އަދުގެ ޚާއްސަ

Print

ރަށްފުށުގެ ދިރިއުޅުން (11)

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ


ބުދަ (27 މެއި) ދުވަހުގެ ބަޔާގުޅޭ...


ޙިކުމަތްތެރި ރޭވުމެއް


އަލްމަރުޙޫމު ޢަލީ ޙުސައިން/ނައިފަރީ

ހިތްދަތިވުމަކީ މީހުންގެ ހިފެހެއްޓުމުގެ ބާރަށް ގިނަފަހަރަށް އުނިކަންދޭ ކަމެކެވެ. ހިތްހަމަޖެހިގެން ހުންނައިރު އެތައްވަރަކުން ބަޔަކު އުޅެގެންވެސް ފާޅުކޮށްނުލާ އެތައްސިއްރެއް ހިތަށްލިބޭ ކުޑަކުޑަ ދަތިކަމަކުން ފާޅުވެގެން އައުމަކީ ޚާއްޞަކޮށް އަންހެނުންގެ ގައިގައި މާގިނަކަމެކެވެ. ހަސީނާގެ ހިތްލެންބުމަށް އަހުމަދުފުޅު އަޅައިދިން ތަވީދަކީ އިސްތިރިއެއްކަން ރަނގަޅަށް އެނގިފައިވުމާއެކުވެސް އެވާހަކަ ދައްކައި ރަށުތެރޭގައި ގިނަކުރުމަކީ ރަނގަޅުކަމަކަށް ނުފެންނާތީ އެކަންއޮތީ ހަސީނާގެ ބާރުން ވަންހަނާކޮށްފައެވެ.

އެކަމަކު ހުސައިންމަނިކު މާލެ ގެންދިޔުމާ ގުޅިގެން ހަސީނާގެ ހިތަށް ދަތިވެ އައި ހުންގަނޑުގެ ތެރޭގައި ކިޔުނު މޮޔަތަކުގެ ތެރޭގައި އަހުމަދުފުޅު ސިހުރުކުރީޔޭ ގޮވި، އެވާހަކަވަނީ ރަށުތެރޭގައި ހިސާބަކަށް ފެތުރިފައެވެ. އަނެއްކޮޅުން މުސްކުޅި އެދުރުދައިތަ ހުސައިންމަނިކަށް ކެހިދިންކަމަށް ހީވާ، އަހުމަދުފުޅާ އެހެންވެސް މީހުންނަށް އެއްޗެހިކިޔާ ހަދަނީއެވެ.
   
އެއްދުވަހެއްގައި  ދިހައެއްޖަހާ އެހާކަށްހާއިރެވެ. ހަސީނާއިނި ކުޑަވަރެއްގެ ޚަތިމެއް އަތްމަތިން ހިފައިގެން ކިޔަވާށެވެ. މިދުވަސްވަރު މުނިފޫހިފިލުވުމުގެ ގޮތުން ހަސީނާކުރާ އެއްކަމަކީ ކިޔެވުމެވެ. ކުރީކޮޅުން ކިޔަވަމުން އައިސް ޚަތިމުވަނީ ތިންބައިކުޅަ އެއްބަޔާ ގާތަށް ކިޔެވިފައެވެ. އެވަގުތު ގޭގައިއެއްވެސް މީހަކުނެތެވެ. އެދުރުދައިތަވެސްވަނީ ކޮންމެސް ތަނަކަށް ގޮސްލައިފައެވެ. ދުވަމުން ކަހަލަގޮތަކަށް އައިސް ހުއްޓުނީ ދޮނާއެވެ. އަނގަފުރައި ބަސްތަކެއް އަޅައިގެން އައިކަން މޫނުމަތިން ފެންނަން ހުއްޓެވެ. ދޮނާ ފެނުމުން ހަސީނާ ޚަތިމު ލައްޕާލާފައި އުރައިގެ ތެރެއަށްލަމުން:

ހަސީނާ: މާ ހަރެއްކޮށް ކޮންވަޑާމެއް؟

ދޮނާ: އަސްތާ! ކަންތައްޖެހިއްޖެ. މިއައީ އިބުރާހިމްފުޅާ ޒުވާބުދީފަ. މިރޭ މިއޮތީ ހަސީނާއާ ޝަރީޢަތްޖެހޭރޭ. އަހުމަދުފުޅު ސިހުރުކުރިއޭ ކިޔައިގެން ހަސީނާ ވާހަކަ ދައްކަނީޔޯ! މިތަނުން ނުވެސް ނިންމާ ގެންދާނީ މާލެއަށޯ. އަހަރެން ހާދަ ބިރެއްގަނެޔޭ.

