އަދުގެ ޚާއްސަ

Print

ތިންއޮޑީ މުދަލަށް ތިން ނާޅި!

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ
    
މަކުނުފުށީ މަހުޖަނު ޞާބިރު ނިޔާވެގެން މި ފަހަރު މާލެއައީ މަހުޖަނު ޞާބިރުގެ ދަރިކަލުން ކުޑަމަހުޖަނެވެ. ތިންއޮޑި މާލެފަޅަށް ވަނުމުން ވޯރާ ވިޔަފާރިވެރިންތައް ފިހާރަތަކުން ނިކުމެ (ކޮށި ދިވެހިބަހުން ) ކޮންތާ އޮޑިތަ؟ ، ކާކިޔާގެ އޮޑިތަ؟ ، ކޯތި ގެނަތަ؟ އޮޑިތަކުގެ ވަނަވަރު އަހައި އޮޅުންފިލުވަމުން ވޯރާ ވިޔަފާރިވެރިން ކުރެ ބަހާއުއްދީނޭ ކިޔާ މީހަކު ބުނެފިއެވެ. މަހުޖަނު ޞާބިރަކީ މަގޭވަރަށް އެކުވެރި ގާތް ރަޙުމަތްތެރިއެކެވެ. އެހެންވީމައި މަހުޖަނު ޞާބިރުގެ ދަރިފުޅު ވެސް މަށާއި ރަޙުމަތް ގަންނަން ވާނެއެވެ. ކުޑަމަހުޖަނަކީ އަލަށް އައި ކުއްޖަކަށް ވެފައި މަގޭ ރަޙުމަތްތެރިޔާގެ ދަރިފުޅަކަށް ވާތީ އަދިވިޔަފާރިއާއި ބެހޭ ތަޖުރިބާއެއް ނެތުމާއި އެކު ކޮންމެ ވެސް މަކަރުވެރިއެއްގެ އަތްދަށު ވެދާނެތީވެ މަށާ އެކު މަގޭ ފިހާރައަށް އަންނާށެވެ.  ވިޔަފާރީގެ ކަންތަކާއި އުޅޭނީ މާދަމާއެވެ.
      
ދެން ވިޔަފާރިވެރިޔާ ކުޑަމަހުޖަނު ގޮވައިގެން ފިހާރައަށް ހިނގައްޖެއެވެ. ދެން ފިހާރައަށް ދެވުމުން ވަރަށް ކަމޭހިތުމަށްފަހު ވިޔަފާރިވެރިޔާ ފެށި ވާހަކައަކީ ކުޑަމަހުޖަނު ބައްޕަ ދުވަހުގައި އެފިހާރަ އާއި ހުރި އެކުވެރިކަމާއި ބަދަހި ގުޅުމުގެ ވާހަކަ އެވެ. ވީމައި ކޮއިފުޅުވެސް އެ ގުޅުން އެ ގޮތަށް ބާއްވަން ވާނެ ވާހަކައެވެ. ދެން ސައި ހެދުމަށްފަހު ރަނގަޅަށް ސައިދީފި އެވެ. ސައިގެ ފަހުގައި ވޯރާ ވިޔަފާރިވެރިޔާ (ބަހާއުއްދީން ) ބުންޏެވެ. [ ކުޑަމަހުޖަނެވެ. ކަލޭގެ ބައްޕަގެ ޒަމާނުގައި ވެސް ތިން އޮޑީ މުދާ ވިއްކަނީ ތިން ނާޅިއަށެވެ. ކަލޭ ބުނި ކޮންމެ ވައްތަރަކުން ވެސް ތިން އޮޑީގެ މުދަލަށް ތިންނާޅި ދޭނަމެވެ. ކަލޭ ބުނިވައްތަރަކުން ތިން ނާޅި ދޭން ނުލިބިއްޖެނަމަ އަހަރެންގެ ފަރާތުން އިތުރު ތިން އޮޑީގެ މުދާ ކަލެއަށް ދޭނަމެވެ. ] މިގޮތުގެމައްޗަށް ދެ ފުށަށް (ދެފަރާތަށް) ދެފަތްލިޔެ ސޮއިކުރާށެވެ. ދެން ދެ ފަރާތަށް ދެފަތްލިޔެ ސޮއިކޮށްފި އެވެ.  ކުޑަމަހުޖަނު ކޮޔަށް ދިން ފަތް ހިފައިގެން އޮޑިއަށް ހިނގައްޖެ އެވެ. ވާނީ ވެސް އެހެންތާއެވެ. ބަހާއުއްދީން (ވިފާރިވެރިޔާ) އެ ދެއްވި ސައި ބުއިމަށްފަހު ފަތްލިޔެ އެކަމުގެ ކަންތައްތައް ނިމޭން ދެން ވެސް ކުޑަމަހުޖަނުގެ ބުއްދި ހަމައެއްނޫނެވެ. އެ ލިޔުން ލިޔެ އެއްބަސްވެ ސޮއިކުރެވުނީ އެހެންވެގެންނެވެ.
     
