އަދުގެ ޚާއްސަ

Print

ދިވެހިންނަށްވީތީ ފަޚުރުވެރިވަމާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


 އަޙްމަދު އަޖްމަލް ޙާމިދު

މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާ ފާހަގަކުރެވިފައިވަނީ ވަޑައިގެންނެވި ޤައުމުތަކާއި ރަށްރަށުގެ ވާހަކަ ވަރަށް ތަފްޞީލްކޮށް ލިޔުއްވި ބޭކަލަކު ކަމުގަ އެވެ.  ވަރަށް ބޮޑަށް ދިރާސާކުރެއްވުމަށްފަހު އެވެ.  މިސައްޔާޙު ދަތުރުކުރެއްވި ޤައުމުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ދިވެހި ރާއްޖެ ހިމެނެއެވެ. އިބްނު ބަޠޫޠާވަނީ ދިވެހި ރާއްޖޭގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ.  މީހުންނާ  ކައިވެނި ބައްލަވައިގެންފައެވެ. އިބްނު ބަޠޫޠާ ދިވެހިން ޞިފަކުރައްވާފައިވަނީ ޞުލްޙަ މަސަލަސްކަން ޤާއިމްވެފައިވާ ވަޠަނެއްގެ އަޚްލާޤު ރިވެތި މުވާޠިނުންތަކެއްގެ ގޮތުގައެވެ. އިބްނު ބަޠޫޠާ ލިޔުއްވާ ގޮތުގައި ރޯދަމަހު ހާރުދަމު ގެއަކުން ތެއްޔެއްގެ ފޫކަހާލާ އަޑު އިވިއްޖެނަމަ ކައިރީ ގޭގެއިން އެގެއަކަށް ލައިގެންކާނެ  އެއްޗެހި ގެނެސްދެއެވެ. ދިވެހިންނާމެދު މިފަދަ ހެޔޮބަސްތައް ލިޔުއްވާފައިވަނީ ހަމައެކަނި އިބްނު ބަޠޫޠާއެއްނޫނެވެ. ރާއްޖެއަށް އަންނަ ވަރަށް ގިނަ ސައްޔާޙުން ދިވެހިންނާމެދު އެވާހަކަތަކާމެދު ފަޚްރުވެރިވުން ޙައްޤު ވާހަކަތައް ލިޔުއްވާފައިވެއެވެ.

ދިވެހިން ދިވެހިންނަށްވީތީ އެންމެ ބޮޑަށް އަދި އެންމެ ފުރަތަމަ ފަޚްރުވެރިވާންވި ސަބަބަކީ ދިވެހިން މުސްލިމުންނަށްވީކަމެވެ. މާތް ﷲގެ ޙަޟްރަތުގައި ހަމައެކަނި ޤަބޫލުކުރެއްވިގެންވާ ދީންކަމުގައިވި އިސްލާމްދީނަށް އުޅޭ ބަޔަކަށްވާކަމެވެ. އެދީން ފިޔަވައި އެހެން ހުރިހާ ދީންތަކެއް މަންސޫޚުކުރެއްވިގެންވާ، ޙައްޤު  ދީނަށް ދިވެހިން ތަބަޢަވާކަމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

{إن الدين عند الله الإسلام}


މާނައީ: "ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި، ދީނަކީ، އިސްލާމްދީނެވެ."

މިމާތް ދީން ގޮވާލަނީ ހެޔޮކަންކަން ކުރުމަށާއި އެންމެހާ ނުބައި ފާޙިޝް ޢަމަލުތަކާ ގާތްނުވުމަށެވެ. ހެޔޮ ޢަމަލުތައް ކުރާމީހުންނަށް ޖަޒާއެއްގެ ގޮތުން ބާއްޖަވެރި ޙަޔާތެއް ދެއްވާނެކަމަށް އެކަލާނގެވަނީ ވަޢުދުވެވޮޑިގެންފައެވެ. މިކަމަށް އިޝާރާތް ކުރައްވަމުން މާތްﷲ ވަޙީކުރައްވަނީ:

 {ومن عمل صالحاً من ذكر أو أنثى وهو مؤمن فلنحينّه حياة طيبة}


މާނައި: "މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވެސް، ނުވަތަ އަންހެނުންގެ ތެރެއިންވެސް، ޞާލިޙް ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ."

