ދައުލަތް ރޫޅައިލުމަށް ކުރެވޭ މަސައްކަތްތައް
އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ
އިންސާނާގެ ބުއްދިއަކީ އޭނާގެ އަމިއްލަ ފައިދާއަށްޓަކައި އަބަދުވެސް ވިސްނާ ފިކުރުކުރާ އެއްޗެކެވެ. މި “އަހުރެންވަންތަ” ވިސްނުންތަކުގެ ސަބަބުން ހަމަނުޖެހުމާއި އަރާރުމާއި ކަންބޮޑުވުމާއި ހާސްކަން އުފެދެއެވެ. ކުރިމަތިލުންތަކާއި ގޮންޖެހުންތަކާ ކުރިމަތިވެއެވެ. އޭނާގެ މި ވިސްނުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު ވިސްނުންތައް ނުވަތަ ޚިޔާލުތައް ނުވަތަ މަޛްހަބުތައް އުފެދެއެވެ. މި މަޛްހަބުތަކުން ފެންނަނީ ފަރްދީ ނުވަތަ ޖަމާޢީ މަޞްލަޙަތުތަކެވެ. ރައުސްމާލިއްޔަތު ނުވަތަ ކޮމިޔުނިޒަމް އެވެ. ޤައުމިއްޔަތު (ޝޫފިނިޒަމް) ނުވަތަ ޤައުމީސިފަތައް އުވާލާ ބައިނަލްއަޤްވާމިއްޔަތެވެ. ދައުލަތުގެ މިލްކިއްޔާތުތައް، ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ބެހެއްޓުން ނުވަތަ އެ އެއްޗެހިތައް ޕްރައިވްޓައިޒްކޮށް އެ އެއްޗެހީގެ މިލްކިއްޔާތު ރައުސްމާލުންގެ ފަންތިތަކާ ހަވާލުކުރުމެވެ.