Print

ދިވެހިރާއްޖެއާއިމަލިކު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް



އިސްބަހެއް

ޑރ. މުނީރު  (މަލިކު)

އަލްފާޟިލްމޫސާ އަންވަރަކީ މާލެ އިސްދޫގޭ މޫސާމަނިކުގެ (އަތިރިގަނޑުވަރުގޭ ބާގޭދޮންމަނިކުފާނު) ގެ ބޭފުޅެކެވެ.މިޢާއިލާއިން1948 އާއި ހަމައަށް މަލިކުގައި ވެރިކަންކުރިއެވެ. އފ.މޫސާ އަންވަރު ނިސްބަތް ވެގެންވަނީ ، މާލޭ މަޑުފެހި ޢާއިލާއަށެވެ.

އފ.މޫސާ އަންވަރު ތަޢުލީމު ޙާޞިލުކުރެއްވީ، ވެއްލޫރުގެ ބާގިޔާތުއްޞާލިހާތުންނެވެ. އެއީ، ޖަވާހަރްލާލު ނެހުރޫމެންގެ ދުވަސްވަރެވެ. އިންޑިޔާ، އިނގިރޭސީންގެ އަތްދަށުން މިނިވަންވުމުގެ ހަރަކާތްތައް އެންމެ ވަރުގަދައަށް ހިނގަމުން އައިދުވަސްވަރެވެ.

1964ގައި މޫސާ އަންވަރު ލަކްޝަދީބުގެ ސަރުކާރުން ޖަލަށްލެއްވިއެވެ. އެއީ އިންޑިއާގެ މިނިވަންކަމުގެ ހަރަކާތަކާ ގުޅިގެންނެވެ. ޖަލުގައި 3 އަހަރު ހޭދަ ކުރެއްވިއެވެ. އޭނާއަކީ ރަނގަޅު ނިޔަންމެކެވެ. ނިޔަމިކަން ދަސްކުރެއްވީ އޭނާގެ ބައްޕަގެ އޮޑީގައި ދަތުރުކުރެއްވުމުގެ ތެރޭގައެވެ. އޭނާގެރަނގަޅު ދަތުރު ފެށުނީ އިންޑިއާ މިނިވަންވި ހިސާބުންނެވެ. ފަހުން ބޯޓުދަތުރުކުރާ މީހެއްގެ ގޮތުގައިވެސް އުޅުއްވިއެވެ. ބޮމްބޭ މިނިކޮއި ސީމެނުންގެ ޖަމުއިއްޔާގެ ކަންތައް ބަލަހައްޓަވަންވެސް އޭނާ ހުންނެވިއެވެ.

އުމުރުގެ ފަހުބައި ހޭދަކުރެއްވީ ގަޑިހެއްދެވުމާއި ކުދިބޯޓުގެ މޮޑެލް ހެއްދެވުމާއި، އިލެކްޓުރޯނިކު ބައެއްތަކެތި ހެއްދެވުމާއި ފަހާފޮށީގެ ޓެކްނިކަލް ކަންތަކުގައެވެ.

ލިބިވަޑައިގަންނަވާ ހުސްވަގުތު ހޭދަކުރައްވަނީ ދީނީ ފޮތްތައް މުޠާލިއާކުރެއްވުމުގައެވެ. ކުދި ބޯޓު މޮޑެލް ހެއްދެވިއިރު އޭނާ 1943 ގައި ފުރަތަމަ މާލެ ވަޑައިގެންނެވި ބޯޓުގެ މޮޑެލްވެސް އެގޭގައި އެބަހުއްޓެވެ.


ފެށުން

މަރުޙޫމު މޫސާ އަންވަރު ޢަބްދުﷲ ޞާދިޤަށް ދެއްވި ބަސްދީގަތުމުގައި އޭނާގެ ބައްޕަގެ ދުވަސްވަރު ކަންތައް ހުރިގޮތާއި އަދި އޭނާގެ ދުވަސްވަރުގެ ވާހަކަތަކާއި، އެދުވަސްވަރު މަލިކާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮންނަ ގުޅުމާއި އަދި ދަތުރުފަތުރު އޮންނަ ގޮތާއިމެދު ވަރަަށް ތަފުސީލުކޮށް ވިދާޅުވެދެއްވިއެވެ. މިވާހަކަތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި  އައްސުލްތާނުލް މުކައްރަމު  މުޙައްމަދު އިމާދުއްދީން 3 (ކޮރު ބަންޑާރައިން ) ހައްޔަރުކޮށްގެން މަލިކަށް ގެންދިޔަ ވާހަކައާއި އަދި އޭނާ މަލިކުން ދިވެހިރާއްޖެޔަށް ގެންނެވުމަށް ދިވެހި ސަރުކާރުން މަލިކު މީހެއްގެ އެހީއާއި އެކު ބައެއް ފޮނުވައިގެންކުރެއްވި މަސައްކަތްތައް ނާކާމިޔާބުވެގެން ދިޔަގޮތާމެދުވެސް ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައިވެއެވެ.

