އަދުގެ ޚާއްސަ

Print

އަނބިންގެ ވައްތަރުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ފޮނުވީ: އެމް

މި މަޒުމޫނުގައި މިވަނީ، އަނބިންނާމެދު ޔުނިވަރސިޓީ ބާހިސަކު ކުރި ދިރާސާއަކުން ލިބުނު ނަތީޖާތަކެވެ. މި ދިރާސާކޮށްފައިވަނީ، އަނބިންގެ މިޒާޖުތައް ތަފާސްކުރުމުގެ ބޭނުމުގައެވެ. އެއީ، ޢާއިލީ މައްސަލަތަކަށް ޙައްލު ހޯދުމުގައި އެހީތެރިކަން ލިބިގަތުމަށްޓަކައެވެ.

ފަންވަތުގައި މިނަތީޖާތައް ނަކަލުކޮށްލަނީ، އަޅުގަނޑުމެން ދިވެހިންގެ ދިރިއުޅުމަށް މިއިން ބާއްޖަވެރިކަމެއް ޙާޞިލުކުރުމުގެ ފޮނި އުންމީދުގައެވެ. މި މަޒުމޫނު ވިދާޅުވާ އަންހެން ބޭކަނބަލުންނަށް އޮތީ، އެކަނބަލުންގެ ކިބައިގައިވާ ނޭދެވޭ ސިފަތައް ފާހަގަކުރެއްވުމެވެ. އެއަށްފަހު، އެ ސިފަތަކުން އެއްކިބާވެ ވަޑައިގަތުމަށް، މަސައްކަތްކުރެއްވުމެވެ.
މިސާލަކަށް ރުޅިގަދަ ނަމަ، ރުޅި މަޑުކުރައްވާނީއެވެ. އިސްރާފުކުރެއްވޭނަމަ، އެކަމުން އެއްކިބާވެ ވަޑައިގަންނަވާނީއެވެ. ތިމާގެ ކިބައިގައި އެއްސިފައަށްވުރެ ގިނަ، ނޭދެވޭ ސިފަތައް ވާކަން ފާހަގަކުރެއްވޭނަމަ، އެ ހުރިހައި ސިފަތަކަކުން މިންޖުވެ ވަޑައިގަންނަވާނީއެވެ.

މަޒުމޫނު ވިދާޅުވުން ކުރިޔަށް ގެންދަވާށެވެ!


1. ރުޅިގަދަ އަނބިން:
މިވައްތަރު އަނބިންނާއެކު، ފިރިން ގިނަ ވަގުތު ހޭދަ ނުކުރާނެއެވެ. މިވައްތަރު އަނބިންގެ ފިރިން ބޭނުންވާނީ ގިނަވަގުތު ގެއިން ބޭރުގައި އުޅުމަށެވެ. މިކަމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި މައްސަލައަކީ، ޢާއިލާ ރޫޅުމެވެ. ފިރިމީހާ ގެއިން ބޭރުގައި އުޅޭއިރު އޭނާއާ ގުޅޭ އަންހެނަކު ފެނިދާނެއެވެ. ދެން އޭނާގެ ރުޅިގަދަ އަނބިމީހާ ވަރިކޮށްފައި އަލުން ފެނުނު ރަނގަޅު މީހާއާ އިނުމަކީ މި ޙާލަތުގައި ދިމާވާ ކަމެކެވެ. މި ޙާލަތުގައި، ރުޅިގަދަ އަނބިމީހާއަށް ދަރިން ލިބިފައިވާނަމަ، އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ އެކުދިންނަށެވެ.


2. ފިރި ދަށުލާ އަނބިން:
މިވައްތަރު އަނބިންނަކީ، އެއުރެންގެ ފިރިންނަށް ކަމޭހިތާ ބަޔެއް ނޫނެވެ. މިކަމަކީ، ޝަޚުޞިއްޔަތު ހުރި ފިރިހެންވަންތަ ފިރިޔަކު އެއްގޮތަކަށް ވެސް ޤަބޫލުކުރާނެ ކަމެއް ނޫނެވެ. ފިރިދަށުލާ އަނބިން، ފިރިމީހާގެ ލަފަޔާ އިރުޝާދު ނުހޯދާނެއެވެ. އަބަދުވެސް އުޅޭނީ ފިރިމީހާއަށް ފެންނަ ގޮތް އެއްކިބާ ކޮށްފައި ތިމާއަށް ފެންނަ ގޮތް އިސްކުރުމަށެވެ. އަދި ފިރިމީހާ ކިތަންމެ ރަނގަޅު ވާހަކައެއް ދެއްކިޔަސް އެގޮތް ޤަބޫލުކުރާކަން ފާޅެއް ނުކުރާނެއެވެ. ޝަޚުޞިއްޔަތު ހުރި ފިރިޔަކު، އޭނާގެ ޢުމުރު، މިފަދަ އަނތްބަކާއެކު ހޭދައެއް ނުކުރާނެއެވެ.


