އަދުގެ ޚާއްސަ

Print

"ތަރައްޤީ" ގެ މަފްހޫމް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


އިސްލާމީ ތަރައްޤީ އާއި ހުޅަނގުގެ ތަރައްޤީ އަޅައި ބަލައިލުމެއް


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

މީގެ އެތައްޒަމާނެއް ކުރިއްސުރެ މިއަދާހަމައަށްވެސް އެއްބަޔަކު އަނެއްބަޔަކާ ނުވަތަ އެއްޤައުމެއް އަނެއްޤައުމަކާ އެކަމަކާމެދު ވާދަކުރާ އެއްކަމަކީ ތަރައްޤީ އާއި ކުރިއެރުން ހޯދުމެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ ތިމާމެންނަކީ ތަރައްޤީގެ މައިދާނުގައި އެންމެ ކުރީގައި ތިބި މީހުންކަމުގައި ވުމަށެވެ. އަދި މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ދޭދޭ މީހުންގެ މެދުގައި ގުޅުންތައް ޤާއިމު ކުރެވެމުންދާއިރު، މީގެ އިދިކޮޅުވެސް ފެންނަމުންދަނީ މަދެއްކޮށެއްނޫނެވެ. އެގޮތުން ތަރައްޤީގެ ވަކި މަޤްޞަދެއް ނުވަތަ މަޤްޞަދުތަކެއް ޙާޞިލު ކުރުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ހަތުރުވެރިވެ މި ހަތުރުވެރިކަން އިންތިހާއަށް ގޮސް އަނިޔާވެރި ޢަމަލުތަކާއި ހަނގުރާމަތައްވެސް ހިނގާފައި އެބަހުއްޓެވެ.

ހުޅަނގުގެ ނަޡަރިއްޔާތުތަކުގައި ތަރައްޤީގެ މާނަ ތަފާތު ގޮތްގޮތަށް ގެނެސްފައިވީނަމަވެސް ، ޖުމުލަ ގޮތެއްގައި ހުރިހައި އެންމެންވެސް ހުށަހަޅައިދެނީ އެއްމަފްހޫމެކެވެ. އެގޮތުން ހުޅަނގުން ޤަބޫލު ކުރާ "ތަރައްޤީ" ގުޅިފައިވަނީ "އިޤްތިޞާދީ ގޮތުންނާއި، މާލީ ގޮތުންނާއި، އަދި އުފެއްދުންތެރިކަމުގެ ގޮތުން [ޤައުމެއް ނުވަތަ ޖަމާޢަތެއް] ކުރިއަރައި ދިއުމާއެވެ."[1]

ހުޅަނގުން ތަރައްޤީ މާނަކުރާ ގޮތާ ޚިލާފަށް ، އިސްލާމްދީން އުނގަންނައިދީފައިވާ "ތަރައްޤީ" ގެ މާނަ މާ ފުޅާވެފައި ތަނަވަސް ވެގެން ވެއެވެ. އެގޮތުން އިސްލާމީ ތަރައްޤީގެ މަފްހޫމުގެ ތެރޭގައި، އިންސާނާގެ ޙަޔާތުގެ ހުރިހައި ދާއިރާތަކެއް ޝާމިލު ވެގެން ވެއެވެ.[2]

 
އިސްލާމީ ތަރައްޤީގެ ދާއިރާތައް ބަޔާން ކުރެއްވުމުގައި، ޑރ. ފަތުޙީ މުޙައްމަދު ޢިނާޔަތު މައިގަނޑު ދިހަދާއިރާއެއް ގެންނަވާފައި ވެއެވެ. [މި މަޒުމޫނުގައި ބަލައިލާނީ މީގެ ފުރަތަމަ ތިންދާއިރާ އަށެވެ.]


