(13) ވިސްނުންތޫނު ޤާޟީ: އިޔާސް ބުނު މުޢާވިޔަތު
އިބްރާހީމް ރަޝީދު މޫސާ
އިސްލާމް ދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
އިޔާސް ބުނު މުޢާވިޔަތަކީ ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގައި ބަޞްރާގެ ޤާޟީ ކަމަށް އިސްކުރެވުނު ވަރަށް ވިސްނުން ތޫނު ، ޢަދްލު އިންޞާފަށް ވަރަށް ލޯބިކުރެއްވި ޤާޟީއެކެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު އިޔާސުގެ ވިސްނުންފުޅު ތޫނުކަމާހެދި ޙައިރާންފުޅުވެ ވަޑައިގަތެވެ. ޤާޟީ އިޔާސް ރައްކައުވީ ހިޖްރައިން 46 ވަނަ އަހަރުގައެވެ.