3. ދޫނުބައި އަނބިން:
ދޫނުބައި އަނބިންގެ ދުލުގެ ނުބައިކަން ފޯރާނީ ހަމައެކަނި އެއުރެންގެ ފިރިންނަކަށް ނޫނެވެ. އަވަށްޓެރިންނާއި އެކުގައި އުޅޭ މީހުންނަށް ވެސް އެއުރެންގެ ދުލުގެ ނުބައިކަން ފޯރާނެއެވެ. އެފަދަ އަނތްބަކު އޮފީހެއްގައި އުޅޭނަމަ، އެ އޮފީހުގެ މީހުންނަށް ވެސް އޭނާގެ ދުލުގެ ނުބައިކަން ފޯރާނެއެވެ. އެހެން މީހުންނަށް މަލާމާތްކުރުމާއި ފުރައްސާރަކުރުމަކީ، އެއުރެންގެ އާދައެކެވެ. މިފަދަ އަނބިންގެ ދަރިންނާއި ފިރިންގެ ހިތުގައި އެއުރެންގެ މައްޗަށް ނަފުރަތު އުފެދޭނެއެވެ. ނަތީޖާއަކަށްވަނީ، ދަރިން ބޮޑެތިވުމުން، އެފަދަ މައިންނަށް ކަމޭނުހިތުމެވެ. އެފަދަ މައިންގެ ޢުމުރުން ދުވަސްވެ ގައިގެ ވަރުދެރަވާއިރު، ދަރިން އެއުރެންނާ އަޅާލުން ކުޑަވުމެވެ.


4. ދޮގުހަދާ އަނބިން:
މިބާވަތުގެ އަނބިން، އަބަދުވެސް ދޮގުހަދާނެއެވެ. ކޮންމެ ކަމެއްގައި ވެސް ޙަޤީޤަތް އޮޅުވާލަން މަސައްކަތްކުރާނެއެވެ. މިފަދަ އަނބިންނަށް ހީވާނީ، އެއުރެން ދައްކާ ހުރިހާ ވާހަކައެއް ފިރިން ޤަބޫލުކުރާ ކަމަށެވެ. ނަމަވެސް ފިރިންނަކު އެކަމެއް ނުކުރެއެވެ. ޤަބޫލުކުރާ ކަމަށް ފިރިން ދައްކުވަނީ ބޭރުފުށުންނެވެ. ހިތުގައި އިތުރުވަމުންދާނީ ރުޅިވެރިކަމާއި ނަފުރަތެވެ. މިބާވަތުގެ އަނބިން ދޮގުހެދުން މަތީ ދެމިތިބޭއިރު، ކުއްލިވަރިއަކާ ކުރިމަތިލާން ޖެހިދެއެވެ.


