އަދުގެ ޚާއްސަ

Print

އޮފީހަށް ގަޑިޖެހިގެން ދާން ލަދުގަނެއެވެ. ނަމަވެސް......

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ގަޑިޖެހިގެން އޮފީހަށް އައުމަކީ އަހަރެން ވަރަށް ފޫހިވާ އެހާމެ ހިތްހަމަ ނުޖެހޭ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ގަޑި ނުޖެހި އޮފީހަށް ދެވޭނެހައި މޫސުން ހުއްޓައި އެނދާ އަލްވަދާޢު ކިޔަން މަޖުބޫރުވެއެވެ. އެގަޑީގައި އެލިބޭ އަރާމު ނިދި ދޫކޮށްލަނީ، ގަޑިޖެހުމަކީ އަހަރެންނަށް ގަބޫލު ކުރެވޭ ނުވަތަ ހަޖަމު ކުރެވޭ ވަރު ކަމަށް ނުވާތީއެވެ. ގަޑިޖެހިގެން އަންނަ މީހުނާ ދޭތެރޭ އޮފީހުގެ ރައްޓެހިން ދެކޭ ގޮތްވެސް އަހަރެންނަށް އެނގޭތީއެވެ. ނަމަވެސް މަދު މަދުން ނަމަވެސް އަހަރެން ވެސް ގަޑިޖެހެއެވެ. އެކަމާ އަހަރެން ލަދުވެސް ގަނެއެވެ.

އޮފީހުގައި އުޅޭ ޒިންމާދާރު ޚުލްޤު ހެޔޮ މީހުންގެ ތެރޭގައި ހިމެނުމަށްޓަކައި އަހަރެން އަބަދުވެސް މަސައްކަތް ކުރަމެވެ. އެކުގައި މަސައްކަތްކުރާ އެހެން މީހުނާވެސް ގުޅުން ބާއްވަނީ މިދެންނެވި މިންގަޑުންނެވެ. އަދި ހަމައެހެންމެ އަހަރެންނަކީ ދީނީ ކަންތައްތަކަށް ލޯބިކުރާ ދީންވެރި ޚުލްޤުހެޔޮ މީހުނާ އަބަދުވެސް ގުޅުން ބަހައްޓަން ބޭނުންވާ މީހެކެވެ. އެ ގޮތުން އޮފީސްގަޑީގައި ވެސް ނަމާދު ވަގުތުތަކަށް ފަރުވާތެރި ވެވޭތޯ އަބަދުވެސް މަސައްކަތް ކުރަމެވެ.

ގަޑިނުޖެހި އޮފީހަށްދިއުމުގައި އަހަރެންނަށް އެންމެ ބޮޑުއެއްބާރުލުމެއްދީ އެހީތެރިވަނީ އަހަރެންގެ އަންހެނުންނެވެ. އަހަރެންނަށް ނިދިފައި އޮތަސް ގޮވާ ހޭލައްވައެވެ. ހެދުންތައްޔާރުކޮށްދީ ދެންވެސް ވެވެން ހުންނަ ހުރިހާ އެހީތެރިކަމެއް ވަރަށް އުފަލާއެކު ކޮށްދެއެވެ.

ކުރިންވެސް ދެންނެވި ފަދައިން ގަޑިއަށް ސަމާލުކަންދިނުން މީ އަހަރެންގެ އެންމެ މުހިންމު ސިފައެވެ. ނަމަވެސް ސަމާލުކަން ދޭންވާ އެންމެ މުހިންމު ގަޑިއަކީ ކޮބައިކަން އަދިވެސް އަހަރެންގެ އަމިއްލަ ނަފްސަށް މިއުޅެނީ ވިސްނައި ނުދެވިގެނެވެ. އޮފީހަށް ގަޑިޖެހިދާނެތީ އަހަރެން ލަދުގަނެއެވެ. ނަމަވެސް ފަތިސްނަމާދު ވަގުތު ފާއިތު ވެގެން ދާއިރުވެސް އެކަމާ އަޅާވެސް ނުލާ މަދުންނަމަވެސް ނިދަން އެބަ އޮވެއެވެ. ދެން ބުނަންވީ ނުހޭލެވުނީއޭހެއްޔެވެ؟ އެހެން ބުނެވިދާނެއެވެ. ނަމަވެސް އެވާނީ އަމިއްލަ ނަފްސަށް ހެދޭ މަކަރަކަށް ނުވަތަ ދޮގަކަށެވެ.

ކޮންމެދުވހަކުވެސް ހެނދުނު ހޭލައިގެން ފާޚާނާއަށް ވަދެފައި ކުޑަވަގުތުކޮޅަކަށް ނަމަވެސް މިކަމާ ވިސްނާލެވެއެވެ. ދެން ހިތަށްއަރަނީ މާދަމާ މިހެން ވިޔަކަ ނުދޭނަމަވެ. އެހެނެއްކަމަކު ދުވަހަކު އެ، މާދަމައެއް ނައެވެ. ބައެއްފަހަރު ހިތަށްއަރައެވެ. ދިރިއުޅުމުގެ އެހެން ކައްތައްތަކުގައި ހިތްވަރުކޮށް އުޅޭފަދައިން ދީނީ ކަންކަމުގައި އަހަރެންގެ ހިތްވަރާއި ކެރުން ހަގީގަތުގައިވެސް ފެންނަންވާ ވަރަކަށް ނުފެނެއެވެ.

