އަދުގެ ޚާއްސަ

Print

ފިއްލޯމަންޖެ އާއި ތަކަޙަސަނުގެ ވާހަކަ - 04

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


ވާހަކައިގެ ފަހުގައި..

މުޚުތާރު ޢަބްދުއްރަޙުމާނު - ނޫރާނީގެ ށ. މިލަންދޫ


ބައްތެލި މާލެ ދާން ފުރުމުން އެގޭމީހުން ދެދުވަހު ނިދީއެވެ. އޭރު ބޮޑު ފާތިހާ ދުވަސް އޮތީ މާޟީވެފައެވެ. މުދިން ތައްޚާނު ބުނުއްވީ ކަންދިމާވި ގޮތުން ތަންކޮޅެއް ފަސްވިއަސް ފާތިހާއަށް ކެއްކުން ރަނގަޅު ކޮށްލައިފިއްޔާއި އެކަންތައް އޮންނާނީ ރަނގަޅުވެފައެވެ. ދެން ތިންހަތަރު ދުވަހުއްސުރެ ކުރި މަސަތްކަތުން މިރެއަކީ ފާތިހާއަށް ކެއްކި ތަކެތީގެ ރަހަލާނެ ރެއެވެ. އެ ދުވަހު މެންދުރުފަހަށް އެޅުނީއްސުރެ މޫސުމް އަންނަނީ ވިއްސާރަ ކުލަ ދައްކަމުންނެވެ. އުޑުމަތީގައި ވިލާ ބޯވެ ވައި އަންނަނީ ބާރުވަމުން ނެވެ.


މި އަދު މާވަހަރުގޭ ދެ ދޯނީ ވެސް މަހަށް ދިޔައެވެ. އެއް ދޯނި އަޞްރުފަހުން ރަނގަޅަށް މަސްބައިގެން ލަފައިފި އެވެ. ބޮޑުފާތިހާ މަތިން ހަނދާންވާލެއް ބޮޑުކަމުން ބޮޑުފަނައިލާން ހަނދާންނެތި ބޯސާމަތީ އޮޑިއަޅާފައި ފައިބައި މަސްބަހައިގެން ގެއަށް ހިނގައްޖެ އެވެ. އެދުވަހު ދޮންދަލޭކަ ބަދިގެ ކައިރީ އުޅޭކުދިން ކައިރީ ބުންޏެވެ. ދޮންކާސިމްބެއްޔާ ގޭމީހަކަށް ނަމަ ނަމަ މިގޭބަދިގޭގައި ކެއްކި ކާއެއްޗެއް ނުދޭށޭވެ. ކާނެ މީހަކު ނުވިއްޔާ ކަނޑަށް އަޅައިލާށެވެ. އެތަނެއް ނުފުރޭނެ އެވެ. ހަވީރު ވީއިރު ބިގަރުތަކަށް ތެޔޮއަޅައި މެންޓަރު ލައްވައި ފާނޫޒު ތަކާއި ފަސްލޭނު ބައްތި ތައް ތައްޔާރު ކުރަމުން ގެންދެއެވެ. އިރުއޮއްސި ޢިޝާ ނަމާދަށް ވީއިރު މާވަހަރުގޭތެރޭގައި ލަންޓަންތަކާއި ސަންޓަން ދިއްލައި އަޅާފައި އޮންނައިރު ހީވަނީ މީހުންބުނާ ކާށިދޫ އަރާމަގު ހަންޑި މަޥްލޫދުރޭގެ ދިއްލުމެއް ހެނެވެ.
     