5. އިދި އަނބިން:
އިދި އަނބިން ތިބެނީ، ހުރިހާ ކަމެއް ފިރިންނަށް ދޫކޮށްލައިގެންނެވެ. އިދި އަނބިން ބޭނުންވާނީ، ފިރިމީހާ އަމުރުކުރުމަށެވެ. އަދި ކިޔަމަންތެރިކަމާއެކު އެ އަމުރުތައް ތަންފީޒު ކުރުމަށެވެ. ނަމަވެސް ރަނގަޅު ފިރިން ބޭނުންވާނީ، ކަންކަމުގައި މަޝްވަރާކޮށްގެން ދެމީހުންނަށް ފެންނަ ރަނގަޅު ގޮތަކަށް ކަންކުރުމަށެވެ. މިފަދަ އަނބިންނަށް ކަމުދާނީ ހަރުކަށި ފިރިންނެވެ. ކުރިން ބުނެވިދިޔަ ހަތަރު ވައްތަރުގެ އަނބިންނަށްވުރެ، މި ބާވަތުގެ އަނބިންގެ ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިޔަށް ދާނެއެވެ. ސަބަބަކީ، ނުކިޔަމަންތެރިކަމާއި ގޮތް ދޫނުކުރުމުގެ ސިފަތައް މި ބާވަތުގެ އަނބިންގެ ކިބައިގައި ނުވާތީއެވެ. ނަމަވެސް މިބާވަތުގެ އަނބިންނާ ކުރިމަތިވާ ނުރައްކަލެއް ވެއެވެ. އެއީ ފިރިމީހާގެ އޯޑަރަކަށް އިންތިޒާރުކޮށްގެން އިންދާ ވަގުތު ފާއިތުވުމެވެ. މިކަން ކުރިމަތިވަނީ، ގޭތެރޭގައްޔާއި ދަރިންނަށް ކުރިމަތިވާ ކަންކަމުގައި ފިޔަވަޅު އެޅުމުގައެވެ. ހެޔޮލަފާ ފިރިން، މިބާވަތުގެ ކަންކަމުގައި އަބަދުވެސް އުންމީދުކުރާނީ، އަނބިންގެ ހިންގުންތެރިކަމަށެވެ.


6. ހަރުކަށި އަނބިން:
ހަރުކަށި އަނބިންނާ ހުރިހާ ފަރާތަކުން ހަރުކަށިކަން ކުރިމަތިވެއެވެ. އެހެނީ، މިބާވަތުގެ އަނބިން އަބަދުވެސް އެހެން މީހުންނާ އިދިކީލިވެގެން އުޅެއެވެ. ފިރިމީހާއާއި އެކުވެރިންނާ އެކުގައި ވެސް ގެންގުޅޭނީ އިދިކޮޅުވުމުގެ ސިޔާސަތެވެ. މިބާވަތުގެ އަނބިންގެ ގާތުގައި ނުކުރުމަށް ފިރިން ބުނާ ކަންތައްތައް ގަދައަޅައި ކުރާނެއެވެ. ފިރިންގެ ކުރިމަތީގައި ނުލަފާކަމާއި ގޮތްދޫނުކުރުމުގެ ނުބައި ސިފަ އިސްކުރާނެއެވެ. މިކަހަލަ އަނތްބަކާ މިކަހަލަ ފިރިޔެއްގެ ޙަޔާތުގައި އަރާރުމާއި ތަޅާފޮޅުން އޮންނާނެއެވެ. އަދި މިކަހަލަ އަނބިންނަށް ފިރިމީހާގެ އަތުން އަނިޔާ ލިބެއެވެ. މިކަހަލަ އަނބިންނަކީ ބުއްދި އިސްކުރާ ޙިކުމަތްތެރި ބަޔަކު ކަމުގައި ނުވާތީއެވެ.


7. އެއްގޮތަކަށް އުޅޭ އަނބިން:
މިވައްތަރު އަނބިން ހީކުރަނީ، ކައިވެނި ކުރުމަކީ ލޯބީގެ ނިމުން ކަމުގައެވެ. މިވައްތަރު އަނބިންގެ ބަލިފަޔަކީ، ދިރިއުޅުމުގެ ކަންކަން އާކުރުމެއް ނެތި، އަބަދު އެއްގޮތަކަށް ދިރިއުޅެން އުޅުމެވެ. ކޮންމެ ރެއަކު އެއްގޮތަކަށް ނިދައި ހޭލުމާއި ކޮންމެ ދުހަކު އެއްގޮތަކަށް ހެނދުނުކޮށް ހަވީރުކުރުމަކީ، ފިރިންގެ ހިތަށް މާޔޫސްކަން ވެރިކުރުވާ ކަމެކެވެ. ފިރިހެނުން އިތުރު އަނތްބަކު ހޯދަން ބޭނުންވަނީ، މިފަދަ އަނތްބަކާއެކު ދިރިއުޅޭ އިރުގައި ކަމަށް ބުނެވެއެވެ. ފިރިހެނުން ބޮޑަށް ލޯބިވަނީ، އަބަދު އާގޮތްތައް ދައްކާ، ސާފު ރީތި ހެދުން ލައިގެން ރީތިވެގެން އުޅޭ އަނބިން ދެކެއެވެ.


