އަދުގެ ޚާއްސަ

Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 03

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


19 ޖުލައި (އާދީއްތަ)އާ ގުޅޭ....

ތަމްރީނު ޕްރޮގްރާމަކަށް، ބޭނުންވާ ކަންތައްތައް ބަލައިހޯދާނެ ގޮތް


ބިންމާ އިބްރާހީމް ވަޙީދު


ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދުމަކީ، ކަނޑައެޅިފައިވާ ވަކި އުސޫލެއެއްގެ މަތިން، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ރޭވުމެވެ. މި އުކުޅު ބޭނުންކޮށްގެން، އޮގަނައިޒޭޝަނެއްގެ މުސްތަޤުބަލަށް އޭގެ އަސަރު ކުރާނެ، ތަފާތު އެތަކެއް ސަބަބުތަކެއް ދެނެގަނެވޭނެ އެވެ. މި ބޭނުންކުރެވޭނީ، އޮގަނައިޒޭޝަނުން ހާސިލު ކުރަން ބޭނުން ލަނޑުދަނޑިތަކާއި، ހާސިލުވަމުން އަންނަ ލަނޑުދަނޑިތަކުގެ ތަފާތު ދިރާސާ ކުރުމަށެވެ. އޮޅުމެއް ނެތް ގޮތުގައި، އޮގަނައިޒޭޝަން އަކީ، ވަކިވަކި ފަރުދުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ޓީމެކެވެ. އެހެންކަމުން، އޮގަނައިޒޭޝަނެއްގެ ޕާރފޯމަންސްގެ ވާހަކަ ދައްކާއިރު، މީގެ މާނަ އަކީ، އެ އޮގަނައިޒޭޝަނެއްގައި ޚަރަކާތްތެރިވާ ވަކިވަކި ހުރިހާ ފަރުދުންގެ ޕާރފޯމަންސް އެވެ. ތަނަށް އަސްލު ބޭނުންވާ ގޮތާއި، ކަންހިނގަމުން އަންނަ ގޮތުގެ ތަފާތު ރަނގަޅަށް ދަނެގަނެވުމުން، އެ ތަފާތު ކުޑަ ކުރާނެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ގޮތުގެ ތަސައްވުރެއް އޮންނާނީ ލިބިފަ އެވެ.

     
އެންޓަރޕްރައިސްގެ ކޮންމެ މުވައްޒަފަކަށް ވެސް، ކުރެވޭނެ ކަންތައްތަކާއި އަދި އެކަން ކުރަންވީ މިންވަރަކާއި، ފެންވަރަކާ ދޭތެރޭގައި ވެސް، އޮގަނައިޒޭޝަނުން ކުރާ އުންމީދެއް އޮންނަންޖެހޭނެ އެވެ. ބައެއް ފަހަރު މި އުންމީދުތައް އޮންނަނީ، ސްޓާފުންގެ ސިކުނޑީގަ ފޮރުވިފަ އެވެ. އެކަމަކު، ވަރަށް ގިނަ އޮގަނައިޒޭޝަންތަކުން މި ކަން ތަފްސީލުކޮށް ހާމަކުރެ އެވެ. އާންމުކޮށް އެ އަށް ވަޒީފާބަޔާން ކިޔާ، މި ރަސްމީ ލިއުމުގައި، އެ މަޤާމެއްގައި ހުންނަ މީހާ އަދާކުރަން ޖެހޭ ޒިންމާތައް ޞަރީޙަކޮށް ބަޔާންކޮށްފައި ހުރެ އެވެ. އޭގެ ސަބަބުން، އެ މީހާގެ ފެންވަރު ވަޒަންކުރާނެ މިންގަނޑުތަކެއް ލިބިގެންދެ އެވެ. އެ ފަދަ ރަސްމީ ލިއުމެއް ނެތަސް، ކޮންމެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރާ ދޭތެރޭގަ ވެސް ތަނުގެ ވެރިން ކުރާ އުންމީދެއް އޮވެއެވެ. މައްސަލަ އަކީ، ރަސްމީ ލިއެކިއުމެއް ނެތުމުން، އެ އުންމީދުތަކަކީ ކޮބައިކަން މުވައްޒަފުންނަށް އޮޅުންއަރާގޮތް ވުމެވެ. މަސައްކަތް ކުރާ މީހާ އާއި، ތަނުގެ ވެރިން ނުވަތަ އެހެން މުވައްޒަފުންނާ ދެމެދު އެއް ވިސްނުމެއް ގެންގުޅުނަސް، އޮންނާނީ ޝައްކެއްގެ މަތީގަ އެވެ. ވަޒީފާބަޔާން މުރާޖާ ކުރުމަށްފަހު، ތަމްރީނަށް ބޭނުންވާ ކަންތައްތައް ދަނެގަންނަން ޖެހެނީ އެހެންވެ އެވެ. ތަމްރީނެއް ހިންގުމަކީ، ބުއްދިވެރިކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅަން ބޭނުންވާ މަޢުލޫމާތުގެ ތަފްސީލުތައް ލިބޭނީ، އެ ފަދަ ލިއުމަކުންނެވެ. ވަޒީފާ ބަޔާނެއް ނެތް ނަމަ، ޑްރާފްޓުކޮށް ޕަބްލިޝް ކުރުމަށްޓަކައި ޕޮލިސީތަކެއް އުފެއްދުމަށް، ތަމްރީނު ރާވާ ފަރާތުން އޮގަނައިޒޭޝަނަށް ލަފާދޭން ވާނެ އެވެ.
   