މިފަދަ އުފާވެރި ރޭގައި ދޮންކާސިމްބެއްޔާ ޢިޝާ ނަމާދުން ފައިބައިގެން ގެއަށްދުރުވެ ހުރިއެއްޗެއް ކޭންބައްލަވައިގެން ދުންބޯފަތް ޑަބިޔަލުން ފަތްސިލުނބެއް ނަންގަވައި ސިލުނބަށް ލައްވާއި ދުންފަތް ގުޅަ މަތީ މުށިފޮތި ބާއްވައިފައި އެގޭތެރޭގައި ހުރި ޅަވަރު އަންހެން ކުއްޖެއްގާތު ބުނުއްވިއެވެ. މާވަހަރުގޭ ބަދިގޭގައި އެންމެބާރަށް އަނދާ އުނދުނަކުން ސިލުނބަށް އަލިފާން އަޅައިގެން އަންނާށެވެ. މި ނޫނީ ކާސިމްބެއްޔާ އަމިއްލައަށް ފަތްސިލުނބެއް އެޅިތަނެއް މިކުދިން ނުދެކެވެ. ދެން އެކުއްޖާ ހަލުއި ފުއްލާއެއް ހެން ގޮސް ބުނުއްވި ކަންތައް ކޮށްގެން އަތުވެއްޖެވެ. ބަދިގެދޮށުގައި ކަންތައްތަކާއިގެން މަޝްޣޫލުވެގެން އުޅޭމީހުންނަށް މިގޮއްޔެއަކު ސިލުނބަށް އަލިފާން އަޅައިގެން ދިޔަތަން ނުފެންނަ ކަހަލައެވެ. ދެން ކާސިމްބެއްޔާ ބުނުއްވިއެވެ. ހުރިހާ ކުދިން ނިދަން ތިބޭށޭވެ. ވިއްސާރަ ރެއެކެވެ. ދެން އެ ބެއްޔާ ސަރަންފީއެއްގައި އޮންނަވައިގެން ދުންގަނޑު ބޮއި ހަމަވެގެން ސިލުނބު ބަންޑުންޖައްސަވައިފި އެވެ.
     
މާވަހަރުގޭތެރޭގައި ފާތިހާއަށް އައި މީހުން ޖަމާވުމުން މުދިމް ތައްޚާން ބޮޑުއަށީ ހިތާމަވަޅުގައި އިންނަވައި ކިޔުމުން ފާތިހާ ފެށުނީއެވެ. ފާތިހާ ކިޔަވައި ނިމޭއިރަށް ކެއުން ތައްޔާރުކުރާ މީހުންގެ ޙަރަކާތްތެރިކަން އަވަސްވަމުން ދެއެވެ. ކޮންމެވެސް ފިރިހެން ކުއްޖަކު ވަރަށް އަވަހަށް ދަނިކޮށް އުމުރުން ސާދަ އަހަރުގެ އެގޭ ފާތުމަތު ފުޅިބައްތިއެއް ދިއްކޮށްލައިފައި [މިއަށް ތެޔޮ އަޅައިގެން އަންނާށޭ ] ބުނީމައި އެފިރިހެން ކުއްޖާބުނީ [މަޑުކޮށްލާ މައެބައަންނަމޭ ] އެކުއްޖާ އެދިޔަ ކަމެއް ކޮށްފައި އަވަހަށް އައިއިރު ފާތުމަތު ތެޔޮއަޅާ ބައްތިޔާއި އަލިކުރާން ގެންދާ ދިގުބައްތި ހިފައިގެން ގޭ ދެކުނުފަރާތަށް ދަނީއެވެ. ދެން [އަޅުގަނޑު އަތަށް ދެއްވާށޭ ] ބުނީމައި ފާތުމަތު ރުޅިއައިސް މޫނުން ފޫގަޅައިފައި ބުނީ [ ހެވޭ! ރައްކާވެގެން ދާށޭ! ] ދެން ފާތުމަތު މާވަހަރުގޭގައި ތެޔޮފޮށިގަނޑު މަތީ ބައްތި ބަހައްޓައިފައި އެފޮށިގަނޑު މަތީ ހުރި ތެޔޮ ޑަބިޔަލުން ތެޔޮ ތުޅަލެއް ނަގައި ބައްތިއަށް ތެޔޮ އަޅަން އުޅުނު ވަގުތު މާވަހަރުގޭތެރޭން ތޮޅެމުން ނުކުތް ދެ މީދާ ފާތިމަތުގެ ފައިމައްޗަށް އެރުމުން ހަޅޭލަވައިގެންފައި ތެޅިގަތުމުން ތެޔޮ ތުޅާ ވެރުނީ ގަޔަށެވެ. އަދި ފާތުމަތު ތެޔޮ ފޮށިގަނޑު މައްޗަށް ވެއްޓިއްޖެއެވެ. ތެޔޮ ފޮށިގަނޑު މައްޗަށް ފާތުމަތު ވެއްޓުމާއި އެކު ތެޔޮ ފޮށިގަނޑު ފޮރޮޅާލިއިރު ތެޔޮ ޑަބިޔަލާއި ބައްތި ވެއްޓި އަލިފާން ހިފައިފި އެވެ. ޖެހޭ ގަދަ ވަޔާ އެކު މުޅިތާންގައި އަލިފާން ހިފައިފި އެވެ.