މޫސާ އަންވަރު ވިދާޅުވިގޮތުގައި އޭނާގެ ބައްޕަގެ ފަރާތުން އެނގިވަޑައިގެންފައިވާގޮތުން އިހު އެޒަމާނުގައި ދިވެހިރާއްޖޭގެ ސަރަހައްދެއް ކަމަށް ބުނެވެނީ "މަލިކައްޑޫ މިދެމެދު " މިހެންނެވެ. އެއީ ލޯމާފާނުތަކުގައި އެގޮތަށް ލިޔުއްވާފައިވާކަމަށް ބުނާވާހަކަ އޭނާގެ ބައްޕަ އަޑުއައްސަވާފައިވާ ކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ. މޫސާ އަންވަރުވެސް ވަނީ އޭނާގެ ބައްޕަގެ ނަވުގައި މަލިކާއި، އިންޑިޔާއާއި އަދި ދިވެހިރާއްޖެޔާ ދެމެދުގައި ދަތުރުކުރައްވާފައެވެ. އެދުވަސްވަރަކީ 1940ގެ ދުވަސްވަރެވެ. މަލިކާއި ދިވެހިރާއްޖެއާ ދެމެދުގައި އާދަކާދަތަކުގެ ގޮތުންނާއި އަދި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި އޮންނަ ގުޅުމުން މަލިކަކީ ކޮންމެވެސް ދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ރަށެއްކަން ހުރިހާގޮތަކުންވެސް ވަރަށް ސާފުކޮށް އެނގެން އޮތްނަމަވެސް ވެރިކަމުގެ ގޮތުން އޮންނަ ހުރިހާ ގުޅުންތަކެއްވެސް، އެދުވަސްވަރު ވަނީ ކެނޑިފައެވެ. މިގުޅުންތައް ކެނޑިފާވަނީ ކޮންގޮތަކަށްކަމާއި އަދި ކޮން ދުވަސްވަރެއްކަމެއް ތާރީޚަކުން އެހައި ސާފުކޮށް އެނގޭކަށެއްނެތެވެ.

މޫސާއަންވަރު ވިދާޅުވިގޮތުގައި  ލިބެންހުރި މައުލޫމާތުތަކަށް ބަލާއިރު މަލިކުމީހުންވަނީ އަބަދުވެސް ދިވެހި ސަރުކާރުގެ ހުކުމަށްކިޔަމަން ނުވާ ބައެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ އޭނާ ސިކުނޑި ގަބޫލުކުރާގޮތުގައި އެގޮތަށްއެކަންވުން އެކަށީގެންވާ ކަމުގައެވެ. މޫސާ އަންވަރަކީ ވިޔަފާރި ކުރެއްވުމަށްޓަކައި އޭނާގެ ބައްޕަ އަރިހުގައި އިންޑިއާގެ އެކި ސަރަޙައްދުތަަކަށް ދަތުރުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިންޑިޔާގެ ދަތުރުވެރިންނާއެކު މާލެއަށްވެސް ވަނީ ދަތުރުކުރައްވާފައެވެ. އޭނާގެ ބައްޕަގެ ނަވުގައި ބޮމްބާ ( އިންޑިޔާގެ މިހާުރުގެ މުމްބާއީ) ގެ ވިޔަފާރިވެރިން ކަންނަންނޫރުން ހަނޑޫ ހިފައިގެން މާލެއަށް ދަތުރުކޮށް އުޅެއެވެ. އެމީހުން ވިޔަފާރިކުރާއިރަށް ހަދާމަކަރުތަކާ މެދު އޭނާ ވިދާޅުވެދެއްވިއެވެ. އެބައިމީހުން ކައްޓާއިން ތަކެތި ކިރާއިރު އަނެއްފަރާތުގެ ދަށުން މަރަވަޅީގެ ކޮޅުން ގާތްގަނޑަކަށް ފަސްވަރަަކަށް އިންޗި ހިއްލާލާނެއެވެ. މިގޮތަށް ހެދުމުން ތަކެތި ގަންނަ މީހާއަށް އެލިބެންވާ ވަރަކަށް ނުލިބެއެވެ. މީގެ ސަބަބުންވިޔަފާރި ވެރިންނަށް ވާ ފައިދާ ވަރަށްބޮޑެވެ. އެދުވަސްވަރު މާލޭގައިވެސް މިކަންތައް ހިނގައެވެ. އަދި މިފަދަ ކަންތައް މާލޭގައި ހިނގާކަން މަލިކު މީހުންވެސް ދަނެއެވެ.

