އަދުގެ ޚާއްސަ

Print

އިޚްލާޞްތެރިކަމާ ކިޔަމަންތެރިކަމަކީ، އޭނާގެ ޚާއްޞަ ސިފައެވެ.

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ދިވެހި

             
                     ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް
                                    ތާ އަބަދު ދެމި ހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ

ތިން މީމު

އިސްކޮޅުން ދިގު ނޫން ހިމަތޮޅި ބޭފުޅެކެވެ. ކަޅު ބޭފުޅެއް ނޫނެވެ. ސާދާ ބޭފުޅެކެވެ. ހިތްހެޔޮ ބޭފުޅެކެވެ. ކޯފާމަޑު ބޭފުޅެކެވެ. މަޑުމައިތިރި ކެތްތެރި ބޭފުޅެކެވެ. ހީވާގި މުރާލި ބޭފުޅެކެވެ. ކަމަށް ކަމޭހިއްތަވާ ބޭފުޅެކެވެ. ޙަވާލުކުރެވުނު ކޮންމެ ކަމެއް ފުރިހަމައަށް ކުރެއްވި ބޭފުޅެކެވެ. އެންމެންނަށް ކަމޭހިއްތަވައި އިޙްތިރާމްކުރެއްވި ބޭފުޅެކެވެ. އެކުގައި އުޅުއްވި އެންމެންގެ މިތުރެކެވެ. ސިއްރުވެރިއެކެވެ. ވަފާތެރިއެކެވެ. އުސްތާޛެކެވެ. މުމައްސިލެކެވެ. ކުޅުންތެރިއެކެވެ. ލިޔުންތެރިއެކެވެ. މޮޅު ފަންނާނެކެވެ. އިޚްލާޞްތެރިކަމާ ކިޔަމަންތެރިކަމަކީ، އޭނާގެ ޚާއްޞަ ސިފައެކެވެ. ފަންސާސް ހަތްއަހަރާ ހަތްމަސްދުވަހު ސަރުކާރުގައި، ރައްޔިތުންގެ ޚިދްމަތުގައި ދެމިހުންނެވި ޚިދްމަތްތެރިއެކެވެ. މިދަންނަވަނީ މީމު ސާދުން ރަމްޒުވާ އެންމެންގެ ސާދުގެ ސިފަތަކެވެ. ތިމަރަފުށީ މުޙަންމަދު ޞާދިޤުގެ ސިފަތަކެވެ. ނުވަތަ މުރިނގު މުޙަންމަދު ޞާދިޤުގެ ސިފަތަކެވެ.

އާދޭހެވެ. ކޮންމެ ސިފައަކުން ސިފަކުރިއަސް، ކޮންމެ ނަމަކުން މުޚާޠަބުކުރިއަސް އެއީ ނަމޫނާއެކެވެ. އެއީ ވަފާތެރިއެކެވެ. އެއީ ޚިދްމަތްތެރި ފަންނާނެކެވެ. އުފެއްދުންތެރިއެކެވެ. ފަހު ނޭވަޔަށްދާނދެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވި ކުޅަދާނަ އުފެއްދުންތެރި ފަންނާނެކެވެ. އޭނާގެ މަސައްކަތްތައް ވަނީ ބިންވަޅުނެގިފައެވެ. ޒަމާންތަކަކަށް ފެންނާނޭގޮތަށް ބެހެއްޓިފައެވެ. އޭނާގެ ޚިދްމަތްތައްވަނީ ޞަފުޙާތަކުގައި ކުދި އަކުރުތަކަކުން ފަވައި ޢާންމުވެފައެވެ. އޭނާ ކުޅިވަރުގެ ދަނޑުގައި ވިދާލި ރޮނގުތައްވެސް ގިނައެވެ. އެރޮނގުންވެސް އޭނާގެ ޚިދްމަތް ފުރިހަމައެވެ. އޭނާގެ ފަންނުވެރިކަމަށް ތާރީފުނުކުރާ އެކަކުވެސް ނެތެވެ.

އޭނާގެ ވަފާތެރިކަން ހާމަވަނީ އޭނާ ފޮރުވައިދިން ސިއްރުތަކުންނެވެ. ސިއްރުތަކުގެ ގިނަކަމުންނެވެ. އޭގެތެރޭގައި ގިނައީ ޤައުމީ މަޞްލަޙަތާގުޅޭ ސިއްރުތަކެވެ. ޤައުމުގެ އެންމެ އިސްވެރިންގެ ސިއްރުތަކެވެ. އޭނާގެ ކިޔަމަންތެރިކަމާއި އިޚްލާޞްތެރިކަން، ތިން ރައީސުންނާއި ދެ ބޮޑުވަޒީރުން ބަލައިގަތީ ދެބަސްވުމެއްނެތިއެވެ. އޭނާގެ ރަޙްމަތްތެރިން، އޭނާ ބަލައިގަތީ ވަފާތެރި ރަޙްމަތްތެރިއެއްގެ ގޮތުގައެވެ. އޭނާގެ އެކުވެރިން އޭނާ ބަލައިގަތީ ދުވަހަކު ދެގޮތެއް ނުވާ މިތުރެއްގެ ގޮތުގައެވެ. އޭނާގެ ހުނަރު އެންމެންވެސް ބަލައިގަތީ ތާރީފާއެކުގައެވެ. އޭނާގެ ޚިދްމަތް ޤައުމީ ފެންވަރުގައި ބަލައިގަތީ ބޮޑެތި ބޮޑެތި ޖަލްސާތަކުގެ ސްޓޭޖުތަކުގައި ހޫނު އަތްތިލަބަނޑިތަކާއެކުގައެވެ. އޭނާގެ ދަރިވަރުން އޭނާ ނަމޫނާއަކަށް ބަލައިގަތީ އެފަދަ ނަމޫނާއަކަށްވުމުގެ އަޒުމުގައެވެ. ސަރުކާރަށް ޚިދްމަތްކުރުމުގައި، ޤައުމަށް ޚިދްމަތްކުރުމުގައި އޭނާ ދެއްކެވި ސާބިތުކަމަކީވެސް ޤައުމީ މިސާލެކެވެ.
 
މިދެންނެވި ޚިދްމަތްތެރިޔާ އަލްފާޟިލް އަލްމަރްޙޫމް މުޙަންމަދު ޞާދިޤު، އުފަންވެވަޑައިގަތީ ކޮޅުމަޑުލު ތިމަރަފުށްޓަށެވެ.  މީލާދީ ސަނަތުން 1935 ވަނަ އަހަރުގެ އޯގަސްޓް މަހުގެ  14 ވަނަ ދުވަހުއެވެ. ތަޢްލީމީ ޙަޔާތުގެ ބިންގާ އެޅުނީ ކޮޅުމަޑުލު ތިމަރަފުށީގައެވެ. ރަށު މަދަރުސާގައި ކިޔަވާވިދާޅުވަމުން ގެންދަވަނިކޮށް ރާއްޖޭގެ އެކިއަތޮޅުތަކުން ކިޔަވައިދިނުމަށް ސަރުކާރުން ގެންނެވި ކުދިންގެ ތެރޭގައި ހިމެނިވަޑައިގެން ވަރަށް ތުއްޕުޅުއިރު މާލެ ގެންނެވިއެވެ. ހުންނެވީ ދާރުލްއިޤާމާގައެވެ. ދާރުލްއިޤާމާގެ ދަރިވަރެއްގެ ގޮތުގައެވެ. ކިޔަވާ ވިދާޅުވަމުން ގެންދެވީ ފަޚުރުވެރި މަޖީދިއްޔާގައެވެ.