އިސްލާމީ ތަރައްޤީގެ ދާއިރާތައް:


 
1.      ޢިލްމުގެ ތަރައްޤީ

2.      އީމާންކަމުގެ ތަރައްޤީ

3.      އަޅުކަމުގެ ތަރައްޤީ

4.      އަޚްލާޤުގެ ތަރައްޤީ

5.      އުޚުއްވަތްތެރިކަމާއި އެއްބައެއްވަންތަކަމުގެ ތަރައްޤީ

6.      ދަޢުވަތު ފެތުރުމުގެ ތަރައްޤީ

7.      ހޭދަކުރުމާއި އިޖުތިމާޢީ ގުޅުމުގެ ތަރައްޤީ

8.      މަސައްކަތްތެރިކަމުގެ ތަރައްޤީ

9.      އުފެއްދުންތެރިކަމުގެ ތަރައްޤީ

10.  އިދާރީ ހިންގުމުގެ ތަރައްޤީ


1.     ޢިލްމުގެ ތަރައްޤީ :



އިސްލާމް ދީނުގައި ޢިލްމަށް ވަރަށް މަތީ މަޤާމެއް ދެއްވާފައި ވެއެވެ. އެހެނީ ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމާއި، އެ އިލާހަށް އީމާންވުމާއި، އެ އިލާހުގެ ސުންނަތްތައް ދެނެގަތުމާއި، އުޑުތަކާއި ބިމުގައިވާ އެ އިލާހުގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކާމެދު ވިސްނުމާއި، އެ އިލާހަށް ޙައްޤުވެގެންވާ ޤަދަރު އެ އިލާހަށް ދިނުމާއި މިފަދަ އެންމެހައި ކަންކަމަށް މަގު ދައްކައިދޭ ވަސީލަތަކީ ޢިލްމެވެ. ޢިލްމެއް ލިބިފައި ނެތް މީހާގެ މިސާލަކީ ކަނު އަނދިރީގައި ދާނެ ވަކި ދިމާއެއް ނޭނގި ހުއްޓިފައި ހުރި މީހެއްގެ މިސާލެވެ. އެހެންކަމުން ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވި ސޫރަތްވެސް ފައްޓަވާފައިވަނީ އުނގެނުމަށް ގޮވައިލައްވަމުންނެވެ.


2.     އީމާންކަމުގެ ތަރައްޤީ :



އީމާންކަމުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ބަޔަކީ ﷲ ތަޢާލާއަށް އީމާންވުމެވެ. އެއަށްފަހުގައި އީމާންކަމުގެ އެހެނިހެން ރުކުންތަކަށް އީމާންވުމަށް ކޮންމެ އިންސާނަކަށްމެ އަމުރު ވެވިގެން ވެއެވެ. ޙަޤީޤަތުގައި އިންސާނާގެ ޙަޔާތުގެ ހުރިހައި ކަމެއް އޭގެ މައްޗަށް ހުއްޓިފައިވާ އަސާސަކީ މި އީމާންކަން ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވައެވެ. އެހެންކަމުން އިންސާނާގެ އީމާންކަން ތަރައްޤީ ވަމުން ދާއިރު ކުރިމަތިވާ އެކިއެކި މައްސަލަތަކުގެ ނޭދެވޭ އަސަރުތައް އޭނާގެ ދިރިއުޅުމުންނާއި، އޭނާގެ ޢަމަލުތަކުންނާއި، އަދި އޭނާ ދިރިއުޅޭ މުޖުތަމަޢުގެތެރެއިންވެސް ފެންނާނެއެވެ.


