އަދުގެ ޚާއްސަ

Print

''ރާސްޓަސް'' އުފެދުނީ ނައިބުކަމާ ހިނގުމުގެ ތެރޭންނެވެ.

ޝާޢިއުކުރީ ޢަބްދުލްޙަކީމު ޙުސައިން މަނިކު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުލްޙަކީމު ޙުސައިންމަނިކު

ނައިބުކަމާ ހިނގުން


ނައިބުކަމާ ހިނގުމަކީ، އައްސުލްޠާނު މުޙުޔިއްދީނު ޢާދިލުގެ ރަސްކަމުގައި ވަރަށް ފެންކޮށް  ފެށުނުކަމެކެވެ. މުޙަންމަދު ޝަމްސުއްދީނު ތިނެއްގެ ރަސްކަން ފެށިގެން އައި ދުވަސްވަރު ނައިބުކަމާއި ހިނގުމުގެ ކީރިތިކަމާއި މޫރިތިކަން ވަރަށް މައްޗަށް ހިނގައްޖެ އެވެ. ފަނޑިޔާރުކަމުގެ ވަލީ ހަވާލުކުރައްވާފައި ހުންނަވަނީ ބަންޑާރަ ނައިބުމަނިކުފާނާ އެވެ. ނަންފުޅަކީ، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ބަންޑާރަ ނައިބުމަނިކުފާނެވެ.

ނައިބުކަމާ ހިނގާ ޖަމާޢަތް ވަރަށްބޮޑެވެ. ނައިބުބޭކަލުންނާއި ދެ އަވަށުގެ ދެ ޚަތީބުންނާއި ބެޑުބޭކަލަކު ހުންނެވިނަމަ އެބޭކަލަކާއި،  މަޖުލީހަށް އަރާބެކަލުންގެ މަދުވެގެން ބާރަ  ބޭކަލުންނާއި ދުއްރައެއް ހިފައިގެން ހުންނަ ދޭވާންޏަކާއި، މިއީ ހަނދާން ހުންނަ ވަރެވެ. ކޮންމެ ބޭފުޅަކު ވެސް ހުންނަވަނީ އެ ބޭކަލެއްގެ ރަސްމީ ހެދުމުގަ އެވެ. ބޮޑުނައިބު މަނިކުފާނު (ބޮޑުފެންވަޅުގޭ މޫސާދީދީ) ނައިބުފަތް ވިދާޅުވާ ބޭފުޅަކަށް ހަމަޖެހިފައި ހުރެ އެވެ. ޞަލާޙުއްދީން ލިޔުއްވައިދެއްވާފައި އޮންނަ ދީނީ ނަސޭތެއް ނައިބުފަތް ވިދާޅުވެ ނިމުނީމާ ކުޑަ ނައިބުމަނިކުފާނު އިއްވަވަ އެވެ. އޭރު އެ މަޤާމުގައި ހުންނެވީ އައްޝައިޚު ޢަބްދުލްޤައްޔޫމު، މި މަނިކުފާނެވެ. ވަރަށް މަދު މީހަކު ކުރިޔަށް ޖެހިލައިފައި ބުނެ އެވެ. އަޅުގަނޑުގެ ކުށްފާފަތައް ފިލުވައިދެއްވުމަށް އިސްލާމްދީނުގެ ހަންމުށިން ތަޢުޒީރުކޮށް ދެއްވުން އެދެމެވެ. ބޮޑުނައިބުމަނިކުފާނު ޙުކުމް ކުރައްވާނެ އެވެ. މަޑުމަޑުން ހަތްފަހަރު ދުއްރައިން ޖަހާލާނެ އެވެ. އެ މީހާގެ ހިތަށް ބިރުވެރިކަން ވަންނަނީ ކުޑަނައިބުމަނިކުފާނު އިއްވަވާ ދީނީ ނަސޭހަތުން ކުރާ އަސަރަކުންނެވެ.

