އަދުގެ ޚާއްސަ

Print

ބޮޑުތަކުރުފާނު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


އާމިނަތު ޒަޢީމާ

ބޮޑުތަކުރުފާނަކީ، ދިވެހި ޤައުމު ދުށް އެންމެ ވަރުގަދަ ޝަޚްޞިއްޔަތެވެ. އެންމެ މަތިވެރި ބަޠަލެވެ. އެންމެ ރޭވުންތެރި މުޖާހިދެވެ. އެންމެ ކުޅަދާނަ ހެއްވެވެ. އެންމެ ހިތްވަރުގަދަ ފަހުލަވާނެއެވެ. އެންމެ ހިކުމަތްތެރި ޙަކީމެވެ. އެންމެ ކެތްތެރި ޞާބިރެވެ. އެންމެ މޫރިތި ރަސްގެފާނެވެ. އެންމެ ހަންހާރަވެތި ޤައުމީ ބަޠަލެވެ.

[ބޮޑުތަކުރުފާނަކީ ދިވެހިރާއްޖޭގެ މަހާތުމާ ގާނދީއޭ] ދަންނަވަން ޖެހެނީ މިފަދަ އެތައް ސަބަބަކާ ހުރެއެވެ. ދިވެހި ޤައުމުގެ ޙައްޤުގައި އެތަކުރުފާނު ނުކުރައްވަނީ ކީއްތޯއެވެ. ދިވެހި އަޚުންނާއި އުޚުތުންގެ ޙައްޤުގައި އެތަކުރުފާނު ދޫކޮށް ނުލައްވަނީ، ދުނިޔޭގެ ކޮން އުފަލެއްތޯއެވެ. ދީނާއި ވަޠަނަށްޓަކައި ވެވަޑައި ނުގަންނަވަނީ ކޮން ޤުރްބާނެއް ތޯއެވެ؟

[އުއްފު] ވެސް ދެންނެވޭކަށް ނެތެވެ. އަދު އެތަކުރުފާނުގެ މައްޗަށް ޝުކުރުވެރިވުން، ދިވެހީންގެ މައްޗަށް ވާޖިބެވެ. އެތަކުރުފާނަށްޓަކައި ހަޔޮދުޢާކުރުން އައުލާއެވެ. ކީއްވެގެންތޯއެވެ؟

މުޙައްމަދު ތަކުރުފާނަކީ، އުތީމު ޙުސައިން ޚަތީބު ތަކުރުފާނު އިހަވަންދޫ އައިމިނާ ދިޔޯގެ ހިތްވަރުފުޅު ގަދަ ދަރިކަލުންނެވެ. އެއްބަފާ ފާޠިމަތާއި އަލިތަކުރުފާނުގެ އިތުރުން އެއްބަނޑު އެއްބަފާ ޙަސަންތަކުރުފާނުގެ ލޯބި މިލްކުކުރެއްވި އަޚެކެވެ.

ތުއްޕުޅު އިރުއްސުރެވެސް ފާހަގަކުރެވެނީ އާދަޔާ ޚިލާފު ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. އެންމެ ގަޔާފުޅުވަނީ ޙިކުމަތްތެރި ވިސްނުންތެރި ހުނަރު ތަކަށެވެ. އެހެންކަމުން މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕެވުމަކީ އެތަކުރުފާނު އެންމެ ލޯބިކުރައްވާ ހުނަރެވެ. މިއިން ދޭހަވަނީ ތުއްޕުޅު އިރުއްސުރެވެސް ހެވިކަމަށް އެތަކުރުފާނުގެ ހިއްޕުޅުގައި ދެއްވިފައިވާ ޤަދަރާއި، ޝައުޤެވެ. ނަތީޖާއެއްގެ ގޮތުން ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނުގެ އަރިހުން ދީނީ ތަޢުލީމު އުނގެނިވަޑައި ގަތުމަށްފަހު، ބޭދާޅި ބޮޑު އެދުރު ކަލޭގެފާނުގެ އަރިހަށް ވެހިކަމާ ހަނގުރާމައިގެ އުކުޅުތައް ދަސްފުޅު ކުރެއްވުމަށް ބޭދާޅީއަށް ވަޑައިގެންނެވިއެވެ.