އަވަސް އަވަހަށް ކޮންމެ މީހަކު ވެސް ދުވީ އެމީހެއްގެ ފުރާނަ ސަލާމަތް ކުރާށެވެ. ބަސް ބުނާހައި ކުޑަ ހިނދުކޮޅެއް ތެރޭގައި އަލިފާންގަނޑު ބޮޑުވެ ގާތްވާން ނުކެރި މާދުރުގައި ބަލަން ތިބެވުނީ އެވެ. ވިލާގަނޑުގެ ވައި ބާރުވެފައި ބޯކޮށް ވާރޭ ވެހުނު ކަމަކުން އަލިފާން ގަނޑު މައިތިރިވީ ކަމަކު ލަކުޑި ފަދަ ތަކެތީގެ އެނދުން މުޅިއަކުން ނުނިވެއެވެ. އެރޭ ހަތަރުދަމު މީހުން ތިބީ ނުނިދައި ބިރުންނެވެ. އަލިވިލި ތަންދޮރު އެނގުނުއިރު މާވަހަރުގޭ މަހަށް ދިޔަ ދެ ދޯނި ތެރެއިން ރަށަށް ނައިސްވާ ދޯނި އެހެން ދޯންޏަކާއި އެކު ރަށު ކަންމުލިމަތިން ވަންނަނިކޮށް ކޮޅިގަނޑުގެ ބާރުވަޔާއި އެކު ވައްޓައިލީއެވެ. އޭރު ކުރިން އައި ދެ ދޯނި ވިލާގަނގުގެ ވައިގެ ކުރީގައި ރިޔާ ދޫކޮށްލައި ގަލުގައި ފަނައި އަޅުވައިފިވެ އެވެ. އެ ދޯނި ވައްޓައިލީ ބޭރުމަތީ އޮތް ދެ ދޯނީގެ ވަރަށް ކައިރިއަށް ކަމަށް ވުމުން ފީނައިފައި ގޮސް އެ ދެ ދޯންޏަށް މީހުން އެރީ އެވެ. ދެމީހަކު ފީނައިފައި ރަށަށް އަރައި އެއްގަމު ތެރެއަށް ހިނގައްޖެ އެވެ. ހެނދުނު ބެލިއިރު މާވަހަރުގޭ ބޯސާމަތީ އޮތް ދޯނި ބޯސާ ކަނޑައިގެން ގޮސް  ރަށަށް ލައްވެ ދެ ފަޅިވެ ބަންޑުން އޮތް ފަޅި ވަޅުޖައިފައި އޮތެވެ. އަނެއްފަޅީގެ ލަކުޑި ތަކާއި ވަކަރުތައް އެތަން މިތަނަށް ލައްވެފައި ހުއްޓެވެ.
     
ދެން ދޮންދަލޭކައަށް މިހިރަ ކަންތައް ފެނުމުން އޭނާގެ ހާލު ވަރަށް ބޮޑެވެ. ރަސްކަން ކުރަމުން އައި ހާލިގަނޑު ވަނީ ޒަމާނުގެ އަނިޔާވެރިކަމުގެ އަތުން އަންދައި އަޅިއަށް ހަދައިފައެވެ. ލޯބިވާ ދަރިފުޅު ވަނީ އަލިފާނުގެ ތެރޭގައި ނެތި ފަނާވެފައެވެ. ހަތަރު އުދަރެސް ވަނީ ޙަޔާތުގެ އުންމީދުތައް ވަނީ އަލްވަދާޢު ކިޔާފައެވެ. ގައިގައި އޮތް ފޭރާން ފިޔަވައި ނިވައިވެލާނެ ފަދަ ވެސް ނެތެވެ. ބަނޑުހައިކަމާއި ފެންބޮވުން ވަނީ ހަށިގަނޑަށް ޙަމަލަދީ ނަފުސު ވަރުބަލި ކުރުވާފައެވެ. ނަމަވެސް ކެއިން ބުއިން މިވަގުތު ވަނީ ހަނދާނުން އެއްފަރާތް ވެފައެވެ. ދޮންދަލޭކައިގެ މިހާލު ފެނިފައި ދޮންކާސިމްބެއްޔާގެ ކުދިން ކާނެ އެއްޗަކާއި ބޯނެ އެއްޗެއް ގެނައި ނަމަވެސް ގަތް ލަދުންނާއި ވެފައިވާ ދެރައިން އިސްދަށަށް ޖެހުނީ އެވެ.