ދެން އެފަތް ގެންގޮސް އޮޑީކުދިންނަށް ދެންކުމުން ވޯރާ ވިފާރިވެރިޔާގެ މަކަރު އެނގިއްޖެ އެވެ. ދެން ވާހަކަދައްކައިލާފައި ދިޔައީ ފަނޑިޔާރު ކަލޭގެ ގެއަށެވެ. އެގެއަށް ދިޔައިރު ބަހާއުއްދީން ފަނޑިޔާރުކަލޭގެ ގޭ ދިގު ފެންޑާގައި ހުރި ގޮނޑިއެއްގައި އިނެވެ. ފެންޑާގެ އެއްކޮޅުގައި ހުރި އުނދޯއްޔެއްގައި ފަނޑިޔާރުކަލޭގެ އިނެވެ. ކުޑަމަހުޖަނުކޮއި ދިޔައިރު އެދެމީހުން ތިބީ ވަރަށް އޮލަ ވާހަކައެއްގަ އެވެ. ކުޑަމަހުޖަނުކޮއި ދިއުމުން ފަނޑިޔާރުކަލޭގެ ކިޔެއްކުރަން އައި ކުއްޖެއްތޯ އައްސަވައިފިއެވެ. ދެން ކަންތައް ވެގެންއުޅޭގޮތް ކިޔައިދިނުމުން ފަނޑިޔާރުކަލެގެ ބުނުއްވި އެވެ. [ދެމީހުން އެއްބަސްވެ ލިޔެ ސޮއިކޮށްފައިވާ ޤަރާރަކާއި މެދު މަށަކަށް ހެދޭނެ ގޮތެއް ނޯންނާނެ އެވެ. އެގޮތަކަށް ޖެހެނީ ޢަމަލުކުރާށެވެ.
    
ދެން ކުޑަމަހުޖަނުކޮއި މިކަމާއި ފަނޑިޔާރުކަލޭގެ ގެއަށް ހިނގާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މިކަމުގެ އަލިމަގެއް ނުފެނުނެވެ. މިކޮއި ފަނޑިޔާރުކަލޭގެ ގެއަށް ހިނގާއިރު އެގޭ ދެކުނު ފަރާތުން އަންހެންވެރިން ބޯދީ ބަލައި އުޅުމަކީ އާދައިގައި ކުރާކަމެކެވެ. އަންނަމީހުންނާއި ދައްކާވާހަކަވެސް އެމީހުންނަށް އެނގެއެވެ. މި އަންހެންވެރިން ތެރޭގައި ފަނޑިޔާރުކަލޭގެ ފިރިފުރާވަރުގެ އަންހެން ކުއްޖަކުވެ އެވެ.  އެ އަންހެން ކުއްޖާއަށް ކުޑަމަހުޖަނުކޮއި ފެނިފެނި އެކޮއި މައްޗަށް މި އަންހެން ކުއްޖާގެ ހިތުގައި ޢިޝްޤުގެ ވިންދު ޖަހަން ފަށައިފި އެވެ. ދެން އެ އަންހެން ކުއްޖާ ކޮންމެވެސް ގޮތަކުން ކުޑަމަހުޖަނުކޮޔާއި ބައްދަލުކޮށް ވާހަކަތަކެއް ދައްކައިފި އެވެ. ކުޑަމަހުޖަނުކޮއި ބުނީ ތިޔަކަމާއި އެއްޗެއް ބުނަން އެނގޭނީ ޖެހިގެން އުޅޭކަންތަކުން ކޮޅެއް މެދެއް އެނގުނީމައެވެ. އެއަންހެން ކުއްޖާ ކުޑަމަހުޖަނުކޮއި ގާތު ބުނެފި އެވެ. ތިމަންގެ ބައްޕަ ޢިޝާނަމާދުން ދުރުވެ ކޭންބައްލަވަން އިންނަވާއިރު ތިޔަކަމަށް އަލިމަގެއް އޮތްތޯ އަހައިފާނަމެވެ. މިހިރަ(ކަނދުފޮތި) އަންހެން ކުއްޖާ ބެހެއްޓި ތަނެއްގައި އަޑުއަހަން ހުންނާށެވެ. ދެން ފަނޑިޔާރުކަލޭގެ ޢިޝާނަމާދަށްފަހު ރޭގަނޑުގެ ކޭންބެއްލެވުމަށް އިންނަވަނިކޮށް އެނާގެ ދަރިކަނބަލުން ފެންތައްޓެއް ބަހައްޓަމުން (ވަރަށް ޅަގޮތަކަށް ) [ބައްޕާ އެވެ. އެވޯރާ ވިޔަފާރިވެރިޔާއަށް ދޭން ނުލިބޭނީ ކޮންބާވަތެއްގެ ތިންނާޅިއެއްތޯއެވެ؟] އަންހެން ކުއްޖާ މިސުވާލު ކުރި އިރު އެކުއްޖާއަށް ވެސް ކަންތައް ކުރެވުނު ގޮތަކީ ފެންތަށި ބަހައްޓާފައި ބޮލަށް އަތްލާފައި އުކުނެއް ނަގައި ވާއަތު ބޮޑުވައިގިލީގައި ކުޅުކޮޅެއްލައި ތެތްމައިލައި އެތާ އުކުނު ބާއްވައިފައި ޕަޓައް ގޮއްވައިލެވުނެވެ. ފަނޑިޔާރުކަލޭގެއަށް ހިނިއައިސްފައި ކުއްލިއަކަށް ބުނެލެވުނީ[ ތިކަހަލަ ތިންނާޅިއެއް ނުލިބޭނެ!] އެވެ.
     