އީމާންކަން ތަރައްޤީ ކުރެވޭ ގޮތްތަށް ބަލައިލާއިރު، ޢިލްމު އުނގެނުން ހިމެނެނީ އީމާންކަން ތަރައްޤީ ކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅު ކަމުގައެވެ. ދެވަނަ ފިޔަވަޅަކީ [ކޮންމެ ކަމެއް ކުރިނަމަވެސް] ނިޔަތުގައި އިޚްލާޞްތެރި ވުމެވެ. ތިންވަނަ ފިޔަވަޅަކީ އެންމެހައި ވާޖިބުތައް އަދާކުރުމުގައި ދެމިހުރުމެވެ. ހަތަރުވަނަ ފިޔަވަޅަކީ އެންމެހައި ޙަރާމް ކަންތައްތަކުން ދުރުވެގެން ހުރުމެވެ. އަދި ފަސްވަނަ ފިޔަވަޅަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެވޭ އެންމެހައި ކަންކަން ކުރުމުގައްޔާއި، [އެންމެ ކުޑަމިނުން] މަކުރޫހަ ވެގެންވާ ކަންތައްތަކުން [ވެސް] ދުރުވެގެން ހުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.[3] އިންސާނާއަށް ލިބިދޭ މި ތަރައްޤީއަކީ އޭނާގެ ފުރާނައަށް [ނުވަތަ ރޫޙަށް] ލިބިދޭ ތަރައްޤީ އެވެ. އެހެންގޮތަކަށް ދަންނަވާނަމަ މިއީ އިންސާނާގެ ރޫޙާނީ ތަރައްޤީ އެވެ.


ބަޔާންވެ ދިޔަ ފަސްފިޔަވަޅުގެ މަތީގައި ތަރައްޤީވަމުންދާ އީމާންކަމުގެ ވެރިޔަކީ އޭނާގެ ޚާލިޤަށް ކިޔަމަންތެރި، އަމިއްލަ ނަފުސަށް ތެދުވެރި، މުޖުތަމަޢަށް ބޭނުންތެރި، އަދި އިންސާނިއްޔަތަށް ފައިދާކޮށްދެނިވި މީހަކަށްވާނެކަމީ ޝައްކެތްވެސް އޮތް ކަމެއްނޫނެވެ. އެހެންނަމަވެސް މި އުޞޫލުން ބޭރުވެގެންވާ ގޮތުގައި، ހަމައެކަނި "މާއްދިއްޔަތުގެ ފަލްސަފާގެ މަތީގައި" ތަރައްޤީވަމުންދާ "ޖިސްމު" ތަކަކީ އޭގެ ފައިދާއަށްވުރެ ގެއްލުން ބޮޑުވުމުގެ ސަބަބުން މީސްތަކުން އެއާ ދުރުހެލިވުން ލާޒިމުވެދާފަދަ ޖިސްމު ތަކެއް ކަމުގައި ވެދެއެވެ. އަދި ހަމަ މިއާއެކު، އިސްވެ ދެންނެވުނު ފަދަ އީމާންކަމުގެ ތަރައްޤީއެއް އިންސާނާއަށް ލިބިގެން މެނުވީ، ތަރައްޤީގެ ބާކީ ހުރި އެއްވެސްކަމެއް އޭގެ ޙަޤީޤީ މާނައިގައި ޙާޞިލު ކުރެވުމަކީ މުޞްތަޙީލު ކަމެކެވެ.


3.     އަޅުކަމުގެ ތަރައްޤީ :


ދުނިޔެއާއި ދުނިޔޭގައިވާހައި ތަކެއްޗެއްގެ ވެރި ޚާލިޤުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެ އިލާހުގެ ފޮތުގައި ވަޙީކުރައްވާފައިވާ ގޮތުގައި، އިންސާނާ އުފައްދަވާފައިވަނީ ހަމައެކަނި އެ އިލާހަށް އަޅުކަން ކުރުމަށްޓަކައެވެ. އެހެންނަމަވެސް އެ އިލާހަށް އަޅުކަން ކުރުމާއެކު، އިތުރު ދެ ވަޡީފާއެއްވެސް އިންސާނާއާ ޙަވާލު ކުރައްވާފައިވާކަމަށް ކީރިތި ޤުރުއާނުގައި އަންގަވާފައި ވެއެވެ. އެއީ ބިންމަތީގައި ﷲ ތަޢާލާގެ ޚަލީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމާއި[4] ބިން ޢިމާރާތްކޮށް ތަރައްޤީ[5] ކުރުމުގެ ވަޡީފާ އެވެ.

