Print

ފޮޓޯ ނެގުނު ފުރަތަމަ ޖިންނި، ފޮޓޯ ނެގި މީހާ މަރާލިއެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

މަތީގައި އެވަނީ، ސާލިމުލް ޖީރާންގެ ނަމުގައި މީހަކު، މަޖައްލާއެއްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ސުރުޚީގެ ޚުލާޞާ ތަރުޖަމާއެކެވެ. އެސުރުޚީގެ ދަށުގައި އޭނާ ލިޔެފައިވެއެވެ.

ޔޫއޭއީގެ ޒުވާން ކުދިންކޮޅެއް ޗުއްޓީ ހޭދަކޮށްލުމަށްޓަކައި، ރައުސުލްޚައިމާއަށް ދިޔައެވެ. އެކުދިން ދިޔައީ އެ ރަށުގެ ފަރުބަދަ މަތީ ހިސާބަކަށެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވުމުން، މަޖާކޮށްލައި ވާހަކަ ދައްކާލަން އެ ކުދިން ތިއްބާ، ދުރުން އާދަޔާޚިލާފު އަޑެއް އިވެން ފެށިއެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނެތް ހިސާބަކުން އެކަހަލަ އަޑެއް އިވޭތީ އެކަމާމެދު އެކުދިން ވަރަށް ބޮޑަށް ޙައިރާންވިއެވެ. ދެން އެ އަޑު އިވޭ ދިމާއަށް އެކުދިން ދިޔައިރު، އެ އަޑު އިވެނީ، ފަރުބަދައެއްގައިވާ ހޮހަޅައެއްގެ ތެރެއިންކަން އެނގުނެވެ. އޭރު، އެ ހޮހަޅައިގެ ކައިރީގައި މުސްކުޅިއަކު ހުއްޓެވެ.

ދެން އެ ބޭބެއަށް އެކުދިން ސަލާމްގޮވާލިއެވެ. އަދި އެ ބޭބެ އެހައި ދަންވަރު، އެތަނުގައި ހުރީ ކީއްވެތޯ އާއި، އެ ހޮހަޅައިން އިވެނީ ކޮން އަޑެއްތޯ ސުއާލުކުރިއެވެ. އެ ބޭބެ ބުންޏެވެ. ތިމަންނައަކީ، ވަރަށް ކުރިއްސުރެ މިތަނުގައި ދިރިއުޅޭ މީހަކީމެވެ. ހޮހަޅައިގެ ތެރެއިން އެ އިވެނީ ޖިންނީންގެ ތެރެއިންވާ ޝައިޠާނެއްގެ އަޑެވެ. އެއީ މި ހޮހަޅައިގައި ދިރިއުޅޭ ޖިންނިއެކެވެ.

ދެން އެ ކުދިން އެ ހޮހަޅަތެރެއަށް ނުވަނުމަށް ނަސޭހަތްދީ، އެތަނަށް ވަދެއްޖެނަމަ، ގެއްލުމެއް ލިބިދާނެ ކަމުގެ އިންޒާރު އެ ބޭބެ ދިނެވެ. ނަމަވެސް އެ ކުދިން އެ ބޭބެގެ ބަސް ޤަބޫލުނުކޮށް، އެ ހޮޅައިގެ ތެރެއަށް ވަނެވެ. އެއީ ވަރަށް އަނދިރިތަނެކެވެ. އެތަނުގައިވާ ކަނު އަނދިރީގެ ތެރޭގައި ތިބެގެން އެތަންމިތަން ފޮޓޯ ނަގަމުން ދަނިކޮށް، ފޮޓޯ ނެގި ޒުވާނާ ކުއްލިއަކަށް ވެއްޓިއްޖެއެވެ. ދެން ފުލުހުންނަށް އަންގައިގެން، ފުލުހުން އައިސް ބެލިއިރު، ޒުވާނާ އޮތީ ކުއްލި މަރަކުން މަރުވެފައެވެ. ޒުވާނާގެ އަތުގައި އޮތް ކެމެރާގައިވާ ފިލްމު ސާފުކޮށްގެން ބެލިއިރު، އެ ހޮހަޅައިގައި ދިރިއުޅޭ ޖިންނީގެ ފޮޓޯއެއް އޭގައި ވެއެވެ.

އެއީ ޙަޤީޤީ ފޮޓޯއެއްތޯ ބެލުމަށްޓަކައި ފޮޓޯއާ ބެހޭ މާހިރުންނަށް ދެއްކުނެވެ. ތަޙުލީލުކޮށް ބެލުމަށްފަހު، މާހިރުން ބުނީ އެއީ ސަތޭކައިން ސަތޭކަ ޙަޤީޤީ ފޮޓޯއެއް ކަމަށެވެ. ފޮޓޯގައިވާ ޖިންނީގެ ގަޔަށް ކެމެރާގެ ފްލޭޝްގެ އަލި އެޅުމުން، ޖިންނި ވަނީ ވަރަށް ބޮޑަށް ބިރުގެންފައެވެ.