މުޙަންމަދު ޞާދިޤު އެފުރާޅެއްގެ ދަށުގައި ތަޢްލީމާއި ތަރްބިޔަތު ހޯއްދެވި ދާރުލްއިޤާމާއަކީ މުޅިރާއްޖެއަށް ވަރަށް ހަރުދަނާ ދަރިންތަކެއް ތަރްބިޔަތުކޮށް ނެރެދިން ދަނާލެކެވެ. އެއީ، ރާއްޖޭގެ އެކިއަތޮޅުތަކުގެ އެކި ރަށްރަށުގެ ކުދިން ތަރްބިޔަތުކޮށް ނެރެދިން ދަނާލެކެވެ. އެއީ އަގުހުރި ތަނެކެވެ. އެދަނާލުގައި ތަރްބިޔަތުކުރެވުނީ މުޅިންވެސް ފިރިހެންކުދިންނެވެ. އެދަނާލުގެ ދަރިވަރުންނަނީ، ހަރުދަނާ ޤައުމީ ޝަޚުޞިއްޔަތުތަކެކެވެ. ނުގުޑާނޭފަދަ ވަރުގަދަ ތަނބުތަކެކެވެ. ޞާދިޤުގެ މުޅި ޙަޔާތުގެ ބިންގާއަޅައިދީ މިސްރާބު ކަނޑައަޅައިދިނީ ޤައުމަށާއި ރައްޔިތުންނަށް ޚިދްމަތްކުރުމުގައި ލާމަސީލު ނަމޫނާ ދަރިންތަކެއް ތަރްބިޔަތުކޮށް ނެރެދިން މި ދެންނެވި ދާރުލްއިޤާމާއެވެ. ޞާދިޤުގެ ޙަޔާތުގެ ސަފުޙާތައް ނިއުޅަމުންދާއިރު މިދެންނެވި ދަނާލު ހުރިތަން ސިފަކޮށްލުމަކީ، މިހާރަށް މުހިންމުކަމެއްކަމުގައި ދެކެމެވެ. އެއީ އޭނާގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ހޭދަކުރީ އެތަނުގައި ކަމަށްވާތީއެވެ. އަދި ޒަމާނާއެކު ތަންތަނަށާއި ކަންކަމަށް އައި ބަދަލުތަކުގެ ބޮޑުކަމާވެސް އެކުގައެވެ.

އާދޭހެވެ. މުޙަންމަދު ޞާދިޤު ކިޔަވާވިދާޅުވި މަޖީދިއްޔާ ހުންނަނީ މިހާރު މަޖީދިއްޔާ ސްކޫލް ހުރި ތަނުގައެއް ނޫނެވެ. އޭރު މަޖީދިއްޔާ ހުންނަނީ، މާފަންނު ބަގީޗާގެއަށް ކުރިމަތިވާގޮތަށެވެ. މިހާރު އެކި ގޯތިގޯއްޗަށް ބެހިގެންގޮސްފައިވާ ބޮޑު ބިމުގައި ފަރީދީމަގުން ވަދެވޭގޮތަށެވެ. އެބިމުން ފަރީދީމަގަށްވާގޮތަށް މިހާރު ނަގާފައިވާ ދެގޯއްޗަކީ، މާފަންނު ގިރިޓީގެއާއި، މާފަންނު ޖުޕިޓަރެވެ. މިދެންނެވި މަޖީދިއްޔާގެ ހުޅަނގުން ވަރަށްބޮޑު ގޯއްޗެއް އޮވެއެވެ. އެގޯތީގައި ވަރަށްބޮޑު އެއްބުރީގެ އިމާރާތެއް ހުއްޓެވެ. އެ ޢިމާރާތްހުރީ ގިނަ ކޮޓަރިތަކަކާއި، ފެންޑާއަކާއި، ކައްކާ ބަދިގެއަކާއި، މިނޫންވެސް ބައެއް ތަންތަނާއެކުގައެވެ. އެއީ ދާރުލްއިޤާމާއެވެ. ދާރުލްއިޤާމާގެ ދަރިވަރުން މަޖީދިއްޔާއަށް ވަދެ ނުކުންނަކީ، ދާރުލްއިޤާމާއާއި މަޖީދިއްޔާއާ ދެމެދުގައި ހުންނަށް ދޮރާށްޓަކުންނެވެ. މިތަނުން މިހާރު ވަނީ ވަރަށްގިނަ ގޯތިނެގިފައެވެ. ބައިބައިކުރެވިފައެވެ. އޭގެތެރެއިން އެއްގެއަކީ މާފަނުން ގްލޯރީގެއެވެ.

ދާރުލްއިޤާމާގެ ހިޔަލުގައި މުޙަންމަދު ޞާދިޤު ހުންނެވިއިރު ތަމްސީލުކުޅުވަން ފެށްޓެވިއެވެ. ޞާދިޤު ފެނިގެންދިޔަ ފުރަތަމަ ތަމްސީލަކީ، ރާއްޖޭގައި ކުޅުނު ފުރަތަމަ ތަމްސީލުވެސްމެއެވެ. އެތަމްސީލު ލިޔުއްވައި ދަސްކޮށްދެއްވީ، ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ތަމްސީލުގެ ނަމަކީ، ”ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ“އެވެ. މިތަމްސީލަށްފަހު 1970 ވަނަ އަހަރާ ޖެހެންދެން ސްޓޭޖުގައި ތަމްސީލުނުކުޅެ ހުހަށް ދިޔައެވެ. އެއަށްފަހު 1970 ވަނަ އަހަރު ތަމްސީލު ކުޅެން ފެށުނީ މާލޭ ޓެނިސްކްލަބުގެ ފަރާތުން ޢާންމުކޮށް ޓިކެޓް ވިއްކައިގެން ދެއްކި ތަމްސީލުތަކާއެކުގައެވެ. މިތަމްސީލުތައް ހިމެނިގެންދިޔައީ ޢާންމުންގެ ތަރްޙީބު ވަރަށްބޮޑަށް ލިބުނު ތަމްސީލުތަކަކަށެވެ. ހައުސްފުލް ވެގެންދިޔަ ޝޯތަކަކަށެވެ. މި ޝޯތަކުގައި ކޮންމެ ރެއަކު އެންމެން ރޮމުން، ލޯތައް ކަރުނައިން ފުރަމުން ދިޔައީ ދެވަނަ ބޮޑުހަނގުރާމައިގައި ރާއްޖެއަށް ދިމާވި ބޮޑުތަދުގައި ޖެހުނު ހާލު ބަޔާންކޮށްދިން ”ބޮޑުތަދުގެ އަސަރު“ މުޙަންމަދު ޞާދިޤާއި، މައިޒާން މުޙަންމަދު ޝަރީފާއި، ގ.އާސާމް ޢަދްނާނު ޢަލީ ކުޅުއްވިލެއް ފުރިހަމަކަމުންނެވެ. އަސަރުގަދަ ކަމުންނެވެ. މި ވޭނީ އަސަރުގަދަ ތަމްސީލުގައި ޞާދިޤު ކުޅުއްވާފައިވަނީ ”ޔޫސުބު“ގެ ބައެވެ. އާދޭހެވެ. ޞާދިޤަކީ މިރޮނގުންވެސް ހުނަރުވެރި މުމައްސިލެކެވެ.