ޖެހިގެން އައި ދުވަހު ކުޑަމަހުޖަނުކޮއި ފަނޑިޔާރުގެއަށް ގޮސް އެއްބަސްވެފައިވާގޮތަށް ވިޔަފާރި ނިންމުމަށް އެދެފި އެވެ. ދެން އެ ވިފާރިވެރިޔާ (ބަހާއުއްދީން ) ގެނެވުމުން  ވަރަށް އުފާވެފައި [ ކޮއިފުޅުބުނި ކޮންމެ ވައްތަރަކުން ނަމަވެސް  ތިންއޮޑީ މުދަލަށް ތިންނާޅި ދިނުމަށް ރުހި ގަބޫލުވެއްޖައީމޭ ! ކޮއިފުޅު ބުނި ކޮންމެ ވައްތަރަކުން ނަމަވެސް  ތިންނާޅި ތިންނާޅި މިނެދޭނަމެވެ. މިނެދެވޭން ނެތްނަމަ އިތުރު ތިންއޮޑީގެ މުދާ ކޮއިފުޅަށް ދިނުމަށް ޖާމިނު ވެއްޖައީމެވެ. ކޮއިފުޅު އަވަހަށް ބުނާށެވެ. ] ދެން ކުޑަމަހުޖަނުކޮއި ބުނެފި އެވެ. މިދަތުރު ތިންއޮޑީ މުދަލަށް ގަންނަން ބޭނުންވަނީ ބޮލުގައި އަޅާ ތިންނާޅި އުކުނެވެ.
 
ވޯރާ ވިޔފާރިވެރިޔާ : (ކަންބޮޑުވެ ހައިރާންވެފައި) [ބަލަ ކޮއިފުޅާއެވެ. ތިޔަނޫން އެހެން އެއްޗެއްގެ ވާހަކަ ބުނާށެވެ. އުކުނަކީ  ބޮލުގެ ތަލަގަނޑާއި އެކު ހަލާކުކުރާ އެއްޗެކެވެ. ]