ދެވަނަ ސަބަބަކަށް މޫސާ އަންވަރު ދެކެވަޑައިގަތީ އެދުވަސްވަރު ދަތުރުފަތުރުގައި އޮންނަ ދަތިކަމެވެ. މަލިކުން ކަންނަންނޫރަށް ދަތުރުކުރުމާއި މަލިކުން މާލެއަށް ދަތުރުކުރުމުގައި އޮންނަ ދުރުމިން ދާދިއެއްވަރެވެ. އަދި އެއްވެސް ނޫނެވެ. ކަންނަނޫރަށް ގޮސް ވިޔަފާރިކޮށްފިނަމަ އެއްޗެތިވެސް މާލެއަށްވުރެ އަގުހެޔޮކޮށް ލިބެއެވެ. އަދި އެއިންވާ ފައިދާވެސް މާ ބޮޑެވެ. އެހެންކަމުން މަލިކުމީހުން ވިޔަފާރީގެ މުދާ ގެނައުމަށް މާލެއަށްވުރެ ބޮޑަށް އިސްކަންދެނީ ކަންނަނޫރަށެވެ. ނަތީޖާއެއްގެ ގޮތުން މާލެމީހުން މަލިކު މީހުންނާއި މެދު ދެކެނީ ނުބައި ބައެއްގެ ގޮތުގައެވެ. ނަމަވެސް މޫސާ  އަންވަރު ވިދާޅުވި ގޮތުގައި އެކަމުގައި އެއްވެސް ކަހަލަ ޙަޤީޤަތެއްނެތެވެ. އޭނާ ވިދާޅުވިގޮތުގައި މަލިކުމީހުން ދުވަހަކުވެސް ކެއްސެއްވެސް އަދި ބޮނޑިއެއްވެސް  ނުދޭނެއެވެ. އެމީހުން ކަންތައް ކުރާނީ ރޭވިފާ އޮންނަ ގޮތަށެވެ. ޙަޤީޤަތުގެ ގޮތްމަތިންނެވެ. އަދި އެކަމެއްފުރިހަމަކުރުމަށް ޖެހުނު އެއްޗެއް ފުނޑު ފުނޑު ކޮށްފައިވެސް އެކަމެއް ކުރެވޭތޯ މަސައްކަތްކުރާނެއެވެ. މިހުރިހާ ކަމަކަށްބަލާއިރު މަލިކުމީހުން ދިވެހި ސަރުކާރުގެ ޙުކުމަށްކިޔަމަން ނުވެއޭ ބުނާ ބުނުމަކީ ހަމަތެދު ކަމަށް ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެދުވަސްވަރު ދެފަރާތް ދެފަރާތް ބަދުނާމުކޮށް ބުނެވޭ ދެބުނުމެއް އޮންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާލޭ މީހުންބުނަނީ މަލިކުމީހުންނަކީ ދެބައިވަގުން ކަމަށެވެ. މަލިކު މީހުން ބުނަނީ "ދިވެއްސެއްތަ؟ ދޭނީ ކެއްސެއް" މިހެންނެވެ.

މޫސާއަންވަރު ވިދާޅުވިގޮތުގައި އިހުޒަމާނުއްސުރެ ވިޔަފާރީގެ ގޮތުން މަލިކާއި ކަންނަނޫރާއި ދެމެދުގައި އޮންނަ ގުޅުން ވަރަށް ބޮޑެވެ. ކަންނަންނޫރުގެ އަލީރާޖާ މަހަލްދީބުގެ ވާހަކަތައް އަޑުއަހައި މަޢުލޫމާތުތައް ސާފުކުރީ މަލިކުމީހުންނާއި ބައްދަލުކޮށްގެން ކަމަށްބުނެވެއެވެ. އޭނާގެ ބައްޕަގެ ފަރާތުން އެނގިވަޑައިގެންފައިވާ ގޮތުގައި ދިވެހިރާއްޖެއަށާއި އަދި ރާއްޖޭގެ އަތޮޅުތެރޭގައި ދަތުރުކުރުމަށް ކަންނަނޫރު އަލީރާޖާގެ ލަޝްކަަރަށް މަލިކުބޮޑުވެރިންނާއި އަދި މަލިކު ރައްޔިތުން ވަނީ ވަރަށް ބޮޑަށް އެހީވެދެއްވާފައެވެ. އެހެންކަމުން ހަދިޔާއެއްގެ ގޮތުން ކަންނަނޫރުގެ ގަނޑުވަރުތެރޭގައި  މަލިކުވެރިންގެ ނަމުގައި ބޮޑު ގެއެއްވެސް އަޅުއްވައިދެއްވިއެވެ. އެތަަނަށްޒިޔާރަތް ކުރެއްވިއިރު އެގެތެރޭގައި ޢަރަބިއަކުރުން " ވަލިޔަ އާމިން މަނިކުފާން" މިހެން ލިޔުއްވާފައިވާތަން ފެނުނުކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ.

