(ކޮން މީހެއް؟ (18)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
(05 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
މި ފަދަ ތަފާތު ޚިޔާލުތައް ނީނާގެ ހިތުގައި ބިރުވެރިކަމާއެކު ދައުރުވާން ފަށައިފިއެވެ. އަދި އެ ކޮޓަރީގައި ދެން އެންމެ ހިނދުކޮޅަކު ވެސް މަޑުކުރުމަކަށް ނީނާގެ ޒަމީރު ތަނެއް ނުދިނެވެ. އަދި އެ ނުރައްކާތެރި ތާނގައި އެންމެ ހިނދުކޮޅަކަށް ވެސް ނުހުރެ، ދާއޫދު ނާންނަނީސް އަވަހަށް ނުކުންނާން ގަސްތުކޮށްފިއެވެ. އެވަގުތު ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ނީނާ ފިހާރައިގައި ނެތީމާ ހޯދާންވެގެން މޫސާފުޅުބޭ އުޅެނީކަމަށް ހީކޮށް އަވަހަށް ބޮކި ނިއްވައިލުމަށްފަހު ދޮރުހުޅުވައިލިއެވެ. ނީނާއަށް ހީވީ ފައިތިލަދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ހިތް ނެގިނެގިފައި ޖެހެން ފަށައިފިއެވެ. ދޮރުގެ ދެފަރާތުގައި ދެއަތްއަޅައިގެން ފާޑަކަށް ހެވިފައި އެހެރީ ދާއޫދެވެ. ފެންނަ ފެނުމަށް ނުހަނު ރީތި، ހިތްގައިމު އިންސާނެކެވެ.