މި އިސްލާމީ ދިވެހި ރާއްޖޭގެ ތާރީޚުން ފަތްފުށްތައް ހުޅުވައިގެން ކިޔާއިރު، "ތަންޤީހުކުރެވުނު ދިވެހި ތަރީޚުގެ ތަންތަންކޮޅު" މިފޮތުގެ މުޞައްނިފު ސުމުއްވުލް އަމީރު މުޙައްމަދު އަމީން ލިޔުއްވާ ގޮތުގައި ދިވެހި ދައުލަތް އިސްލާމްދީން ޤަބޫލުކޮށް ދިވެހި ރަޢިއްޔާ އިސްލާމްދީނަށް އެނބުރުމަށް އަމުރުކުރެއްވީ މީލާދީ ގޮތުން 1153 ވަނަ އަހަރުއެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި މިދަރަޖައިގައި ދީނީ އެއްބައިވަންތަކަމަށް ބާރުއެޅިފައިވާތަނެއް ފެންނާކަށްނެތެވެ. އެގޮތުން ދިވެހި ރައްޔިތަކަށްވެވެން އަންނަނީވެސް މުސްލިމަކަށްވުމަށް ފަހުގައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. މިސަބަބަށްޓަކައި ދިވެހިން ދިވެހިންނަށްވީތީ ފަޚުރުވެރިވުން ލާޒިމެވެ.

މި ތާނގައި ސުމުއްވުލްއަމީރު މުޙަންމަދު އަމީނު މި އިޝާރާތްކުރައްވާ ނުކުތާގެ ޙަޤީޤަތް އޭގެ އަލި ސާފު މަފުހޫމުގައި ބަލައިގަތުން ހުއްޓެވެ. އާދެ! ދިވެހިން ﷲގެ ހިދާޔަތު ގަބޫލުކުރީ ރަސްކަމުގެ ފަތްތޫރަޔަކަށް ނޫނެވެ. އަމުރަކަށް ނޫނެވެ. އެކަމަކު ދިވެހިން އެ މާތް ހިދާޔަތު ގަބޫލުކުޅައީ އެމީހުންގެ ސަލާމަތްބުއްދިޔަށް އަލިފާނާއި ފެން، މާމުޔާއި ހަބަރު، ފިނިފެންމަލާއި ކަށިކުނބުރު ވަކިކުރަން އެނގުނީމަ އެވެ. އެ ޒަމާނުގައި އޮތް ދަތުރުފަތުރު ކުރުމުގެ ބައިނަލްއަޤުވާމީ ހުޅުވުމުގެ ތެރޭން ރާއްޖެއަށް ވާޞިލުވި އިސްލާމީ ޢަރަބި ދަތުރުވެރިންގެ ކިބައިން ދަސްވި ދަސްވުމެވެ. އެނގުނު އެނގުމެވެ. ފެނުނު ފެނުމެވެ. އަޚުލާޤާ ސުލޫކެވެ. ހިރިގަލާއި މަށިގަލަށް އަޅުވެތި ނުވުމެވެ. އިންސާނުން އިންސާނުންނަށް އަޅުވެތި ނުވުމެވެ. ޚާލިޤުވަންތަ ﷲގެ އޯގާވަންތަ ދަރުބާރުން ޙިމާޔަތް ލިބިގަތުމެވެ. ދިވެހި ތަޚުތުން ކުރެއްވި ކަމަކީ، މި ނަސީބު ރަސްމީ ގޮތުން ބަލައިގަތުމެވެ. އެކަން އިޢުލާނު ކުރުމެވެ. ދިވެހި ރައްޔިތުންނަށް ވިސްނައިދެއްވުމެވެ. ދައުލަތުގެ ފަރާތުން މި ފަޚުރާއި ޝަރަފުގައި އުފާވެރިކަމާއި ކާމިޔާބުގެ ސިއްކަ ޖެހުމެވެ.

ދިވެހިންނަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ އަމިއްލަ ބަހެއް ލިބިފައިވާކަމީވެސް ހަމަ މި ފަދައިން ފާހަގަކޮށްލަންޖެހޭ ޝަރަފެކެވެ. ފަޚުރެކެވެ. ސަބަބެކެވެ.  އެގޮތުން ދިވެހި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ދުނިޔޭގެ ހުރިހާ ޤައުމެއްގެ އެންމެ އިސްވެރިން ބައިވެރިވާ އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި ދިވެހި ބަހުން ތަޤްރީރުކުރައްވަމުން މިކަންވަނީ މުޅި ދުނިޔޭގެ މަޣްރިބާއި މަޝްރިޤަށް ސާބިތުކޮށްދެއްވާފައެވެ. މިމުނާސަބާ ވެގެންދިޔައީ ދިވެހިންގެ ހިތްތައް ޤައުމީ ލޯބިން ފުރިގެންދިޔަ މުނާސަބަތަކަށެވެ.