ހަސީނާ: ފިސާރިތެދެއް. ތިޔައީ ހުމުގެ ބުރާންތީގައި ކަމަކު ދެކެވިފައިއޮތް ވާހަކައެއް. އެކަމަކު އެއީ ގޮވުނު މޮޔައަކަށް ހަދައިގެން މާފުހޯދަން އުޅެފީވިއްޔާ އަހަރެން ފިނޑިކަމުން ބިރުގަތީކަމަށް ހީކޮށްފާނެ. ސިހުރެއްނޫނަސް އިސްތިރިއެއް އޮތީ ހަދައިފައެއްނުން. ވާގޮތެއް ބަލަމާ އާދޭ.

ދޮނާ: އެކަމަކު ސިހުރުކުރިކަމުގެ ހެއްކެއްނެތި ތިޔަހެން އޮބަހައްޓަނިކޮށް.... ހަސީނާވެސް ބޮނޑިއެއް ބޯންއުޅެނީތާ. ހަސީނާ ބުނަނިކޮށް މާފުދޭތޯ އަހުމަދުފުޅު ގާތަށް ގޮސްދީފާނަން. އިބްރާހިމްފުޅު ބުނި ހުސައިންމަނިކު ދެންލާނީ އަރުވަޔޭ. ހަސީނާ ވަރިވާން ނައިބުގެއަށް ދަނިކޮށް ފަނޑިޔާރަށް ދަންނަވައިގެން  ކާވެނިރޫޅައިދީފާނެއޭ. އަހުމަދުފުޅު ގާތަށް ދާނަން އިނގޭ. އިބްރާހިމްފުޅުވެސް އެކަމާ އުޅެދީފާނެ.

ހަސީނާ: އަޖައިބުހީވޭ. ދޮނާއަކީ ވަހުތާނެއްތަ! މިހާރު ދޮނާތިޔަހުރީ އެމީހުންގެ ހެއްލުމުގައި ގެށިފައިތާ! ދޮނާއާ ދޭތެރޭ އަހަރެން ވަރަށްބޮޑަށް ބިރުގަނެއްޖެ. ދެން ދޮނާ ކިބައިން ބުއްދިއެއް އަހައިލާންވެސް ނުކެރޭނެ. ދޮނާގެ ބުއްދިކިތަންމެ ގަދަޔަސް ތިޔައީ އަހަރެން އަނބުރައިލެވޭނެ ފަރާތެއްނޫން.

ދޮނާ: އެހެނެއްނޫން ހަސީނާ! އަހަރެން މިހެންބުނީ ހަސީނާއަށް ސަލާމަތްނުލިބިދާނޭ ކަމަށް. މުދިމުބޭކަލަކާ ދޭތެރޭ ސިހުރާއަޅައިގެން ވާހަކަދައްކައިގެން އޭނާކުރި ސިހުރެއް ހަސީނާއަށް ނުދެއްކޭނެކަން އަހަރެންނަށް އެނގޭތީ. އަދި ހަސީނާވެސް އެކަމާ ބިރުންއުޅޭހެން ހީވެގެން.