ދެން ކޮންމެވެސް އެއްޗެއް ހަނދާންވެގެން ކަތީބުގޭދޮށަށް ދިޔުމުން އެގޭމީހުން ވަރަށް އޯގާވެރިވެ ނަސޭހަތް ދީ މިގޭގައި ރަނގަޅަށް އުޅޭށޭ ކައި ބޮއި ފެންވަރައި ހަދާށޭ ބުނެފި އެވެ. ދެން ދޮންދަލޭކަ ބަދިގެއަށް ވަދެ ކައިގެން ބޭރުގައި ހުރި އަށްޓެއްގެ މަތީ އޮވެ ނިދައިފިއެވެ. ހަވީރުވީމައި ތެދުވެ ފެންވަރައި ނާސްތާކޮށްލައިގެން ދެވުނީ މާވަހަރުގެ އަނދައިފައިވާ ތަނަށެވެ. ދެން ބޮލުގައި ހިފަހައްޓައިގެން ހުރެ ރޮއިރޮއިފައި ހެނެތޭ ކަހަލަ ގޮތެއް ވުމާއިއެކު ބިންމަތީގައި އިށީނދެ އިނދެ ރޮއިރޮއި އިންދައި ހޭނެތުނީ އެވެ. ދެން ކުޑަ އިރުކޮޅަކުން ހޭއަރައިގެން ތެދުވެ އަތިރިއަށް ގޮސް އޮޑިފަޅި މަތީގައި އިނދެގެން މަގޭ ދޯނިގަނޑޭ! ކިޔާ ރޮމުން ރޮމުން މާވަހަރުދޯނި ހުރި ހަރުގެއަށް ވަދެ ޙަސަންބެ ވާބަލިޖެހުނު އަށިމަތީގައި އިނދެ ރޮއިފި އެވެ. ދެން މަޑުމަޑުން ބުއްދި ފިލަމުން ގޮސް މުޅިން މޮޔަ މީހަކަށް ވެއްޖެ އެވެ. ދެންވަކި އެވެނި މިވެނި ކަމެއް ނުވަތަ މީހެއް ވަކިކުރާން ނޭނގޭގޮތް ވެއްޖެއެވެ.

ދެން މިވެނިމީހާ ދިނީމައި ކައިފައި އެވެނިމީހާ ދިނީމައި ކާހިތްކެނޑި ބައެއްފަހަރު ކައެވެ. އަނެއްބައިފަހަރު ބޮލަށް ވެސް އަޅައިލައެވެ. ބައެއްފަހަރަށް ހީނހީނފައި ލަވަ ކިޔައެވެ. އަނެއްބައި ފަހަރު ރޮއިރޮއިފައި މީހުންނާއި ދިމާޔަށް އެތިވަރު ގޮވައެވެ. ވާރެ ވެހޭ އިރަށް ފެންވެރެއެވެ. އަވިދޭއިރު ހިކެއެވެ. ޖެހިފައިވާ ހާލުގެ މައްޗަށް ސަހަރޯވެރިވެ އެހީތެރިކަމުގެ އަތެއް ފޯރުވައިލާނެ ޔާރެއް އިޔާރެއް އަހުލެއް ވަހުލެއް ނެތެވެ. ގާތްތިމާގެ އެއްވެސް މީހަކު މިއަދަކު ނެތެވެ. އެހެން ވީމައިތާއެވެ ޅެންވެރިޔާ މިހެން ވިދާޅުވީ (...ޅެމެއް އުރުދޫބަހުން ..) މާނައަކީ : އެއްވެސް މީހަކު އަނެކާއަށްޓަކައި މަރެއް ނުދޭނެއެވެ. އެމީހަކު މަރުދޭނީ އެމީހާގެ އެދުމަށްޓަކައެވެ.
    