މަޤާމުގެ މަސްއޫލިއްޔަތުގައި ވެސް، ޕާރފޯމަންސް ލަނޑުދަނޑިތައް ކަނޑައެޅިފައި އޮންނަންޖެހޭނެ އެވެ. އޭގެ ސަބަބުން، މުވައްޒަފުން މަސައްކަތް ކުރަންވީ އަމާޒު، ވަރަށް ފާޅުކޮށް އެނގެން އޮންނާނެ އެވެ. މި ޕާރފޯމަންސް ލެވެލްތައް ހާސިލު ކުރެވެމުންދާ ވަރަކަށް، އޮގަނައިޒޭޝަން ކާމިޔާބުވަމުންދާނެ އެވެ. ސަބަބަކީ، ކޮންމެ މަޤާމެއްގެ ޕާރފޯމަންސް ލަނޑުދަނޑިތައް ހާސިލު ވުމުން، މުޅި އޮގަނައިޒޭޝަނުން ވާސިލުވާން ބޭނުންވާ، ފެންވަރު ރަނގަޅު، ފުޅާ އަމާޒުފަތްގަނޑަށް މަގުފަހިވާނެ އެވެ. ބޭނުންތެރި އެއްޗަކަށް ހެދުމަށްޓަކައި، އެ ޕާރފޯމަންސް ލަނޑުދަނޑިތައް ކަނޑައެޅިފައި އޮންނަންވާނީ، ވަރަށް އާދައިގެ، ސާފު ބަހުރުވަޔަކުންނެވެ. އެ ކިޔާލުމުން، ކަމާ ގުޅުންހުރި އެއްވެސް މީހަކަށް އޮޅުމެއްއަރައި، މާނަ އަރާރުންވެގެން ނުވާނެ އެވެ. އޮޅުންއަރައިފި ނަމަ، ފަހުން މައްސަލަ ޖެހޭނެ އެވެ. އޭގައި ކަނޑައަޅާފައި އޮންނަ ލަނޑުދަނޑިތަކަކީ، އާދަޔާޚިލާފު ޙިކުމަތަކާ ނުލައި ކުރެވޭނެ ކަހަލަ، ގަބޫލުކުރެވޭ ފެންވަރުގެ އެއްޗަކަށް ވާންޖެހޭނެ އެވެ. ހާސިލު ނުކުރެވޭ ފެންވަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމަކީ ވުން ވަރަށް ގާތް ކަމެކެވެ. މާނަ އަކީ، މާ ގޮތްބޮޑު ޝަރުތުތަކެއް ވަޒީފާގައި ކަނޑައެޅުމަކީ، ބައެއްފަހަރު ކުރެވޭ ކަމެކެވެ. އެއީ، މީހުންނާ މަޝްވަރާ ނުކުރާތީ ދިމާވާ ގޮތެކެވެ. އެއްގޮތަކުން ބަލާއިރު އެއީ މުޅިން ގޯސްކަމެއް ނޫނެވެ. ވަޒީފާ ޝަރުތުތަކުގެ ފެންވަރު މަތިކުރުމަށް ހިތްވަރު ދޭން ވެސް ޖެހޭނެ އެވެ. އެހެންނަމަވެސް، ކަނޑައަޅާ ޝަރުތުތައް އެއްވެސް މުވައްޒަފެއްގެ ހަމަވާނެހެން ހީނުވާ ނަމަ، އެ ވަޒީފާ ބަޔާން ވެގެންދާނީ ނާކާމިޔާބުގެ ތަޅުދަނޑިއަކަށެވެ.
   
ޕާރފޯމަންސްގެ މިންގަނޑުތަކުން، ވަޒީފާ އަދާކުރާ މީހާގެ މިޒާޖު ބުނެދެވޭނެ އެވެ. ޚާއްޞަ ހުނަރެއް ހުންނަންޖެހޭނެ ކަމަށް، މަޤާމުގެ ޝަރުތުތަކުގައި ބުނާ ނަމަ، އެ މީހުންނަށް އަލަށް ތަމްރީނުދޭއިރު ނުވަތަ މަސައްކަތް ހަވާލުކުރާއިރު އެކަން ދަނެގަންނަންޖެހޭނެ އެވެ. މީހުންނަށް މަޤާމު ހަވާލުކުރާއިރު، އެފަދަ ކަންކަމަށް ފަރުވާތެރިވާ ނަމަ، ތަމްރީނުގެ ބޭނުން ކުޑަ ކުރެވިދާނެ އެވެ. އަދި އޮގަނައިޒޭޝަންގެ މަސައްކަތްތަކަށް ހުއްޓުންއަރާއެރުން މަދުކުރެވިދާނެ އެވެ. އަނެއްކާ ވެސް ހަނދާންކޮށްދޭންޖެހޭ ކަމަކީ، ކަންކަން ސިއްރުކޮށްގެން ނުގެންގުޅުމެވެ. މަޤާމުގެ މަސްއޫލިއްޔަތަކީ ކޮބައިކަން، ކަމާ ގުޅުންހުރި އެންމެނަށް ވަރަށް ސާފުކޮށް އިނގެންޖެހޭނެ އެވެ.
   