ހަސީނާ: ދޮނާވެސް ދަންނާނޫ. އަހަރެން މިހުމެއް އަންނާންފެށީ އަހުމަދުފުޅު މަންމައަށް ހަދިޔާއަށްދިން ސައިބޯންޏާއި އަތަރާ ފުށް އަހަރެން ބޭނުންކޮށް އުޅެންފެށިފަހުން. އެއްކަލަ ތަވީދުވެސް އަޅައިދިނީ އެދުވަސްވަރަކުނޫން. އަހަރެން ނާއިބުގޭގައި ވާހަކަދައްކާނޭގޮތް މިއިނީ ވިސްނައިގެނޭ. މުޅިންމެ ދައްކާނީ ސިހުރުކުރި ކަމަށް. އިސްތިރިއެއްގެ ނަންވެސް ނުގަންނާނަން. އެއިރުން އިސްތިރީގެ ކަންތައް ސާބިތުވެއްޖިއްޔާ ސިހުރެއް ސާބިތު ނުވިޔަސް އޮންނާނީ ތެދަކަށް ވެފައެއްނުން؟ ދޮނާ އަނގަމަޑުކޮށްގެން ހުންނާތި. އެމީހުންނާ ވާހަކަ ނުދައްކާތީ!

އަހުމަދުފުޅު ދަޢުވާ ކުރަނީ



ހުސައިންމަނިކާ ދޭތެރޭ ތެދާ ދޮގު މަސްހުނިކޮށް ރޭވިއެތިފަހަރުގައި އޭނާ ދަށުވެ މާލެގެންގޮސް އަށިގޭގައި ހައްޔަރުވުމަށްފަހު ބަދަލުހިފެވުނުކަމުގެ ހިތްހަމަޖެހުމުގައި އަހުމަދުފުޅަށް ހިސާބަކަށް ނޭވާ ލެވިއްޖެއެވެ. ދެން ބޮޑުވެފައިއޮތީ ހަސީނާއަށް އެތިފަހަރެއް އަޅާނޭގޮތެއް ހޯދުމެވެ. އެކަންވެއްޖެނަމަ އެދިހުރި ހުރިހައި އުފަލެއް އޭނާއަށް ޙާޞިލުވީއެވެ. ދަނޑިވަޅެއްހޯދާން އަހުމަދުފުޅު ވިސްނަމުން ބަލަބަލައި ހުއްޓައި ގިނަދުވަސްތަކެއްނުވެ އިވޭންފެށީ އެދުރުދައިތަ އަނގަތަޅާ އަޑާއި އަހުމަދުފުޅު ސިހުރު ކުރީޔޭ ކިޔައިގެން ހަސީނާ ވާހަކަދައްކާ ކަމުގައި ރަށުތެރޭގައި ފެތިރެމުން އަންނަ ނުރައްކާތެރި އަޑެވެ.  މިއަޑު އަހުމަދުުފުޅުގެ ކަންފަތަށް އެރުމާއެކު ހިތްހަމަޖެހި އޭނާ ކަނޑައަޅާފައިވާ  ގަސްދަށް ޢަމަލުކުރާނޭތަން ލިބިއްޖެއެވެ. ޢަމަލޭތޯއެވެ؟ ހަސީނާއަށް ކެހިދިނުން އެތެރެފުށުގެ ނިޔަތެއްކަމުގައި ވީނަމަވެސް އަބުރު ސަލާމަތްކުރުމުގެ ރީތި ނަމުގައި ހަސީނާގެ މައްޗަށް ދަޢުވާ އުފުލީއެވެ. ހަސީނާ ނާއިބުގެއަށް ގެންދިޔައީ ރޭގަނޑު އަށެއްޖަހާކަށް ހާއިރުއެވެ. އަތޮޅުވެރިންވެސް ނެތްފަހަރެއްކަމުން ނާއިބުކަލޭގެ ހަސީނާޔާ ވާހަކަދައްކައިލީ ވަރަށް ކުޑަކުޑަ ގޮތަކަށެވެ. އެދެކެވޭ ވާހަކައަކީ ހަސީނާ ނުދައްކާ ވާހަކަޔަކަށްވެ ނުވަތަ ހަސީނާ ދެއްކި ނަމަވެސް ރޯގޯހަކަށްވެގެން ދޮގުވާހަކައެއް ކަމަށް ސާބިތުވެ ނިމިދާނޭކަމަށް ހީކުރައްވާފައެވެ. އެގޮތަކީ އަހުމަދުފުޅުގެ ނަފުސުގެ ޢިއްޒަތްތެރިކަމާއި މި ދަޢުވާ އުފުލުމުގައި އޭނާގެ ހުރި ޖެހިލުންނެތް ހަރުދަނާ ކަމަކުން އެއީ އަހުމަދުފުޅު ބަރީވެގެން ވާނޭ ކަމެއްކަމުގައި ނާއިބުކަލޭގެވެސް އިތުބާރުކުރައްވަނީއެވެ.