މިހާރު ޅަވަރު ކުދިން ދޮންދަލޭކައޭ ކިޔައި ފޮށިގަތުމުން އެކުދިންގެ ފަހަތުން ދަނޑިބުރި ހިފައިގެން ދުވެއެވެ. ސަލާމްޖެހިކުއްޖާ ފަހަތުން އިލޮށިފަތި ހިފައިގެން ދުވުނު ދުވަހުގެ ހަނދާން އާކުރަނީ ނޫންކަމެއް ނޭނގެއެވެ. ކުއްޖަކު ގަޔަކު ނުޖަހައެވެ. އަނެއްކައިވެސް މާޟީ އަނބުރައި އިޢާދަ ވީކަމެއް ނެގެއެވެ. މިހާރު މީހުން ކިޔަނީ ގަރުދިޔަ ބޯޓް ފިއްލޯ ބޯޓް މިކަހަލަ ނަންތަކެކެވެ. ގޭގޭދޯށަށް ގޮސް ކާއެތިކޮޅެއް ލިބުމުން އައިސް އިންނަނީވެސް އަތިރިމަތީ ބޮޑުވަކަރު މަތީގައެވެ. ނުވަތަ ބޮޑު މިދިލިގަހު މޫމަތީގައެވެ. އެގަސް އެގަހުގެ ދުލުން ބުނާކަހަލައެވެ. އޭމާޟީގެ އެކުވެރިޔާ އެވެ. އަހަރެން ދޫކޮށްފައި ގޮސް އަހަރެން މަތިން ހަނދާން ނެތިދިއުމަށްފަހު އެނބުރި އައިފަދައިން ކަލާނގެ ހަޟުރަތަށް ވެސް އެނބުރި ދާން ޖެހެނެއެވެ.
    
ޙާމިދު ބައްޕަ ގޮވައިގެން މާލެގޮސް ރަށްޓެހި ގެއެއްގައި ބައްޕަ ބާއްވައި ފަރުވާ ކުރެވޭނެ ގޮތެއް ހަމަޖައްސާފައި މާލޭގައި ކިޔަވަންތިބޭ ފިރިހެން ދެ ކޮއްކޮއާއި އަންހެން ކޮއްކޮއަކާއި ބައްޕަގެ ކަންތައް ހަވާލުކޮށްފައި ވަރަށް އަވަހަށް އަންނާނެކަމަށް ބުނެ ފުރައިފި އެވެ. އެއަށްފަހު އެ ބައްތެލީގެ ޚަބަރެއް މިއަދާހަމައަށްވެސް ނުވެއެވެ. މާލޭގައި ތިބި ތިން ކުދިން ރަށުގެ ޚަބަރު ދަބަރު އޮޅުންފިލުމުން ކިޔެވޭނެ ގޮތެއްވެސް ބައްޕަ ބެލޭނެ ޚަރަދެއް ވެސް ލިބެން ނެތުމުން ދަތުރުކުރާ ބަޔަކާއި ވާހަކަދައްކައި ބައްޕަ ރަށަށް ގެންގޮސްދޭން އެދުމުން އެމީހުން ޙަސަންބެ ގޮވައިގެން ފުރައިފި އެވެ. އެމީހުން ކައިރީ ބުނެފައި އޮތީ ރަށަށް ދިއުމުން ބައްޕައާއި ހަވާލުވާނެ މީހުން އަންނާނެއެވެ. ކަލޭމެން ބޭނުންކަމެއް ވެސް ކޮށްދޭނެ އެވެ. ޙަސަންބެގެ ދަރިންވެސް އެކުދިންގެ ބައްޕަ ގޮވައިގެން ރަށަށް ނައިސް ބޮލުން ނައްޓައިލީ އެވެ. މަންމައާއި ބައްޕަ ބެލުމުގެ ބުރައިން ސަލާމަތް ވީއެވެ.
   