ދިވެހިންނަށް އަމިއްލަ ބަހެއް ލިބިފައިވާ ފަދައިން އެބަސް ލިޔާނޭ އަމިއްލަ އަކުރެއްވެސް ލިބިފައިވެއެވެ. އަދި އެބަހާ އެކަށީގެންވާފަދަ މުއްސަނދި އަދަބިއްޔާތަކާއި ޅެންވެރިކަމެއްވެސް ދިވެހިންނަށް ލިބިފައިވެއެވެ. މިދިވެހި ޤައުމުވަނީ ބަހާއި އަދަބިއްޔާތު ތަރައްޤީކުރާނޭ ފުންނާބު އުސް އަދީބުންތަކެއް އުފައްދާފައެވެ. މިއީ ދުނިޔޭގައި އާރާއި ބާރު ލިބިފައިވާ ބޮޑެތި ޤައުމުތަކަށްވެސް ލިބިފައިނުވާ، ވަރަށް ތަދު ނިޢުމަތްތަކެކެވެ. މިއީ ދިވެހިން ފަޚްރުވެރިވުން ޙައްޤު އަދި ޝުކުރުވެރިވުން ލާޒިމު ނިޢުމަތްކެކެވެ. ދަންނަންވީ ކަމަކީ ޝުކުރުވެރިވާނަމަ ނިޢުމަތްދެއްވާ ފަރާތުން އެނިޢުމަތް ދަމަހައްޓަވާ އިތުރުކުރައްވާކަމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

{و إذ تأذن ربكم لئن شكرتم لأزيدنكم و لئن كفرتم إن عذابى لشديد}


މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."

ދިވެހިން ދިވެހިންނަށްވީތީ ފަޚްރުވެރިވާންވީ އަނެއް ސަބަބަކީ ދިވެހިންނަކީ އަމިއްލަ ތަމައްދުނަކާއި ތަހްޛީބަކާއި ޘަޤާފަތެއްގެ ވެރިބަޔަކަށްވާކަމެވެ. އެގޮތުން ދިވެހި ރާއްޖެއަށް ބެހިގެން ވަޑައިގެންނެވުނު ފަރަންސޭސި ވިލާތުގެ މަޝްހުރު ސައްޔާޙު ފިރެންކޯއީ ޕިރާޑުވަނީ މިކަން ވަރަށް ބޮޑަށް ފާހަގަކުރައްވާ ދިވެހިންގެ އަޚްލާޤާއި ޘަޤާފަތަށް ތާރީފުކުރައްވާފައެވެ. ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދިވެހިންގެ ޙަޟާރަތަށް 3000 އަހަރަށްވުރެން ގިނަ ދުވަސް ވެދާނެއެވެ.

ޕިރާޑުގެ ވާހަކަ ބަޔާންކުރާ އިރު، އޭނާގެ ލިޔުންތަކުގައި ދިވެހިންގެ ވާހަކަ ގެންނަވައިފައިވުމުގައި ދިވެހިންގެ ސުލޫކަށް ތާރީފު ކުރެއްވި ނަމަވެސް، އޭނާއަކީ، ނަޞާރަޔަކަށްވީތީ، ދިވެހިންގެ ދީނީ ޝަޢީރާތަކަށް ތަޢައްޞުބުގެ ނަޒަރުން ކަޅިއަޅުއްވައިފައިވާކަން މި ނުކުތާގައި އަޅުގަނޑު ފާހަގަ ކުރަމެވެ. އެއީ މިހާރު ވެސް ފެންނަމުންދާ އަދި ދުނިޔެ ދެމި އޮތްހައި ހިނދަކު ފެންނަމުންދާނެ ޙަޤީޤަތެކެވެ. އެހެނީ ޙަޤީޤީ ޔަހޫދީ އަކު، ޙަޤީޤީ ނަޞާރާއަކު، މުސްލިމުންނާ މެދު، ޚާލިޞް ލޯތްބާއި އިންސާފުގެ ލޮލަކުން ބެލުމަކީ، ވަރަށް ނާދިރު ކަމެކެވެ. މި ކަމަށް ކީރިތި ޤުރުއާނުގެ ބައެއް އާޔަތް އިޝާރާތް ކުރޭ، އެހެން ނޫންތޯ އެވެ؟  ޕިރާޑަށް ވެސް އެމަގުން ބައެއް ފިޔަވަޅު އެޅުއްވިފައިވެ އެވެ.