ސާލިމުލް ޖީރާން ލިޔެފައިވާ ލިޔުން މިހިސާބަށް ނިމުނީއެވެ.

ނަންގަނެވިދިޔަ ޖިންނިއާ ބެހޭ ގޮތުން، އައްޔާމް ވަންނާސް މަޖައްލާގައި ލިޔުމުން، އެއާމެދު ދަންނަބޭކަލެއްގެ ޚިޔާލު ހޯދުނެވެ. އެ ބޭކަލަކީ، އައްޝައިޚު ޢަބްދުލްޢަޒީޒުލް ޤަޙުޠާނީ އެވެ. އޭނާ ވިދާޅުވިއެވެ. "މިއީ ޙަޤީޤީ ފޮޓޯއެކެވެ. އެހެނީ، ޖިންނީންނަކީ އާދަމުގެ ދަރީންގެ ސިފައިގައިވާ ބަޔެކެވެ. ފޮޓޯއަކީ ޙަޤީޤީ ފޮޓޯއެއްކަން އެނގެނީ މިކަމުންނެވެ. ޖިންނީންނަކީ އެތެރެހަށި ފެންނަ، ލުއިލުއި ބަޔެކެވެ. އެކިއެކި ސިފަތަކަށް ސިފަބަދަލުކުރުމުގެ ކުޅަދާނަކަން ޖިންނީންނަށް ލިބިފައި ވެއެވެ. ފޮޓޯގައި އެވަނީ، ޖިންނީންގެ ސިފައާ ގާތް ސޫރައެކެވެ."

ފޮޓޯގައިވާ ޖިންނިއާ ބެހޭގޮތުން ޝައިޚު ވާހަކަ ދައްކަވާފައިވަނީ، މި މޭރުމުންނެވެ.

މި މަޒުމޫނާއެކުގައިވާ ފޮޓޯ، ނޫސް މަޖައްލާތަކާއި ވެބްސައިޓުތަކުގައި ޝާއިޢުކުރުމުން، ގިނަބަޔަކު އެއީ ޖިންނިއެއް ކަމަށް ހީކުރިއެވެ. ނަމަވެސް ބައެއް މީހުން އޭގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރިއެވެ.

ޙަޤީޤަތް ހޯދުނުއިރު، އެއީ ބަޔަކު މީހުން ހަދާފައިވާ ބުދެކެވެ. އޭގެ ދެލޮލުގައި ދެބޮކި ލާފައި ވެއެވެ. އަދި އެ ދެބޮކި ދިއްލުމަށްޓަކައި އެއަށް ވަނީ ކަރަންޓްވެސް ގުޅާފައެވެ.

މުސްލިމުންނަށް ފުރައްސާރަކުރާ ބައެއް ފަރާތްތަކުން ވަނީ، މި ބުދުގެ ބޭނުން ހިފާފައެވެ. މި ބުދުގެ ޙަޤީޤަތް ނޭގޭއިރު، އެބައިމީހުން ބުނެފައިވަނީ، މިއީ، ޙިރާފަރުބަދައިގައިވާ ޖިންނިއެއް ކަމަށެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހަށް ޥަޙީއާއިގެން ވަޑައިގެންނެވި، ޖިބުރީލުގެފާނުކަމަށް އިތުރު އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ހީފުޅުކުރެއްވީ މި ޝައިޠާނީ ޖިންނި ކަމަށެވެ.

ޙަޤީޤަތް އޮޅުވާލާފައިވާ މިފަދަ ފޮޓޯތައް އިންޓަރނެޓުން ފެންނަމުން ދެއެވެ. އެއާމެދު މުސްލިމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވާން އެބަޖެހެއެވެ. މިފަދަ ފޮޓޯތައް ވެބްސައިޓްތަކުގައި ޝާއިޢުކުރަނީ އިޚުލާޞްތެރި މުސްލިމުންނެއް ނޫނެވެ. އެކަމަކު އެކަން ކުރަނީ، ޢަލްމާނީންނާއި މުލްޙިދުންނެވެ. އެބައިމީހުންގެ ބޭނުމަކީ، މުސްލިމުންނަށް އޮޅުވާލުމާއި މަކަރުހެދުމެވެ. މުސްލިމުންނަކީ، ތަނެއްދޮރެއް ނުދަންނަ ޖާހިލު ބަޔެއްގެ ގޮތުގައި އެހެން މީހުންނަށް ދެއްކުމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