އަދުގެ ޚާއްސަ

Print

ލިންކް ރޯޑު

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު

ފައިސާ އަށް ވުރެ ގިނަ އެއްޗެއް އަހަރެން އަތަކުނެތެވެ. މައިންބަފައިންގެ ތަނަވަސްކަމުގެ ފައިދާ، ބޭނުން ވަރަކަށް ނެގުމުގެ ދޮރު ހުރީ ހުޅުވިފަ އެވެ. ބޭނުން އެއްޗެއް އަހަރެން ގަންނަންވީ އެވެ. ލޯބި ވިޔަސްވެހެވެ. އަހަރެންގެ ރައްޓެހިން ބުނެއެވެ. ލޯތްބަކީ ގަނެވޭނެ އެއްޗެއް ނޫނެވެ. އުފަލަކީ ވެސް ގަނެވޭނެ އެއްޗެއް ނޫނެވެ.


ނޫނެކެވެ. އަންހެންކުދިން ފައިސާ އަށް ހެއްލޭނެ އެވެ. ބުނި ކޮންމެ ކަމެއް ކުރާނެ އެވެ. އެކި ގައުމުތަކަށް ދަތުރުކޮށްލާ، ރީތި ތަންތަން ބަލާހެދުމުން އެ ގަނެވެނީ އުފާ ނޫން އެހެން ކޯޗެއް ހެއްޔެވެ؟ މީރު އެއްޗިހި ކާން ލިބުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރީތި ގެއާ، ރީތި އަންނައުނާ، މޮޅެތި ގަޑިއާ، އެންމެ ފަހުން ދުނިޔޭގެ ބާޒާރަށް ނުކުންނަ ފޯނު ގަނެލެވުމަކީ ވެސް ކިހާބޮޑު އުފަލެއް ހެއްޔެވެ؟ ފައިސާ ހުރުމުން އެ ހުރިހާ ކަމެއް ކުރެވެއެވެ.

   
ގޭގައި ކާރެއް އޮވެ އެވެ. މާލެއަކު ދުއްވާނެ ތަނެއް ނެތެވެ. އަހަންނަކީ ކާރު ވަރަށް ދުއްވާހިތްވާ މީހެކެވެ. އަމިއްލަ ރަށް ކަމުގައިވާ އައްޑުއަށް އަހަރެން ދިޔައީ ކޮންމެހެން ތިމާގެ މީހުން ދެކޭކަށް ނޫނެވެ. ރަށަށް ލޯބިޖެހިގެނެއް ވެސް ނޫނެވެ. އަހަރެން ދިޔައީ ކާރުދުއްވާ ހިތުންނެވެ. ލިންކް ރޯޑްގެ ދަހިވެތިކަމުގަ އެވެ. ހަގީގަތުގައި، އަހަރެން އުމުރުން ދޮށިވާތީވެ، މީހަކާ އިނުމަށް މައިންބަފައިން އޭރު ގެންދިޔައީ ޕްރެޝަރ ކުރަމުންނެވެ. އަހަރެން ކިތަންމެ ފަހަރަކު އެހީމެވެ. ބާވީސް އަހަރަކީ މީހަކާ އިންނަ އުމުރެއް ހެއްޔެވެ؟
   
ރައްޓެހިންނާ އެކުގައި އައްޑޫ އަށް ގޮސްފައި، އެ ރަށުން އަހަންނަށް ފެނުނު އެންމެ ރީތި ކާރު ގަތީމެވެ. ވިއްކި މީހާ ބުނި އަގެއް ދީފަ އެވެ. ފައިސާ އަކީ އަހަރެންގެ އަޅެކެވެ. މަޑު ފެހިކުލައިގެ ސްޕޯރޓްސް ކާރުގައި، އެކުވެރިންނާ އެކުގައި އަހަރެން ބުރެއްޖަހާލީމެވެ. އެއީ ހިތްފަސޭހަ ކާރެކެވެ. ލަވަޖަހާ ސެޓުގެ އަޑު ރީތިވެފައި، ކާރުގެ ޝީޓުތައް އަރާމެވެ. ހުންގާނު ލުއިވެފައި، އަތަށް ފަސޭހަ އެވެ. އެކުވެރިން ތިބުމުން އަހަރެން ކާރު ދުއްވީ މަޑުންނެވެ. އެންމެންގެ ފުރާނަޔާ އަހަންނަށް ހަވާލުނުވެވޭނެތީ އެވެ. އެ ހުރިހާ އެންމެންގެ އާއިލާތަކުގެ ކަރުނަ އަހަންނަށް ނުފުހެވޭނެތީ އެވެ.