މިސާލުބަހެއް

މަލިކުމީހުންނަކީ ދިވެހިރާއްޖޭގެ އަތޮޅުތެރޭގައި އޮޑިފަހަރު ދުއްވަން ފަރިތަބައެކެވެ. އަލީރާޖާ މަލިކަށް ފޮނުވި ކޮންމެ އޮޑިޔަކަށް މަލިކުން މާލިމީއެއް އެހީވެދިނެވެ. އެފަތޭމާރިތައް ރާއްޖެތެރޭ ރަށްރަށަށް ގޮސް ކޮންމެ ރަށަކަށް  އެރުމަށްފަހު އަލިފާންޖެހިއެވެ. މިހެންހެދީ އެމީހުން އެރަށަށް އެރިކަން އެހެން މީހުންނަށް އަންގައިދިނުމަށާއި، އަދި އެރަށަށް ނާރާ އެހެން ރަށްރަށާއި ދިމާއަށް އަވަސްކޮށްލުމަށްޓަކައެވެ. މޫސާ އަންވަރުގެ ދުވަސްވަރުގައިވެސް މަލިކުގައި މިހާދިސާއާއި ގުޅުވާލައިގެން މިސާލުބަހެއްގެ ގޮތުގައި "ހީވަކިމައިދާތަ ހޮޅިންނަށް އަވަސްކޮށްލިހެން އަވަސްކޮށްލިޔޭ" މިހެން ކިޔާ އުޅޭކިޔާކަމަށް އޭނާ ވިދާޅުވިއެވެ. މިކަންތައް ހިނގައިދިޔަގޮތްވެސް އޭނާ ތަފުސީލު ކުރެއްވިއެވެ.

ހޮޅިން އަތޮޅުތެރޭގެ ރަށްރަށަށް އަރާފައި އަލިފާންރޯކުރަންފެށީމާ ހީވަކިމައިދާތަ އެރަށުގެ ކުދީންނަށް ގޮވާފައި ހޮޅިން އެގޮތަށް އަލިފާންރޯކުރާކަމާ މެދު ވިސްނައިދީ އަވަސްގޮތަކަަށް އެރަށު ގޮނޑު ދޮށުގައި އަލިފާން ރޯކުރުމަށް އެންގިއެވެ. ނަތީޖާއެއްގެ ގޮތުން ހޮޅިން އެރަށަށްނާރައި އަވަސްކޮށްލާފައި ހިނގައްޖެއެވެ. މިގޮތަށް ކޮންމެ ކަމެއްވެސް އަވަސްކޮށްލައިފިނަމަ ނޫނީ ރަނގަޅަށް ނުކޮށް މަތިއޮމާންކޮައްލައިފިނަމަ މިސާލުބަހެއްގެ ގޮތުގައި "ހީވަކި މައިދާތަ ހޮޅިންނަށް އަވަސްކޮށްލިހެން އަވަސްކޮށްލީޔޭ" މިހެން ކިޔާއުޅެއެވެ.

ހޮޅީން ރާއްޖެތެރެ އަތޮޅުތަކުގައި ހުރި ރަށްތަކަށް އަރަމުން ގޮސް މާލެއަށް އަރައި ހަނގުރާމަކޮށް ދިވެހި ލަޝްކަރުބަލިކުރިއެވެ. ދެން މާލޭގައި ކަންތައް ބެލެހެއްޓުމަށް ކަނަކުފޫޅާ އަދި ދިހަވަރަކަަށް ހޮޅިން ބައިތިއްބާފައި އެދުވަސްވަރު ރަސްކަމުގައި އިންނެވި އައްސުލްތާން މުކައްރަމު  މުޙައްމަދު އިމާދުއްދީން 3 ނުވަތަ ކޮރުބަންޑާރައިން ހައްޔަރުކުރައްވައިގެން ދެންތިބި މީހުން ދިޔައީ ކަންނަންނޫރަށެވެ. ދުވަސްކޮޅެއް ފަހުން ކޮރު ބަންޑާރައިން މަލިކަށް ފޮނުވާލެއްވިއެވެ. މާލޭގައި ހޮޅީންނާއި ދިވެހި ލަޝްކަރާއި ދެމެދުގައި ހިނގި ހަނގުރާމަޔާގުޅިގެން ކިޔައިއުޅޭ ރައިވަރެއްވެސް މޫސާ އަންވަރު ހަނދުމަކުރެއްވިއެވެ. ފެށޭ ބަސް ހަނދުމަނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"ގޮސް އުންޑަ ލައިގަތީއްޔެ"
     ހޮޅިންގެ ގުރާބު ތުނޑުގައްޔެ"
 

