އަދުގެ ޚާއްސަ

Print

މުސްލިމު ސައިންސް ދާން -18

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


أَبُومَنْصُورُ مُوَفَّقُ بْنِ عَلِي اَلْهَرَوِي


340/961

އަޙްމަދު ފަހުމީ


ތަޢާރުފު

مُوَفَّقُ بْنِ عَلِي اَلْهَرَوِي އަކީ، ސައެންޓިސްޓެކެވެ. ފުރިހަމަ ޑޮކްޓަރެކެވެ. ވަކިބޭހުގެ ފައިދާއާ އަސަރުތަކުގެ މާހިރެކެވެ. އޭނާ އަކީ ބޭސްވެރި ކަމުގެ ފަންނުގައި މިޘާލެއް ނުވާވަރުގެ ބޭފުޅެކެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

     مُوَفَّقُ بْنِ عَلِي اَلْهَرَوِي އަކީ، އޭނާގެ ޒަމާނުގައި ބޮޑު ބޭސްވެރިއެކެވެ. ބޭހާ ބެހޭ ޢިލްމުގައި އޭނާ އަކީ، ވަރަށް މޮޅު ބޭފުޅެކެވެ. އަދި މޮޅު ސައިންސުދާނެކެވެ. އޭނާ އަކީ، އީރާނުގެ هَرَاتُގެ ރަށްވެއްސެކެވެ. އޭނާ ތަޢުލީމު ޙާޞިލުކުރެއްވީ އޭނާގެ ރަށުގަ އެވެ. އެއަށްފަހު މުޠާލަޢާ އާ ތަޖުރިބާގެ ދައުރު ފެށްޓެވި އެވެ.

مُوَفَّقُ بْنِ عَلِي اَلْهَرَوِي، ޔޫނާނީ ބޭހުގައި ބޭނުންކުރާ ބާވަތްތަކުގެ މައްޗަށް ތަޖުރިބާ ތަކެއް ކުރެއްވި އެވެ. އަދި އެ ފަންނުގައި އޭނާ  ވަރަށް ކުރިއަށް ވަޑައިގަތެވެ. އޭނާ މި މަސައްކަތްޕުޅުގައި ދުރު ދަތުރުތައް ވެސް ކުރައްވައިފައި ވެ އެވެ. އެ ދަތުރުތަކުގައި ވަރަށްގިނަ ދަތިތަކާ ވެސް ކުރިމަތިވި އެވެ. އެހެންނަމަ ވެސް އޭނާގެ މަޤްޞަދުގައި ކާމިޔާބު ކުރެއްވި އެވެ. އެއަށްފަހު އޭނާ ޙާޞިލުކުރެއްވި ތަޖުރިބާތައް ފޮތެއްގެ ސިފައިގައި އެކުލަވައި ލެއްވި އެވެ. އެފޮތުގެ ނަމަކީ، " حَقَائِقُ اْلأَدْوِيَةِ "  އެވެ.

ޢިލްމީ ޚިދުމަތްތައް

مُوَفَّقُ އަކީ، ބޭހާބެހޭ ސައެންޓިސްޓެކެވެ. އޭނާ ގަސްގަހާގެއްސާ ބެހޭ ޢިލްމު - botany ވަރަށް ފުންކޮށް ތަޙްޤީޤު ކުރެއްވި އެވެ. އާ ތަޖުރިބާތައް ކުރެއްވި އެވެ. އޭގެ ނަތީޖާތައް މީސްތަކުންނާ ހަމައަށް ގެނެސް ދެއްވި އެވެ. ދުރު ދަތުރުތައް ކުރައްވައިގެން އަލަށް، އެތަކެއް ބޭހެއް ތަޢާރަފް ކުރެއްވި އެވެ. ބޭހުގެ އަސަރާ ގުޅޭގޮތުން އެ ތަކެތީގެ ދަރަޖަތައް ބަޔާން ކުރެއްވި އެވެ. އޭނާ މަޢުދަނީ ބޭހުގެ މައްޗަށް ވެސް ފުންކޮށް ތަޙްޤީޤު ކުރެއްވި އެވެ.

މީނާގެ އެންމެ މަޝްހޫރު ފޮތަކީ، "حَقَائِقُ اْلأَدْوِيَةِ" އެވެ. މިއީ ބޭސްވެރިކަމުގެ ފުރަތަމަ ދައުރުގައި ވަރަށް އިތުބާރުހުރި ޖާމިޢު ފޮތެކެވެ. އެ ފޮތުގައި، އާޔޯރް ވީދަކު ބޭހުގެ ނަމާއި ޚާއްޞިއްޔަތު، ތަފްޞީލުކޮށް ބަޔާން ކުރައްވައިފައި ވެ އެވެ. އާޔޯރް ވީދަކު ބޭހަކީ، ޤަދީމީ ހިންދޫން ބޭސްފަރުވާ ކުރިގޮތަށް ބޭސްކުރުމަށް މިޒަމާނުގައި ކިޔާ ނަމެކެވެ.


