ޢަބްދުﷲ ނަޢީމު އިބްރާހީމް
ހަސްފަތާލަކީ ވަރަށް ގިނަ އާދަޔާ ޚިލާފު ކަންތައްތައް ހިނގާ ތަނެކެވެ. އެކި ބަލި ބަލީގެ މީހުން އައިސް، އެ މީހުންގެ އެހީތެރިންގެ ގޮތުގައި އެކި މިޒާޖުގެ މީހުން އައިސް ގޮސް ވާ ތަނަކަށް ވާތީ ބައެއް ފަހަރަށް މުނިފޫހި ފިލުވައިލާން ދާން ރަނގަޅު ތަނަކަށްވެސް ހަސްފަތާލު ވެއެވެ.
އިންޑިއާގެ ޓްރިވެންޑްރަމެވެ. އެއް ދުވަހަކު އަޅުގަނޑު ހަސްފަތާލެއްގައި ހުއްޓާ ރައްޓެހި އަންހެނަކު ބަނޑުގައި ރިއްސާތީ ގެނެސްފިއެވެ. ގެނައި ގޮތަށް ވެއްދީ ވިއްސާ ކޮޓަރި އަށެވެ. އޭނާގެ ފިރިމީހާ އަކީވެސް އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަންހެންމީހާ އަކީ އޭގެ ކުރިންވެސް ދެތިން ކުދިން ވިހާފައި އިން އަންހެނެކެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަހަލަ މައްސަލަ އަކާ ކުރިމަތިލާން ޖެހޭކަން އަޅުގަނޑަށް އޮތީ އެނގިފައެވެ. އެކަމަކު އެ މައްސަލަ ތަކަކީ ކޮބައި ކަމެއް އެނގިފައެއް ނެތެވެ.