ދީނުގައި ޙައްދު ފަހަނައަޅާ ދިއުން (3)
ހައްދު ފަހަނަޅާ ދިއުމާއި ހަރުކަށިވާން ނުޖެހޭ ތަންތާގައި އެކަން އެގޮތަށް ކުރުން
އިބްރާހީމް އަޙްމަދު ހަރުކަށިވެ ހައްދުފަހަނައަޅާ ދާންޖެހޭ ފަދަ ވަގުތާއި ދަޑިވަޅުތަކާއި ޚިލާފުކޮށް އެކަން ވެގެންދިޔުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. މިސާލަކަށް އިސްލާމީ ދައުލަތެއްގެ ތެރޭގައި އިސްލާމް ދީނަށް އަލަށް ވަން މީހެއް ނުވަތަ އަލަށް ތައުބާވި މީހެއް، ނޫންނަމަ އިސްލާމީ ދައުލަތެއް ނޫން ތަނެއްގައި އަލަށް އިސްލާމްވި މީހެއް ނުވަތަ ތިމާގެ އަމިއްލަ ޤައުމުނުވަތަ ރަށްނޫން އެހެން ތަނެއްގައި އަލަށް އިސްލާމްވި މީހެއް މިފަދަ މީހުންނާއި މެދު ފަރުޢީ މައްސަލަތަކުގައި ލުއިފަސޭހަ ކޮށްދިނުން އެދެވިގެން ވެއެވެ. އަދި ހަމަ އެފަދައިން ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުރި މައްސަލަތަކުގައިވެސް ލުއިފަސޭހަ ގޮތަށް ޢަމަލު ކުރުން މުހިންމެވެ. އަދި އެންމެ ފުރަތަމަ މިފަދަ މީހުންގެ ޢަޤީދާ އިޞްލާޙު ކުރުން މުހިންމެވެ. އަދި އެކަންކަން ކާމިޔާބުވެ އެކަމާމެދު ހިތްހަމަޖެހުމުން އިސްލާމްދީނުގެ ރުކުންތައް ދަސްކޮށްދީ އެކަންކަން އަންގައިދޭނީ އެވެ. ދެން އެއަށްފަހު އީމާންކަމުގެ ބައިތަކަށް ވަންނާނީއެވެ.