حَقَائِقُ اْلأَدْوِيَةِ

މި ފޮތް އެކުލަވައި ލެވިފައިވަނީ ވަރަށް ފުރިހަމަކޮންނެވެ. ފުރަތަމަ ހުރިހައި ބޭހެއް ދެބަޔަކަށް ބައްސަވައިލައްވައިފައި ވެ އެވެ.

1.    މަޢުދަނީ ބޭސް
2.    ނަބާތާތީ އަދި ޙައިވާނީ ބޭސް

މިޒަމާނުގެ އިޞްތިޅާޙުގައި ނަމަ އޯގަނިކު  އަދި އިން އޯގަނިކު ބޭހެވެ. އަދި އޮގަނިކު ބޭހުގެ ވެސް ދެވައްތަރެއް ބަޔާން ކުރައްވައިފައި ވެ އެވެ.

މި ބޮޑު ފޮތުގައި ޖުމުލަ 585 ބޭހުގެ ނަމާއި އެ ބޭސްތައް ދެނެގަންނާނެ ގޮތްތައް ފުރިހަމައަށް ތަފްޞީލުކޮށް ދެއްވައިފައި ވެ އެވެ. ދެން އެ ބޭސްބޭހުގެ ޚާއްޞިއްޔަތާއި ތާސީރުގެ ނިސްބަތުން ހަތަރު ދަރަޖައަކަށް ބައްސަވައިފައި ވެ އެވެ.

ހ. ހޫނު ތެތް ބޭސް         ށ. ފިނި ތެތް ބޭސް
ނ. ހޫނު ހިކި ބޭސް         ރ. ފިނި ހިކި ބޭސް

ދަރަޖަތައް ބަޔާން ކުރެއްވުމަށްފަހު އެ ބޭސްބޭހުގެ ފައިދާ އާއި ގެއްލުން ބަޔާން ކުރައްވާފައި ވެ އެވެ.
މި ފޮތުގައި ބަޔާން ކުރައްވާފައިވާ 585 ބޭހުގެ ތެރެއިން 75 ބޭހަކީ، މަޢުދަނީ ބޭހެވެ. އަދި 510 ބޭހަކީ އޯގަނިކު ބޭހެވެ. 44 ބޭހަކީ، ޙައިވާނުން ޙާޞިލު ކުރެވޭ ބޭހެވެ. މި ހުރިހައި ބޭހެއް ތައްޔާރު ކުރާނެ ގޮތް ވެސް އެ ފޮތުގައި ބަޔާން ކޮށްފައި ވެ އެވެ. އޭގެ ތެރެއިން 464 ބޭސް ގަސްގަހުގެ މުލާއި ތޮއްޓާއި، ފަތްޕިލާވެލިން ތައްޔާރު ކުރެވޭނެ ކަމުގައި ބަޔާން ކޮށްދެއްވާފައި ވެ އެވެ.

މަޢުދަނީ ބޭހުގެ ތެރެއިން ވަރަށް ގިނަ ބޭސް ތަކަކީ، އޭނާ އަލަށް ހޯއްދެވި އައު ހޯއްދެވުން ތަކެވެ. މިޘާލަކަށް SODIUM CARBONATE އާއި  POTASSIUM CARBONATEއަކީ މަޝްހޫރު ބޭސްބޭހެވެ. އޭނާ މި ބޭސްބޭހުގެ ތަފާތާއި އަސަރު ވެސް ބަޔާން ކުރައްވައިފައި ވެ އެވެ.
 
مُوَفَّقُ، މަޢުދަނީ މުރައްކަބާތު ވެސް ބަޔާން ކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި ANTIMONY އާއި ARSENIC OXIDE އާއި SILICA OXIDE ހިމެނެ އެވެ. މި ހުރިހައި އެއްޗެއްގެ އަޞްލާއި ތާސީރާއި ފައިދާ އާއި ގެއްލުން އޭނާ ބަޔާންކުރައްވާފައި ވެ އެވެ.
މުވައްފަޤް ވިދާޅުވާގޮތުގައި، ލޮނާ ތިމަރައިން އުފެއްދޭ ބޭހަކީ ވިހަ އެއްޗެކެވެ.

މީނާ PLASTER OF PARIS ގެ ވާހަކަ ވެސް ދައްކަވާފައި ވެ އެވެ. އޭނާ މި ބޭސް ޒަޚަމުގައި އަޅާނެ ގޮތާއި ބިނދި ފުނޑުފުނޑު ވެފައިވާ ކަށްޓަށް އެއިން ބޭސްފަރުވާ ކުރާނެގޮތް ތަފްޞީލުކޮށް ބަޔާން ކުރައްވާފައި ވެ އެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