މުޙައްމަދު ތަކުރުފާނު ބޮޑުފުޅުވެ، ޒުވާންކަން ފުރިހަމަވަމުން އައީ [ކަނޑުގެ ބާޒު] ގެ ތޫނު ވަކިތަކުގެ ދަށުގައި ދިވެހި އުންމަތް ހަނާވަމުން ދިޔަ ދުވަސްވަރުއެވެ. [ކަނޑުގެ ބާޒަކީ] 960 ގެ އަހަރު ތަކުގައި، ދުނިޔޭގެ އެންމެ ވަރުގަދަ އެއްބާރު ކަމުގައި ހިމެނުނު ޕޯޗުގީޒުންނެވެ.

މިސަރަޙައްދުގެ ވިޔަފާރި ކޮންޓްރޯލް ކުރުމާއި، ކެތަލިކް ދީން ދުނިޔެއަށް ފެތުރުމުގެ އިތުރުން، އޭރުގެ އޮޑިދޯނި ފަހަރަށް އެންމެ ކަމުދާ މޮޅު، ރޯނުގެ ވިޔަފާރި އެމީހުންގެ ބަނޑުދަށުލުމީ، އެމީހުންގެ އެންމެ ވަރުގަދަ އެއް ހުވަފެނެވެ. އެހެންކަމުން ޕޯޗުގީޒު ނާފަހަރު ތަކުގައި ދިވެހިރާއްޖެއާ ތޮޅެމުން ދިޔައެވެ. ދެފަހަރެއްގެ މަތިން މަސައްކަތްކޮށްވެސް ކާމިޔާބުގެ ކުރިބޯއްޓާއި ހަމައަށް ވާޞިލް ނުވެވުމުން، އެމީހުންގެ ރުޅިދިޔައީ އިންތިހާއަށެވެ.
ޙަސަދަވެރިކަން ދިޔައީ ޙައްދު ފަހަނަ އަޅައިގެންނެވެ. އެހެންކަމުން ތިންވަނަ ފަހަރަކަށް ކުރިމަތިލީ އާ ޢަޒުމަކާއި އާހިތްވަރަކާ އެކުގައެވެ. ވެރިއެއް ކަމުގައި އިސްވެހުރި، ދިވެހިރާއްޖެއަށް އުފަންވެ ދިވެހި ކަނޑުމަސް ކައިގެން، ދިވެހި ރުކުގެ ހިޔަލުގައި ބޮޑުވި ކަޅު މުޙައްމަދެވެ. ޕޯޗުގީޒު އޮފިސަރެއް ކަމުގައި ހިމެނުނު ސެމިއަލް އެންޑްރީޑާއި (ސިމާއޯ އެންޑް ރީޑް)، ދިވެހި ތާރީޚުގައި މަޝްހޫރު ކާންޒީ ކަމަނާއަށް (ކާންޒީ ކަމަނާއަށް) ލިބުނު ދަރިފުޅު އެންޑްރީ އެންޑް ރޭޑެވެ. ދިވެހީން ދަންނަ [އަނދިރި އަނދިރިންނެވެ.]

[އަ ހީރޯ އިންޓައިމްގައި ވާގޮތުން، ކާންޒީ ކަމަނާއާއި އޭނާގެ ލޮބުވެތި ފިރިކަލުން ދަތުރުކުރި ނައު ވިއްސާރައެއްގައި ޖެހި ފިއޯރީ ފަރަށް އުރުނެވެ. ސުލްޠާން ކަޅު މުޙައްމަދު ފޮނުއްވައިގެން ކަޅު އުނބަށޭ މިނައުގައި ހުރި މުދާތައް ހޯދަން ދިޔުމުން ސިމާއޯ އެންޑްރޭޑް އެކަމާ ދެކޮޅު ހެދިއެވެ. ނަތީޖާއެއްގެ ގޮތުން ކަޅު އުނބަށޭވާއި ނަވުގައި ތިބި މީހުން ހަނގުރާމަކޮށް ކާންޒީ ކަމަނާ ނޫން އެންމެން މަރާލެވުނެވެ. އޭރު އޭނާ އިނީ ބަލިވެއެވެ. ކާންޒީ ވިހޭ ދަރިފުޅަށް މުޙަންމަދު ކިޔާ ނަންދީ، ކަޅު އުނބަށޭމު އޭނާ އަންބެއްގެ ގޮތުގައި ބަލައިގަތެވެ.]