ﷲ ތަޢާލާގެ އަމުރުފުޅުގައި ވަނީ އިންސާނާގެ ގާތަށް މަރު އަތުވެއްޖައުމަށްދާންދެން އެ އިލާހަށް އަޅުކަން ކުރުމުގައި ދެމި ހުރުމަށެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ކަލޭގެފާނުގެ އަރިހަށް يَقِيْن ވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!"[6] އެހެންކަމުން އަޅުކަމުގެ ތަރައްޤީއަކީ އިންސާނާއަށް ތަކުލީފު ލިބުނީއްސުރެ އޭނާގެ އަޖަލު ޖެހިއްޖައުމަށްދާންދެން ކުރިއަށް ދާންޖެހޭ އެއްޗެއްކަން އޮޅުމެއް ނެތި އެނގެއެވެ.

ހުޅަނގުގެ ތަރައްޤީއާ އިސްލާމީ ތަރައްޤީ ފުށުއަރަނީ ކީއްވެ؟


"ތަރައްޤީ" ގެ މާނަ މިއަދު ވަނީ އޮޅުވާލެވިފައެވެ. ތަރައްޤީއަކީ ހަމައެކަނި މާއްދިއްޔަތެއްނޫނެވެ. އުސް ޢިމާރާތްތަކާއި ބޮޑެތި ކިއްލާތަކެއްނޫނެވެ. ފެންވަރު ރަނގަޅު ބަނދަރުތަކާއި މަގުތަކެއްނޫނެވެ. އެއަރޕޯޓްތަކާއި ނަރުދަމާގެ ނިޡާމެއްވެސްނޫނެވެ.


ޒަމާނީ "ތަރައްޤީ" ގެ ނަމޫނާ ކަމުގައި ބެލެވޭ ހުޅަނގުގެ ޤައުމުތަކުގައި، އިސްވެ ދެންނެވުނު ހުރިހައި ވަސީލަތްތަކެއްވެސް އެންމެ ފުރިހަމައަށް އެބަ ހުއްޓެވެ. މީހުން ސިއްސައިގެންދާ ވަރުގެ މާއްދީ ކުރިއެރުންތައް އެބައިމީހުން ވަނީ އީޖާދު ކޮށްފައެވެ. ދިރިއުޅުމުގެ ފެންވަރު ހުރީ އެއްވަނަ ދަރަޖައިގައެވެ. މީގެ ދަލީލެއްގެ ގޮތުން އެ ޤައުމުތަކަށް "ތަރައްޤީ ވެފައިވާ" ޤައުމުތަކޭ ކިޔެއެވެ. އަދި އެބައިމީހުންނަކީ އެހެން ޤައުމުތަކަށް ތަރައްޤީގެ "ނަމޫނާ" ދައްކަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައިވެސް ދެކެވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް ...

 

ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ގޮންޖަހައިލާ ވަރުގެ ތަރައްޤީ ޙާޞިލުކޮށްފައިވާ ހުޅަނގުގެ މުޖުތަމަޢުތަކުގެ އަސްލު ޙާލަތު ހުރީ ކިހިނެއްކަން ދެނެގަންނަން އެބަ ޖެހެއެވެ.  އެ ބައެއްގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ އެ މުޖުތަމަޢެއްގެ އަހުލުވެރިންނަށެވެ. އެހެންކަމުން ހުޅަނގުގެ "ނަމޫނާ" ތަރައްޤީއާ މެދު ހުޅަނގުގެ މުފައްކިރުންގެ ބަސްފުޅުތަކަށް ބަލައިލަމާ ހިންގަވާށެވެ!

