އަދުގެ ޚާއްސަ

Print

ދިވެހި ބަހާއި ބަހުރުވަ

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


ޑރ. ޙަސަން ޙަމީދު

މާތްﷲ އާދަމް ޢަލައިހިއްސަލާމް އުފައްދަވައި އެންމެ ފުރަތަމަ އުނގަންނައިދެއްވީ ތަކެއްޗަށް ކިޔާ ނަންނަން ކަމަށް ކީރިތި ޤުރްއާނުގައި ވެއެވެ. އާދެ! ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 31 ވަނަ އާޔަތުން މިކަން ސާބިތު ވެއެވެ. ދެން ފަހެ، އާދަމް ޢަލައިހިއްސަލާމު ދުނިޔެއަށް ފޮނުއްވި އިރު އެކިއެކި ތަކެއްޗަށް ކިޔާ ނަންތައް އެކަލޭގެފާނު ދެނެވަޑައިގެން ވިއެވެ. މާތް ﷲ ރުއްސުން ލެއްވި ޙައްވާގެފާނާއި އާދަމްގެފާނު އެއްބޭފުޅަކު، އަނެއް ބޭފުޅަކަށް ވާހަކަފުޅު ދައްކަވާ ހެއްދެވީ  ބަސް ބޭނުން ކުރައްވައިގެންކަން  ސާބިތުވެއެވެ. ދުނިޔޭގައި މާ ގިނަ ދުވަހެއް ނުވަނީސް އިންސާނީ ދަރިފަސްކޮޅު ގިނަވެގެން ދިޔައެވެ. އެންމެ ފުރަތަމަ މި އެންމެންވެސް ވާހަކަ ދައްކާ ހަދާފައި ވާނީ އެއްބަހަކުންނެވެ.


ނަމަވެސް މީސްތަކުން ގިނަވުމުން، ތަފާތު މައްސަލަތައް އެމީހުންގެ މެދުގައި ޖެހެއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. މީސްތައް ޤަބީލާތަކަށާއި ވަންހަ ތަކަށް ބެހިގެން ދެއެވެ. އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަ އުފެދޭގޮތްވެ އެވެ.  ކާތަކެތި ނުވަތަ އެހެންވެސް ތަކެތި ތަދު ދުވަސްވަރު އާދެއެވެ.  މޫސުމަށް އަންނަ ބަދަލުތަކުން ދަނޑުވެރިކަން ކުރަން ދަތިވެ އެވެ.  މި ފަދަ އެތައް ސަބަބުތަކާ ހެދި، މީސްތަކުންގެ ތެރެއިން ބަޔަކު،  އެ މީހުން  އުޅޭތަން ދޫކޮށް އެހެން ތަނަކަށް ދަތުރު ކޮށް އެބައެއްގެ ބޭނުންތައް ފުދޭ ތަނަކު ވަޒަން ވެރި ވެއެވެ. ބުނެވޭ ގޮތުގައި މީހުން އެންމެ ފުރަތަމަ ވަޒަންވެރިވެ ދިރިއުޅެން ފެށީ ކޯރުތަކުގެ އައްސޭރި ފަށުގައެވެ.  އެހެނީ ފެނަކީ ބަޔަކު ދިރިއުޅެން އެންމެ މުހިންމު އެއްޗެވެ. ބުއިމަށާއި ކެއްކުމަށެވެ. ގޮވާން ކުރުމުށާއި ގެރިބަކަރި ގެންގުޅުމަށެވެ. މި ދެންނެވި ގޮތަށް ހިޖުރަކޮށް ދުރު ހިސާބުތަކުގައި ވަޒަން ވެރިވުމުން އެމީހުންގެ އާ މާހައުލުން ފެންނަ ތަކެއްޗަށާއި ކުރާކަންތައްތަކަށާއި އުޅޭ ގޮތްގޮތަށް އައު ލަފުޒުތައް އުފައްދަން ޖެހެއެވެ. މިސާލަކަށް މައުބަގީޗާތައް ހެދޭ ވާދީއެއްގައި ވަޒަންވެރިވާ ބަޔަކު، އެ ވާދީގައިވާ ކޮންމެ މަލަކަށް އަދި ކުލައަކަށް ލަފުޒެއް ހަދާފާނެތެވެ. ނަމަވެސް މުޅިން ވެލި އޮންނަ ސަހަރާއެއްގައި އުޅޭ ބަޔަކު ކޮންމެ ކުލައަކަށް ލަފުޒެއް ހަދާކަން ނުޖެއެވެ. އެމީހުންނަށް ނުފެންނަ ކުލަތަކާ ބެހޭ ގޮތުން ބަސްމޮށި އުޅޭކަށް ނުޖެހެއެވެ. އެހެނީ ޚިޔާލަށް ނުގެނެވޭ އެއްޗަކީ ނެތް އެއްޗެއް ކަމަށް ބެލެވޭތީއެވެ. 