ކާންޒީ އޭނާގެ މުޅި ދިރިއުޅުމުގައިވެސް ސިމާއޯ އެންޑް ރޭޑްގެ ހަނދާންތައް އާކުރެއެވެ. އެހެންކަމުން މުޙައްމަދަށް (އަނދިރި އަނދިރިންނަށް) އެނާގެ ބައްޕަ (ސެމިއަލް އެންޑް ރޭޑް) ދީފައިވާ ނަމުން (އެންޑްރީ) މުޚާޠަބުކޮށް ޕޯޗުގީޒު ބަހުން ވާހަކަ ދައްކައެވެ. އަދި ބައްޕަގެ ބަދަލުހިފުމަށް، އަބަދުވެސް ނަސޭހަތްތެރި ވެއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއާއި ޕޯޗުގީޒު ނަވެއްގައި އަނދިރި އިނދިރިން، އޭނާގެ މަންމަގެ އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައި ޕޯޗުގީޒަށް ދިޔައެވެ.

ދެންވީ ވާނެގޮތެވެ. ޕޯޗުގީޒު ސިފައިންނާއެކު ބަރާކޮށްފައިވާ ބޮޑު ތިން ނަވުގައި އަނދިރި އަނދިރިން އޭނާގެ ބައޕްގެ ބަދަލުހިފުމާއި، ޕޯޗުގީޒުންގެ ހުވަފެނުގައި ކުލަޖައްސައި ދިނުމަށްޓަކައި މިނިވަން މިދިވެހި ފަސްގަނޑާ ދިމާކޮށްލީއެވެ. އެހެން ނަމަވެސް ދިވެހި ތަޚުތުގައި ރެދަލި ކުރައްވަން އިންނެވި މާތް، ޢަލިރަސްގެފާނު އެންމެ ތަންފުކެއްވެސް ދުލެއް ނުދެއްވައެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ 965ހ ވަނަ އަހަރުގެ ޝަޢުބާންމަހު 1 ވަނަ ދުވަހު ޢަލިރަސްގެފާނު ޝަހީދުންގެ ވެރި ރަސްގެފާނު ކަމުގައި ވެވަޑައިގެންފިއެވެ.

ދެންވީ ކިހިނެއްތޯއެވެ؟ އަނދިރި އަނދިރީންގެ އަނދިރިކަމުން، ދިވެހި އުއްމަތް ބަނަކޮށްފިއެވެ. އަންހެން ކުދިންގެ ޢިއްފަތްތެރިކަން ފޭރި ގަންނަނީއެވެ. އަނބީން ހުވަފަތް ކުރަނީއެވެ. ފިރިންގެ އަތްފައި ބަނދެ އަނިޔާ ކުރަނީއެވެ. ކުޑަކުދީން ޔަތީމުކޮށް، މުއްސަނދީންގެ މުދާތައް ލޫޓުވަނީއެވެ. އާދޭހެވެ. އަދުގެ ޢީރާޤާއި އަފްޣާނިސްތާން ސިފަކޮށްލައްވާށެވެ. ދިވެހި ދަރިންގެ ލޯތަކުން އެ ޤައުމަކުގެ އަހުލުން ފަދައިން އޭރު، އޮހެމުން ދިޔައީ ލޭކަރުނައެވެ.
ބޮޑުތަކުރުފާނު، ބޮޑުފުޅުވެ ޒުވާންވެ، ފުރިހަމަވަމުން އައީ މިދެންނެވި އަނިޔާވެރިކަމުން ފުރިގެންވީ ބިރުވެރި ފަސްގަނޑުގައެވެ. އެހެން ނަމަވެސް އެތަކުރުފާނުގެ ވިސްނުންތެރިކަން ވަޒަން ކޮށްލަވާށެވެ؟