މީގެ އެތައްމަސްދުވަހެއްގެ ކުރިން ހަސީނާ ނާއިބުގެއަށް ގެނައިރެޔާ މިރެޔަށް ވިސްނިމީހަކަށް ހަސީނާގެ ކިބައިން އުޑާބިމާހާ ތަފާތު ޚުލްޤެއް ފެންނާނެއެވެ. ހަސީނާ ރޫފަޔާ އިސްކޮޅާ ހެދުމުގައިވެސް އެހާބޮޑު ތަފާތުވެއެވެ. ހަސީނާވަނީ ހުންއައުމާ ހިތާމައިގެ ސަބަބުން ހަށިގަނޑު ހިއްކައިލާފައެވެ. މޫނުމަތީގައި ހުންނަ ބަނިޔާދަންކަމާ އެކުލެވިފައިވަނީ ތޫނު ބޮޑާކަމެކެވެ. އެއްކަލަ ލޯބިލޯބި ބަނިޔާދަންކަން ހަސީނާއާ ވަނީ ވަގުތީގޮތުންނަމަވެސް ވަކިވެފައެވެ. ލައިގެންހުރީ ދެބައިން ބަޔަށްވުރެވެސް ބާވެކުޑަކޮށް ކުލަމެރިލާފައިވާ އެކަމަކު މިއަދު ދޮވެގެންލީ ލިބާހެކެވެ. ބުރުގާއަކީވެސް ހަމަ އެހާކަށްހާ ބުރުގާއެކެވެ. ނައިބުކަލޭގެއަށް ފެންނަ ހިސާބަށްއައިސް ހުއްޓުނީ ސާބިތުކަމާއެކު ރުޅިއައިސްގެން ހުއްޓުނު ހެންނެވެ.

މިހާރުނައިބުކަލޭގެ ސުވާލުކުރައްވަނީ އެދެކެވޭ ވާހަކައަކީ ހަސީނާ ދެއްކިވާހަކައެއްތޯއެވެ. ހަސީނާ ޖެހިލުމެއްނެތި އެހުރިހައި ވާހަކައަކީ ހަސީނާ ދެއްކިވާހަކައެއްކަމަށް ހިތްވަރާއެކު ބުނެ ފާޅުކޮށްފިއެވެ. ދެން އަހުމަދުފުޅު ހެދި ސިހުރަކީ ކޮބައިތޯ އެއްސެވުމުން އަނެއްކާވެސް ގަދަބަހުން ބުނެއިއްވަނީ، ގައިގާލާ ސައިބޯންޏާއި މޫނުގައިޖަހާ ފުށާއި އަތަރަށް ސިހުރުހަދައިގެން ހަސީނާގެ މަންމައަށްވެސް މަކަރުން މަންމަލައްވައި ހަސީނާ އަށް ދިންކަމެވެ. އެސިހުރެއްހެދި ސައިބޯންޏާއި ފުށްދަޅާއި އަތަރުފުޅިއެއް ކޮބައިތޯއާއި އެކަން ދައްކާނޭ ހިކިބަޔަކީ ސުވާލުކުރުމުން ދަންނާނޭ ބަޔެއް ހަސީނާއަކަށް ނުދެއްކުނެވެ. އެކަމާއެކުވެސް އެސައިބޯނިލީމާ ގައިކަހާކަމާ ފުށްޖެހީމާ ދިލަނަގާކަމާ އަތަރުލީމާ ބޯއަނބުރާ ކަމަށް ހަސީނާ ގަދައަޅާންފެށީ ދޫނުކުރާ ފާޑަށެވެ. އަނެއްކޮޅުން އަހުމަދުފުޅުހުރީވެސް އެހާ ހަރުދަނާކޮށެވެ. މިހެންވީމާ ނާއިބުކަލޭގެއަށް ޖެހުނީ އެކަންތަކުގެ ވާހަކަ ޝަރީޢަތުގައި ދަންނަވާށެވެ.