ކުރިން ދެންނެވުނު ފަދައިން، އެއް ހިސާބު ގަނޑެއްގައި ނޫޅެވިގެން އާދަމުގެދަރިންގެ ތެރެއިން ބައެއް އެހެން ހިސާބަކަށް ދަތުރު ކޮށް، އެ ހިސާބުގަނޑުގައި ވަޒަން ވެރި ވެއްޖެއެވެ. ދެ ހިސާބު ގަނޑެއްގައި ދިރިއުޅޭ މި ދެބައިމީހުން އެންމެ ފުރަތަމަ ދުވަސްވަރު ވާހަކަ ދައްކާނީ އެއް ބަހަކުންނެވެ. އެއްބަޔަކު އަނެއްބަޔަކާ ދައްކާ ވާހަކަ އޮޅުން ފިލާނެއެވެ. ނަމަވެސް، މާހައުލާއި ފިކުރު ބަދަލުވުމުން، އެއް ބަޔަކު ބޭނުން ކުރި ލަފުޒުތައް އަނެއް ބަޔަކު ބޭނުން ކުރަން ނުޖެހި ބައެއް ލަފުޒުތައް އެ ޖަމާޢަތުގެ ހަނދާނުން ފުހެވިގެން ހިނގައިދާނެއެވެ. އައު މާހައުލެއްގައި އުޅެން ޖެހުމުން ފެންނަ އައު ކަންތައްތަކަށާއި ތަކެއްޗަށް އިޝާރާތް ކުރުމަށް ކުރިން އެހެން މާނައެއްގައި ބޭނުން ކުރި ލަފުޒުތަކެއް ބޭނުން ކުރަން ފަށައިފާނެއެވެ.  އެއް ޖަމާޢަތް އަނެއް ޖަމާޢަތާ ނުގުޅި އުޅޭތާ ހައެއްކަ ސަތޭކަ އަހަރު ވާއިރު، އެއްބަޔަކު، ވާހަކަ ދައްކާ އަޑުތަކަށް ވެސް ބަދަލު އައިސްފައިވާނެއެވެ.  މީގެ އިތުރުން ބަހުގެ ބައެއް ހަމަތަކަށްވެސް ބަދަލު އައު ދެއެވެ. މިގޮތަށް ބަދަލު އައުމުން ބަހުރުވައެއް އުފެދުނީއެވެ. އެއް ޖަމާޢަތެއްގެ މީހުން އަނެއް ޖަމާޢަތަކާ ވަކިން އޮންނަތާ ދެތިން ހާސް އަހަރު ވާއިރު، އެއްބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކަށް ދޭހަ ނުވާ މިންވަރަށް ބަހަށް ބަދަލު އަތުވެދެއެވެ. މިގޮތަށް އެއްބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކަށް ނޭނގުމުން  އެ ވާހަކަ ދައްކަނީ ދެބަހުން ކަމަށް ބެލެވެއެވެ.

އިންސާނުންނަކީ އެއް ޖަމާޢަތަކުން ދުނިޔޭގެ ތެރެއަށް ފެތުރިގެން ދިޔަ ބައެއް ކަމަށް ބަސް ހެކިދެއެވެ. ދިވެހި ބަހާއި އިނގިރޭސި ބަހާއި ޖަރުމަނު ބަސް ފަދަ ބަސްބަސް އުފެދިފައިވަނީ އެއް ޖަމާޢަތަކުންކަން އެނގެއެވެ. ބަސްތައް އުފެދިގެން އަންނަ ގޮތް ދައްކާ ދިނުމަށް ބަހުގެ ޢިލްމުވެރިން ބޭނުން ކުރަނީ ކުރެހުމެކެވެ. މިފަދަ ކުރެހުން އެންމެ ވައްތަރު ވާނީ އެކޮޅުކޮޅުން ޖަހާފައި އޮންނަ ގަހަކާއެވެ. މައި މުލަކީ ފަހު ޒަމާންތަކުގެ ބަސްބަސްތަކުގެ ފެށުމެވެ. ފަހުގެ ބަސްތައް ދައްކައިދެނީ ގަހުގެ ގޮފި ތަކުންނެވެ. ޔޫރަޕުގެ ހުރިހާ ބަހަކާއި އިންޑިއާއި މެދުއިރުމަތީގެ ހުރިހާ ބަހެއްގެ ފެށުމަކީ މާ ކުރީ ޒަމާނެއްގައި އުޅުނު ޖަމާޢަތެއްގެ މީހުން ވާހަކަ ދެއްކި ބަހެކެވެ. އެބަހަކުން އެއް ބަހެއް ނުވަތަ އެތައް ބަހެއް އުފެދިގެން އަންނަ ކުރީގެ މަންމަ ބަހަށް ކިޔަނީ ޕްރޮޓޯލޭންގްވިޖް އެވެ.  ޔޫރަޕާއި އޭޝިއާގައި މިވާހަކަ ދައްކާ ބަސްތައް އުފެދިގެން އައި "މޫ" ނުވަތަ ޕްރޮޓޯ ބަހަށް ކިޔަނީ ޕްރޮޓޯ-އިންޑޯ-ޔޫރަޕިއަން އެވެ. ޕްރޮޓޯ ދިވެއްސަކީ ދިވެހިބަސް އެއިން އުފެދިގެން އައި މޫ ބަހެވެ. އާދެ! ޕްރޮޓޯގެ މާނައަކީ ކުރީގެ އެވެ.  ނުވަތަ އަޞްލު އެވެ. މިދެންނެނވި ޕްރޮޓޯ-އިންޑޯ-ޔޫރަޕިއަން ބަސްތަކުގެ އެއްގޮތްޕަކީ އިންޑިއާ އާއި އީރާން ސަރަހައްދުތަކުގައި ވާހަކަ ދައްކާ ހުރިހާ ބަހެއް އުފެދިގެން އައި މައިގަނޑު ގޮތްޕެވެ. މިގޮތްޕަށް ބަހުގެ ޢިލްމުވެރިން ކިޔަމުން އަންނަނީ އިންޑޯ-އީރާނިއަން ގޮތްޕެކެވެ.

އިންޑިއާ އާއި ޔޫރަޕުގައި ވާހަކަ ދައްކާ ބަސްތަކުގައި އެއްގޮތް ކަމެއް ހުރެދާނެ ހެއްޔެވެ؟ ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އިންސާނުން އެންމެ ފުރަތަމަ ވަޒަންވެރިވީ މެދުއިރުމަތީގެ ކޯރުތަކުގެ އައްސޭރި ފަށުގައެވެ. ދެން އެކި ބާގަތައް އުތުރަށް ޔޫރަޕަށް ދަތުރުކޮށް ވަޒަން ވެރިވީއެވެ. ބައެއް ބާގަ ދެކުނަށް ދަތުރުކޮށް އިންޑިޔާ ހިސާބުތަކުގައި ވަޒަން ވެރިވީއެވެ. މިކަމުގެ ހެކިތައް ބަސްބަހުން ފެނެއެވެ. މިސާލަކަށް ތިރީގައި އެވަނީ ސިންގަޅައިގެ ވިޔަ ބައެއް ލަފުޒަކާއި ޔޫރަޕުގެ ބައެއް ބަސްބަހުން ހަމަ އެ ލަފުޒެވެ.