މުލީގެ ދޮން ހަސަން މަނިކުފާނު

ހޮޅިން ރާއްޖެ ހިފުމަށްފަހު އެދުވަސްވަރު މާލޭގައި ކަންތައް ހިނގައިދިޔަ ގޮތާއި އަދި ތިންމަހާއި ވިހިދުވަސް ފަހުން ހަމައެއަހަރުގެ ޖުމާދުލްއާޚިރާ ތިނެއްވީ އާދިއްތަ ވިލޭރޭ، މަޝްހޫރު މުލީގެ ދޮންހަސަންމަނިކުފާނު ގެ އިސްވެރިކަމުގައި އެރޭ 9 ޖެހިއިރު ގަނޑުވަރު ދޮރޯށި ހުޅުއްވައިގެން ވަދެވަޑައިގެން މަލަބާރިންނަށް ހަމަލާދެއްވައި ރާއްޖޭގެ މިނިވަންކަން ދިވެހިންގެ މައްޗަށް އަނބުރާ ގެނެސްދެއްވި ވާހަކަވެސް މޫސާ އަންވަރު ތަފުސީލުކުރެއްވިއެވެ.

ކޮރު ބަންޑާރައިން މަލިކުގައި

ދޮންހަސަން މަނިކުފާނު ރާއްޖޭގެ ރަސްކަމާއި ހަވާލުވެވަޑައިގެން ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު  ކޮރުބަންޑާރައިން މަލިކުގައި ބަހައްޓަވާފައިހުންނެވި ޚަބަރުލިބުނެވެ. ދެންއޭނާ ވިސްނާ ވަޑައިގަންނަވަން ފެއްޓެވީ މަލިކުން އެރަދުން މާލެއަށްގެންނަވާނެ ގޮތަކާއި މެދުގައެވެ. އެދުވަސްވަރު ކަޅުދާގޯތި މުޙައްމަދު ބޭބެ ކިޔާ މީހަކު މާލޭގައިއުޅުނެވެ. ވިޔަފާރިކުރުމަށްޓަކައި މުޙައްމަދުބޭބެ މާލޭގައި އުޅޭތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ. މަލިކުމީހަކު މާލޭގައި އުޅޭ ޚަބަރުލިބިވަޑައިގަތުމުން އެމީހާޔާއި ޙަސަންމަނިކުފާން ބައްދަލުކުރައްވައި ކޮރު ބަންޑާެރައިން މަލިކުން މާލެއަށް ގެންނެވުމަށް އެހީވެދިނުމާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. މުހައްމަދުބޭބެ މިކަމަށް އެއްބަސްވުމާއެކު ޙަސަންމަނިކުފާނު އޮޑިޔަކާއި މީހުންނާ އަދި އެއްޗިހިވެސް ދެއްވިއެވެ. އަދި މީގެ އިތުރުން މުޙައްމަދު ބޭބެއަށް ވަކިން ހަދިޔާއެއްވެސް ދެއްވިއެވެ. އެއޮޑީގައި ދިވެހިންނާއި އެކު އެމީހުންނަށް އެހީވެދިނުމަށް ރަސްގެފާނަށް ޙާއްޞަކޮށް އެފްރިކާއިން ގެންނަވާފައިވާ ދެތިން މީހުންވެސް ފޮނުއްވިއެވެ.

މުޙައްމަދުބޭބެ އިސްވެރިކަމުގައި މާލެއިން ފުރި މިއޮޑި މަލިކާއި ހަމައަށް ހިނގައްޖެއެވެ.  ނަމަވެސް ސިއްރުންކުރާކަމަކަށް ވުމާއެކު ރަށާ ކައިރިކުރީ ރޭވެ އަނދިރިވީމައެވެ. ރަށްމެދު އަވަށު ފުރުވަށުގައި ކަނޑުފަނައެއް ޖައްސާފައި އެތާނގައިހުރި ރަނިކަގަހަކަށް ފުށުވަލެއް އަޅާފައި އޮޑީގައި ތިބިމީހުން އެވަލުގައި އެލެމުން އެލެމުން ރަށަށްފޭބީއެވެ.