އެންމެ ފުރަތަމަ ވެވަޑައިގެންނެވީ، އަނދިރި އަނދިރީންގެ ސަރުކާރުން އެންމެ އިތުބާރުކުރާ ވިޔަޒޯރުގެ ކަނާ އަތަށެވެ. އެމީހުންގެ އެންމެގާތް އެކުވެރިޔާ ކަމުގައި ވެވަޑައިގެން އަނދިރި އަނދިރީންގެ އަނދިރި ސަރުކާރުގެ އިޒުނަޔާއެކު، އެމީހުންގެ ތަކެތީގައި، އެމީހުންގެ އެހީ ލިބިގެން އެމީހުންނާ ދެކޮޅަށް ފުރަތަމަ ފިޔަވަޅު އެޅުއްވިއެވެ. އާދޭހެވެ. ދިވެހިންގެ މަސައްކަތްތެރިކަމާއި، ހުނަރުވެރިކަމުގެ ނަމޫނާ އަދި އެދުވަސްވަރުގެ އެންމެހަލުވި އޮޑި [ކަޅުއޮށްފުންމި] ބެންނެވީއެވެ. އެއަށްފަހު ޢާއިލާ މަލިކަށް ގެންދަވައި ޖިހާދުގެ ކަމަރު ބެންނެވިއެވެ. އެއްބަފާ ޢަލިތަކުރުފާނާއި، އެއްބަނޑު އެއްބަފާ ޙަސަންތަކުރުފާނުގެ އިތުރުން، އެކުވެރި ދެ ޙާޖީންނާއި، ދުވާފަރު ދަންޑެހެލާއެކު [ކަޅުއޮށްފުންމީގެ] ދަތުރުތައް ފެއްޓެވީއެވެ. ދީނާއި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައެވެ. ދިވެހި އަންހެން ދަރީންގެ އިއްފަތަށް ޓަކައެވެ. ހުވަފަތް ކުރަމުންދާ އަނބީންގެ ޙައްޤުގައެވެ. ޔަތީމު ކުރަމުންދާ މަޢުސޫމު ލޯބިލޯބި ތުއްތު ކުދިންގެ ޙައްޤުގައެވެ.

ކޮންމެރެއަކު، ކަނު އަނދިރިވުމުން ދިވެހި ރަށްތަކަށް ފައިބާވަޑައިގެން، ޕޯޗްގީޒު ސިފައިންނާ ހަނގުރާމަ ކުރައްވަމުން، ދިވެހި ރަށްތައް އެމީހުންގެ ކިބައިން ޠާހިރު ކުރައްވަމުން، އެރަށްތަކުގެ އަހުލުންނަށް ހިތްވަރު ދެއްވަމުން، ދުވާލުގެ އަލިކަން ވެރިވުމުގެ ކުރިން ހޯދާ ނުފެންނާނޭހާ ދުރަށް ވަޑައިގަންނަވަނީއެވެ. މިފަދައިން ކަންތައް ވާންފެށުމުން، ޕޯޗުގީޒުންގެ ލޮލަކަށް ނިންޖެއް ނައެވެ. ހޭލާ، އެތަކުރުފާނަށާއި، އެތަކުރުފާނުގެ އެކުވެރިންނަށް ފާރަލާން ފަށައިފިއެވެ. ނަތީޖާއެއްގެ ގޮތުން ޢަލިތަކުރުފާނު ޝަހީދުވެ ވަޑައިގެންފިއެވެ.

އެހެން ނަމަވެސް މުޙައްމަދު ތަކުރުފާނު ތޯއެވެ؟ ޕޯޗުގީޒުންނަށް ކަމެއް، ދަމެއް އަންގާވެސް ނުލައްވާ، ރަށްރަށަށް އަރުއްވަމުން ޕޯޗުގީޒު ގޮފިތައް ސުންނާފަތި ކުރައްވަމުން ގެންދެވީ، އިހުނަށްވުރެވެސް އާ ހިތްވަރަކާ އެކުގައެވެ. އާ ޖޯޝަކާ ފޯރިއަކާ އެކުގައެވެ.