އަހަރެން ބޭނުންވާ ސްޕީޑުގައި ދުއްވަން ނުކުތީ އެކަންޏެވެ. ހުންގާނުގައި ދެއަތުން ހިފާލުމާއެކު، ޕެޑަލަށް އޮބާލީމެވެ. ގަސްކަރަ އެކުލަވަމުން ކާރު އުދުހިގަތެވެ. އަހަރެން ހިތަށްއެރި އެވެ. ދެން އަހަރެން ދަސްކުރަންވީ މަތިންދާބޯޓު ދުއްވާށެވެ. އަމިއްލަ ޖެޓެއް ވެސް، ކޮންމެވެސް ދުވަހަކުން އަހަރެން ގަންނާނަމެވެ. ދިވެއްސެއްގެ އަމިއްލަ ޖެޓުގައި، އޭނަ ދުއްވަން އިނދެގެން އެއާރޕޯރޓަށް ޖެއްސުމުން ހާދަހާ މީހުނެއް ބަލަން އަންނާނެ އެވެ. ދުއްވަމުން ދިޔަ މަގުގެ އެއްފަރާތުގައި ހުއްޓާފައިވާ ސައިކަލެއް އަހަރެން ދުށީމެވެ. އަންހެނަކު ފޯނުން ވާހަކަދައްކަން އިނެވެ. އަހަރެން ފެނުމުން އަހަންނާ ދިމާލަށް ހަޅޭއްލަވައިގަތެވެ. ކުއްލިއަކަށް ފެނުނީ ކުޑަކުއްޖެއް މަގު މެދުގައި ހުއްޓައެވެ. އެއީ މެންދުރު ވަގުތެވެ. މުޅި މަގު އޮތީ ހުސްކޮށެވެ. އަހަރެން ބުރަކީގައި ފައިއަޅާފައި ކޮޅަށް ތެދުވީމެވެ. ހަތަރު ފުރޮޅު ވެސް ވަގުތުން ހުއްޓުނެވެ. އެހެންނަމަވެސް، ކާރުގެ ދުވެއްޔަށް އެއްވެސް ބަދަލެއްނައެވެ. ކާރުން ޖެހިފައި، ބޮނެޓުމަތިން ކުއްޖާ ދިޔަ ދިމާލެއް ވެސް އަހަންނަކަށް ނޭނގެ އެވެ. ކާރު ހުއްޓުނީ އެތައް ހިސާބެއް ދުރަށެވެ. އަހަރެން ކާރު ފަހަތަށް ޖަހާފައި، އެ ކުއްޖާ އެކްސިޑެންޓް ވި ތަނަށް އައީމެވެ. ކުއްޖާއެއް ނެތެވެ. އެކަމަކު، ސައިކަލުގައި އިން އަންހެން މީހާ ވެއްޓިފައި އޮތެވެ. އަހަރެން ކާރުން ފައިބަންވެގެން ދޮރު ހުޅުވާލަން އުޅެނިކޮށް އަތުގެ ޚަރަކާތް ހުއްޓުނެވެ. އަހަރެން ގާ ވިއެވެ. ހިތް ބުނި ކަހަލަ އެވެ. މި ތަނުން ރައްކާވާށެވެ. ކާރުން ނުފައިބާށެވެ. އަހަރެން ކާރަށް އަރައި، ކުރިއަށް ވުރެ ބާރަށް ދުއްވާލީމެވެ.