މޫސާ އަންވަރު ވިދާޅުވިގޮތުގައި އެއްގަމަށް ފޭބިއިރު ގާތްގަނޑަކަށް ގަޑިން ރޭގަނޑު ބާރަޖަހާފާނެއެވެ. ދެން މުޙައްމަދު ބޭބެ އަވަސްވެގަތީ އެމީހުން ގޮވައިގެން ބޮޑުކަނބޯގޯއްޗާ ދިމާއަށް ދިޔުމަށެވެ. އެއީ ކޮރު ބަންޑާރައިން ބަހައްޓާފައިވާ ގެއެވެ. އެތަނަށް ދެވުމުން ދެން އެމީހުންނާއިކަންތައް ހަވާލުކޮށްފައި މުޙައްމަދުބޭބެއަށް އޭނާގެ ގޭގެ މީހުންގެ ހާލު ބަލާލަން ބޭނުންވާކަމަށް ބުނެ ވަރަށް އަވަސްކޮށްލާފައި ގެޔާދިމާއަށްދިޔައެވެ. ނަމަވެސްދެން ކަންތައް ހިނގީ އެހެން ގޮތަކަށެވެ. މުޙައްމަދުބޭބެ ދިޔައީ ގޭތެރެ ޙާލުބަލާކަށް ނޫނެވެ. ބޭބެ ދިޔައީ މަލިކުގައި ހުރި ނުވަ އަވަށު ބޮޑުކާކަމެންނާ ( އަވަށުވެރީންނާ) ބައްދަލުކުރާށެވެ.

އެވެރީންނާއި ބައްދަލުކޮށް ކޮރު ބަންޑާރައިން މާލެއަށް ގެންދިޔުމަށް މާލެއިން ބަޔަކު އައިސްގެންއުޅޭ ޚަބަރުދިނެެވެ. ދެން އިވުނީ ކޮއިލަމަށް ކަށިގަނޑު ގޮއްވާލި އަޑެވެ. (ރަށު އެންމެން އެއްކުރުމަށް އަންގާ އެންގުމެއް ). އެ އަޑަށް ރަށުހުރިހާ އެންމެންތައް އެތަނަށް އެއްވެއްޖެއެވެ. ދެން އެ ހުރިހާ މީހުން ވީހާވެސް އަވަހަކަށް ދާންފެށީ ރަށްމެދު ފުރުވަރާ ދިމާއަށެވެ. އެމީހުންނަށް ކޮރުބަންޑާރައިންނާއި އަދި އެކީގައި ތިބި މީހުން އަތުގައިޖެހުނީ ރަށްމެދު ފުރުވަށަށް ފައިބާ މަގުގައި އޮންނަކުޑަ ފެންބޯވަޅުކައިރިންނެވެ. މީހުންތައް ފެނުމާއެކު އެކަމުގެ ނުރައްކާ ވިސްނާފައި ކޮރުބަންޑާރައިން ދޫކޮށްލާފައި އެކީގައި ތިބި މީހުންދުވީ ފުރުވަށު ގޮނޑުދޮށުގައި ބަނދެފައި އޮތް އޮޑިޔަށް އަރާށެވެ. ކޮރުބަންޑާރައިން އަތުގައި ޖެހުމުން އެމީހުންތައްވެސް ތިބީ ހިތްހަމަ ޖެހިފައެވެ. އެތަނުންސަލާމަތްވެގެން ދިޔަ މީހުންތައް ލަސްނުކޮށް އެއޮޑީގައިމެ މާލެއަށް ފުރައިފިއެވެ.

މުހައްމަދު ބޭބެ އޭނާ ކޮށްދިން މޮޅުކަމަށް މަލިކުމީހުން އަތުންވެސް އެތިކޮޅެއް އަތުލައިިފިއެވެ. މާލެއިން ލިބުނު ހަދިޔާކޮޅާއި މަލިކުންލިބުނު ލާރިކޮޅާއި ވީއިރު ބޭބެޔަށް މާލެއަށް ނުގޮސް އުޅެވޭވަރުވެއްޖެއެވެ. ދެން އެހެން ހުންނަވައި ކޮރު ބަންޑާރައިން އަވަހާރަވީ މަލިކުގައެވެ. އެއީ ހ 1170 ޝައްވާލު މަހު 7 ކެވެ. (މ 1757 ) .