އޮފީހަށް ގަޑިޖެހިދާނެތީ ގަންނަ ލަދު ހާދަހާ ބޮޑެވެ. މުސާރައިން ކުޑަމިންވަރެއް ވެސް އުނިވެދާނެތީ ވަރަށް ކަންބޮޑުވެއެވެ. ވަޒީފާގެ ކުރިއެރުމަށް ހުރަސްއެޅިދާނެތީ އެކަމާ ވިސްނެއެވެ.  ނަމަވެސް.....  ފަތިސްނަމާދަށް ނުހޭލެވުމަކުން ނުވަތަ ނުދިއުމަކުން މުސާރައަކުން ނުކެނޑެއެވެ. ވަޒީފާގެ ކުރިއެރުމަކަށްވެސް ހުރަހެއް އެޅޭކަމަކަށް ނުވެއެވެ. އަދި އެކަމާ ލަދުންއުޅޭކަށްވެސް ނުޖެހެއެވެ. ވާނީ އެހެން ނޫންތޯއެވެ. އަބަދު މި ވިސްނަނީ ދުނިޔެއާއި ދުނިޔޭގެ އުފަލާ މެދުގައެވެ. ދުނިޔޭގެ އަރާމާ އުފަލުން ކުޑަމިންވަރެއް ވެސް ދޫކޮށްލަން ވެއްޖެނަމަ އެއޮތީ ކަންތަކާ ޖެހިފައެވެ. ނަމަވެސް ދީނީ ކަންތައްތައް ފައިލްކުރަމުން ފަހަށް ބަހައްޓަމުންގޮސް އަދަދު ނުކުރެވޭ ހިސާބަށް ދަނީއެވެ. އަދިވެސް ހަމަ ސިނކުޑިއަށް އެއްޗެއް ނުވަންނަނީ ބާއެވެ؟

އެހެން އެއްވެސް މީހެއްގެ ޙައްޤެއް އެކުލެވިފައި ނުވާ، އަހަރެންގެ އަމިއްލަ ވަގުތުގައި ނަމާދަށް ނުދެވޭނަމަ އޮފީސް މަސައްކަތް ދޫކޮށް ނަމާދު ގަޑި ހަމަ ޖެހުމާއެކު މިސްކިތަށް ދިއުން މީ ކޮންކަހަލަ ކަމެއް ބާވައޭވެސް ހިތަށް އަރައެވެ. އެހެން ހިތަށް އަރަން ދިމާވާ ސަބަބީ އޮފީހުގައި ކުރާ މަސައްކަތާއި ހޭދަކުރާ ވަގުތަށްބަލައި ކަނަޑައެޅިފައި އޮންނަ އުޖޫރަ ދައުލަތުގެ ޚަޒާނާއިން، ދޭތީއެވެ. އޭގެ ތެރޭގައި ގުނިގެންދާ ނަމާދު ވަގުތުތަކުގައި މިސްކިތަށް ދިއުމަކުން މުސާރައިން ކެނޑޭ އެއްޗެއް ނެތެވެ. އެންވީމާ ވަގުތު ދުއްވާލުމުގެ ގޮތުންވެސް ނަމާދަށް ދެވިދާނެއެވެ.

ހަގީގަތުގައި ފަތިސްނަމާދަށް ނުތެދުވެ ނިދަން އޮވެފައި އޮފީސް ގަޑީގައި ނަމާދަށް ދިއުން މީ ކޮންކަހަލަ ކަމެއްކަން އަދިވެސް މިއުޅެނީ ވިސްނައި ގަންނަން ދަތި ވެގެންނެވެ. ރަނގަޅެވެ. ހުރިހާ ވަގުތެއްގައި ވެސް ނަމާދު ކުރަންވާނެއެވެ. ގަޑިއަށްވެސް ފަރުވާތެރިވާން ވާނެއެވެ. ނަމަވެސް ހަގީ ގަތުގައި ފަރުވާތެރިވާންވީ ގަޑިތައް މިއޮތީ އޮޅިފައި ނޫންބާވައެވެ.

ކުރިންވެސް ދެންނެވި ފަދައިން އޮފީހަށް ގަޑިޖެހިގެން ދާން ލަދުގަނެއެވެ. ނަމަވެސް ޖަމާއަތް ނިމި މީހުން މިސްކިތުންފައިބާފަހުން ނަމާދަށް ދާންޖެހުމަކުން އެއްވެސް ލަދެއްވެސް ނުގަނެއެވެ. އަޅެ މުހިންމީ ކޮންގަޑިއެއް ބާވައެވެ....!!!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