ތަޢްލީމީ ޙަޔާތުގައި ޞާދިޤަށް ލިބިފައިވަނީ އެކިރޮނގުރޮނގުން ފާހަގަކޮށްލެވޭ ހުނަރުވެރި ކްލާސްމޭޓުންނެވެ. އެބޭފުޅުންގެ ތެރޭގައި އަލްފާޟިލް ޢަބްދުﷲ ޖަމީލާއި، އަލްފާޟިލް ކ.ދ.އަޙްމަދު މަނިކާއި، އަލްފާޟިލް މައިޒާން އިބްރާހީމް މަނިކާއި، އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމާއި، އަލްފާޟިލް މުލީ ޢަބްދުﷲ ޞާދިޤާއި، އަލްފާޟިލް ދަނބިދޫ އާދަމް ޔޫސުފާއި، އަލްފާޟިލް ހުޅުދޫ ޢަލީ ޢަބްދުﷲ މަނިކުފާނާއި، އަލްފާޟިލް އަލްމަރްޙޫމް ހިންނަވަރު މުޙަންމަދު ޞާލިޙާއި، އަލްފާޟިލް އަލްމަރްޙޫމް ފުވައްމުލަކު އަޙްމަދު ވަޙީދާއި، އަލްފާޟިލް އަލްމަރްޙޫމް ސ.ހިތަދޫ ޢަބްދުﷲ ޢަލީ ހިމެނިވަޑައިގަންނަވައެވެ. މިއިން ކޮންމެ ބޭފުޅަކީވެސް ޤައުމަށް، ރައްޔިތުންނަށް، އަގުހުރި ޚިދްމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ކްލާސްމޭޓުންގެ ތެރެއިންވެސް މުޙަންމަދު ޞާދިޤުގެ އެންމެ ގާތް އެންމެ ރަޙްމަތްތެރި ކްލާސްމޭޓަކީވެސް ޞާދިޤެކެވެ. އަލްފާޟިލް މުލީ ޢަބްދުﷲ ޞާދިޤެވެ. ދެޞާދިޤުގެ ގުޅުން ބަދަހިވެފައިވަނީ ނަމުގެ ގޮތުން އެކަންޏެއްނޫނެވެ. އެކަކަށް ލިބޭ އުފަލުގައި އަނެކަކު ބައިވެރިވާތީއެވެ. އެކަކަށް ލިބޭ ހިތާމައިގައި އަނެކަކު ބައިވެރިވާތީއެވެ. އެކަކު އަނެކަކަށް ހަމްދަރުދީވާތީއެވެ. އެކުއެކީގައި ސަރުކާރަށް ވެންނެވީތީއެވެ. އެއްތަނެއްގައި އެއްމަސައްކަތެއްގައި އެއްވާނެއްގައި އެއްބާރުލައިގެން އުޅެންޖެހުނީތީއެވެ. އެކަކަށް ލިބޭ ތާރީފާއި ޝުކުރު އަނެކަކަށް އޮޅިގެންނަމަވެސް ލިބޭތީއެވެ. އެކަކަށް ލިބޭ ވެދުންތައް އަނެކަކަށް އޮޅިގެންނަމަވެސް ލިބޭތީއެވެ. އޮޅިގެން ކާލެވޭފަހަރާއި ބޭނުންކުރެވޭ ފަހަރުވެސް އަންނާތީއެވެ. މިކަން އޭނާގެ ޙަޔާތުގެ އެންމެފަހު ދުވަހާ ޖެހެންދެންވެސް ދެމިއޮތެވެ. އަދި ވަކިން ޚާއްޞަކޮށް އޭނާގެ ކްލާސްމޭޓުންނަށާއި އެކުވެރިންނަށް މިކަންވީ ވަރަށް މަޖާކަމަކަށެވެ. މީގެތެރެއިން ބައެއް ވާހަކަތަކުގެ މަޖާކަމާއި ފޮނިކަމާއި ހިތިކަން އަލްފާޟިލް ޢަބްދުﷲ ޞާދިޤު ލިޔުއްވާފައިވާ “ދެޞާދިޤުގެ އޮޅުން“ ކިޔާލުމުން ވަރަށް ރަނގަޅަށް އޮޅުންފިލައިގެން ދެއެވެ.

މުޙަންމަދު ޞާދިޤުގެ ތަޢްލީމީ ޙަޔާތުގެ އެންމެ މުހިންމު ދުވަސްވަރަކީ ކޮމްޕިއުޓަރުގެ ޒަމާނެއް ނޫނެވެ. ރޭޑިޔޯގެ ޒަމާނެއް ނޫނެވެ. ޓީވީގެ ޒަމާނެއް ނޫނެވެ. މިޒަމާނުގައި މިފެންނަ ކުދިކުދި ޑިސްކްތަކާއި ޑްރައިވަރތަކުގެ ޒަމާނެއް ނޫނެވެ. އެހެންނަމަވެސް، އޭނާއާއެކު ކިޔަވާވިދާޅުވި އޭނާގެ ކްލާސްމޭޓުން ކޮމްޕިއުޓަރަކަށް އަދި ޓޭޕް ރެކޯޑަރަކަށް ބެއްލެވި މެޝިނަކީ ޞާދިޤެވެ. މަޢްލޫމާތު ރައްކާކުރާ ޑްރައިވަރއަކަށް ބެއްލެވީވެސް ޞާދިޤެވެ. 1949 ވަނަ އަހަރުން ފެށިގެން އައި 4 އަހަރެއްހާ ދުވަހު ހުރިހާ ކްލާހެއްގައި ކިޔަވައިދެއްވި ހުރިހާ ފިލާވަޅެއް ވަގުތުން ވަގުތަށް އޭނާ ނޯޓުކުރައްވަމުން ގެންދެވިއެވެ. އަދި ނޯޓުކުރެއްވުމުގެ އިތުރަށް ހުރިހާ ފިލާވަޅެއް ފަހުން ރީއްޗަށް ލިޔުއްވާފައިވެއެވެ. ލައިބްރަރީގެ ރަނގަޅު ޚިދްމަތެއް ލިބެން ނެތް ޒަމާނުގައި ކްލާހުގެ ހުރިހާކުދިން ބޭނުންކުރި އެންމެ ޚާއްޞަ ލައިބްރަރީއަކީ އެއީއެވެ. އެ ލައިބްރަރީއޮތީ ހުރިހާކުދިންނަށް ހުޅުވާލެވިފައެވެ.

މަޖީދިއްޔާގައި ކިޔަވަމުންދިޔަ ދުވަސްވަރު އެކިކުދިން މޮޅުވަމުން އައީ އެކިމާއްދާއަށެވެ. މުޙަންމަދު ޞާދިޤު މަޝްހޫރުވެފައިވަނީ، މުޅި މަދަރުސާގައި ހުރި އެންމެ ލިޔުން ރީތި ދަރިވަރުގެ ގޮތުގައެވެ. ޢަރަބި ލިޔުންވެސް އެހާ ރީއްޗެވެ. ތާނަ ލިޔުންވެސް އެހާ ރީއްޗެވެ. އެހާ ކުޅަދާނައެވެ. އެހާ ފަރިތައެވެ.  ކުދިއަކުރުން ކުޑަތަންތަންކޮޅުގައި ގިނަ ލިޔުއްވުން ލިޔުއްވުމަށް ހަމަ އެހާމެ މަޝްހޫރެވެ. އެ މަޝްހޫރުކަން އޭނާގެ ޙަޔާތުގެ އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ދެމިއޮތެވެ. ދެލިޔުން އެހާ ފަރިތަކޮށް އެހާ ރީއްޗަށް ލިޔަން ދަސްވުންވީ ވަރަށް ޅައުމުރުފުޅުގައި ޤައުމީ ޚިދްމަތަށް ނުކުންނަންޖެހު ސަބަބުކަމުގައެވެ. ވަޒީފާގެ ބިންގާކަމުގައެވެ.