ކަތީބުތަކުރުފާނުގެ ޝަރީޢަތް (3)


އަތޮޅުވެރިންނާއި މުދިމުކަލޭގެ ޝަރިޢަތްނިމި ދެތިންދުވަހެއްވީފަހުން އަނެއްކާވެސް ކަތީބުތަކުރުފާނު ބަނޑޭރިގެއަށް ގެނެވިއްޖެއެވެ. އެދުވަހު ކަތީބުތަކުރުފާނާ ވާހަކަ ދަައްކަވާން ނުކުތީވެސް ވަޒީރުއްދާޚިލިއްޔާ އިންނެވެ. ވަޒީރަށް ބަހައްޓާފައިހުރި ގޮނޑިކޮޅެއް ފެންޑާގައި ހުއްޓެވެ. އެކަމަކު ވާހަކަދެއްކެވީ ފެންޑާދޮރުމަތީގައި ކޮޅަށް ހުންނަވައިގެންނެވެ. އެގޮތުން ކަތީބުތަކުރުފާނާ ދޭތެރޭ ކަންތައްކުރައްވާނޭގޮތް ކަނޑައަޅުއްވައިގެން ވަޑައިގަތް ކަމަށް ވިސްނެއެވެ. އަދި މާގިނަ ވާހަކަތަކެއް ނުދައްކަވައި ވަރަށް އަވަސްގޮތެއްގައި ކޮންމެވެސް އެއްގޮތަކަށް ނިމިދާނޭކަން ޔަގީންވެއެވެ. ވާހަކަފުޅުދައްކަވާން ފެއްޓެވީސް ޝަރީޢަތާ ބެހޭގޮތަކުންނޫނެވެ.

ވަޒީރު:  ކަތީބުތަކުރުފާނު މާލޭގައި  ހުންނަވަނީ ކިހައިދުވަހެއްތޯ؟

ކަތީބުތަކުރުފާނު: އެއްމަހާ ފޮއިދުވަސް.

ވަޒީރު: ރަށުގައި މިހާރުތިބެނީ ކިތައްވެރިން.

ކަތީބުތަކުރުފާނު: މުދިމުކަން ނެންގެވީމާ ދެންހުންނަވާނީ ކުޑަކަތީބުއެކަނި.  އަދި ނާއިބުކަލޭގެ ހުންނަވާނެ. ނާއިބުކަލެގެވެސް ހުންނަވާނީ ހަރުފަތަަށް އަރުއްވައިގެން. އެހެންވީމާ ހުކުރު ކުރުމަށާއި ކަށުކަމާކެމީގެ ކަމެއްޖެހުނަސް ދައްޗެއްނުވާނެ.

ވަޒީރު: ކަތީބުތަކުރުފާނު، ކަތީބުފަތްކޮޅު ދޫކޮށްލައްވައި އެކަމުން ދުރުވާން އުޅުއްވީ ކޮންސަބަބަކާހުރެތޯ؟

ކަތީބުތަކުރުފާނު: އަޅުގަނޑު މުސްކުޅި ޙާލުވެ ހަށިގަނޑުގެ ބާރުދެރަވަމުން ދާތީ، ރައްޔިތުންގެ އެވަރުބޮޑު އަމާނާތެއް އުފުލާނެހައި ހިތްވަރު ނުހުންނާތީ.