8. ބަސްގިނަ އަނބިން:
ބަސްގިނަ އަނބިންގެ ގޮތަކީ، ނުދަންނަ ކަންކަމާމެދު ވެސް، ހިތަށް އެރިހާ ގޮތަކަށް ވާހަކަ ދެއްކުމެވެ. މިބާވަތުގެ އަނބިން އެގޮތަށް އަނގަތަޅަނީ، ނުބައި ނިޔަތެއް ނެތި، ހުސްވަގުތު ފުރާލުމުގެ ގޮތުން ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް، މިބާވަތުގެ އަނބިންނާއެކު ދިރިއުޅޭ ފިރިންނަށް ވަރަށް ނޭދެވޭ ބައްޔެއް ޖެހޭ ކަމަށް ބުނެވެއެވެ. އެއީ ދާއިމީ ގޮތެއްގައި ބޮލުގައި ރިއްސާ ބައްޔެވެ. ވިސްނާ ނުލައި ވާހަކަ ދެއްކުމަކީ، ފިރިހެނުންގެ ޠަބީޢީ ސިފައެއް ނޫނެވެ. އެހެންވީމާ، ފިރިހެނުންގެ މިސިފަ ބޮޑަށް ހުންނަ ފިރިންނަށް ވާނީ، އަނބިމީހާގެ އަނގަތެޅުމާއި ބަސް ގިނަ ކަމަކީ މުޞީބާތަކަށެވެ. އަނބިމީހާ ބޭކާރު ވާހަކަތައް ދައްކާއިރުވެސް ހެޔޮލަފާ ފިރިން އަޑުއަހާނެއެވެ. ނަމަވެސް އެކަމުގެ ނޭދެވޭ އަސަރު އެބައިމީހުންނަށް ކޮށް، ބޮލުގައި ރިހުން އިތުރުވާނެއެވެ.


9. ހިތަށް އެރި ގޮތަކަށް ކަންކުރާ އަނބިން:
މިބާވަތުގެ އަނބިންނަކީ، ކަނޑުގެ ރާޅު ފަދަ ބަޔެކެވެ. އަބަދު އެއްގޮތެއްގައި ދެމި ނުތިބޭނެއެވެ. ނަމަވެސް އެއުރެން ބަދަލުވާ ބަދަލުވުމަކީ، އެހެން މީހުންނާ ގުޅގެން ކުރެވޭ ކަމެއް ކަމުގައި ނުވެއެވެ. އެހެނީ، އެއުރެން އެހެން މީހުންނާ މުޢާމަލާތްކުރާނީ، އެއުރެންގެ އަމިއްލަ މޫޑު އޭރަކު ހުރި ގޮތެއްގެ މަތިންނެވެ. ރުޅި އައިސްފައި ހުންނައިރު، އެންމެން ދެކެ ރުޅި އަންނާނެއެވެ. އަދި އެއުރެންނީ، އެހެން މީހުންނަށް މަރްޙަބާ ކިއުމުގައި ފަސްޖެހޭ ބަޔަކު ކަމުގައި ވެއެވެ. މިކަމުގެ ސަބަބުން އެކަކާ އެކީގައި އިނދެގެން އުޅުމަކީ، މިބާވަތުގެ އަނބިންނަށް ނުކުޅަދާނަ ކަމެކެވެ. އަދި ރަޙުމަތްތެރިންނާއެކު، ރަޙުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ.


10. ސިއްރު ފާޅުކުރާ އަނބިން:
މިބާވަތުގެ އަނބިންނަކީ އެއްވެސް ކަމެއް ސިއްރުކޮށްގެން އުޅޭ ބަޔެއް ނޫނެވެ. ފިރިމީހާއާއެކު، އޮންނަ ޒަވާޖީ ގުޅުމުގެ ސިއްރުތައް ވެސް އެއުރެން ހާމަކުރެއެވެ. އަދި އެއުރެންގެ އަމިއްލަ އަންހެން ވަންތަކަމުގެ ސިއްރުތައް ވެސް ހާމަކުރެއެވެ. މިކަމުގެ ސަބަބުން މިބާވަތުގެ އަނބިންގެ ޤަދަރު ކުޑަވެ، މީސްތަކުންގެ ކުރިމަތީގައި އަގުވެއްޓެއެވެ.