މަޖީދިއްޔާ ދޫކޮށް މަސައްކަތުގެ މައިދާނަށް އޭނާ ނުކުމެވަޑައިގަތް ދުވަހަކީ 1952 ވަނަ އަހަރުގެ މެއިމަހުގެ 29 ވަނަ ދުވަހެވެ. އެއީ، އޭނާއަށް ސަރުކާރުގެ ވަޒީފާ ލިބުނު ދުވަހެވެ. އެއީ ވަރަށް ޚާއްޞަ ދުވަހެކެވެ. އެއީ އުފަލާއި ހިތާމަ އިޙްސާސްތަކެއް ކުރަންޖެހުނު ދުވަހެކެވެ. ކްލާސްމޭޓުންނާ ވަކިވާތީ ހިތާމަކުރަންޖެހުނު ދުވަހެކެވެ. ދެރަވި ދުވަހެކެވެ. އެކަމަކު އެއީ އޭނާގެ ޚާއްޞަ ކްލާސްމޭޓު ޢަބްދުﷲ ޞާދިޤާއެކުގައި މަސައްކަތްކުރަން ނުކުންނަންޖެހުނީތީ ހިތްހަމަޖެހުނު ދުވަހެއްވެސް މެއެވެ. ސަރުކާރުން ވަޒީފާއެއް ލިބުނީތީ އުފާކުރި ދުވަހެކެވެ. އެކުގައި އުޅުނު ދެޞާދިޤަށް ވަރަށް މޮޅު، ވަރަށް ކުޅަދާނަ، ވަރަށް ޚާއްޞަ ފެންވަރެއްގެ މީހަކަށް ނޫނީ ނުވަދެވޭ ތަނަކަށް ވަދެވުނު ދުވަހެކެވެ. ގައިބާރުގަދަ، ލިޔުން ރީތި، ކުރެހުން ރީތި، ކަވިމަސައްކަތަށް ފަރިތަ، ސިއްރު ހިފަހައްޓާ މީހުންނަށް ވަދެވޭތަނަށް ވަދެވުނު ދުވަހެކެވެ. މާތްރަސްކަލާނގެ ރަސްކަންފުޅު ގަންދީ ހުވާކޮށް، ހުވާގެ ލިޔުމުގައި ސޮއިކޮށްގެން މެނުވީ ނުވަދެވޭ ތަނަކަށް ވަދެވުނު ދުވަހެކެވެ. މެޝިނަރީގެ ބޭނުންކުރުން ނެތް ޒަމާނުގައި، އަބަދާ އަބަދު އަޑުކަނޑައިނުގޮސް ހުންނަ ޗާޕުމެޝިންތަކުގެ ތެރެއަށް ވަދެވުނު ދުވަހެވެ. ދައުލަތުގެ ސިއްރުތަކުން ފުރިފައިވާ ސަރުކާރު ޗާޕުޚާނާގެ ކާތިބުކަން ލިބުނު ދުވަހެވެ. އެދުވަސް އޭނާގެ ކްލާސްމޭޓުން ސިފަކުރަނީ، ”ކުށްވެރިވެގެން އަރުވާލަން ގެންދިޔަގޮތަށް ގެންގޮސް އޮޑިއަށްލީގޮތަށް“ ލިޔުން ރީތިވެގެން، ދެޞާދިޤު ގެންދެވިގޮތަށް ގެންގޮސް ސަރުކާރަށް ލެއްވީކަމުގައެވެ. އާދޭހެވެ. ކްލާހުގައި ކިޔަވަންތިއްބާ ކުއްލިއަކަށް މަދަރުސާގެ އިދާރާއަށް ދެޞާދިޤު ގެންދިޔައިމާ ލިބުނު ޝޮކާއި ފަހުން ކަންވީގޮތް އޮޅުންފިލީމާ ލިބުނު އުފަލުގައި އެކަން ސިފަކުރެވުނީ މިގޮތަށެވެ.

ޗާޕުޚާނާގެ ވަޒީފާއާއެކު ދެޞާދިގުގެ ދިރިއުޅުން ބަދަލުވީ މ.ނެދުންގެއަށެވެ. ޗާޕުޚާނާގެ މެނޭޖަރު އަލްފާޟިލް ޢަލީ ނަޖީބުގެ ގެއަށެވެ. ޢަލީ ނަޖީބު ދެޞާދިޤު ގެންދެވީއެވެ. ޗާޕުޚާނާގައި މުޙަންމަދު ޞާދިޤު ހޭދަކުރެއްވި ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު ހައެއްޖަހާއިރަށް ގަޑިނުޖެހި ޗާޕުޚާނާއަށް ވަޑައިގަންނަވައެވެ. މާފަންނު ނެދުންގެއިން ނުކުންނަވައިގެން ފައިމަގުގައި ހިންގަވާފައެވެ. ޗާޕުޚާނާ ހުންނަނީ މާފަންނު ބަގީޗާގޭ ކުރިމަތީގައެވެ. ހެނދުނު ނާސްތާ އޮންނަނީ ޗާޕުޚާނާގެ ދިގުމޭޒުގައެވެ. ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށް އެކުއެކީގައި އެއްމޭޒުގައެވެ. މަޖަލާއި ސަމާސާގެތެރޭގައެވެ. ހެނދުނު ނާސްތާއަކީތޯއެވެ. ކޮންމެ މީހަކަށް ކަޅުސައިތަށްޓަކާއި ކުޑަގުޅައިގެ ދެގުޅައެވެ. ސައިތަށި ބޯލުމަށްފަހު އަވަހަށް މަސައްކަތް ފަށަންވީއެވެ.     