ވިޔަ

ސިންގަޅަ

ގުރީކު

ސެންސްކްރިޓް

ދިވެހި

ލެޓިން

ޖަރުމަން

އިނގިރޭސި

1

އެކަ

އެއިސް

އެކަ

އެކެއް

އުނުސް

އައިސް

ވަން

2

ދެކަ

ދުއޯ

ދުވާ

ދޭއް

ޑުއޯ

ޒުވައި

ޓޫ

3

ތުނަ

ތްރެއިސް

ތްރި

ތިނެއް

ޓްރެސް

ޑްރެއި

ތްރީ

 

މި މަޒުމޫނުގައިވާ ކުރެހުމުގައި އެވަނީ އިންޑޯ-އީރާނިއަން ގޮފި، ވިކިޕީޑިއާ ކިޔާ އިންޓަރނެޓްގައި ހިމެނޭ ސައިޓެއްގައި ކުރަހާފައިވާ ގޮތެވެ. މިފަދަ ކުރެހުންތައް ދިރާސާ ކުރާއިރު ވިސްނަންޖެހޭ މުހިންމު ކަމެއް ވެއެވެ. އެއީ ލިޔުންތެރިކަން ނެތް ބައެއް ވާހަކަ ދެއްކި ގޮތެއް ފަހުން އަންނަ ބަޔަކަށް އެނގޭނޭ ގޮތަށް ރެކޯޑު ކުރެވިފައި ނުހުންނާނެ ކަމެވެ. ލިޔުންތެރިކަން އެބައެއްގެ މެދުގައި އޮތް ބައެއްގެ މެދުގައިވެސް، ފަސޭހައިން ހަލާކުވެދާ ފަދަ ކަރުދާސް، ފޮތި ފަދަ ތަކެތީގައި ލިޔެކިޔާ އުޅުނުނަމަ، ދެތިން ހާސް އަހަރުވުމުން އެ ތަކެތި ނެދި ދެއެވެ. އެންމެ ގިނަ ދުވަސް ވެފައިވާ ލިޔެކިޔުން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ ހިލަ ފަދަ އެއްޗެއްގައި ކަނޑާނަގާފައި ވާ ލިޔެ ކިޔުމެވެ. އެހެން ކަމުން އަޅުގަނޑުމެން މިއުޅޭ އެކާވީސްވަނަ ޤަރުނުގައި، ދިރާސާތައް ކުރާއިރު ކުރީގައި އަޅުގަނޑުމެން ނުދަންނަ ބަސްބަހުން އެހެން ބަސްބަސް އުފެދި ނެތި ގޮސްފައި ވެދާނެކަން ޤަބޫލު ކުރަން ޖެހެއެވެ.


ދެން ފަހެ، ދިވެހި ބަސް އުފެދިފައިވަނީ ނުވަތަ ދިވެހި ބަހުގެ ޕްރޮޓޯ ލޭންގްވިޖް އަކީ ކުރެހުމުން ފެންނަ ފަދައިން ޕްރެކްރިޓް ކިޔާ ބަހެކެވެ. މި ބަސް އުފެދިފައިވަނީ ސެންސްކްރިޓް ބަސް ވެސް އުފެދުނު ގޮފިންނެވެ. އާދެ!ވެޑިކް ސެންސްކްރިޓްއިންނެވެ. ވެޑިކް ސެންސްކްރިޓް ބަހަކީ މީގެ ތިންހާސް އަހަރު ކުރިން އުތުރު ކަރައިގައި ވާހަކަ ދައްކާ އުޅުނު ބަހެކެވެ. އެހެންކަމުން ދިވެހިބަހުގެ އަޞްލަކީ ސެންސްކްރިޓް ބަހެއްވެސް ނޫނެވެ. އަދި ޕްރެކްރިޓް ބަސް ދަންނައެވެ. އެއީ ވެޑިކް ސެންސްކްރިޓް އާ ޚިލާފަށް ޢާންމުން ވާހަކަ ދައްކާ އުޅުނު ބަހެކެވެ. ބައެއް ޤައުމުތަކުގައި ޢިލްމީ ފޮތް ލިޔާ ބަހާއި ޢާންމުން ވާހަކަ ދައްކާ އުޅޭ ބަސް ތަފާތެވެ. މިސާލަކަށް ދިވެހިރާއްޖޭގައިވެސް މީގެ 100 އަހަރުގެ ކުރިން މުހިންމު ޢިލްމީ ފަތްފޮތް، ދިވެހިބަހުން ލިޔުމުގެ ބަދަލުގައި ޢަރަބި ބަހުން ލިޔެ އުޅުނެވެ.

ޕްރެކްރިޓް ބަހަކީ ވަކިން ޚާއްޞަކޮށް ކަޝްޓްރިއާ ކިޔާ ކާސްޓުގެ މީހުން ވާހަކަ ދައްކާ އުޅުނު ބަހެކެވެ. އުތުރުކަރައިގެ މުޖުތަމަޢުއަކީ ކުރިންވެސް އަދި މިހާރުވެސް ހަތަރު ފަސް ބަޔަކަށް ނުވަތަ ބާގައަކަށް ބަހާފައިވާ މުޖުތަމަޢެކެވެ. އެންމެ މަތީ ފަންތީގެ މީހުންނަކީ ބުރަހަމާނީންނެވެ. މި މީހުންނަކީ މައިގަނޑު ގޮތެއްގައި ދީނީ ޢިލްމު ވެރިންނެވެ. އޭގެ ދަށުގައި ތިބޭ މީހުންނަކީ ކަޝްޓްރިޔާ އެވެ. މިއީ ހަނގުރާމަވެރިންނާއި ތަންތަން ހިންގާ ވެރިންނެވެ. ރަސްކަލުންނާއި އަމީރުންނެވެ. މިބައިމީހުންގެ ދަށުގައި ތިބެނީ ވައިސްޔާ ކާސްޓުގެ މީހުންނެވެ. އެއީ ވިޔަފާރިވެރިންނާއި ހުނަރުވެރިން މަސައްކަތް ތެރިންނާއި އިދާރީ މީހުންނެވެ.