ނައިބުކަމާއި ހިންގަވާ ބޭކަލުން ވެދެވަޑައިގަންނަވަން އޮންނަނީ އަވަށު މައިޒާންގެ އެވެ. ޖަމާޢަތް ބޮޑުވެގެން މައިޒާންގެއަކަށް ވެސް ނުތަކަ އެވެ. އެ އަވަށަކުން އެ އަވަށަކުން އެ އަވަށު މައިޒާން ދޮށަށް އެއްކޮށްފައި ތިބޭ މީހުން ވެސް ތިބެންޖެހެނީ އަރައިގެން އަންނަ އިރުގެ ގަދަ އަވީގަ އެވެ. އެ އަވަށަކުން އެ އަވަށު މައިޒާންދޮށަށް އެއްކޮށްފައި ތިބޭމީހުން ވެސް ތިބެންޖެހެނީ އަރައިގެން އަންނަ އިރުގެ ގަދައަވީގަ އެވެ.  ނައިބުކަމާ ހިނގާ ނިމެނީ، ހެނދުނު ނުވަޔަކުން މެންދުރު ބާރަޔަށެވެ. ހަސަންފަރީދު ރާއްޖޭގެ އެންމެ ބާރުގަދަ ވެރިޔަކަށް ވެއްޖެ އެވެ. އަންނަބީލު ޙަސަންފަރީދަށް މި ގޮތް ކަމަކު ނުދިޔަ އެވެ. އޭނާ ގަސްތުކުރެއްވީ އެންމެން ހިޔާވާވަރުގެ ބޮޑު ޓެންޓެއް ކޮންމެ އަވަށެއްގެ މައިޒާންދޮށުގައި ޖެހުމަށެވެ. މި ކަމުގެ ސާމާނު ބޮޑުބަނޑޭރިގެއިން ހަތަރު އަވަށު އަވަށުވެރިންނާއި ހަވާލުކުރައްވައިފި އެވެ. ކުރިން ދުވަހު ހަވީރުވެގެން  އަންނައިރު މައިޒާންދޮށުގައި މި ޓެންޓުގެ އޮނިގަނޑު ހަދާ ނިންމާފައި ބާއްވަންވާނެ އެވެ. ރިޔާކަނޑާފޮތިން ފަހާފައި އޮންނަ ބޮޑުސަނދުވާއެއް ކންމެ އަވަށަކަށް ވެސް ދެއްވާފައި އޮވެ އެވެ. މި ޓެންޓު ހަދާފައި ހުންނަނީ ދެ ފުރާޅުލީ ގެއެއްގެ ގޮތަށެވެ. ކައިރިތަކުގައި ހުޖންނަ ރޯނުތަކުން ނުވަތަ ނަނުތަކުން ދެފަރާތަށް ބަނދެލިޔަސް އަދި ވަޔާތަޅާނެތީ ބަނޑުވަރު އަޅާނެ މާރު ވެސް ދެއްވާފައި ހުރެ އެވެ.