ޗާޕުޚާނާގެ ދިރިއުޅުމަކީ މާ ފަސޭހަ ދިރިއުޅުމެއްނޫނެވެ. ބުރަ ދިރިއުޅުމެކެވެ. ގަޑިންގަޑިއަށް ހާޒިރުވާންޖެހޭ ދިރިއުޅުމެކެވެ. ރެޔާދުވާލު އުޅެންޖެހޭ ދިރިއުޅުމެކެވެ. މުޙަންމަދު ޞާދިޤުވެސް ރެޔާދުވާލު ޗާޕުޚާނާގައި މަސައްކަތްކުރެއްވިއެވެ. ފޫހިކަމެއްނެތިއެވެ. ވަރުބަލިކަމެއްނެތިއެވެ. އޭނާގެ ލިޔުން ރީތިކަމާއި، މަސައްކަތަށް ދެއްވާ ސަލާމުކަމާއި، ކަމަށްކަމޭހިތާލެއް ބޮޑުކަމުންނާއި، މަސައްކަތް ދަސްކުރެއްވިލެއް އަވަސްކަމުން ޗާޕުޚާނާގެ މުހިންމު ބޮޑެތި މަސައްކަތްތައް ކުރުމުގެ ފުރްޞަތު ނުލާހިކު އަވަހަށް ލިބިވަޑައިގަތެވެ. ޗާޕުޚާނާއިން ނެރުއްވި ”ސަރުކާރުގެ ޚަބަރާއި“ ”މުންނާރު“ގެ ގިނަ ލިޔުންތަކާއި ސަރުކާރުގެ އެކިއެކި ސިއްރު މުހިންމު ލިޔުންތަކާއި، ފޮތްތައް ލިޔުއްވުމުގެ ބުރަ އުނދަގޫ މަސައްކަތް ޞާދިޤު ކުރެއްވިއެވެ. އެހުރިހާ ލިޔުންތައް ލިޔެ، ކުށްފިލުއްވަމުން ގެންދެވީ ފޫހިކަމެއްނެތިއެވެ. ހީވާގިކަމާއި މުރާލިކަމާއެކުގައެވެ. ލިޔުމޭތޯއެވެ. އެއީ ބުރަ އުނދަގޫ މަސައްކަތެކެވެ. މިޒަމާނުގައި މިފެންނަ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ލިޔާކަހަލަ ފަސޭހަ، އަވަސް ލިޔުންތަކެއް ނޫނެވެ. މިހާރުގެ ޗާޕުޚާނާއެއްގައި މަސައްކަތްކުރާ މީހެއްގެ ހިތަށްވެސް ގެންނަން އުނދަގޫ، ބަޔާންކުރަން ދަތި ލިތޯޗާޕުގެ ލިޔުންތަކެވެ. އަތުން ކާޕީ ކަރުދާހުގައި ލިޔެ ހިލަޔަށް އަކުރުތައް އެކޮޅުކޮޅުން އެރުވުމުގެ ކަވި އުނދަގޫ މަސައްކަތެވެ.

ލިތޯ ޗާޕަށް ލިޔުމުގެ އިތުރުން ސްޓެންސިލް ލިޔުމަށްވެސް މުޙަންމަދު ޞާދިޤު އެހާ ފަރިތައެވެ. އެހާ ކުޅަދާނައެވެ. ސަރުކާރު ޗާޕުޚާނާގައި ވަރަށް ރަނގަޅު ފެންވަރުގައި އެމަސައްކަތްވެސް ކުރެއްވިއެވެ. މަޝްހޫރު ދުވަހު ނޫސް ”ވިޔަފާރި މިއަދު“ އެއީ ސްޓެންސިލްގައި ލިޔެގެން ޗާޕުކޮށްގެން ނެރުނު ނޫހެކެވެ. އެނޫހުގެ ގިނަ ލިޔުންތަކެއް މުޙަންމަދު ޞާދިޤު ލިޔުއްވިއެވެ. އެކި ފަލަމިނުގައި އެކި ސައިޒަށް ލިޔުއްވިއެވެ. ހިމަކަށިގަނޑަކުން ސްޓެންސިލްގައި ލިޔުންތަކާއި ސުރުޚީތައް، ސްޓެންސިލް ހަލާކުކޮށްނުލައި ލިޔުމަށްވެސް އެހާ ކުޅަދާނައެވެ. ހުނަރުވެރިވެފައި ފަރިތައެވެ. އެހާމެ ފަންނުވެރިއެވެ.

ފަސްއަހަރާ ހަތްމަހާ އޮނަތިރީސް ދުވަހު ސަރުކާރު ޗާޕުޚާނާގައި މަސައްކަތް ކުރެއްވިފަހުން ވުޒާރަތުއްދާޚިލިއްޔާގެ ކާތިބުކަމުގެ މަގާމަށް ޞާދިޤު ބަދަލުކުރެއްވިއެވެ. އެއީ އޭނާ ކުރައްވާ މަސައްކަތުގެ ފުރިހަމަކަމުންނެވެ. އޭނާގެ ފެންވަރުހުރިލެއް މޮޅުކަމުންނެވެ. މި ބަދަލު ސަރުކާރުން ގެންނެވީ 1958 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 28 ވަނަ ދުވަހުއެވެ. އޭގެފަހުން ވަޒީރުލްއަޢްޡަމް އޮފީހުގެ ކާތިބުކަމާއި، މަޢާރިފުގެ މުދައްރިސްކަމާއި، ސިލޯނުގައި ތިބޭ ކިޔަވާކުދިންގެ ދިވެހި މުދައްރިސްކަމާއި، ދާޚިލިއްޔާގެ ސެކްރެޓެރީކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒުގެ ސެކްރެޓެރީކަމާއި، މެރިޖް ރެޖިސްޓްރޭޝަން ޑިވިޜަންގެ ސެކްރެޓެރީކަންވެސް ކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސެކްރެޓެރީކަމުގެ މަގާމުގައި ޞާދިޤު ޚިދްމަތްކުރައްވަން ފެށްޓެވީ، 20 ޖަނަވަރީ 1971 ގައެވެ. އޭގެފަހުން ޕްރައިމް މިނިސްޓަރ އޮފީހުގެ ސެކްރެޓެރީކަމުގެ މަގާމުވެސް ފުރުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި، އެސިސްޓެންޓް ޓު ދި ޕްރައިވެޓް ސެކްރެޓެރީކަމާއި، އެސިސްޓެންޓް ޓު ދި އެގްޒެކެޓިވް ސެކްރެޓެރީކަމާއި، ސީނިއަރ އެސިސްޓެންޓް ޓު ދި އެގްޒެކެޓިވް ސެކްޓެރީކަމާއި، ސީނިއަރ ޕްރެޒިޑެންޝަލް އެއިޑްކަމާއި، ޑިރެކްޓަ، ލެޖިސްލެޓިވް އެފެއާޒްކަމާއި، ޑިރެކްޓަރ ޖެނެރަލް، ލެޖިސްލެޓިވް އެފެއާޒްކަމުގެ މަގާމު ހިމެނެއެވެ. އަވަހާރަވީއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީގެ ޚާއްޞަ މުޝީރުކަމުގެ މަގާމުގައެވެ.  މިދެންނެވި ވަޒީފާތަކުގެ އިތުރުން ކްރިކެޓް ކޮންޓްރޯލް ބޯޑް އޮފް މޯލްޑިވްސްގެ ސެކްރެޓެރީކަންވެސް އޭނާ އަދާކުރެއްވިއެވެ. ބޯޑުގެ ފުރަތަމަ ސެކްރެޓެރީއަކީވެސް ޞާދިޤެވެ. އެ މަގާމުގައި ވަރަށްގިނަ ދުވަހު ހުންނެވިއެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގަތީ، 20 ފެބްރުއަރީ 1993 ގައެވެ.