އެހެންކަމުން އަނދިރި އަނދިރީންގެ ހަރު ހިލަހިތަކަށް ކެތެއްނުވިއެވެ. 1981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރޭ އޭނާގެ އަނދިރި އަނދިރި އަނިޔާވެރި އަމުރު ނެރެފިއެވެ. [މާދަމާގެ އިރުއެރުމުގެ ކުރިން ހުރިހާ ރައްޔިތުން ކްރިސްޓިއަން ދީން ޤަބޫލުކުރަން] ޖެހުނީއެވެ. ސަލާމަތުގެ މާތް އިސްލާމްދީނަށް ފުރަގަސްދޭން ޖެހުނީއެވެ. އެހެންކަމުން މާލޭގެ ކުރިއަށް ތިބި މީހުން ނުކުމެ އެންމެފަހު ނޭވާއަށް ދަންދެން ޤައުމަށްޓަކައި ހަނގާރަމަކުރުމަށް އަޙުދު ކަށަވަރު ހިފައި، ހަނގުރާމައަށް ނުކުމެއްޖެއެވެ. ﷲގެ އިރާދަފުޅާއެކު މުޙައްމަދު ތަކުރުފާނާއި، އެތަކުރުފާނުގެ ބައިވެރިން މާލެވަޑައި ގަންނަވައިފިއެވެ. ހަނގުރާމަ ފެށިއްޖެއެވެ. ހިތްވަރުގަދަ ދިވެހި ފަހުލަވާނުންގެ ކުރިމަތީގައި އެއޮށްފަދަ ބޮޑު ޕޯޗްގީޒު ލަޝްކަރު އިސް އޮބާލައިފިއެވެ. ފިލަން ދުވަން ފަށައިފިއވެ. ދެން ތޯއެވެ؟ މުޙައްމަދު ތަކުރުފާނު އެތަކުރުފާނުގެ ހަނގުރާމައިގެ މަޅިފަތި ކޮޅުގައި އަނދިރި އަނދިރިން ޖައްސަވައިފިއެވެ.

ދިވެހިންނަށް ކާމިޔާބާއި ނަޞްރެވެ. ފަތަޙަޔާއެކު މިނިވަންކަމެވެ. ސަތާރަ އަހަރުގެ އަޅުވެތިކަމުގެ ދާ، ދިވެހިންގެ މޫނުން ފޮހެލައިފިއެވެ. ހިތްވަރުގަދަ، ކުޅަދާނަ، ކެތްތެރި، މުރާލި، ރޭވުންތެރި ޙިކުމަތްތެރި، ވިސްނުތެރި، އަމާނާތްތެރި، ތެދުވެރި މުޙައްމަދު ތަކުރުފާނުގެ ހިންމަތާއި މިންނަތުންނެވެ. އެހެންކަމުން، މިއަދުވެސް އެތަކުރުފާނަށް ޝުކުރުވެރިވުން ވާޖިބުނޫން ތޯއެވެ؟ ހެޔޮ ދުޢާކުރުން އައުލާނޫން ތޯއެވެ؟

އަދި ކޮބައިތޯއެވެ؟ މިނިވަންކަމުގެ ފިނިހިޔަލަކަށް މިފަސްގަނޑު ލެއްވުމަށްފަހު ދިވެހިޤައުމުގެ ހުންގާނުގައި ހިއްޕެވިއެވެ. އާދޭހެވެ. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމްގެ ޚިދުމަތްތައް ގިނަގުނައެވެ. އަމިއްލަ ފައިސާއެއް އުފެއްދެވިއެވެ. ދައުލަތުގެ ނިޝާނެއް ދިވެހިންނަށް ހަދިޔާ ކުރެއްވިއެވެ. ޕޯޗްގީޒުންގެ ޒީލައިން ނެތުމުން ދިޔަ އިސްލާމީ އާދަކާދަތައް ދިރުއްވިއެވެ. އިސްލާމްދީނުގެ މާތް ޢިލްމުން މުޅި ރާއްޖޭގައި އަލިވޮށެއް ދިއްލާލެއްވިއެވެ.

އެހެންކަމުން އެތަކުރުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާކުރަމުން ދަންނަވަން ޖެހެނީ

ދާދި އަވަހަށް ނެތި ފަނާ ވިޔަކަސް އަގެންނެތް ޖިސްމުތައް
            ތާއަބަދު ދެމިހުންނަ ހެޔޮ ޛިކުރާއަކަށް ނިމުމެއްނެތޭ. އެވެ.

ނިމުނީ

ނޯޓު: މިއީ 2002 ވަނަ އަހަރު މަދަރުސާ ކުދިންގެ ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން 1ވަނަ ލިބިފައިވާ މަޒުމޫނެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