މިބައިމީހުންގެ ދަށުގައިވަނީ ސުދްރާ ކިޔާ ހުނަރެއްނެތް މަސައްކަތް ތެރިންނެވެ. އެންމެ ދަށުގައި ތިބެނީ ޕަރިއާ ނުވަތަ ހަރިޖަނުން ކިޔާ، މީހުން އަތްނުލާ މީހުންނެވެ. މި ދަށުދަރަޖައިގެ މީހުންގެ ވާހަކަ ގިނަ ކިޔުންތެރިން ޚަބަރުތަކުން އަޑުއަހާނެއެވެ. އުތުރުކަރައިގެ ޤާނޫނު އަސާސީއިން މިފަދަ ކާސްޓު ނިޒާމު މަނާކޮށްފައި ވިޔަސް، އަދިވެސް އެކަން އެކި މިންވަރަށް އެކި ހިސާބުތަކުގައި އޮވެއެވެ. ކަޝްޓްރިޔާ މީހުންނަކީ ޕްރެކްރިޓް ބަހުން ވާހަކަ ދައްކާ އެބަސް ފަތުރަން އުޅުނު ބައެކެވެ. ދިވެހިބަހުން ކަޝްޓްރިއާއަށް ކިޔަނީ ކައްތިރި އެވެ. ދިވެހި ބައެއް ރަސް ރަސް ކަލުންގެ ކޮލީ ނަންފުޅުގެ ކުރީގައި އޮންނަ "ކައްތިރި" އިން އެ މާނަކުރަނީ މިދެންނެވި ކާސްޓަށެވެ. ދިވެހީންގެ ތެރޭގައި އެ ނަސަބުގެ މީހުންނަށް ކައްތިރި އޭ ކިޔަނީއެވެ. މިއީ މިހާރުވެސް ބައެއް ޤައުމުތަކުގައި ވަރަށް ގިނަ ދަރިފަސްކޮޅެކެވެ. ބާލީގެ އާބާދީގެ %40 އަކީ ކައްތިރިން ކަމަށް ބުނެއެވެ. ދިވެހީންގެ މެދުގައި މި ބައިމީހުންގެ ނިސްބަތެއް މިޒަމާނުގައި ނުވެސް އެނގޭނެއެވެ.  އިސްތިޢުމާރީންގެ އަތްދަށަށް ސްރީލަންކާ ދަންދެން އެތަނުގައިވެސް ވެރިކަންކުރީ ކައްތިރި (ކަރާވާ) ރަސްކަލުންނެވެ. މީގެ ނުވަ ސަތޭކަ އަހަރުގެ ކުރިން އިސްލާމް ދީނުގެ އަލިކަމުން ދިވެހި އުދަރެސް އަލިވެ ދިވެހީން ހަމަހަމަވެ، ފެންވަރު ވަޒަން ކުރާ އެއްޗަކީ ތަޤްވާ ވެރިކަން  އެކަނި ކަމަށް ވެ  ނިމުނެވެ. ނަމަވެސް ކުރީގެ ލަގަބުތަކާއި ނަންތައް ފަހަކާ ޖެހެންދެން ދެމިއޮތެވެ.


   
ދިވެހިބަސް އުފެދުނު ގޮފީގެ ކުރެހުން އިތުރަށް ޚުލާޞާ ކުރާ ކުރެހުމެއް އަރިމަތީގައި އެވަނީއެވެ.
ދިވެހިބަހާއި ސިންގަޅައިގައި ހުންނަ ލަފުޒުތައް އެއްގޮތްކަމުން ދިވެހި ބަހަކީ ސިންގަޅަ ބަހުން އައިސްފައިވާ ބަހެއްކަމަށް މީހުން ވާހަކަ ދައްކަތެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި މިއީ އެއް މަންމައެއްގެ ދެކުދިން ވައްތަރުވާ ފަދައިން ވާ ގާތްކަމެކެވެ. ޕްރޮޓޯސިންގަޅަ އާއި ޕްރޮޓޯދިވެއްސަކީ އެއް ބަހަކަށްވާތީ ވާ ވައްތަރު ވުމެކެވެ. ސްރީލަންކާގެ ބައެއް މީހުންނާ ބައްދަލުވެގެން ދިވެހިބަހާއި ސިންގަޅަ ބަހުގެ ގާތްކަމުގެ ވާހަކަ ދެކެވޭހިނދު މި ވެރިން ބައެއް ފަހަރު ދިވެހިބަހަކީ ސިންގަޅަ ބަހުން އައި އެއްޗެއްކަމަށް ބުނެ ޒުވާބު ނެރެތެވެ. މިހެން ބުނަންފެށީމާ ބޮލަށްވާ އުނދަގުލަކުން އަޅުގަނޑު ސަމާސާ ރާގަކަށް މިދެބަސް ވައްތަރުވަނީ ސިންގަޅަ ބަހަކީ ދިވެހިން ބަހުން އައިއެއްޗަކަށްވާތީ ކަމަށް ބުނަމެވެ. އަދި ސިންގަޅައިންނަކީ ދިވެހި ދަރިކޮޅުގެ ބައެއް އޮޅުދޫކަރައަށް އައިސް ވަޒަންވެރިވެގެން އުފެދުނު ބައެއްކަމަށްބުނެ  ދަޢުވާއެއް އުފުލަމެވެ. ދެން، އެމީހުން އަގަމަޑު ކުރަތެވެ.
       