މުޙަންމަދު ޞާދިޤުގެ ޚިދްމަތުގެ ޙަޔާތުގައި ހުސްތަނެއް ނެތެވެ. ހުސްޖާގައެއް ނެތެވެ. އޭނާއަށް ސަރުކާރު ބަންދުދުވަހެއް ނާންނަ ކަހަލައެވެ. ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ ފަށްޓަވާ ޤައުމީ ޚިދްމަތް ގިނަ ދުވަސްދުވަހު ނިމެނީ މެންދަމުން އަލިވީމައެވެ. ވަރުބަލި ކަމެއް ނެތި އަނެއް ދުވަހުވެސް ޤައުމީ ޚިދްމަތާ ކުރިމަތިލަނީ އުފަލާއެކުގައެވެ. ފޫހިކަމެއް ނެތިއެވެ. ވަރުބަލިކަމެއް ނެތިއެވެ. ކުރާހިތުންނެވެ. މަދްރަސީ ދައުރުން ފެށިގެން ކަށްވަޅަށް ދާނދެން އެގޮތުގައި ދެމި ހުންނެވިއެވެ. އެނަމޫނާ ދެއްކެވިއެވެ. އެ ދެއްކެވި ސާބިތުކަމަކީ ޤައުމީ މިސާލެކެވެ. ޤައުމީ ނަމޫނާއެކެވެ.

ސަރުކާރަށް ޚިދްމަތްކުރުމުގައި، ޤައުމަށް ޚިދްމަތްކުރުމުގައި، ރައްޔިތުންނަށް ޚިދްމަތްކުރުމުގައި އޭނާގެ ހިތްވަރާއި ފަންވަރު ފެނިގެންދަނީ އޭނާ އަދާކުރައްވާފައިވާ ވަޒީފާތަކުންނެވެ. ކުރައްވާފައިވާ މަސައްކަތްޕުޅުތަކުންނެވެ. އޭނާގެ ހިތްޕުޅުގައިވާ ޤައުމީ ލޯބީގެ ފުން ޝުޢޫރު ފެނިގެންދަނީ ޤައުމަށް ޚިދްމަތްކުރެއްވުމުގައި ދައްކަވާފައިވާ ރީތި މިސާލުތަކުންނެވެ. ޤައުމީ ޚިދްމަތަށް އެދި ޤައުމު ގޮވާލާ ކޮންމެ  ވަގުތެއްގައި ފަސްޖެހުމެއްނެތި ހިލޭސާބަހަށް މަސައްކަތްކުރައްވަން ނުކުމެވަޑައިގަންނަވާތީއެވެ. ”މޯލްޑިވްސްޓަރ“ ގައި ހުވަދުއަތޮޅަށް ދިޔަ 700 މީހުންގެ ތެރޭގައި އޭނާ ބައިވެރިވެވަޑައިގަތީ ހިލޭސާބަހަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައެވެ. މިއީ، ދަތި އުނދަގޫ ދަތުރެކެވެ. މިދަތުރުގައި ރަށެއްގެ ރައްޔިތުންނަށް، ވަރަށް ޚާއްޞަ އިޢްލާނެއް އަޑުގަދަކުރާއިން އިއްވެވުމުގެ ޝަރަފު އޭނާ ހޯއްދެވިއެވެ. ގައްދޫގެ ހުރިހާކަމެއް ހަމަޖެއްސެވުމަށްފަހު އެރަށުން ފުރާވަޑައިގަންނަވަމުން ގައްދޫގެ ވެރިންގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނާއި، ހުވަދުއަތޮޅުގެ ވެރިންގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުން އެންގެވުމަށް ވަޒީރުއްދާޚިލިއްޔާ ލިޔުއްވި ސިޓީ އިއްވަވައިދެއްވީ މުޙަންމަދު ޞާދިޤެވެ. އަދި ނޮވެމްބަރ 3 ގެ ޢުދްވާނީ ޙަމަލާގައި ޤައުމަށް ލިބުނު ދެރައާއި ހިތާމައާއި މޮޅިން ޤައުމު ސަލާމަތްކުރުމަށް ނުހަނު ދަތި އުނދަގޫ ވަގުތެއްގައި ނުހަނު ހިތްވަރާއެކު މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.


މޯލްޑިވްސް ސްޓަރގައި ނަގައިފައިވާ ފޮޓޯ އެއް، ފުރަތަމަ ބަރީގެ ކަނާތްފަރާތުގައި އިށީނދެގެން (ފުރަތަމަ) މުޙަންމަދު ޞާދިޤު

ސަރުކާރު ޗާޕުޚާނާގައި އަދާކުރައްވަން ފެށްޓެވި ވަޒީފާއަކީ އޭނާގެ މަސައްކަތުގެ ފެށުމެވެ. އޭގެފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ވަޒީރުލްއަޢްޒަމުގެ އޮފީހުގައި ކުރައްވާފައިވަނީ ފާހަގަކުރެވޭފަދަ ބޮޑެތި މަސައްކަތްތަކެކެވެ. ސަރުކާރުގެ ވަޒީފާއަށް މީހުން ލެއްވުމާއި ވަކިކުރުމުގެ މަސައްކަތެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ޤާނޫނުތައް އެކުލަވާލައްވައި ފޮނުއްވުމުގެ މަސައްކަތެވެ. އެތައް އަހަރެއްވަންދެން ރާއްޖޭގެ ރަށްރަށުގައި ކިޔަމުންދިޔަ ޚުޠުބާތައް ލިޔެ ޗާޕުކޮށް ދުވަހަށް ފޮނުއްވުމުގެ ބުރަ މަސައްކަތެވެ. މިހާރުވެސް ބޭނުންކުރަމުންމިދާ ޚުޠްބާ ފޮތްތައް އެކުލަވާލައި ޢާންމުކުރުމުގެ މަސައްކަތެވެ. ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ޕްރައިމް މިނިސްޓަރ އޮފީހުން ފޮނުއްވާފައިވާ ދެންނެވުންތައް އެކުލަވާލައްވައި ލިޔެ ޗާޕުކޮށް ފޮނުއްވުމުގެ މަސައްކަތެވެ. ބާވީހަކަށް އަހަރުވަންދެން ”ދީނުގެމަގު“ ގަވާއިދުން ޗާޕުކޮށް ނެރުއްވުމުގެ ބުރަ މަސައްކަތެވެ. ރައީސް ނާޞިރު ދައުރުގައި ނެރުއްވި ކީތިރި ޤުރްއާނުގެ ދިވެހި ތަރްޖަމާ ޗާޕުކޮށް ނެރުއްވުމުގެ ބުރަ މަސައްކަތެވެ. ރައީސް މައުމޫނުގެ ދައުރުގައި ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރްޖަމާ ނެރުއްވުމުގެ ބުރަ އުނދަގޫ މަސައްކަތެވެ. ރައީސް މައުމޫން ލިޔުއްވާފައިވާ ގިނަ ލިޔުއްވުންތައް ރީތިކޮށް ލިޔުއްވައިދެއްވުމުގެ މަސައްކަތެވެ. މިކަހަލަ ބޮޑެތި ބޮޑެތި ކިތަންމެ ކިތަންމެ މަސައްކަތެކެވެ. ރައީސް މައުމޫނު ލިޔުއްވި އުސޫލުލްފިޤްހު 1 މުޙަންމަދު ޞާދިޤުގެ ނަންފުޅުގައި ތަޚްޞީސް ކުރައްވާފައި އެވަނީވެސް މުހިންމު ސަބަބަކަށްޓައިކަން ކަށަވަރެވެ.