ވަޒީރު: އެކަމަކު ދައުލަތަށް ފެނިވަޑައިގަންނަވަނީ މިނެގުނު އަތޮޅުވެރިންނާ މުދިމުކަލޭގެއާ ދެމީހުން އެއްބައިވެ ކަންހިނގަމުން ގެންދިޔަ ހަމަނުޖެހޭ ގޮތްތަކާއި ކަތީބުކަލޭގެފާނު ނުގަބޫލުވެ އެއިގެ ނުރުހުންފާޅުކުރުމުގެ ގޮތުންކުރި ކަމެއްކަމަށް. އެހެންނަމަވެސް ކަތީބުކަލޭގެފާނު ދައުލަތުގެ ކުރިފުޅުމަތީގައި ކުށްވެރިވޭ. އެގޮތަކީ އަތޮޅުވެރިންނަމަވެސް ނުރަގަޅުގޮތަކަށް ކަންކުރަމުންދާނަމަ އެކަމެއް މިތާނގައި ދަންނަވައި ހެޔޮގޮތަކަށް އެޅުވޭތޯ މަސައްކަތްކުރާންވާނޭކަން ކަތީބުތަކުރުފާނަށްވެސް އެނގިލައްވާނެ. އެކަމަކު ކަތީބުކަލެގެފާނު ކުށަށް މިފަހަރު ދައުލަތުން މާފުކުރައްވައިފި. އަދި އަނެއްކާވެސް ކަތީބުކަލޭގެފާނާއި ކަތީބުކަން ޙަވާލުކުރައްވައިފި. މިކަން ގަބޫލުކުރައްވައިގެން އިހު ހުންނެވިގޮތަށް ރަށުގެ ކަންތައް ހަމަޖައްސަވައި ހިންގެވުމަށް ދުރުވޭ. ލަހެއްނުވެ އަތޮޅުވެރިއަކުވެސް ދުރުވާނެ!

ކަތީބުތަކުރުފާނު: ރަށުގެ ކަންތައް ހިނގަމުންދިޔައީ ތިޔަވިދާޅުވާ ކަހަލަގޮތަކަށް، އެކަން ސީދާކުރަން އުޅެންވީ ރޮނގުން. ނޫޅެވުމަކީ އަޅުގަނޑުގެ ކުށްކަމަށް ގަބޫލުކޮށް އެކުށަށް ދައުލަތުން މާފްކުރެއްވިކަމަށް އުފާކުރަން. އިރާދަކުރެއްވިއްޔާ މުސްކުޅި ޙާލެއްކަމަކު ދައުލަތަށް ފެނިވަޑައިގަންނަވަނީ ވިއްޔާ ފެނިވަޑައިގަންނަވާ ދުވަހެއްގައި ޚިދުމަތްކުރެވޭތޯ ބަލާނަން.

ވަޒީރު: މިހާރު މުދިމުކަމަށް ލުމަށް ކަތީބުކަލޭގެއަށް ފެނިލައްވާ ރަގަޅުމީހަކު މިތާނގައި ދަންނަވާ. އެމީހަކީ ކޮބާ؟

ކަތީބުތަކުރުފާނު: ރަގަޅަށް ކަންތައްކޮށްފީވިއްޔާ ރައްޔިތުންނާއިގެން ކުރިޔަށް ހިނގައިދާނޭ މީހުންއެބަތިބި. ފެނިވަޑައިގަންނަވާ ކޮންމެމީހަކަށް ދެއްވިނަމަވެސް ދައުލަތުގެ އަމުރުފުޅުތަކާ ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވެ އުޅެންޏާ އެންމެ ރަގަޅުވާނޭނޫންތޯ؟

ވަޒީރު:  އޭގެތެރޭގައި ކުރިން މުދިމުކަމެއް ކަތީބުކަމެއް ކޮށްފައިހުރި މީހަކުވޭތަ؟
ކަތީބުތަކުރުފާނު: އޭގެމީހެއް ނެތް! އެކަމަކު މަރުވި މުދިމުތައްޚާނު ދެނެވަޑައިގަންނަވަމެއްނޫންތޯ. އޭނަގެ ދަރިއަކު އެބަހުރި.

ވަޒީރު: ތިޔަކުއްޖެއްގައި މުދިމުކަމަށް ކުފޫހަމަވެ ލިޔާޤަތްތެރިކަން ހުރެއްޖެނަމަ ފެނިވަޑައިގަންނަވަނީ އޭނާޔަށް ދެއްވުން. އެގޮތަކީ މުދިމުތައްޚާނަކީ  ދައުލަތަށް ވަރަށް އިޚްލާޞްތެރި ލައްކަދުވަހު ކުށެއްނުކޮށް ދައުލަތަށް ޚިދުމަތްކޮށްހުރެ މަރުވިމީހެއް.