ދިވެހިރާއްޖެއަކީ ސްރީލަންކާ އާ ހަތަރުސަތޭކަ އެއްހާ މޭލު ދުރުގައިވާ ތަނަކަށްވާތީ، ދިވެހިބަސް އުފެދިގެން ފުރިހަމަވަމުން އައީ ސިންގަޅަ ބަހާ ވަކިންނެވެ. އެ ޒަމާނަކީ މިހާރުހެން، ދެ ޤައުމު ދެމެދުގައި އެތައް ބުރެއް ޖެހޭ ފަދަ ހަލުވި މަތިންދާ ބޯޓު ހުންނަ ދުވަސްވަރެއް ނޫނެވެ. އަދި މި ދެ ޤައުމު ދެމެދުގައި މިހާރާ އެއްވަރަށް މީހުން ދަތުރު ކޮށެއް ނޫޅެއެވެ. އެހެންކަމުން، އެކަހެރިކޮށް އޮންނަ މުޖުތަމަޢުއެއްގައި ބަސް ކުރިއަރަމުން އައީއެވެ. ސިންގަޅަ ބަހާއި ދިވެހި ބަހަކީ ވަކި ވަކިން ތަރައްޤީ ވަމުން އައި ދެބަހެވެ.
       
ދިވެހިރާއްޖެއަކީ ވަރަށް ގިނަ މީހުން ކުރީ ޒަމާންތަކުގައި ވެސް ޒިޔާރަތްކޮށް އުޅުނު ޤައުމެކެވެ. އިންޑިޔާ ކަނޑުގައި ރާއްޖެ އޮންނަ ހިސާބަކުން ނައު ފަހަރު ވިޔަފާރި އާއި އެހެން ބޭނުންތަކުގައި ރާއްޖޭގެ ރަށްރަށަށް ލަފަން ޖެހެނީއެވެ. އިހުގެ ފޮތްތަކުގައި ބައެއް އިރުއިރު މާލޭގެ ބަދަރުގައި 50 ވަރަކަށް ނައު ފަހަރު އޮންނަ ވާހަކަ ލިޔެފައިވަނީ އެހެން ވެގެންނެވެ. ދިވެހީން، އެހެން ބަހުން ވާހަކަ ދައްކާ މީހުންނާ މުޢާމަލާތް ކޮށް އުޅުމުން ދިވެހި ބަހަށް އޭގެ އަސަރު ކުރެއެވެ. ބޭރުމީހުން ވާހަކަ ދައްކާ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަދެއެވެ. މި މުޢާމަލާތްތައް އެންމެ ގިނައިން ކުރާ ޤައުމުތަކުގެ ބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރޭގައި ގިނަވާގޮތް ވެއެވެ. މިއީ ހުރިހާ ބަހެއްވެސް ކުރިއަރާ އެއް ސަބަބެވެ.
       
ދިވެހި ބަހުގެ ތަފާތު ބަހުރުވަތައް ރާއްޖޭގެ އެކި ހިސާބުގައި އުފެދެން ދިމާވަނީވެސް އެކަކު އަނެކަކާ މުވާޞަލާތްކޮށް، މުޢާމަލާތްކޮށް ހެދުން މަދުވީމައެވެ. ވަކި ބާވަތެއްގެ ބަހުރުވައެއް އުފެދި އާލާވަނީ އެހެން މީހުންނާ ދުރުގައި އޮންނަ އަތޮޅުތަކުގައެވެ. ބަހެއް ބަދަލުވެ އެންމެ ގިނަ ދުވަސް ވަންދެން އޮންނަނީ އެހެން މީހުންނާ ކުރެވޭ މުޢާމަލާތްތައް މަދު ނުވަތަ ނެތް ހިސާބު ތަކުގައެވެ. މިކަން ދިވެހި ބަހުރުވަ ތަކަށް ވިސްނާލުމުން އޮޅުން ފިލައެވެ. ވަކިން އޮންނަ އަތޮޅުތަކުގައި ނުވަތަ ރަށްތަކުގައި ވާހަކަ ދައްކާ ބަހުރުވަ ވަރަށް ތަފާތެވެ. މިސާލަކަށް އައްޑޫ އަތޮޅެވެ. ފުވަށްމުލަކެވެ. ހުވަދޫ އަތޮޅެވެ. މަލިކެވެ. އަދި މިނޫންވެސް އެކަހެރިކޮށް އޮންނަ އަތޮޅުތަކާއި ރަށްތަކެވެ. މިސާލަކަށް މާލެ ބަހުން "ލަދު" މިލަފުޒު އަށް ހުވަދޫ އަތޮޅުގައި ކިޔަނީ "ލަދެ" އެވެ. ފުވައްމުލަކާއި އައްޑޫ އަތޮޅުގައި "ލަދޮ" އެވެ. ބައެއް ލަފުޒުތައް ހަމައެކަނި ވަކި ހިސާބުތަކުގައި ބޭނުން ކުރެވި އަނެއް ބައި ހިސާބުތަކުން އުވި ދެއެވެ. މިސާލަކަށް ރުލަށް އައްޑޫބަހުން ކިޔާ "ހުރު" ނުވަތަ ޖަގިޔާއަށް މަލިކުބަހުން ކިޔާ "ޗައްޑި" އެހެން ހިސާބުތަކުގައި އެއްވެސް ގޮތަކަށް ބޭނުމެއް ނުކުރެއެވެ. މިޒަމާނުގައި އިންޓަރނެޓާއި ރޭޑިއޯ އާއި ޓެލެވިޜަންގެ ސަބަބުން މިހާރު ޖެހިފައިވާ މައްސަލައަކީ ބަހުރުވަތައް އުވުމުގެ މައްސަލައެވެ. އެހެން ދިމާވަނީ މިދެންނެވި މީޑިއާގެ ވަޞީލަތްތަކުގެ ސަބަބުން އެއް ބަހުރުވައެއް އެއް ބަހެއް އަޑުއިވޭލެއް ގިނަ ކަމުންނެވެ. ގެއްލިގެންދަނީ ބަހުރުވަ އެކަންޏެއް ނޫނެވެ. ދުނިޔޭގައި ވާހަކަ ދައްކާ ބަސްތައް އުވި މަދުވަމުންދާ ކަމީ މިހާރު ބޮޑު މައްސަލައަކަށް ވެފައިވާ ކަމެކެވެ.