މޫސާ އަންވަރަކީ މަލިކުގައި ޚަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޚަތީބަކަށް ހުންނެވި ދުވަސްވަރުވެސް ކޮރުބަންޑާރައިންގެ މަހާނަގާ މަލިކުގައި ހުރިކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ. އަދި މާލެ ކަކާގޭ އަޙުމަދު ޙިލްމީ މަލިކަށް ވަޑައިގެންނެވި ދުވަސްވަރުވެސް އެމަހާނަގާ ހުރިކަމަށްވެއެވެ. ނަމަވެސް މިހާރު ކޮރުބަންޑާރައިންގެ މަހާނަގާ ފެންނާކަށެއް ނެތެވެ. މޫސާ އަންވަރު ވިދާޅުވިގޮތުގައި ޚަތީބަކަށް ހުންނެވި ޢަލީ އިސްމާޢީލް ކުރެން އެކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމުން އެނގުނީ މަލިކު މާމިސްކިތް ބޮޑުކުރުމަށް އެތަނުން އެގާނެގި ކަމަށެވެ. ދެންއެވީ ނުވީއެއް ނޭންގުނެވެ.
ކޮރު ބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރުގައި ކަންނަންނޫރު އަލީރާޖާ ދިވެހިރާއްޖެއަށް ދިންހަމަލާގައި މަލިކުމީހުންވަނީ އަލީ ރާޖާއަށް ވަރަށް ބޮޑަށް އެހީވެދީފައެވެ. މަލިކަކީދިވެހިރާއްޖޭގެ އުތުރު އަތޮޅުތަކާއި ތަންކޮޅެއް ފޭގައި އޮންނަ ރަށަކަށް ވުމުންނާއި އަދި އެދުވަސްވަރު ދަތުރުފަތުރުގައި އޮންނަ ދަތިކަމުގެ ސަބަބުން ދިވެހި ސަރުކާުރުގެ ބާރުގެ ދަށުގައި މަލިކު ބާއްވަން ދިވެހި ސަރުކާރަކަށް މާފަސޭހައެއްނުވިއެވެ.މަލިކު މީހުންވަނީ މިކަމާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެއަށް ހަމަލާދޭ ކަންނަންނޫރު އަލީރާޖާމެންވެސް މަލިކު އެތައްފަހަރަކު އަތުލައިގަތެވެ. މިހެން ކަމުން މަލިކުވަނީ އަބަދުވެސް ދެފަރާތަށް ކިރި ކިރި އޮންނަރަށެއްގެ ގޮތުގައެވެ. ނަމަވެސް ތާރީޚުން ފެންނަ ގޮތުގައި މަލިކުމީހުން އަބަދުވެސް ދިވެހި ސަރުކާރަށް އިހުތިރާމްކުރެއެވެ.

ކަންމިހެންހުރި އިރު މަލިކު މީހުން އަލީރާޖާއަށް އެހީވެ ދިނީކީއްވެ ބާވައެވެ؟ ދިވެހި ތާރީޚަށް ބަލާއިރު ދިވެހި ރަސްކަމަށް އަބަދުވެސް ވަނީ ކަންނަންނޫރު އަލީރާޖާމެންގެ އުނދަގޫ ބޮޑުވެފައެވެ. އެމީހުންގެ އުނދަގޫތައް ބޮޑުވަމުން ދިވެހިރާއްޖޭގެ ރަދުން އައްސުލްތާން  އިބްރާޙިމްއިސްކަންދަރު 1 ( ހ 1058 – 1098 : މ 1648 – 1687 ) އެދުވަސްވަރު ކަންނަންނޫރު އަލީރާޖާގެ ރަސްކަމުގެ ދަށުގައި އޮތް މަލިކަށާއި އަދި ލެކެޑިވުސްއަށް ލަޝްކަރު ފޮނުއްވައި އެރަށްރަށުގެ ވެރިންނާއިއެކު މަލިކު ބޮޑުވެރިންވެސް ހައްޔަރުކުރައްވައިގެން މާލެގެންނެވިއެވެ. އަދި މަލިކާއި ލެކެޑިވުސް (ލަކުޑި ދީބު ) ދިވެހި ރަސްކަމުގެ ދަށަށް ގެންނެވި ކަމުގެ އިއުލާނެއްގެ ގޮތުން އަހަރެއްގެ މަތިން 12 ރިހިލާރި ދިވެހި ސަރުކާރަށް ދައްކާ ގޮތަށްވެސް ހަމަޖެއްސެވިއެވެ. އަދި އެއަށްފަހު މަލިކުވެރިން މަލިކަށް ފޮނުއްވާލެވުނެވެ.