އެ ރެއަކު އަހަންނަކަށް ނުކެވުނެވެ. ސިކުނޑީގެ އެއްފަޅި ބިރުން ތުރުތުރުއަޅަނީ އެވެ. އަނެއްފަޅި ގިސްލާފައި ރޮނީ އެވެ. އެއީ އަހަރެން ގަސްދުގައި ކުރިކަމެއް ނޫނެވެ. އެކަމަކު އެ އެކްސިޑެންޓް ވީ އަހަރެންގެ އަތުންނެވެ. އަހަރެންގެ ފަރުވާކުޑަކަމުންނެވެ. ދިފާއުގައި ދެއްކޭނެ އެއްވެސް ވާހަކައެއް ނެތެވެ. އެހެންނަމަވެސް، އަހަރެން ޖަލަށް ދާކަށް ބޭނުމެއް ނޫނެވެ. އެ ކުއްޖާ އަށް ވީގޮތެއް މަށަކަށް ނޭނގެ އެވެ. މަރުވީ ކަމުގައި ވެސް ވެދާނެ އެވެ. އަހަރެން މަރެއްނުވެ އެވެ. ކޮންމެ އަދަބެއް ދިނަސް އެ ކުއްޖާ އަށް ލިބުނު އަނިޔާ ނުލިބޭ ކަމަކަށް ނުވާނެ އެވެ. ވީއިރު، އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަންނަށް އަދަބެއް ދިނެކޭ ކިޔާފައި ވާނީ ކޮންކަމެއް ހެއްޔެވެ؟

ރޭޑިޔޯއިން އެ ޚަބަރު ކިއި ގޮތުގައި، ކުއްޖާގެ މަންމަ ހޭއެރި ނަމަވެސް، އެކްސިޑެންޓްގެ އެއްވެސް ހަނދާނެއް ނެތެވެ. ކުއްޖާގެ ހާލުބޮޑުވެފައި ސީރިޔަސް އެވެ. ކިރިޔާ ދުނިޔޭގައި އޮތްކެމެވެ. އަހަރެން މަތިންބައިން ގޮސް އެ ކުއްޖާ ބޭރަށް ގެންދިޔުމުގެ ހުރިހާ ޚަރަދެއްގައި ހިފީމެވެ. އެކުވެރިން ތިބީ ހައިރާންވެފަ އެވެ. އަހަންނާ އެއްވެސް ގުޅުމެއް ނެތް ކުއްޖަކަށް އެ ވަރުގެ ޚަރަދެއް ކުރީމަ އެވެ.

"ހާދަ ލާރިއެކޭ!" އެކުވެރި މުނާޒު ބުންޏެވެ.

"އެއް ފަހަރު ވެސް ކީއްތަވާނީ ހެޔޮކަމަކަށް ހޭދައެއް ކޮށްލިއްޔާ؟" އަހަރެން މާތްވެފައި ބުނީމެވެ.

"ރަނގަޅުވާނެ.. ނަސީބެއްނު ތިކަން ވިސްނުނުކަން.." އޭނަ ބުންޏެވެ.

"މި ފަހަރު ޖެހޭނެ އަހަންނަށް ކާރު ދުއްވަން ދަސްކޮށްދޭން.." އެ ވަގުތު ޝަފީގު ބުންޏެވެ.

އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އެ ކުއްޖާ އެކްސިޑެންޓްވި ވަގުތު ކާރު މަތިން ވިއްސައިގެން ދިޔަ ގޮތް އަހަރެންގެ ހިތަކުން ނުފިލުވުނެވެ. އަހަންނަށް ދެން ކާރު ދުއްވޭނެބާ އެވެ؟ އެއީ ވެސް ސުވާލެކެވެ.