ބަހަކީ ދިރުން ވާ އެއްޗެކޭ އެއްފަދައިން، ފާއިތުވާ އަހަރުތަކާ އެކު ބަދަލުވަމުން ދާ އެއްޗެކެވެ.  ލަފުޒުތަކުގެ މާނަ ބަދަލު ވެއެވެ. އައު ލަފުޒުތައް ހިމެނި ބައެއް ލަފުޒުތައް އުވި ދެއެވެ. މިސާލެއްގެ ގޮތުން ދަނބިދޫ ލޯމާފާނު، މިޒަމާނުގެ އާދައިގެ ދިވެއްސަކު ކިޔައިފިނަމަ، އޭގައި ބުނާ އެއްޗެއް އެއްވެސް ގޮތަކަށް ދޭހަ ނުވެދާނެއެވެ. އިނގިރޭސި ބަހުން އެންމެ ޒަމާންވީ އަދަބީ ލިޔުން ކަމަށް ބުނާ، މީގެ 600 އަހަރު ކުރިން ލިއެފައިވާ ޗޯސަރގެ ވާހަކަތައް މިހާރުގެ އާދައިގެ އިނގިރޭސިއަކަށް ދޭހައެއް ނުވާނެއެވެ. މިފަދަ ތަޖުރިބާ ތަކުން އޮޅުން ފިލަނީ ބަހަކީ، ލަފުޒުތަކަކީ ބަދަލު ވަމުންދާ އެއްޗެއް ކަމެވެ. ގަހެއް ފަދައިން ކުރީގެ ފަތްތައް ދޮންވެ ވެރެއެވެ. އައުފަތްތައް ފޮޅި ހަރުވެއެވެ.

ބަހެއްގެ ލަފުޒުތައް  

     
ފަހެ،  ބަހެއްގައި ހިމެނޭ ލަފުޒުގެ ޢަދަދު ބިނާ ވެފައިވަނީ އެބައެއްގެ ބޭނުން ތަކާއެވެ.  އިންސާނާ ދިރިއުޅޭ މާހައުލުގެ ސަބަބުން ލަފުޒުގެ ޢަދަދު އުނި އިތުރުވެއެވެ. މާހައުލުގެ ތަފާތުތައް ބޮޑުނަމަ، ލަފުޒުގެ އަދަދު އިތުރުވެއެވެ. އެމެރިކާގެ އެންމެ އުތުރު ސަރަޙައްދުގައި އުޅޭ އިނުއިޓް ޤަބީލާގެ މީހުން ސްނޯއަށް ކިޔާ އެތައް ތަފާތު ލަފުޒެއް އޮންނަ ކަމަށް ބުނެ އުޅެއެވެ. ތަފާތު ސްނޯއަށް ތަފާތު ލަފުޒެވެ. ދިވެހި ބަހުން ރުކެއްގެ ވަރަށް ގިނަ ބައިތަކަށް ކިޔާ ވަކި ލަފުޒެއް އޮވެއެވެ. ކާއްޓާއި ނާއްޓާ ދެމެދު ވާ ދުއްޔަށް ކިޔާނެ ނަމެއްވެސް އޮވެއެވެ. ނަމަވެސް، އިނުއިޓް މީހުން ރުކަށް ކިޔާނެ ނަމެއް ވެސް ނޯވެއެވެ. މިހެން ދިމާވާ އެއް ސަބަބަކީ އިނުއިޓް މީހުންގެ މާހައުލުގައި ރުއް ނުހިމެނޭ ކަމެވެ. އެމީހުންނަކީ ދުނިޔޭގެ އުތުރުގައި އޮންނަ ގަނޑުފެން ތަކުގެ ކައިރީގައި ދިރިއުޅޭ ބައެކެވެ. އެހިސާބުގަޑަކީ ފިނިކަމުން ގަސް ހައްދަން ދަތި ހިސާބެކެވެ.  ދިވެހިން އުޅޭ ހިސާބަށް ސްނޯ ނުފައިބާތީ ސްނޯއަށް ކިޔާ ނަމެއް ދިވެހި ބަހަކު ނޯވެއެވެ. ލަފުޒުތައް އިންސާނުން އުފައްދަނީ އެމީހުންގެ ބޭނުންތަކާ ގުޅިގެންނެވެ. އެ ބޭނުންތައް ބިނާވެގެންވަނީ އެބައެއްގެ މާހައުލުގެ މައްޗަށެވެ. ކުރާ ކަންތައްތަކުގެ މައްޗަށެވެ.
       