ރާސްޓަސް


އެ ދުވަސްވަރު ގަލޮޅުގައި ހުންނަވާ އަވަށު ސަރުދާރަކީ އެ ދުވަސްވަރުގެ ގިނަ މީހުންނަށް ވުރެން ޢިލްމުވެރި ހޭލުންތެރި ބޭކަލެކެވެ. ބުނާތީ އަހަނީ ކިޔަވައިދެއްވީ މުންނާރު ތުއްތުމަނިކެވެ. ފަހުން އޭނާ ވަކީލުކަމުގެ ސަނަދު ވެސް ނެންގެވި އެވެ. ކޮންމެއަކަސް ނަސީބު ދިމާކުރިގޮތުން ސަރުދާރުކަލޭގެފާނަށް ފެނިވަޑައިގަތީ ސަތަރިދަމާލުން އެއީ މާ ކުޑަކަމެއް ކަމަށެވެ. ޓެންޓު ހުރީ ކުރި ދުވަހުއްސުރެ ހަދާފަ އެވެ. އަވަށުގެ ހަރުކުލައިގެ މީހުން މި ސާލަކަށް އެދުރުދީދީގެ ދޮންތުއްތުތުދީދީ ބޮޑިބަތް ކާސިންކަލޭގެފާނު، ދޮންމުދިންކަލޭފާނު މަސްއޮޑިހޮއްކޮ މި އެންމެ ކަލުން ވިދާޅުވަނީ ވަލުމައިޒާންދޮށުން މި މަގަށް އެޅޭއިރަށް ސަތަރި އޮންނަންވާނީ މުޅިން ފުރިހަމަވެފަ އެވެ. ސަރުދާރުކަލޭގެފާނު ބުނުއްވަނީ އެއީ އެވަރުކަމެއް ނޫނެވެ. ރާސްޓަސް މި ގޮތުން ނިންމާލެވިދާނެ އެވެ. ނައިބުކަމާއި ހިނގާބޭކަލުން ދުރުން ފެނިއްޖެ އެވެ. ދެން ވެސް ސަރުދާރުކަލޭގެފާނު ވިދާޅުވަނީ ރާސްޓަސް  މި ގޮތުން ނިންމާލެވިދާނެ އެވެ. ދެން ވަރަށް ގިނަ މީހުންގެ އެދުމަށް ސަރުދާރުކަލޭގެފާނު ވެސް އަމުރަށް ޒުވާނުން އެންމެން ސަތަރި ދެމުމުގެ މަސައްކަތް ފަށައިފި އެވެ. ވައި ވެސް ގަދަ ދުވަހެކެވެ. އެ އޮތް ބޮޑު ސަތަރީން ބަޑިތަޅައިގެންފި އެވެ.  ސަތަރި އޮތީ ނުދެމި އެވެ. ސަތަރި މައިތިރިކުރެވޭތޯ ވެސް ބަޔަކު މަސައްކަތް ކުރެ އެވެ. ވަހުގައި އެޅިފައި އޮތްކަމުން އޭތި ވެސް ބަޑިތަޅަނީ އެވެ.  ނައިބުފަތް ވެސް ކިޔަމުން ގެންދެ އެވެ. ސަތަރި ދެމުން ވެސް ހުއްޓުނީ އެވެ.

އޭގެފަހުން ''ރާސްޓަސް'' މިއީ މިސާލުބަހަކަށް ވެއްޖެ އެވެ. ބުނެއުޅޭނީ ތިހާ އަވަސްކުރާނެ ކަމެއް ނެތެވެ. ރާސްޓަސް މި ގޮތުން ނިންމާލެވިދާނެ އެވެ. އެދުވަސްވަރަކީ، މި އަދުން ފެށިގެން ފަސްދޮޅަހަކަށް އަހަރުގެ ކުރީގެ ދުވަސްވަރެއްކަމުގައިވާތީ، މިހާރު އޮންނާނީ އެއީ ކިހިނެއްވީ ކަމެއްކަން ޒުވާނުންނަށް ނޭނގިފަ އެވެ. މާވެވަށް ގެރިވެއްޓުމާއި، އާދަމުގެފާނޭ ފަޅޮލޭ ކިޔުމާއި މިއީ ވަރަށް އެއް ދުވަސްވަރެއްގައި ހިނގި ކަންތައްތަކެވެ.  މިތާ ދިވެހި ޢިލްމުވެރިއެއްގެ  ހެޔޮ ނަސޭހަތެއް ލިޔެލަމެވެ. އަލްއަމީރު މުޙަންމަދު އަމީނު ވިދާޅުވެ އެވެ. ''ވަގުތަކީ ވެސް ދެކޮޅު އޮންނަ އެއްޗެކެވެ. ކޮންމެކަމެއް ވެސް ކުރަންވާނީ އޭގެ ކުރީކޮޅުގަ އެވެ.'' ވަރަށް ވެސް ހެޔޮ ނަސޭހަތެކެވެ.

(ނިމުނީ)


ޢަބްދުލްޙަކީމު ޙުސައިންމަނިކު (2000). ފަތްތޫރަ (260). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.
ފޮޓޯ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

ނޯޓު: ފޮޓޯގެ ތަޢާރުފުގައި ލިޔެފައި އެވާ '' މެދާ މައިޒާން'' އެއީ ލިޔުމުގެ ކުށެއްކަމަށްފެނެ އެވެ. ރަނގަޅު ގޮތަކީ، ''މޭދާ މައިޒާން'' އެވެ. - ފަންވަތް -

އިދާރާ

އެނގޭތަ؟

ވާހަކަ