އެމެރިކާގެ، ޕޮލިޓިކަލް ސައިންސްގެ ޢިލްމުވެރިއެއް ކަމަށްވާ މަޝްހޫރު ސަމުއޭލް ފިލިޕްސް ހަންޓިންގޓަން [2008] [Samuel Phillips Huntington]  ވިދާޅުވާ ގޮތުގައި؛ "ބަދުއަޚްލާޤިއްޔާތާއި، އަމިއްލައަށް މަރުވުމުގެ ޘަޤާފަތާއި، ސިޔާސީ ބައިބައިވުންތަކާއި، ޢާއްމު އިޖުތިމާޢީ މިންގަނޑުތަކުން ބޭރުވެގެންވާ ކުށްތައް ކުރުމާއި، މަސްތުވާތަކެތީގެ މައްސަލައާއި، އަމަން އަމާންކަމަށް ބުރޫ އަރާ ފަދަ ޢަމަލުތައް ހިންގުމާއި، ފުރާވަރުގެ ކުދިން [ކައިވެނިނުކޮށް] ބަލިވެ އިނުމާއި، [ނަޙަލާލަށް] ވިހާ މީހުން ގިނަވެ އަޅައިލާނެ މީހަކުނެތް ކުދީންތައް ގިނަވުމާއި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯނުލެނބުމާއި، ވަކި ތަރުތީބަކުން ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތައް ފަދަ އެތައްއެތައް މައްސަލަތަކެއް ހުޅަނގުގެ މުޖުތަމަޢުތަކަށް ވަނީ ކުރިމަތި ވެފައެވެ." ހަމަ މި މޭރުމުން ވާހަކަފުޅު ދެއްކެވުމަށްފަހު، ދުނިޔޭގެ މައްސަލަތަކާމެދު ދިރާސާ ކުރައްވާ އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ޖޯން އެލް. ސީޒް [John L. Seitz] އޭނާގެ އަމިއްލަ ޤައުމުގެ ޙާލަތާމެދު އޭނާގެ އަމިއްލަ ނަފްސާ ސުވާލު ކުރައްވާފައި ވަނީ މިފަދައިންނެވެ. "ތަރައްޤީ އަކީ ކޮބައި ހެއްޔެވެ؟ އެއީ ރަނގަޅު [ކަންކަން އިތުރުވުން] ހެއްޔެވެ؟ ނޫނީ ނުބައި [ކަންކަން އިތުރުވުން] ހެއްޔެވެ؟"[7]

ޢަދަދު ނުކުރެވޭހާ ގިނަ މާއްދީ ވަސީލަތްތަކާއެކު ދިރިއުޅުމުގެ ފެންވަރު އަތްނުފޯރާ ހިސާބަށް ގޮސްފައިވާ ހުޅަނގުގެ އިޖުތިމާޢީ ޙާލަތު "ނޭވާ ހޮޅިއަށް އެޅޭ ހިސާބަށް" ދިޔައީ އެބައިމީހުންގެ ތަރައްޤީގައި ކޮން އެއްޗެއް މަދުވެގެންތޯއެވެ؟

އިސްލާމީ ރިވައިވަލިސްޓް މުފައްކިރުން ވިދާޅުވާ ގޮތުގައި، ތަރައްޤީއަކީ "އަޚުލާޤީ، ރޫޙާނީ، އަދި މާއްދީ ގޮތުން އިންސާނާއާއި އޭނާގެ މުޖުތަމަޢު ތަޞައްރުފު ފުދުމެވެ. އަދި އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ފުދުންތެރި، ޢަދުލުވެރިކަމާއެކު ޤާނޫނުތައް ޤާއިމު ކުރެވޭ، ހުރިހައި ގޮތަކުންވެސް އިންސާނިއްޔަތަށް ފައިދާ ކުރަނިވި މުޖުތަމަޢެއް ބިނާ ކުރުމެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބަ ލިބެނިވި ގޮތުގައި ބިނާ ކުރެވޭ މުޖުތަމަޢެކެވެ."[8]