މޯލްޑިވްސް ސްޓަރ ގައި ނަަގައިފައިވާ ފޮޓޯއެއް. ވާތްފަރާތުން ދެވަނައަށް ޞާދިޤު

ޞާދިޤަކީ، ރީތިކޮށް ތާނައާއި ޢަރަބި ލިޔުމުގެ ރޮނގުން ފާހަގަކުރެވިފައިވާ އެ ފަންނުގެ ވަރަށްކުޅަދާނަ ލިޔުންތެރިއެކެވެ. ޢަރަބި ތާނަ ލިޔުމުގެ ހަމަތަކެއް ކަނޑައަޅުއްވައި، އެރޮނގުން ފޮތެއް ލިޔުއްވި ލިޔުންތެރިއެކެވެ. ޒަމާނީ ޓެކްލޯނޮޖީގެ އެހީގައި ތާނަ ލިޔުމަށް ގިނަ ޚިދްމަތްތަކެއް ކުރެއްވި ލިޔުންތެރިއެކެވެ. ދިވެހިސަރުކާރުން ތާނަ ޓައިޕްރައިޓަރ އުފެއްދުމަށްޓަކައި ނަމޫނާ ޓައިޕްރައިޓަރެއް ހެދުމަށް ކުންފުންޏަށް ފުރަތަމަ ހުށަހެޅި ތާނަ އަކުރުތައް ލިޔުއްވީވެސް އޭނާއެވެ. ވަރަށްގިނަ އަދަދެއްގެ ކުދިންނަށް ޢަރަބިތާނަ ލިޔަން ދަސްކޮށްދެއްވުމުގައި މެދުކެނޑުމެއްނެތި އެތައް އަހަރެއްވަންދެން މަސައްކަތްކުރެއްވިއެވެ. އަދި ތަފާތު ވައްތަރު ވައްތަރަށް ޢަރަބި ލިޔުއްވުމުގައިވެސް އޭނާއަކީ ފާހަގަކޮށްލެވޭ ކުޅަދާނަ ބޭފުޅެކެވެ. ހުނަރުވެރި ބޭފުޅެކެވެ.

މުޙަންމަދު ޞާދިޤުގެ އަރިހުން ލިޔުމުގެ ހުނަރު ދަސްކުރެއްވި ދަރިވަރުންނަކީ، މިއަދު މިޤައުމުގައި ތިބި އެންމެ ހުނަރުވެރި ތާނަ ލިޔުންތެރިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކޮމްޕިއުޓަރުގައި އެންމެ ފުރަތަމަ އެންމެ ރީތިކޮށް ލިޔެވުނު ރީތި އަކުރު ލިޔެފައިވަނީ އޭނާގެ އެހީއާއި ލަފާގެ މަތިން އޭނާގެ ދަރިވަރެކެވެ. އެ ފޮންޓް ބޭނުންކޮށްފައިވަނީ އެމް.އެލް.އެސް. ކިޔުނު ޕްރޮގްރާމުގައެވެ. ސުރުޚީއާއި ނަންބޯޑު ހެދުމަށް މިބޭނުންކުރާ ރީތި ފަލަ އަކުރުތައް ލިޔުނީވެސް އޭނާގެ އެހީއާއި ލަފާލިބިގެން އޭނާގެ ދަރިވަރެކެވެ. އަދި މިހާރު ބޭނުންކުރަމުން މިދާ ފަރުމާ ފޮންޓަކީވެސް އޭނާގެ ދަރިވަރުންގެ ލިޔުމެވެ. މި އަކުރުތައް ލިޔެފައިވަނީވެސް އޭނާގެ އިރުޝާދާއި ލަފާ ހޯދައިގެންނެވެ.
 
މުޙަންމަދު ޞާދިޤު އަޅުގަނޑުމެންނާ ވަކިވެދިޔަޔަސް އޭނާގެ ހަނދާންތައްވަނީ ތާއަބަދަށް ފެންނަގޮތަށް ބެހެއްޓިފައެވެ. ރާއްޖޭގައި ހުރި އެންމެ މުހިންމު ބިނާގައެވެ. މަސްޖިދުއްޞުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢްޡަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ލިޔުއްވުންތަކާއި، މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ޢަލީ ފަހުމީ (ތަބައް ޢަލިފުޅު) ގެ ރީތި ލިޔުއްވުންތަކުގެ އިތުރަށް ދެންހުރި ހުރިހާ ލިޔުމަކީ މުޙަންމަދު ޞާދިޤުގެ ރީތި ލިޔުއްވުމެވެ. އޭނާގެ ފަރުމާކުރެއްވުންތަކެވެ. މިސްކިތުގެ މިޙްރާބު ފިލާ ބެހެއްޓި ރެއަކީ ޞާދިޤުގެ ޙަޔާތުގައި ޚާއްޞަ ރެއެކެވެ. އެރޭ އެފިލާ އެތާނގައި ބަހައްޓާފައި އެވަނީ، އިސްލާމީ މަރްކަޒާއި މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢްޡަމުގެ ޚާއްޞަ މަސައްކަތްކުރެއްވި ބޭފުޅުންގެ އަމިއްލަ ކޮނޑުފުޅުން އުފުއްލަވައިގެންނެވެ. އެފިލާ ބެހެއްޓި މަންޒަރަކީ ތާރީޚީ މަންޒަރެކެވެ. އަސަރުގަދަ މަންޒަރެކެވެ. އެފިލާ ބެހެއްޓުމުގެ ކުރިން އެމަރްކަޒުގެ ލިޔުންތަކާއި، އެހެންވެސް ޚާއްޞަ މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންގެ އަތްޕުޅުން އެފިލާގެ އަނެއްފުށުގައި ސޮއިކުރައްވާފައި ވެއްޖެއެވެ. އޭގެތެރޭގައި އަލްފާޟިލް މުޙަންމަދު ޞާދިޤުގެ ލިޔުމާއި ސޮއިވެސް ހިމެނެއެވެ.


މުޙަންމަދު ޞާދިޤު އަވަހާރަވުމުގެ ކުޑަ ދުވަސްކޮޅެއްކުރިން ލިޔުއްވާފައިވާ ލިޔުއްވުމެއް

ކުޅިވަރުގެ ރޮނގުގައިވެސް މުޙަންމަދު ޞާދިޤަކީ، ހުނަރުވެރި ބޭފުޅެކެވެ. މަޝްހޫރު ބޭފުޅެކެވެ. މާފަންނު ފިޔާތޮށި ކްލަބަށް ފުޓްބޯޅަ ކުޅުއްވިއިރު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އެކްލަބުގެ ވާތު ވިންގަކީ މުޙަންމަދު ޞާދިޤެވެ. ޓޭބަލް ޓެނިހު (ޕިންޕިން ބޯޅައި) ގެ ޤައުމީ ޗެމްޕިއަންކަން ހޯއްދަވާފައިވެއެވެ. ބެޓްމިންޓަނާއި ކްރިކެޓް އަދި ޓެނިސްވެސް ކުޅުއްވައެވެ. އިޖްތިމާޢީ ކުޅިވަރުގައިވެސް ޞާދިޤަކީ ފާހަގަކުރެވޭ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލިސް ހުޅުއްވުމުގެ މުނާސަބަތުގައި މުޙަންމަދު ފަރީދުގެ ހަނދާނީ ވާދައިގެ ތަށްޓަށް ކުޅެވުނު ކްރިކެޓް މެޗުތަކުގައި 7 އަހަރު ބައިވެރިވެވަޑައިގެންފައިވެއެވެ.