"ކަލެ އަށް ކޮން ކާރެއް ދުއްވޭނީ؟ މި ރޭ ޖެހޭނެ ކާރަށް ބިޓުން ލައިގެން ދުއްވާލަން.. އަހަރެން ބޭނުމެއް ނޫން ފަހަތު ޝީޓަށް އެހެން މީހަކު މި ރޭ އަރުވާކަށް.. އަހަރުމެން އަންނާނަން ބުރެއްޖަހާލާފަ.. އައިމަ ކަލޭމެން އަރާނީ ދޯ؟" މުނާޒު އަހަންނަށް ދޯއެއްލި އެވެ.

"މި ރޭ ޖެހޭނެ ހަތަރު ފުރޮޅުން ދުންއަރުވާލަން.." އަހަރެން ބުނީމެވެ.

އެންމެން ހަޅޭއްލަވަމުން ނުކުތެވެ. މުނާޒު ފިޔަވައެވެ. އޭނަ އަށް ކޮންމެވެސް ޝައްކެއް ވި ކަހަލަ އެވެ.

"ހާދަ ފާޑަކަށް މި ރޭ ތި އިންނަނީ؟ ކިހިނެތްވީ؟" އޭނަ އެހި އެވެ.

"ކަމެއްނުވޭ! ހަމަ ވިސްނާލީ.. މި ރޭ ޖެހޭނެ މަޖާކޮށްލަން.." އަހަރެން ބުނީމެވެ.

އަހަރެން ކޮޓަރި އަށް ވަނތްއިރު ވެސް މުނާޒު ބަލަހައްޓައިގެން އިންތަން އަހަރެން ދުށީމެވެ. އަހަރެން ގޮސް އެނދުގައި އޮށޯވެލީމެވެ. ހިތަށްއެރި އެވެ. އަހަންނަށް ވާނީ ކިހިނެއްބާ އެވެ؟ މަރުގެ ދިޔަ އަހަރެން ދޭންޖެހޭނެބާ އެވެ؟ އަހަންނަށް އަދަބެއް ނުލިބި ސަލާމަތްވާނެބާ އެވެ؟ އެކުއްޖާގެ މަންމަ ހޭއެރުމުގެ ކުރިން، އަހަރެން ގޮސް ކުށަށް އިއުތިރާފު ވާންވީބާ އެވެ؟ އޭރުން އަހަރެންގެ އަދަބު ލުއިވާނެބާ އެވެ؟ އެ ޚިޔާލުގައި އަހަރެން އޮއްވައި، ކުޑަދޮރުން ހިޔަންޏެއް ވި އެވެ. އަހަރެން ކާރު ބާއްވާފައި އޮންނާނީ އެ ދިމާލުގަ އެވެ. އަހަރެން ސިއްރުސިއްރުން ގޮސް، ފޮތިގަނޑު ހިއްލާފައި ބަލައިލީމެވެ. އޭރު މުނާޒު އޮތީ ކާރާ ދިމާލަށް ގުދުވެގެން ކޮންމެވެސް އެއްޗެއް ބަލާށެވެ. ކާރުގައި ލޭ ހުރީބާ އެވެ؟ ފުރަތަމަ ވެސް އަހަރެންގެ ހިތަށްއެރި އެއްޗަކީ އެއީ އެވެ. މުނާޒު އަހަންނަށް ޝައްކު ކުރަނީބާ އެވެ؟ އަހަރެންގެ ހިތް، ކުރިއަށް ވުރެ ބާރަށް ތެޅެންފެށި އެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގްވާންފެށި އެވެ. ބަލައިލިއިރު ގުޅަނީ މުނާޒެވެ. އިރުކޮޅެއް ވަންދެން އަހަރެން ފޯނު ނުނަގައި ހުރީމެވެ. ފޯނު ކެނޑުނެވެ. އަނެއްކާ މުނާޒު ގުޅި އެވެ.
"ހަލޯ!" އަހަރެން ބުނީމެވެ.