ކަތީބުތަކުރުފާނު: މިފަހަރު ޝަރީޢަތަށް ގެނެވިފައި އޭނާ އެބަހުރި. އެކަަމަކު އެއީ އަޅުގަނޑުގެ އެއްބަފާ އަންހެނެއްގެ ދަރިއެއް. އޭނާ ގެންގުޅެނީވެސް އަޅުގަނޑު.

ވަޒީރު: ތިޔަހެން ވިއްޔާ ކަތީބުތަކުރުފާނާ އެހީވެގެން އެންމެރަގަޅަށް ކަންތައްކުރެވޭނީވެސް އޭނާޔަކަށްނުން. ދެން ޖީބުން ސިޓީއުރައެއް ނަންގަވާފައި ގަލަމުގެ ދޯރިނަންގަވަމުން ތިޔަބުނާ ކުއްޖެއްގެ ނަމަކީކޮބާ؟

ކަތީބުތަކުރުފާނު: ޔޫސުފްކޮއި.

ވަޒީރު:  އެނަން ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައި، އެންމެ ރަނގަޅު ދެން ކަތީބުތަކުރުފާނު ލަސްނުވެ ރަށަށްދުރުވޭ.

ރަށުގެ އިންޤިލާބު


ހުކުރުދުވަސްކަމުން ރަށުގައި އެންމެންތިބި ދުވަހެކެވެ. ހެނދުނުގެ ފިނިކަން ކަނޑުވަމުން ހޫނުގެ އަސަރު މަޑުމަޑުން ފެތުރެންފެށި ވަގުތެވެ. އެންމެން ދުވަންފެށީ އަތިރިޔާ ދިމާޔަށެވެ. ރަށުތެރޭގައި ގަދަވެފައިވަނީ މާލެދިޔަ ބައްތެލި ލަފާއަޑެވެ. މިއަޑަށް މުޅިރަށުރެތެވަނީ ހޯބޯލަވައިގެންފައެވެ. ޝަރީޢަތަށް މީހުން ގެންދިޔަފަހުން ބައްތެލީގެ އިންތިޒާރުގައި މާލޭގެ ޚަބަރެއްވެސް ޝަރީޢަތުގެ ޚަބަރެއްވެސް ނުވެގެން ރަށުގެ އެންމެން ތިބޭތާ ކިތަންމެދުވަހެކެވެ. މިއަޑުއަހާފައި ބައެއްމީހުންނަށް ކުރަންފެއްޓީ ވީގޮތެއްނޭނގޭ ކަމުގެ ސަބަބުން ހިތްދަތިވުމުގެ އަސަރެކެވެ. އަނެއްބައިމީހުން އަޑުގަދަކޮށްފައި އުޅެނީ ފުރިހަމަ ކާމިޔާބެއް ލިބޭނެކަމަށް ޔަގީންވާކަހަލަ ގޮތެއްގައެވެ. ޙަރަކާތްތައް އަވަސްކޮށްލާފައި އެންމެ އުފާވެރި ގޮތަކަށް އުޅެނީ މުދިމުކަލޭގެ ފަރާތުމީހުންނެވެ.
   
އެކިއެކި ގަސްދޮށާއި ހިސާބު ހިސާބުގައި ދެމީހުން ތިންމީހުން ތުންގުޅުވާލައިގެން ދައްކަނީވެސް އެކަމުގެ ވާހަކަތަކެވެ. ދުރުދުރުގައި ބޮނޑިބޮނޑިއަށް އެއްވެ، އަންހެނުންތައް ގުޅަޖެހެނީވެސް އެއިގެ ވާހަކަތަކުގައެވެ. ރާޅުތައްއަރާހިސާބަށް ކޯޅިތައްދެމިފައި ދިޔަގޮނޑާ ދިމާޔަށް އަރިއަޅާލާފައިއޮތް ކާނިގަހެއްގެ ކައިރީގައި އަހުމަދުފުޅާއި އަދިވެސް ހަރުކުލައިގެ މީހުންތިބޫއެވެ. ކުޑަކުއްޖަކު މޫދަށް އެރުވައިގެން ބައްތެލިކައިރިއަށްދާން ދޯންޏެއް އައްދަން ކުރުވަނީއެވެ. އެހެނިހެން މީހުންތިބިތަނާ މާދުރުގައިހުރި ހިރުނދުގަސްތަކެއްގެ ކައިރިގައި ހަސީނާއާއި ދޮނާއާއި އަދިވެސް އެދުރުގޭދޮށުގައި އުޅޭ ދެތިންކުއްޖަކު ނިކުމެ ތިއްބެވެ. އެމީހުން ބައްތެއްޔާދިމާލަށް ބަލަހައްޓައިގެންތިބީ ހަމައެކަނި ހުސައިންމަނިކުގެ ނިޝާނެއްފެނޭތޯއެވެ.
   