ކުޅިވަރުގެ ޙަޔާތުގައި އޭނާގެ ހިތުން އެންމެފޮހެލަން އުނދަގޫވި ހަނދާނަކީވެސް އޭނާގެ ރަޙްމަތްތެރިންނާއެކު ފަރިއްކުޅުއްވުމެއްގައި ބައިވެރިވަޑައިގެންނެވި ހަނދާނެވެ. މާލޭ ޓެނިސް ކްލަބަށް ކުޅުއްވިއިރު ޓެނިސް ކުޅުއްވުމަށް ވަރަށް އަގުބޮޑުކޮށް ބައްލަވައިގެންނެވި ޓެނިސް ފައިވާނެއް، އޭނާއަށް ސިއްރުން ނަންގަވައިގެން އޭނާގެ ރަޙްމަތްތެރިން ކޮށްލެއްވި ސަމާސާއެވެ. އެސަމާސާއަށްފަހު ބޭއްވި ނުލާހިކު މީރު ފަރިއްކުޅުއްވުމެވެ. އެންމެ މަޖާވިކަމަކީ، ނުލާހިކު އުފަލުގައި އިންނަވައިގެން ނުލާހިކު މީރުކޮށް ފަރިއްކުޅުއްވަމުން ގެންދެވިއިރު މި ފަރިއްކުޅުއްވެނީ އެއްކަލަ އަގުބޮޑު ޓެނިސް ފައިވާން ވިއްކައިގެން ލިބުނު ފައިސާކަންވެސް އެނގިވަޑައިގެންފައި ނެތުމެވެ. މިފަދަ ސަމާސާތަކަކީ އޭނާއާއި އޭނާގެ އެކުވެރިންނާ ދެމެދު އޮތް ބަދަހި ގުޅުމާއި އޭނާގެ ކޯފާމަޑުކަން ހާމަވެގެންދާ ސަމާސާތަކެކެވެ. ހިތްހެޔޮކަމާއި އެކުވެރިކަމާއެކު ހާމަވެގެންދާ ސަމާސާތަކެކެވެ.

މުޙަންމަދު ޞާދިޤު ވަނީ ތިން ރައީސުންނާއި ދެ ބޮޑުވަޒީރުންގެ އަރިހުގައި ޤައުމަށް ޚިދްމަތްކުރުމުގެ ފަޚުރާއި ޝަރަފު ހޯއްދަވާފައެވެ. މިއީ ވަރަށް މަދު މީހަކަށް މެނުވީ ނުލިބޭނެފަދަ ބޮޑު ފަޚުރެކެވެ. އާދޭހެވެ. ރާއްޖޭގެ ފުރަތަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި، ދެވަނަ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް ނާޞިރާއި، އަދި ތިންވަނަ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އަރިހުގައި ޤައުމަށް ޚިދްމަތްކުރެއްވިއެވެ. އަލްފާޟިލް އިބްރާހީމް ނާޞިރާއި އަލްފާޟިލް އަޙްމަދު ޒަކީގެ ބޮޑުވަޒީރުކަމުގައި އެ ދެބޭފުޅުންގެ އަރިހުގައި ޤައުމަށް ޚިދްމަތްކުރެއްވިއެވެ.  ހުރިހާ ބޭފުޅުންވެސް ޞާދިޤު ބަލައިގެންފައިވަނީ ތެދުވެރި އިޚްލާޞްތެރިއެއްގެ ގޮތުގައެވެ. ވަފާތެރި މަދަދުގާރެއްގެ ގޮތުގައެވެ. މި ހުރިހާ ބޭފުޅުންގެ އަރިހުގައި ޞާދިޤު ވަޒީފާ އަދާކުރައްވާފައިވަނީ ނުހަނު ކިޔަމަންތެރިކަމާއެކުގައެވެ. ކެތްތެރިކަމާއެކުގައެވެ. ކަމަށް ކަމޭހިއްތަވައިގެންނެވެ. ކުރެއްވި ކޮންމެ މަސައްކަތްޕުޅެއް ކުރައްވާފައިވަނީ ޤައުމީ ޚިދްމަތެއްގެ ގޮތުގައެވެ. ސާބިތުކަމާއެކުގައެވެ.

ޤައުމީ ފެންވަރުގައި ދެވޭ އެތައް އިނާމެއް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ. ތާނަ ޢަރަބި ލިޔުމުގެ ރޮނގުން ޢާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ އިނާމު، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ލިބިވަޑައިގަތީ، 26 ޖުލައި 1980 ގައެވެ. ރާއްޖެއަށް ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި ޚިދްމަތުގެ އިނާމު ލިބިވަޑައިގަތީ، މިނިވަންކަމަށް 25 އަހަރުފުރުން ފާހަގަކުރެއްވުމަށްޓަކައި 1990 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ރޭ ދަރުބާރުގައި ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ. އަދި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގެ ތެރޭގައި ކޮށްދެއްވި ޤައުމީ ޚިދްމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި ޝަރަފުގެ ހަނދާނީ ލިޔުން ލިބިވަޑައިގަތީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި 1991 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ.


މުޙަންމަދު ޞާދިޤު އަވަހާރަވީ ސިންގަޕޫރުގައެވެ. ނޭވާލުމުގެ ނިޒާމުގެ އާލާސްކަންފުޅަކަށް ފަރުވާކުރައްވަމުން ދަނިކޮށްނެވެ. އޭނާ އަވަހާރަވުމުގެ ހިތާމަވެރި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ސިންގަޕޫރުގައި ހުންނެވި އޭނާގެ ދަރިކަލުން އަލްފާޟިލް އަޙްމަދު ޞާދިޤާ ފޯނުން ގުޅުއްވާ ޢާއިލާއަށް ތަޢްޒިޔާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، އެއޮފީހުގެ މުވައްޒަފުން މަރްޙޫމް ޞާދިޤަށް ހެޔޮދުޢާކުރުމާއި، ކީރިތި ޤުރްއާން ކިޔެވުން ބޭއްވެވިއެވެ. ތަޢްޒިޔާގެ ދަފުތަރެއް ހުޅުއްވާލެއްވިއެވެ. އެ ދަފުތަރުގައި އޭނާއަށް ހެޔޮއެދިވަޑައިގަންނެވި ވަރަށްގިނަ ފަރާތްތަކަކުން ސޮއިކުރެއްވިއެވެ.

ޞާދިޤުގެ ޖަނާޒާއޮތީ، ސިންގަޕޫރުގެ ޗުއާ ޗޫ ކަންގް ޤަބުރުސްތާނުގައި 19 އޮކްޓޯބަރ 2007 ވީ ހުކުރު ދުވަހު ހުކުރުނަމާދަށްފަހުގައެވެ. އޭނާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރެވުނެވެ. ކަށުނަމާދު އޮތީ މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢްޡަމުގައެވެ. އިމާމުވެ ކަށުނަމާދު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.

ޞާދިޤު ދެބޭފުޅަކާ ކައިވެނިފުޅު ބައްލަވައިގަތެވެ. އަވަހާރަވީއިރު އަނބިކަނބަލަކާއި، ފަސް ފިރިހެން ބޭފުޅުން ދުނިޔޭގައި ތިއްބެވިއެވެ. ކީރިތި ﷲ، މަރްޙޫމުގެ ފުރާނަފުޅަށް ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުކުރައްވާށިއެވެ. އާމީން.

(ނިމުނީ)

އިދާރާ

ވާހަކަ