ކުޑަމަހުޖަނުކޮއި : އުކުނުގެ ވިޔަފާރިއަކީ މާ ފައިދާ ބޮޑު ވިޔަފާރިއެކެވެ. މިތަހްޛީބް ޒަމާނުގެ އަންހެން ކުދިންނަށް ލަދުން ކޮއްލަން ކެރޭ މަސަތްކަތެއް ވަރަށްމަދެވެ. މިހެންވީމައި ކޮންމެ އަންހެނެއްގެ ބޮލަށް ދެތިން އުކުނު ލައިފި ނަމަ ކުރަން ކެރޭކަހަލަ މަސަތްކަތެއް ނެތިގެން ތިބޭކަށް ނުޖެހޭނެ އެވެ. ބޮލަށް އަތްބާނައިގެން ކަހަކަހައިފައި އުކުނު ނަގައި ޓައްގޮއްވަން ޖެހެންޏަކާއި ކުރާނެ މަސައްކަތެއް ނެތި ކަންނެއްކަމުގައި ތިބެވޭކަށެއް ނޯންނާނެއެވެ. ކާޅު ވެސް އެއްކާޅު ބޮލުން އަނެއްކާޅު އުކުނު ނަގާހެން އެކަކު އަނެކަކުގެ ބޮލުން އުކުނު ނަގަން ގަސްގަސް ދަށުގައި ފައިދަމައިގެން ތިބޭ ތިބުމަކީވެސް ވަރަށް ހިތްގައިމު މަންޒަރެކެވެ. ބޮލުގައި އުކުނު އެޅުމުގެ އަނެއް ފައިދާ އަދި މާބޮޑެވެ. އެއީ އަންހެނުން ބޮލުގައި އުކުނު ނާޅާނަމަ އުކުނުބޭސް ހަދާ މީހުން ބަނޑަށް މަރުވާން ޖެހިދާނެ އެވެ. އުކުނުގައި މިނޫންވެސް ވަރަށް ފައިދާހުރި ކަންތައްތައް ވެއެވެ. އަހަރުމެން ރަށަކީ މަކުނުފުއްޓެވެ. އަހަރުމެން ރަށުގައި އުކުނާއި މަކުނާއި ތޮޅުވައިގެން އިނާމު ލިބޭ ކުޅިވަރެއްވެސް އޮވެއެވެ. އެއީ އެކެއްގެ ބޮލުންނަގާ އުކުނަކާއި އަނެކެއްގެ އެނދުން ނަގާމަކުނަކާއި އެއްތަންކޮއްގެން ތޮޅުވީމައި ދެރަވިމީހާ މޮޅުވި މިހާއަށް އެއްބަސްވެފައިވާ އެއްޗެއް ދޭންޖެހެއެވެ. މިހެންވީމައި މުޑުވައް ރަނގަޅު  އުކުނަކީ އަހަރުމެން ރަށުގައި އެންމެ ހިނގާ އެންމެ ފައިދާބޮޑު ވިޔަފާރިއެވެ.

ވޯރާވިޔަފާރިވެރިޔާ: (ފަނޑިޔާރާއި މުޚާތަބުކޮށް) މިކަމުގައި މިނޫންގޮތެއް ނޯންނާނެތޯއެވެ.

ފަނޑިޔާރުކަލޭގެ: ތިކަމުގައި އޮތީ ކަލޭމެން ދެފަރާތް އެއްބަސްވި ގޮތެވެ. ކަލެއަށް ތިންނާޅި އުކުނު މިނެފައި ނުދެވިއްޖެ ނަމަ ދެންއޮތް ގޮތަކީ އެއްބަސްވެފައިވާ ފަދައިން ކަލޭގެ ފަރާތުން އެކޮޔަށް އިތުރު ތިން އޮޑީމުދާ ދިނުމެވެ.
    
ދެން އެ ވޯރާވިޔަފާރިވެރިޔާ (ބަހާއުއްދީން) އަށް އޭނާގެ ރޭވުން ނާކާމިޔާބުވެ ތިމާޖެހިމަކަރު މަޅީގައި ތިމާ ކަރުބެދުމުން ކުރާނެ އެއްވެސް ކަމެއް ނެތިގެން ކުޑަމަހުޖަނުކޮޔަށް އިތުރު ތިން އޮޑިގެ މުދާ ދިންއިރު ފިހާރައިގެ ވަތުއޮނިގަނޑު އޮތީ ފޫދާން ކައިރިވެފައެވެ. ކުޑަމަހުޖަނުކޮއި އިތުރު ތިން އޮޑީގެ މުދާ ބަރުކޮށް ނިންމާލުމަށްފަހު ވޯރާވިޔަފާރިވެރިޔާއަށް ބުންޏެވެ. : ކަލެއަކީ ކާބަފައި ޒަމާނުގެ ރަނގަޅު ރައްޓެއްސެކެވެ. ކަލޭ ކިބައިން މިކަހަލަ ފައިދާ ވަންޏަކާއި އަހަރެންވެސް ކަލެއަކާއި ވަކިވުމެއް ނެތެވެ.

''ފޭހިލި ތިމާ އިލޮށިގަނޑު
   ޔޭގެދުނި ބިތު ހަތަރު ތެޅިތި
     މާގެ   ލޮލާށޭ ހެރުނީ  ތި ''  


ހަމަމިގަލަމުން

އިދާރާ

ވާހަކަ