ކުރެހުންތެރިޔަކާއެކު އަނގަތަޅާލުމެއް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ކުރަހަން ދަސްކޮށްދޭ މިސް އެވެ.
ތިބާ ދެކެ ވާ ލޯބިން، އަހަރެންގެ ހިތް އެބަ ޝަކުވާ ކުރެއެވެ.
އަހަރެންގެ ހިތުގައިވާ ލޯބި ބައްޓަންވެގެން އެއްވެސް ބާރަކާނުލައި،
ފިލިކޯޅި ޖަހާލަން ފަސޭހަ ޅެމަށް ވަމުން އެބަދެއެވެ.
ތިބާގެ ރީތި ކަމަކީ، ރީތި މިޔުޒިކެކެވެ.
އެއީ، އަހަރެންގެ ޖިސްމަށް ނެށުން ގެނެސްދޭ ރާގުތަކެކެވެ.
އަހަރެންގެ ބުރުސޫރައާމެދު ތިބާގެ ޚިޔާލަކީ ކޮބާހެއްޔެވެ؟
އަހަރެން ގެ ރޫފައާއި އިސްކޮޅާމެދު ބުނަނީ ކީކޭހެއްޔެވެ؟
ފަންނާނެއްގެ ފިހިން ކުރަހާލަން، އަހަރެން ކަމުދާނެހެއްޔެވެ؟
މިސް ބުންޏެވެ. އަހަރެންގެ ކުރިމަތީގައި އިށީންނާށެވެ!
ދެން މި ކެސެޓް ރޯލް އަޑުއަހާލާށެވެ!
"ތިބާގެ ބުރުސޫރައިގައި، އަހަރެން މޮޔަކުރުވާ ކަމެއް އެބަވެއެވެ.
އެކަން ދިރާސާކޮށް ތަޙުލީލުކޮށްލަން ބޭނުމެވެ.
ތިބާގެ ސިފައަށް ބައެއް ބަދަލުތައް،
އަހަރެންގެ ފިހިން ގެނައުމާމެދު ބުނަނީ ކީކޭހެއްޔެވެ؟
ކުރަހާލަން ބޭނުންވަނީ، ބޮލުގެ އިސްތަށިތައް، ޖަންގައްޔެއްގެ ސިފައިގައެވެ.
ހިތް، ރުމާލެއްގެ ސިފައިގައެވެ.
ކޯތާފަތް، ޤިންދީލެއްގެ ވަށައިގެން އުތުރޭ ޕަރުވާނާތަކެއްގެ ސިފައިގައެވެ.
ނޭފަތް، ނީލުކޯރުގެ މަތީގައި ހޮވައިކަމުން އުދުހޭ ދޫންޏެއްގެ ސިފައިގައެވެ.
ދެލޮލާއެކު މޫނު ކުރަހާލާނީ، މަސްތީ ރާގެއް އިވެމުންދާ ދުންމާރިއެއްގެ ސިފައިގައެވެ."
މިސް ބުންޏެވެ. މިގޮތާމެދު ތިބާގެ ޚިޔާލަކީ ކޮބާހެއްޔެވެ؟
މި ގޮތާ ޤަބޫލުހެއްޔެވެ؟
އަހަރެން ބުނީމެވެ.
ތިބާ ބަދަލުކޮށްގެން ނުވާނެ ޝަރުޠަކާއެކު އެއްބަސްވެއްޖައީމެވެ.
މިސް ބުންޏެވެ.
އެއީ ކޮން ޝަރުޠެއް ހެއްޔެވެ؟
އަހަރެން ބުނީމެވެ.
އެއީ، ތިޔަ ސާހިބާގެ ހިތުގެ ކޮޓަރީގެ ފާރުތަކުގައި،
އަހަރެންގެ ތަފުޞީލީ ކުރެހުން ބިންވަޅުނަގައި ދިނުމެވެ.
އަހަރެން ފިޔަވައި އެހެން ބައިވެރިއަކާއެކު ޝަރީކުރުމެއް ނެތިއެވެ.
މަޞްދަރު: އަލްޢަރަބީ މަޖައްލާގެ ވެބްސައިޓް
ޝާޢިރު: ياسر قطامش (القاهرة، مصر)