"ނިދަނީތަ؟ ނުކުމެބަލަ ބޭރަށް.." މުނާޒު ބުންޏެވެ.

"އާނ މި ނުކުންނަނީ!" އަހަރެން ބުނީމެވެ.

އަހަރެން ނުކުތްއިރު ވެސް މުނާޒު ހުރީ ކާރު ކައިރީގަ އެވެ. އަހަރެންނަށް އޭނަގެ މޫނު ފެނުމާއެކު، ދެ ފައި ފިނިވާންފެށި އެވެ. އެހެންނަމަވެސް، ވަރަށް ހިތްވަރުކޮށްފައި އޭނަ ކައިރި އަށް ދިޔައީމެވެ.

"އޭ! އަހަރެން ވާހަކައެއް އަހަންތަ؟ ތެދަށް ބުނާތި.." މުނާޒު އެދުނެވެ.

"އަހާބަލަ!" އަހަރެން ބުނީމެވެ.

"މިކަން ކުރިން އެނގޭތަ؟" ކާރަށް އިޝާރާތް ކޮށްފައި އޭނަ އެހި އެވެ.

އަހަރެން ބަލައިލިއިރު ކާރުގެ ދެ އެސް ހުރީ ދެ ކުލައިގަ އެވެ. އެއީ ކުރިން އަހަންނަށް ފާހަގަކުރެވިފައިނުވާ ކަމެކެވެ.

"ތިއޮތީ އަތްދަށުން ގޮއްސަ އޮތް ކަމެއް.." އަހަރެން ބުނީމެވެ. "އަނެއްހެން މައްސަލައެއް ނެތް.. ނޭނގެއެއްނު.."

"އެނގުނަސް ނޭނގުނަސް، ވެފަހުރި ކަމެއް ނުވާ ކަމަކަށް ނުވާނެ.. އެންމެ.." އެ ހިސާބަށް ބުނިތަނާ މުނާޒަށް ކޯލެއް އައެވެ.

ފޯނުން ވާހަކަދައްކަމުން އޭނަ ދުރަށްޖެހިލި އެވެ. އެއީ އަހަންނަށް އޭނަ ބުނި އެއްޗެއްބާ އެވެ؟ އެހެން ހިތަށްއަރާފައި އިރުކޮޅަކު އަހަރެން ހުރީމެވެ. އެ އަށްފަހު ކާރަށް އަހަރެން ނަޒަރުހިންގާލީމެވެ. އެއްވެސް ލެޔެއް ނުވަތަ ގެއްލުމެއް ނެތެވެ.

ފަރުވާކުރުމަށްޓަކައި އެ ކުއްޖާ ބޭރަށް ގެންދަން ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، ކުއްލިއަކަށް އެ ކުއްޖާ ނިޔާވި އެވެ. އަހަންނަށް ވަރަށް އުނދަގޫވި އެވެ. ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި، ފެން ފަދައިން އަހަރެން ޚަރަދު ކުރީމެވެ. އެކްސިޑެންޓް ވި ވަގުތު އެ ތަނުގައި ހުރި ހަމައެކަނި މީހާގެ ސަބަބުން އަހަންނަކަށް އެއްވެސް ބިރެއް ނެތެވެ. މިނިވަންކަމާއެކު ފައިސާތައް ވިއްސިވިހާލިކުރަން އަހަންނަށް އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ ކަން އެހެން އޮތް ނަމަވެސް، އަހަރެންނަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެ ހާދިސާ އަށް އަހަރުތަކެއް ވެގެންދިޔައިރު ވެސް، އަހަރެންގެ ސިކުނޑިއަކަށް އެއްވެސް އަރާމެއް ނުލިބުނެވެ. ލިންކް ރޯޑު ފެންނާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. ފައިސާއިން އަހަންނަށް ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ ކުޑަމިނުން، އަހަރެންގެ ތުންފަތަށް ދެން ހިނިތުންވުމެއް ވެސް ގެނަހެއް ނުދެވޭނެ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