ހުޅަނގުގެ ތަރައްޤީގައި މަދުވަނީ ކޮން އެއްޗެއްކަމާއި އެބައިމީހުންގެ ތަރައްޤީގެ މަފްހޫމާއި އިސްލާމީ ތަރައްޤީގެ މަފްހޫމާ ފުށުއަރަނީ ކީއްވެގެންކަންވެސް މިހައި ހިސާބުން އެބަ އެނގެއެވެ. އާދެ! އެބައިމީހުންގެ ތަރައްޤީގައި މަދުވަނީ އިންސާނާގެ އަޚުލާޤީ އަދި ރޫޙާނީ ތަރައްޤީގެ ބައެވެ. އެބައިމީހުންގެ ގާތުގައި ޢަދުލުވެރިކަމަކީ ސެކިއުލަރ ޑިމޮކްރަސީގައިވާ ފަދައިން، ހުރިހައި ކަމެއްގައިވެސް އެންމެން ހަމަހަމަ ވުމެވެ. އަދި އެބައިމީހުންގެ ތަރައްޤީގެ އަމާޒު ހިފައިފައިވަނީ މުޅި އިންސާނިއްޔަތަށް ފައިދާކުރަނިވި ކަމެއްގެ ގޮތުގައެއްވެސްނޫނެވެ. މިކަމުގައި އެމީހުންގެ ހަމައަކީ "ބޮޑުމަސް ، ކުޑަމަސް ކައިލާ އުޞޫލުން" އެބައެއްގެ އަމިއްލަ މަޞްލަޙަތު އިސްކުރުމެވެ. އަދި ހަމަ މިއާއެކު އެބައިމީހުންގެ ތަރައްޤީން އެދެނީ ހަމައެކަނި މި ދުނިޔޭގެ ވަގުތީ ހެވާއި މަންފާ އަށެވެ. އާޚިރަތުގެ ދާއިމީ ހެވާއި ލާބަ އަކީ އެބައިމީހުންގެ ސިކުނޑީގައި ނެތް އެއްޗެކެވެ.

މިހައި ހިސާބުން އުފެދޭ ސުވާލަކީ ތަރައްޤީ ވެފައިވާ ޤައުމުތަކޭ ބުނެ ހުޅަނގުން ކުރަމުންދާ ދަޢުވާއަކީ ތެދު އެއްޗެއްކަމަށް ޤަބޫލު ކުރެވިދާނެ ހެއްޔެވެ؟ އަދި ތަރައްޤީގެ ނަމޫނާ ލިބިގަތުމުގައި އެބައިމީހުންނަކީ "ނަމޫނާ" އެއް ކަމުގައި ބެލިދާނެ އެއްވެސް ޖާގައެއް އެބަ އޮތް ހެއްޔެވެ؟ އަދި ތަރައްޤީގެ ރޮނގުގައި "އަޅުގަނޑުމެންނަށް" މި ދަތުރުކުރެވެނީ ކޮން މިސްރާބަކަށް ބާވައެވެ؟

........................
   (ނިމުނީ)

ޙަވާލާ :

 
[1] عناية ، فتحي محمد (2004) ، "فقه التنمية في الإسلام" ، http://www.ikhwanonline.com

[2]  عناية ، فتحي محمد (2004) ، "فقه التنمية في الإسلام" ، http://www.ikhwanonline.com

[3]  العثمان ، عبدالله ، (2009) ، "خطة تنمية الإيمان" ، المنتديات الرسمية للدكتور محمد العريفي

[4] ބައްލަވާ: سورة البقرة : 30

[5]  ބައްލަވާ: سورة الهود : 61

[6] سورة الحجر : 99

[7]  ޢަލީ، މުޙައްމަދު މުމްތާޒު ،  "ކްރިޓިކަލް ތިންކިންގ – އެން އިސްލާމިކް ޕަރސްޕެކްޓިވް" ، ޞ 134 ، ފުރަތަމަ ޗާޕު 2008 ،  ތިންކަރސް ލައިބްރަރީ / މެލޭޝިޔާ.

[8]  ޢަލީ، މުޙައްމަދު މުމްތާޒު ،  "ކްރިޓިކަލް ތިންކިންގ – އެން އިސްލާމިކް ޕަރސްޕެކްޓިވް" ، ޞ 136 ، ފުރަތަމަ ޗާޕު 2008 ، ތިންކަރސް ލައިބްރަރީ / މެލޭޝިޔާ.

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