11. އިހުމާލުވާ އަނބިން:
މިބާވަތުގެ އަނބިންގެ އެންމެ ފާޅުކަން ބޮޑު ސިފައަކީ ގޮނޑުކަމާއި ނުތާހިރު ކަމެވެ. ދިރިއުޅޭ ތަނާއި ލާ ހެދުމަށް ބަލައިލުމުން އެއުރެން ފާހަގަކުރަން އެނގޭނެއެވެ. އެއުރެން ދިރިއުޅޭ ތަންތަން ނުތާހިރުވުމުގެ އިތުރުން، އެތަންތަނުގައި އެއްވެސް ތަރުތީބެއް ނޯންނާނެއެވެ. ރީތި ހެދުން ލައިގެން ސެންޓުޖަހައިގެން އުޅުމަކީ އެއުރެން އަހައްމިއްޔަތުކަން ދޭ ކަމަކަށް ނުވާނެއެވެ.


12. އިސްރާފުކުރާ އަނބިން:
ޙަޤީޤަތުގައި މިބާވަތުގެ އަނބިންނަކީ، ނަފުސާނީ ބަލިމީހުންނެވެ. މިބަލީގެ އެއް ސަބަބަކީ، ކުޑައިރު، ފަޤީރު ޙާލުގައި އުޅެން ޖެހުމެވެ. ހިތުގައި އޮންނަ ކަންބޮޑުވާ ކަމެއްގެ ސަބަބުން ވެސް މިބާވަތުގެ އަނބިން އިސްރާފުކުރެއެވެ. ފިރިމީހާ އެހެން މީހަކަށް އެއްޗެއް ދިނުމަކީ، މިބާވަތުގެ އަނބިން ނުހަނު ކަންބޮޑުވާނެ ކަމެކެވެ. މިފަދަ އަނބިން ނަފުސާނީ ޑަކުޓަރުންގެ އަރިހަށް ގޮސް ފަރުވާލިބިގަތުން އަވަސްކުރުން މޮޅުއިތުރެވެ.


13. ޝުޢޫރު ނުދަންނަ އަނބިން:
މިބާވަތުގެ އަނބިންނަށް، ފިރިމީހާގެ މިޒާޖާއި ޠަބީޢަތް ދެނެގަންނާކަށް ނޭގެއެވެ. ފިރިމީހާ ކަންބޮޑުވާ ކަންކަމާއި އޭނާ ބޭނުންވާ ކަންކަމާމެދު އެއުރެން އަޅާނުލައެވެ. އެއުރެން ދިރިއުޅޭ ހިތްވަނީ، ތިމާއަކީ އަންހެނެއް ކަމާއި އަނތްބެއް ކަމާއި މަންމައެއްކަން ހަނދާން ނައްތާލާފައެވެ. ފިރިމީހާގެ ކަންކަމުގައި ބައިވެރިވުމަށް ލޯބިކުރުމަކީ، އެއުރެން ކުރާ ހިތްވާ ކަމެއް ކަމުގައި ނުވެއެވެ.


14. މުށްބާރު އަނބިން:
ޙަޤީޤަތުގައި މިބާވަތުގެ އަނބިންނަކީ، ކާމިޔާބު ބަޔެކެވެ. ޒަވާޖީ ޙަޔާތާއި ވަޒީފާގެ މައިދާނުގައި ސާބިތުކަމާއި ކުޅަދާނަކަން ދައްކާ ބަޔެކެވެ. މިބާވަތުގެ އަނބިން ދެކެ ފިރިން ނުހަނު ލޯބިވާނެއެވެ. އެކަމަކު، މިބާވަތުގެ އަނބިން ޙާޞިލުކުރުމަށް ބޭނުންވާ ކާމިޔާބީތަކުގެ ބޮޑުކަމުން ފިރިން ކަންބޮޑުވާތަން ބައެއްފަހަރު އާދެއެވެ. އާދައިގެ ދިރިއުޅުމުގައި ފަސޭހައިން ލިބެން ނުހުންނަ ކަންކަން ޙާޞިލުކުރުމަށް މިބާވަތުގެ އަނބިން ހިންމަތްކުރެއެވެ. ސުރުޚީގައި މުށްބާރު އަނބިންނޭ އޮތަސް، މިބާވަތުގެ އަނބިންނަކީ، ރަނގަޅު ސިފަތަކެއް ލިބިފައިވާ ބަޔެކެވެ. ހުށިޔާރުކަމާއި ކެރުމާއި ކުރިޔަށްދިއުމަށް މަސައްކަތްކުރުމަކީ އެއުރެންގެ ބައެއް ސިފަތަކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