ނަމަވެސް މަލިކު ބޮޑުވެރިން ހައްޔަރުކޮށްގެން މާލެއަށް ގެންދިޔުމާއި ގުޅިގެން މަލިކުމީހުން ތިބީ ވަރަށް ހިތްހަމަނުޖެހުމާއެކު އެކަމަށް ބަދަލުވެސް ހިފަން ބޭނުންވެފައެވެ. މަރުޙޫމް މޫސާ އަންވަރުގެ ބަސްދީގަތުމުންވެސް އެނގިވަޑައިގަންނަވާނޭފަދައިން މަލިކުމީހުންނަކީ އެމީހުން ކުރަން ބޭނުންވާ ކަމެއް ކިތަންމެ މުސީބާތްތަކަކާ ކުރިމަތިލައިގެންވެސް ކުރާނެބައެކެވެ. އަދި މަލިކު މީހުންނަކީ އިހުޒަމާނުއްސުރެ ދަތުރުފަތުރު ކުރުމުގައްޔާއި އަދި ނިޔަމިކަމުގައި މުޅި ދުނިޔޭގައިވެސް މަޝްހޫރުވެފައިވާ ބަޔެކެވެ. ދިވެހިރާއްޖެއަށް ތަޢާރަފުކޮށްދިނީ މަލިކުމީހުންކަމަށްވެސް ބައެއްލިޔުންތަކުން ފެންނަން އެބައޮތެވެ.
ވިޔަފާރީގެ ގޮތުން މަލިކުމީހުންނަށް މާލެޔާ އޮންނަ ގުޅުމަށްވުރެން ކަންނަންނޫރާ އޮންނަ ގުޅުން މާ ބޮޑެވެ. އަލީރާޖާ ވަނީ އެމީހުންނަކީ ނިޔަމިކަމުގައި މަޝްހޫރު ބައެއްކަމަށާއި އަދި ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ފަރިތަކަމާއިއެކު އޮޑިފަހަރު ދުއްވާ އުޅޭ ބައެއްކަމަށްވެސް އަޑު އައްސަވާފައެވެ. މިވާހަކަތަކުގެ އިތުރުން މަލިކުބޮޑުވެރިން ހައްޔަރުކޮށްގެން މާލެގެޔެސްދިޔުމާއި ގުޅިގެން މަލިކުމީހުންހިތްހަމަނުޖެހިފައިވާކަމާއި އަދި އެކަމަށް ބަދަލުހިފަންބޭނުންވެފައިވާކަން އެނގުމުން އެފުރުސަތު ނިކަން ރަނގަޅު ގޮތުގައި ބޭނުންކުރެއްވިއެވެ. ލަފާކުރެވޭގޮތުގައި މަލިކުމީހުން އަލީރާޖާއަށް އެހީވެ ދިނުމަށްއެއްބަސްވީ މަލިކުވެރިން ހައްޔަރުކޮށްގެން މާލެއަށް ގެންދިޔަ ހާދިސާއަށް ބަދަލުހިފުމުގެ ބޭނުމުގައެވެ. ކޮރު ބަންޑާރައިން މަލިކަށް ގެނެސް ބެހެއްޓީވެސް ހަމަ މި ސަބަބާ ހުރެއެވެ.

ކޮންމެއަކަސް މަލިކުގައި ތާރީޚުގެ ފަތްފުތްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން މިފަދަ އެތައްކަމެއް ވަނީ ޒަމާނާއެކު އަނދިރީތެރެއަށް ގެއްލިފައެވެ. ކޮރުބަންޑާރައިންގެ ވާހަކަވެސް ވަނީ ހަމަ މިފަދައިން ޒަމާނާއެކު އަނދިރީ ތެރެއަށް ގެއްލިފައެވެ.

ނޯޓު : މަލިކަކީ އިހު ޒަމާނުއްސުރެ ތާރީޚީގޮތުންނާއި އާދަކާދައިގެ ގޮތުން ދިވެހިރާއްޖެއާ ގުޅިފައިވާ ރަށެކެވެ. މަލިކުގައި ވާހަކަދައްކާ ބަހަކީ ހަމަ ދިވެހިރާއްޖޭގައި ވާހަކަދައްކާ ދިވެހިބަހެވެ. މޫސާ އަންވަރުގެ ބަސްދީގަތުމުން ލިބޭ މަޢުލޫމާތަށް ބަލާއިރު އެނގެނީ މަލިކުމީހުންވަނީ އަބަދުވެސް ދިވެހި ސަރުކާރުގެ އަމުރަށް ތަބާ ނުވެފައި ކަމަށެވެ.

ނިމުނީ    

އިދާރާ

ވާހަކަ