ކޮންމެޔަކަސް، މިހާދިގު މުއްދަތަކަށް ދިވެހިން ދިވެހިންގެ ގޮތުގައި ދެމިތިބީ މިނިވަނުން ކަމުގައިވާ ޙާލުގައެވެ. ވަރަށް މަދު ފަހަރަކު މެނުވީ ދިވެހިން އަޅުވެތިކަމުގެ ހިތި ރަހަ ދެކެފައެއް ނުވެއެވެ. އަދި މިއިން ކޮންމެ ފަހަރަކު މިމާތް ފަސްގަނޑު ޙިމާޔަތް ކުރާނޭ އަބްޠާލުން ނުކުމެއެވެ. ދިވެހިން އަޅުވެތިކޮށް ނައްތާލުމުގެ ހަމަލާތައް މަދުވެފައިވަނީ ދިވެހިންގެ ތެރޭގައި ދާޚިލީ ހަމަނުޖެހުންތައް މަދުވީމައެވެ. ދިވެހިންގެ ޝިޢާރަކަށް ހަދާފައިވަނީ މާތްﷲގެ މިބަސްފުޅެވެ.

 {إنما المؤمنون إخوة فأصلحوا بين أخويكم}


މާނައީ: "މުއުމިނުންވާކަން ކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ."

ދިވެހިންވަނީ މާތް ﷲގެ މިމާތް ބަސްފުޅު ޚާލިޞް ހިތަކައިގެން ތަޞްދީޤުކޮށް ޤަބޫލުކޮށްފައެވެ. މާތްﷲ ވަޙީކުރައްވަނީ؛

{و أطيعوا الله و رسوله ولا تنازعوا فتفشلوا و تذهب ريحكم}


މާނައި: "އަދި ﷲއަށާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ."

ކަންމިހެން އޮތްއިރު،  އަދު ދިވެހިން ދިވެހިންނަށްވީތީ ފަޚްރުވެރިވެގެން ފުއްދާލެވޭކަށް ނެތެވެ. ހަމަ އެކަނި މި ހެން ދުލުކޮޅުން ބުނެލައިގެން، ގަލަމު ތުނޑުން ލިޔެލައިގެން ހިތްހަމަ ޖައްސައިލެވޭކަށް ނެތެވެ. ދިވެހިން ދިވެހިންނަށްވީތީ ފަޚްރުވެރިވާ ސަބަބުތައް ދަމަހައްޓަން މަސައްކަތްކުރުން ދިވެހިންގެ މައްޗަށް ވާޖިބެވެ. އިންތިހާޔަށް ލާޒިމެވެ. ހަމަޔަޤީނުންވެސް ދިވެހިން މިސަބަބުތައް ދަމަހައްޓަން ނޫޅޭނަމަ މާތް ކަލާނގެ ގަދަފަދަ ބަސްފުޅު ދިވެހިންގެ މައްޗަށް ހިންގާލައްވައިފާ ހުށްޓެވެ.  މާތްﷲ ވަޙީކުރައްވަނީ؛

{إن الله لا يغير ما بقوم حتى يغيروا ما بأنفسهم}


މި މާނައިގައި ދިވެހި ޝާޢިރު ވިދާޅުވަނީ:

ކަލާނގެ ސަފުން ބަދަލު ނުކުރައްވަތޭ ޤައުމެއްގެ ހާލާތެއް
      ނުވާނަމަ ޤައުމުގައި ހާލާތު ބަދަލުކުރުމުގެ ޚިޔާލާތެއް (1)

ހަމަ ޔަޤީނުންވެސް ކޮންމެ ދިވެހި ދަރިއެއް ދިވެއްސަކަށްވީތީ ފަޚްރުވެރިވާނެކަން ޔަޤީނެވެ. އަދި އެއީ މާތް ކަލާނގެ ދެއްވާފައިވާ އަދަދުނުކުރެވޭހާ ގިނަ ނިޢުމަތްތަކުގެ ތެރެއިން މަތިވެރިވެގެންވާ ނަސީބެއްކަމުގައި ދެކޭނެއެވެ.


ކޮންފަދަ ނަސީބެއްތޯއެމީ ދޮންވެލި ބިމެއްގައި ލެއްވުމީ
         ހަންހާރަ ދިވެހިންގެ މީ ގިންތީތެރޭ ހިމެނުއްވުމީ  (2)   
(ނިމުނީ)


 
ޅެންބައިތު؛ (1) އަލްފާޟިލް ޢަބްދުﷲ ޞާދިޤު
         (2) އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅު


މިލިޔުން އެޑިޓް ކޮށްދެއްވި އަލްއަޚް އަޙްމަދު ޝަމީން ދޮންމަނިކަށާއި މިލިޔުން އިތުރަށް ފުރިހަމަ ކޮށްދެއްވި އަޅުގަނޑުމެންގެ ދިވެހި އަލްއުސްތާޛް، އާދަމް ނަޞީރު އިބްރާހީމަށް ޝުކުރު ދަންނަވަމެވެ.

ފަންވަތުގެ އެންމެހާ ކިޔުންތެރިންނަށް ފާގަތި މިނިވަން ދުވަހަކަށް އެދެމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