ފަހެ އަޑުތައް ހަމަ އުޞޫލެއް ނެތި އެއްކޮށްލުމުން އައު ލަފުޒެއް ނުއުފެއްދެއެވެ. ކޮންމެ ބަހެއްގައި ވެސް އެ ބަހެއްގެ އަޑުތައް އެއްކުރާ ގޮތްގޮތުގައި އަދި ބޭނުން ކުރާ ގޮތުގައި އުޞޫލުތަކެއް ހިމެނެއެވެ. މި އުޞޫލުތަކުގައި ނުވަތަ ހަމަތަކުގައި ހިމެނެނީ ބަހާ ބެހޭ ޚާއްޞަ ސިފަތަކެވެ. ފޮނެޓިކްސް އާއި ފޮނޮލޮޖީއެވެ. މޯފޮލޮޖީ އާއި ސިންޓެކްސްއެވެ. އަދި ޕްރެގްމެޓިކްސް އާއި ލެކްސިކަން އެވެ. ފަހެ މިއިން ކޮންމެ އުޞޫލެއްގެ މައްޗަށް ލިޔެފައިވާ ބޮޑެތި ފަތްފޮތް ހުރެއެވެ. އަޑުތައް ލަފުޒެއް އުފެއްދުމަށް އެކުލަވާލާއިރު ބަހުގެ ހަމަތަކަށް ވިސްނަން ޖެހެއެވެ. މިސާލަކަށް ދިވެހިބަހުން އައު ލަފުޒެއް ހަދާއިރު ސުކުން ކުރަންޖެހެނީ ހަމައެކަނި އ، ސ، ނ، ތ، ށ (އާސީނުތަށި) ގައެވެ. ދިވެއްސަކަށް "ގާލް" މިހެން ބުނުމުން، އެއީ ދިވެހިބަހެއް ނޫންކަން ހަމަ އަޑުއިވޭ އިރަށް އެނގެއެވެ. ދެ ސަބަބަކާ ހެދި އެވެ. ފުރަތަމަ ސަބަބަކީ ދިވެހި ބަހުގައި ލާމުގައި ސުކުން ނުކުރާ ކަމެވެ. ދެވަނަ ސަބަބަކީ ގާފުގައި އާބާފިލި ޖަހާފައި ދެން އޮންނަންޖެހޭ އަކުރަކީ ވެސް ވަކި ހަމައަކުން އަންނަ އަކުރަކަށް ވާން ޖެހޭ ކަމެވެ. އާދެ! އަކުރެއްގައި އެއް ފިއްޔެއް ޖެހުމުން، ދެން އޮންނަން ޖެހޭ އަކުރަކީ ނުވަތަ އަޑާ ދޭތެރޭ ވެސް ވަކި ހަމައެއް އޮވެއެވެ. މިހަމަތައް ކޮންމެ ބަހަކަށް ޚާއްޞަ ވެގެން ވެއެވެ. މިހަމަތަކަށް ނުބަލައި ބަހެއް ހަދައިފިނަމަ، ބަހުގެ ޢިލްމުވެރިއަަކަށް އެއީ އަޞްލު އެބަހެއްގެ ލަފުޒެއް ނޫންކަން އެނގޭނެއެވެ.
        

ބަހާއި ފިކުރު


ބަހާއި ފިކުރު ވަނީ ލާމެހިފައެވެ. މީހުން ވިސްނަނީ ލަފުޒު ބޭނުން ކޮށްގެންނެވެ. މިކަމަށް ހެކިދޭ ކިތަންމެ ކަމެއް ތިޔަބޭފުޅުންނަށް ތަޖުރިބާ ކުރެވިފައި ވާނެއެވެ. ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ހުރިހާ ދިރުމެއްގެ ތެރެއިން އެންމެ ވިސްނުންގަދަ ދިރުމަކީ އިންސާނާއެވެ. އިންސާނާއަކީ އަހަރުމެންނަށް ފެންނަ ތަކެތީގެ ތެރެއިން އެންމެ ބަސްމޮށުންތެރިކަން ބޮޑު ދިރުމެވެ. މި ސަބަބުތަކާހެދި ފިކުރާ ވިސްނުމާ ގުޅިފައިވާ ކަމަށް ބުނެއެވެ. ބައެއް ފޮތްފޮތުގައި ތަފާތު ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިންސާނާގެ ފިކުރު، އޭނާއަށް އެނގޭ ލަފުޒުތައް ގިނަ ނަމަ، ބޮޑުކަމަށް ލިޔެފައި ހުރެއެވެ. ބުއްދީގެ މިންވަރު ދެނެގަތުމަށް ހަދާފައި ހުންނަ އައި.ކިޔޫ ޓެސްޓް ގައިވެސް ލަފުޒުތަކުގެ މާނަތަކާބެހޭ ސުވާލުތައް ހުންނަނީ މިކަމާ މެދު ފިކުރު ކުރާ މީހާއަށް ޝައްކުވާ ވަރަށް ވުރެ ގިނަކޮންނެވެ. މިފަދަ އެހެން ކަންތައްތަކުގެ ތެރޭގައި ދުނިޔެއަށް އުފަންވާއިރު ހުންނަ ސިކުނޑީގެ ބަރުދަނާއި ބޮޑުވެ ފުރިހަމަވުމުން ހުންނަ ސިކުނޑީގެ ބަރުދަނާ ދެމެދު ހުންނަ ފަރަޤު ބަލާއިރު، އިންސާނުންގެ ސިކުނޑިއަކީ ވިހެއުމަށްފަހު އެންމެ ބުރަދަން ބޮޑުވާ ސިކުނޑި އެވެ. އަޅުގަނޑު މިދަންނަވަނީ ކުކުޅެއް ނުވަތަ ކިނބުލެއް ނުވަތަ ފުއްލާއެއް ފަދަ އެއްޗެއް ވިހާއިރު ހުންނަ ސިކުނޑީގެ ބަރުދަނާ އެބޮޑުވުމުން ހުންނަ ސިކުނޑީގެ ބަރުދަނާ މާބޮޑު ތަފާތެއް ނުހުންނަ ވާހަކައެވެ. އިންސާނާގެ ސިކުނޑި ވިހެއުމަށްފަހު ބޮޑުވާ މިންވަރުން، އެ އިންސާނާ ވިހެއުމަށްފަހު ލިބިގަންނަ ކަންތައްތަކުން ސިކުނޑި އަދި ބުއްދިބޮޑުވާކަމަށް ބައެއް ޢިލްމުވެރިން ބުނެއެވެ.  ވިހެއުމަށް ފަހު އިންސާނާ ލިބިގަންނަ އެންމެ ބޮޑު ހުނަރަކީ ބަސްމޮށުން ތެރިކަމެވެ.

