އަދުގެ ޚާއްސަ

Print

އެކަށައެޅުން، ކަނޑައެޅުން، ހުށަހެޅުން

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ޞާދިޤު


ތާނަލިޔުމުގައި "ހާ"، "އަލިފު" މިދެއަކުރުން ކުރެ އަކުރަކުން ފެށޭ، ކަމާއި، މަސްދަރުގެ ކުރިޔަށް، ނަފީގެނޫނު އަންނައިރު، އެނޫނުގެ ފިލި، ތިރީގައިމިވާ ދެތާވަލުގައިވާގޮތް ގޮތަށް ބޭނުން ކުރުވެމުން ދެއެވެ.

(1)   "ހާ" ގެތާވަލު

 

ފެށޭފިލި

ބޭނުން ކުރެވޭގޮތް

މިސާލު

1-   ހަނުވަތަހާ

ނު، ނަ

ނުހަފާނެ، ނަހަފާނެ، ނުހާނާނެ، ނަހާނާނެ:

2-   ހިނުވަތަހީ

ނު،ނި

ނުހިތުން، ނިހިތުން، ނުހުނުން (ނުހީނ- ނިހީނ!)

3-   ހުނުވަތަހޫ

ނު

ނުހުރުން، ނުހުންނާނެ، ނުހޫރުން، ނުހޫރާނެ

4-   ހޮ ނުވަތަ ހޯ

ނު، ނޮ

ނުހޮވުން، ނޮހޮވާނެ    ނުހޯދުން، ނޮހޯދާނެ

5-    ހެ ނުވަތަ ހޭ

ނު، ނެ

ނުހެރުން، ނެހެރުން، ނުހޭވުން، ނެހޭވުން


 

(2)   "އަލިފުގެ" ގެތާވަލު


ފެށޭފިލި

ބޭނުން ކުރެވޭގޮތް

މިސާލު

1-    އަ

ނު، ނަ، ނާ

  ނުއަނދާނެ، ނައަނދާނެ، ނާދާނެ

2-    އި

ނު، ނި، ނީ

ނުއިނުން، ނުއިންނާނެ، ނިއިންނާނެ، ނީންނާނެ

3-    އު

ނު، ނޫ،

ނުއުޅުން، ނޫޅުން، ނުއުޅޭނެ، ނޫޅޭނެ

4-    އެ

ނު، ނެ، ނޭ

ނުއެހުން، ނެއެހުން، ނޭހުން، ނުއެދޭނެ

5-    އޮ

ނު، ނޮ، ނޯ

ނުއޮޅުން، ނޮއޮޅުން، ނުއޮޅޭނެ، ނޮއޮޅޭނެ، ނޯޅުން، ނޯޅޭނެ


 
މިތާވަލުގައިވާ "ނާނދާނެ"، "ނީންނާނެ"، "ނޫޅޭނެ"، "ނޭހުން"، "ނޭދޭނެ"، "ނޯޅުން". "ނޯޅޭނެ" މި މިސާލުތަކަށް ވިސްނާވަޑައިގަތުމުން މިގޮތަށް ބަދަލުވެގެން ގޮސްފައި މިހިރީ ހައްތާވެސް އަލިފުގެ ތަފާތު ފިލިފިލިން ފެށޭބަސްބަސް ކަން އޮޅުމެއްނެތި އެނގިވަޑައި ގަންނަވާނޭއެވެ. ހ. އިން ފެށިފައިވާ އެއްވެސް ބަހަކަށް މިފަދަ ބަދަލެއް ގެނެވިފައެއް ނެތެވެ. ހ.ގެ އެބެފިލިން ފެށިފައި މިވަނީ ހެރުމެވެ. ނަފީވާ އިރު ބަދަލުވަނީ ނުހެރުމަށް، ނުވަތަ ނެހެރުމަށެވެ. އަދި ހެފުން، ނުހެފުން ނެހެފުން، ހެދުން، ނުހެދުން، ނެހެދުން، މިގޮތަށް މެނުވީ ބަދަލުވެގެންނެއް ނުދެއެވެ. އަލިފަށް ވާހެން ހ ގެއްލިގެން ނުވަތަ ކެނޑިގެންދާތަނެއް ނާދެއެވެ. އާދެ، ނޭރުން، ނޭފުން، ނޭދުން މިހެންނެއް ނުކިޔެއެވެ.

މިހާރު، އަޅުގަނޑު މިއިޝާރަތް ކުރާ ބާވަތުގެ އެހެން ބަހެއް ބަލާލަމާ ހިންގަވާށެވެ. އާދެ، އެނގުން، ނުއެނގުން، ނޭނގުމެވެ. އެނދުން، ނުއެނދުން ނޭނދުމެވެ. ބަހަކީ ހުށަހެޅުން ކަމަށްވާނަމަ، ކިޔަންޖެހޭނީ، ހުށައެއް ނެހެޅުނެވެ. ހުށައެއް ނެހެޅޭނެވެ. ހުށައެއް ނެހެޅޭނެއެވެ. މިހެންނެވެ. ނަމަވެސް ޢާއްމުކޮށް ލިޔެކިޔައިއުޅެނީ، ހުށައެއް ނޭޅުނޭ ހުށައެއް ނުއެޅުނެވެ. މިހެންނެވެ. އެހެން ކަމުން އެބައހަކީ، އެކަށައެޅުން، ކަނޑައެޅުން ފަދައިން ހުށައެޅުމެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. ދެން އޮތް އަނެއް ގޮތަކީ، ޒަމާނުއް ސުރެ އަޅުގަނޑުމެން ލިޔަމުން އަންނގޮތަކީ ހުށަހެޅުން، ނުވަތަ ހުރަހެޅުން ކަމަށްވާތީ އެގޮތަށް ބޭއްވުމެވެ. އެއީ އެހެން ބަސްބަހުގައިވެސް ހުންނަ ފަދައިން ޤަވާޢިދަށް އިސްތިސްނާއެއްގެ ގޮތުގައެވެ.   

އިދާރާ

ވާހަކަ