މަސައްކަތުގެ މާޙައުލުގައި، މުވައްޒަފެއްގެ ކިބައިގައި ހުރި ފެންވަރާއި، ހުންނަންޖެހޭ ފެންވަރުގެ ދެމެދުގައިވާ ފަރަގަށް ކިޔަނީ ޕާރފޯމަންސް ޑިސްކްރިޕަންސީ ÷(P.D) އެވެ. އޮގަނައިޒޭޝަނެއްގެ ލަނޑުދަނޑިތައް ހާސިލުކުރަން ބޭނުން ނަމަ، ޚިދުމަތުގެ ފެންވަރު، ހުންނަންޖެހޭ މިންގަޑާ ހަމައަށް ގެންދަންޖެހެ އެވެ. އެހެންކަމުން، މުޅި އޮގަނައިޒޭޝަނުން ހާސިލު ކުރަން ބޭނުންވާ މަގުސަދު ހާސިލުކުރުމަށްޓަކައި، ޕީޑީ ނައްތާލުން ނުވަތަ ކުޑަކުރުމަކީ މުހިންމު ކަމެކެވެ. ޕީޑީ އުފެދެން މެދުވެރިވާ ސަބަބަކީ، "މިހާރު ކުރެވެމުންދާ ކަންތައް" އެއީ "ކުރަންވީ ކަންތަކަށް" ނުވުމެވެ. އުންމީދުކުރާ ގޮތަށް، އުންމީދުކުރާ ލެވެލް އަށް މުވައްޒަފުންގެ ޕާރފޯމަންސް ގެންދެވިދާނެ ކިތަންމެ ގޮތެއް ހުރެއެވެ. އޭގެތެރޭގައި މުޖައްރިބު ކަންތަކާއި، މުޖައްރިބު ނޫން ކަންތައް ވެސް ހިމެނެ އެވެ. ތަމްރީނު ދިނުމަކީ އޭގެތެރެއިން އެއް ގޮތެވެ. ތަމްރީނު ދިނުމަކީ، އެ ކަން ކުރަންވާ ގޮތަށް ކުރާ ނަމަ، ޚަރަދުބޮޑު، ގިނަ ވަގުތު ހޭދަވާ، ބުރަ މަސައްކަތަކަށް ވާތީވެ، ޕީޑީ އަށް އެހެން ފަރުވާއެއް ހޯދުމަށް ވެރިން ލަފާދެއެވެ. އެހެންނަމަވެސް، "މީ ޓްރޭނިންގެ މައްސަލައެއް" ނުވަތަ "އެވެނި ބަޔަކަށް ޓްރޭނިން ދޭންވީ" ބުނާ އަޑު ގިނަގިނައިން އިވުމަކީ، ހައިރާންވާންވީ ކަމެއް ނޫނެވެ. ޙަޤީޤަތުގައި އެހެން ދިމާވާ ސަބަބަކީ، ކޮންމެވެސް ދިމާލަކުން، ޕާރފޯމަންސްގެ މިންގަނޑުތަކެއް ކަނޑައެޅިފައި ނެތީ އެވެ. އެހެންވިޔަސް، ސުވާލަކީ، އެ ފަދަ އަޑެއް އިވޭ ކޮންމެ ފަހަރަކު، ޓްރޭނިން އަކީ، ކަމުގެ ޙައްލަކަށް ވާނެކަމުގެ ދިރާސާއެއް ކުރިބާ އެވެ؟
   
ޕީޑީ ފޫބެއްދުމަށްޓަކައި އޮތް އެންމެ ރަނގަޅު ޙައްލަކީ ޓްރޭނިންތޯ ބެލުމަށްޓަކައި، ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދުމުގެ ތެރޭގައި، 7 ސުވާލެއްގެ ޖަވާބު ހޯދަންޖެހޭނެ އެވެ. ޓްރޭނިންއެއް ރާވައި ހިންގުމުގެ ފުރަތަމަ މަރުޙަލާގައި އަޅާ ފިޔަވަޅެއްގެ ގޮތުން، ޓްރޭނިން ރާވާ މީހާ ހަދާ ސާރވޭގައި، މި 7 ސުވާލު ހިމެނެންވާނެ އެވެ. މި ސުވާލުތަކުން ލިބިދޭ ޖަވާބުގެ އެހީގައި، ޓްރޭނިން ރާވާ މީހާ ކުރިއަށް ފިޔަވަޅު އަޅާނެ މަގުތަކެއް ކޮށިގެންދާނެ އެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