ލަފުޒުތަކާއި މާހައުލާ އޮންނަ ގުޅުން ބޮޑުކަމުން، ވަކި ލަފުޒެއް ވަކި ބަހަކުން ބުނުމުން ކުރެވޭ ފިކުރު ނުވަތަ ސިކުނޑިއަށް އަންނަ "ޚިޔާލު" އެހެން ބަހަކުން އެ ލަފުޒު ބުނުމަކުން ނުނެރެވޭނެ އެވެ. މިސާލަކަށް ދިވެއްސަކު "ގޮނޑުދޮށޭ" ބުނުމުން ހިތަށް އަންނަ ޚިޔާލު ސިންގަޅަޔަކު "ގޮނޑުދޮށް" މި ލަފުޒު ސިންގަޅަ ބަހުން ބުނުމުން އަންނަ ޚިޔާލާ ތަފާތު ވާނެއެވެ. އެހެންކަމުން، އެއް ބަހަކުން ބުނާ އެއްޗެއް އަނެއް ބަހަކުން ސީދާކޮށް ތަރުޖަމާއެއް ނުކުރެވޭނެއެވެ. އެއީ ތަންކޮޅެއް ފުންކޮށް ވިސްނާނަމަ، އެއް ބަހެއްގައި ހިމެނޭ ލަފުޒަކުން އިޝާރާތް ކުރާ މާނަ، އެހެން ބަހެއްގެ، އެ އާގުޅޭ ލަފުޒަކުން ނުކުރާނެތީއެވެ. ލަފުޒުގެ މާނަތައް އެއްގޮތްވާނީ މާހައުލު އެއްގޮތް ވެގެންނެވެ. މާހައުލުގެ ޚިޔާލުތަކާއި ފިކުރު އެއްގޮތް ވެގެންނެވެ. މި ނަޒަރިއްޔާއަށް ސާޕިރު-ވޯރފް ހައިޕޮތެސިސް އޭ ކިޔައެވެ. ސާޕިރު އާއި އޭނާގެ ދަރިވަރު ވޯރފް އަކީ ބަހުގެ ދެ ޢިލްމުވެރިންނެވެ. ހައިޕޮތެސިސް ކިޔަނީ ކަމަކާ މެދު ކުރެވޭ ފިކުރަށެވެ. ތިއަރީއަށެވެ.
    

ބަސްބަހުގެ މޮޅު ދެރަކަން


ފަހެ ބަހެއްގެ އާދަޔާ ޚިލާފު އެއްކަމަކީ، އެއްވެސް ބަހަކުން ބުނެވޭނޭ ހުރިހާ އެއްޗެއް އެއީ ލިޔެ ނުވަތަ ބުނެ ކޮޅުން ނުލާ އެއްޗަކަށް ވާކަމެވެ. ނިމުމެއް، ނިހާޔަތެއް، ޢަދަދުކުރުމެއް ނުވާ ކޮންމެ އެއްޗަކަށް ކިޔަނީ އިނގިރޭސި ބަހުން އިންފިނިޓް އެވެ. އާދެ! ކޮންމެ ބަހަކުން ވެސް، ދިވެހި ބަހުންވެސް، އަދި އިނގިރޭސި ބަހުންވެސް އަދި ފްރެންޗް ބަހުންވެސް އިންފިނިޓް ނުވަތަ ލާނިހާއީ ޢިބާރާތް ބުނެވޭނެއެވެ. ނުވަތަ ލިޔެވޭނެއެވެ. މިއީ ބަހުގެ މުއްސަނދި ކަމާ ގުޅޭ ކަމެއް ނޫނެވެ. ޙަޤީޤަތުގައި ބަހުގެ ޢިލްމުވެރިން މިހާރު ބުނާގޮތުގައި މޮޅު ނުވަތަ ދެރަ ބަހެއް ދުނިޔެއަކު ނުވެއެވެ. ތަރައްޤީ ވެފައިވާ ބަހެއް ނުވަތަ ތަރައްޤީ ނުވާ ބަހެއް ނުވެއެވެ. ތަރައްޤީ ވުމާއި ނުވުމަކީ ނުވަތަ މޮޅު ދެރަވުމަކީ ބަހެއްގެ ސިފައެއް ނޫނެވެ. ޓެކްނޯލޮޖީގެ ގޮތުން ދަށް ބައެއް ދުނިޔޭގައި އުޅެފާނެއެވެ. ނަމަވެސް ބަހުގެ ގޮތުން މޮޅު ނުވަތަ ދެރަބައެއް ނޫޅެއެވެ. 

މީގެ ޤަރުނެއްގެ ކުރިން ޕްރިމިޓިވް ނުވަތަ بَسيط ބަސް ބަސް ހުންނަ ކަމަށް ބުނެ ވާހަކަ ދެއްކިމީހުން، ބަހެއްގެ ތެރެއަށް ވަނުމުން އެ ބަހުން ބުނެވޭ، ނުވަތަ ފާޅުކުރެވޭ ޚިޔާލުގެ މޮޅުކަން އެނގި އެމީހުންވެސް ފަހުން ހައިރާން ވިއެވެ. މިސާލެއްގެ ގޮތުން، އެއް ލަފުޒަކުން އެންމެ ދަތި ފިކުރަކަށް އޮންނަ ލަފުޒަކީ އެންމެ ގިނަ މީހުން ވާހަކަ ދައްކާ ބަސް ކަމުގައިވާ ޗައިނާ ބަހުގެ ލަފުޒެއް ނޫނެވެ. އާދެ! ދުނިޔޭގެ ރެކޯޑް ފޮތުގައިވާ ގޮތުން އެއީ ދެކުނު އެމެރިކާގެ ބަހެއްގެ ލަފުޒެކެވެ. މި ލަފުޒުން ދޭހަކޮށްދެނީ މަގެއްގެ ދެކޮޅުން އަންނަ ދެމީހުން ބައްދަލުވެ އެކަކު އަނެކަކު ކާރީގައި ބުނަން ބޭނުންވާ ވާހަކަ ނުބުނެ އައި ކޮޅަށް އަނބުރާ ދިއުމަށެވެ. މިފަދަ އެތައް މިސާލެއް ހިތައް ގެނައުމުން ބަހެއްގެ މޮޅުދެރަކަމުގެ ވާހަކަ ދެއްކުމަކީ މަންފާއެއް ކުރާނޭ ކަމެއްނޫންކަން އޮޅުން ފިލައެވެ.
 

އިދާރާ

ވާހަކަ