އަދުގެ ޚާއްސަ

Print

އަދަބިއްޔާތުން ވައްކަން ކުރުމާމެދު ޢިލްމުވެރިންގެ ރައުޔު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


ކުރުކޮށް ބުނާނަމަ، އަދަބިއްޔާތުން ވައްކަންކުރުމޭ ބުނެވޭ ބަހުގެ މާނައީ، އެހެން މީހަކު ލިޔެފައި އޮންނަ އެއްޗެއް، އެ އޮންނަގޮތަށް ކޮޕީކޮށްގެން، ތިމާގެ އަމިއްލަ ނަމުގައި ޝާއިޢުކުރުމެވެ. ނުވަތަ އެހެން މީހެއްގެ އުފެއްދުމާއި ފިކުރު ނެގުމަށްފަހު، އޭގެ މަޞްދަރަށް އިޝާރާތްކުރުމެއް ނެތި، އޭގެ ބޭނުންކުރުމެވެ.

އަދަބިއްޔާތުން ވައްކަންކުރުމުގެ މާނައިގައި ހިމެނޭ ލިޔުންތައް، ފަންވަތުގައި ޝާއިޢުކުރެވޭ ކަމުގެ ޝަކުވާ ކުރެވެމުން އެބަދެއެވެ. އޭގެ މިސާލަކީ، ވިކި ޕީޑިއާ ނުވަތަ އެކިއެކި ފޮތްފޮތުގައިވާ ލިޔުންތައް، އޭގެ އަޞްލު މަޞްދަރު ބަޔާންކުރުމެއް ނެތި، ތިމާގެ އަމިއްލަ ނަމުގައި ޝާއިޢުކުރުމެވެ. މިހެންވެ، މިބާވަތުގެ ޢަމަލުތައް ނުކުރެއްވުމަށް ފަންވަތުގެ އެންމެހައި ލިޔުންތެރިންނަށް އިލްތިމާސްކުރަމެވެ. އަދި އެއްވެސް ލިޔުމަކާމެދު މިބާވަތުގެ ތެދު ޝަކުވާއެއް ފަންވަތަށް ލިބިއްޖެނަމަ، އެ ލިޔުމެއް ފޮހެލެއްވުމަށް، ފަންވަތުގެ އެޑިޓަރުންނަށް ދަންނަވަމެވެ.

ތިރީގައި މިވަނީ، އަދަބިއްޔާތުން ވައްކަންކުރުމާ ބެހޭގޮތުން، ޖާމިޢުލް އަޒުހަރުގެ ފަތުވާ ކޮމިޓީން ނެރުއްވާފައިވާ ފަތުވާއެއްގައި ހިމެނޭ މުހިންމު ނުކުތާތަކެވެ. މި ނުކުތާތައް ނަގާފައިވަނީ، އައްޝަރުޤުލް އައުސަޠު ނޫހުގެ 9021 ވަނަ ޢަދަދުންނެވެ.


1. ފޮތަކުން ނުވަތަ މަޖައްލާއަކުން ނުވަތަ މަރްޖިޢަކުން މަޢުލޫމާތު ގޮތުގައި ޢިބާރާތްތައް ނެގުމަކީ ޝަރުޢީ ގޮތުން ހުއްދަކަމެކެވެ. އެއީ، އެކަންކުރާ މީހާ ފާފަވެރިވާނެ ކަމެއް ނޫނެވެ. ނަމަވެސް އެ މަޢުލޫމާތު ނެގި މަޞްދަރާއި އެލިޔުނު ފަރާތް ބަޔާންކުރަންވާނެއެވެ. އެ މަޢުލޫމާތު ރައްދުކުރަންވާނީ އޭގެ އަޞްލު މަޞްދަރަށެވެ.

2. ފޮތެއް ލިޔެ ތައުލީފުކުރާއިރު، ނުވަތަ މަޒުމޫނެއް ލިޔާއިރު، ފޮތަކުން ނުވަތަ މަޞްދަރަކުން ނުވަތަ މަޖައްލާއަކުން ޢިބާރާތްތައް ނަކަލުކުރުމަށްފަހު، އެ ފޮތް ނުވަތަ އެ މަޒުމޫނު ލިޔުނު މީހާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި އެ ހާމަކުރުމަކީ، އިސްލާމީ ޝަރުޢުގައި ޙަރާމް ކަމެކެވެ. އަދި އެއީ ޤާނޫނުގައި މަނާ ކަމެކެވެ. އެހެނީ، އެއީ ވައްކަމުގެ ބާވަތެކެވެ.

3. އެހެން މީހުންގެ ފިކުރާއި ލިޔުންތައް ނަގައިގެން، އެއަށް އާ ފިކުރާއި މަފުހޫމުތައް އިތުރުކޮށް، އެ ތަރައްޤީކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް، އޭގެ އަޞްލު މަޞްދަރާއި އެ އީޖާދުކުރި ފަރާތް ބަޔާންކުރަން ވާނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