ. އާޖަމާޢަތެއް އެކުލައްވައިލެއްވުމުގެ މަސައްކަތްޕުޅާއިގެން ކުރިއަށް ވަޑައިގެންނެވިއެވެ. އަރަބުކާން އެފަހަރު އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށް ހެއްދެވީ ތުރުކީވިލާތުގެ ޤާނޫނުތައް ނުހަނު ފުންކޮށް ދިރާސާކުރެއްވުމެވެ. އެއަށްފަހު 11 އޮކްޓޯބަރ 1972 ގައި "މިއްލީ ސަލާމަތު ޕާޓީ"ގެ ނަމުގައި އައު ޕާޓީއެއް އިޢުލާނުކުރެއްވިއެވެ. އަރަބުކާން އެޕާޓީގެ ޗާޓަރ އެކުލައްވަވައިފައިވަނީ ވަރަށް ބޮޑަށް ރައްކާތެރިވެ ވަޑައިގެން ހުންނަވައެވެ. އެހެންކަމުން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކޮށްގެންވެސް އެޕާޓީއާ ދެކޮޅަށް ފިޔަވަޅެއް އަޅާނެ އެއްވެސް ތަންކޮޅެއް ނުފެނުނެވެ.
  
 1973ގައި އާއްމު އިންތިޚާބު އޮތެވެ. އަރަބުކާންގެ ޕާޓީ އިންތިޚާބުގައި ވާދަކުރިއެވެ. އެންމެ ފުރަތަމަ ފަހަރުގެ މަސައްކަތުން އެޕާޓީން 74 ގޮނޑި ކާމިޔާބު ކުރިއެވެ. މިއީ އިސްލާމީ ރޫހުގެ މީހުންނަށް ލިބުނު ވަރަށް ބޮޑު އަރުތައެކެވެ. މިއްލީ ސަލާމަތު ޕާޓީން ޕީޕަލްސް ރިޕަބްލިކަން ޕާޓީއާ ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދިއެވެ. ބަލަންދު އޭޖަވިޓް ވަޒީރުލް އައުޒަމަކަށް، އަރަބުކާން ބޮޑުވަޒީރުގެ ނާއިބަކަށް ވެވަޑައިގެންނެވިއެވެ.
    އަރަބްކާން ނުހަނު ޙިކްމަތްތެރިކަމާއެކު އެމަޤާމާ ރުހިވަޑައިގެންނެވިއެވެ. ތުރުކީގައި އިސްލާމްދީން ދިރުއްވާން މަސައްކަތް ފެއްޓެވިއެވެ. ދީނީ މަދަރުސާތަކާއި މިސްކިތްތައް އިމާރާތްކުރަން ހުއްދަދެއްވިއެވެ. ހޫނުމޫސުމުގެ ޗުއްޓީގައި މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ހިންގަވާން ފެއްޓެވިއެވެ. އަސްކަރީ ހުރިހައި ހެޑްކުއާޓަރުތަކަކާއި މިލިޓްރީ ކޮލެޖްތަކެއްގައްޔާއި، ސިފައިންގެ ތަމްރީނުދޭ ހުރިހާ އިދާރާތަކެއްގައި އިސްލާމީ ތަޢުލީމް ލާޒިމްކުރެއްވިއެވެ. ސައިޕްރަސްގެ އެއްބައި ފަތަޙަ ކުރެއްވިއެވެ. އަދި މިނޫންވެސް އެތައް ޚިދްމަތްތަކެއް ކުރެއްވިއެވެ.

އަސްކަރީ އިންޤިލާބެއް

   
އަރަބްކާންގެ މިދެންނެވި ފުތޫޙާތުތައް ފެނުމުން ސިފައިން ކަންބޮޑުވާގޮތް ވެއްޖެއެވެ. 14 ސެޕްޓެމްބަރ 1980 ގައި ތުރުކީއަށް އަސްކަރީ އިންޤިލާބެއް ގެނެސްފިއެވެ. ޕާލަމެންޓާއި ސިޔާސީ ހުރިހާ ޖަމާޢަތްތަކެއްވެސް އުވައިލިއެވެ. ނަމަވެސް އެހައިތަނަށް ދިޔައިރު އަރަބުކާންގެ މަސައްކަތްޕުޅަށްވަނީ ތަޙްރީކެއްގެ ސިފަ އައިސްފައެވެ. ސިޔާސީ ޙަރަކާތްތަކަށް ހުއްދަ ހަމަ ލިބުމާއެކު އަރަބްކާނާއި އޭނާގެ އެކުވެރިން އައުސިޔާސީ ޖަމާޢަތެއްގެ މަސައްކަތްޕުޅު ފެއްޓެވިއެވެ.

ނުނިމޭ..

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