ޙަސަންބެ ގޮވައިގެން ދިޔަދޯނި އެރަށަށް ދިޔައީ ކުރިން އިވިފައި ހުރި އަޑުތަކަށް ހެއްލެވި ފޮނި އުންމީދުތަކާއި އެކުގައެވެ. އެކަމަކު އެންމެފަހުން ވީގޮތަކަކީ މުއްސަނދި ޙަސަނު އެއްފަޅި ވާގިނެތިފައިވާ ޙަސަނަކަށް ވުމުން އެކަމާއި ބެހޭމީހަކު ނެތުމުން އެންމެ ފަހުން ޖެހުނީ ރަށު ވެރިން ހޯދައިގެން ޙަސަންބެ ރަށަށް ބާލާށެވެ. ދެން ރަށު ވެރީން  ރައްޔިތުންގެ ބަޔަކު ގޮވައިގެން ނުކުންނަވައި ޙަސަންބެ ބާލައިފި އެވެ. ދެން ވެރިންގެ އެހީތެރިކަމާއިއެކު ބަޔަކު ނުކުމެ މާވަހަރުގޭ ފިހާރައިގެ ހަނި ގުދަނެއް ތާހިރުކޮށް ބާ ޓިނުކޮޅަކާއި ދަނޑިކޮޅަކުން ހިޔާކޮށް ތަޅުންމަތީ ރަނގަޅު ތަންމައްޗެއް ހަދައިފައި އެ ތަންމަތީގައި ޙަސަންބެ ބާއްވައިފި އެވެ. ދެން އެހިސާބުގަނޑުގެ އަވަށްޓެރިންކުރެ ދޮންކާސިމްބެއްޔާ ގެއިންނާއި ކުޑަތައްޚާނު ގެއިންނާއި މިކަހަލަ ބަޔަކު ކާއެތިކޮޅާއި ބޯފެންފޮދު ދިންކަމަކު ރަނގަޅަށް ބަލައި ބަލަހައްޓާނެ މީހަކު ނެތި އެއްލައިލެވިފައި އޮވެއެވެ. މެހި ، މަދިރި ، ކުރަފި ، ހޯނު ފަދަތަކެތި ގަޔަށް ޖެހި އެތަކެތި ފަހައިނުލެވޭފަދަ ޙާލެއްގައި އޮންނަން ޖެހުމުން އެލިބޭ ޢަޛާބަކީ ވެސް ......... نعوذ بالله އެވެ. انّ فى ذالك لعبرة الخ

(ވާހަކަ ނިމުނީ)

ނޯޓު: މި ވާހަކައިގެ މުއައްލިފު ވިދާޅުވާ ގޮތުގައި މި ވާހަކައަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެވިފައިވާ ޙަޤީޤީ ވާހަކަ އެކެވެ. ވާހަކައިގައި ހިމެނޭ ބައެއް މީހުންގެ ނަން ވެސް އޭގެ އަސްލު ގޮތުގައި ހިމެނިފައިވާނެ އެވެ. ފަންވަތުގައި މި ވާހަކަ ޝާއިޢު ކުރުމަށް ކިޔަމުން ދިޔައިރު، ދިވެހިންގެ ރޯފިލުންކުޑަ ޒަމާނުގެ ބައެއް ގަބޫލުކުރުންތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިތައް ސިފަކުރައްވާފައިވާލެއް ފުރިހަމަ ކަންފާހަގަ ކުރެވުނެވެ. ކަންކަމުގައި ބޭނުން ކުރައްވާފައިވާ އަސްލު ފަންނީ ނަންތަކެވެ. މަސައްކަތްތަކުގެ ތަފުސީލުތަކެވެ. ރަށްފުށުގެ އެވޭލާ ދިރިއުޅުމުގެ އުސްލޫބުތަކާއި އުޅުންތަކާއި ގުޅުންތަކެވެ. މިތުރުވެރިކަމާއި ހަތުރުވެރިކަމެވެ. ޞުލްޙަޔާއި ފިތުނަ އެވެ. ހަމަ އެހެންމެ ފަންޑިތަވެރިންގެ ނަމުގައި ބައެއް ކަހަލަ ކަންވެރިން ނަގައިފައިވާ ނާޖާއިޒުފައިދާތަކާއި އެފަދަ މީހުންގެ ހެއްވާ ވިސްނުންތަކެވެ.

ވާހަކަ ނިންމަވާލައްވާފައިވަނީ އެ ފަދަ ހުރިހައި ކަމެއްގެ މައްޗަށް ކިޔުންތެރިން ހޭލައްވައި، ހުރިހާކަމެއްގައި މާތް ﷲއަށް ވަކީލުކޮށް އެކަލާނގެ ހަޟްރަތުން މަދަދާއި ތައުފީޤަށް އެދުމުގެ މުހިންމުކަން ބަޔާން ކޮށްދެއްވަމުންނެވެ. ވިސްނާ ފިކުރުކުރާބަޔަކަށް ޢިބްރަތްތަކެއްވާކަން ކަށަވަރެވެ.

= ފަންވަތް =

ހަމަމިގަލަމުން

އިދާރާ

ވާހަކަ