ބައްތެލި ކައިރިއަށް ދޯނިގޮސް އިރުކޮޅެއްވީތަނާ ދޯންޏަށް ފައިބެންނެވީ ކަތީބުތަކުރުފާނާއި މުދިމުކަލޭގެއެވެ. ދެފައިޖަހާފައިގެނެސް ދޯނިލަފައިލީ އެންމެން ނިކުމެތިބި މަގާދިމާލަށެވެ. ދެބޭކަލުން ފޭބެންނެވުމާއެކު ފަރާތްފަރާތުން އެބޭކަލުންގެ އަތާ ޖޯޑުވާން ފެއްޓީ ހިތްހެޔޮކަމާ އިޚްލާސްތެރިކަމަށް ދަލީލުކުރާ ބުރަ އަތްތިލަތަކަކާއި ނިފާޤުކަމާ ނުރުހުމުގެ މައްޗަށް ހެކިދޭ ލުއިލުއި އަތްތިލަތަކެކެވެ. އެންމެންނަށް ސަލާމްކުރެއްވުމަށްފަހު ކަތީބުތަކުރުފާނު ސީދަލަށް އޮތްމަގުން އަރުއްވައިގެން ދުރުވީ ކަތީބުތަކުރުފާނުގެ ގެއަށެވެ. މުދިމުކަލޭގެއާއި އަހުމަދުފުޅު މަޑުމަޑުން ވާހަކަދައްކަމުން ހިނގައިގަތީ އެމީހުންގެ ގެއަށް ދިއުމަށް އަނެއްމަގާ ދިމާއަށެވެ. އެމީހުންގެ ފަހަތުން މުދިމުގޭ ދޯނިދޯނީގެ ކެޔޮޅުން ކަހަލަ ބަޔަކު ދިޔައޫއެވެ.
   
ވަރަށްކުޑައިރުކޮޅެއް ނޫނީނުވެއެވެ. ބޮޑުބަޑީގެ އަޑުފެތުރިގެންދާހެން ރަށުތެރެއަށް ފެތުރެންފެށީ މުދިމުކަލޭގެއާ އަޙުމަދުފުޅުގެ ކިބައިން މުދިމުކަންނެގި އަތޮޅުވެރިންގެ ކިބައިން އަތޮޅުނެގުނު ވާހަކައާއި ދެތިން ހަތަރު ދުވަހެއްގެތެރޭގައި ޔޫސުފްކޮއިގެ މުދިމުފަތްކޮޅު ހިފައިގެން އެހެން އަތޮޅުވެރިޔަކު ދުރުވާވާހަކައެވެ. ނުބައިދޮގުތައް ރާވާމީހުންގެ ބޮލަށް އެދޮގުތައް ގެނެސް ވައްޓައިލާ އާފާތްތައް އެމީހުންނަށް ތަޖުރިބާވީއެވެ. އެމީހުންގެ ކަނދުރާތައް ތިރިވެ ނިޔާގެ ކުރިމަތީގައި ޟަޢީފުވީއެވެ. ދެންމެޔަކަށް ދާންދެން އަޑުގަދަކޮށްފައި އުޅުނުމީހުންތައް ކުއްލިއަކަށް ވީގޮތެއްވެސް ނޭނގުނުހެން އެންމެން މަންމަންވީއެވެ.

 (ނުނިމޭ)

އިދާރާ

ވާހަކަ